ޤާނޫނު ނަންބަރު 2021/7 (ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނު) އަށް ޢަމަލުކުރަން ފެށުމާއެކު، އެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ހ) ގެ ދަށުން، "މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ" ގެ ނަމުގައި ސަރުކާރުގެ ވަކި އިދާރާއެއް އުފެދުނީކަމަށް ބަޔާންކުރާތީ، އެ މާއްދާގެ ދަށުން އުފެދިފައިވާ އޮތޯރިޓީއަކީ، 2021 މޭ 16 ވަނަ ދުވަހުން ފެށިގެން، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގެ ދަށުން ހިންގަމުން ގެންދާ ތަނެއް ކަމުގައި ހަމަޖައްސަވައިފި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ޤާނޫނު ނަންބަރު 2021/7 (ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނު)ގެ 51 ވަނަ މާއްދާގެ (ހ) ގައި އެ ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، އެ މާއްދާގެ ދަށުން، "މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ" ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް އުފެދުނީކަމަށް ބަޔާންކުރާތީ، އެ މާއްދާގެ ދަށުން އުފެދިފައިވާ އޮތޯރިޓީއަކީ ވެސް 2021 މޭ 16 ވަނަ ދުވަހުން ފެށިގެން،މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގެ ދަށުން ހިންގަމުން ގެންދާ ތަނެއް ކަމުގައި ހަމަޖައްސަވައިފި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މަތީގައި ދަންނަވައިފައިވާ ގޮތަށް، ޤާނޫނު ނަންބަރު 2021/7 (ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނު) ގެ ދަށުން އުފެދިފައިވާ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއާއި، މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީއަކީ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގެ ދަށުން ހިންގަމުން ގެންދާ ތަންތަން ކަމުގައި ހަމަޖެއްސެވުމާ ގުޅިގެން، އެ ޤާނޫނަށް ޢަމަލުކުރަން ފެށުމާ ހަމައަށް އެ މިނިސްޓްރީގެ ދަށުން ހިންގަމުން ގެންދިޔަ، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއާއި، ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން ޓްރޭނިންގ އޮތޯރިޓީ، 2021 މޭ 16 ވަނަ ދުވަހުން ފެށިގެން އުވައިލައްވައިފި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 
މިގޮތަށް ހަމަޖެއްސެވުމާ ގުޅިގެން، ޤާނޫނު ނަންބަރު 2021/7 (ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނު) ގެ ދަށުން އަލަށް އުފެދިފައިވާ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއަށް ސަރުކާރުގެ އޮފީސްތަކުން ލިޔުއްވާ ސިޓީގައި ޖައްސަވަމުން ގެންދަވާނީ، އެ ޤާނޫނަށް ޢަމަލުކުރަން ފެށުމާ ހަމައަށް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގެ ދަށުން ހިންގަމުން ގެންދިޔަ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއަށް ހަމަޖައްސަވައިފައި އޮތް ނަންބަރު 218 ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީއަށް ސަރުކާރުގެ އޮފީސްތަކުން ލިޔުއްވާ ސިޓީގައި ޖައްސަވަމުން ގެންދަވާނީ، ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން ޓްރޭނިންގ އޮތޯރިޓީއަށް ހަމަޖައްސަވައިފައި އޮތް ނަންބަރު 428 ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.