بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

މިއަހަރުގެ އުފާވެރި ފިޠުރު ޢީދާ ބައްދަލުވުމުގެ ހެޔޮ ތައުފީޤު ދެއްވިކަމަށްޓަކައި، اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަމުން، މި އުފާވެރި ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް، އަޅުގަނޑުގެ ހިތުގެ ލޯތްބާއި އިޚްލާޞްތެރިކަމާއެކު ފޮނުވަމެވެ. ފިޠުރު ޢީދުގެ އުފާވެރިކަމާއި ހިތްހަމަޖެހުން، އަޅުގަނޑުމެންގެ ހިތްތަކުގައި އާލާވެގެންދަނީ، ބަރަކާތްތެރި ރަމަޟާން މަހުގެ ރޯދަ ހިފުމާއި ރޭއަޅުކަން ކުރުމުގެ ހެޔޮ ނަސީބު، އަޅުގަނޑުމެންނަށް މާތްﷲ މިންވަރު ކުރެއްވީތީއެވެ. އެ މަހުގައި އަޅުގަނޑުމެން އަދާކުރި އަޅުކަންތަކުގެ ދަރުމައާއި ޘަވާބު، އެންމެ ފުރިހަމަ ގޮތުގައި އަޅުގަނޑުމެންނަށް މިންވަރުކުރައްވައި، އެ މައްސަރުގެ ރަޙްމަތާއި ފުއްސެވުމާއި ދިންނެވުމުގެ ނަސީބުވެރިން ކަމުގައި ލެއްވުން އެދި، އެކަލާނގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ.

މިއަދަކީ އުފާވެރިކަމާއި ހިތްހެޔޮކަމާއި ރަޙްމަތްތެރިކަމާއެކު، އަޅުގަނޑުމެންގެ ގުޅުންތައް އާލާކުރަންވީ ދުވަހެވެ. ތިމާގެކަމުގެ ގުޅުންތައް ދިރުވައި، ރަޙްމަތްތެރިކަމުގެ ގުޅުންތައް ބަދަހިކޮށް، އެކުވެރިކަމުގެ ގުޅުންތައް އާލާކުރަން މިއަދަކީ ވަރަށް މުނާސަބު ދުވަހެކެވެ. ވަކިން ޚާއްޞަ ގޮތެއްގައި އެއްބަނޑުއެއްބަފާކަމުގެ ގުޅުންތަކާއި، މައިންބަފައިންނާއި ދަރީންގެ ގުޅުންތައް އިތުރަށް ހަރުދަނާ ކުރުމަށް މިއީ ވަރަށް އެކަށީގެންވާ ދުވަހެއް ކަމުގައި ދެކެމެވެ.

ކޯވިޑް-19ގެ ސަބަބުން، އިޖުތިމާޢީ ގައިދުރުކަން ދަމަހައްޓަން މަޖުބޫރުވެފައި ވިޔަސް، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި، އަޅުގަނޑުމެންގެ ގުޅުންތައް ބަދަހިކުރުމުގެ ވަރަށް ފަހި ފުރުޞަތުތަކެއް ތަނަވަސްވެފައި އެބަ އޮތެވެ. އެހެންކަމުން މިއަދަކީ، މުވާޞަލާތީ ވަސީލަތްތަކުގެ އެހީގައި، އެ ގުޅުންތައް ބަދަހިކުރުމަށް ހުރިހާ ބޭފުޅުންވެސް ޚާއްޞަ ސަމާލުކަމެއް ދެއްވާ ދުވަހެއް ކަމުގައި ހެއްދެވުމަކީ، އަޅުގަނޑުގެ ވަރަށް ބޮޑު އިލްތިމާސެކެވެ. އެކުގައި ދިރިއުޅޭ މީހުންނާ އެކީގައި އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށް އިސްކަން ދިނުމާއި، ދުރުގައި ދިރިއުޅުއްވާ ގާތްތިމާގެ މީހުންނާއި އެކުވެރިންނާއެކުގައިވެސް، މުވާޞަލާތީ ވަސީލަތްތައް މެދުވެރިކޮށް، ވަގުތުކޮޅެއް ހޭދަކޮށްލައި، ހާލުއަހުވާލު އޮޅުންފިލުވައި، ޢީދުގެ ތަހުނިޔާ ބަދަލުކުރެއްވުމަކީ، މިއަދާ ވަރަށް މުނާސަބު ކަމެކެވެ.

ޢީދަކީ، އެންމެންގެ ބައިވެރިވުމާއި މުޅި މުޖުތަމަޢުގެ ޝާމިލްވުމާއެކު، އުފާ ފާޅުކޮށް އުޅުމުގެ ދުވަހެކެވެ. ޢީދުގެ އުފާ ފާޅުކުރުން އޮތީ، މުޖުތަމަޢުގައި ތިބި ތަފާތު ފަންތިތަކާއި ތަފާތު ގިންތިތަކުގެ މީހުންގެ މެދުގައި، އެއްވެސް ތަފާތުކުރުމެއް ނޯންނާނެ ގޮތުގެ މަތީންނެވެ. މިއަދު އަޅުގަނޑުމެންނާ ކުރިމަތިވެފައިވާ، ކޯވިޑް-19ގެ ސަބަބުންވެސް، ތަފާތު ނިކަމެތި ޙާލަތްތައް މެދުވެރިވެފައިވާ ކިތަންމެ ބަޔަކު، މުޖުތަމަޢުގައި ތިބިކަން ހަނދާންކޮށް، އެމީހަކަށް ވެވުނު އެންމެ ދީލަތި ގޮތެއްގައި، އެފަދަ މީހުންނަށް އެހީތެރިވުމަކީ، މި އުފާވެރި ފިޠުރު ޢީދުގެ ދަރުމައާއި ޘަވާބު އެތައް ގުނައަކަށް އިތުރުވެގެންދާނެ ކަމެކެވެ.

