بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة ُوَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

ކެޔޮދޫގެ ލޮބުވެތި އެންމެހައި ރައްޔިތުން، ކައުންސިލްގެ ރައީސް އަދި ކައުންސިލަރުންނާއި، ޑަބްލިޔޫ.ޑީ.ސީ.ގެ މެންބަރުންނާއި، ރަށުގެ އެކިއެކި މުއައްސަސާތަކުގެ ވެރިން، މިތަނަށް ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިންނާއި، މި ޖަލްސާ ބައްލަވާ އަދި އަޑުއައްސަވާ ލޮބުވެތި ހުރިހާ ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

މި ރަށަށް މިއަދު ހެނދުނުގެ ވަގުތުގައި އާދެވުމުން، ތިޔަބޭފުޅުން ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި، ލޮބުވެތި ހުރިހާ ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ވަރަށް ބޮޑަށް ޝުކުރިއްޔާ.

އާދެ، ރަށްރަށަށް އަޅުގަނޑުމެން މިކުރާ ދަތުރުތަކުގައި، މި ރަށަށް މި އާދެވުނީ. ވަރަށްގިނަ ރަށްތަކަކަށް މިހާރު މިގޮތުން ދެވި، ރައްޔިތުން އެދެމުންދާ ކަންތައްތައް ވަނީ ސާފުކުރެވިފައި. ހަމަ އެފަދައިން، މި ރަށުގެ ކައުންސިލުންވެސް، ދެންމެ ކައުންސިލްގެ ރައީސް އެ ފާހަގަކުރެއްވި ގޮތަށް، ރައްޔިތުންނަށް ދަތިވެފައި އަދި ބޭނުންވެފައިވާ، އުނދަގޫވެފައިވާ މުހިންމު ހުރިހާ ކަމެއް ވަނީ ޙިއްޞާ ކުރައްވާފައި.

ކެމްޕެއިންގައިވެސް މި ރަށަށް އާދެވިގެން ވަރަށްކުޑަ ވަގުތުކޮޅެއް ލިބުނީ. ކެމްޕެއިންގައިވެސް އަޅުގަނޑު ދެންނެވި ފަދައިން، އަދި ކައުންސިލްގެ ރައީސް ދެންމެ އެ ވިދާޅުވި ކަންތައްތަކުގައި، ތިޔަބޭފުޅުން އެދިވަޑައިގަންނަވާ ގޮތަށް ނަތީޖާ ނެރެދޭނަން. އަދި އެކަމަށްޓަކައި މަސައްކަތްކޮށް، ރައްޔިތުންނަށް ބޭނުންވެފައިވާ މި ހުރިހާ ކަމެއްގައި ތިޔަބޭފުޅުންނަށް، ތިޔަބޭފުޅުން އެދިވަޑައިގަންނަވާ ގޮތަށް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ކަންކަން ކޮށްދޭނަން. އެކަމުގެ ޔަޤީންކަން ދެން.

އެގޮތުން ބަލާއިރުގައި، އެންމެ މުހިންމީ، ޖާގަ އިތުރުކުރުން. ބިމުގެ ޖާގަ އިތުރުކުރުން. ބިން ހިއްކުމަށްޓަކައި އަޅުގަނޑު އޭރުގައި ދެންނެވިން، ބިން ހިއްކުމުގެ މަޝްރޫޢެއް ކުރިއަށް ގެންގޮސްދޭނަމޭ. އެކަން ވާނީ މި އަހަރުގެ ބަޖެޓުގައިވެސް ހިމަނާފައި. އެހެންވީމާ، ބިން ހިއްކުމުގެ މަޝްރޫޢަކީ، ހަމަ އެގޮތަށް، ހަމަ ވަޢުދުވީ ގޮތަށް ކުރިއަށް ގެންދާނެ ކަމެއް. އިރާދަކުރެއްވިއްޔާ މި އަހަރު އެ މަޝްރޫޢު އަޅުގަނޑުމެން ކުރިއަށް ގެންގޮސްދޭނަން.

އާދެ، މި ރަށުގައި ކުނީގެ މައްސަލަ ވަރަށްބޮޑުވެފައި ވަނީ. ކައުންސިލްގެ ބައްދަލުވުމުގައިވެސް އެ ވާހަކަތައް ތަފްޞީލުކޮށް ދެއްވާފައިވޭ. ކުނި މެނޭޖް ކުރުމަށްޓަކައި ރަނގަޅު މަރުކަޒެއް ހެދުމަކީ، ވަރަށް ގިނަ ރަށްތަކުގައި އަޅުގަނޑުމެން ކުރަން ޖެހިފައި އޮތް ކަމެއް. އެންވަޔަރަންމަންޓް މިނިސްޓްރީގެ ފަރާތުން މިހާރު އެ ގެންދަވަނީ ބޮޑު މަޝްރޫޢެއް، ވަރަށްގިނަ ރަށްތަކުގައި ހިންގޭނެ ކަހަލަ ގޮތަކަށް ރާވަމުން. މިކަހަލަ ރަށްރަށުގައި އަދި އަމުދުން ޓޫރިޒަމްގެ ފުޅާ އިންޑަސްޓްރީއެއް ޤާއިމުވެފައި އޮންނަ ރަށްތަކުގައި އުފެދޭ ކުނި ގިނަވާނެ. އާބާދީ ބޮޑުވާވަރަކަށްވެސް ގިނަވޭ. އެހެންވީމާ، މި ދެންނެވި ފުޅާ ބޮޑު މަޝްރޫޢުގެ ތެރެއިން، މި ރަށުގެ މަޝްރޫޢު، ބަޖެޓުގައިވެސް ހިމެނިފައި އެބައޮތް. މި މަސައްކަތަށްވެސް ސަމާލުކަން ދޭނަން.

ހަމަ އެއާއެކީގައި، ޞިއްޙީ ދާއިރާ ވަރުގަދަކުރުމަށްޓަކައި ޞިއްޙީ މަރުކަޒުގެ ކަންތައްތައް، ޢިމާރާތާއި އަދި ޑޮކްޓަރުންގެ ފެންވަރު ރަނގަޅުކުރުމާ، މިހިރީވެސް މިހާރުން މިހާރަށް މުހިންމުވެފައި ހުރި ކަންކަން.

ހަމަ އެއާއެކީގައި، ސްކޫލްގެ ޖާގަ ތާށިވެފައިވާތީ، ހަތަރުބުރީގެ ސްކޫލް އިމާރާތެއް އަޅާނެ ވާހަކަ ދެންނެވިން. އެކަމަށްޓަކައިވެސް ވަނީ މަސައްކަތްތަކެއް ފެށިފައި. ބަޖެޓުގައި ހިމެނިފައި. އެ މަސައްކަތްވެސް އިރާދަކުރެއްވިއްޔާ ކުރިއަށް ގެންގޮސްދޭނަން.

ހަމަ އެއާއެކީގައި، ކުޑަކުދިންގެ ޕާކެއް، ކޮންމެ ރަށެއްގައި، އެ ރަށެއްގެ ނިސްބަތުން އަޅައިދޭނަމޭ އަޅުގަނޑު ދެންނެވިން. އެ މަސައްކަތްވެސް އެއީ، އިރާދަކުރެއްވިއްޔާ ކުރިއަށް ގެންދާނެ ކަމެއް. އަދި ފުޓްބޯޅަ ދަނޑު ނިންމުމަށްޓަކައި ލައިޓް ޖެހުމާއި، މިހެންގޮސް އެބަހުރި ވަރަށްގިނަ ކަންތައްތައް ކުރަން.

އަޅުގަނޑު ސަމަރައިޒް ކޮށްލާފައި، ޚުލާޞާ ކޮށްލާފައި މި ދަންނަވާލީ، ކައުންސިލްގެ ބައްދަލުވުމުގައި ޙިއްޞާ ކުރެއްވި ކަންތައްތަކެއް. އެ ހުރިހާ ކަމެއްގެ ޖަވާބު އަޅުގަނޑު ފުރަތަމަ ދިނީވެސް އަދި ދޭންވެސް އޮތީ. އެއީ، މި ދެންނެވި ހުރިހާ މަސައްކަތްތަކެއް، މި އަހަރު ތެރޭގައި އެކި ހިސާބުގައި، އެކި މަޝްރޫޢުތައް ކުރިއަށްދާނެއޭ. އެ ކަންތައްތަކަށް ޢަމަލީ ސިފަ ގެނެސްދޭނެ ވާހަކަ އަޅުގަނޑު ދެންނެވީ. އަދި ބަނދަރުގައި ހުރި ދަތިތަކެއްވެސް އެބަހުރި. އެކަމަށްވެސް ކުރިއަށް އޮތް ދުވަސްތަކުގައި އަޅުގަނޑުމެން މަސައްކަތްތަކެއް ފަށާނަން.

