بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة ُوَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

ގުރައިދޫގެ ލޮބުވެތި އެންމެހައި ރައްޔިތުން، ކައުންސިލްގެ ރައީސާއި، ކައުންސިލަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި، ރަށުގެ އެހެނިހެން މުއައްސަސާތަކުގެ ވެރިން، ދާއިރާގެ ޢިއްޒަތްތެރި މަޖިލިސް މެންބަރު، އަދި ވަޑައިގެން ތިއްބެވި ހުރިހާ ޢިއްޒަތްތެރިން، މި ޖަލްސާ އަޑުއައްސަވަމުން ގެންދަވާ އަދި ބައްލަވަމުން ގެންދަވާ ލޮބުވެތި ހުރިހާ ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

މެންދުރުގެ އެންމެ ހޫނުގަދަ ވަގުތު، އަޅުގަނޑުމެންނަށް މި ރަށަށް އާދެވުނު ނަމަވެސް، ތިޔަބޭފުޅުން ނުކުމެވަޑައިގެން، ވަރަށް ހޫނު މަރުޙަބާއެއް ވިދާޅުވި ކަމަށްޓަކައި، ލޮބުވެތި ހުރިހާ ރައްޔިތުންނަށް ފަށްފަށުން ޝުކުރު ދަންނަވަން. ވަރަށް ބޮޑަށް ޝުކުރިއްޔާ. އަދި ހަމަ އެއާއެކީގައި، ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގައި ތިޔަބޭފުޅުން ވަނީ ވަރަށްބޮޑު ތާއީދެއް އަޅުގަނޑަށް ދެއްވާފައި. އެކަމަށްޓަކައިވެސް ލޮބުވެތި ހުރިހާ ރައްޔިތުންނަށް ފަށްފަށުން ޝުކުރު ދަންނަވަން. ވަރަށް ބޮޑަށް ޝުކުރިއްޔާ.

ކެމްޕެއިން ތެރޭގައި މި ރަށަށް އާދެވި، ބައެއް ކަންކަމުގެ ވާހަކަ ދެކެވިފައި ވާނެ، އާދެ، ދެންމެ ކައުންސިލްގެ ރައީސް އެ ވިދާޅުވެލެއްވީ ހަމަ އެކަންކަން. އަދި ކައުންސިލާ އެކީގައި ބޭއްވުނު ބައްދަލުވުމުގައިވެސް އެ ވާހަކަތައް ދެކެވުނު.

މި ރަށުގެ ބިން ހިއްކުމުގެ މަޝްރޫޢެއް، ކޮންމެވެސް ޒާތަކަށް ހިންގިފައި އޮތީ. ރައްޔިތުން ކުރެން އަހައިގެން، ނޫނީ ރައްޔިތުން ބޭނުންވިގޮތް ބަލައިގެން ކޮށްފައި އޮތް ކަމެއް ނޫންކަމަށް ވަރަށް ސާފުކޮށް ކައުންސިލްގެ ރައީސް އެ ވިދާޅުވީ. އަދި ކުރިންވެސް ވަނީ ވިދާޅުވެފައި.

އަޅުގަނޑުމެން ބޭނުންވަނީ އެހެނެއް ނޫން ކަންކަން ކުރަން. ރައްޔިތުން ބޭނުންވާގޮތް އޮޅުންފިލުވައި، އެކަމަށް އެންމެބޮޑު އިސްކަމެއް ދީގެން، ބޭނުންވާގޮތަށް ކުރެވޭތޯ ބަލަން ބޭނުންވަނީ. ފަންނީގޮތުން ނުކުރެވޭނެ ކަމެއް ކަމުގައި ނުވާހާ ހިނދަކު، އެކަމަކަށްޓަކައި ފަހިކުރަންޖެހޭ ހުރިހާ ކަމެއް ފަހިކޮށްގެން، ރައްޔިތުން އެދޭގޮތަށް، ރައްޔިތުން އެދޭ ކަންކަން ކޮށްދޭން އަޅުގަނޑު ބޭނުންވަނީ.

