بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اللَّـهُ سُبْحَانَهُ وَتَعَالَىٰ އަށް ޙަމްދާއި ޝުކުރު ދަންނަވަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު، ޗެއަރޕާރސަން އަލްއުސްތާޛް ހަސަން ލަޠީފް، ޕާޓީގެ އިސް ވެރިން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، މިޙަފްލާ، އެ ޝަރަފްވެރި ބޭފުޅުންތަކަށް ނިސްބަތްވާ މި ޕާޓީގެ ފަޚްރުވެރި ކައުންސިލަރުން، އަދި ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛
السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.
2008 ވަނަ އަހަރު ތަޞްދީޤު ކުރެވުނު ފެހި ޤާނޫނުއަސާސީން ދިވެހިރާއްޖޭގެ ހިންގުމަށް އެންމެ ބޮޑު ބަދަލެއް ގެނެސްދިން އިޞްލާޙަކީ، އެ ޤާނޫނުއަސާސީގެ 8 ވަނަ ބާބު. ލާމަރުކަޒީ ނިޒާމަކީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ފިކުރެއް. މި ޕާޓީގެ ވިސްނުމެއް. އަޅުގަނޑުމެންނަކީ މި ޤައުމުގައި އެ ވާހަކަ ދެއްކި މީހުން.
މައި ސަރުކާރުގެ ދަށުގައި ދިވެހިރާއްޖޭގެ މި ޖަޒީރާ ރަށްތައް ވަރަށް އެކަހެރިކޮށް، ވަރަށް ނިކަމެތިކޮށް އޮތް އޮތުމަށް، ނިމުމެއް ގެނައުމަށް އަޅުގަނޑުމެންގެ ވިސްނުމަކަށް އައީ، އެކަން އެންމެ ރަނގަޅަށް ކުރެވޭނީ، ސީދާ ރައްޔިތުންގެ އަތްމައްޗަށް ބާރުތައް ދޫކޮށްލައިގެން ކަމަށް. ރައްޔިތުންނާ ގާތުން ވެރިކަން ހިންގިގެން ނޫނީ އަޅުގަނޑުމެން އެދޭ ބަދަލެއް ނުފެންނާނެ.
މި ރާއްޖެއަށް ޑިމޮކްރެސީ ގެންނަން ވަކާލާތުކުރީ މި ޕާޓީން. ދިވެހިރާއްޖެ ޑިމޮކްރެސީއަށް ކުރި އުނދަގޫ ދަތުރުގައި އަޅުގަނޑުމެން ވަކާލާތުކުރީ މި ރާއްޖޭގައި އޮންނަން ވާނީ ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކޮށްދޭ، ހަމަހަމަކަމާއި އިންޞާފު ލިބިދޭ، ޚިޔާލު ފާޅުކުރުމުގެ ފުރިހަމަ ފުރުޞަތު ލިބިދެވޭ ވެރިކަމުގެ ނިޒާމެއް ކަމަށް.
މި ޖަޒީރާ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުން، ވެރިކަން ކުރާ ރަށަށް ނުގޮސް، މައި ސަރުކާރުގައި އާދޭސް ނުދަންނަވައި، އެ މީހަކު ދިރިއުޅޭ ރަށަކުން، ދުވަހުން ދުވަހަށް ބޭނުންވާ ޚިދުމަތްތައް ލިބެންޖެހޭނެ ކަމަށް އަޅުގަނޑުމެން ވަޢުދުވިން.
2010 ވަނަ އަހަރު ލާމަރުކަޒީ ޤާނޫނު ރައްޔިތުންގެ މަޖިލީހުން ފާސްވެގެން އައިއިރު، އެމް.ޑީ.ޕީ.އިން އެ ޤާނޫނުގައި ހިމަނާން އެދުނު ކަންކަން ހުރީ ވަރަށް ބޮޑަށް ބަދަލުކޮށްފައި. މި ދެންނެވި ލާމަރުކަޒީ ޤާނޫނު ފާސްވެގެން އައީ، އެމް.ޑީ.ޕީ.އިން ބޭނުންވި ގޮތަކަށް ނޫން.
މި ދެންނެވި ލާމަރުކަޒީ ޤާނޫނު ވުޖޫދުވެ، އެ ޤާނޫނުގެ ދަށުން އުފެދެންޖެހޭ ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތައް، 2011 ވަނަ އަހަރު އުފެދިގެންދިޔަ. އަދި ޤާނޫނުގައި މި ދެންނެވި ކައުންސިލްތަކަށް ލިބިދީފައި ހުރި ބާރުތައް، އެކައުންސިލްތަކަށް ދިނުމަށް އޭރު އޮތް އެމް.ޑީ.ޕީ.ގެ ސަރުކާރުން މަސައްކަތް ފެށި.
ސަރުކާރުގެ އެކި ވުޒާރަތަކުން ކުރަމުން އައި ބައެއް މަސައްކަތްތައް ކައުންސިލްތަކަށް ބަދަލުކޮށް، ކައުންސިލްތަކުން ބައެއް ޚިދުމަތްތައް ރައްޔިތުންނަށް ދޭން ފެށި. ވޭތުވެދިޔަ 8 އަހަރު ދުވަހުގެ ތެރޭގައި މި ނިޒާމުގެ ތަފާތު ތަޖުރިބާތައް މިވަނީ އަޅުގަނޑުމެންނަށް ކުރެވިފައި.