އާދެ، މި ހުރިހާ ކަމެއް މި ކުރެވެނީ އާމްދަނީ އިތުރުކޮށްގެން. އާމްދަނީ އިތުރުކުރެވެން ހުންނަނީ އިންޑަސްޓްރީތައް ފުޅާކޮށްގެން. މައިގަނޑު އިންޑަސްޓްރީތަކުގެ ގޮތުގައި މި ރަށުގައި ވަރަށް ކާމިޔާބުކަމާ އެކީގައި ލޯކަލް ޓޫރިޒަމް އެބަ ހިނގާ.

ފަތުރުވެރިކަމުގެ ދާއިރާ ފުޅާކުރުމަށްޓަކައި ވަރަށްގިނަ މަސައްކަތްތަކެއް މިހާރު އެބަ ހިނގާ. ނުފެށިފައި، ހުއްޓިފައި ހުރި ރަށްރަށުގެ ޢަމަލީ މަސައްކަތްތައް، ރިޒޯޓުތައް ނިންމުމަށްޓަކައި އަޅުގަނޑުމެން އެކިކަހަލަ ފުރުޞަތުތައް އެބަދެން. އެއީ، އެ ރަށްރަށް އަވަހަށް ނިންމައި، އާމްދަނީ ޓެކްސް ރާއްޖޭގެ މާލިއްޔަތަށް އިތުރުކުރުމަށްޓަކައި.

އެގޮތަށް ދެންހުރި އިންޑަސްޓްރީތައްވެސް. އެއީ، މަސްވެރިކަމުގެ އިންޑަސްޓްރީވިޔަސް، އަދިވެސް އެހެނިހެން މަސައްކަތްތައް، ކޮންސްޓްރަކްޝަން ދާއިރާ، އަދި ދަނޑުވެރިކަމުގެ ދާއިރާ. މި ހުރިހާ ދާއިރާތަކަކުން ރާއްޖޭގެ އާމްދަނީ އިތުރުކުރުމަށްޓަކައި ގިނަ ކަންތައްތަކެއް އެބަ ކުރެވޭ.

މިކަންކަން ކުރެވޭއިރުގައި، އަޅުގަނޑު ގަސްދުކުރަނީ، ލާމަރުކަޒީ ނިޒާމުގެ ތެރެއިން އޭގެ ފުރިހަމަ ނަފާ ރައްޔިތުންނަށް ލިބޭގޮތަށް ކަންތައްތައް ބައްޓަން ކުރަން. މިހާރުވެސް ވާނީ ކައުންސިލްތަކަށް އިތުރު އާމްދަނީ ހޯދޭނެ މަގުފަހިކޮށްދިނުމަށް، ކޮންމެ ރަށަކަށް، އެ ރަށެއްގެ ކައިރިންވިޔަސް، ދުރުންވިޔަސް، ހުސްކޮށް އޮތް ފަޅުރަށެއް ހޯދުމުގެ ފުރުޞަތު ހުޅުވާލާފައި. އެއީ،
އެ ރަށުގައި އެކިކަހަލަ ވިޔަފާރިތައް ހިންގައިގެން، ރަށަށް ބޭނުންވާ އާމްދަނީ، ރަށުގެ ރައްޔިތުންނަށް ބޭނުންވާ އާމްދަނީ އިތުރުކުރުމަށްޓަކައި. ކައުންސިލްގެ އާމްދަނީ ބަޖެޓަށް، އާމްދަނީ އެކައުންޓަށް ފައިސާ އިތުރުކުރުމަށް ފުރުޞަތު ދޭން.

