ރާއްޖޭގެ އިޤްތިޞާދު، ޕްރައިވެޓް އިންވެސްޓްމަންޓްތަކަށް ހުޅުއްވާލެއްވުމުގެ ސަބަބުން އެކަމުގެ ފައިދާ، ރާއްޖޭގެ ރައްޔިތުންނަށާއި ރާއްޖޭގެ އިޤްތިޞާދަށް ކުރަން ފަށާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އިންޑިޔާގެ އިންޖިނިއަރިން އެކްސްޕޯޓް ޕްރޮމޯޝަން ކައުންސިލްގެ ފަރާތުން މިރޭ ކުރުނބާ މޯލްޑިވްސްގައި ބޭއްވެވި "ރީޖަނަލް އެކްސްޕޯޓް އެވޯޑް" ދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ އިޤްތިޞާދު މިހާތަނަށް ބަރޯސާވެފައި އޮތީ ހަމައެކަނި ސަރުކާރުގެ މައްޗަށް ކަމަށާއި، މިކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށް ހުރަސްއެޅި، ރާއްޖެއާ މެދު އަމިއްލަ އިންވެސްޓަރުންގެ ޝައުޤުވެރިކަން ކުޑަވެ، ރައްޔިތުންނަށް ލިބެންޖެހޭ ފައިދާ ލިބުމަށް ހުރަސް އެޅިފައިވާ ކަމުގައި ވިދާޅުވިއެވެ. މި މޭރުމުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، އިންޑިޔާގެ އިޤްތިޞާދު މިހާރު ކުރިއަރައި ގޮސް، އެކަމުގެ ފައިދާ އިންޑިޔާގެ ރައްޔިތުންނަށް ލިބެމުންދަނީ، އިންޑިޔާގެ އިޤްތިޞާދު ދުނިޔެއަށް ހުޅުވާލައި، އަމިއްލަ ވިޔަފާރިތަކަށް ދޫކޮށްލުމުގެ ނަތީޖާއެއްގެ ގޮތުން ކަމުގައި ވިދާޅުވިއެވެ. އަދި އިންޑިޔާގެ މި އިޤްތިޞާދީ އިޞްލާޙީ ފިޔަވަޅުތަކުން ރާއްޖެއަށް ވަރަށް ގިނަ ފިލާވަޅުތަކެއް ލިބިދޭ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސަރުކާރުން އިސްކަންދެއްވަނީ އަމިއްލަ ވިޔަފާރިތައް މެދުވެރިކުރައްވައިގެން ރައްޔިތުންނަށް ބޭނުންވާ ތަކެއްޗާއި ޚިދުމަތްތައް ފޯރުއްވައިދެއްވުމަށް މަގުފަހިކޮށްދެއްވުމަށް ކަމަށާއި، ސަރުކާރަކީ، އިޤްތިޞާދީ ދުވެލީގެ އިންޖީނަށް ވެގެންވާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމުގައި ވިދާޅުވިއެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގެ އިޤްތިޞާދު އަމިއްލަ ފަރާތްތަކަށް ހުޅުއްވާލެއްވުމަށް ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވިއެވެ.

