بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة ُوَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

ފެލިދޫގެ ލޮބުވެތި އެންމެހައި ރައްޔިތުން، މި ރަށުގެ ކައުންސިލްގެ ރައީސް، އަތޮޅު ކައުންސިލްގެ ރައީސް، އެންމެހައި ކައުންސިލަރުންނާއި، ޑަބްލިޔޫ.ޑީ.ސީ.ގެ މެންބަރުންނާއި، ރަށުގެ އިދާރާތަކުގެ ވެރިން، އަދި މިތަނަށް ވަޑައިގެން ތިއްބެވި ހުރިހާ ޢިއްޒަތްތެރިން، އަދި ދުރާއި ގާތުން މި ޖަލްސާ ބައްލަވާ އަދި އަޑުއައްސަވާ ލޮބުވެތި ހުރިހާ ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

އާދެ، އިރުއޮއްސުނުފަހުން އަޅުގަނޑުމެންނަށް މި ރަށަށް އާދެވުނީ. އެހެން ނަމަވެސް، ތިޔަބޭފުޅުން ނުކުމެވަޑައިގެން، ވަރަށް ހޫނު މަރުޙަބާއެއް ވަނީ ވިދާޅުވެފައި. އެކަމަށްޓަކައި އަޅުގަނޑުގެ ހިތުގެ ފުންމިނުން ތިޔަބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ވަރަށް ބޮޑަށް ޝުކުރިއްޔާ. ހަމަ އެއާއެކީގައި، ނިމިގެންދިޔަ އިންތިޚާބުގައިވެސް ތިޔަބޭފުޅުން ވަނީ އަޅުގަނޑަށް ވަރަށްބޮޑު އިތުބާރެއް ކުރައްވައި ތާއީދެއް ދެއްވާފައި. އެކަމަށްޓަކައިވެސް ހުރިހާ ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑު ކެމްޕެއިން ތެރޭގައި ދެންނެވިން ބައެއް ކަންތައްތައް. ވަރަށް މުހިންމު ކަންތައްތަކެއް، ދެންމެ ކައުންސިލްގެ ފަރާތުންވެސް އެ ވިދާޅުވެލެއްވީ. ކައުންސިލްގެ ރައީސް އެ ވިދާޅުވި ގޮތަށް، އެންމެ މުހިންމީ ގެދޮރުވެރިކަމަށް ޙައްލެއް އައުން. ގެދޮރުވެރިކަން އެއީ، މުޅި ރާއްޖޭގައިވެސް އަދި އަމުދުން ބިން ނެތް ތަންތަނުގައި، ބައިބޯވެފައި ހުރި ތަންތަނުގައި، ޕޮޕިއުލޭޝަން ޑެންސިޓީ މަތި ތަންތަނުގައި އެންމެ މުހިންމު ކަންތައް.

އެހެންވީމާ، އަޅުގަނޑުމެން ކަނޑައެޅީ، މި ސަރުކާރުގެ ސިޔާސަތެއްގެ ގޮތުގައި އެންމެ މުހިންމު ސިޔާސަތަކީ، ގެދޮރުވެރިކަމަށް ދާއިމީ ޙައްލެއް ގެނެސްދިނުން ކަމަށް. މި ރަށުގެ މި މައްސަލައަށް ޙައްލެއް ގެންނަންޏާ، ބިމަށް ޖާގަ އިތުރުކުރަންޖެހޭނެ. އެހެންވީމާ، މި އަހަރަށް ބަޖެޓް ފާސްކުރަން، ބަޖެޓުގައި ބައެއް ކަންކަން ހިމަނާލަން މި ނިމިދިޔަ ސަރުކާރުގެ، އޭރު އޮތް ކުރީގެ ސަރުކާރުން ޓްރާންސްޒިޝަން މަރުޙަލާގައި އަޅުގަނޑުމެންނަށް ދިން ކުޑަ ދުވަސްކޮޅުގެ ތެރޭގައި، މި ރަށުގެ ބިން ހިއްކުމާއި އަދިވެސް އަޅުގަނޑު ވަޢުދުވީ ހުރިހާ ކަމެއް ހިމަނާލަން. ވީވަރަކުން އަޅުގަނޑުމެންނަށް ލިބުނު ފުރުޞަތުގެ ބޭނުންކޮށް ފޮނުވީ. ދިހަވަރަކަށް ދުވަހުގެ ތެރޭގައި ޙަޤީޤަތުގައި ބަޖެޓެއް ނެހެދޭނެ. އެހެން ނަމަވެސް، އެވަގުތު އަޅުގަނޑުމެން އެންމެ ގިނަ ޢަދަދެއްގެ މަޝްރޫޢުތައް ހިމެނޭތޯ ބަލައި، މަޖިލީހަށް ވާނީ ފޮނުވާފައި. ނަމަވެސް، އޭރުގެ ފިނޭންސް މިނިސްޓަރ ހުށަހެޅުއްވި ބަޖެޓުގައި، ބަޖެޓް މަރުޙަލާގައި އެ އޮތް އުޞޫލެއްގެ ތެރެއިން އެ ބޭފުޅުން ގެންނަ ބަދަލެއް ގެނެސް، ވަރަށްގިނަ މަޝްރޫޢުތަކުން އަޅުގަނޑުމެން ބޭނުންވާ ކަންތައްތައް ނުކުރެވޭވަރުގެ ކުދިކުދި ޢަދަދުތައް ހިމަނައިގެން ބަޖެޓް ފާސްކުރީ. ދެން އެއީ ކަން ވީގޮތް. މިހާރު އޮތް ބަޖެޓުގެ ޙާލަތު.