އެހެންވީމާ، މި ރަށުގެ ބިން ހިއްކުން އަދި މިއޮތީކީ ރައްޔިތުން އެދިވަޑައިގެންފައިވާ ގޮތާ ގާތަކަށްވެސް ނޫން ކުރެވިފައި. ކެމްޕެއިން ތެރޭގައި އަޅުގަނޑު ދެންނެވިން، އެކަމަށް ޙައްލެއް ގެނެސްދޭނަމޭ. އަދި ރައްޔިތުން އެދޭގޮތަށް އެކަން ކުރާނަމޭ. އެހެންވީމާ، ކުރިއަށް އޮތް ދުވަސްތަކުގައި، މި އަހަރުގެ ތެރޭގައި، ބިން ހިއްކުމުގެ މި މަޝްރޫޢު އިރާދަކުރެއްވިއްޔާ ފުރިހަމަކުރާނީ ރައްޔިތުން އެދޭގޮތަށް.

އެހެންވީމާ، ކައުންސިލްގެ ކިބައިން އަޅުގަނޑު އެދެނީ، ކޮންސްޓްރަކްޝަން މިނިސްޓްރީއާ މަޝްވަރާ ކުރައްވައިގެން، ހިއްކަން ބޭނުންވާ ސަރަޙައްދު ފައިނަލް ކުރައްވަން. ކުރައްވައި، ފަންނީގޮތުން އެކަމަކީ ނުކުރެވޭނެ ޒާތަކަށް އޮތް ކަމަކަށް ނުވާހާ ހިނދަކު، ހިއްކެން އޮތް އެންމެ ރަނގަޅު ގޮތަކަށް، ރައްޔިތުން އެދޭގޮތަށް އިރާދަކުރެއްވިއްޔާ އެކަން އަޅުގަނޑުމެން ކޮށްދީ ނިންމައިދޭނަން.

އާދެ، އެކަން ކުރުމުން، އިރާދަކުރެއްވިއްޔާ ބިން އިތުރުކުރެވުނީ. އެ ބިމުގެ ބޭނުން ރައްޔިތުން ހިފާނެގޮތް، ލޭންޑް ޔޫސް ޕްލޭން ހަދާފައި ހުށަހެޅީމާ އޮންނާނީ ހަމަޖެހިފައި. ދެން ބޭނުންވާނީ، ފެނާއި، ކަރަންޓާއި، ނަރުދަމާއާއި، މިހެން ހުންނަ ޢުމްރާނީ މަސައްކަތްތަކެއް ކުރަން. މިހާރު ހިކިފައި އޮތް ސަރަޙައްދުގައިވެސް އެކަން ކުރަންޖެހޭ. އެކަމަކު އަޅުގަނޑު ހިތުން އެންމެ ރަނގަޅު ގޮތަކަށް ވާނީ މުޅިން އެކުއެކީގައި ބިން ހިއްކުން ކުރިއަށް ގެންގޮސް، އެކީގައި މަޝްރޫޢު ނިންމާލާފައި، އިންފްރާސްޓްރަކްޗަރގެ މަސައްކަތް ކުރަން. އަދި ފެން ހިންދުމަށްޓަކައިވެސް ދެ ލެވެލެއް ރަށުގައި މިހާރު އެބައޮތް. އެހެންވީމާ، އެކަމަށްވެސް، ޑްރެއިނޭޖް މައްސަލައަށް ޙައްލެއް ގެންނަންޖެހޭ. ދެން ކައުންސިލްގެ ފެންވަރުން އެކަމަށް މަސައްކަތްތަކެއް ކުރޭ. އެހެން ނަމަވެސް، ދާއިމީ އެންމެ ރަނގަޅު ޙައްލެއް ލިބޭ ފެންވަރަކަށް ނޫން އެކަމެއް އޮތީކީ.

މިހެންހުރި މުހިންމު ކަންތައްތަކެއް ބިމާ ގުޅިފައި މިހިރީ. އެ މަސައްކަތްތައް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރާނީ، ރައްޔިތުން ބޭނުންވެލައްވާ ފެންވަރުގައި، ކައުންސިލާ އެކީގައި މަޝްވަރާކޮށްގެން. ބިން ހިއްކުމާއި، ބިމުގައި އާރާސްތު ކުރުމަށްޓަކައި ބޭނުންވާ ފެނާއި، ކަރަންޓް، ނަރުދަމާ، މަގުފަދަ ކަންކަން ހިމެނޭގޮތަށް އިރާދަކުރެއްވިއްޔާ މި މަސައްކަތް ފުރިހަމަކޮށްދޭނެ ކަމުގެ ޔަޤީންކަން ދެން.

