ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އަބޫދާބީއަށާއި، އިންޑިޔާއަށާއި، ބަހްރެއިނަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އަބޫދާބީއަށް މިކުރައްވާ ދަތުރުފުޅަކީ "ވާރލްޑް ފިއުޗަރ އެނަރޖީ ސަމިޓް" ގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި ސަމިޓަކީ، މުސްތަޤްބަލުގައި ދެމެހެއްޓެނިވި ގޮތަކަށް ހަކަތަ ބޭނުންކުރެވޭނެ ގޮތްތަކާ ބެހޭގޮތުންނާއި، ރަނގަޅުގޮތުގައި ހަކަތަ ބޭނުންކުރުމުގައި ކުރިމަތިވާ ގޮންޖެހުންތަކާ ބެހޭގޮތުން، ސިޔާސަތު ކަނޑައަޅުއްވާ ބޭފުޅުންނާއި، އިންވެސްޓަރުންނާއި، ސައިންޓިސްޓުންނާ މަޝްވަރާކުރެއްވުމަށް ބާއްވަވާ ސަމިޓެކެވެ. މިސަމިޓުގައި ރައީސުލްޖުމްހޫރިއްޔާ މާދަމާ ތަޤްރީރުކުރައްވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ އަބޫދާބީއަށް ކުރައްވާ ދަތުރުފުޅުގައި، މި ސަމިޓުގައި ބައިވެރިވެވަޑައިގަންނަވާ ގްރީސްގެ ރައީސާއި، އެކުވެރި ޢަރަބި އިމާރާތުގެ ރައީސާއި، އަދި އެނޫންވެސް ޤައުމުތަކުގެ އިސްވެރިންނާއި، ވިޔަފާރި ކުންފުނިތަކާއި ހަކަތައާބެހޭ ޖަމްޢިއްޔާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގައި ވަޑައިގަންނަވާނީ، އިންޑިޔާގެ މުމްބާއީއަށާއި ޗެންނާއީއަށެވެ. މުމްބާއީގައި ބުދަ ދުވަހު ފެށޭ "ގްލޯބަލް އިކޮނޮމިކް ސަމިޓް އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓް"ގައި ރައީސުލްޖުމްހޫރިއްޔާ ތަޤްރީރުކުރައްވާގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި އިންޑިއާގެ ޗެންނާއީގައި ކޮންފެޑަރޭޝަން އޮފް އިންޑިއަން އިންޑަސްޓްރީޒުން އިންތިޒާމްކޮށްގެން ބާއްވާ "ޕާޓްނަރޝިޕް ފޯރަމް"ގައިވެސް ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅުދައްކަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު މިފެށްޓެވި ދަތުރުފުޅުގައި ބަހްރޭނަށްވެސް ވަޑައިގެން އެޤައުމުގެ އިސްވެރިންނާއި އަދި ވިޔަފާރިވެރިންނާ ބައްދަލުކުރައްވާނެއެވެ.

މިދަތުރުފުޅު ފެށްޓެވުމުގެ ކުރިން މިއަދު ހެނދުނު ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކޯޕަންހޭގަން ދަތުރުފުޅުފަދައިން މިދަތުރުފުޅުގައިވެސް ރާއްޖެއަށް އެހީތައް ލިބިގެންދާނެކަމަށް އުންމީދު ކުރައްވާ ކަމަށާއި، މިޤައުމުތަކަށް ވަޑައިގެން އިންވެސްޓަރުންނާ ބައްދަލުކުރައްވައި އެހީހޯއްދެވުމަށް މަސައްކަތްޕުޅުކުރައްވާނެ ކަމުގައި ވިދާޅުވިއެވެ.