މިގޮތުން، ރާއްޖޭގެ ރައްޔިތުންނަށް ދެވޭ ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރެއްވުމުގެ މަޤްޞަދުގައި އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް ހިންގުން، އިންޑިޔާގެ އެޕޯލޯ ހޮސްޕިޓަލާ ހަވާލުކުރެއްވުމުގެ އެއްބަސްވުމުގައި މިހާރު ސޮއިކުރައްވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ރަށްތައް ދަތުރުފަތުރުން ގުޅާލެއްވުމުގެ ނިޒާމުގެ ޢަމަލީ މަސައްކަތްވެސް ކުރިއަށް ގެންދަވަނީ، އަމިއްލަ ވިޔަފާރި ހިންގާ ފަރާތްތަކުން ކަމަށާއި، މި ރާއްޖޭގެ ރަށްތައް ދަތުރުފަތުރުން ގުޅާލުމުގެ ނިޒާމަކީ، އެކަމުގެ ސަބަބުން ޤައުމުގައި އިޤްތިޞާދީ ޙަރަކާތްތައް އިތުރުވެ، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިވެގެންދިޔުމަށް މަގުފަހިކޮށްދޭނެ ނިޒާމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން، ހަނިމާދޫ އެއަރޕޯޓް ތަރައްޤީ ކުރެއްވުމުގެ މަޝްރޫޢެއްގައި އިންޑިޔާގެ ޖީ.އެމް.އާރު. ގްރޫޕާއެކު އެއްބަސްވެވިފައިވާ ކަމަށާއި، އަދި ރައްޔިތުންނަށް ހެޔޮއަގުގައި ބޯހިޔާވަހިކަން ހޯއްދަވައިދެއްވުމަށް ހިންގަވާ ގެދޮރު އެޅުމާއި، ކަރަންޓްގެ ޚިދުމަތް ފޯރުއްވައި ދެއްވުމަށް ހިންގަވާ މަޝްރޫޢުތައްވެސް ހިންގަވަމުން ގެންދަވަނީ، އަމިއްލަ ފަރާތްތަކަށް ހުޅުއްވާލައްވައިގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މި މަޝްރޫޢުތަކުގެ ސަބަބުން، ރައްޔިތުންނަށް ހެޔޮއަގުގައި ބޯހިޔާވަހިކަމާއި ކަރަންޓް ޚިދުމަތް ލިބިގެންދާނެކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

ރާއްޖޭގައި އަމިއްލަ ފަރާތްތަކަށް ހުޅުއްވާލައްވައިގެން ހިންގަވާ މަޝްރޫޢުތަކުގައި އިންޑިޔާގެ ކުންފުނިތަކުގެ ބައިވެރިވުން ވަރަށް ބޮޑުކަން ފާހަގަކުރައްވަމުން، ރާއްޖެއާއި އިންޑިޔާއާ ދެމެދު އުފެދިގެން މިއަންނަނީ ވަރަށް ޚާއްޞަ ގުޅުމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ރާއްޖޭގައި އިންވެސްޓް ކުރުމަށް ޝައުޤުވެރިވާ އިންޑިޔާގެ ކުންފުނިތަކަށް ސަރުކާރުން މަރުޙަބާ ވިދާޅުވާކަންވެސް ހާމަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލެއްވީ، މޫސުމަށް އަންނަމުންދާ ބަދަލުތަކުން ސަލާމަތްވުމަށް އޮތް މަގަކީ، ތިމާވެށްޓާ ރައްޓެހި އުފެއްދުންތައް އިތުރުކުރުން ކަމަށް ވިދާޅުވަމުންނެވެ. އަދި މާދަމާގެ އެންމެ ކާމިޔާބު ވިޔަފާރި ކުންފުނިތަކަށްވާނީ، މޫސުމަށް އަންނަ ބަދަލުތަކުން ހުޅުވިފައި މިވާ ފުރުޞަތުގެ ބޭނުންހިފައި، ތިމާވެށްޓާ ރައްޓެހި އުފެއްދުންތައް އުފެއްދުމާއި ބޭނުންކުރުމުގައި ކުރިއަރައިދާ ކުންފުނިތައް ކަމަށް އެމަނިކުފާނު އެކި މުނާސަބަތުގައި ވިދާޅުވަމުން ގެންދަވާ ވިދާޅުވުން ތަކުރާރު ކުރައްވަމުންނެވެ.

މި ރަސްމިއްޔާތުގައި، އިންޑިޔާގެ އިންޖިނިއަރިން އެކްސްޕޯޓް ޕްރޮމޯޝަން ކައުންސިލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ޚާއްޞަ ހަނދާނީ ހަދިޔާއެއް އެރުއްވިއެވެ. މި ހަނދާނީ ހަދިޔާ ރައީސުލްޖުމްހޫރިއްޔާއަށް އެރުއްވީ، އެ ކައުންސިލްގެ ސަދަރން ރީޖަންގެ ޗެއަރމަން ޝްރީ އާރު. ކޭ. މުތާއެވެ.