بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة ُوَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

ހިންނަވަރުގެ ލޮބުވެތި ރައްޔިތުން، ކައުންސިލްގެ ރައީސާއި، ކައުންސިލަރުން، ޑަބްލިޔޫ.ޑީ.ސީ.ގެ މެންބަރުންނާއި، ރަށުގެ މުއައްސަސާތަކުގެ ވެރިން، ވަޑައިގެން ތިއްބެވި ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، މި ޖަލްސާ ދުރާއި ގާތުން ބައްލަވަމުން ގެންދަވާ އަދި އަޑުއައްސަވަމުން ގެންދަވާ ލޮބުވެތި ހުރިހާ ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

މިއަދުގެ ގަދަ ހޫނުގައި، ވަރަށް އަވިގަދަ ގަޑިޔަކު އަޅުގަނޑުމެންނަށް އާދެވުމުންވެސް، ތިޔަބޭފުޅުން ހަމަ ނުކުމެވަޑައިގެން، އެހާ ގިނަ ބޭފުޅުން މަރުޙަބާ ވިދާޅުވުމުގައި ބައިވެރިވެވަޑައިގަތީތީ، ހިންނަވަރުގެ ލޮބުވެތި ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ވަރަށް ބޮޑަށް ޝުކުރިއްޔާ.

އާދެ، ދެންމެގައި ކައުންސިލްގެ ރައީސްގެ ވާހަކަފުޅުގައިވެސް އެ ފާހަގަކުރެއްވި ފަދައިން، އަޅުގަނޑުމެން ކައުންސިލާއި، ޑަބްލިޔޫ.ޑީ.ސީ.އާ މަޝްވަރާ ކޮށްފިން. ކޮންމެ ރަށެއްގައިވެސް މި ބަލަނީ، ރައްޔިތުންގެ ކަންބޮޑުވުންތަކާއި، ރައްޔިތުން ބޭނުންވެލައްވާ ކަންކަން، ކައުންސިލްތައް މެދުވެރިކޮށް އޮޅުންފިލުވަން. މި ރަށުގެ ރައްޔިތުންނަށްޓަކައި ބޭނުންވެފައި ހުރި ކަންކަމުގެ ވާހަކަތައްވެސް ފާހަގަކުރެއްވި.

އާދެ، މުޅި ރާއްޖޭގެ ތަރައްޤީއަށްވެސް، ރައްޔިތުންނަށް އެންމެ މުހިންމު، އެންމެ އަސާސީ ޚިދުމަތެއްގެ ގޮތުގައި ދާއިރާއެއް ފާހަގަކުރަންޏާ އޮތީ، ގެދޮރުވެރިކަމުގެ މައްސަލަ ހައްލުކުރުމުގެ ދާއިރާ. އެހެންވެގެން އަޅުގަނޑު ކެމްޕެއިންގައިވެސް ދެންނެވި ފަދައިން، އަދި ކަނޑައެޅީ މެނިފެސްޓޯގައިވެސް ގެދޮރުވެރިކަމުގެ މައްސަލަ ހައްލުކުރުމަކީ، ޤައުމީ ބޮޑެތި މައްސަލަތަކަށްފަހު، އެންމެ އިސްކަންދޭނެ ކަންތަކުގެ ގޮތުގައި. ޤައުމީ މިނިވަންކަމާއި، ސިޔާދަތާ ގުޅިފައިވާ ކަންކަމަށްފަހު، އެންމެ އިސްކަންދޭނެ ކަމެއްގެ ގޮތުގައި ގެދޮރުވެރިކަން ހައްލުކުރުން ހިމެނީ.

