ރާއްޖެއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ހީނަރުކަމާ ގުޅިގެން، އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް، އައި.އެމް.އެފް.އިން ރާއްޖޭގައި ހިންގަވާ އެހީގެ ޕްރޮގްރާމް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށް މިހާރު ރާއްޖެއަށް ޒިޔާރަތް ކުރައްވަމުން ގެންދަވާ އައި.އެމް.އެފް.ގެ ވަފްދާ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި، އައި.އެމް.އެފް.އިން ރާއްޖޭގައި ހިންގަވާ ޕްރޮގްރާމާ ބެހޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި އައި.އެމް.އެފް.ގެ ވަފްދުގެ ބޭފުޅުން ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ އިޤްތިޞާދު ހަރުދަނާ ކުރެއްވުމަށް ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަށް ތަޢްރީފު ކުރެއްވިއެވެ. އަދި ސަރުކާރުން ދައުލަތުގެ ބަޖެޓްގެ ޑެފިސިޓް ކުޑަކުރެއްވުމަށްޓަކައި، ވޭތުވެދިޔަ އަހަރު ދުވަހުގެ ތެރޭގައި އަޅުއްވާފައިވާ އަދި އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ މުހިންމުކަން ފާހަގަކުރައްވައި، ފައިސާ އިތުރަށް ޗާޕް ނުކުރައްވައި، ސަރުކާރުން މިކަން ކުރިއަށް ގެންދެވުމަކީ، ވަރަށްބޮޑު ކާމިޔާބީއެއް ކަމުގައި ވަފްދުގެ ބޭފުޅުން ވިދާޅުވިއެވެ. އަދި ސަރުކާރުގެ އާމްދަނީ އިތުރުކުރެއްވުމަށާއި އިޤްތިޞާދު ބިނާކުރެއްވުމަށް އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ ތެރެއިން، ރާއްޖޭގައި ޓެކްސް ނެގުމުގެ ނިޒާމެއް ޤާއިމުކުރެއްވުމަށްޓަކައި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ޓެކްސް ނެގުމާބެހޭ ބިލަކީ ވަރަށް މުހިންމު ބިލެއް ކަމުގައިވެސް ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ އިޤްތިޞާދީ ޙާލަތު ރަނގަޅު ކުރެއްވުމަށް ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަށް އައި.އެމް.އެފް.އިން ވެދެއްވާ އެއްބާރުލެއްވުމާއި އެހީތެރިކަމަށްޓަކައި އައި.އެމް.އެފް.އަށް ޝުކުރު އަދާކުރެއްވިއެވެ.

ރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ހީނަރުކަމާ ގުޅިގެން އައި.އެމް.އެފް.އިން ހިންގެވުމަށް ހުށަހެޅުއްވި ޕްރޮގްރާމް، އައި.އެމް.އެފް.ގެ އެގްޒެކެޓިވް ބޯޑުން ފާސްކުރައްވާފައިވަނީ، 4 ޑިސެމްބަރ 2009 ގައެވެ. މި ޕްރޮގްރާމްގެ ދަށުން އައި.އެމް.އެފް.އިން ރާއްޖެއަށް 92.5 މިލިއަން ޑޮލަރުގެ ލޯނެއް ދެއްވާގޮތަށް ވަނީ ހަމަޖެހިފައެވެ. އައި.އެމް.އެފް.އިން ރާއްޖޭގައި ހިންގަވާ ޕްރޮގްރާމްގެ މަޤްޞަދަކީ ރާއްޖޭގެ އިޤްތިޞާދުގެ މައިގަނޑުތައް ހަރުދަނާ ކުރުމެވެ.