އާދެ، ހަމަ އެއާއެކީގައި، އެހެން ރަށްތަކެކޭވެސް އެއްފަދައިން، މި ރަށުގައިވެސް އެބަހުރި، އަސާސީ އެކި ކަންކަން ފުރިހަމަކުރަން ޖެހިފައި. އޭގެތެރެއިން އެއް ދާއިރާއަކީ ތަޢުލީމީ ނިޒާމު. ތަޢުލީމީ ނިޒާމަށް ބަލާއިރުގައި، ސްކޫލްގެ ޖާގަ އިންތިހާއަށް މިވަނީ ކުޑަވެފައި. ތިން ދަންފަޅިއަށް ދާ ހިސާބަށް ދާ ވާހަކަ އެ ވިދާޅުވެލެއްވީ. އެހެންވީމާ، މަދުވެގެން 20 ކްލާސްރޫމް ހިމެނޭއިރު، އަޅުގަނޑުމެން އަމާޒުކުރާނީ، ކައުންސިލުން އެދޭގޮތަށް 25 ކްލާސްރޫމަށް. އެވަރުގެ ސްކޫލަކަށް ބޭނުންވާ ކްލާސްރޫމްތަކާއި، ސްކޫލަށް ބޭނުންވާ ހުރިހާ ޖާގަތަކެއް ހިމެނޭ، މަލްޓި-ޕަރޕަސް ހޯލުވެސް ހިމެނޭ، ރަނގަޅު ފެންވަރުގެ ބޮޑު ސްކޫލެއް މި އަހަރުގެ ތެރޭގައި އަޅަން ފަށާނަން.

އާދެ، އެއީ، އަޅުގަނޑު ހިތުން މައިންބަފައިން، ސްކޫލް ކުދިން، ބެލެނިވެރިން އެންމެ ބޮޑަށް ބޭނުންވާނެ ކަމަކަށް މި ރަށުގައި އޮތީ. ބިން ހިއްކުމާއި، ގެދޮރުވެރިކަމާއި، މިކަންކަމަކީ މުޅި މުޖުތަމަޢަށް މުހިންމު ކަމެއް. އެކަމަކު ކިޔަވާ ކުދިންނަށް، މައިންބަފައިންނަށް ޙަޤީޤަތުގައި އެންމެ މުހިންމުވާނީ ތަޢުލީމީ ފެންވަރު ރަނގަޅުކޮށް، ރަނގަޅު ގޮތެއްގައި ތަޢުލީމު ދެވޭނެގޮތްވުން.

އެއާ އެކުގައި، ހޮސްޕިޓަލްގެ ކަންތައްތައް. ޞިއްޙީ ނިޒާމު. މިހާރު ހިނގާ މަޝްރޫޢު ކުރިއަށްދާއިރުގައި، ކައުންސިލްގެ ފަރާތުން ހުށަހެޅި ކަންކަމަށް އަޅުގަނޑުމެން ރިޢާޔަތްކޮށް މަސައްކަތް ކުރާނަން. އޯ.ޓީ. ފެސިލިޓީ، އޮޕަރޭޝަން ތިއޭޓަރގެ ފެސިލިޓީ އިތުރުކުރެވޭތޯ އެ އިމާރާތަށް. އެހެންވީމާ، ހެލްތް މިނިސްޓަރ އެ މަސައްކަތައިގެން ކުރިއަށް ވަޑައިގަންނަވާނެ. އަޅުގަނޑުމެން ބަލާނީ ކައުންސިލްގެ ރައީސް އެ ފާހަގަކުރެއްވި ފަދައިން، ކައުންސިލުން ރައްޔިތުންގެ ފަރާތުން އެ ހުށަހެޅުއްވި ކަންތަކުގައި، މިހާރުގެ މަޝްރޫޢު ނިމޭއިރުގައި، ރައްޔިތުން އެދިވަޑައިގަންނަވާ ފެންވަރުގައި، ޙަޤީޤީ މާނައިގައި ހޮސްޕިޓަލަކަށް ބަދަލުކުރެވޭތޯ. އެކަމަށް މަސައްކަތް ކުރާނެ ކަމުގެ ޔަޤީންކަން ދެން. އަޅުގަނޑު ހިތުން ކުރެވޭނެ. އިމާރާތުގެ ޖާގައިގެ ކުރެހުމެއް އަޅުގަނޑެއް ނުދެކެން. އެހެން ނަމަވެސް، ޖާގަ ހުރުން އެކަށީގެންވާ ކަމަށް މިނިސްޓަރވެސް ފާހަގަކުރެއްވީ. ކުރެވޭ ކަމަށްވަންޏާ، އެކަން ފުރިހަމަކޮށްފައި ހޮސްޕިޓަލެއް ގޮތުގައި އެތަން ނިންމައިދޭނަން.

