ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ޔޫ.އެން.ޑީ.ޕީ.ގެ އޭޝިޔާ ޕެސިފިކް ސަރަޙައްދުގެ ޑެޕިއުޓީ ރީޖަނަލް ޑިރެކްޓަރ މިޒް ލިޖިއާ އެލިޒޮންޑޯއާ ބައްދަލުކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މިބައްދަލުކުރެއްވުމުގައި، ޔޫ.އެން.ޑީ.ޕީ.އިން ރާއްޖޭގައި ހިންގަވާ ޕްރޮގްރާމްތަކާއި، އަދި ކުރިއަށްއޮތްތާނގައި ހިންގެވުމަށް ރާއްވަވާފައިވާ ޕްރޮގްރާމްތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި ޔޫ.އެން.ޑީ.ޕީ.ގެ ޑެޕިއުޓީ ރީޖަނަލް ޑިރެކްޓަރ މަޝްވަރާ ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ތަރައްޤީގެ މަޝްރޫޢުތައް ހިންގެވުމުގައި ހުރި މައްސަލަތަކުގެ ސަބަބުން، އެމަޝްރޫޢުތައް ފުރިހަމަވެ ނިމުން ލަސްވަމުން ދާކަން ފާހަގަކުރައްވައި، ޕްރޮޖެކްޓް މެނެޖްމަންޓް ހަރުދަނާ ކުރެއްވުމަށް ޔޫ.އެން.ޑީ.ޕީ.ގެ ފަންނީ އެހީތެރިކަމަށް އެދިވަޑައިގެންނެވިއެވެ. އަދި ތަރައްޤީގެ މަޝްރޫޢުތައް ހިނގާ ނުހިނގާ ގޮތް ބެއްލެވުމުގެ މަސައްކަތް ކުރެއްވުމަށް ސެންޓްރަލް ޕްރޮޖެކްޓް މެނެޖްމަންޓް އޮފީހެއް ޤާއިމު ކުރެއްވުމުގެ މުހިންމު ކަމުގެ މައްޗަށް ރައީސް ވާހަކަފުޅު ދެއްކެވިއެވެ.

ރާއްޖޭގައި ހިނގަމުންދާ އަދި ހިންގުމަށް ރޭވިފައިވާ ތަރައްޤީގެ މަޝްރޫޢުތައް ހިނގާ ނުހިނގާ ގޮތް ބަލައި މޮނިޓަރކޮށް، އެ މަޝްރޫޢުތަކުގެ އެންމެ ފުރިހަމަ ފައިދާ ރައްޔިތުންނަށް ލިބިގެންދާނެ ގޮތަކަށް އެމަޝްރޫޢުތައް ހިންގުމުގެ ބޭނުންތެރިކަމުގެ މައްޗަށްވެސް މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވިއެވެ. މީގެ އިތުރުން، ލާމަރުކަޒީ އުޞޫލުން ރާއްޖޭގެ އަތޮޅުތައް ހިންގެވުމަށް ސަރުކާރުން ކުރިއަށް ގެންދަވާ ޕްރޮގްރާމާ ބެހޭގޮތުންނާއި، ރާއްޖޭގައި ކްލައިމެޓް އެޑަޕްޓޭޝަން ސެންޓަރެއް ޤާއިމް ކުރެއްވުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ. އަދި ނޭޝަނަލް ޕްލޭނިން ކައުންސިލްގެ މަސައްކަތް މިހާރު ހިނގަމުން ދާގޮތުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

ޔޫ.އެން.ޑީ.ޕީ.ގެ ޑެޕިއުޓީ ރީޖަނަލް ޑިރެކްޓަރ މިޒް އެލިޒޮންޑޯ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއެކު ޔޫ.އެން.ޑީ.ޕީ.އިން ބާއްވަވާ ގާތްގުޅުން ދަމަހައްޓަވާނެ ކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖޭގައި ހިންގާ ތަރައްޤީގެ ހުރިހާ މަޝްރޫޢުތަކުގެ އެންމެ ފުރިހަމަ ފައިދާ ރައްޔިތުންނަށް ލިބިގެންދާނެ ގޮތްތައް ރޭއްވެވުމުގައި ސަރުކާރަށް ލަފައާއި އެހީތެރިކަން ފޯރުއްވައިދެއްވާނެ ކަމަށާއި، އަދި މިފަދަ މަޝްރޫޢުތައް މޮނިޓަރ ކުރެއްވުމުގައި ސަރުކާރާއެކު ޔޫ.އެން.ޑީ.ޕީ.އިން މަސައްކަތް ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.