ހަމަ އެއާއެކީގައި، އަދި އެހެނިހެން ފުރުޞަތުތައްވެސް އެބަ ހުޅުވާލަން. ސަރުކާރުން ދޭ ގްރާންޓް އެއިޑްގެ ތެރެއިން، ކަރަންޓް ބިލަށް ކުރާ ޚަރަދުން ބައެއް ފަސޭހަކޮށްދިނުމަށްޓަކައި މިހާރު ވާނީ މި މަހުން ފެށިގެން މިސްކިތްތަކަށް ދައްކަންޖެހޭ ރޭޓް ކުޑަކޮށްދީފައި. ޑޮމެސްޓިކް ރޭޓަށް. އަދި ކުރިއަށް އޮތް ތާނގައި، ސްޓެލްކޯއާއި ފެނަކައިގެ ޙާލަތު ރަނގަޅުވަމުންދާ ވަރަކަށް، އަޅުގަނޑުމެން ދެންހުރި ބިލްތަކުގެ ޚަރަދު ކުޑަކޮށްދޭނަން. އަދި މަގުބައްތި ދިއްލުމާއި، ޢާންމު ސަރަޙައްދުތައް ދިއްލުމުގެ ރޭޓުތައްވެސް ކުޑަކޮށްދޭނަން. އެކަމަކު މިހާރުން މިހާރަށް މިސްކިތްތަކުގެ ރޭޓް ކުޑަކުރީމަވެސް، ކައުންސިލްތަކަށް ވަރަށްބޮޑު އެއްޗެއް ސޭވްވާނެ.

އެހެންވީމާ، މިގޮތަށް މި ބަލަނީ، ކައުންސިލްތައް ބާރުވެރިކުރުވަން. ކައުންސިލްތަކަށް އާމްދަނީ އިތުރުވީމަ، އޭރުން ސީދާ ރައްޔިތުންނަށް ކަންކަން ކޮށްދިނުމުގައި ކުރިއެރުން ހޯދޭ. އަދި ސަރުކާރަށްވެސް އޭގައި ވަރަށްބޮޑު ފަސޭހަތަކެއް ލިބޭ. އެއީ، ސީދާ ރައްޔިތުންނަށް ޚިދުމަތް ކުރުމަށްޓަކައި ހޮވާފައި އޮންނަ ކައުންސިލްތައް ބާރުވެރިކުރެވުނީމަ، ސަރުކާރުން، މިނިސްޓްރީތަކުން ކުރަންޖެހޭ ޚަރަދުތަކުގައިވެސް ލުއިތަކެއް ލިބޭ.

އެހެންވީމާ، ޙަޤީޤީ މާނައިގައި ލާމަރުކަޒީކޮށް، ރައްޔިތުންނަށް މި ލިބޭ އާމްދަނީއަކުން ފައިދާވާގޮތް ހަދަން އަޅުގަނޑު ބޭނުންވަނީ. ކުރިއަށް އޮތް ތަނުގައި، އަދި އިތުރު ކަންތައްތައްވެސް ކުރަން ގަސްދުކުރަން.

އެގޮތުން، ރަށްރަށުގައި ހިންގާ ގެސްޓްހައުސްތަކާއި، ލޯކަލް ޓޫރިޒަމްގެ ތެރެއިން ލިބޭ ޓީ.ޖީ.އެސް.ޓީ.އިން ވަކި އިންސައްތައެއް، ކައުންސިލްތަކުގެ އާމްދަނީއަށް އިތުރުކުރުމަށް، ލާމަރުކަޒީ ޤާނޫނަށް، ޓޫރިޒަމް ޤާނޫނަށް އިޞްލާޙު ގެނައުމަށް ހުށަހަޅަން އަޅުގަނޑު ގަސްދުކުރަން. އޭގެ ސަބަބުން ކައުންސިލްތަކުގެ އާމްދަނީއަށް އަނެއްކާވެސް އިތުރު ފައިސާ ލިބިގެންދާނެ.

ހަމަ އެގޮތަށް، އެހެން އިންޑަސްޓްރީތައްވެސް އެބަ ހިނގާ. މަސްވެރިކަމުގެ އިންޑަސްޓްރީ. ދަނޑުވެރިކަމުގެ އިންޑަސްޓްރީ. މިހެންގޮސް ރަށުގެ އާބާދީގައި އެކިކަހަލަ މަސައްކަތް ކުރެވިގެން އެބަދޭ.

