بســم اللّـه الرّحمـن الرّحيــم

اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކުރަން. އެކަލާނގެ ފޮނުއްވި މާތް ނަބިއްޔާއަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން.

އާދެ، މިރޭ އަޅުގަނޑުމެން އެންމެންނަށްވެސް މި ތަޖުރިބާ ކުރެވުނީ މުޅިން އާ ކަމެއް. ދިވެހިރާއްޖޭގައި އެންމެ ފުރަތަމަފަހަރަށް ޅެންވެރިންގެ ދުވަހެއް ފާހަގަކޮށް، އެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިފަދަ އުފާވެރި ބައްދަލުވުމެއް ބޭއްވުނު އެންމެ ފުރަތަމަފަހަރު މިއީ. އެހެންކަމާއެކު، އަޅުގަނޑުގެ އެންމެ ފުރަތަމަ ވާޖިބެއް ކަމަށް ދެކެނީ، މިފަދަ އުފާވެރި ހިތްގައިމު ޖަލްސާއެއް ތައްޔާރުކުރައްވައި، މިފަދަ އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ފުރްޞަތު އަޅުގަނޑުމެންނަށް ހޯއްދަވައިދެއްވި ކަމަށްޓަކައި ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަޖިލީހަށް، އާދެ، އެ މަޖިލިސް ހިންގެވުމާ ޙަވާލުވެ ހުންނެވި އަލްއުސްތާޛު ޢަބްދުﷲ ޙަމީދަށާއި އަދި އެ މަޖިލީހުގެ ހިންގުންތެރި ވެރިންނަށާއި، ހުރިހާ މުވައްޒަފުންނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދެންނެވުން.

އާދެ، މިރޭގެ މި ޖަލްސާއަކީ ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަޖިލީހުން ދިވެހި އަދަބިއްޔާތަށް ވަރަށް ބޮޑު ޚިދުމަތެއް ކުރެއްވި ޖަލްސާއެކޭ އަޅުގަނޑަށް ދެންނެވެން އަންނަނީ. މިޖަލްސާ ބޭއްވެވި މުނާސަބަތަކީ އަދި ރާއްޖޭގައި ފުރަތަމަފަހަރަށް ޅެންވެރިންގެ ދުވަހެއް ފާހަގަކުރުމަށް ހަމަޖެހުނު މުނާސަބަތަކީ، ތިޔަ އެންމެ ޢިއްޒަތްތެރިންނަށްވެސް މިހާރު ރަނގަޅަށް އެނގިވަޑައިގެންފައި އޮންނާނެ ފަދައިން، އަޅުގަނޑުމެންގެ ތެރޭގައި ފަހަކަށްއައިސް އެންމެ ވިދާލި، އެންމެ މަޝްހޫރު އެއް ޝާޢިރަކު ކަމުގައިވި އޮނަރަބްލް އަލްއުސްތާޛުލް މަރްޙޫމް އިބްރާހީމް ޝިހާބް އަވަހާރަވިތާ އެއް އަހަރު ފުރުމުގެ މުނާސަބަތު. އެ މުނާސަބަތަކީ ޤައުމަށް ލޯބިކުރާ ކޮންމެ ފަރުދަކުވެސް ވަރަށް ޚާއްޞަ ގޮތެއްގައި ފާހަގަކުރާނެ މުނާސަބަތެއް ކަމުގައި އަޅުގަނޑު ދެކެން.