ކޮންމެގޮތެއްވިޔަސް، ގިނަ ވަޢުދުތަކެއް ފުއްދުމަށް ބަޖެޓުގައި އަޅުގަނޑުމެން މަޝްރޫޢުތަކެއް ހިމެނިން. މި ރަށުގެ ބިން ހިއްކުން އެބައޮތް ހިމެނިފައި. އެހެން ނަމަވެސް، އޮތީ ވަރަށްކުޑަ ޢަދަދެއްގެ ފައިސާކޮޅެއް ހިމަނާފައި. ކޮންމެގޮތެއްވިޔަސް މިއީ އަޅުގަނޑު ވީ ވަޢުދެއް. އަދި މި ރަށަށް އެންމެ މުހިންމު މައްސަލަ ޙައްލުކުރުމަށް ބޭނުންވާ ބިން މި ހިއްކަން މިޖެހެނީ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެކަމަށް ދޭންޖެހޭ އެންމެ އިސްކަންދީ، އަދި އެންމެ މުހިންމު މައްސަލަ ޙައްލުކުރުމަށްޓަކައި ކުރަންޖެހޭ ކަންތައް ކަމުގައިވާތީ، މި ރަށުގެ ފަޅުތެރެއިން ޖާގަ އޮތް މިންވަރަކުން ހިއްކޭނެ އެންމެ ބޮޑަކަށް، މިހާރު ލޭންޑް ޔޫސް ޕްލޭންގައި ހިމަނާފައި އޮތްވަރަށް އިރާދަކުރެއްވިއްޔާ ހިއްކައިދޭނެ ކަމުގެ ޔަޤީންކަން އަޅުގަނޑު ދެން.

އެހެންވީމާ، ކައުންސިލާއި މިނިސްޓްރީއާ ގުޅިގެން، މި ދެންނެވި މަސައްކަތްތައް ކުރިއަށް ގެންދެވީމާ، އަޅުގަނޑުމެން ބަޔަކު ހޯދައިގެން މަސައްކަތް ފަށާނަން. މި އަހަރުގެ ތެރޭގައި ވީހާވެސް އަވަހަކަށް ބަޖެޓުގެ ތެރެއިން އެ ޖާގަ ލިބިފައި އޮންނަ މިންވަރަކަށް މަޝްރޫޢު ފެށޭ އަވަސްމިން، ލަސްމިން ޙަޤީޤަތުގައި ޑިޕެންޑްވޭ. ބަރޯސާވޭ. އެއީ، އެންމެ ކުރީކޮޅު ފަށައިފީވިއްޔާ، ބައެއްފަހަރު އެޑްވާންސް ޕޭމަންޓްވެސް ނުދެވޭވަރަށް ބަޖެޓުގައި ފައިސާ ޖަހާފައި ހުރިއްޔާ، ދެން މެދުތެރެއިން މަޝްރޫޢު ހުއްޓެނީ. އަދި ބައެއްފަހަރު ހިނގައިވެސްނުގަންނަނީ. އެހެންވީމާ، ބައެއްފަހަރު މަޝްރޫޢުތައް ލަސްކޮށްލަންޖެހޭ. އަހަރުގެ މެދުތެރެއިން، ނޫނީވިއްޔާ އެއަށްވުރެވެސް ތަންކޮޅެއް ލަސްކޮށްލަންޖެހޭ.

ދެވަނަ ކަމަކަށް، އާމްދަނީ ހޯދުމަށްޓަކައި މި ކުރެވޭ މަސައްކަތުން އެ ލިބޭ ކުރިއެރުމަށްވެސް ޑިޕެންޑްވާ ކަމެއް އެއީ. ކޮންމެގޮތެއްވިޔަސް، މި އަހަރުގެ ތެރޭގައި މި މަޝްރޫޢު ކުރިއަށް ގެންގޮސް ނިންމާލުން އަޅުގަނޑުގެ އަމާޒަކީ. އިރާދަކުރެއްވިއްޔާ އެގޮތަށް އެކަން ކޮށްދޭނަން.

ދެން ހަމަ އެއާއެކީގައި، ދެން އުފެދޭ ބިމުގައި، ދެން ކުރިއަށް ގެންދަންޖެހޭ މަސައްކަތްތައް ކުރިއަށް ގެންދާނީ. ހައުސިންގ މައްސަލަ ޙައްލުކުރުމަށްޓަކައި އިރާދަކުރެއްވިއްޔާ މުޅި ރާއްޖޭގައިވެސް މި މައްސަލައަށް އެންމެ އިސްކަމެއް އަޅުގަނޑުމެން ދޭނަން.

