ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އިންޑިޔާގެ ކުރީގެ ރައީސް ޑޮކްޓަރ އޭ.ޕީ.ޖޭ ޢަބްދުލްކަލާމާ މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މިބައްދަލުކުރެއްވުމަށް، ޑޮކްޓަރ ޢަބްދުލް ކަލާމް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަޑައިގަތުމުން މަރްޙަބާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއެވެ.

މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވި ކަމަށްޓަކައި ޑޮކްޓަރ ޢަބްދުލްކަލާމަށް މަރްޙަބާ ވިދާޅުވެ، ޝުކުރު އަދާކުރެއްވިއެވެ. އަދި ރާއްޖެއާ އިންޑިއާއާ ދެމެދު އޮންނަނީ ވަރަށް ޒަމާންވީ ގާތް ރަޙްމަތްތެރި ގުޅުމެއްކަން ފާހަގަކުރެއްވިއެވެ.

ޑޮކްޓަރ ޢަބްދުލްކަލާމް ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަކީ ދުނިޔޭގެ އެންމެ ފުރަތަމަ ކާރބަން ނިއުޓްރަލް ޤައުމަށް ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައިވާ ތަޞައްވުރަށް މަރުޙަބާ ވިދާޅުވިއެވެ. އަދި މި ތަޞައްވުރު ޙަޤީޤަތަކަށް ހެދުމުގައި ރާއްޖެއިން ގެންގުޅުއްވިދާނެ ކަމަށް އެމަނިކުފާނަށް ޤަބޫލުފުޅު ކުރެއްވޭ ސިޔާސަތުތަކާބެހޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ. އަދި ރާއްޖެ ކާރބަން ނިއުޓްރަލް ޤައުމަކަށް ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައިވާ ތަޞައްވުރުގެ މައްޗަށް ބިނާކުރައްވައި، ޑޮކްޓަރ ޢަބްދުލްކަލާމް ތައްޔާރު ކުރައްވާފައިވާ ޕްރެޒެންޓޭޝަނެއް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުއްވިއެވެ.

މި ބައްދަލުކުރެއްވުމަށްފަހު، ޑޮކްޓަރ އޭ.ޕީ.ޖޭ. ޢަބްދުލްކަލާމް، ރައީސުލްޖުމްހޫރިއްޔާގެ ޕޮލިޓިކަލް އެޑްވައިޒަރ ޙަސަން ޢަފީފާއި، ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާ ބައްދަލުކުރައްވައި އެބޭފުޅުންގެ ދާއިރާތަކާބެހޭ މަޢުލޫމާތު ހޯއްދެވިއެވެ. އަދި މި ދާއިރާތަކުގެ މަސައްކަތްތަކާ ބެހޭގޮތުން އެމަނިކުފާނުގެ ޚިޔާލުފުޅު ވަޒީރުންނާއެކު ޙިއްޞާ ކުރެއްވިއެވެ.

އިންޑިޔާގެ ކުރީގެ ރައީސް ޑޮކްޓަރ ޢަބްދުލްކަލާމް، ރައީސުލްޖުމްހޫރިއްޔާގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަތީ މިއަދު މެންދުރުއެވެ.