އާދެ، ދެން މިހާރުގެ ނަރުދަމާގެ މައްސަލަ މިއޮތީ ވަރަށް ބޮޑަށް ގޯސްވެފައި. މި އަހަރުގެ ބަޖެޓުގެ ތެރޭގައި، މާބޮޑު ފުރުޞަތެއް ޙަޤީޤަތުގައި ނެތް، އެވަރުގެ ބޮޑު ބަދަލެއް ގެންނާކަށް. ޙަޤީޤަތުގައި މިޖެހެނީ ހަމަ މުޅިން އަލަށް ނެޓްވާރކެއް އަޅަން. މިހާރު ދުވަސްކޮޅެއް ވެއްޖެ، މިކަމާ ގުޅޭ މަސައްކަތް، ކޮންސްޓްރަކްޝަން މިނިސްޓްރީއާއި ފިނޭންސް މިނިސްޓްރީއާއި ރައީސް އޮފީހާ އެކީގައި ކުރާތާ ކައުންސިލާ އެކީ މަޝްވަރާކޮށްގެން. އެ ހުރިހާ ކަމެއްގެ އަލީގައި މިއަދު އަޅުގަނޑު ވާނީ ފިނޭންސް މިނިސްޓަރަށް ދަންނަވާފައި، މި އަހަރުގެ ބަޖެޓްތެރެއަށް އެކަމުގައި ކުރިއަށް ދެވޭނެ މަގު ފަހިކޮށްދީ، ކޮންސްޓްރަކްޝަން މިނިސްޓްރީއަށް މަސައްކަތް ކުރެވޭނެގޮތް ހަދައިދޭން. ވީހާވެސް އަވަހަކަށް ނަރުދަމާގެ މައްސަލަ ޙައްލުކުރުމުގެ ޕްރޮޖެކްޓެއް ފަށަން. އެހެންވީމާ، އަޅުގަނޑަށް ވަރަށް ޔަޤީންކަން އެބައޮތް، ވަރަށް އަވަހަށް ޢަމަލީ ސިފަ ގެނެސްދެވޭނެ ކަމަށް. ތި އުނދަގޫތަކަށް، ތިޔަބޭފުޅުން ތި ތަޙައްމަލް ކުރަންޖެހޭ ނަރުދަމާގެ އުނދަގުލަށް އިރާދަކުރެއްވިއްޔާ ޙައްލެއް ގެންނާނަން.

އާދެ، މި ދެންނެވި ކަންކަމަކީ އަސާސީ ކަންތައްތައް. ބިން ހިއްކުން، ބިން ހިއްކުމާ އެކުގައި ގެދޮރުވެރިކަން ޤާއިމުކުރުމަށްޓަކައި މި ދަންނަވާ އިންފްރާސްޓްރަކްޗަރ ޤާއިމުކޮށްދިނުން. ސްކޫލްގެ ޚިދުމަތް ރަނގަޅުކުރުން. ޞިއްޙީ ޚިދުމަތް ރަނގަޅުކުރުން. މި ރަށުގައިވިއްޔާ ނަރުދަމާގެ މި ބޮޑު މައްސަލަ ޙައްލުކުރުން. ދެންވެސް ހަމަ އެތައް ކަންތައްތަކެއް އެބަހުރި ކުރަން ޖެހިފައި. ކުޅިވަރާ ގުޅޭ އެކިކަހަލަ ވަސީލަތްތައް އިތުރުކުރުމާއި، މިކަހަލަ ވަރަށްގިނަ މަސައްކަތްތައް ކުރަން އެބަހުރި.