އެހެންވީމާ، މި އަހަރުގެ ތެރޭގައި އަޅުގަނޑުމެންގެ އުންމީދަކީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި، ގެދޮރުވެރިކަމުގެ ޢަމަލީ މަސައްކަތްތައް ފެށިގެންދިޔުން. އަދި އެގޮތަށް އިރާދަކުރެއްވިއްޔާ ފެށޭނެ. ޢަމަލީ ހައުސިންގ މަޝްރޫޢުތައް އެކި ރަށްރަށުގައި، އެކިގޮތަށް ގެންދަން. އެކި ރައްޔިތުން ބޭނުންވަނީ. ބައެއް ރައްޔިތުން އެބަ ބޭނުންވޭ، އަމިއްލަ ގޯތީގައި ގެ ނޭޅިފައި ހުރީމާ އެގޮތަށް ގެ އަޅައިދޭން. އަނެއްބައި ރަށްތަކުގައި، ވަކި ސަރަޙައްދެއް ލޭންޑް ޔޫސް ޕްލޭންގައި ކަނޑައަޅާފައި، އެތަނުގައި ފުލެޓް އިމާރާތް އަޅަން. ނޫނީވިއްޔާ ރޯހައުސް އަޅަން. ނޫނީވިއްޔާ ސިންގަލް ސްޓޯރީ އިމާރާތް އަޅަން. ކޮންމެގޮތެއްވިޔަސް، އިރާދަކުރެއްވިއްޔާ ހައުސިންގ މަޝްރޫޢުތަކެއް މި އަހަރު ފެށިގެންދާނެ އެކި ކަންކޮޅުތަކުގައި. އެކަމަށްޓަކައި ވަރަށްގިނަ މަސައްކަތްތަކެއް އަޅުގަނޑުމެން މިކުރަނީ.

ހަމަ އެއާއެކީގައި، ކުދި ލުއި ލޯނުގެ ވާހަކަ މި ދަންނަވަނީ، ފަސް ޕަސެންޓް އެއީ، އެންމެމަތީ ޢަދަދު. ފަސް ޕަސެންޓަށްވުރެ އިންޓްރެސްޓް ރޭޓް ބޮޑުނުވާނެ. އަތްފޯރާފަށުގެ ހައުސިންގ، ސޯޝަލް ހައުސިންގ ލޯން ސްކީމްތަކެއް ތަޢާރުފް ކުރަން ވާނީ ނިންމާފައި. އެއީ، އަޅުގަނޑު ވީ މައިގަނޑު އެއް ވަޢުދު. އަދި އެކަމަށްޓަކައި ވަރަށްގިނަ މަސައްކަތްތަކެއް މިހާރު އެބަ ހިނގާ. ވަރަށް އުންމީދު ކުރަން، ވަރަށް އަވަހަށް އަޅުގަނޑުމެންނަށް އެކަމުގެ ހުރިހާ މަސައްކަތްތަކެއް ނިންމާލައި، ލޯނުތައް ދޫކުރުމަށްޓަކައި ފުރުޞަތު ހުޅުވައިލެވޭނެ ކަމަށް. އޭރުންވެސް އަމިއްލައަށް ގޭގައި ގެދޮރުއެޅުމުގެ މަސައްކަތްތަކަށް ފުރުޞަތުތައް ލިބިގެންދާނެ. އެހެންވީމާ، ގެދޮރުވެރިކަމުގެ މައްސަލައަށް ޙައްލު ގެނައުމަކީ، ހަމަ މި ރަށަށްވެސް ދެންހުރި މިކަހަލަ ހުރިހާ ރަށެއްގައިވެސް އެންމެ އިސްކަން ލިބިގެންދާނެ ކަންތައް.

ހަމަ މިއާއެކީގައި، ދެންހުރި އެތައް މަސައްކަތްތައް އެބަހުރި ކުރަން. މި ރަށަށް ބަލައިފިއްޔާ، ސްކޫލްގެ ވާހަކަ ދެންމެ ފާހަގަކުރެވުނު. ސްކޫލް އިމާރާތް ކުރުމަކީ މި ރަށަށް ވަރަށް މުހިންމު ކަމަކަށްވޭ. އަދި ބަޖެޓުގައިވެސް ކޮންމެވެސްވަރަކަށް އަޅުގަނޑުމެންނަށް އެ ފުރުޞަތު އެވަނީ ހޯދިފައި. މި ސްކޫލް އިމާރާތް ކުރުމަށްޓަކައި އަޅުގަނޑުމެން ހިމަނާފައިވާނީ މަލްޓި ސްޓޯރީކޮށް، ބިމުން ވީހާވެސް ޖާގަ ނުގެއްލޭ ގޮތަށް. އެހެން ނަމަވެސް، ބޭނުންވާ ކެޕޭސިޓީ ލިބޭވަރަށް އިމާރާތެއް އަޅަން. މަލްޓި-ޕަރޕަސް ހޯލާއި، ކްލާސްރޫމްތަކާއި، ދެންވެސް ބޭނުންވާ ކަންކަން ހިމެނޭގޮތަށް، ހަތަރުވަރަކަށް ބުރީގެ އިމާރާތެއް އެންމެ ކުޑަމިނުން އެޅެންވާނެ ކަމަށް އަޅުގަނޑުމެން ގަސްދުކޮށް، އެވަރަށް ބަޖެޓުގައި ހިމެނޭތޯ ބެލީ. އެހެންވީމާ، އެ މަޝްރޫޢު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި އަހަރު ކުރިއަށް ގެންގޮސްދޭނެކަން ހަމަ ދަންނަވާލަން.

އާދެ، ހަމަ އެއާއެކީގައި، ކުޅިވަރުގެ ދާއިރާއަކީވެސް ހަމަ ވަރަށް މުހިންމު ދާއިރާއެއް، މި ރަށާއި މި އަތޮޅަށް. ސްޕޯޓްސް ކޮމްޕްލެކްސްއެއް، އެކިކަހަލަ ކުޅިވަރު ކުޅެވޭ ސްޕޯޓްސް ކޮމްޕްލެކްސްއެއް އެޅުމަކީ އަޅުގަނޑު ވީ ވަޢުދެއް. އަދި އެއާ އެކީގައި، ވޮލީ ކުޅުމަކީ މި އަތޮޅުން ވަރަށް ބޮޑަށް އިސްކަމެއް ދޭ، މި އަތޮޅަށް، މި ރަށަށް ވަރަށް ޚާއްޞަ ކުޅިވަރެއް. އެހެންވީމާ، އެކަމަށްޓަކައި މިހާރު ސްޕޯޓްސް މިނިސްޓްރީން އެބަ މަސައްކަތްތަކެއް ކުރިއަށް ގެންދަވާ. އެހެންވީމާ، ބައްލަވާ، އިރާދަކުރެއްވިއްޔާ އެކަންވެސް ހަމަ އަޅުގަނޑުމެން ކަނޑައަޅާފައި އޮތް ގޮތަށް ކުރިއަށްދާނޭ ކަމަށް.

ދެން ހޮސްޕިޓަލްގެ ފެންވަރު ރަނގަޅު ކުރުން. ހޮސްޕިޓަލްގެ ފެންވަރު ރަނގަޅު ކުރުމަށް، ހެލްތް މިނިސްޓަރވެސް އެ ކައުންސިލް ބައްދަލުވުމުގައި އިންނެވި. އެ ވާހަކަ ދެކެވިފައި ވަނީ. އެހެންވީމާ، އަޅުގަނޑުމެން ދެން ބަލާނީ ވީހާވެސް އަވަހަކަށް މިހާރުން މިހާރަށްވެސް ކަންތައްތައް ރަނގަޅު ކުރަން ފެށޭތޯ. މިހާރުން މިހާރަށްވެސް ކުރެވޭނެ ކަންކަން ހުންނާނެ. އެއީ، އެކިކަހަލަ ވަސީލަތްތައް ޤާއިމުކޮށްދިނުމާއި، އެކިކަހަލަ ކެޕޭސިޓީ އިތުރުކުރުމަށް ކުރެވޭނެ ކަންތައްތައް. ޑޮކްޓަރުންނާއި، ނަރުހުންނާ، ދެން މިހެންގޮސް ހޮސްޕިޓަލަށް ބޭނުންވާނެ ހުރިހާ ކަންތައްތަކެއް ރަނގަޅު ކުރުމަށްޓަކައި ވަރަށްބޮޑު އިސްކަމެއްދީގެން މަސައްކަތްތައް ވަގުތުން ފަށަން ނިންމައި، އެ ކަންތައް އެބަ ކުރިއަށް ގެންދަން. މިރެއިން ފެށިގެން އަޅުގަނޑުމެންގެ މިނިސްޓަރ އެ މަސައްކަތް ފަށްޓަވާނެ.

އެހެންވީމާ، ކުރިއަށް އޮތް ދުވަސްތަކުގައި، އިރާދަކުރެއްވިއްޔާ މި ހޮސްޕިޓަލުން ފެންނާނީ ކުރިއެރުންތައް އަންނަ ތަން. ވީހާވެސް ބާރުމިނެއްގައި ގެންދަން އަޅުގަނޑުމެން މަސައްކަތް ކުރާނަން. އެހެންވީމާ، އެކަމުގެ ޔަޤީންކަން ދޭން ދަންނަވާލަން އަޅުގަނޑު ހަމަ ވިސްނީ.

އާދެ، މިގޮތަށް ހުރި ޢުމްރާނީ ތަރައްޤީގެ ގިނަ ކަންތައްތައް މިހިރީ ކުރަން ޖެހިފައި. ރަށް ގިރުމުގެ މައްސަލަ ޙައްލުކުރަންޖެހޭ. އަދި މިކަހަލަ އެހެނިހެން މަސައްކަތްތައް އެހެރީ ކުރަން ޖެހިފައި. އެހެންވީމާ، އިރާދަކުރެއްވިއްޔާ މި މަސައްކަތްތައް މިގޮތުގައި އަޅުގަނޑުމެން ކުރިއަށް ގެންދާނަން. ދެންމެ މި ދެންނެވި ގޮތަށް، އަހަރުތެރެއަށް ބަހާލައިގެން އެކި މަޝްރޫޢުތައް ކުރިއަށް ގެންދާނީ. އެ ޔަޤީންކަން އަޅުގަނޑު ދޭން ބޭނުންވޭ، މި ރަށުގެ ރައްޔިތުންނަށްވެސް. އަދި ހުރިހާ ރަށެއްގެ ރައްޔިތުންނަށްވެސް.