އާދެ، އޮނަރަބްލް ޝިހާބުގެ ޚިދްމަތްތަކަކީ، ހަމައެކަނި ވަކި ދާއިރާއެއްގައި ޤައުމަށް ލިބިފައިވާ ޚިދުމަތްތަކެއް ނޫން. އޭނާ ޚިދުމަތް ކުރެއްވި ދާއިރާތައް ވަރަށް ގިނަގުނަ. ރާއްޖޭގެ ސިޔާސީ މަސްރަޙުގައި އޭނާ ޙަރަކަތްތެރިވެވަޑައިގެންފައި އޮތީ ވަރަށް ފުރިހަމަ ގޮތެއްގައި. ރާއްޖޭގެ އިޖުތިމާޢީ މައިދާނުގައި، ރާއްޖޭގެ އަދަބީ މައިދާނުގައި، މިހެންގޮސް ރާއްޖޭގެ ތަރައްޤީއާ ގުޅޭ ހުރިހާ މައިދާންތަކެއްގައިވެސް އޮނަރަބްލް ޝިހާބް ޙަރަކަތްތެރިވެވަޑައިގެންފައިވަނީ، އެމަނިކުފާނުގެ އިޚްލާޞްތެރި ޚިދްމަތް، ދިވެހި ފަސްގަނޑުން ދުވަހަކުވެސް ފޮހެވިގެން ނުދާނޭފަދަ ގޮތެއްގައި ކަމުގައި އަޅުގަނޑަށް ދަންނަވަންޖެހޭ. އެހެންކަމާއެކު، މި މުނާސަބަތުގައިވެސް، އެ މަނިކުފާނަށް ޙައްޤުވެގެންވާ ތަޢުރީފާއި ޝުކުރު އަދާކުރުމަށް އަޅުގަނޑު އަވަސްވެގަންނަން. އަޅުގަނޑުމެން އެންމެންގެވެސް ހިތާމައަކީ، މިރޭ އެމަނިކުފާނު އަޅުގަނޑުމެންނާއެކު ވަޑައިގެންނެތްކަން. އެހެންކަމުން، އެ ހިތާމަ އަޅުގަނޑުމެން އިޙްސާސްކުރަމުން، އެމަނިކުފާނުގެ ޢިއްޒަތްތެރި އަނބިކަނބަލުންނަށާއި، ޤަދަރުވެރި އަންޖާލުންނަށް، ބޭބޭފުޅުންނަށް އަޅުގަނޑުމެންގެ ހިތުގެ އިޚްލާޞްތެރި ލޯތްބާއި ހަމްދަރުދީ އަދާކުރުމަށް މި ފުރުޞަތުގެވެސް ބޭނުންކުރަމު.

ޝައްކެއްނެތް، މިފަދަ ދުވަހެއް ގެންނެވިކަމީ، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަޖިލީހުގެ ފަރާތުން ދިވެހި އަދަބިއްޔާތަށް، ދިވެހި ޅެންވެރިކަމަށް ގެންނެވި ވަރަށްވެސް ބޮޑު ދިރުމެއް. ޅެންވެރިކަމުގެ ފަންނަކީ، އެއާދޭތެރޭގައި މާގިނަ ވާހަކަތަކެއް އަޅުގަނޑަށް ދެއްކެން އޮތް ފަންނެއް ނޫން. އަޅުގަނޑަކީ ޝާޢިރެއް ނޫން. އެއްވެސް ޒަމާނެއްގައި ޅެންހެދި މީހެއް ނޫން. އެހެންނަމަވެސް، އަޅުގަނޑަކީވެސް އަދަބިއްޔާތަށް ކޮންމެވެސްވަރަކަށް ލޯބިކުރާ މީހަކަށްވާތީ، ޅެންވެރިކަމަށްވެސް ނުވަތަ ޅެމަށް އަޅުގަނޑު ލޯބިކުރަން. އަދި އެގޮތުގެ މަތިން އަޅުގަނޑުގެ ތަޢުލީމުގެ ދައުރުގައިވެސް އަދި އޭގެފަހުންވެސް ޅެންކިޔާހިތްވާ މީހެއް ކަމުގައި އަޅުގަނޑު ވަނީ ވެފައި. ޅެންކިޔައި، އެއިން އަޅުގަނޑަށް އުފާ ލިބިގަނެވޭ. އެހެންކަމާއެކު، ޅެންވެރިކަމާ ބެހޭގޮތުން އޭގެ އަޞްލު ބާބުގައި، ޅެންވެރިކަމުގެ ފަންނާ ބެހޭގޮތުން އަޅުގަނޑަށް އެއްޗެއް ދަންނަވައިނުލެވުނު ކަމުގައިވިޔަސް، ޅެންވެރިކަމުގެ ހަވާސާގައި، ދެނުކުތާއެއް ދަންނަވާލާނަމޭ އަޅުގަނޑު މިރޭ ހިތަށްއަރާ.

އާދެ، އޭގެތެރެއިން އެންމެ ފުރަތަމަ ނުކުތާއަކީ، ޅެމަކީ އަޅުގަނޑު ދެކޭގޮތުގައި، އިންސާނާގެ ހިތުގެ އެންމެ އެތެރޭގެ ޝުޢޫރުތައް ފާޅުވެގެންދާ ފަންނެއް. ނުވަތަ އިންސާނާއަށް އޭނާ ދިރިއުޅޭ މާޙައުލުން ލިބޭ ތަޖުރިބާތައް، އޭނާގެ ޝުޢޫރުގެ ތެރޭގައި އެނބުރިގަތުމަށްފަހު، ކޮންމެ މީހެއްގެވެސް ހިތުގައި އެނބުރޭ ޝުޢޫރުތަކުގެ ކުލަ އެއަށް ޖެހިގެން، އެމީހާގެ ޤަލަމުން ނުވަތަ ދުލުން ބަޔާންކުރާ އެއްޗެއް. އެހެންވީމާ، ޅެންވެރިކަމަކީ އަޅުގަނޑަށް ދެންނެވެން އަންނަނީ އެއީ ވަރަށް ޚާއްޞަ ޒާތީ ތަޖުރިބާއެކޭ. ކޮންމެ ޝާޢިރަކުވެސް، އެ ޝާޢިރަކު އެ ހަދާ ޅެމެއްގައި އެ ފާޅުކުރަނީ އޭނާގެ އެންމެ، އެމީހެއްގެ، އެ ޝާޢިރެއްގެ އެންމެ އެތެރޭގެ ޝުޢޫރުތައް. ދުނިޔޭގެ އެކިކަންކަމުން އޭނާއަށް ފެންނަ ކަންތައްތަކާއި، ދިމާވާ ޙާދިޘާތަކާއި، އޭނާގެ ހިތަށްކުރާ އަސަރުތަކާއި، ބުއްދިއަށް ވިސްނޭ ވިސްނުންތަކާއި، މިހުރިހާ އެއްޗެއް އެކުވެގެން އޭނާގެ ޒާތުގެ ތެރެއިން ނުކުންނަ އުފެއްދުމެއް ޅެންވެރިކަމަކީ.

އެހެންވީމާ، ޝައްކެއްނެތްގޮތުގައި، މި ފަންނަކީ އެއްވެސް ޙާލެއްގައި ވަކިގޮތަކަށް ބަނދެވިފައި އޮންނާނެ ފަންނެއް ކަމަކަށް ނުވާނެކަމަށް އަޅުގަނޑު ދެކެނީ. ޅެންވެރިކަމުގެ ރޫޙަކީ މިނިވަންކަން. އާދެ، އަޅުގަނޑުވެސް އެއްބަސް، ޅެން، ޅެމަކަށް ވަނީ، ވަކި ވަޒަންތަކަކަށް ބަސްތަކެއް އަތުރައިލެވިގެން. އެހެންނަމަވެސް، އޭގެ އިތުރުން އެއްވެސްކަހަލަ ޤައިދެއް، އެއްވެސްކަހަލަ ހުރަހެއް ޅެންވެރިޔާއާއި، އޭނާގެ އެ އިޙްސާސް ކުރެވޭ ޝުޢޫރުތައް ފާޅުކުރުމާ ދޭތެރޭގައި އޮވެގެންވާނެއެކޭ އަޅުގަނޑު ހިތަކަށްނާރާ. ޅެންވެރިކަން އޮންނަންޖެހޭނީ ވަރަށް މިނިވަން ޖައްވެއްގައި. ޅެންވެރިޔާއަށް އެފެންނަ ކަންތައްތަކާއި، ތަޖުރިބާ ކުރެވޭ ކަންތައްތައް، އޭނާގެ އަމިއްލަ ބަހުން، އަމިއްލަ ޢިބާރާތުން، އޭނާގެ ޝުޢޫރުގެ ވިންދުން އަޅުގަނޑުމެންނަށް އެ ހުށަހަޅާލަނީ، އަމިއްލަ ޒާތީ ތަޖުރިބާއެއްގެ ގޮތުގައި. އެހެންވީމާ، އެ ތަޖުރިބާ އޮންނަންޖެހޭނީ ވަރަށް މިނިވަން ތަޖުރިބާއެއްގެ ގޮތުގައި.

އަޅުގަނޑު އެހެން ދަންނަވާލަން މިޖެހެނީ، އަޅުގަނޑުމެންގެ ތެރޭގައި އާ ކަމެއް ފެށިއްޖިއްޔާ ވަރަށް ފަސޭހައިން އެކަމެއް ތައްގަނޑަކަށް ފެތިގެން ހިނގަމުންދާގޮތް އޮންނަނީ ދިމާވެފައި. މަޒުމޫނު ލިޔާއިރުވެސް، ތިޔަބޭފުޅުންނަށް ފާހަގަކުރެއްވޭނެ، ކޮންމެ ދައުރެއްގައިވެސް ވަކިކަހަލަ ގޮތަކަށް މަޒްމޫނުތައް ފެށިފައި ހުންނަނީވެސް، އޭގެ ޢިބާރާތްތައް ހުންނަނީވެސް. އެހެންވީމާ، އެ އަދަބީ ބައި މުޅިން ކެނޑިފައި، ތައްގަނޑަކަށް ފެތޭގޮތް މާފަސޭހައިން އޮންނަނީ އައިސްފައި.

އަޅުގަނޑު ދަންނަވަން މިއުޅެނީ، ޅެންވެރިކަމަކީ އެގޮތަކަށް އޮވެގެންވާނެ އެއްޗެއް ނޫނޭ. އެ ވާންޖެހެނީ ވަރަށް މިނިވަން އެއްޗަކަށް. އޭގައި އެ އޮންނާނީ ކުރިންވެސް ދެންނެވި ފަދައިން، މީހާގެ ޝުޢޫރު، އޭނާގެ ހިތުގައި ހިނގާ ޝުޢޫރުތައް، އަދި އެންމެ އެތެރޭގެ ޝުޢޫރުތައް. އެހެންވީމާކަންނޭގެ، ޢަރަބިބަހުން ޅެމުގެ މާނަ ބަޔާންކުރާއިރު، އެ ބުނަނީ "المعنا فى بطن الشّاعر"، މާނަ އޮންނާނީ ޅެންވެރިޔާގެ ބަނޑުގައޭ" އެހެން އެބުނާ ބުނުން، ފަހަރެއްގައި އެ ރައްދުވަނީ އަޅުގަނޑު މިދެންނެވި މާނައަށް ކަމުގައި ވެދާނެ. އެހާވެސް އެތެރޭގެ އެއްޗެއް، ޅެމުގައި އެ ހިމެނޭ މާނަތައް އެއީ.

އެހެންވީމާ، އަޅުގަނޑު ދަންނަވަން މިއުޅެނީ، އަޅުގަނޑުމެންގެ ޒުވާން ޅެންވެރިން، ޅެން ހައްދަވާއިރު، ވަރަށް ބޮޑަށް މި ނުކުތާއަށް ސަމާލުކަން ދެއްވާށޭ. އެ ވާންޖެހޭނީ އަމިއްލަ ތަޖުރިބާއަކަށޭ. އެ ވާންޖެހޭނީ ތިމާއަށް އިޙްސާސްވާ އިޙްސާސްވުމެއް، ތިމާގެ އަމިއްލަ ޢިބާރާތުން ތިމާއަށް އެ އިޙްސާސްވިގޮތަކަށް ހާމަކޮށްދޭ އެއްޗަކަށް. އެއްވެސް ކަހަލަ މާބޮޑު ޤަވާޢިދުތަކެއް، އެ މިނިވަން ޚިޔާލުގައި ހުރެގެންނުވާނެ. އެގޮތް އެނގިވަޑައިގަންނަވާނެ، ތިޔަބޭފުޅުން، އެކި ބޭބޭފުޅުންގެ، އެކި ޝާޢިރުންގެ ޅެންތައް ވިދާޅުވާއިރު. މޮޅު ޝާޢިރުން ހައްދަވާފައި ހުންނަ ޅެންތަކުގައި ހުންނާނީ، އަމިއްލަ މިނިވަން ޚިޔާލުތަކެއް. އެހެނެއްނޫން، ތަންކޮޅެއް އާދައިގެ ފެންވަރުގެ ޝާޢިރުން ހައްދަވާ ޅެންތަކުގައި ހުންނާނީ ދާދި އެކައްޗެއް. ދާދި އެއް ޚިޔާލުތަކެއް. ދެން އަޅުގަނޑު ވަކި ބޭފުޅަކަށް އެއްޗެއް ދަންނަވާކަށެއްނެތިން. އެހެންނަމަވެސް، މިރޭ އިވިގެންދިޔަ ޅެންތަކުގެ ތެރޭގައިވެސް، މިދެންނެވި ދެބައި އަޅުގަނޑުމެންނަށް އަޅުގަނޑު ހިތުން ފެނިގެންދިޔަ. ބައެއް ޅެންތަކުގައި ވަރަށް މޮޅު، ވަރަށް އަމިއްލަ ތަޞައްވުރުތަކެއް، އާދެ، ޅެންބަހުގެ ތަޞްވީރުތަކެއް ފެނިގެންދިޔަ. އަނެއްބައި ޅެން ޅެމުގައި ހުންނަނީ އަޅުގަނޑުމެން އާދަވެގެން އެކި ޅެންޅެމުން ކިޔާ ވައްތަރުގެ ޚިޔާލުތަކާއި، ސޫރަތައް.

އެހެންވީމާ، އެންމެ ފުރަތަމަ ނުކުތާއަކަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ޒުވާން ޅެންވެރިން ޅެން ހައްދަވާއިރު، ވީހާވެސް މިނިވަންކޮށް، މިނިވަން ޚިޔާލެއްގައި ޅެން ހެއްދެވޭތޯ ބައްލަވާށޭ. މި ދަންނަވާ ދެންނެވުމުގެ މާނައަކީ ފަހަރެއްގައިވެސް އޭގެ ބޭރުފުށް، ޅެމުގެ ބޭރުފުށް އެހުންނަންޖެހޭ ވަޒަންތަކުން ނެއްޓިގެން ހުންނަންވާނެއެކޭ ނޫން. ކޮންމެ ބަހެއްގައިވެސް އެ އޮވޭ، ވަކި ޚާއްޞަ ގޮތްތަކެއް، އުޞޫލުތަކެއް، ހަމަތަކެއް ޅެމުގައި ހުންނަ. އެ ހަމަތައް ހިފަހައްޓަވަން ޖެހޭނެ. އެހެންނަމަވެސް، އެ ހަމަތައް އެ ހުންނަނީ އޭގެ ބޭރުފުށުގައި. އޭގެ ޝަކްލުގައި. އޭގެ މަދްމޫން ނުވަތަ އޭގެ އެތެރޭގައި އޮންނަ އެއްޗެއް އެއީ ހަމަ މުޅިން މިނިވަން އެއްޗެއް. އާދެ، އެއީ އެއް ވާހަކައަކަށް އަޅުގަނޑު ދަންނަވާލަން މިރޭ ހިތަށްއެރި ވާހަކައަކީ. އަނެއް ވާހަކައަކީ ޅެންކިޔުން. އާދެ، އެއީވެސް ވަރަށް ބޮޑު ފަންނެއް. ޙަޤީޤަތުގައި ޅެންކިޔުމަކީ ޅެންވެރިކަމުގެ ބައެއް.

ކުރީ ޒަމާނުގައި އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، ޅެންހަދާ މީހުން، އެ ހަދާ ޅެން، މީހުންގެ ތެރެއަށް ފޮނުވާލަނީ މިހާރު އަޅުގަނޑުމެން މި ހަދާ ގޮތަކަށެއްނޫން. މި ދެންނެވީ، ކަރުދާސްގަނޑެއްގައި ލިޔެފައި ފޮނުވަނީކީ ނޫން. ނުވަތަ ނޫހެއްގައި ޝާއިޢުކުރަނީކީ ނޫން. ޅެން ހަދާ މީހާ، މީހުން އެއްކޮށްފައި، ޅެން ކިޔައިދެނީ. އެ ކިޔައިދޭއިރު، އޭނާގެ ހިތުގައި އެ ހުންނަ ހުރިހާ ޝުޢޫރުތަކެއް، އޭގެ ހޫނުކަމާއި، އޭގައި ހުންނަ ވިންދާ އެކުގައި މީހުންނަށް އެ ހާމަކޮށްދެނީ.

އެހެންވީމާ، ޙަޤީޤަތުގައި ޅެންކިޔުމަކީ ޅެން ހެދުމުގެ ފަންނުގެ އެއްބައި. ޅެން ފުރިހަމަވަނީ ޅެންކިޔަން އެނގިގެން. މި ނުކުތާއަކީ އަޅުގަނޑުމެން ވަރަށް ބޮޑަށް މިއަދު އެ ތަރައްޤީކުރަން ބޭނުންވާ ނުކުތާއެއް. ތަރައްޤީކުރަން ބޭނުންވާ ފަންނެއް. އެއީ އަޅުގަނޑުމެންގެ ތެރޭގައި ފުދޭވަރަކަށް ނުވަތަ މޮޅަށް ޅެން ހައްދަވާ ބޭފުޅުން ތިއްބެވި ކަމުގައިވިޔަސް، އަޅުގަނޑަށް މިހާތަނަށް ފެނިފައިވާ ގޮތުގައި، އަޅުގަނޑުމެންގެ ތެރޭގައި، ޅެންކިޔުމުގެ ފަންނު އަދި އޮތީ މާއެކަށީގެންވާ ދަރަޖައެއްގައެއް ނޫން. މިހެން ދެންނެވިޔަސް، ބައެއް ބޭފުޅުން ވަރަށް ރީތިކޮށް ޅެން ވިދާޅުވޭ. މިސާލަކަށް، މިރޭ އެއްވަނައަށް ވަޑައިގެންނެވި ކަށިމާ އަޙްމަދު ޝާކިރު. އޭނާގެ ޅެން ވިދާޅުވުން ވަރަށް ރަނގަޅޭ އަޅުގަނޑަށްވެސް ދަންނަވަންޖެހޭ. އަދި އެނޫން ބޭފުޅުންވެސް އެބަ ތިއްބެވި، ޅެން ވިދާޅުވުމުގައި، އެ ވިދާޅުވާންޖެހޭކަހަލަ ގޮތަކަށް ވިދާޅުވި.

އޭގައިވެސް އަޅުގަނޑުހިތުން ބަލަންޖެހޭ ކަމަކީ ވަކި ތައްގަނޑަކަށް ފެތިގެން ޅެން ކިޔުމެއް ނޫން. އަޅުގަނޑުމެންނަށް މިހާރު އާދަވެފައި އޮންނަނީ އެއީ ކޮންމެކަހަލަ ޅެމެއް ކަމުގައިވިޔަސް، އެ ޅެމަކީ ކީރިތި ރަސޫލާއަށް މަދަޙަ ދެންނެވުމުގެ ގޮތުން ހެދިފައިވާ ޅެމެއް ކަމުގައިވިޔަސް، ނުވަތަ ޤައުމީ ޅެމެއް ކަމުގައިވިޔަސް ނުވަތަ ޤުދްރަތީ މަންޒަރެއް ސިފަކޮށްދޭ ޅެމެއް ކަމުގައިވިޔަސް ނުވަތަ ޢިޝްޤީ ޅެމެއް ކަމުގައިވިޔަސް، އަޅުގަނޑުމެން މިހުރިހާ ޅެމެއްވެސް ކިޔަމުން މިގެންދަނީ ދާދި އެއްވައްތަރަކަށް. އަޅުގަނޑަށް ދަންނަވަން ޖެހެނީ، މިޒަމާނުގެ ޢިބާރާތުންވިއްޔާ، އެ ކޮންމެ ޅެމެއްވެސް އެވިދާޅުވާ ބޭފުޅަކު އެހުންނަވަނީ އޮޓަމެޓިކަށް ޖައްސަވާފައޭ. ދެން އެދާގޮތަކަށް ދާނެ، މައްޗަށް ތިރިއަށް، މައްޗަށް ތިރިއަށް، އެ އޮންނަ ރާގަކަށް. އެހެންނަމަވެސް، އެއެއް ނޫން އަޅުގަނޑު ހިތުން ޅެންކިޔާގޮތަކީ. ޅެންކިޔާއިރު ކިޔަންވާނީ، އޭގެ ޝުޢޫރު، އޭގައި އެ ބުނާ އެއްޗެއް މީހުންނަށް އިޙްސާސް ކުރެވޭކަހަލަ ގޮތަކަށް. މިސާލަކަށް، ޖުމްލައެއް ފުރިހަމަވާންޖެހޭނެ، އެއް ނޭވާގައި ނުވަތަ އެގެންދާވަރެއް ނުވަތަ ޖުމްލައިގެ މާނަ ފުރިހަމަވާ ބައެއް، އެކުގައި ކިޔަންޖެހޭނީ. އަޅުގަނޑުމެން ޅެން ކިޔާއިރު، އެބަ ބަސްތައްވެސް ވަކިކުރަން. އަދި ބައެއްފަހަރު ބައެއް ލަފްޒުތައްވެސް ކިޔާލަނީ ވަކިވަކިކޮށްލައިގެން. އެހެންވީމާ، އެބުނާ އެއްޗެއް އަހާ މީހަކަށް ރަނގަޅަކަށް އިޙްސާސެއްވެސް ނުވޭ. އަނެއްކާ ކިޔަންޖެހެނީ ލަސްލަހުން ބާރުލާފައި، މީހުންނަށް ރީތިކޮށް ވިސްނޭގޮތަށް. މާ އަވަސް އަވަހަށް މަޑުމަޑުން ކިޔާލީމަކާވެސް، އޭގެ އަސަރެއް ނުހުންނާނެ. އެހެންވީމާ، އެ ފަންނު އަޅުގަނޑުމެން ވެއްޖެ ދިރުވަން. ނުވަތަ ދަސްކުރަން. އޭރުން އަޅުގަނޑު ހިތުން، ޅެން ހެދުމާއި، ޅެން ކިޔުމުގެ، އޭގެ ފުރިހަމަ ޖާޒުބިއްޔަތު، އޭގެ ޖާދުވީ އަސަރު، އަހާ މީހުންނަށް ކުރާނީ.

އާދެ، މިރޭގެ ވަގުތުވެސް ވަރަށް ލަސްވެފައިވާތީ، އަޅުގަނޑު ދެން މާދިގުކޮށް މި ވާހަކަ ދައްކާކަށްނެތިން. ކުރިންވެސް ދެންނެވިފަދައިން، އަޅުގަނޑަކީ މި ފަންނުގައި އެއްވެސް ކަހަލަ މަސައްކަތެއް ކޮށްއުޅޭ މީހެއް ނޫން. އެހެންނަމަވެސް، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރްކަޒުގެ ފަރާތުން އަޅުގަނޑަށް ދަޢުވަތު ދެއްވައިގެން މިރޭ މިތަނަށް އައިސް ހުރީތީ، އަޅުގަނޑަށްވެސް އިޙްސާސް ކުރެވޭ ބައެއް ވާހަކަތައް ދަންނަވާލީ.

އަޅުގަނޑުގެ އެދުމަކީ ޅެންވެރިންގެ ދުވަސްތަކެއް ރާއްޖޭގައި މިފަދަ ފެންވަރެއްގައި ނުވަތަ މިއަށްވުރެވެސް ފުރިހަމަކޮށް ފާހަގަވެގެންދިޔުން. އަދި މިފަދަ ދުވަސްތައް ގެނައުމުން، ދިވެހި ޅެންވެރިކަމަށް އިތުރު ދިރުންތަކެއް ލިބިގެންދިޔުން. ޒުވާނުންނަށް ޅެން ހެދުމުގެ މަގުފަހިވެ، އެމީހުންނަށް ބޭނުންވާ އިތުރު ތަޖުރިބާތަކެއް ލިބިގަތުމުގެ ފުރުޞަތުވެސް ލިބުން. އަދި އަޅުގަނޑުމެންގެ ތެރޭގައި މިރީތި ހިތްގައިމު ފަންނު، އެއްދުވަހުން އަނެއްދުވަހަށް ކުރިއަށްދިޔުން.

ހަމަ އެއާއެކުގައި، އަޅުގަނޑުމެން ރާއްޖޭގައި ފުރަތަމަފަހަރަށް މި ފާހަގަކުރާ ޅެންވެރިންގެ ދުވަހުގެ މުނާސަބަތުގައި، އެކިއެކި މުބާރާތްތަކުގައި އާދެ، ކަނޑައެޅިފައިވާ މައިގަނޑު ނަންތަކަށް ޅެން ހެއްދެވި ބޭފުޅުން ޅެން ހެއްދެވި މުބާރާތްތަކުގެ، އެ ދެބައިންކުރެ ކޮންމެ ބަޔަކުންވެސް 1 ވަނަ 2 ވަނަ 3 ވަނައަށް ވަޑައިގެންނެވި ޝާޢިރުންނަށާއި ޝާޢިރާއިންނަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވަން. ހަމަ އެފަދައިން، ޅެން ވިދާޅުވުމުގެ މުބާރާތުގައިވެސް، ޅެން ކިޔުމުގެ މުބާރާތުގައިވެސް 1 ވަނަ 2 ވަނަ 3 ވަނައަށް ވަޑައިގެންނެވި ބޭފުޅުންނަށް، ޝާޢިރުންނަށާއި ޝާޢިރާއިންނަށް އިޚްލާޞްތެރިކަމާއެކު މުބާރާކްބަދީ ރައްދުކުރަން. އަދި މިއަދަކީ ކުރިންވެސް ދެންނެވިފަދައިން، އަޅުގަނޑުމެންގެ ރާއްޖޭގައި އުފެދުނު އެންމެ އަގުހުރި އެއް ޝާޢިރު އަވަހާރަވިތާ އެއްއަހަރު ފުރުނު ދުވަސް ކަމަށްވާތީ އެމަނިކުފާނުގެ ފުރާނަފުޅަށް އާދެ، އޮނަރަބްލް އަލްމަރްޙޫމް އަލްއުސްތާޛު އިބްރާހީމް ޝިހާބުގެ ފުރާނަފުޅަށް ސުވަރުގޭގެ ދާޢިމީ ނިޢުމަތް ދެއްވުން އެދި، އަދި اللهُ سُبْحَانَهُ وَتَعَالَى ގެ ތަނަވަސް ރަޙްމަތުގައި އެމަނިކުފާނު ހިމެނުއްވުން އެދި ދުޢާކުރަމުން، އަޅުގަނޑު ވާހަކަކޮޅު ނިންމާލަނީ.

والسّــلام عليــكم ورحـمــة اللّـه وبـركاتـه.