އެހެންވީމާ، ކުރިއަށް އޮތް ދުވަސްތަކުގައި، މި ދެންނެވި ހުރިހާ ކަމަކަށް ސަރުކާރުން އިރާދަކުރެއްވިއްޔާ މަސައްކަތް ކުރަމުން ދާނަން. އަދި ގެދޮރުވެރިކަމަށްޓަކައި އަޅުގަނޑުމެން މިހާރު މި ފަށަން ތައްޔާރުވަމުންދާ އެކިކަހަލަ ސްކީމްތައް، އޭގެ ފުރިހަމަ ފައިދާ މި ރަށަށް ކުރާނެ ކަމުގެ ޔަޤީންކަން ދެން. އެއީ، އެކިކަހަލަ ހައުސިންގ މަޝްރޫޢުތައް ހިންގައިދިނުމާއި، ގެދޮރުއަޅައިދިނުން. މި ރަށުގެ ކައުންސިލުން ހުށަހަޅާ ގޮތަކަށް އެކަން އަޅުގަނޑުމެން ގެންދާނީ. އެއީ، ފްލެޓްވިއްޔާ، ފްލެޓް އިމާރާތްތަކެއް. ރޯހައުސް ކަމަށްވަންޏާ ރޯހައުސް. ނޫނީވިއްޔާ ސިންގަލް ސްޓޯރީކޮށް ހުންނަ ވަކިވަކި ގެ ވިއްޔާ އެގޮތަށް. ނޫނީވިއްޔާ އެކަހަލަ މަޝްރޫޢެއް ނުހިންގައި، ހައުސިންގ ލޯނު ސްކީމެއް ކަމަށްވަންޏާ އެގޮތަށް. ކޮންމެގޮތެއްވިޔަސް، ގެދޮރުވެރިކަމުގެ އެކިކަހަލަ ފުރުޞަތުތައް، މުޅި ރާއްޖޭގެ ހުރިހާ ކަންކޮޅަކަށް ފަހިކުރަން މިހާރު ހިނގަމުންދާ މަސައްކަތް ހަމަޖެހުނީމަ، އެ ލޯނުތައް ދިނުމުގެ މަސައްކަތާއެކު، މަޝްރޫޢުތައް ފެށިގެން މި އަހަރު ދާނެ. ދާއިރުގައި ހަމަ މި ރަށުގެ ރައްޔިތުންނަށް އެ ބޭނުންވާ ފެންވަރުގައި އެކަން ކޮށްދޭނެކަމުގެ ޔަޤީންކަންވެސް ދެން.

އާދެ، އަޅުގަނޑު އެދެނީ، މި ހުރިހާ މަސައްކަތެއް ކުރުމުގައި، ގުރައިދޫގެ ލޮބުވެތި ރައްޔިތުން މި ދާއިރާގެ، މާފުށީ ދާއިރާގެ ލޮބުވެތި ހުރިހާ ރައްޔިތުން ސަރުކާރަށް ދެއްވެން އޮތް ހުރިހާ އެއްބާރުލުމެއް ދެއްވަން. އަދި ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ކިބައިންވެސް އަޅުގަނޑު އެދެން އޮތީ މިގޮތް. މިގޮތަށް ކަންކަން ކޮށްދެއްވުމަށް.