އަޅުގަނޑުމެންގެ މި މަސައްކަތްތަކުގައި މިކަންކަމުގައި ހުރި އުނދަގޫތަކާއި ދަތިތައް ކައުންސިލްތަކާ ބައްދަލުވީމަ މި އެނގެނީ. މާލޭގައި އެކިކަހަލަ ބައްދަލުވުންތައް ބާއްވައިގެން، ނޫނީވިއްޔާ ކައުންސިލްތައް މާލެ ގެނެސްގެން، މިހެން ކުރިއަށް ގެންދިޔައިމަ، ޙަޤީޤަތުގައި އެ ބޭނުންވާ ނަތީޖާއެއް ނުއެއްނެރެވޭ އަވަސްމިނުގައެއް. އަޅުގަނޑު ބޭނުންވަނީ އަވަހަށް މަސައްކަތް ކުރަން. ނަތީޖާ ނެރުން. ނަތީޖާ ނެރުމަކީ އަޅުގަނޑު ވީ ވަޢުދު. ރިޒަލްޓް އޮރިއެންޓަޑް ސަރުކާރެކޭ ޤާއިމުކުރަން ބޭނުންވަނީ، އަޅުގަނޑު ދެންނެވީ. ރައްޔިތުން ބޭނުންވަނީ ކަންކަން ވާން. ނަތީޖާ ނުކުންނަން. އެ ބޭނުންވާ ކަން ވާން.

އެހެންވީމާ، އަވަހަށް ކުރަން ބޭނުންވަންޏާ، އަޅުގަނޑު ގަސްދުކުރީ ރަށްރަށަށް ގޮސް، ކައުންސިލްތަކާ އެކީގައި އިށީނދެގެން ކަންކަން ޙައްލުކުރެވޭތޯ ބެލުމަށް. ޙަޤީޤަތުގައިވެސް މިދިޔަ މަސްދުވަހުގެ ތެރޭގައި، 138 ކައުންސިލާ މިހާރު މި ބައްދަލުވީ މިރެޔާ ހަމަޔަށް. މިވަގުތާ ހަމަޔަށް. ބައްދަލުވިއިރުގައި، އަޅުގަނޑަށް ވަރަށް ފަސޭހަވެގެން ހިނގައްޖެ. އަދި ބައެއް މިނިސްޓަރުންނާ އެކީގައި އެކި ދަތުރުތައް މިކުރަނީ. ވަގުތުން ކަންކަމަށް ކައުންސިލްތަކަށް އެބަ ޖަވާބުދެވޭ. ބައެއް ކުންފުނިތަކުގެ ވެރިން އެބަ ބައިވެރިކުރެވޭ. ކަންކަން އަވަސްކުރެވިގެން އެބަދޭ. އަޅުގަނޑު ގަބޫލުކުރަނީ ކައުންސިލްތަކުންވެސް އެކަން އެޕްރިޝިއޭޓް ކުރައްވާނެ ކަމަށް.

އެހެންވީމާ، ކުރިއަށް އޮތް ދުވަސްތަކުގައި، މި ބައްދަލުވުންތަކުގެ އަލީގައި ވަރަށް ބާރުމިނުގައި އަޅުގަނޑުމެން މަސައްކަތްތައް ކުރިއަށް ގެންދާނަން. ކައުންސިލްގެ މިދިޔަ 138 ބައްދަލުވުމުގައި، ހުރިހާ މަޢުލޫމާތެއް އަޅުގަނޑުމެން ލިޔުނިން. ނޯޓްކުރަން. އަދި އޭގެ ފޮލޯއަޕް އެބަ ހަދަން. ރައީސް އޮފީހުން މިހާރު ވާނީ، މި ދަތުރު ފިޔަވައި ދެން ނިމުނު ހުރިހާ ދަތުރެއްގެ މަސައްކަތްތައް ފަށާފައި. މިހާރު ވާނީ ކަމާގުޅޭ އެ ކައުންސިލްތަކުން ހުށަހެޅި ހުރިހާ ކަމެއް، އެކަމާ ގުޅޭ މިނިސްޓްރީތަކަށާއި ކުންފުނިތަކަށް އެކަންކަން ކުރިއަށް ގެންދިޔުމުގައި، އަވަސްކުރުމުގައި، ޙައްލުކުރުމުގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަން އެންގިފައި. ރައީސް އޮފީހުގައި ޤާއިމުކޮށްފައި އޮންނާނެ، އެކަމަށްޓަކައި އަޕްޑޭޓް ކުރާ ޕޯޓަލްއެއް. އެއަށް މަޢުލޫމާތުތައް އަޕްޑޭޓް ކުރަންވެސް ވާނީ ދަންނަވާފައި. އޭރުން އެކަންކަން ދާގޮތް އެނގޭނެ. އިރާދަކުރެއްވިއްޔާ އަވަސްމިނުގައި މަސައްކަތްތައް ދާތަން ފެންނާނެ.

އަޅުގަނޑު ބޭނުންވީ، ވީހާވެސް އަވަހަށް ހުރިހާ ރަށެއްގެ ރައްޔިތުންގެ ހާލު، ޢަމަލީގޮތުން ބަލާފައި އަވަހަށް މަސައްކަތްތައް ފަށަން. އޭރުން މި އަހަރުގެ ތެރޭގައި، ގިނަ ކަންތައްތަކެއް އިރާދަކުރެއްވިއްޔާ ޙައްލުވެގެން ދާނެ.

