ފިންލެންޑް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު މިޒް ތެރީ ހަކަލާ، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދަށް މިއަދު އަރުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި ފަތްކޮޅު އެރުއްވުމުގެ ރަސްމިއްޔާތަށްފަހު ރައީސުލްޖުމްހޫރިއްޔާ ފިންލެންޑް ސަފީރާ ބައްދަލުކޮށްލެއްވިއެވެ. މިބައްދަލުކޮށްލެއްވުމުގައި، ފިންލެންޑްގެ އާ ސަފީރަށް، ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ވިދާޅުވިއެވެ. އަދި، ރާއްޖޭގައި ޑިމޮކްރަސީ އޮތީ ވަރަށް ޅަފަތުގައި ކަމަށާއި، ޑިމޮކްރަސީ ހަރުދަނާ ކުރެއްވުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވަން ޖެހިވަޑައިގެންފައިވާ ކަމުގައި ވިދާޅުވިއެވެ. އަދި، މޫސުމަށް އަންނަ ބަދަލުތަކަކީ މުޅި ދުނިޔެއަށްވެސް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުންކަމަށާއި، މިކަންތައްތަކަށް ކުރިމަތިލުމުގައި ފިންލެންޑާއި ރާއްޖެއާ ދެމެދު އެއްބާރުލުން އިތުރުކުރެވިދާނެކަމުގައި ވިދާޅުވިއެވެ.

އ.ދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގެ މެންބަރަކަށް ރާއްޖެވުމަށް ކުރަމުންދާ މަސައްކަތަށް ފިންލެންޑުން ތާއީދުކުރައްވާކަމަށްޓަކައި ފިންލެންޑް ސަރުކާރަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރުއަދާކުރެއްވިއެވެ.

ފިންލެންޑް ސަފީރު ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި ފިންލެންޑާ ދެމެދު އުފެދިފައިވާ ގުޅުން އިތުރު ދާއިރާތަކަށް ފުޅާކުރެއްވުމަށް އެކަމަނާ މަސައްކަތްޕުޅު ކުރައްވާނެ ކަމަށާއި، މިގޮތުން ތިމާވެށީގެ ދާއިރާއިން ދެޤައުމުގެ ގުޅުން ބަދަހިކުރެއްވިދާނެ ކަމަށް ދެކެވަދައިގަންނަވާ ކަމުގައި ވިދާޅުވިއެވެ.

މިދިޔަ ހޮނިހިރުދުވަހު މޫދުއަޑީގައި ބޭއްވުނު ވަޒީރުންގެ މަޖިލީހުގެ ޖަލްސާއަކީ ވަރަށް މުހިންމު ޖަލްސާއެއްކަމަށާއި، އެޖަލްސާ ވެގެންދިޔައީ ވަރަށް ގިނަ ބަޔަކު ހޭލައްވާލި ޖަލްސާއެއް ކަމުގައި ސަފީރު ވިދާޅުވިއެވެ. އަދި، މޫސުމަށް އަންނަ ބަދަލުތަކަށް ހައްލެއް ހޯދުމަށް ކުރާ މަސައްކަތުގައި ބައިނަލްއަޤްވާމީ މައިދާނުގައި ރައީސުލްޖުމްހޫރިއްޔާއަށް ވަރަށް ބޮޑު ދައުރެއް އަދާކުރެއްވިދާނެ ކަމުގައި ޤަބޫލުފުޅުކުރައްވާ ކަމުގައިވެސް ވިދާޅުވިއެވެ.