ރައްޔިތުންނާ ގާތުން އަޅުގަނޑު މަސައްކަތް ކުރަން ބޭނުންވަނީ، އަވަސް ސްޕީޑްގައި، ރައްޔިތުން އެދޭގޮތަށް ކަންކަން ކުރެވޭކަން ޔަޤީންކޮށްގެން ޚިދުމަތް ކުރުމަށްޓަކައި. ރައްޔިތުންނަށްޓަކައި ކައުންސިލަށްވެސް ބާރުވެރިކަން ދޭން ބޭނުންވަނީ، އެ ބޭނުމުގައި. މައި ސަރުކާރުން ހުރިހާ އާމްދަނީއެއް އެއްކޮށްފައި، އެ ލިބޭ އާމްދަނީއަކުން އެ އަހަރަކު އެ ބަޖެޓް ހެދޭގޮތަކަށް ހަދައިގެން، ބަޖެޓުން ލިބޭ އެތިކޮޅެއް ދީގެން، ރަށްރަށުގައި ކަންކަން ކުރާ އުޞޫލު ބަދަލުވާންޖެހޭ. އިޤްތިޞާދީ އެކިއެކި ޞިނާޢީ މަސައްކަތްތަކުން މައި ސަރުކާރަށް، މީރާއަށް މި ކަލެކްޓް ކުރާ ޓެކްސް ފައިސާ، އާމްދަނީ ފައިސާއިން ލާމަރުކަޒީ އުޞޫލުން އެ ފައިސާއިން ބައިކުޅަބައެއް ކައުންސިލްތަކާ ހަވާލުކުރުމަކީ، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ޙަޤީޤަތުގައިވެސް ރައްޔިތުންނަށް ދެވޭ ބާރުވެރިކަމެއް. ރައްޔިތުންގެ ފައިސާއިން ރައްޔިތުންނަށް ލާމަރުކަޒީ އުޞޫލުން ފައިސާ ލިބޭގޮތް ހަމަޖެއްސުމަކީ މުހިންމު ކަމެއް. އޭރުން ކައުންސިލްތަކުން ފަށާނެ، އެ ރަށެއްގައި އެ ރަށެއްގެ ފެންވަރުން، ކައުންސިލްގެ ފެންވަރުން އެކިކަހަލަ މަސައްކަތްތައް ކުރަން. އިޤްތިޞާދީ އެކިކަހަލަ ކުދިކުދި މަސައްކަތްވެސް ފެށޭނެ. އާމްދަނީ އިތުރުކުރެވޭނެ ކަހަލަ މަސައްކަތްތައްވެސް ފެށުމުގެ ފުރުޞަތު ލިބޭނެ. އަދި މަރާމާތު ކުރަން ހުންނަ ތަންތަން، ސްކޫލް ކަމަށްވިޔަސް، މިސްކިތް ކަމުގައިވިޔަސް، އަދި އެހެނިހެން ތަންތަން ކަމަށްވިޔަސް. ޕާކްތައް ކަމުގައިވިޔަސް. މިހެންގޮސް ކައުންސިލްގެ މެންޑޭޓް ތެރޭގައި ހުންނަ ގިނަ ކަންތައްތަކަކަށް އެ ލާމަރުކަޒީ އުޞޫލުގެ ތެރެއިން އަޅުގަނޑުމެން އާމްދަނީ ޖަމާކޮށްދޭން ފެށީމަ، މިހާރު ލިބޭ އާމްދަނީ، އެއަށްވުރެ ބޮޑަށް އިތުރުވެގެންދިޔައިމަ ފަސޭހަވާނެ. މިހާރު ޤާނޫނުގައި މި އޮންނަނީ، ވަކި ފޯރމިއުލަރއެއް ހަދައިގެން ބްލޮކް ގްރާންޓެއް ދެނީ. އަޅުގަނޑުމެން އެއަށްވެސް އިޞްލާޙުތަކެއް ހުށަހަޅާނަން. އިރާދަކުރެއްވިއްޔާ ރައްޔިތުން ހޮއްވަވައިދެއްވާ މަޖިލީހެއް، އަޅުގަނޑުމެންނަށް ސަޕޯޓް ދޭ ކަހަލަ މަޖިލީހެއް ހޮވިއްޖިއްޔާ، އެއަށްވެސް އިޞްލާޙުތަކެއް ގެންނާނަން.