މި ހުންނަނީކީ ކޮންމެހެން މާބޮޑެތި މެގަ ސްކޭލް މަޝްރޫޢުތަކެއް ނޫން، ގިނަ ރަށްތަކުގައި ކުރާކަށެއް. ކުދިކުދި އެހެން ނަމަވެސް، ޒަރޫރީ ކަންތައްތައް. ސްކޫލްގެ ކްލާސްރޫމް އިތުރުކުރުން، ޖާގަ އިތުރުކުރުން، ހެލްތު ސެންޓަރުގެ ލެބް ޤާއިމުކޮށްދިނުން، ނޫނީވިއްޔާ ޖާގަ އިތުރުކޮށްދިނުން. އެކިކަހަލަ ކުޅިވަރު ދަނޑުތައް އަޅައިދިނުން. އަޅާފައި ހުރި ދަނޑެއްގައި ވިއްޔާ ލައިޓް ހަރުކުރުން. ކުދިކުދި ކަންތައްތައް ޙަޤީޤަތުގައި ނިސްބަތުން، ސަރުކާރަކާ ބަލާފައި. ސަރަޙައްދީ ތަރައްޤީގެ ވިސްނުމުގައި އަޅުގަނޑުމެން ކުރިއަށް ގެންދަން ބަލާއިރު، ބައެއް ރަށްރަށުގައި އެބަހުރި ވަރަށް ބޮޑެތި މަސައްކަތް. ބައެއް ރަށްރަށުގައި ހުންނާނެ ބޮޑެތި ކަންތައްތައް. އެހެން ނޫނީވިއްޔާ ދެން މި ހުންނަނީ ނުނިމި ހުރި ބައެއް މަޝްރޫޢުތައް ނިންމާލަން ކުރަންޖެހޭ މަސައްކަތް. ނަރުދަމާ 90 ޕަސެންޓް ނިމިފައި، 90 ޕަސެންޓް ނިމިފައި ހުއްޓިފައި ހުރި ރަށްތައް އެބަހުރި ވަރަށް ގިނައިން.

އެހެންވީމާ، މިހެންހުރި ކަންކަން އަޅުގަނޑު ބޭނުންވަނީ ކުރީ ބައިގައި އެނގިފައި، އަވަހަށް މަސައްކަތަށް އެޓެންޑްވާން ފަށަން. އެ މަސައްކަތް މިހާރު އިރާދަކުރެއްވިއްޔާ ބާރުމިނުގައި މިދަނީ ފެށިގެން. އިރާދަކުރެއްވިއްޔާ އަޅުގަނޑަށް ހަމަ ޔަޤީންކަން އެބައޮތް، ކުރިއަށް އޮތް ހަފްތާތަކުން، މަސްތަކުން ފެންނާނެ، އެކަންކަން ނިމި، ޙައްލުކުރެވި، ރައްޔިތުންނަށް އޭގެ ފަސޭހަތައް ލިބިގެންދާ ތަން.

އެހެންވީމާ، މި މަސައްކަތް މިގޮތުގައި ކުރިއަށް ގެންދެވޭއިރުގައި، ރައްޔިތުން ތިޔަ ދެއްވާ އެއްބާރުލެއްވުމަށް އަޅުގަނޑު ހަމަ ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ކައުންސިލްތަކުން އެ ދެއްވާ އެއްބާރުލުމަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ޙަޤީޤަތުގައިވެސް ކައުންސިލްތަކުން މިކަންކަމުގައި ވަރަށް ބޮޑަށް އެހީތެރިކަން އެބަ ދެއްވާ. ރައްޔިތުންގެ ފަރާތުން އެ އަދާކުރައްވަންޖެހޭ ޒިންމާ އެބަ އަދާކުރައްވާ ކައުންސިލްތަކުން އަދި ޑަބްލިޔޫ.ޑީ.ސީ.ތަކުންވެސް. 138 ޑަބްލިޔޫ.ޑީ.ސީ.އާވެސް ބައްދަލުވެވިއްޖެ މިރެޔާ ހަމަޔަށް، މިވަގުތާ ހަމަޔަށް. އަދި މިރޭ އެބައޮތް، އިތުރު ތިން ކައުންސިލާ ބައްދަލުކުރުން.

އެހެންވީމާ، ރައްޔިތުން ރެޕްރެޒެންޓް ކުރާ މި ހުރިހާ ފަރާތްތަކުން މިގޮތަށް ކަންތައްތައް ކިޔައިދީގެން، ކަންކަން ހާސިލުވެގެން ދިޔައިމަ، ރައްޔިތުންނަށް އެކަންކަން ވެގެންދާ ކަމުގެ އިޙްސާސް ވާނެ. އޯނަރޝިޕް ނެގިގެންދާނެ. އެއީ، އަޅުގަނޑު ގަބޫލުކުރާ އުޞޫލަކީ. އެގޮތަށް ކަންކަން ވެގެންދިޔައިމަ، ރައްޔިތުންނަށް އޭގެ ހެވާއި ލާބަ ލިބިގެންދާނެ.

