ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ އަރިހަށް، އިޓަލީވިލާތު ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މިސްޓަރ ޕިއޯ މަރިއާނީ، މިއަދު ވަދާޢީ ޒިޔާރަތް ކުރައްވައިފިއެވެ.
މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އިޓަލީވިލާތު ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަޤާމުގައި ހުންނަވައިގެން ރާއްޖެއަށް ކޮށްދެއްވި އަގުހުރި ޚިދުމަތްތައް ފާހަގަކުރައްވައި، މި ޚިދުމަތްތަކަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖެއަށް ޑިމޮކްރަސީ ގެނައުމުގައި މިސްޓަރ މަރިއާނީގެ ފަރާތްޕުޅުން ދިވެހިރާއްޖެއަށް ވަރަށް ބޮޑަށް އެހީތެރިކަން ލިބުނުކަމަށް ވިދާޅުވެ، ސަފީރަށް ޝުކުރު އަދާކުރެއްވިއެވެ. އަދި، ރާއްޖޭގެ އިޤްތިޞާދީ ޙާލަތާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން، އިޤްތިޞާދު ރަނގަޅު ކުރެއްވުމަށް ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކާ ބެހޭގޮތުން ސަފީރަށް މަޢްލޫމާތު ދެއްވިއެވެ. މީގެއިތުރުން، ފ.މަގޫދޫގައި ޤާއިމުކޮށްފައިވާ ޔުނިވަރސިޓީ އޮފް މިލާނޯ-ބިކޯކާގެ އައުޓް ޕޯސްޓާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ޚިޔާލުފުޅުތައްވެސް ޙިއްޞާކުރެއްވިއެވެ.
މިސްޓަރ މަރިއާނީ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި ޑިމޮކްރެޓިކް އުޞޫލުތައް ދެމެހެއްޓެވުމަށް ރައީސް ނަޝީދު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ތަހުނިޔާ ވިދާޅުވިއެވެ. އަދި މިމަސައްކަތް ކުރިއަށް ގެންދެވުމަށް ހިތްވަރުދެއްވައި، މިކަމުގައި އެމަނިކުފާނުގެ ޚިޔާލުފުޅުތައް ރައީސް އަރިހުގައި ދެންނެވިއެވެ.