މި ބޭއްވުނު 144 ބައްދަލުވުން، 144 ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ އެކީގައި ބޭއްވުނު ބައްދަލުވުންތަކުން އަޅުގަނޑަށް ގަބޫލުކުރެވުނީ، މިކަން އެބަޖެހޭކަން އިތުރަށް ރަނގަޅު ކުރަން. މި ބްލޮކް ގްރާންޓްގެ ގޮތުގައި މި ކައުންސިލްތައް ހިންގަން މިދޭ ފައިސާއަށްވެސް އިޞްލާޙުތަކެއް ގެންނަންޖެހޭ. އަދި އޭގެތެރެއިން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް މި ލިބޭ ފަސް ޕަސެންޓުގެ ބޭނުން، އެ ކޮމިޓީއަށް، ކޮމިޓީގެ ހަރަކާތްތައް ހިންގަން ލިބޭ ގޮތަށްވެސް ފަހިކުރަންޖެހޭ. ކުރިންވެސް ތަކުރާރުކޮށް މި ވާހަކަ ދެއްކިފައި ވާނެ. ހަމައެކަނި ހަރަކާތް ހިންގަން އެ ފަސް ޕަސެންޓް ހަމަޖައްސައިދޭންޖެހޭ. މުސާރަ، ނޫނީވިއްޔާ އެ ދޭ އެލަވަންސަކީ، މުޅި ކައުންސިލްގެ ބަޖެޓުގެ ތެރެއިން އިތުރުކުރެވިގެން ދޭ އެއްޗަކަށް ބަދަލުކޮށްފައި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް އެ ލިބޭ ފަސް ޕަސެންޓަކީ، އެ ކޮމިޓީން ރަށުގައި ހިންގަން ބޭނުންވާ ހަރަކާތްތަކަށް ޚާއްޞަކުރެވޭ އެއްޗަކަށް ހަދަން އަޅުގަނޑު ބޭނުން. އެހެން ހެދީމާ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް، އަންހެނުންގެ ތަރައްޤީއަށްޓަކައި މާގިނަ ކަންކަން ޙަޤީޤަތުގައިވެސް ކުރެވޭގޮތް ވާނެ.

އެހެންވީމާ، އަޅުގަނޑުމެން މި ދަންނަވާ ޓޫރިޒަމާއި، މަސްވެރިކަމާއި، ދަނޑުވެރިކަމާއި، ޢުމްރާނީ ތަރައްޤީގެ އެކިކަހަލަ ޞިނާޢަތްތަކުން މުޅި ރާއްޖޭގެ އާމްދަނީގެ ތެރެއިން ކަނޑައެޅޭ ވަކި އިންސައްތައެއް، ޤާނޫނަށް ގެނެވޭ އިޞްލާޙަކުން ކައުންސިލްތަކަށް ޖަމާކުރަން ފެށުނީމަ، މި ދެންނެވި ބްލޮކް ގްރާންޓްގެ އިތުރުން، އާމްދަނީ ބަޖެޓަށް ވަރަށްބޮޑު އެއްޗެއް އިތުރުވާނެ ކޮންމެ އަހަރަކު. ވަރަށްބޮޑު އެއްޗެއް އިތުރުވާނެ.

މިއަދު ބައްލަވާ! އަޅުގަނޑު މި ވާހަކަ ދައްކާފައި، ކުރީގެ ރަށުން މި ރަށަށް އައުމާ ދޭތެރޭގައި މި ވާހަކަވެސް ބަދަލުކޮށް، ޓުވިސްޓް ކުރަން މަސައްކަތް ކޮށްފި. އަޅުގަނޑު އެ އުޅެނީ، ބްލޮކް ގްރާންޓް ކުޑަކޮށްލުމަށޭ. ބްލޮކް ގްރާންޓް ކުޑަކޮށްލާފައި، އާމްދަނީ އިތުރުކުރުމަށޭ. މިކަހަލަ ގޮތްގޮތަށް ފިތުނަ އުފައްދައި، ރައްޔިތުންނަށް ކަންކަން އޮޅުވާލުމަށްޓަކައި ކުރާ މަސައްކަތްތަކަށް ރައްޔިތުން ޖާގަ ނުދެއްވުމަކީ، އަޅުގަނޑު އިލްތިމާސް ކުރާ ކަމެއް. ވަރަށް ބޮޑަށް އިލްތިމާސް ކުރަން. އަޅުގަނޑުގެ ހިތަށްވެސް ނާރާ، ނުވެސް ވިސްނާ ކަމެއް، އަޅުގަނޑުމެން މިކަހަލަ ގޮތަކަށް ސާފުކޮށް، ދެފުށް ފެންނަ ގޮތަށް، ރައްޔިތުންގެ ކުރިމަތީގައި ލައިވްކޮށް މި ވާހަކަ މި ދައްކަނީ. ހަމަ ދައްކާފައި ގޮސް ނިމޭއިރުގައި، ވާހަކަ އެހެން ގޮތަކަށް ވިސްނައިދޭން ކުރާ މަސައްކަތަށް ޖާގަ ނުދެއްވާ. ކައުންސިލްތަކަށް ލިބޭ އާމްދަނީ އިތުރުކޮށް، ބްލޮކް ގްރާންޓްވެސް އިތުރުކޮށް، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށްވެސް އެ ލިބޭ ފަސް ޕަސެންޓްވެސް އެއީ، ހަރަކާތްތަކަށް ހަމަޖެއްސޭ އެއްޗެއްގެ ގޮތުގައި ހަމަޖައްސާފައި، ކުރިއަށްދާނެ ވާހަކަ މި ދަންނަވަނީ. އެހެން ހެދީމަ، އެތައް ގުނަޔަކުން ކައުންސިލްތަކާއި ޑަބްލިޔޫ.ޑީ.ސީ.ތައް މި ވަރުގަދަވަނީ. އޭގެ އެތައް ފައިދާއެއް ސީދާ ރައްޔިތުންނަށް ކުރަމުންދާނީ. އަޅުގަނޑަށް އެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް.