އާދެ، ކުރިއަށް އޮތް ދުވަސްތަކުގައި، މިގޮތަށް ކުރެވޭ މަސައްކަތަށް އަދި މުޅި ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކަށް، މުޅި ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީއަށްޓަކައި ކުރެވޭ ޢުމްރާނީ ތަރައްޤީގެ މަސައްކަތްތަކުގެ ހެވާއި ލާބަ އިރާދަކުރެއްވިއްޔާ ފެނިގެންދާނެ. މިހާރު މި ކުރިއަށް ގެންދެވޭ ބޮޑެތި އިންވެސްޓްމަންޓްތައް ގެނައުމުގެ މަސައްކަތްތަކުންވެސް އަޅުގަނޑުމެން ގަބޫލުކުރަނީ ވަރަށް އަވަހަށް ޢަމަލީ ސިފަ ފެންނަން ފަށާނެ ކަމަށް. ރާއްޖޭގައި ދެމެހެއްޓެނިވި އިޢާދަކުރަނިވި ރިނިއުބަލް އެނަރޖީގެ މަޝްރޫޢުތައް ފެށުމަށްޓަކައިވެސް ވަރަށް ގިނަ މަސައްކަތް މި ކުރެވެނީ އެހެންވެގެން. މިކަހަލަ ސްކޫލްތައް އެބަ އޭ.ސީ. ކުރެވެންޖެހޭ. ހުރިހާ ދަރިވަރުން އެ ވާހަކަ އެބަ ދައްކާ. އަޅުގަނޑު ދާ ކޮންމެ ރަށެއްގައިހެން ތުއްތުކުދިންނާ އަޅުގަނޑު ސަލާންކުރާއިރު، އެ ވާހަކަ ސަފުގައި ތިބެ އެބަ ބުނޭ. ތިމަންނަމެން ގޭގައި އޭ.ސީ. ހުރެޔޭ. ސިޓިންގރޫމްގައި އޭ.ސީ. ހުރެޔޭ. ބަދިގޭގައި އޭ.ސީ. ހުރެޔޭ. އެކަމަކު ސްކޫލަކު ނުހުރެޔޭ އޭ.ސީ.އެއް. ޙަޤީޤަތުގައިވެސް މިއީ އަޅުގަނޑު ހަދަހަދައިގެން ދައްކާ ވާހަކައެއް ނޫން. އެއް ރަށަކުން ކުއްޖަކު އަޅުގަނޑު އަތަށް ދިން، މިވަރު ކުޑަކުޑަ ގަނޑުކޮޅެއްގައި، ޗާޓް ކުރަހާފައި ސްކޫލްގެ ހޯލް، ކްލާސްރޫމްގައި އޭ.ސީ. ހަރުކުރަންވީ ތަނަށް ދަންދެން ދައްކާފައި އޮތީ. މަތީގައި ޖަހާލާފައި އޮތީ، މިކަން ކޮށްދޭށޭ ކިޔާފައި، ވަރަށް ޕޮލައިޓްކޮށް ލިޔެލާފައި އޮތީ އިނގިރޭސި ބަހުން. އެ ހާލުގައި ކުދިން އުޅެމުން އެދަނީ.

އެހެންވީމާ، އަޅުގަނޑު ރޭގައި އިޢުލާނު ކުރިން، މި އަންނަ އަހަރު އެވަރުގެ ބޮޑު މަޝްރޫޢެއް ފެށޭނެ ކަމަށް. މި އަހަރުގެ ބަޖެޓުގައި ނެތީމަ. ކޮންމެގޮތެއްވިޔަސް، އޭ.ސީ. ކުރެވިދާނެ. އެކަމަކު ކޮންމެ މަހަކު ބިލް އަންނާނެ. ދެމެހެއްޓެނިވި ކަމަކަށް ވާނީ، ސޯލަރ ޕަވަރއަށް ދިޔުން. ރިނިއުބަލް އެނަރޖީއަށް ދިޔުން. އެހެންވީމާ، މުޅި ރާއްޖޭގެ ހުރިހާ ސްކޫލްތަކެއް، މި ދެންނެވި ގޮތަށް ރިނިއުބަލް އެނަރޖީ މެކޭނިޒަމަށް ގޮސް، އޭ.ސީ. ކުރެވި، ފިނިކުރެވޭނެ ނިޒާމަށް އަޅުގަނޑުމެން ބަދަލުކުރުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ މި އަންނަ އަހަރު އަޅުގަނޑުމެން ކުރިއަށް ގެންދާނަން. އޭރުން ކުދިންނަށް ފަސޭހަވާނެ. ދެން ބައެއް ސްކޫލްތަކުގައި، ބައެއް ކުދިން، ބައެއް ޓީޗަރުން އެބަ ބޭނުންވޭ، އޭ.ސީ.ނުކޮށް ބަހައްޓަންވެސް. އެއީ، އޮޕްޝަން ދޭނަން. ކޮންމެހެން މަޖުބޫރެއް ނުކުރާނަން. މަޖުބޫރެއް ނުވާނެ އެކަން ކުރާކަށް. އެކަން ކުރަން ބޭނުންވާ ސްކޫލްތަކުގައި އެކަމަށްޓަކައި އަޅުގަނޑުމެން މަގުފަހިކޮށްދޭނަން. އެހެންވީމާ، މިކަހަލަ މަސައްކަތްތައް މި ކުރެވިގެން މިދަނީ.