މި މައްސަލަ އެންމެ ބޮޑުވެފައި ހުރި ރަށްތަކުގެ ތެރޭގައި، މިކަހަލަ އާބާދީ ބޮޑު، ބައިބޯވެފައިވާ ރަށްރަށް ހިމެނޭ، އިސްކަންދޭންޖެހޭ ރަށްތަކުގެ ގޮތުގައި. މި ރަށުގައި މިގޮތުން ބަލާއިރުގައި ހިނގަމުންދިޔަ މަޝްރޫޢެއް، ގެދޮރުވެރިކަމުގެ މަޝްރޫޢު. އަދި އަޅުގަނޑުމެންވެސް ބަޖެޓުގައި، އާ މަޝްރޫޢެއްވެސް ހިމަނާފައި އޮންނާނެ. މި ހިނގަމުން ގޮސްފައިވާ ގިނަ މަޝްރޫޢުތައް ނުހިނގައި، މަޑުޖެހި، ލަސްކޮށްދާ ސަބަބުތައް އަޅުގަނޑު މިއަދާ ހަމަޔަށް، މިދިޔަ މަސްދުވަހުގެ ތެރޭގައި، ބައްދަލުވުންތަކުގައި ވާނީ ވަރަށް ތަފްޞީލުކޮށް ކިޔައިދީފައި.

އެއީ، ނުދައްކާ ހުރި ވަރަށްގިނަ ބިލުތައް ހުރި، ވަރަށް ގިނަ ކޮންޓްރެކްޓަރުންނަށް. ހައުސިންގ މަޝްރޫޢު ކަމުގައިވިޔަސް، ނަރުދަމާވިޔަސް، މަގުހެދުން ކަމުގައިވިޔަސް، ސަރުކާރުގެ ކުންފުނިތަކުން ސަބްކޮންޓްރެކްޓް ކޮށްފައި. ނޫނީވިއްޔާ ސަރުކާރުން ސީދާ ކޮންމެވެސް ޕްރައިވެޓް ކުންފުންޏަކާ ހަވާލުކޮށްފައި އޮންނަ މަޝްރޫޢެއްވިޔަސް، އެ މަސައްކަތްތައް ކުރުވާފައި، ފައިސާ ނުދައްކާ ހުރެގެން، ވަރަށް ގިނަ މަޝްރޫޢުތައް ހުރީ މަޑުޖެހިފައި. ނުދައްކާ ހުރި ފައިސާގެ ޖުމްލަ އަދަދު، އަޅުގަނޑު ދެންނެވިން، ނުވަހާސް މިލިއަން ރުފިޔާއަށް އަރާ ވާހަކަ. ނުވަ ބިލިއަން ރުފިޔާ. މި ނުވަހާސް މިލިއަންގެ ތެރެއިން އެތައް ސަތޭކަ މިލިއަނެއް މިހާރުވެސް ދެއްކިއްޖެ. އެތައް ސަތޭކަ މިލިއަނެއް މިހާރު އެތައް ކުންފުންޏަކަށް، އެކި މިނިސްޓްރީތަކުންނާއި، ކުންފުނިތަކުން އެދަނީ ދައްކަމުން. އަދި ދެއްކިއްޖެ. ދެއްކޭވަރަކުން މަސައްކަތްތައް ރީ-ސްޓާޓްވޭ އެބަ. އަލުން ފެށޭ އެބަ.

މި ރަށުގައިވެސް ހައުސިންގ މަޝްރޫޢު ހުއްޓިފައި އޮތީ، ބިލުތައް ގިނަކަމުން. ހައުސިންގ މިނިސްޓްރީން، ފިނޭންސް މިނިސްޓްރީއާ ވާހަކަ ދައްކައިގެން، ޕޭމަންޓްސްތައް ހަދަން އެބަ ވަރަށް މަސައްކަތް ކުރޭ. ވަރަށް އަވަހަށް މަޝްރޫޢު އަލުން ރީ-ސްޓާޓް ވާނެ. އަދި އަލަށް ފަށަން ހަމަޖެހިފައިވާ މަޝްރޫޢުވެސް، މި އަހަރުގެ ތެރޭގައި އަލަށް ފަށާނަން. އިރާދަކުރެއްވިއްޔާ އަދި އޭގެ އިތުރު މަޝްރޫޢުތައްވެސް ހިނގާނެ. އަޅުގަނޑުމެން ނޭޝަނަލީ، ޤައުމީ ލެވެލްއެއްގައި، މި ހިންގަން އުޅޭ ހުރިހާ މަސައްކަތްތަކެއްގެ އެންމެ އިސްކަން ލިބޭ ރަށެއްގެ ގޮތުގައި، އާބާދީގެ ގޮތުންވެސް، ތަރައްޤީގެ ގޮތުން، ހުރިހާ ގޮތަކުން އިސްކަންދޭ ރަށެއްގެ ގޮތުގައި މި ރަށް ހިމެނޭ.

އެހެންވީމާ، ހައުސިންގ އެކިކަހަލަ ލުއި ލޯނުތައް ދޫކުރަންވެގެން މިހާރު މި ފަށަން މަސައްކަތް ކުރާ އެކިކަހަލަ ލޯނު ސްކީމްތައް، ފަސް ޕަސެންޓުގެ މެކްސިމަމް ކެޕްގައި ހިމެނޭ ލޯނު ސްކީމްތައް، އަދި އެކިކަހަލަ ތަފާތު ހައުސިންގ މަޝްރޫޢުތައް، މުޅި ރާއްޖޭގެ އެކި ކަންކޮޅުގައި، ފަސް އަހަރުގެ ތެރޭގައި ސާޅީސްހާސް ގެދޮރު، ހައުސިންގ ޔުނިޓް ޤާއިމުކުރުމަށްޓަކައި، ހިންގަން ނިންމާފައި މިއޮތް ހައުސިންގ މަޝްރޫޢު ބެހިގެންދާއިރުގައިވެސް މި ރަށް ހަމަ އެގޮތުން ހިމެނިގެންދާނެ.

އެހެންވީމާ، ގެދޮރުގެ މައްސަލައަކީ، އަޅުގަނޑުމެން މިހާރު ހިނގަމުންދާ މަޝްރޫޢުތަކުގެ އިތުރުން، ހިންނަވަރުގެ ރައްޔިތުންނަށް ދާއިމީގޮތެއްގައި، އާ މަޝްރޫޢުތައް ހިންގައިދީގެން، އިރާދަކުރެއްވިއްޔާ ދާއިމީކޮށް ހައްލުކޮށްދޭނެ މައްސަލައެއް ކަމުގެ ޔަޤީންކަން ދެން.

އާދެ، ގެދޮރުގެ މައްސަލައާ އެކީގައި، ޢުމްރާނީ ތަރައްޤީގެވެސް ގިނަ މަސައްކަތްތަކެއް އެބަހުރި ކުރިއަށް ގެންދަންޖެހޭ. މަގު ހެދުމާއި، ބަނދަރަށް ބަދަލުތަކެއް ގެނައުމާއި، މިހެންގޮސް ގިނަ ކަންތައްތަކެއް އެބަހުރި ކުރަން. ހިއްކާފައި އޮތް ބިމުގައި، އާބާދުވެގެން ދާއިރުގައި ފެނާއި، ކަރަންޓާއި، ނަރުދަމާ، މި ހުރިހާ މަސައްކަތްތަކެއްވެސް، މިކަހަލަ މުހިންމު ކަންތައްތައްވެސް ހިމެނޭނެ.

ވަރަށް ގިނަ ރަށްތަކުގައި ބިންހުރީ ހިއްކާފައި. އެހެންނަމަވެސް، އެ ބިންއޮތީ ހަނަފަސް ބިމެއްގެ ގޮތުގައި. ދިރިއުޅުމަށްޓަކައި އެއްވެސް ބޭނުމެއް ނުހިފޭ ގޮތެއްގައި. ނުހިފޭ ސަބަބަކީ، ފެން، ކަރަންޓް، ނަރުދަމާ ނެތް އެޅިފައެއް. މަގެއް ނެތް ހެދިފައެއް.