މި މަސައްކަތް މިގޮތަށް ކުރެވެން މިއޮތީ، ޤާނޫނުތަކަކަށް އިޞްލާޙު ގެނެސްގެން. ޓޫރިޒަމް ޤާނޫނު، ޓެކްސްއާ ބެހޭ ޤާނޫނު، ލާމަރުކަޒީ ޤާނޫނު. މިހިރީ އިޞްލާޙު ގެންނަންޖެހޭ ޤާނޫނުތައް.

އެހެންވީމާ، މި ވިސްނުމުގައި މަސައްކަތް ކުރާނެ ބަޔަކު ތިޔަބޭފުޅުން ޚިޔާރުކޮށްދެއްވައިގެން މިކަން ވާނީ. އެހެން މި ދަންނަވަން ޖެހެނީ، އަޅުގަނޑުމެންނަށް ޢަމަލީ ތަޖުރިބާ ކުރެވިއްޖެ، މިދިޔަ ތިން ހަތަރުމަސް މިވީ މުއްދަތުގެ ތެރޭގައި. މިހާރު އޮތް މަޖިލީހުން އަޅުގަނޑުމެންގެ ސިޔާސަތުތަކާ ދެކޮޅުވީމަ، ރައްޔިތުންނަށް ކިތަންމެފަދަ ގެއްލުމެއް ލިބުނަސް، މަޖިލިސް ހަރަކާތްތެރިވަނީ ކިހިނެއްކަން ފެނިފައި މިއޮތީ.

އެހެންވީމާ، ކީއްކުރަންތޯ، އެކަން ފެނި، އެކަން އަނެއްކާވެސް ރިޕީޓް ކުރަން ފުރުޞަތު ދޭންވީ. އެއީ ރައްޔިތުން ވިސްނާވަޑައިގަންނަވަން އަޅުގަނޑު އެދޭ ކަމެއް.

އާދެ، އަޅުގަނޑު ޔަޤީންކުރަނީ، އިރާދަކުރެއްވިއްޔާ މިގޮތަށް ރައްޔިތުންނަށް ބާރުވެރިކަންދީ، ރައްޔިތުން މުއްސަނދިކޮށްދީ، ރައްޔިތުން އެދޭ ކަންކަން، ރައްޔިތުން އެދޭގޮތަށް، ރައްޔިތުން އެދޭ އަމާޒަށް ކޮށްދިނުމުގައި، ރައްޔިތުން އަޅުގަނޑަށް އެހީތެރިކަން ދެއްވާނެ ކަމަށް. އެ ޔަޤީންކަމާ އެކީގައި އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަނީ.

އަދިވެސް އެއްފަހަރު، ގުރައިދޫގެ ލޮބުވެތި ރައްޔިތުންނަށް ފަށްފަށުން ޝުކުރު ދަންނަވަމުން. ތިޔަބޭފުޅުންގެ އުންމީދުތަކުގައި އިރާދަކުރެއްވިއްޔާ ކުލަޖައްސައިދޭނެ ކަމުގެ ޔަޤީންކަން ތަކުރާރުކޮށް އަރުވަން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަކީ ހެޔޮބަސްއަހާ، ހެޔޮބަސް ގަބޫލުކުރާ ބައެއް ކަމުގައި اللهُ سُبْحَانَهُ وَتَعَالَى މިންވަރު ކުރެއްވުން. މި ޤައުމަށް އުފާފާގަތިކަން އަބަދުމެ ލެހެއްޓެވުން. ދެއްވެވުން. އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.