ޒެންޒިބާރުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް، ޕަންޑު އަމީރު ކިފިޗޯ، ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދުގެ އަރިހަށް މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިބައްދަލުކޮށްލެއްވުމުގައި، ޒެންޒިބާރާއި ރާއްޖެއާ ދެޤައުމުގެ ދެމެދު ގާތް ގުޅުމެއް ޤާއިމުކުރެއްވުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. އަދި ރާއްޖެއަކީ ފަތުރުވެރިކަމުގެ ދާއިރާއިން ކުރިއަރާފައިވާ ޤައުމަކަށްވުމާއެކު، ރާއްޖޭގެ ފަތުރުވެރިކަން ކުރަމުންދާގޮތް ނަމޫނާއަކަށް ބަލައިގެން، ޒެންޒިބާރުގެ ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ފުޅާކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުން ޒެންޒިބާރުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ވާހަކަފުޅު ދެއްކެވިއެވެ.

މީގެއިތުރުން، ދެޤައުމުގެ ސިޔާސީ އަދި އިޤްތިޞާދީ ޙާލަތާބެހޭގޮތުންނާއި މިޙާލަތު އިތުރަށް ރަނގަޅުކުރުމަށް އެޅެންހުރި ފިޔަވަޅުތަކާ ބެހޭގޮތުންވެސް ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގެންނެވިއެވެ.