بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى أشرف المرسلين، سيدنا محـمَّدٍ وَعلـى آلـه وَصَحْبِـهِ أجمـعـين.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

1989 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި، މިއަދު މަޖިލިސް ކުރާ ގެޔަށް އަޅުގަނޑު މިއައީ ތަފާތު ޝުޢޫރުތަކަކާއެކު.

ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ސިޔާސީ ހަމަޖެހުމާއި، ޤައުމީ އެއްބާރުލުމުގެ ނަތީޖާއެއްގެ ގޮތުން އިޤްތިޞާދީ ތަރައްޤީގެ މަގުފަހިވެފައިވަނިކޮށް، އެ މަގު ބަންދުކޮށް، ކުރިއެރުން ހުއްޓުވާލާފަދަ މަންޒަރުތަކެއް މިދޭތެރެއިން އަޅުގަނޑުމެންނަށް ފެނިގެން ހިނގައްޖެ. އެއީ، ހުވަފެނަކަށްވީނަމަ، ވަރަށްވެސް ރަނގަޅު. ނަމަވެސް ހިތާމައަކީ، އެއީ ޙަޤީޤަތަކަށްވީކަން. ތަރައްޤީއަކީ ދިގު ޒަމާނެއްގެ ދާއިމީ މަސައްކަތުން ނުކުންނަ ނަތީޖާއެއް. މިފަދަ ދިގު ޒަމާނެއްގެ މަސައްކަތް، އެންމެ ހިނދުކޮޅަކުންވެސް ބަރުބާދުކޮށްލެވިދާނެ. އާދެ، އެއްދުވަހެއްގެ ކުޑަ ވަގުތުކޮޅަކުންވެސް ރާއްޖޭގެ ޚާއިނުންގެ ބަޔަކު އަޅުގަނޑުމެންގެ ޤައުމަށް ނުހަނު ބޮޑެތި ގެއްލުންތަކެއް ދީފި. މި ގެއްލުންތައް ފައިސާއިން ވަޒަންކުރުމަކީ ދަތިކަމެއް. ބައެއް ގެއްލުމަކީ، އެ ގެއްލުމުގެ އަސަރުތައް އެތައް ޒަމާންތަކެއް ވަންދެން އިޙްސާސް ކުރަންޖެހޭނެ ގެއްލުމެއް.

މިދެންނެވި ކަންތައްތައް ކޮންމެ ގޮތަކަށް ހިނގާފައިވީކަމުގައިވިޔަސް، އެހެން އަހަރުތަކެކޭވެސް އެއްފަދައިން، ޤާނޫނުއަސާސީގެ 59 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ވޭތުވެދިޔަ އަހަރު ދައުލަތަށް ލިބުނު އެއްޗަކާއި، ވީ ޚަރަދުގެ ހިސާބުދައްކައި، ކުރިއަށް އޮތް އަހަރު ދައުލަތުގެ ބަޖެޓް، މި މަޖިލީހުން ފާސްކުރުމަށް އަޅުގަނޑު މިފަހަރުވެސް މި ހުށަހަޅަނީ ހިތްހަމަޖެހުމާ އެކުގައި. އެއީ ރާއްޖޭގެ އިޤްތިޞާދީ ދުވެލި މަޑުނުޖެހި ކުރިއަށްދިޔަ ދެ އަހަރު ކަމުގައި ވޭތުވެދިޔަ އަހަރާއި މިއަހަރުވާތީ.

ތިޔަ ޢިއްޒަތްތެރި މަޖިލީހަށް ދައުލަތުގެ ބަޖެޓް ހުށަހެޅުމަށް މި ލިބޭ ފުރުޞަތަކީ، ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތު އޮޅުންފިލުވައިދިނުމަށް އަޅުގަނޑަށް ލިބޭ ވަރަށްވެސް މަތިވެރި ފުރުޞަތެއް. މި ފުރުޞަތުގައި ތިޔަ ޢިއްޒަތްތެރި މަޖިލީހަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރުވެރިވާންވެސްޖެހޭ. އާދެ، އެއީ ޤައުމުގެ އިޤްތިޞާދީ ތަރައްޤީ، މި ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ކުރިއަށް ގެންދިޔުމުގައި، މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންގެ ފުރިހަމަ ތާއީދާއި އެއްބާރުލެއްވުން އަޅުގަނޑަށް ލިބިފައިވާތީ.

އާދެ، ވޭތުވެދިޔަ ދެ ދައުރުގައި، މި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ ޢާންމު ޙާލަތު ރަނގަޅުކޮށް، ދިރިއުޅުމުގެ ފެންވަރު މަތިކޮށްދީ، ޢާންމު ފަސޭހަ ހޯދައިދިނުމަށްޓަކައި، ގިނަ މަޝްރޫޢުތައް ރޭވި ހިންގަމުން ގެންދެވިފައިވޭ.

ޢިއްޒަތްތެރި މެންބަރުންނަށް އެނގިވަޑައިގަންނަވާނޭ ފަދައިން، ރާއްޖެއަކީ ވަރަށް ގިނަ ކުދިކުދި ޖަޒީރާތަކެއްގައި، މަދު މީސްކޮޅެއް ދިރިއުޅެމުން އައިސްފައިވާ ތަނެއް. މި ޖަޒީރާތަކުގައިވާ ޤުދުރަތީ މުއްސަނދިކަން ކުޑަކަމާއެކު، ތަފާތު މާގިނަ މަސައްކަތްތަކެއްކޮށް، އުފެއްދުންތެރިކަން ކުރިއެރުވެން އޮތް ތަނެއް ނޫން. އެހެންކަމާއެކު، ތަރައްޤީގެ މަގުގައި ހަލުއިކޮށް ދަތުރުކުރުމުގައި ރާއްޖެއަށް ވަރަށް ގިނަ ހުރަސްތަކެއް އެޅޭ. ކަން މިހެން ހުރުމާއެކުވެސް، ސަރުކާރުން އެކަށީގެންވާވަރަކަށް އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށްޓަކައި މަޝްރޫޢުތަކެއް، ވޭތުވެދިޔަ ތާނގައި ވަނީ ހިންގިފައި. މި މަޝްރޫޢުތައް ހިންގިފައިވަނީ، ސަރުކާރުގެ ބަޖެޓުގެ މަޤްޞަދާ އެއްގޮތްވާ ގޮތުގެމަތިން، ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް އަދާކޮށްދިނުމުގެ ގޮތުން.

ޤައުމަކަށް ކުރިއަށް ދެވޭނީ، އެ ޤައުމަކުން ލިޔަންކިޔަން ނުދަތުން ފޮހެލައިގެން. ޖާހިލުކަމާއި ތަންދޮރު ނުދަތުން ނައްތާލައިގެން. އެހެންކަމުން، ރައްޔިތުންގެ ސަރުކާރަކުން އެންމެ އިސްކަންދޭންޖެހޭނީ، ތަޢުލީމަށް ކަމުގައި އަޅުގަނޑު ދެކެން. އާދެ، ތަޢުލީމު ލިބުމުން، މީހާއަށް ހަމައެކަނި ދިރިއުޅުމުގައި ކުރިއަށްދިޔުމުގެ ފުރުޞަތު ލިބެނީއެއް ނޫން. އަދި ހަމައެކަނި އިޤްތިޞާދީ ތަނަވަސްކަމަށް ދިޔުމަށް މަގުފަހިކޮށްދެނީއެއްވެސް ނޫން. ޤައުމުގައި ތަޢުލީމު ލިބިފައިވާ ގިނަ ބަޔަކު ތިބުމުން، ޤުދުރަތީ މުއްސަނދިކަން ކުޑަ ޤައުމުތަކުގައި، ތަފާތު ޚިދުމަތްތައް އުފެދި، އެކަންކަމުން ޤައުމަށް ބޮޑެތި ފައިދާތައް ލިބެމުންދާކަން، ބައެއް ޤައުމުތަކުގައި ތަޖުރިބާ ކުރެވިފައިވޭ. ވީމާ، ކުރިންވެސް ސަރުކާރުން ރާއްޖޭގެ ތަޢުލީމު ކުރިއެރުވުމަށް ދީފައިވާ އަހަންމިއްޔަތު މި ދައުރުގައިވެސް ދީ، އަދި ކުރިން ރާއްޖޭގެ ތަޢުލީމަށް ސަރުކާރުން ދެމުން އައިސްފައިވާ އަހަންމިއްޔަތަށްވުރެ ބޮޑު އަހަންމިއްޔަތެއް މި ދައުރުގައި އިރާދަކުރެއްވިއްޔާ، ސަރުކާރުން ދީ، ބަޖެޓުގެ ވަރަށް ބޮޑު ބައެއް މިކަމަށް ހޭދަވާނޭ ކަމުގައި ދަންނަވަންޖެހޭ.

ވެވުނުވަރަކުން ރާއްޖެއިން ބަލިމަޑުކަން ނައްތައިލެވޭތޯ، އަދި އެކަށީގެންވާ ޞިއްޙީ ފަރުވާ ރައްޔިތުންނަށް ލިބިދެވޭތޯ ކުރެވޭ މަސައްކަތަކީވެސް ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތެއް ދޭ ކަމެއް. މިކަމަށްޓަކައި ސަރުކާރުގެ ބަޖެޓުން ކުރެވޭ ޚަރަދުވެސް، އެއް އަހަރުން އަނެއް އަހަރަށް އިތުރުވަމުން ގެންދެވޭ. މިހާރު ރާއްޖެތެރޭގެ ތަފާތު ހިސާބުތަކުގައި ސަރަޙައްދީ ހަތަރު ހަސްފަތާލު ބިނާކުރެވިފައިވޭ. އަދި ފެންވަރު މަތިކުރެވިފައިވާ ޞިއްޙީ މަރުކަޒުވެސް އެބަހުރި. ރާއްޖެތެރޭގައި ޞިއްޙީ އެހީތެރިންނާއި، ފޫޅުމައިންނަށް އެކަށީގެންވާ ތަމްރީނު ލިބިދިނުމާއެކު، ޞިއްޙީ ހޭލުންތެރިކަން އިތުރުކުރުމަށް ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތް ކުރަމުން ގެންދޭ.

މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

ސަރުކާރުން ގެންގުޅޭ ސިޔާސަތަކީ، ތަރައްޤީގެ ދުވެލި މަޑުވުމަކާނުލައި، ކުރިއަށްދިޔުން ކަމަށްވާއިރު، އިޤްތިޞާދީ ތަރައްޤީއަށްޓަކައިވެސް ހޭދަކުރަން ޖެހިފައި ވަނީ ވަރަށް މަތީ ދަރަޖައަކަށް. އެއީ ރައްޔިތުންގެ އިޤްތިޞާދީ ޙާލަތު ރަނގަޅުކުރުމާއި، ދިރިއުޅުމުގެ ފެންވަރު މަތިކުރުމާއި، ފަޤީރުކަން ނައްތާލުމަށް މަސައްކަތް ކުރުމަކީ ވަރަށް މުހިންމު މަޤްޞަދުތަކެއް ކަމުގައިވާތީ. ފަހަކަށްއައިސް ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީ މައިގަނޑު ގޮތެއްގައި ކުރިއަރަމުން އައިސްފައި ވަނީ ދެ ދާއިރާއަކުން. މަސްވެރިކަމުންނާއި ޓޫރިޒަމުން. މިކަމުގެ ނަތީޖާއަކީ 1981 އިން 1988 އަށް ބައިނަލްއަޤްވާމީ އިޤްތިޞާދީ ޙާލަތު ދަށަށްޖެހިލިއިރުވެސް، ޤައުމުގެ ޙަޤީޤީ އުފެއްދުންތެރިކަމުގެ ނިސްބަތް އެވްރެޖް ގޮތެއްގައި ސަތޭކައަކުން 10 ގައި ހިފެހެއްޓޭގޮތްވުން. މި ނަތީޖާ އަޅުގަނޑުމެންނަށް ހޯދުނީ، ސިޔާސީގޮތުން ހަމަޖެހިފައިވާ ވެރިކަމެއް، މި މުއްދަތުގެ ތެރޭގައި ޤާއިމުވެފައިވުމާއެކު، ސަރުކާރުން ގެންގުޅުނު ދާޚިލީ އަދި ޚާރިޖީ ސިޔާސަތުގެ ސަބަބުން.

ރާއްޖޭގެ އިޤްތިޞާދިއްޔަތު ތަނަވަސްވަމުންދިޔަ މިންވަރަކުން ސަރުކާރަށް ލިބޭ އާމްދަނީވެސް އިތުރުވަމުންދިޔަ. އަދި ރާއްޖެ، ބޭރަށް ތަޢާރުފްވަމުން ދިޔުމާއެކު، އަޅުގަނޑުމެންގެ އިޤްތިޞާދީ ސިޔާސަތުގެ ސަބަބުން ބޭރުގެ އެހީވެސް އިތުރުވަމުންދިޔަ. މަސްވެރިކަމުގެ ދާއިރާއިން 1983 އާއި 1987 އާ ދެމެދު ބޭނުނު މަސް، ސަތޭކައަކުން 48 އިތުރުވެގެންދިޔަ. އަދި ބޭރުކުރެވުނު މަސް، މި މުއްދަތުގެ ތެރޭގައި ތިންގުނައަށް އިތުރުވެފައިވޭ. އިންޖީނު ބެހެއްޓި ދޯނިފަހަރުގެ ޢަދަދު، ދާދި އެއްވަރެއްގައި ހުރިނަމަވެސް، އަލަށް ބަނދެވުނު ދެވަނަ ޖީލުގެ ދޯނިފަހަރުގައި މަހަށްދާން ފެށުމުން، ބޭނޭ މަސް އިތުރުވަމުން ހިނގައްޖެ. މަސް ބޭރުކުރުން އިތުރުވެފައިވަނީ، އެސް.ޓީ.އޯ.ގެ ފަރާތުން ހިންގެވި ދެ ޕްރޮޖެކްޓެއްގެ ދަށުން މަސް އެއްކުރުމާއި، ފިނިކުރުމާއި އަދި ދަޅުގައި ބަންދުކުރުމުގެ ޢަދަދު ވަރަށްބޮޑުތަން މަތިވުމުގެ ސަބަބުން. ރާއްޖޭގެ އެންމެ ގިނަބަޔަކަށް އިޤްތިޞާދީ ފައިދާ ސީދާގޮތެއްގައި ލިބެމުންދަނީ، މަސްވެރިކަމުން ކަމަށްވާތީ، މި މަސައްކަތަކީ އަބަދުވެސް ސަރުކާރުން އެންމެ ބޮޑު އަހަންމިއްޔަތެއް ދޭންޖެހޭ އިޤްތިޞާދީ މަސައްކަތް.

ޓޫރިޒަމްގެ ދާއިރާއަކީ ރާއްޖެއަށް ބޭރުފައިސާ ގެނެސްދޭ މުހިންމު އަނެއް ދާއިރާ. މި ދާއިރާ ފުޅާވެގެންދިޔައީ 1981 ވަނަ އަހަރު މާލޭގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ހުޅުވުމާ ގުޅިގެން. އަދި ޓޫރިސްޓް ރިޒޯޓުތަކުގެ ފެންވަރު މަތިކުރުމާއި، އިތުރު މީހުންނަށް ތިބެވޭނެ ޖާގަ ތަނަވަސްވުމުގެ ސަބަބުން.

1987 ވަނަ އަހަރަކީ، ރާއްޖެއަށް އިޤްތިޞާދީ ގޮތުން އެކަށީގެންވާ ކުރިއެރުމެއް ލިބުނު އަހަރެއް. ރާއްޖެއަށް އައި ޓޫރިސްޓުންގެ ޢަދަދު، ކުރީ އަހަރަށްވުރެ ސަތޭކައަކުން 15 އެ އަހަރުގެ ތެރޭގައި އިތުރުވި. 1986 އާ އަޅައިބަލާއިރު، 1987 ގައި ބޭނުނު މަހުގެ ޢަދަދު މަދުވިނަމަވެސް، މަސް ބޭރުކޮށްގެން ލިބުނު ބޭރު ފައިސާ އިތުރުވެފައިވޭ. މީގެ ސަބަބުން ބެލެންސް އޮފް ޕޭމަންޓްސް ކުރިއަށްވުރެ ރަނގަޅުވި. އަދި އިޤްތިޞާދީ އުފެއްދުންތެރިކަމުގެ މިންވަރު މައްޗަށް ޖެހުނު.

1987 ވަނަ އަހަރު ނިމިގެންދިޔައީ، އިޤްތިޞާދީ ގޮތުން ރަނގަޅު އަހަރެއްގެ ގޮތުގައި ކަމަށްވިޔަސް، އެ އަހަރުގެ ތެރޭގައި ރާއްޖެއަށް ޤުދުރަތީ ވަރަށްބޮޑު ގެއްލުމަކާ ކުރިމަތިލާންޖެހުނު. އެއީ އެ އަހަރުގެ އޭޕްރީލް މަހާއި، ޖޫން މަހާއި، ސެޕްޓެމްބަރު މަހުގެ ތެރޭގައި މާލެއަށާއި، ރާއްޖެތެރޭގެ ބައެއް ރަށްރަށަށް ރާޅުއެރުމުގެ ސަބަބުން ލިބުނު ގެއްލުން. ރާޅުއެރުމުގެ ސަބަބުން މާލޭގެ ދެކުނުފަރާތުން ހިއްކާފައިވާ ބިމަށާއި، ރާއްޖޭގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ވަރަށް ބޮޑަށް ގެއްލުން ލިބުނު. ރާޅުއެރުމުގެ ސަބަބުން މާލެއަށާއި ރާއްޖެތެރޭގެ ރަށްރަށަށް ލިބުނު ގެއްލުން އަންދާޒާ ކުރެވުނު ގޮތުގައި ގާތްގަނޑަކަށް 70 މިލިއަން ރުފިޔާވަރުވޭ.

ރާޅުއެރުމުގެ ސަބަބުން ލިބުނު ގެއްލުމާ ގުޅިގެން، ބޭރުގެ އެކުވެރި ވަރަށް ގިނަ ޤައުމުތަކުން ރާއްޖެއަށް އެހީ ލިބުނު. އަދި މިހާރުވެސް ލިބެމުން އެބަދޭ. ޚާއްޞަގޮތެއްގައި، އ.ދ. މަޖިލީހަށް ހުށަހެޅުނު ޤަރާރެއްގައި، މިކަމާ ވިދިގެން ރާއްޖެއަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން އެހީވެދިނުމަށް ގޮވާލާފައިވާތީ، އެ ޤަރާރުގެ ނަތީޖާއެއްގެ ގޮތުންވެސް، ރާއްޖެއަށް ބޭރު ޤައުމުތަކުން އެހީ ލިބެމުން ގޮސްފައިވޭ. އޭގެތެރޭގައި، ފައިސާގެ ގޮތުންނާއި، ތަކެތީގެ ގޮތުން ލިބޭ އެހީ ހިމެނޭ. މިހާތަނަށް އެހީގެ ގޮތުން ގާތްގަނޑަކަށް 9 މިލިއަން ރުފިޔާ ލިބިފައިވޭ.

1987 ވަނަ އަހަރު ދައުލަތަށް ލިބުނު އެއްޗަކާއި ޚަރަދުވިވަރު:

1987 ވަނަ އަހަރުގެ ބަޖެޓް ޚަރަދުގެ މުޅި ޖުމްލައަކީ 376.2 މިލިއަން ރުފިޔާ. 1986 ވަނަ އަހަރު ހިނގި ޚަރަދުގެ ޖުމްލައަކީ 329.9 މިލިއަން ރުފިޔާ. އެހެންކަމުން، 1987ގެ ޚަރަދު، ކުރީ އަހަރަށްވުރެ ސަތޭކައަކުން 14 މައްޗަށް ގޮސްފައިވޭ. 1987 ވަނަ އަހަރު ސަރުކާރަށް އެކިގޮތްގޮތުން ލިބިފައިވަނީ، ޖުމްލަ 418.3 މިލިއަން ރުފިޔާ. ކުރީ އަހަރު ލިބިފައިވަނީ 322.3 މިލިއަން ރުފިޔާ. ވީމާ، ކުރީ އަހަރަށްވުރެ 1987 ގައި ސަތޭކައަކުން 30 ސަރުކާރަށް އިތުރުވެފައިވޭ. 1987 ވަނަ އަހަރު ކުރި ޚަރަދަށްވުރެ ލިބުނުވަރު 42.1 މިލިއަން ރުފިޔާ އިތުރުވި. އެހެންކަމުން 1987 ވަނަ އަހަރުގެ ބަޖެޓް ވެފައިވަނީ، ސަރޕްލަސް ބަޖެޓަކަށް. އާދެ، މި ބަދަލަކީ ވިދިވިދިގެން އެތައް އަހަރަކު، ސަރުކާރަށް ލިބޭ އެއްޗަކަށްވުރެ އިތުރަށް ޚަރަދުވުމަށްފަހު، އަންނަން ފެށި ހެޔޮ ބަދަލެއް. މިބަދަލުގެ ސަބަބުން، ކުރީގައި އިތުރަށް ޚަރަދުވެފައިވާ ބައި ހަމަޖެހެމުންދާނެ.

1987 ވަނަ އަހަރު ސަރުކާރަށް ލިބުނު އާމްދަނީގެ ތެރޭގައި އެއް ތަނަކުން އެންމެ ގިނައިން ލިބިފައިވަނީ، ކުރީ އަހަރުތަކެކޭވެސް އެއްފަދައިން، ކަސްޓަމުން. އެއީ 108.8 މިލިއަން ރުފިޔާ. އެއީ އެ އަހަރު ލިބުނު އެއްޗެއްގެ (ލޯނާއެކު) ސަތޭކައަކުން 26. އިމްޕޯޓް ޑިއުޓީވެސް ކުރީ އަހަރަށްވުރެ 1987 ގައި ސަތޭކައަކުން 70 އިތުރަށް ލިބިފައިވޭ. (މިދަންނަވާ ޢަދަދުތައް ތިޔަބޭފުޅުންގެ އަތްޕުޅުގައިވާ ބަޖެޓް މަޢުލޫމާތާބެހޭ ކަރުދާސް ނަންބަރު 3 ގައި ހުންނާނެ.)

ޑިޕާޓްމަންޓް އޮފް ޓޫރިޒަމުން، ޓޫރިޒަމް ޓެކްސްގެ ގޮތުގައި 1987 ގައި ދައްކަވާފައިވަނީ 32.4 މިލިއަން ރުފިޔާ. އެއީ ކުރީ އަހަރު ލިބުނު ޢަދަދަށްވުރެ ސަތޭކައަކުން 38 ގިނަ ޢަދަދެއް. ސަރުކާރުގެ ރިޒޯޓުތަކާއި، އަމިއްލަ ފަރާތްތަކުގެ ރިޒޯޓުތަކުގެ ބިމުގެ ކުއްޔަށް ލިބިފައިވަނީ 23.7 މިލިއަން ރުފިޔާ.

އެއަރޕޯޓް ސަރވިސް ޗާޖަށް 1987 ވަނަ އަހަރު ލިބިފައިވަނީ 9 މިލިއަން ރުފިޔާ. ކުރީ އަހަރު ލިބިފައިވަނީ 6 މިލިއަން ރުފިޔާ. މަތިންދާ ބޯޓަށް އަޅައިދޭ ތެލުގެ ކޮމިޝަނަށް ލިބިފައިވަނީ 9.6 މިލިއަން ރުފިޔާ. އެއީ ކުރީ އަހަރު ލިބުނު 3 މިލިއަން ރުފިޔާގެ ތިން ގުނައަށްވުރެވެސް އިތުރު ޢަދަދެއް. މަތިންދާބޯޓު ޖެއްސުމަށާއި އަދި އެއަށް ދެވޭ ޚިދުމަތަށް ލިބިފައިވަނީ، 12.4 މިލިއަން ރުފިޔާ.

ސަރުކާރުގެ ވިޔަފާރި ހިންގާ ތަންތަނުގެ ތެރެއިން އެންމެބޮޑު ފައިދާއެއް ދައްކާފައިވަނީ، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަނުން. އެއީ 20.2 މިލިއަން ރުފިޔާ.

ބޭރުގެ އެހީގެ ގޮތުގައި 1987 ވަނަ އަހަރު ސަރުކާރަށް ލިބިފައިވަނީ 17 މިލިއަން ރުފިޔާ. އެއީ ކުރީ އަހަރު ލިބުނު 17.2 މިލިއަން ރުފިޔާއަށްވުރެ ކުޑަ ތަންކޮޅެއް މަދު ޢަދަދެއް ކަމުގައިވިޔަސް، ތަރައްޤީގެ ޕްރޮޖެކްޓްތަކަށް ލިބުނު ހިލޭ އެހީ ވަރަށް ބޮޑުތަން މައްޗަށް ގޮސްފައިވޭ. ތަރައްޤީގެ ޕްރޮޖެކްޓްތަކަށް 1987 ވަނަ އަހަރު ލިބުނު ހިލޭ އެހީގެ ޢަދަދަކީ 72.5 މިލިއަން ރުފިޔާ. އޭގެ ކުރީ އަހަރު އާދެ، 1986 ގައި ހިލޭ އެހީގެ ގޮތުގައި ލިބިފައިވަނީ 49.1 މިލިއަން ރުފިޔާ.

1987 ވަނަ އަހަރުގެ ޚަރަދަށް ބަލާއިރު، އެންމެ ބޮޑު ޚަރަދެއް ހިނގާފައިވަނީ އިޤްތިޞާދީ ތަރައްޤީއަށްޓަކައި. އެއީ 134.2 މިލިއަން ރުފިޔާ. ނުވަތަ މުޅި ބަޖެޓުގެ ސަތޭކައަކުން 36. މިބައިގެ ތެރެއިން އެންމެ ބޮޑު ޚަރަދު ހިނގާފައިވަނީ މަސްވެރިކަން ކުރިއެރުވުމަށް. އެއީ 45.7 މިލިއަން ރުފިޔާ. (މިދަންނަވާ ޢަދަދުތައް ބަޖެޓް މަޢުލޫމާތު ކަރުދާސްތަކުގެ ތެރެއިން 2 ނަންބަރު ކަރުދާހުގައި ހުންނާނެ.) މަސްވެރިކަން ކުރިއެރުވުމަށް 1987 ގައި ހިނގާފައިވަނީ 45.7 މިލިއަން ރުފިޔާ. ނުވަތަ މުޅި ބަޖެޓުގެ ސަތޭކައަކުން 12. މުވާޞަލާތުގެ ތަރައްޤީއަށް ހިނގާފައިވަނީ 39.6 މިލިއަން ރުފިޔާ. ދަތުރުފަތުރުގެ ވަސީލަތްތަކަށް އާދެ، އެއަރޕޯޓް ހެދުމަށާއި، ބަނދަރަށް ޚަރަދުވެފައިވަނީ 37.7 މިލިއަން ރުފިޔާ.