އަޅުގަނޑުމެން މިހާރު ފޯރމިއުލޭޓް ކުރަމުންދާ ބޮޑު މަޝްރޫޢެއް އެއީ. މިގޮތަށް ހިއްކާފައި ހުރި ބިންތަކުގައި، އިންފްރާސްޓްރަކްޗަރ ޤާއިމުކޮށްދިނުން. އޭގެތެރޭގައި، ފެނާއި، ކަރަންޓާއި، ނަރުދަމާއާއި، މަގުހެދުން ހިމެނޭ. އެ މަޝްރޫޢުގެ ތެރެއިން މި ގޮތަށް ބިންހިއްކާފައި ހުރި، ގިނަ އަހަރުތަކެއް ވެފައިހުރި މަޝްރޫޢުތައް ހުރުމާއެކު، އެ ރަށްތައް ހިމެނޭގޮތުން، އިރާދަކުރެއްވިއްޔާ މި އަހަރުގެ ތެރޭގައި، މަޝްރޫޢެއް ފަށާނަން. އޭރުން، ގެދޮރު ބިނާކުރުމަށާއި. އެކިކަހަލަ އަސާސީ، އިޤްތިޞާދީ މަސައްކަތްތަކަށް، ކަންކަމަށް ހިއްކި ބިމުގެ ބޭނުންކުރުމުގައި ޙަޤީޤީ ކުލަޖެހިގެންދާނެ. ރައްޔިތުންނަށް އެ ތަނުގެ ބޭނުންހިފޭނެ. ހަމައެކަނި ފެންނަން އޮންނަ ފަސްގަނޑެއް އޮތުމުގެ ބަދަލުގައި. އެހެންވީމާ، މި އަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ މި ރަށުގެވެސް ފެނާއި، ކަރަންޓާއި، ނަރުދަމާ، އެ ބިމުގައި ޤާއިމުކުރެވޭނެ ކަމަށް ދަންނަވަން.

ދެން، ހިނގަމުންދާ އެހެން މަޝްރޫޢުތައްވެސް އިރާދަކުރެއްވިއްޔާ ކުރިއަށްދާނެ. މި ދެންނެވީ ހުއްޓިފައި ހުރި ސަބަބުތައް ބަލައި ހައްލުކުރަމުން ގެންދެވޭނެ ވާހަކަ. ފައިސާ ދެއްކުމުގެ މައްސަލަ، އަދި ބައެއް ރަށްރަށުގައި ކޮންޓްރެކްޓް ހަދާފައި އޮތްގޮތުން، އެ މަޝްރޫޢުތައް ކުރިއަށް ނުގެންދެވޭ ހިސާބުގައި ހުރި މަޝްރޫޢުތައްވެސް އެބަހުރި. މިކަހަލަ އެތައް އޮޅުންބޮޅުންތަކުން ސަލާމަތްކޮށްގެން މަޝްރޫޢުތައް ކުރިއަށް ގެންދިޔުމުގެ މަސައްކަތް މި ކުރަނީ.

އެހެންވީމާ، މިގޮތަށް ހުރިހާ ރަށެއްގެ މަސައްކަތްތައް ކުރިއަށްދާނެ. މި ރަށުގައިވެސް ހިނގާނެ. މިހާރު ހިނގަމުންދާ ހުރިހާ މަޝްރޫޢެއްވެސް. ހޮސްޕިޓަލްގެ މަޝްރޫޢު ކަމުގައިވިޔަސް، އަދި ސްކޫލްގެ އާ ޢިމާރާތެއް އެޅުން އޮންނާނެ، އަޅުގަނޑު ވަޢުދުވެ ބަޖެޓުގައިވެސް ހިމަނާފައި. އަދިވެސް ހަމަ އެކަހަލަ ގިނަ ކަންތައްތަކެއް ހިމެނޭ. އިރާދަކުރެއްވިއްޔާ މި ދެންނެވި ހުރިހާ މަސައްކަތްތަކަކަށް ސަމާލުކަންދީ، ކަންކަން ހައްލުކޮށްދޭނަން.

