ވަޒީފާއާބެހޭ ޓްރައިބިއުނަލުން އެކުލަވާލައްވާފައިވާ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ގަވާއިދު، ދިވެހި ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިޢު ކުރައްވައިފިއެވެ.

މިގަވާއިދަކީ، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު)ގެ ދަށުން ހަދާފައިވާ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މަސައްކަތް ހިންގާނޭ ގޮތާއި، ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަތައް ބެލުމުގައި ޢަމަލުކުރާންޖެހޭ އުޞޫލުތަކާއި، ވަޒީފާއާބެހޭ ޓްރައިބިއުނަލާބެހޭ އެހެނިހެން ކަންތައްތައް ބަޔާންކުރާ ގަވާއިދެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މަޤްޞަދަކީ، ވަޒީފާގެ މާޙައުލުގައި ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތާ ދެމެދު އުފެދޭ މައްސަލަތަކާއި، ވަޒީފާއާބެހޭ ޤާނޫނާއި އެހެންވެސް ޤާނޫނެއް ނުވަތަ ގަވާއިދެއްގައި ނުވަތަ ވަޒީފާގެ އެއްބަސްވުމެއްގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބެލުމަށް ކަނޑައަޅާފައިވާ މައްސަލަތައް ވީހާވެސް އަވަހަށް ލުއިފަސޭހަކޮށް ބަލައި ނިންމުމެވެ.

ވަޒީފާއާބެހޭ ޤާނޫނު ނުވަތަ އެހެންވެސް ޤާނޫނެއް ނުވަތަ ގަވާއިދެއްގެ ދަށުން ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބެލުމަށް ކަނޑައަޅާ މައްސަލަތައް ބަލައި، ވަޒީފާއާބެހޭ ޤާނޫނާ ޚިލާފުނުވާ ގޮތުގެ މަތިން، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ރަނގަޅު ކަމަށް ފެންނަ ގޮތަކަށް، އެ މައްސަލަތައް ނިންމުމުގެ ފުރިހަމަ ބާރު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެންވެއެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ގަވާއިދު، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރެއްވުމަށްފަހު، އެ ގެޒެޓު ޢާންމުކޮށް މިއަދުވަނީ ނެރުއްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓްގައިވެސް ވަނީ ޝާއިޢު ކުރައްވާފައެވެ.