އިޖުތިމާޢީ ތަރައްޤީއަށް 1987 ވަނަ އަހަރު ޚަރަދުކުރެވިފައިވަނީ 92 މިލިއަން ރުފިޔާ. އެއީ، މުޅި ބަޖެޓުގެ ސަތޭކައަކުން 24. މީގެތެރެއިން އެންމެ ބޮޑު ޚަރަދެއް ހިނގާފައިވަނީ ޖަމާޢަތުގެ ފައިދާއަށްޓަކައި ދެވޭ އެހެނިހެން ޚިދުމަތްތަކަށް. މި ޚަރަދަށް ހިނގާފައިވަނީ 13.9 މިލިއަން ރުފިޔާ. ތަޢުލީމަށް ޚަރަދުކުރެވިފައިވަނީ 31 މިލިއަން ރުފިޔާ. އެއީ، މުޅި ބަޖެޓުގެ ސަތޭކައަކުން 8. ޞިއްޙީ ތަރައްޤީއަށް ޚަރަދުވެފައިވަނީ 34.9 މިލިއަން ރުފިޔާ. ކުރީ އަހަރާ އަޅައިބަލާއިރު ޞިއްޙީ ތަރައްޤީއަށް 22.6 މިލިއަން ރުފިޔާ 1987 ވަނަ އަހަރު އިތުރަށް ޚަރަދުވެފައިވޭ. ޞިއްޙަތަށް ހިނގާ ޚަރަދުގެ ތެރޭގައި، ބޯފެނާއި، ފާޚާނާއަށް ހިނގާ ޚަރަދު ހިމެނިފައިވާނެ. އެއީ، ފަހަރެއްގައި ދުނިޔޭގެ ބައެއް އެހެން ތަންތާނގައި ޢަމަލުކުރާގޮތާ ޚިލާފަށްކަންނޭނގެ. އެހެންނަމަވެސް، ރާއްޖޭގައި ބޯފެނުގެ ކަންތައް ހަމަޖެހިފައިވަނީ، ޞިއްޙީގޮތުން ކޮންމެހެން ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތެއްގެ ގޮތުގައި. އަދި ރާއްޖޭގެ ޤާނޫނުގައިވެސް ވަނީ، ބޯފެނާއި، ފާޚާނާގެ ކަންތައްތައް ރައްޔިތުންނަށް ތަނަވަސްކޮށްދިނުން އެއީ މިނިސްޓްރީ އޮފް ހެލްތުގެ ކަމެއް ކަމުގައި. އެގޮތުން، ޞިއްޙަތަށް ހިނގި ޚަރަދުގެ ތެރޭގައި، ބޯފެނާއި، ފާޚާނާއަށް ހިނގާފައިވާ ޚަރަދުތައް ހިމެނިފައިވަނީ.

ހިންގުމާބެހޭ ޚަރަދަށް 1987 ގައި 66.6 މިލިއަން ރުފިޔާ ހިނގާފައިވޭ. އެއީ، މުޅި ބަޖެޓުގެ ސަތޭކައަކުން 18. ކުރީ އަހަރު ހިންގުމާބެހޭ ޚަރަދަށް ހިނގާފައިވަނީ 57.7 މިލިއަން ރުފިޔާ.

1987 ވަނަ އަހަރު ދައުލަތުން ހިނގި ޖުމްލަ ޚަރަދުގެ ސަތޭކައަކުން 13 ހިނގާފައިވަނީ ދަރަނީގެ ޚިދުމަތުގެ އަގު ދެއްކުމަށާއި، ދަރަނި އަދާކުރުމަށް. އެއީ ދަރަނި އަދާކުރުމަށް 32.4 މިލިއަން ރުފިޔާއާއި، ދަރަނީގެ ޚިދުމަތުގެ އަގު ދެއްކުމަށް 15.9 މިލިއަން ރުފިޔާ. އާދެ، މިތާނގައި އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ، ރާއްޖޭގެ ތަރައްޤީއަށްޓަކައި ވަރަށް ގިނަ ޢަދަދަކަށް ބޭރުން ލޯނު ނަގައިގެން ނުވަތަ ދަރަނި ފައިސާ އަޅުގަނޑުމެން ބޭނުންކޮށްގެން، އެކިއެކި މަޝްރޫޢުތައް ހިންގަމުން އެބަ ގެންދަމު. އެހެންނަމަވެސް، ކުރިއްސުރެ ފެށިގެން މިހާތަނާ ޖެހެންދެންވެސް، އަޅުގަނޑަށް ދަންނަވަންޖެހެނީ، މާތްﷲ ގެ ތައުފީޤާއެކު، ރާއްޖޭގެ އިޤްތިޞާދީ ދުވެލި ކުރިއަށްދާ މިންވަރުން އެއްވެސް ދަތިކަމެއްނެތި އަޅުގަނޑުމެންނަށް އެ ލޯނުތައް އަނބުރާ ދައްކަމުން އެބަ ގެންދެވޭ. ކޮންމެ ލޯނެއްގެ ފައިސާވެސް ދައްކަންޖެހޭ ތާރީޚަށް، ދައްކަންޖެހޭ ޢަދަދަށް، އިރާދަކުރެއްވީތީ، ދައްކަމުން އެބަ ގެންދެވޭ. އެކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ލިބޭ އެއްވެސް ގެއްލުމެއް ނެތް. ސަރުކާރަށް ކުރިމަތިވާ އެއްވެސް ދަތިކަމެއްވެސް ނެތް. އެއާ ޚިލާފަށް، އަޅުގަނޑުމެންގެ އިޤްތިޞާދީ ދުވެލި އެއްދުވަހުން އަނެއްދުވަހަށް ހަލުވިކަމާއެކު ކުރިއަށްދަނީ ބޭރުން ލިބޭ އެހީއާވެސް އެކުގައި.

އާދެ، ދެން އަޅުގަނޑު ބަލައިލާނީ، މިހިނގާ 1988 ވަނަ އަހަރުގެ އިޤްތިޞާދު ދައްކާގޮތަށް. އަޅުގަނޑު ކުރިންވެސް އިޝާރާތްކުރިފަދައިން، ވޭތުވެދިޔަ 1987 ވަނަ އަހަރަކީ، ރާއްޖޭގެ އިޤްތިޞާދިއްޔަތަށް ވަރަށް ފަހި އަހަރެއް. އިޤްތިޞާދީ ޙަރަކާތްތަކާއި، އިޤްތިޞާދީ ކުރިއެރުމުގެ މިންވަރު، މި ހިނގާ 1988 ވަނަ އަހަރުވެސް، މި ހުސްވި އަހަރެކޭ އެއްގޮތުގެ މަތިން ދެމެހެއްޓިފައިވޭ. އިޤްތިޞާދިއްޔަތުގައި އެންމެ ބޮޑު ބައެއް މިހާރު ޙިއްސާކުރަނީ ޓޫރިޒަމްގެ ދާއިރާއިން. މި އަހަރުގެ އޮކްޓޯބަރުގެ ނިޔަލަށް ހިސާބުތައް ދައްކާގޮތުން ރާއްޖެއަށް 129,832(އެއްލައްކަ އޮނަތިރީސް ހާސް އަށްސަތޭކަ ބައްތިރީސް) ޓޫރިސްޓުން އައިސްފައިވޭ. މިއީ ކުރީ އަހަރުގެ މި މުއްދަތަށް ބަލާއިރު، ސަތޭކައަކުން 24 ގިނަ ޢަދަދެއް. މަސްވެރިކަމަށް ބަލާއިރު، ކުރީ އަހަރަށްވުރެ މި އަހަރު މަސް ބޭނޭ ޢަދަދު ވަރަށް ބޮޑުތަން އިތުރުވާނެކަމަށް ފެނޭ. އަދި ބޭރަށް މަސް ފޮނުވައިގެން ލިބޭ ފައިސާވެސް އިތުރުވަމުންދާ ކަމުގައި ހިސާބުތަކުން ދައްކާ. އޮކްޓޯބަރުގެ ނިޔަލަށް މަހުގެ ބާވަތްތައް ބޭރުކޮށްގެން، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަނަށް 19 މިލިއަން އެމެރިކާ ޑޮލަރު ލިބިފައިވޭ. އެއީ މުޅި މިދިޔަ އަހަރު މަސް ބޭރުކޮށްގެން ލިބުނު ބޭރު ފައިސާގެ ޖުމްލައަށްވުރެވެސް ގިނަ ޢަދަދެއް.

ޓޫރިޒަމާއި މަސްވެރިކަމުގެ އިތުރަށް، ޤައުމީ އުފެއްދުންތެރިކަމުގެ ހުރިހާ ބައެއްވެސް، އަދި ވަކިން ޚާއްޞަކޮށް، ވިޔަފާރީގެ ދާއިރާއިންނާއި، ޚިދުމަތުގެ ދާއިރާއިން އުފެއްދުންތެރިކަން މިއަހަރު މައްޗަށްދާނެ ކަމުގައި ހިސާބުތަކުން ދައްކާ.

ސަރުކާރުގެ މުވައްޒަފުންގެ ލާބައަށްޓަކައި "ޕްރޮވިޑެންޓް ފަންޑެއް" މި އަހަރުގެ މާޗް މަހުގެ 1 ވަނަ ދުވަހު އުފެއްދުނު. ސަރުކާރުގެ މުވައްޒަފުންގެ ޕްރޮވިޑެންޓް ފަންޑަކީ، އެ ފަންޑުގައި ބައިވެރިވާ މުވައްޒަފުންގެ މުސާރައިގެ ސަތޭކައަކުން 5 ކޮންމެ މަހަކު، އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީސް މެދުވެރިކޮށް ފައިސާ ޖަމާކުރެވޭގޮތަށް އުފެއްދިފައިވާ ފަންޑެއް. އެ މުވައްޒަފެއްގެ ފަރާތުން ޖަމާވި ޢަދަދަށް، ސަރުކާރުންވެސް އޭނާގެ އެކައުންޓަށް ޖަމާކޮށްދޭ. ވަކި މުއްދަތެއްގައި ސަރުކާރުގައި އުޅުމަށްފަހު، މި އެކައުންޓުގައި ހުރި ހުރިހާ ފައިސާއެއް އެ މުވައްޒަފެއްގެ މިލްކަކަށްވާނެ. މި ހިނގާ އަހަރުގެ ނިޔަލަށް ޕްރޮވިޑެންޓް ފަންޑު ހިސާބުކޮށް އޮޑިޓް ކުރެވޭނެ. އަދި ފަންޑުގެ ކޮންމެ މެންބަރަކަށް، އެ މެންބަރެއްގެފައިސާ ޖަމާކުރެވިފައިވާ މުއްދަތެއްގެ ނިސްބަތުން ޖެހޭ ފައިދާއެއް، އަހަރު ނިޔަލަށް އޭނާގެ އެކައުންޓަށް ޖަމާކުރެވޭނެ.

ނޮވެމްބަރު މަހުގެ ނިޔަލަށް މިފަންޑުގައި 4901 މުވައްޒަފުން ބައިވެރިވެފައިވޭ. މެންބަރުންގެ ފަރާތުންނާއި، ސަރުކާރުގެ ފަރާތުން 2,572,944 (ދެ މިލިއަން ފަސްސަތޭކަ ހަތްދިހަ ދެހާސް ނުވަސަތޭކަ ސާޅީސް ހަތަރު ރުފިޔާ) މި ފަންޑަށް ޖަމާވެފައިވޭ. އަދި ފަންޑުގެ ފަރާތުން މިފައިސާ އިންވެސްޓްކޮށް، އަހަރުގެ ނިޔަލަށް ލިބޭނެ ފައިދާގެ ޖުމްލައެއް ކަމުގައި ބެލެނީ92,988 (ނުވަދިހަ ދެހާސް ނުވަސަތޭކަ އަށްޑިހަ އަށް ރުފިޔާ).

1988 ވަނަ އަހަރު ސަރުކާރަށް ލިބޭނެ އެއްޗެއް އަންދާޒާކުރާއިރު، ހުސްވި އަހަރަށްވުރެ މާ މައްޗަށް ޖެހޭ. މި ހިނގާ 1988 ވަނަ އަހަރު ލިބޭނެކަމަށް މިހާރު ލަފާކުރެވެނީ 512 މިލިއަން ރުފިޔާ. 1987 ވަނަ އަހަރު ސަރުކާރަށް ލިބިފައި ވަނީ 418.3 މިލިއަން ރުފިޔާ. ތަރައްޤީގެ މަޝްރޫޢުތަކަށް ލިބޭ ހިލޭ އެހީގެ ގޮތުގައި 84.3 މިލިއަން ރުފިޔާ މި އަހަރު ލިބޭނެކަމަށް ފެނޭ. ކުރީ އަހަރު ލިބިފައިވަނީ 72.5 މިލިއަން ރުފިޔާ. ހަމައެހެންމެ، ލޯނު އެހީގެ ގޮތުގައި ލިބޭ ފައިސާވެސް ވަރަށްބޮޑުތަން މި އަހަރު އިތުރުވެފައިވޭ.

1988 ވަނަ އަހަރުގެ ތެރޭގައި އެއްބަޔަކުން އެންމެ ގިނައިން އާމްދަނީ ލިބޭނޭކަމަށް ދައްކަނީ ކަސްޓަމްސްގެ އިމްޕޯޓް ޑިއުޓީން. އެއީ ގާތްގަނޑަކަށް 134 މިލިއަން ރުފިޔާ. 1987 ވަނަ އަހަރު ލިބިފައިވަނީ 108.8 މިލިއަން ރުފިޔާ. (މިދެންނެވި ޢަދަދު، ބަޖެޓް މަޢުލޫމާތު ކަރުދާސް ނަންބަރު 6 ން އޮޅުންފިލާވަޑައިގަންނަވާނެ.)

މިހިނގާ އަހަރުގެ ޚަރަދަށް ބަލާއިރު، ޖުމްލަ ޚަރަދު ކަމުގައި މިހާތަނަށް ހިސާބުތަކުން ދައްކަނީ ގާތްގަނޑަކަށް 484 މިލިއަން ރުފިޔާ. ޖުމްލަ ލިބޭނޭކަމަށް (ލޯނަށް ލިބޭ އެއްޗަކާއެކު) ދައްކަނީ ކުރިންވެސް ދެންނެވިފަދައިން، 512 މިލިއަން ރުފިޔާ. އެހެންކަމުން، ޖުމްލަ ޚަރަދަށްވުރެ ލިބޭ އެއްޗެއް އިތުރުވާނެ ކަމުގައި މިހާރު ދައްކަނީ، ގާތްގަނޑަކަށް 28 މިލިއަން ރުފިޔާ.

ޢިއްޒަތްތެރި މަޖިލީހަށް މިދިޔަ އަހަރު ބަޖެޓް ހުށަހެޅިއިރު ލަފާކުރެވިފައިވަނީ 1988 ވަނަ އަހަރުވެސް، ލިބޭ އެއްޗަކަށްވުރެ 33.5 މިލިއަން ރުފިޔާ އިތުރަށް ޚަރަދުވާނޭ ކަމުގައި. އެހެންނަމަވެސް، ކުރީގައި ލަފާކުރެވުނުވަރަށްވުރެ ޚަރަދުކުޑަވާނޭ ކަމަށް މިހާރު ފެނުމާއި، ކުރީގައި ލިބޭނެކަމަށް ލަފާކުރި ޢަދަދަށްވުރެ މިހާރު ލިބޭނެކަމަށް ލަފާކުރެވޭ ޢަދަދު ބޮޑުވުމުގެ ސަބަބުން މިއަހަރުގެ ބަޖެޓުވެސް ސަރޕްލަސް ބަޖެޓަކަށްވާނޭ ކަމަށް މިހާރު ފެނޭ. ނަމަވެސް މި ހިނގާ އަހަރު އަދި ނުނިމޭތީ، މި އަހަރު ލިބޭނެ އެއްޗަކާއި ޚަރަދުވާނެވަރު، މި ދެންނެވި ޢަދަދުތަކާ ތަފާތުވުމަކީ އެކަށީގެންވާ ކަމެއް. ކޮންމެއަކަސް ހިސާބުތަކުން މި ދައްކާ އެއްޗަކީ އަޅުގަނޑުމެންގެ އިޤްތިޞާދިއްޔަތަށް އައިސްފައިވާ ހެޔޮ ބަދަލެއް ކަމުގައި އަޅުގަނޑު ދެކެން.

ފައިސާއާ ބެހޭ ސިޔާސަތު:

ހުސްވި 1987 ވަނަ އަހަރާއި، މި ހިނގާ 1988 ވަނަ އަހަރުގެ ބަޖެޓް ދައްކާގޮތުގައި، ސަރުކާރުން ކުރާ ޚަރަދަށްވުރެ ލިބޭ އެއްޗެއް ގިނަވާނެ ކަމަށް ފެންނަ ވާހަކަ އަޅުގަނޑަށް ދެންމެ ދަންނަވާލެވިއްޖެ. މިކަމުގެ ނަތީޖާއަކަށްވާނީ ކުރީ އަހަރުތަކުގައި ސަރުކާރުން އިތުރަށް ޚަރަދުވެފައިވާ ތަން ފޫބައްދަމުން ގެންދެވޭގޮތްވުން. އާދެ، ބަޖެޓުގެ ޑެފިސިޓް ހަމަޖެއްސުމަށްޓަކައި، އިތުރު ފައިސާތަކެއް ނެރެން ނުޖެހުން.

މި ނަތީޖާ ނުކުތީ ސަރުކާރުގެ ފަރާތުން ގެންގުޅޭ ބަޖެޓާއި، ފައިސާއާބެހޭ ސިޔާސަތުގެ ސަބަބުން ކަމުގައި ދަންނަވަންޖެހޭ. 1985ގެ ކުރީގައި ބޭންކުތަކުން ދޫކުރަމުންދިޔަ ލޯނު ދިޔައީ ބޭނުންވިގޮތަކަށް އިތުރުކުރަމުން. އެހެންކަމާއެކު، ފައިސާ އެނބުރޭލެއް ދިޔައީ މަތިވަމުން. މިކަން މިހެން ހިނގަމުންދިޔުމަކީ ތަކެތި އަގުބޮޑުވުމަށް ބާރުއަޅައިދޭ ކަމަކަށްވާނެ. އަދި ތަކެތީގެ އަގު ބޮޑުވުމުން، ސަރުކާރުގެ ބަޖެޓުގެ ޚަރަދުތައްވެސް މައްޗަށްދާނެ. މިކަން ކޮންޓްރޯލް ކުރުމަށްޓަކައި، 1985 ވަނަ އަހަރު ނިމުނުއިރު ވިޔަފާރި ބޭންކުތަކުން ދޫކުރާ ލޯނުތައް، އެ ބޭންކުތަކުގައި ޢާންމު ފަރާތްތަކުން ކޮށްފައިވާ ޑިޕޮޒިޓްގެ ވަކި ނިސްބަތަކުން ދޫކުރާގޮތަށް ހަމަޖެއްސުނު. މި ސިޔާސަތުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ހެޔޮ ބަދަލުތަކެއް އައި.

1987 ވަނަ އަހަރުގެ މާޗް މަހުގެ 1 ވަނަ ދުވަހު، ފައިސާއާ ބެހޭގޮތުން ވަރަށް މުހިންމު އިތުރު ފިޔަވަޅެއް އެޅުނު. އާދެ، އެ ދުވަހު ދިވެހި ފައިސާގެ ނިސްބަތުން އެމެރިކާ ޑޮލަރެއްގެ އަގަކީ 10 ރުފިޔާ ކަމުގައި ހަމަޖެއްސުނު. އަދި އޭގެފަހުން، ބޭރު ފައިސާގެ އަގު ހަމަޖައްސަމުން ގެންދާނީ، އޭގެ އަގަށް ބާޒާރުގައި އަންނަ ބަދަލަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމުގައި ހަމަޖެއްސުނު. މިކަމުގެ ސަބަބުންވެސް، ރާއްޖޭގެ ވިޔަފާރިއަށާއި އިޤްތިޞާދަށް ވަރަށް ރަނގަޅު ބަދަލުތަކެއް އައި. ބޭންކުތަކުން އަމިއްލަ ފަރާތްތަކަށް ދޫކުރި ލޯނު 1985 ވަނަ އަހަރު 267 މިލިއަން ރުފިޔާއާ ހިސާބުގައި ހުރެފައި، 1988 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައި 200 މިލިއަން ރުފިޔާއަށް ތިރިވެފައިވޭ. އަދި ބޭންކުތަކުގައިވާ ބައިނަލްއަޤްވާމީ އެސެޓް ވަރަށް ބޮޑުތަން ރަނގަޅުވެފައިވޭ. 1985 ގައި ބޭންކްތަކުން ބޭރަށް ދައްކަން ޖެހިފައިވަނީ 166 މިލިއަން ރުފިޔާ. ނަމަވެސް، 1988 ވަނަ އަހަރުގެ އޮކްޓޯބަރަށް 94 މިލިއަން ރުފިޔާގެ ބޭރުގެ އެސެޓް ބޭންކަށް އަންނަން ޖެހިފައިވޭ. މިކަމުން ދައްކައިދެނީ، ބޭންކުތަކުގެ ޙާލަތު ރަނގަޅުވެފައިވާ މިންވަރު.

ޓޫރިޒަމްގެ ދާއިރާ ތަރައްޤީ ކުރުމަށްޓަކައި، މި އަހަރުގެ ތެރޭގައި އިތުރު ފިޔަވަޅުތަކެއް އެޅިފައިވިޔަސް، އަހަރު ނިމެމުންދާއިރު ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ ޢަދަދު، ކުރީ އަހަރުތަކުގެ މިދުވަސްވަރާ އަޅައިބަލާއިރު، އެކަށީގެންވާވަރަށް އިތުރުވަމުން އައިސްފައި ނެތްކަން ފާހަގަކޮށްލަންޖެހޭ. މި ހުސްވި ނޮވެމްބަރު މަހާއި، މި ހިނގާ ޑިސެމްބަރު މަހު ބައެއް ރިޒޯޓުތަކަށް މީހުން އައިސްފައިވާ ޢަދަދުވަނީ ކުރީ އަހަރަށްވުރެ މަދުވެސްވެފައި. މިކަން މިގޮތަށް ދިމާވަމުންދަނީ، އެތައް ސަބަބަކާ ހުރެ. ލަފާކުރެވޭ އެއްސަބަބަކީ ރާއްޖެއަށް އަންނަ، ވަރަށް ގިނަ ޓޫރިސްޓުންނަކީ، ޝްރީލަންކާއަށާއި ރާއްޖެއަށް އަންނަ ބަޔަކަށްވުމާއެކު، ޝްރީލަންކާގައި މިދުވަސްކޮޅު ކަންތައްތައް ހުރިގޮތުން އެތަނަށް އަންނަ ޓޫރިސްޓުން ވަރަށް ބޮޑުތަން މަދުވުން. އަނެއް ސަބަބަކީ، ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި ދެވޭ ޚިދުމަތްތަކުގެ އަގުބޮޑުވުން. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، އަޅުގަނޑުމެންގެ ކައިރީގައިވާ އެހެން ޤައުމުތަކުގައި ޓޫރިޒަމް ދާއިރާގައި ދެވޭ ޚިދުމަތުގެ ފެންވަރަށް ބަލާއިރު، އަޅުގަނޑުމެން ވަނީ އަދި ހިތްހަމަޖައްސައިލައިގެން ތިބެވޭވަރަށްވުރެ، މާފަހަތުގައި. އެކަން އެހެން އޮތް ކަމުގައިވިޔަސް، އަޅުގަނޑުމެންގެ އަގުތައް ހުންނަނީ މާމަތީގައި. މިކަމަކީ ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރައްވާ ހުރިހާ ފަރާތްތަކަކުންވެސް، ވަރަށް ބޮޑަށް ވިސްނަވަންވެއްޖެ ކަމެއް ކަމުގައި އަޅުގަނޑު ދެކެން. މިކަމަށް އަޅުގަނޑުމެން ސަމާލުކަން ނުދީފިނަމަ، މުސްތަޤްބަލުގައި ރާއްޖޭގެ ޓޫރިޒަމަށް ހީވެސްނުކުރާކަހަލަ ބަދަލުތަކެއް އައުމަކީ އެކަށީގެންވާ ކަމެއް ކަމުގައި ދަންނަވަންޖެހޭ.

ރާއްޖެއަށް ބޭރުފައިސާ ލިބެނީ، އަޅުގަނޑުމެން ބޭރުކުރާ މަހުންނާއި، ޓޫރިޒަމުންނާއި، ތައްޔާރީ ހެދުން ބޭރުކޮށްގެންނާއި، ބައިނަލްއަޤްވާމީ ދަތުރުފަތުރާއި، ރާއްޖެއިން ބޭރުގައި މަސައްކަތްކުރާ ދިވެހީން ގެންނަ އެއްޗަކުން. ދެން ބޭރުގެ ފަރާތްތަކުން އަޅުގަނޑުމެންނަށް ދޭ ހިލޭ އެހީއާއި، ލޯނުގެ އެހީއިންނާއި، ބޭރުގެ އިންވެސްޓަރުން ގެންނަ ބޭރު ފައިސާއިން. ނަމަވެސް، ރާއްޖެއަށް ބޭނުންވާ ހުރިހާ އެއްޗެއްހެން ޖެހެނީ އިމްޕޯޓް ކުރަން ކަމަށްވާތީ، އަޅުގަނޑުމެންނަށް ބޭނުންވާ ބޭރުފައިސާ ވަރަށް ގިނަ. އެހެންކަމުން، ވޭތުވެދިޔަ ގިނަ އަހަރުތަކުގައި، އަޅުގަނޑުމެންގެ ބެލެންސް އޮފް ޕޭމަންޓްސް އޮތީ، އަޅުގަނޑުމެންނަށް ފަހިވާގޮތަކަށް ނޫން. 1985 ގައި 4.3 މިލިއަން ޑޮލަރާއި، 1986 ގައި 8.6 މިލިއަން ޑޮލަރު، އަޅުގަނޑުމެންނާ އިދިކޮޅަށް ބެލެންސް އޮފް ޕޭމަންޓްސްގެ ކަރަންޓް އެކައުންޓް ބާކީ ދެއްކި. އެހެންނަމަވެސް، 1987 ގައި މި ބާކީ ވަނީ ހަމަޖެހިފައި. މިކަން މި ރަނގަޅުވީ، ޓޫރިޒަމުން ލިބޭ އެއްޗަކާއި، މަސްވެރިކަމުން ލިބޭ އެއްޗަކާއި، ބޭރުން ލިބޭ ޕްރޮޖެކްޓް އެހީއިން. މިހެންވުމުގެ ސަބަބުން، 1987 ވަނަ އަހަރު ނިމުނުއިރު، ސާފު ބޭރުގެ އެސެޓުގެ ސަބަބުން 10.4 މިލިއަން ޑޮލަރު އޯވަރރޯލް ސަރޕްލަސްއެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ވަނީ ފަހިކޮށް. 1988ގެ ބެލެންސް އޮފް ޕޭމަންޓްސްގެ އަންދާޒާވެސް ފެންނަނީއަޅުގަނޑުމެންނަށް ފަހިވާގޮތަށް. ކަރަންޓް އެކައުންޓް ބާކީ 4 މިލިއަން ޑޮލަރު. އަދި އޯވަރރޯލް ބާކީ 16 މިލިއަން ޑޮލަރު އަޅުގަނޑުމެންނަށް ފަހިކޮށް ދައްކާ.

އާދެ، ދެން އަޅުގަނޑު އެނބުރިލާނީ، އަންނަ އަހަރުގެ އާދެ، 1989 ވަނަ އަހަރުގެ ބަޖެޓާ ބެހޭގޮތުން ބައެއް ވާހަކަ ދަންނަވާލުމަށް. ޢިއްޒަތްތެރި މެންބަރުންނަށް ލިބިވަޑައިގެންފައިވާ ކަރުދާސްތަކުން އެނގިވަޑައިގަންނަވާނޭ ފަދައިން، 1989 ވަނަ އަހަރަށް ހުށަހެޅިފައިވާ ބަޖެޓަކީ، މި ހިނގާ އަހަރުގެ ބަޖެޓަށްވުރެ ބޮޑު ބަޖެޓެއް. 1989 އަށް ދައުލަތުން ލަފާކުރި ބަޖެޓުގެ އަންދާޒާ ޚަރަދުގެ ޖުމްލައަކީ 758,246,047 (ހަތްސަތޭކަ ފަންސާސް އަށް މިލިއަން ދުއިސައްތަ ސާޅީސް ހަހާސް ސާޅީސް ހަތް ރުފިޔާ). އެއީ މި ހިނގާ އަހަރަށް އަންދާޒާ ކުރެވުނު ބަޖެޓަށްވުރެ ސަތޭކައަކުން 34 ގިނަ ޢަދަދެއް. މި ޢަދަދުގެ ތެރޭގައި ޕްރޮޖެކްޓް ލޯނުން ޚަރަދު ކުރެވޭނެ ކަމަށް ލަފާކޮށްފައިވާ 92.03 މިލިއަން ރުފިޔާ ހިމެނޭ. އަދި ބޭރުގެ ހިލޭ އެހީއިން ޚަރަދު ކުރެވޭނެ ކަމަށް ފެންނަ 142 މިލިއަން ރުފިޔާވެސް ހިމެނޭ. (މި ޢަދަދުތައް ފެނިވަޑައިގަންނަވާނީ ބަޖެޓާބެހޭ މަޢުލޫމާތު ކަރުދާސް ނަންބަރު 1ން)

ދެން މި ދަންނަވާލަނީ ލޯނުތަކާއި ހިލޭ އެހީ ހިމަނާފައި އޮންނަ ބަޖެޓުގެ ޚުލާޞާ ހިސާބެއް. 1989 އަށް، މިއަދު އަޅުގަނޑު މި ހުށަހަޅާ ބަޖެޓުގެ ޖުމްލައަކީ 758.2 މިލިއަން ރުފިޔާ. އަހަރު ނިމޭއިރު ޚަރަދުނުވާނެ ކަމަށް ލަފާކުރާވަރަކީ 51.4 މިލިއަން ރުފިޔާ. އެއީ، ކޮންމެ އަހަރެއް ނިމެމުންދާއިރުވެސް ޚަރަދުނުވެ ބާކީއެއް ހުރޭ. އެގޮތަށް 1989 ވަނަ އަހަރުވެސް ނިމޭއިރު، ޚަރަދު ނުކުރެވި ހުންނާނެ ކަމަށް މިހާރު އަންދާޒާ ކުރެވޭ ޢަދަދު، މި ދެންނެވީ އެއީ 51.4 މިލިއަން ރުފިޔާ. އެބައި ކެނޑީމާ ޚަރަދުވާނެވަރު ކަމަށް ދައްކަނީ 706.8 މިލިއަން ރުފިޔާ. އޭގެތެރެއިން އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް ލަފާކުރެވެނީ 435.8 މިލިއަން ރުފިޔާ.

އެހެންވީމާ، އާމްދަނީގެ ގޮތުގައި ލިބޭވަރު، ކުރިން ޚަރަދުވާނެ ކަމަށް މިދެންނެވިވަރުން ކެނޑީމާ އިތުރަށް ޚަރަދުކުރުމަށް ފައިސާ ހޯދަންޖެހޭވަރު ދައްކަނީ 271 މިލިއަން ރުފިޔާ ކަމުގައި. މި 271 މިލިއަން ރުފިޔާ ހޯދޭނެގޮތް މި ދަންނަވާލަނީ. އޭގެތެރެއިން ޕްރޮޖެކްޓް ލޯނަށް92.3 މިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކުރެވޭ. އެއީ އަދި އިތުރު ލޯނެއްގެ ވާހަކައެއް ނޫން. ކުރިންވެސް އަޅުގަނޑުމެންނަށް ލިބެމުންމިދާ ލޯނުތަކުން މި އަންނަ އަހަރު ޕްރޮޖެކްޓް ލޯނުގެ ގޮތުގައި ސަރުކާރަށް ލިބޭނެކަމަށް ލަފާކުރާވަރު 92.3 މިލިއަން ރުފިޔާ. ޕްރޮޖެކްޓް އެހީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރެވެނީ 142.3 މިލިއަން ރުފިޔާ. ހިލޭ އެހީ. އެއީ ތަކެއްޗާއި ފައިސާއިން ލިބޭނެވަރުކަމަށް ލަފާކުރެވެނީ 10 މިލިއަން ރުފިޔާ. ކައުންޓަރޕާޓް ފަންޑު އެއީ ބައެއް ކާބޯތަކެތީގެ އެހީކަހަލަ އެހީދޭ ފަރާތްތަކުން އަޅުގަނޑުމެންނަށް އެ ދޭ އެހީ ވިއްކައިގެން ލިބޭ ފައިސާ. އެއީ ކައުންޓަރޕާޓް ފަންޑު، އެ އެހީގެ. އެގޮތުން، 8.8 މިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކުރެވޭ. އެހެންވީމާ، އެ މިދެންނެވި ބައިތަކުގެ ޖުމްލައަކީ، ބޭރުން ލިބޭނެކަމަށް މި ދަންނަވާ ބައިތަކުގެ ޖުމްލައަކީ 253.4 މިލިއަން ރުފިޔާ. އެ 253.4 މިލިއަން ރުފިޔާ، އަޅުގަނޑުމެން އިތުރަށް ހޯދަންޖެހޭ 271 މިލިއަން ރުފިޔާއިން ކެނޑީމާ ބާކީ އޮންނަނީ 17.6 މިލިއަން ރުފިޔާ. އާދެ، އެ 17.6 މިލިއަން ރުފިޔާ އެއީ މިހާރު ދައްކާގޮތުން 1989 ވަނަ އަހަރު ނިމޭއިރު ބަޖެޓް ޑެފިސިޓްވެފައި އޮންނާނެވަރު.

މިހާރު ހިސާބުތައް އަންދާޒާ ކުރާއިރު، މި އަންނަ އަހަރު ނިމޭއިރު މި ދެންނެވި ވަރަށް، 17.6 މިލިއަން ރުފިޔާ ޑެފިސިޓްވާނެ ކަމަށް ލަފާކުރެވުނު ކަމުގައިވިޔަސް، އަންނަ އަހަރުގެ ތެރޭގައި އެހެންނުވެ ހިނގައިދާނެ. އެއީ، މި އަހަރުވެސް ވީގޮތް. 1988 ވަނަ އަހަރަށް ބަޖެޓް ލަފާކޮށް، އަޅުގަނޑު މިދިޔަ އަހަރު ހުށަހެޅިއިރުވެސް، ކުރިން މިދެންނެވިފަދައިން، ޑެފިސިޓްވާނެ ކަމަށް އޭރުއޮތީ ލަފާކޮށްފައި. އެހެންނަމަވެސް، އަހަރު ނިމިގެންދާއިރު، ގާތްގަނޑަކަށް 28 މިލިއަން ރުފިޔާ ސަރޕްލަސްވާނެ ކަމަށް މިހާރު ދައްކާ.

ޢިއްޒަތްތެރި މެންބަރުންގެ އަތްޕުޅަށް ލިބިވަޑައިގެންފައިވާ ތަފްޞީލުތަކުން ބަޖެޓުގެ ޚަރަދުތައް ބައިކުރެވިފައިވާ ގޮތާއި އަދި އާމްދަނީ ލިބޭނެކަމަށް ލަފާކުރާވަރާއި، ބޭރުން މާލިއްޔާ ހޯދޭނެކަމަށް ލަފާކުރާވަރު އެނގިވަޑައިގަންނަވާނެ.

1989 ވަނަ އަހަރުގެ ބަޖެޓުގައި، އިޤްތިޞާދީ ތަރައްޤީއަށް ކުރެވޭ ޚަރަދަށް ކަނޑައެޅިފައިވަނީ، 172.2 މިލިއަން ރުފިޔާ. އެއީ، މުޅި ބަޖެޓުގެ ސަތޭކައަކުން 24. މީގެ ތެރެއިން އެންމެ ބޮޑު ޚަރަދު ހިނގާނެ ކަމަށް ދައްކަނީ ދަތުރުފަތުރާބެހޭ ބަޔަށް. 117.6 މިލިއަން ރުފިޔާ. އެއީ މުޅި ބަޖެޓުގެ ސަތޭކައަކުން 17 (މިދަންނަވާ ޢަދަދުތައް، ބަޖެޓް މަޢުލޫމާތު ކަރުދާސް ނަންބަރު 2ން ސާފުވެވަޑައިގަންނަވާނެ.)

މަސްވެރިކަމުގެ ތަރައްޤީއަށް ޚަރަދުވާނެ ކަމަށް ލަފާކުރެވިފައިވަނީ، 18.1 މިލިއަން ރުފިޔާ. ކުރީ އަހަރުތަކަށްވުރެ މިބައި ކުޑަވެފައި މިވަނީ، މަސްވެރިކަމުގެ ބޮޑު ދެ މަޝްރޫޢު މިހާރު ނިމުމަކަށް އަންނާތީ. އެކަމާބެހޭ ބޮޑެތި ޚަރަދުތައް މީގެކުރިން ކޮށް ނިމިފައިވަނީ. އެހެންވީމާ، ކުރިއަށް އޮތް އަހަރު އާދެ، 1989ވަނަ އަހަރު މަސްވެރިކަމުގެ ތަރައްޤީއަށް ލަފާކުރާ ފައިސާގެ ޢަދަދު ތަންކޮޅެއް ކުޑަކޮށް ފެންނަން އެއޮތީ. އިލެކްޓްރިސިޓީ އަށް 24.1 މިލިއަން ރުފިޔާ ހިނގާނޭ ކަމަށް ލަފާކުރެވިފައިވޭ. އެއީ މާލޭ ޕަވަރހައުސްއާ ބެހޭ މަޝްރޫޢުގެ މަސައްކަތް، އޭ.ޑީ.ބީ.ގެ ލޯނުގެ އެހީގެ ދަށުން، އަންނަ އަހަރު ފަށައިގަނެވޭނެ ކަމަށް ލަފާކޮށްފައި.

1989 ވަނަ އަހަރުގެ ބަޖެޓުގެ އެންމެ ބޮޑު ޚަރަދު ލަފާކުރެވިފައިވަނީ، އިޖުތިމާޢީ ތަރައްޤީއަށް ކުރެވޭ ޚަރަދަށް. އެބަޔަށް ލަފާކުރެވިފައިވަނީ 306.8 މިލިއަން ރުފިޔާ. (މި ދަންނަވާ ހުރިހާ ޢަދަދުތައްވެސް، ބަޖެޓް މަޢުލޫމާތު ކަރުދާސް ނަންބަރު 2 ން އޮޅުންފިލާވަޑައިގަންނަވާނެ.) އާދެ، އިޖުތިމާޢީ ތަރައްޤީއަށް ކުރެވޭ ޚަރަދަށް ލަފާކުރެވިފައިވަނީ 306.8 މިލިއަން ރުފިޔާ. އެއީ، މުޅި ބަޖެޓުގެ ސަތޭކައަކުން 43. ޖަމާޢަތުގެ ފައިދާއަށްޓަކައި ދެވޭ އެހެނިހެން ޚިދުމަތަށް 84 މިލިއަން ރުފިޔާ ޚަރަދުވާނޭ ކަމަށް ލަފާކުރެވޭ. އެއީ، މުޅި ބަޖެޓުގެ ސަތޭކައަކުން 11.9. ތަޢުލީމަށް ހިނގާނެ ޚަރަދު ކަމަށް ލަފާކުރެވިފައިވަނީ 116.2 މިލިއަން ރުފިޔާ. އާދެ، މިބައި މިއޮތީ ވަރަށްބޮޑުތަން އިތުރުވެފައި. 1987 ގައި ތަޢުލީމަށް ހިނގާފައިވަނީ، 31 މިލިއަން ރުފިޔާ. 1988 ގައި އާދެ، މި ހިނގާ އަހަރު ތަޢުލީމަށް ހިނގާނެ ކަމަށް ލަފާކުރެވިފައި ވަނީ، 45 މިލިއަން ރުފިޔާ. މި އަންނަ އަހަރު ތަޢުލީމަށް ހިނގާނެ ކަމަށް މިހާރު ބަޖެޓުގައި ލަފާކޮށްފައި މިވަނީ 116 މިލިއަން ރުފިޔާ. އެއީ މުޅި ބަޖެޓުގެ ސަތޭކައަކުން 16. ޞިއްޙަތަށް ހިނގާނޭ ކަމަށް ލަފާކުރެވެނީ 89.7 މިލިއަން ރުފިޔާ. އެއީ މުޅި ބަޖެޓުގެ ސަތޭކައަކުން 12.7.

ހިންގުމާބެހޭ ޚަރަދަށް ހިނގާނޭ ކަމަށް ލަފާކުރެވިފައިވަނީ، 95.4 މިލިއަން ރުފިޔާ. އެއީ މުޅި ބަޖެޓުގެ ސަތޭކައަކުން 14. ދަރަނީގެ ޚިދުމަތަށާއި، ލޯނު އަދާކުރުމަށް ޚަރަދުވާނޭ ކަމުގައި ލަފާކުރެވިފައިވަނީ 60.4 މިލިއަން ރުފިޔާ. އެއީ މުޅި ބަޖެޓުގެ ސަތޭކައަކުން 8.5. ދަރަނީގެ ޚިދުމަތާއި، ލޯނު އަދާކުރުމަށް 1989ގައި ހިނގާނޭ ކަމަށް ލަފާކުރެވިފައިވަނީ، މި ހިނގާ އަހަރަށްވުރެ ކުޑަ ޢަދަދެއް. މި ހިނގާ އަހަރު އެބަޔަށް ހިނގާނޭ ކަމަށް ލަފާކުރެވިފައިވަނީ 80.1 މިލިއަން ރުފިޔާ. އެހެންވީމާ، ބޭރު ދަރަނީގެ ބުރަދަން އިރާދަކުރެއްވިއްޔާ، މި އަންނަ އަހަރު މިވޭތުވެދިޔަ އަހަރުތަކަށްވުރެ ކުޑަވާނެކަމަށް ދައްކަނީ. މި އަހަރު 80.1 މިލިއަން ރުފިޔާ ދަރަނި އަދާކުރުމަށާއި، ޚިދުމަތުގެ އަގަށް އަޅުގަނޑުމެން ދައްކަންޖެހޭ. މި އަންނަ އަހަރު ލަފާކުރެވޭ ގޮތުގައި ދައްކަންޖެހޭނީ ހަމައެކަނި 60.4 މިލިއަން ރުފިޔާ.

ރައްޔިތުންގެ މަޖިލީހުން ބަޖެޓް ފާސްވުމަށްފަހު، ބަޖެޓް ކޮންޓްރޯލް ކުރުމުގެ ގޮތުން ބައެއް ފިޔަވަޅު އަޅަމުން ގެންދެވޭ. މިހެން ހަދަންޖެހެނީ، ހުސްއެކަނި ސަރުކާރަށް ލިބޭ ފައިސާ، އެއިން ޚަރަދު ދެކޮޅުޖެއްސޭތޯ ބެލުމަކަށް ނޫން. ބަޖެޓް ޚަރަދު ހިންގުމުގައި، ކޮންމެހެން ބޭނުމެއް ނެތް ޚަރަދު ކުރުމާއި، އިސްރާފު ކުރުމުންވެސް ދުރުހެލިވުމަށް. މިގޮތުގެ މަތިން ބަޖެޓް ކޮންޓްރޯލް ކުރުމަކީ، މިވަގުތު ވަރަށް ބޭނުންތެރި ކަމެއް ކަމުގައި އަޅުގަނޑު ދެކެން. ރާއްޖޭގެ އިޤްތިޞާދީ އަދި އިޖުތިމާޢީ މަސައްކަތް ކުރިއެރުވުމަށްޓަކައި، ސަރުކާރުގެ ފަރާތުން މަސައްކަތް ހިންގަމުންދާއިރު، އެއް އަހަރުން އަނެއް އަހަރަށް ސަރުކާރުގެ ބަޖެޓް ދަނީ ބޮޑުވަމުން. ސަރުކާރުގެ ބަޖެޓް ބޮޑުވަމުންދަނީއަކީ، ހަމައެކަނި ފައިސާގެ އަގަށް، ނުވަތަ މުދަލުގެ އަގަށް، ނޫނީ ޚިދުމަތުގެ އަގަށް އަންނަ ބަދަލަކުންނެއް ނޫން. ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތް، ރައްޔިތުންނަށް ހޯދައިދޭންޖެހޭ ފަސޭހަތައް އިތުރުވެސް ކުރެވެމުންދާތީ، އެއް އަހަރުން އަނެއް އަހަރަށް އެ ބަޖެޓް ބޮޑުވަމުންދަނީ. އެހެންކަމުން، ސަރުކާރުގެ ބަޖެޓުގެ ތެރެއިން މި މަޤްޞަދު ޙާޞިލްކުރެވޭތޯ ބެލުމަކީ ކޮންމެހެން ބޭނުން ކަމެއް.

ބަޖެޓާ ބެހޭގޮތުން ޢިއްޒަތްތެރި މެންބަރުން ބޭނުންފުޅުވާ އިތުރު މަޢުލޫމާތު، އެހެން އަހަރުތަކެކޭވެސް އެއްފަދައިން، މިނިސްޓްރީ އޮފް ފިނޭންސްގެ ޑިރެކްޓަރ އަދި ރައީސުލްޖުމްހޫރިއްޔާގެ ޢިއްޒަތްތެރި މެންބަރު އަލްފާޟިލް އިސްމާޢީލް ފަތުޙީ ތިޔަބޭފުޅުންނަށް އޮޅުންފިލުއްވައިދެއްވާނެ.

ވޭތުވެދިޔަ 1987 ވަނަ އަހަރާއި އަދި ނިމެމުންމިދާ 1988 ވަނަ އަހަރަކީ، ކުރީ އަހަރުތަކަށްވުރެ އިޤްތިޞާދީ ގޮތުން ރާއްޖެއަށް ރަނގަޅު ދެ އަހަރު ކަމުގައި އަޅުގަނޑަށް މިހާރު ވާނީ ދަންނަވާލެވިފައި. އާދެ، މި ނަތީޖާ މި ފެންނަނީ، އިޤްތިޞާދީ ކުރިއެރުމަށްޓަކައި ބޮޑެތި މަސައްކަތްތަކެއް ކުރެވި، އެ މަސައްކަތްތަކުގެ ނަތީޖާ ފެންނަމުންދާން ފެށުމުން.

މަސްވެރިކަމަކީ، އަޅުގަނޑުމެންނަށް އެންމެ ފަސޭހައިން ކުރެވެން އޮތް އިޤްތިޞާދީ މަސައްކަތް ކަމުގައި ވެފައިވަނީ، އަޅުގަނޑުމެންގެ ވަށައިގެންވާ ގަދަ ނޫކުލައިގެ ކަނޑުތަކަކީ، މަސްވެރިކަމުގެ ޚަޒާނާތަކެއް ކަމުގައިވާތީ. ރާއްޖޭގެ ކުދިކުދި ޖަޒީރާތަކުގެ ހިތްގައިމު ހުދު ގޮނޑުދޮށްތަކަކީ، އަޅުގަނޑުމެންނަށް ލިބިފައިވާ އަނެއް ޚަޒާނާކަން އަޅުގަނޑުމެންނަށް އެނގުނީ ފަހުން. އެހެންކަމާއެކު، މި ދެ ޚަޒާނާގެ ބޭނުންކުރަން އަޅުގަނޑުމެން ފެށީ ޞުލްޙަވެރިކަމާއި އަމާންކަމާއެކުގައި.

މި ގޮތަށް ދުނިޔޭގައި ހިނގަމުންދާ އެކިއެކި ހަމަނުޖެހުންތަކާމެދު، މާބޮޑު ފިކުރެއް ނުކޮށް އަޅުގަނޑުމެން ތިއްބާ، އަޅުގަޑުމެން ސިއްސުވާލީ ،މި ހުސްވި ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި އުދުވާނީ ޙަމަލާ. ފަހަރެއްގައިވެސް، އަޅުގަނޑުމެންގެ ޚިޔާލަށް ނާންނަފަދަ ބިރުވެރި ކަންތައްތަކާ އެ ދުވަހު އަޅުގަނޑުމެން ކުރިމަތިލާން ޖެހުނު. މިހާރު އަޅުގަނޑުމެން ވިސްނާލަންވީ ކަމަކީ، މިފަދަ ޙާދިޘާތަކަކީ ތަކުރާރުވެގެން އަންނާނޭ ޙާދިޘާތަކެއްތޯ. ނުވަތަ މިކަން އަޅުގަނޑުމެން ހަނދާންނައްތާލާފައި، އަނެއްކާވެސް ކުރިން ތިބިގޮތުގައި ކުރިއަށްދާންވީތޯ. އަޅުގަނޑު ހީކުރާގޮތުގައި، އަޅުގަނޑުމެންނަށް މިހާތަނަށް މިއާދެވުނީ، އެބާވަތުގެ ކަންތައްތަކާމެދު ހިސާބަކަށް ޣާފިލުވެ ތިބެގެން. އެއީ މިކަމާ ދޭތެރޭގައި ވިސްނަންޖެހޭކަހަލަ އެއްވެސް ސަބަބެއްވެސް މެދުވެރިވެފައި ނެތުމާއެކު. އެހެންނަމަވެސް، މިހާރު އަޅުގަނޑުމެން އެ ޚިޔާލު ދޫކޮށްލަން އެބަޖެހޭ. އަޅުގަނޑުމެން އެންމެ ހިނދުކޮޅަކުވެސް، އަޅުގަނޑުމެންގެ ވަޒަނަށް ބަޔަކު ޙަމަލާއެއް ނުދޭނެކަމަށް ބަލައިގެން ނުވާނެ. އަޅުގަނޑުމެންގެ އަމަންއަމާންކަމަށް ގެއްލުމެއް ލިބެންޏާ، އެ ގެއްލުމެއް އެ ލިބެނީ، އަޅުގަނޑުމެންގެ ދިރިއުޅުމަށާއި މަޢީޝަތަށް.

އަޅުގަނޑު މިއަދު މި ހުށަހެޅި ބަޖެޓަކީ، އަޅުގަނޑުމެންގެ ޢާންމު ޙާލަތު ރަނގަޅުކޮށް، ފެންވަރު މަތިކޮށް، އިޤްތިޞާދީ ތަނަވަސްކަމަށް އުންމީދު ކުރަމުން ހުށަހެޅި ބަޖެޓެއް. އެހެންނަމަވެސް، އަޅުގަނޑުމެންގެ މި މުހިންމު މަޤްޞަދަށް ވާޞިލުވެވޭނީ، އަޅުގަނޑުމެންގެ އަމަންއަމާންކަމާއި ޞުލްޙަމަޞްލަޙަތު ރައްކާތެރި ކުރެވިގެން. އެހެންކަމުން، އަންނަ އަހަރުގެ ބަޖެޓުގައި، އަޅުގަނޑުމެންގެ ސަލާމަތީ ކަންތައްތައް ހަރުދަނާކޮށް، ރާއްޖޭގެ ދިފާޢު ވަރުގަދަ ކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތަކަށް ޚަރަދުކުރުމަށް ފައިސާ ކަނޑައެޅިފައިވާނޭ ވާހަކަ ޚާއްޞަގޮތެއްގައި، ޢިއްޒަތްތެރި މެންބަރުންގެ މަޢުލޫމާތަށްޓަކައި ދަންނަވާލަން. މިގޮތުން، އިތުރަށް ކުރެވޭ ޚަރަދެއްގެ ގޮތުގައި 25 މިލިއަން ރުފިޔާ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބަޖެޓުގައި ހިމެނިފައިވާނެ. މިފަދަ މުހިންމު ކަމަކަށް ޚަރަދު ކުރުމުގައިވެސް، އަޅުގަނޑުމެންގެ އިޤްތިޞާދު ތަންދޭ މިންވަރަކާއި، ޙާލަތު ނިޔާކުރާ ގޮތެއްގެ މައްޗަށް ބަލަންޖެހޭ.

