ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މާދަމާ ދެއްވާ ރޭޑިޔޯ ޚިޠާބުގައި، ސަރުކާރަށް ލިބިވަޑައިގަންނަވާ އާމްދަނީ އިތުރުކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ މައްޗަށް ބައްލަވާލައްވާނެއެވެ. މިގޮތުން ރާއްޖޭގެ އިޤްތިޞާދީ ހާލަތު ރަނގަޅު ކުރެއްވުމަށާއި، އިޤްތިޞާދީ ގޮތުން ލިބިފައިވާ ގެއްލުން ފޫބެއްދެވުމަށް ބޭނުންވާ ފައިސާ ހޯއްދެވުމަށް ކުރައްވާ މަސައްކަތްޕުޅުތަކާބެހޭގޮތުންވެސް ވާހަކަފުޅު ދައްކަވާނެއެވެ. އަދި މީޑިޔާގެ ވަސީލަތްތަކުން ޒިންމާދާރު ގޮތެއްގައި ޚަބަރު ފެތުރުމުގެ މުހިންމު ކަމުގެ މައްޗަށާއި، ޓިމޯރ ލެސްތޭގެ ރައީސް ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ މައްޗަށާއި، ދިވެހި ސަރުކާރުގެ ގެޒެޓް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ޝާއިޢު ކުރައްވާތާ 1 އަހަރު ފުރުމާ ގުޅިގެން އެކަމުގެ މައްޗަށްވެސް މާދަމާގެ ރޭޑިޔޯ ޚިޠާބުގައި ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބު ދިވެހިރާއްޖޭގެ އަޑުން ފޮނުއްވާނީ މާދަމާ ހެނދުނު 10 ޖަހާއިރުއެވެ. މިއީ، އެމަނިކުފާނު ދެއްވާ 36 ވަނަ ރޭޑިޔޯ ޚިޠާބެވެ.