ގޭތެރޭގައި ބަންދުވެފައި ތިބޭ މި ދުވަސްކޮޅަކީ، މައިންބަފައިންނާއި ދަރިން، އެކަކު އަނެކަކަށް އަޅާލައި އެހީތެރިވެދިނުމުގެ ރީތި ސިފަ އަށަގަންނުވަންވީ ދުވަސްކޮޅެވެ. ޢާއިލާގެ ތުއްތު ކުދީންނަށް އޯގާތެރިކަމާއި ލޯތްބާއެކު، ހޭހަންކުރުމުގެ ދުވަސްކޮޅެވެ. ޢުމުރުން ދުވަސްވެފައި ތިބި މާމައިންނާއި ކާފައިންނަށް އޯގާތެރިކަމާއި ކުލުނާއެކު، ޚިދުމަތްކޮށްދިނުމުގެ ރޫޙު އާލާކުރަންވީ ދުވަސްކޮޅެވެ. ގެއިން ބޭރަށް ނުނިކުމެ ގިނަ ދުވަސްތަކެއް ވަންދެން ތިބެން ޖެހުމުން، ކުރިމަތިވާ ނަފްސާނީ އުނދަގޫތައް ލުއިކުރުމަށްޓަކައި، ޢާއިލާގެ މެންބަރުން އެކުގައި، ފައިދާހުރި ވަގުތުތަކެއް ހޭދަކުރާނެ އިންތިޒާމެއް ހަމަޖެއްސުމަކީވެސް ވަރަށް މުހިންމު ކަމެކެވެ.

ފިޠުރު ޢީދު އަޅުގަނޑުމެންނާ ބައްދަލުކުރީ، ކެތްތެރިވުމަށާއި އިސްރާފު ނުކުރުމަށާއި އިޤްތިޞާދުކުރުމަށް އަޅުގަނޑުމެންގެ ނަފްސުތައް ތަރުބިއްޔަތުކޮށްދިން މޫސުމަކަށް ފަހުގައެވެ. މިއީ ޤައުމުގެ އިޤްތިޞާދު ހުއްޓުމަކަށް އައިސްފައިވާ ވަގުތެއް ކަމުން، ރަމަޟާން މަހުގައި އަޅުގަނޑުމެން ހާސިލުކުރި މިދެންނެވި ސިފަތަކުގެ މަތީގައި، ކުރިއަށް އޮތް ދުވަސްތައް ހޭދަކުރެވޭތޯ ބެލުމަކީ ވަރަށް މުހިންމު ކަމެކެވެ.

ޢީދުގެ އުފާވެރިކަމާ އެންމެ ބޮޑަށް ގުޅިފައިވަނީ، އެ މުޖުތަމަޢެއްގެ ފަރުދުންގެ މެދުގައި އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަމެވެ. މިހާރު އަޅުގަނޑުމެން މި ތަޙައްމަލް ކުރަމުންދާ ދަތި އުނދަގޫ ޙާލަތުން އަރައިގަތުމުގައިވެސް، އެންމެ ބޮޑަށް ބޭނުންވަނީ އެންމެންގެ އެކުވެރިކަމާއި އެއްބާރުލުމެވެ. އަދި މި ޙާލަތުން އަރައިގަތުމަށް މިކުރާ މަސައްކަތުގައި، މިހާތަނަށް އަޅުގަނޑުމެންނަށް ލިބިފައިވާ ހުރިހާ ކާމިޔާބެއްގެ ފަހަތުގައިވަނީ، މާތް ﷲގެ ދީލަތިވަންތަކަމާއި، ޞިއްޙީ ޚިދުމަތްތެރިންގެ އިރުޝާދުތަކަށް ރައްޔިތުން ދެއްވި އެއްބާރުލުމާއި، ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަމެވެ.

ބަރަކާތްތެރި ރަމަޟާން މަހުގެ ދަރުމައާއި ޘަވާބާއި، ފިޠުރު ޢީދުގެ އުފާވެރިކަމާއި ހިތްހަމަޖެހުން، ތަކުރާރުކޮށް އަޅުގަނޑުމެންނަށް މިންވަރު ކުރެއްވުން އެދި، اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ. ކޯވިޑް-19ގެ ވޭން އިޙްސާސްކުރަމުންދާ އެންމެނަށް އަވަސް ޝިފާއެއް މިންވަރު ކުރައްވައި، މި ބަލީގެ ނުރައްކާތެރިކަމުން ދިވެހިރާއްޖެއާއި މުޅި އިންސާނީ ދަރިފަސްކޮޅު ރައްކާތެރިކުރައްވައި، އަޅުގަނޑުމެންގެ ޢާންމު ދިރިއުޅުމަށް އެނބުރި ރުޖޫޢަވުމުގެ ހެޔޮ ތައުފީޤު ދެއްވުން އެދި އެކަލާނގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ. އާމީން.