ދެން އެންމެ ގިނައިން ކުދިން ދައްކާ ވާހަކައަކީ ޕާކް އަޅައިދޭށޭ. ޕާކް އަޅައިދޭންވެސް ހަމަ އެބަ ލިބޭ ޗާޓު އެއްޗެހި ކުރަހާލާފައި. އެހެންވީމާ، ޕާކްތައް އެޅުމަކީ އަޅުގަނޑު މެނިފެސްޓޯގައިވެސް ހިމަނާފައި އޮތް ކަމެއް. ކުޑަކުދިންގެ ޕާކް ހެދުން. އެކި ރަށްތަކުގައި ހެދޭނީ އެކިވަރުގެ ޕާކް. އެކަމަށްޓަކައި މިހާރު އެކި ކޮންސެޕްޓްތައް އެބަ ތައްޔާރުކުރަން. އެކި ސްޓޭންޑަޑް ކޮންސެޕްޓްތައް އެބަ ހަދަން. ކައުންސިލްތަކާ ޙިއްޞާ ކުރެވިގެންދާނެ. ދެން އެއަށް އަޅުގަނޑުމެންނަށް މިހާރުވެސް ކޮންމެވެސްވަރަކަށް މެޓީރިއަލް އެބަހުރި ހޯދިފައި. މެޓީރިއަލް ހޯދައި، ރަށްރަށަށް ކައުންސިލްތަކާ ޙިއްޞާކުރާނެ. ދެން ސަރުކާރުގެ ކުންފުންޏަކުން، ނޫނީވިއްޔާ އެ ރަށެއްގައި އެކަން ކުރެވޭވަރުގެ ކުންފުންޏެއް އޮތިއްޔާ އެ ކުންފުނި މެދުވެރިކޮށް ޕާކް ހެދުމުގެ މަސައްކަތް ކުރިއަށް ގެންދާނީ.

ދެން އެންމެ ގިނައިން އަންނަ ކަމަކީ ޑަބްލިޔޫ.ޑީ.ސީ.ތަކުން ޚާއްޞަކޮށް، ހޭންޑްބޯލް ކޯޓު އަޅައިދޭން. އިރާދަކުރެއްވިއްޔާ މި އަންނަ އަހަރު އޭގެ މަޝްރޫޢެއް ކުރިއަށް ގެންދަން ގަސްދުކުރަނީ. އެއީ، އެއްފަހަރާ އަޅުގަނޑު ބޭނުންވަނީ މިކަހަލަ ކަންތައް ކުރަން. އެއްފަހަރާ ގިނަ ރަށްތަކެއްގައި މިކަހަލަ އެއްވައްތަރެއްގެ އިމާރާތް، ނޫނީވިއްޔާ ކޯޓު ކަހަލަ ކަންކަން ކުރުމަކީ، ކޮސްޓް އިފެކްޓިވް ވާނެ ކަމެއް. އެހެންވެގެން ކައުންސިލް އިމާރާތްތަކެއްވެސް މި އަހަރު އެއްފަހަރާ 50 ރަށެއްގައި ފަށަން ގަސްދުކުރީ. އެއީ، އެ 50 އިމާރާތަށް ބޭނުންވާ ތަކެތި އެއްފަހަރާ އަޅުގަނޑުމެން ޕްރޮކިއޮ ކޮށްފިއްޔާ، އެ ލިބޭ ސޭވިންގއެއް އޮންނާނެ. އެހެންވީމާ، ކަނބަލުންގެ އެކިކަހަލަ ކުޅިވަރުތަކަށް ބޭނުންވާ ވަސީލަތްތައްވެސް އިރާދަކުރެއްވިއްޔާ މި އަންނަ އަހަރުގެ ތެރޭގައި، ގިނަ ރަށްތަކެއްގައި ފަށަން ގަސްދުކުރަން. މި އަހަރުވެސް ބަޖެޓުގައި އޮތް މިންވަރަކުން ކުރިއަށްދާނީ.

އެހެންވީމާ، މިއީ އަޅުގަނޑު ކުރިއަށް ގެންދަން ކަންކަން ގަސްދުކުރާ އުޞޫލު. ނޫނީވިއްޔާ ވިސްނާގޮތް ހަމަ ޙިއްޞާކޮށްލީ. އަޅުގަނޑު އެދެނީ ރައްޔިތުންގެ ކިބައިން މިކަންކަމުގައި ހަމަ ޝާމިލްވެލައްވަން. އެހީތެރިކަން ދެއްވަން. އެއްބާރުލުން ދެއްވަން. އެއްބާރުލުން ދެއްވޭނެ އެކި ގޮތްގޮތް ހުންނާނެ. އިންތިޚާބުތައް އަންނައިރު އިންތިޚާބުތަކުގައި. އަޅުގަނޑުމެންނާ އެއް ވިސްނުމެއްގައި އެހީތެރިކަން ދޭނެކަހަލަ ބޭފުޅުން ހޮއްވެވުން އެއީ، ވަރަށް މުހިންމު ކަމެއް. އަދި ދެންވެސް ހުންނާނެ އެހީތެރިކަން ދެއްވޭނެ ގޮތް. އެ ވާހަކަ ދަންނަވާލަން އަޅުގަނޑު ގަސްދުކުރީ.

އާދެ، އަދިވެސް އެއްފަހަރު، ފެލިދޫގެ ލޮބުވެތި ހުރިހާ ރައްޔިތުންނަށް އަދި މިތަނަށް ވަޑައިގެން ތިއްބެވި ދާއިރާގެ އެހެނިހެން ރަށްތަކުގެ ބޭފުޅުންނަށްވެސް، ކައުންސިލަރުންނަށްވެސް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތްތަކުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް މިންވަރު ކުރެއްވުން. އަޅުގަނޑުމެންގެ ޤައުމަށް އަދަށްވުރެ ފެހި، ފާގަތި މާދަމައެއް މިންވަރު ކުރެއްވުން. އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.