އެހެންވީމާ، އާމްދަނީ ލިބޭ އެކިއެކި ވަސީލަތްތަކުން ޓެކްސްގެ ޤާނޫނަށް ގެނެވޭ އިޞްލާޙުތަކުގެ ތެރެއިން ކުރިއަށް އޮތް ތަނުގައި، މީރާއަށް މި ޖަމާކުރެވޭ އާމްދަނީގެ ވަކި އިންސައްތައެއް، ކޮންމެ ކައުންސިލަކަށް ލިބޭނެކަހަލަ ގޮތަކަށް، ސީދާ ކައުންސިލްތަކަށް ލިބޭގޮތަށް ބައްޓަންކުރަން އިރާދަކުރެއްވިއްޔާ ޤާނޫނަށް އިޞްލާޙު ގެންނާނަން. އޭރުން ކައުންސިލްތަކުން ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި، ކޮންމެ އަހަރެއްގެ ބަޖެޓުން އެ ކުރާ ޚަރަދުތަކުގެ ތެރެއަށްވެސް އިރާދަކުރެއްވިއްޔާ ލުއިތަކެއް ލިބި، ލާމަރުކަޒީކޮށް، ރަށްރަށަށް ސީދާ ކައުންސިލްތަކުން އެ ލިބޭ އާމްދަނީ މެދުވެރިކޮށް، ކަންކަން ފަހިކުރެވިގެންދާނެ. އޭރުން މާރަނގަޅަށް ރައްޔިތުން ބޭނުންވާ ކަންތައްތައް، ސަރުކާރުގެ މަޝްވަރާއާ އެއްކޮށް ކުރިއަށް ގެންދަން ކައުންސިލަރުންނަށް ފުރުޞަތު ލިބޭނެ.

އެހެންވީމާ، މައި ސަރުކާރުގެ ކަލެކްޓިންގ އޭޖެންސީން ހުރިހާ ޓެކްސްއެއް ނެގުމުގެ ބަދަލުގައި، މި ދެންނެވި ގޮތަށް، މައި އިންޑަސްޓްރީތަކުން ލިބޭ އާމްދަނީގެ ވަކި އިންސައްތައެއް، ކައުންސިލްތަކުގެ އާމްދަނީއަށް އިތުރުކުރުމަށް، ކަމާބެހޭ ހުރިހާ ޤާނޫނަކަށް އިރާދަކުރެއްވިއްޔާ އިޞްލާޙު ގެންނާނަން. އޭރުން ކުރިއަށް އޮތް ތަނުގައި، ސީދާ ރައްޔިތުންނަށް، ރަށްރަށަށް އެ ފައިސާ ވަންނަން ފަށާނެ.

އޭރުން މުޅި ރާއްޖެއަށް ބެހިގެން އެދަނީ ސީދާ ސީދަލަށް އާމްދަނީ. އެގޮތަށް ބަދަލުކުރީމާ، ރައްޔިތުންނަށް އުފާވެރިކަން ލިބިގެންދާނެ. އެކަން ކުރެވެން އޮތީވެސް ރައްޔިތުންގެ މަޖިލިސް ތުރޫކޮށް. ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް. ރައްޔިތުންގެ މަޖިލީހުގައި މި ދެންނެވި ގޮތަށް، ރައްޔިތުންނަށް، އަޅުގަނޑުމެންނަށް ހެވާއި ލާބަޔަށް އެއްބާރުލުން ދޭނެ މަޖިލީހެއް އޮވެގެން، މިކަހަލަ ކަންކަން ވާން އަންނާނީ.

އެހެންވީމާ، ރައްޔިތުންނަށް އެބަ ލިބޭ ރަނުގެ ވަރަށް ރަނގަޅު ފުރުޞަތެއް. މިކަހަލަ ކަންކަމުގައި ސަރުކާރަށް އެއްބާރުލުންދޭނެ މަޖިލީހެއް ހޮވުމުގެ ފުރުޞަތު ދެއްވުމަށް އަޅުގަނޑު އެދެން. މި ފުރުޞަތު ބޭނުން ހެޔޮގޮތުގައި ހިއްޕެވުން އެދެން.

އާދެ، އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މި ކުރާ މަސައްކަތުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލައްވައި، ރާއްޖެއަށް ކުރިއެރުން ހޯދުމުގައި އަޅުގަނޑުމެންނަށް ހެޔޮ ތައުފީޤު މިންވަރު ކުރެއްވުން. އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.