ވަރަށް ޒަމާންތަކެއް ވެއްޖެ، ހިންނަވަރުގައި މިހެން ކުރަންހުރި ކަންތައްތަކެއް ނުކުރެވި، ނުނިމި، ކުރަން ކުރަން ހުންނަތާ. އުންމީދުގައި ތިބޭތާ. ވަކި ބަޔަކު، ތިމަންނަމެންގެ މިލްކެއްގެ ގޮތުގައި، ތިމަންނަމެންގެ ފުލް ކޮންޓްރޯލްގެ އޮތް ތަނެއްގެ ގޮތުގައި ބަލައި، އެހެން ނަމަވެސް، ކަންކަން ނުވެ އޮތް މައްސަލަވެސް އެބައޮތް.

އަޅުގަނޑަކީ އެގޮތަށް މަސައްކަތް ކުރާ މީހެއް ނޫން. ކޮންމެ ސިޔާސީ ވިސްނުމެއްގައި ބަޔަކު ތިއްބަސް، އަޅުގަނޑުގެ ކުރިމަތީގައި ހުރިހާ ދިވެހި ރައްޔިތުން ހަމަހަމަ. އެ މީހެއްގެ ސިޔާސީ ވިސްނުމަކީ، އަޅުގަނޑަކަށް މުހިންމު އެއްޗެއް ނޫން. ކޮންމެ ރައްޔިތަކު، ކިތަންމެ އާބާދީ ކުޑަ ރަށެއްގައި ހުއްޓަސް، ކިތަންމެ އާބާދީ ބޮޑު ރަށެއްގައި ހުއްޓަސް އަޅުގަނޑަށް މުހިންމު. ހިންނަވަރުގައި މިހާތަނަށް ޙަޤީޤަތަކަށް ނުވެ ގޮސްފައިވާ ހުރިހާ މަސައްކަތްތަކެއް ނިންމައިދީ، ހިންނަވަރަށް ހޯދައިދޭންޖެހޭ ފުރިހަމަ ޙައްޤު އިރާދަކުރެއްވިއްޔާ އަޅުގަނޑު ހޯދައިދޭނަން.

އާދެ، ޖުމްލަކޮށް ހުރިހާ މަސައްކަތެއްގެ ވާހަކަ މި ދެންނެވީ. ބޭންކް، އޭ.ޓީ.އެމް.ގެ ޚިދުމަތް ލިބޭ. އެހެން ނަމަވެސް، އެ އޭ.ޓީ.އެމް. އަށްވުރެ ޚިދުމަތް ފުޅާކޮށްދޭން ކައުންސިލުން އެދިލެއްވި. އިރާދަކުރެއްވިއްޔާ އެކަންވެސް ކޮށްދޭނަން.

ކައުންސިލުން ތިޔަ ދެއްވާ އެއްބާރުލުމަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ކައުންސިލް ތިޔަ ދައްކައިދެނީ ވަރަށް ރީތި މިސާލެއް. ރާއްޖޭގެ ގިނަ ރަށްތަކުން، ހުރިހާ ރަށެއްގައިހެން އެ އެއްބާރުލުން އެބަ ލިބޭ.

ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި، އަޅުގަނޑުމެން ބޭނުންވަނީ ކައުންސިލް މެދުވެރިކޮށް، ރައްޔިތުންނަށް ޚިދުމަތް ދޭން. އަޅުގަނޑުމެންގެ ފަރާތުން ފެންނާނީ ހުރިހާ ރަށެއްގެ ރައްޔިތުންނަށްވެސް، ކައުންސިލްތައް ފުރިހަމައަށް ބާރުވެރިކުރުވައިގެން، ޑަބްލިޔޫ.ޑީ.ސީ.އަށް ފުރިހަމަ ބާރުވެރިކަން ދީގެން، ކަންތައްތައް ހިނގާ ތަން.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، ރައްޔިތުން މިގޮތަށް އަޅުގަނޑުމެން ކުރަންހުރި ކަންކަމުގައި އެއްބާރުލުން ދޭނެ ބޭފުޅުން ރައްޔިތުން ހޮއްވަވައިފިއްޔާ، ޑަބްލިޔޫ.ޑީ.ސީ.އަށްވެސް އަޅުގަނޑު މިހާރު ދަންނަވާފައިވާ ފަދައިން، އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއް ފަހިކޮށްދިނުމަށް ޤާނޫނުތައް އިޞްލާޙު ކުރާނަން. އޭގެތެރޭގައި، ރޯދަމަހުގެ ޢިނާޔަތް ލިބޭގޮތަށް ޤާނޫނު އިޞްލާޙު ކުރުމާއި، ދެންވެސް ހުރި، މުވައްޒަފުންގެ ގޮތުގައި ކަނޑައެޅީމާ ލިބެންޖެހޭ ހުރިހާ ޢިނާޔަތްތައް ލިބޭގޮތަށް ޤާނޫނު އިޞްލާޙުކޮށްދިނުން ހިމެނޭ. ރޯދަ މަހުގެ ޢިނާޔަތާއި، ވިހެއުމުގެ ޗުއްޓީއާއި، އެކިކަހަލަ ޗުއްޓީތަކާއި، ބޭންކްތަކުން ލޯނު ނެގޭގޮތަށް ބަދަލުކޮށްދިނުމާއި، އަދި އެ ލިބޭ ފަސް ޕަސެންޓަކީ، ޑަބްލިޔޫ.ޑީ.ސީ.ގެ ހަރަކާތްތައް ހިންގަން އެކަނި ޚާއްސަކުރާ ފައިސާގެ ގޮތުގައި ކަނޑައަޅައިދީ، މުސާރައަކީ މުޅި ކައުންސިލްގެ ބަޖެޓަށްލައިގެން ހަމަޖައްސާ އެއްޗެއްގެ ގޮތުގައި ބަދަލުކޮށްދޭނަން.

އަދިވެސް ޤާނޫނުތަކަށް ގެންނަންޖެހޭ ވަރަށް ގިނަ އިޞްލާޙު އެބަހުރި. ކުރިން ދުވަހަކު އަޅުގަނޑު އިޢުލާނު ކުރިން. އިޤްތިޞާދީ މަސައްކަތްތަކުންނާއި، މުޅި ރާއްޖޭގައި މި ނެގޭ ޓެކްސްގެ ތެރެއިން، ދައުލަތަށް ވަންނަ ފައިސާގެ ތެރެއިން، ވަކި އިންސައްތައެއް ހުރިހާ ކައުންސިލަކަށް ބެހުމަށް ޤާނޫނުތަކަށް އިޞްލާޙު ގެންނާނެ ވާހަކަ. އެވެސް އިރާދަކުރެއްވިއްޔާ މަޖިލީހަށް ހުށަހަޅާނަން. އޭރުން ކައުންސިލްތަކަށް ލިބިގެންދާނެ، މިހާރު ލިބޭ ބްލޮކް ގްރާންޓްގެ އިތުރަށް، އާމްދަނީގެ ގޮތުގައި، އާމްދަނީގެ ބަޖެޓަށް ވަރަށް ބޮޑު އެއްޗެއް ކޮންމެ އަހަރަކު. އޭގެ ސަބަބުން، ކައުންސިލާއި، ޑަބްލިޔު.ޑީ.ސީ. މެދުވެރިކޮށް ރައްޔިތުންނަށް ވަރަށްގިނަ ކަންކަން ހަމަޖެހިގެންދާނެ. ފަސޭހަވެގެންދާނެ. މިކަހަލަ ގިނަ އިޞްލާޙުތަކެއް ގެންނަން އަޅުގަނޑު ގަސްދުކުރަން. ރައްޔިތުންގެ މަޖިލީހުގެ ތެރެއިން. މިހާރުން މިހާރަށް ކުރެވޭ ކަންކަންވެސް މިދަނީ ކޮށްދެމުން.