ސަރުކާރުން ރައްޔިތުންނަށް ދޭ ޚިދުމަތްތައް އިތުރުކޮށް ހަލުވިކުރުމަށްޓަކައި، ސަރުކާރުގެ އޮނިގަނޑަށް ތަފާތު ބަދަލުތައް ގެނެސް، ސަރުކާރުގެ އޮފީސްތައް ހިންގާނޭ އިތުރު ޢިމާރާތްތައް ބިނާކޮށް ހަދަންޖެހޭނެކަންވެސް ތިޔަބޭފުޅުން ޤަބޫލުކުރައްވާނެ. އެހެންކަމާއެކު، މި އަހަރު ނިމިގެންދާއިރު، ސަރުކާރުގެ ދާއިރާގައި އިތުރު ތިން މިނިސްޓްރީ ވަނީ އުފެއްދިފައި. އެއީ މިނިސްޓްރީ އޮފް ފިނޭންސާއި، މިނިސްޓްރީ އޮފް ޓޫރިޒަމާއި، މިނިސްޓްރީ އޮފް ޕަބްލިކް ވާރކްސް އެންޑް ލޭބަރ. މި ތިން މިނިސްޓްރީ.

މީގެ ތެރެއިން މިނިސްޓްރީ އޮފް ޓޫރިޒަމް އުފައްދާފައިވަނީ، ޓޫރިޒަމަކީ މިހާރު ރާއްޖޭގެ އިޤްތިޞާދުގެ އެންމެ މުހިންމު އެއްބައި ކަމަށްވާތީ، އެކަމަށް ސަރުކާރުންދޭ އަހަންމިއްޔަތުގެ ބޮޑުކަމުން. އަނެއް ދެ މިނިސްޓްރީއަކީވެސް، ކުރިން ޑިޕާޓްމަންޓްގެ ގޮތުގައި ހިނގަމުންދިޔަ ތަންތަން ކަމަށްވެފައި، އެތަންތަނުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް މިހާރު މާގިނަވެފައި، އެ މަސައްކަތްތަކުގެ މުހިންމުކަން އިތުރުވުމުން އުފެއްދި ދެ މިނިސްޓްރީ. 1989 ވަނަ އަހަރުގެ ބަޖެޓުގައި މިތަންތާނގެ ޚަރަދުވެސް ވާނީ ހިމެނިފައި.

މީގެ އިތުރަށް، ސަރުކާރުގެ އޮފީސްތަކަށް މިހާރުވެސް ވަރަށްބޮޑުތަން ޖާގަ ކުޑަވެފައިވާތީ، އިތުރު ޢިމާރާތެއް ހެދުމުގެ ޚިޔާލުވެސް ސަރުކާރުން ގެންދަނީ ކުރަމުން. އިރާދަކުރެއްވިއްޔާ، މި އަންނަ އަހަރު އެފަދަ އާ ޢިމާރާތެއް ކުރަން ފެށޭނެ. ހަމަ އެއާއެކު، މިނިސްޓްރީ އޮފް ޖަސްޓިސްގެ ކޯޓުތައް ހިންގާނޭ ޢިމާރާތެއް އެޅުމަށްޓަކައި 2.5 މިލިއަން ރުފިޔާވެސް 1989 ވަނަ އަހަރުގެ ބަޖެޓުގައި ހިމެނިފައިވާނެ. ތިޔަބޭފުޅުން ޤަބޫލުކުރައްވާނެ ފަދައިން، މިހާރު މިނިސްޓްރީ އޮފް ޖަސްޓިސްގެ ކޯޓުތައް ހިނގަމުންދަނީ، އެއްގޮތަކަށްވެސް އެކަމަށް އެކަށީގެންވާވަރުގެ ޢިމާރާތްތަކެއްގައެއް ނޫން. އެހެންކަމާއެކު، ޢަދުލު އިންޞާފަކީ، ސަރުކާރުން އެންމެ މަތީ އަހަންމިއްޔަތު ދޭންޖެހޭ އެއްކަމެއް ކަމުގައިވާއިރު، މިފަދަ ޢިމާރާތެއް ހެދުމަކީ މިހާރު ކޮންމެހެން ބޭނުންކަމެއް ކަމުގައިވަނީވެފައި.

މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

އިރާދަކުރެއްވިއްޔާ 1989 ވަނަ އަހަރަކީވެސް، ރާއްޖެ އެކި ރޮނގުރޮނގުން ކުރިއަށްދާ މިންވަރު މަޑުނުޖެހި ކުރިއަށްދާނެ އަހަރެއް. ޤައުމީ ތަރައްޤީގެ މިޞްރާބަކީ ހަމަ މިހާރުގެވެސް މިޞްރާބު. އެހެންކަމުން، އަޅުގަނޑުމެން މިދާ މިޞްރާބުގައި ހުރަހެއް އޮތްނަމަ، އަޅުގަނޑުމެންނަށް ޖެހޭނީ އެ ހުރަސް ނައްތާލެވޭތޯ މަސައްކަތް ކުރަން. ވޭތުވެދިޔަތާނގެ އިންވެސްޓްމަންޓްގެ ނަތީޖާ ފެންނައިރު، އިތުރު އިންވެސްޓްމަންޓްތައް ކުރަންޖެހޭނެ. މިހާރު މި ފެންނަ ނަތީޖާއާ ހަމައަށް އަޅުގަނޑުމެންނަށް އާދެވިފައި މިވަނީ، އަޅުގަނޑުމެންގެ އަމިއްލަ މަސައްކަތުން. ސަރުކާރުގެ މާލީ ސިޔާސަތު ހަރުދަނާވެ، ބޭރުފައިސާގެ ބާކީ އަޅުގަނޑުމެންނަށް ރަނގަޅު ކުރެވިގެން.

ވޭތުވެދިޔަ އަހަރުތަކުގައި އަޅުގަނޑުމެންގެ އިޤްތިޞާދިއްޔަތު ކުރިއަށް ގެންދިޔުމުގައި އަޅާފައިވާ ފިޔަވަޅުތަކާމެދު، ބައިނަލްއަޤްވާމީ އެންމެބޮޑު މާލީ އެއް އިދާރާއެއް ކަމުގައިވާ، އިންޓަރނޭޝަނަލް މަނިޓަރީ ފަންޑުގެ ފަރާތުން ތަޢުރީފުކޮށްފައިވޭ. މިދިޔަ އޮކްޓޯބަރު މަހުގެ ފަހުކޮޅުގައި ރާއްޖެ އައި ފަންޑުގެ ވަފްދު ދުށްގޮތުގައި، ރާއްޖޭގެ އިޤްތިޞާދުގެ ކުރިއެރުން ތަޞައްވުރުކޮށްދެނީ ރާއްޖެއަކީ، ފުރިހަމަ ކާމިޔާބާއެކު އިޤްތިޞާދިއްޔަތު ކުރިއަރުވައި ހަމަޖެއްސި ޤައުމެއް ކަމުގައި. ސަރުކާރުގެ ބަޖެޓް ހަމަޖެއްސުމުގައި، ރާއްޖޭގެ ބޭންކާބެހޭ ދާއިރާއިން ނެގިފައިވާ ދަރަނި ކުޑަކުރެވިއްޖެ ކަމުގައި. ދައުލަތުގެ ބަޖެޓް މިހާރު ހިނގަމުންދަނީ މުޅިން ހަމަޖެހޭ ބަޖެޓެއްގެ ގޮތުގައި ކަމުގައި. ބޭރާބެހޭ ވިޔަފާރީގެ މުޢާމަލާތުގައި މިހާރު ދައްކަމުންދަނީ ރާއްޖެއަށް ފަހިވާގޮތަށް ކަމުގައި. 1987 ވަނަ އަހަރުގެ މާޗުގައި ފައިސާގެ އަގު ހަމަޖެއްސި އުޞޫލުގެ ސަބަބުން ދިވެހި ފައިސާގެ އަގު ކުރިއަށްވުރެ ވަރަށް ބޮޑުތަން ހަރުދަނާވެއްޖެ ކަމުގައި. ހަމައެއާއެކު، އެކަށީގެންވާ ބޭރުފައިސާގެ ރަސްމީ ރިޒަރވެއް ވެސް އުފެއްދިއްޖެ ކަމުގައި. އާދެ، މިއީ އަޅުގަނޑުމެން ގެންގުޅޭ ހަމަޖެހޭ އިޤްތިޞާދީ އަދި މާލީ ސިޔާސަތުގެ ސަބަބުން އައިސްފައިވާ ހެޔޮ ބަދަލުތަކެއް ކަމުގައި ބޭރުގެ ބޮޑެތި މާލީ އިދާރާތަކުންވެސް ދެކޭހިނދު، މުސްތަޤްބަލުގައި މިކަން ދެމެހެއްޓޭތޯ އަޅުގަނޑުމެން ބަލަންޖެހޭނެ.

ވޭތުވެދިޔަ 10 އަހަރު ދުވަހު ސަރުކާރުން މަސައްކަތް ކުރަމުން މިއައީ، މި ޤައުމުގެ ދަރިންގެ ޙައްޤުގައި. ރާއްޖެ ތަޢުލީމީ ގޮތުން ވެއްޓިފައި އޮތް ވަޅުގަނޑުން ނެގޭތޯ ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތްކުރި. އަދިވެސް ސަރުކާރުން މަސައްކަތް ކުރަމުންދާނީ، ރައްޔިތުންނަށް ކޮންމެހެން އުނގަންނައިދޭންޖެހޭ އެއްޗެއް އުނގަންނައިދެވޭނޭގޮތް ތަނަވަސްކޮށްދިނުމަށް. އަދި އިތުރަށް ތަޢުލީމީ ފެންވަރު މަތިވާނޭ ގޮތްތައްވެސް ހަދައިދިނުމަށް.

މިގޮތުން، މިއަދު ޚާއްޞަ ގޮތެއްގައި އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކައެއް އެބައޮތް. އެއީ ރާއްޖޭގެ ތަޢުލީމުގެ ފެންވަރު، ވަކިން ޚާއްޞަކޮށް، ސަރުކާރުގެ ސްކޫލްތަކުގެ ތަޢުލީމީ ފެންވަރު ދަށަށްދާ ވާހަކަ ވަރަށް ގިނަ ބަޔަކު ދައްކާ. މިހެން ވާންޖެހޭ އެންމެ ބޮޑު ސަބަބެއް ކަމުގައި އަޅުގަނޑު ދެކެނީ، އެކަށީގެންވާ ރަނގަޅު ފެންވަރުގެ ޓީޗަރުން ނުލިބުން. ރާއްޖެއިން ފުދޭވަރަށް ޓީޗަރުން ނުލިބޭތީ، ކުރިއްސުރެ ސަރުކާރުން އެކަން ކުރަމުން ގެންގޮސްފައިވަނީ، ރާއްޖެއިން ބޭރުން ޓީޗަރުން ހޯދައިގެން. ރަނގަޅު ފެންވަރުގެ ބޭރުގެ ޓީޗަރުން ނުލިބޭ ސަބަބަކީ، އަޅުގަނޑުމެންނަށް ދެވެން އޮންނަ މުސާރަ ކުޑަކަން.

ވީމާ، ކުރިއަށް އޮތް އަހަރު ސަރުކާރުން ޤަޞްދުކުރަނީ، ޓީޗަރުންނަށް ދޭ މުސާރަ ބޮޑުކޮށް، އެމީހުންނަށް ދެވޭ އެހެން ޢިނާޔަތްތައްވެސް މިހާރަށްވުރެ ރަނގަޅުކުރަން. ޝައްކެއްނެތް، އަޅުގަނޑުމެންގެ ޅަދަރިންނަށް ރަނގަޅު ތަޢުލީމެއް ދިނުމަށްވުރެ، ރާއްޖޭގެ މުސްތަޤްބަލަށް ފައިދާކުރާނެ އެހެން ކަމެއް ނޯންނާނެ. އާދެ، ކުރިން ދެންނެވިފަދައިން، 1987 ވަނަ އަހަރު ތަޢުލީމަށް އަޅުގަނޑުމެންނަށް ޚަރަދުކުރެވިފައި ވަނީ 31 މިލިއަން ރުފިޔާ. 1988 ގައި ޚަރަދުވާނެ ކަމަށް މި ލަފާކުރަނީ 45 މިލިއަން ރުފިޔާ. 1989 ގެ ބަޖެޓުގައި 116 މިލިއަން ރުފިޔާ ތަޢުލީމަށް މިހާރު ލަފާކުރެވިފައިވޭ.

ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ޞިއްޙީގޮތުންނާއި، އިޖުތިމާޢީ އެހެން ރޮނގުތަކުގައި، ރައްޔިތުންނަށް ދެވެންހުރި ޚިދުމަތްތައް ދިނުމުގައި، ޤައުމީ ބަޖެޓް އެހީވެދީފައި ވަނީ ވަރަށް ބޮޑަށް. އާދެ، ޢާންމު ރައްޔިތުންގެ ފަސޭހައާއި ލާބައަށްޓަކައި، ފެނާއި، ފާޚާނާއާބެހޭ މަޝްރޫޢު، މާލޭގައްޔާއި ރާއްޖެތެރޭގައި ހިންގުނު. މަސްވެރިކަން ކުރިއަށް ގެންދިޔުމަށްޓަކައި، ރާއްޖޭގެ އުތުރާއި ދެކުނުގައި މަޝްރޫޢުތައް ހިންގުނު. ބަނދަރު ހެދުމާއި، ރާއްޖެތެރޭގެ ރަށްރަށުގެ ފަޅު ފުންކުރަން ފަށައިގަނެވުނު. މިގޮތުން، ފަޅު ފުންކުރެވޭ ބައެއް ރަށްރަށުގައި، ފާލަން ހަދައިދިނުމާއި، އިތުރު ބިން ހިއްކުމުގެ މަސައްކަތްވެސް ދަނީ ކުރެވެމުން. މާލޭގައިވެސް، ފަޅުތެރެއިން ބިން ހިއްކައިގެން ވަރަށް ބޮޑު ބައެއް ވަނީ މާލެއަށް އިތުރުކުރެވިފައި. ރާއްޖެތެރޭގައި ހަސްފަތާލުތައް ޢިމާރާތްކޮށް، ސަރަޙައްދީ ވައިގެ ބަނދަރެއް ވަނީ ހަދާފައި. ރާއްޖެތެރެއަށް ޓެލެފޯނުގެ ޚިދުމަތް ދެވޭތޯ މިހާރު ދަނީ މަސައްކަތް ކުރެވެމުން. މި ފެށޭ 1989 ވަނަ އަހަރުގެ ތެރޭގައި، މި ޚިދުމަތް ބައެއް އަތޮޅުތަކަށް ދެވޭނެކަމަށް ފެނޭ. ހަމައެއާއެކު، އިތުރު ސަރަޙައްދީ ވައިގެ ބަނދަރެއް ރާއްޖޭގެ އުތުރުގައި މިހާރު ދަނީ ހެދެމުން.

ރާއްޖެތެރޭގެ ރަށްރަށުގެ މަދަރުސާތަކާއި، މިސްކިތްތަކާއި، ރަށު އޮފީސްތަކާއި، އަތޮޅުއޮފީސްފަދަ ތަންތަން މަރާމާތުކޮށް، އާ ތަންތަން ޢިމާރާތް ކުރުމުގެ ގޮތުން، މީގެ 10 އަހަރު ކުރިއްސުރެ ހިންގަމުން ގެންދާ ރާއްޖެތެރެ ތަރައްޤީ ކުރުމުގެ މަޝްރޫޢު، ސަރުކާރުން ޤަޞްދުކުރަނީ އަދިވެސް ކުރިއަށް ގެންދިޔުމަށް. 1989 ވަނަ އަހަރުގެ ބަޖެޓުގައިވެސް މިކަމަށްޓަކައި 2.6 މިލިއަން ރުފިޔާ ކަނޑައެޅިފައިވާނެ.

މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

ކުރިއަށް އޮތް އަހަރަށް ލަފާކުރާ ބަޖެޓް މިހާރުވަނީ ޢިއްޒަތްތެރި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައި. އެނގިވަޑައިގަންނަވާނޭ ފަދައިން، މި ބަޖެޓް މި ހުށަހެޅެނީ ރާއްޖޭގެ ތާރީޚުގެ ވަރަށް މުހިންމު ދަނޑިވަޅެއްގައި، އަޅުގަނޑުގެ މިއަދުގެ ވާހަކަ ފަށްޓަމުންވެސް ދެންނެވިފަދައިން، ރާއްޖެއަށް ކުރިމަތިވި ވަރަށް ނުރައްކާތެރި ޙާދިޘާއެއްގެ ސަބަބުން ތަފާތު ގޮތްގޮތުން ޤައުމަށް ލިބުނު ގެއްލުންތައް ފޫބެއްދުމަށްޓަކައި، މަސައްކަތް ފަށައިގަނެފައިވާ ވަގުތެއްގައި. އަދި ރާއްޖޭގެ ރިޔާސީ އާ ދައުރެއް ފެށޭ ވަގުތެއްގައިވެސްމެ.

އާދެ، އަޅުގަނޑު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާ 3 ވަނަ ދައުރަކަށް ޙަވާލުވުމަށްފަހު، އެ ދުވަހު ޤައުމާ މުޚާޠަބުކޮށް ދެއްކި ވާހަކައިގައި، ކުރިއަށް އޮތް ދައުރުގައި ހުރިހާ ގޮތަކުންވެސް ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތައް ހޯދައިދެވޭތޯ މަސައްކަތް ކުރާނެ ކަމުގައި ވާނީ ދަންނަވާފައި. އެހެންކަމުން، ކުރިއަށް އޮތް އަހަރުގެ ބަޖެޓް ހުށަހަޅާއިރު، ރައްޔިތުންނަށް ލުއިފަސޭހަ ހޯދައިދިނުމުގެ ގޮތުން ރޭވިފައިވާ ބައެއް ކަންތައްތައްވެސް ދަންނަވާލަން އަޅުގަނޑު ބޭނުންވޭ.

އޭގެތެރެއިން އެއް ކަމެއް ކަމުގައި ސަރުކާރުން މިހާރު ޤަޞްދުކޮށްފައިވަނީ، ރާއްޖޭގައި ބޭނުންކުރާ ޓެލެވިޜަނުން ސަރުކާރަށް މިހާރު ނަގާ އަހަރީ ފީ، އަންނަ އަހަރުން ފެށިގެން ނުނަގާގޮތަށް ހަމަޖެއްސުމަށް. ހަމައެފަދައިން، އާދައިގެ މީހުން އެންމެ ގިނައިން މުވާޞަލާތުގެ ގޮތުން ބޭނުންކޮށް އުޅޭ އެއްޗަކީ ބައިސްކަލް ކަމަށްވާތީ، މަގުމަތީގައި ދުއްވާ ބައިސްކަލަށް ދައްކަންޖެހޭ ފީވެސް އަންނަ އަހަރުން ފެށިގެން ކަނޑާލަން. މީގެ އިތުރަށް، ރާއްޖެއަށް އިމްޕޯޓް ކުރާ މުދަލުގެ ތެރެއިން ޢާންމު ދިރިއުޅުމަށް ބޭނުންވާ ގިނަ ބާވަތްތަކަކުން ނަގާ އިމްޕޯޓް ޑިއުޓީވެސް މިހާރު ނަގަމުންދާވަރަށްވުރެ ކުޑަކުރަން.

މިކަންކަން ހިންގުމަށްޓަކައި، ކަމާބެހޭ ޤާނޫނުތަކަށް ގެންނަން ބޭނުންވާ އިޞްލާޙުތައް، ލަހެއްނުވެ ތިޔަ ޢިއްޒަތްތެރި މަޖިލީހަށް ހުށަހެޅޭނެ. އެކަންކަމާމެދު ފުރިހަމައަށް ވިސްނެވުމަށްފަހު، ޤައުމަށާއި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކަށް ތިޔަބޭފުޅުން ނިންމަވާނޭކަމާމެދަކު އަޅުގަނޑު ޝައްކެއްނުކުރަން.

އަޅުގަނޑު ދަންނަވާލަން ބޭނުންވާ އަނެއް ވާހަކައަކީ، މިހާރު ސަރުކާރުން ހަމަޖައްސާފައިވާ އިމްޕޯޓް ލައިސަންސް ދޫކުރުމުގެ ޤަވާޢިދަށް ބަދަލުގެނައުމަށްވެސް ސަރުކާރުން ޤަޞްދުކުރާ ވާހަކަ. އެ ބަދަލުގެ ސަބަބުން، މިހާރު އޮންނަ ކޯޓާ ސިސްޓަމަށް އެހެންގޮތެއް ވުމަކީވެސް އެކަށީގެންވާ ކަމެއް. މިގޮތުން ގެނެވޭ ބަދަލުގެ ސަބަބުން ރާއްޖެއަށް އިމްޕޯޓް ކުރާ މުދަލުގެ ޢަދަދު އިތުރުވެގެންދާނޭ ކަމަށް ލަފާކުރެވޭ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން، ބައެއް މުދަލުގެ އިމްޕޯޓް ޑިއުޓީ ކުޑަކުރުމުންނާއި، ބައެއް ފީތައް ކަނޑައިލުމުން، ސަރުކާރަށް ލިބޭ އާމްދަނީން އުނިވާތަން ފޫބެއްދޭނެ ކަމަށްވެސް އުންމީދު ކުރެވޭ.

މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛

އަޅުގަނޑުގެ މި ވާހަކަކޮޅު އެއްސެވިކަމަށްޓަކައި ތިޔަ ޢިއްޒަތްތެރިންނަށް އަޅުގަނޑު ޝުކުރުވެރިވަން. ވޭތުވެދިޔަ ތާނގައި، ތިޔަ ޢިއްޒަތްތެރިންގެ އެއްބާރުލެއްވުމާއި، ތިޔަބޭފުޅުން އަޅުގަނޑުގެ މައްޗަށް ކުރެއްވި އިތުބާރު، އެއީ އަޅުގަނޑުގެ ވާޖިބު އަދާކުރުމުގައި ލިބުނު ވަރަށް މަތިވެރި ހިތްވަރެއް ކަމުގައި ދަންނަވަން. އަޅުގަނޑު ޔަޤީންކުރަނީ، ދިވެހި ޤައުމު ތަރައްޤީގެ މަގުގައި ކުރިއަށް ގެންދިޔުމުގައި، ތިޔަ އެންމެ ބޭފުޅުން ފުރިހަމައަށް މަސައްކަތް ކުރައްވައި، ސަރުކާރާ އެއްބާރުލައްވާނެ ކަމުގައި.

އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، އަޅުގަނޑު ޝުކުރު އަދާކުރަންޖެހޭ އެހެން ފަރާތްތަކެއްވެސްވާކަން އަޅުގަނޑު ހަނދާންކުރަން. އާދެ، ކޮންމެ އަހަރަކުވެސް ސަރުކާރުގެ ބަޖެޓް ތައްޔާރުކުރައްވަމުން ގެންދަވަނީ، މިނިސްޓްރީ އޮފް ފިނޭންސްގެ ފަރާތުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވައި، އެތައް ހިސާބުތަކެއް ހޯއްދަވައިގެން. އެހެންކަމުން، އެ މިނިސްޓްރީގެ ޑިރެކްޓަރ އަލްފާޟިލް އިސްމާޢީލް ފަތުޙީއަށް އަޅުގަނޑުގެ ހިތުގެ އަޑިން އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. ހަމަ އެއާއެކު އޭނާއާއެކު، އެ މިނިސްޓްރީގައި މަސައްކަތް ކުރައްވާ އެހެން ވެރިންނަށާއި މުވައްޒަފުންނަށްވެސް އަޅުގަނޑު ޝުކުރު އަދާކުރަން. ހަމަ މިނޭވާގައި، ބަޖެޓް ކޮމިޓީގެ މެންބަރުންނަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަނީ، އެބޭފުޅުން ކުރައްވާ މަސައްކަތްތަކުގެ އަގު ވަޒަންކުރަމުން. އަޅުގަނޑުގެ ޝުކުރުގެ ލިސްޓް ނިންމާލާނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ފައިސާއާއި ބަޖެޓާބެހޭ ބައިގެ މުވައްޒަފުންގެފަރާތުން ބަޖެޓާބެހޭ މަޢުލޫމާތުތައް ހޯދުމުގައި އަޅުގަނޑަށް ލިބިފައިވާ ގިނަގުނަ އެހީތަކަށްޓަކައި އެފަރާތްތަކަށްވެސް ޝުކުރު އަދާކުރަމުން.

ދިވެހި ޤައުމު ތަރައްޤީގެ މަގުގައި ހަލުވިކަމާއެކު ކުރިއަށް ގެންދިޔުމަށް މަސައްކަތް ކުރުމުގައި އަޅުގަނޑަށާއި ތިޔަ ޢިއްޒަތްތެރިންނަށް، އަދި ހުރިހާ ދިވެހި ދަރިންނަށް މަގު ދައްކަވައި، ހެޔޮ ތައުފީޤު ދެއްވުން އެދި މާތްﷲގެ ޙަޟްރަތަށް ދުޢާކުރަން. އަޅުގަނޑު އެދެނީ، ހުރިހާ ދިވެހި ދަރިންނަށް މިއަދަށްވުރެ ފާގަތި މާދަމާއެއް. ދިވެހިރާއްޖޭގައި، މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި ހިދާޔަތުގެ ހިޔާވަހިކަމުގައި، އުފަލާއި، ހިތްހަމަޖެހުމާއި، އަމަންއަމާންކަމާއި، ޞުލްޙަމަޞްލަހަތާ އެކުގައި އުޅޭނޭ ދިގު ދުވަސްތަކެއް اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެން އެންމެންނަށް ދެއްކެވުން.

والسّــلام عليــكم ورحـمــة اللّـه وبـركاتـه.