މިހާރު ރަމަޟާން މަސް މި ފެށެނީ. މި މަހުން ފެށިގެން ކައުންސިލްގެ ކަރަންޓް ބިލް ދެއްކުމުގެ ތެރެއިންވެސް ލުއިތަކެއް މިވަނީ ހަމަޖައްސައިދީފައި. މިސްކިތްތަކުގެ ކަރަންޓް ބިލް ޑޮމެސްޓިކް ރޭޓަށް ބަދަލުކުރެވިފައި އެވަނީ. އޭރުންވެސް ވަރަށް ބޮޑު އެއްޗެއް ކައުންސިލްތަކަށް ސޭވްކުރެވޭނެ.

އެހެންވީމާ، މިހެންގޮސް ވަރަށް ގިނަ ކަންތައްތަކެއް މި ބަލަނީ، ޑަބްލިޔު.ޑީ.ސީ.އާއި ކައުންސިލްތަކަށް ބާރުވެރިކަން ފޯރުކޮށްދީގެން ކޮށްދޭން. ފަޅުރަށްތައް ހޯދުމުގެ ފުރުޞަތުވެސް މިހާރު އެވަނީ ކައުންސިލްތަކަށް ހުޅުވާލެވިފައި.

އެހެންވީމާ، މިހެންގޮސް އެކިކަހަލަ އިޤްތިޞާދީ ކުރިއެރުންތަކާއި، އެކިކަހަލަ އިޖުތިމާޢީ ކަންކަމަށް ކައުންސިލްތަކާއި، ޑަބްލިޔޫ.ޑީ.ސީ. ބާރުވެރިކުރުވުމަށްޓަކައި، މި ކުރާ ކަންތައްތައް އިރާދަކުރެއްވިއްޔާ ބާރު ސްޕީޑްގައި ގެންދާނަން. އިތުރަށް އެކަންކަން ފުރިހަމަކުރެވިގެން ދާނީ، ޤާނޫނުތަކަށް ގެންނަންޖެހޭ ވަރަށް މުހިންމު އިޞްލާޙުތަކެއް ގެނެވިގެން. އެ އިޞްލާޙުތައް ގެނެވޭނީ، އެކަމަށް އެއްބާރުލުން ދޭކަހަލަ މަޖިލީހެއް، ރައްޔިތުން ހޮއްވަވައިދެއްވައިފިއްޔާ. އެކަމަށް ސަމާލުކަން ދެއްވުމަށް އަޅުގަނޑު ދަންނަވަން.

އާދެ، އަޅުގަނޑު ވާހަކަ ނިންމާލަމުންވެސް، ހިންނަވަރުގެ ލޮބުވެތި ރައްޔިތުންނަށް ދޭން ބޭނުންވާ ޔަޤީންކަމަކީ، އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންގެ އުންމީދުތައް ހުރި ހުރިހާ ދާއިރާއަކުން ފުރިހަމަ ޔަޤީންކަމާއެކީގައި، ޙަޤީޤީ ސިފަ ޖައްސައިދީ، ތިޔަބޭފުޅުންގެ އުންމީދުތަކުގައި ކުލަޖައްސައިދީ، ޙަޤީޤަތަކަށް ހަދައިދޭނެކަން. އަދިވެސް އެއްފަހަރު ވަރަށް ބޮޑަށް ޝުކުރިއްޔާ.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތްލެއްވުން. އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.