ބައެއް ކައުންސިލްތައް ވަރަށް ރަނގަޅަށް ހިނގާކަން އަޅުގަނޑު ޤަބޫލުކުރަން. އަދި އެހެން ބައެއް ކައުންސިލްތަކުން އިތުރަށް ރަނގަޅުކުރަންޖެހޭ ގިނަގުނަ ކަންތައްތަކެއް ހުރިކަންވެސް މި ފުރުޞަތުގައި އަޅުގަނޑު ފާހަގަކުރަން. އަޅުގަނޑުގެ ނަޒަރުގައި، ޖުމްލަ ގޮތެއްގައި އަޅުގަނޑުމެން މިދަނީ ކުރިއަށް. މިއީ ފައްކާވަމުން އަންނަ ނިޒާމެއް.
ނަމަވެސް ހިތާމައަކީ އެމް.ޑީ.ޕީ ސަރުކާރަށްފަހު، ދެން އައި ސަރުކާރުތަކުން، ލާމަރުކަޒީ ނިޒާމަށް އަޅުގަނޑުމެން ފަށާފައިވާ އުއްމީދީ ދަތުރު ނިމުމަކަށް ގެނެސް، ކުރިން އޮތް މަރުކަޒީ ނިޒާމަށް އަނބުރައިލުމަށް މަސައްކަތް ކޮށްފައިވާކަން.
އަޅުގަނޑުމެން ރައްޔިތުންގެ މަޖިލީހުގެ ކެމްޕޭންގައި، ރައްޔިތުންގެ ގާތަށް ދިޔައީ، ރައްޔިތުންގެ ތަރައްޤީއަށް ބޭނުންވާ މުހިންމު ސިޔާސަތުތަކަކާއެކު. ލާމަރުކަޒީ ނިޒާމުގައި ޙަޤީޤީ ކުލަ ޖެއްސުމަށް އަޅުގަނޑުމެން ވާނީ މެނިފެސްޓޯގަޔާއި، އެޖެންޑާ 19 ގައި ހިމަނާފައި. ކައުންސިލްތައް ބާރުވެރި ކުރުވައިގެން، ރައްޔިތުންނާ ގާތުން ރައްޔިތުންނަށް ޚިދުމަތް ދިނުމަށް، އަޅުގަނޑުމެން މަސައްކަތް ކުރާނެ ކަމަށް ވާނީ ބުނެފައި.
މި ދެންނެވި ސިޔާސަތުތައް ބަލައިގަނެ، ދިވެހި ރައްޔިތުން މިއަދު މިވަނީ އެމް.ޑީ.ޕީ އަށް ބޮޑު އަޣުލަބިއްޔަތެއް ދީފައި. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ދިވެހި ރައްޔިތުން އަޅުގަނޑުމެންނާ ހަވާލުކޮށްފައި މިވާ ބޮޑު ޒިންމާ، އެންމެ ފުރިހަމަ ގޮތުގައި އަދާކުރެވޭނީ، މާނަވީ ގޮތެއްގައި ލާމަރުކަޒު ކުރެވިގެން. ޖަޒީރާ ރާއްޖޭގެ ޙަޤީޤީ ތަރައްޤީއަށް ވާސިލުވެވޭނީ ލާމަރުކަޒީ ރާއްޖެއެއް ބިނާކުރެވިގެން.
މި މާލެ ސަރަހައްދަށް ކުރިމަތިވެފައިވާ ތޮއްޖެހުމާއި، އިޖްތިމާޢީ އެތައް މައްސަލަތައް ހައްލުކުރެވެން އަންނަނީ، ރާއްޖޭގެ އެކި ސަރަޙައްދުތައް ތަރައްޤީކުރެވި، ވަޒީފާތައް އުފެދި، ރަށްތަކުގެ ފުދުންތެރިކަން އިތުރުވެގެން. މި ހުރިހާ ކަމެއް ކުރެވޭނީ، ޒަމާނުއްސުރެ މާލެއަށް ޖަމާކޮށްފައިވާ ބާރުތައް ދޫކޮށްލެވިގެން.
ގޮންޖެހުންތަކާއެކު ނަމަވެސް، އެމް.ޑީ.ޕީ. އިން ފެށި ލާމަރުކަޒީ ދަތުރުގައި، ފާއިތުވީ 8 އަހަރު ދުވަހުގެ ތެރޭގައި، ކޮންމެވެސް ނަތީޖާތަކެއް ވަނީ ހާސިލުކުރެވިފައި. ކޮންމެ ޙާލެއްގައި ނަމަވެސް، އިންތިޚާބުތަކެއް ބޭއްވި، ރަށާއި އަތޮޅު އަދި ސިޓީ ފެންވަރުގައި އިންތިޚާބުތަކެއް ބޭއްވި، އިންތިޚާބު ކުރެވިފައިވާ ލީޑަރުންތަކެއް ވަނީ އުފެދިފައި.
އެހެން ނަމަވެސް، އަޅުގަނޑުމެން ޙަޤީޤަތުގައި ކުރަން ބޭނުންވި ވަރަށް ގިނަ ކަންކަން ހުރީ ނުކުރެވި. ރަށު ތަރައްޤީގެ ހުރިހާ ކަމަކަށް އަދިވެސް ބަރޯސާވާންޖެހެނީ މަރުކަޒީ ސަރުކާރަށް.
އަޅުގަނޑު ދެކޭގޮތުގައި ކުރަން ޖެހިފައިވާ އެންމެ މުހިއްމު އެއް ކަމަކީ މާލީ ގޮތުން ލާމަރުކަޒު ކުރުން. އަދި ރަށު ކައުންސިލްތަކުގެ އިޚްތިޞާޞް ކަނޑައެޅި، އެ ރަށެއްގެ މުއްސަނދިކަން އެރަށަކަށް ލިބޭނެ ފުރިހަމަ ނިޒާމެއް ޤާއިމުކުރުން. މި ޖަޒީރާވަންތަ ދިވެހިރާއްޖެ ތަރައްޤީ ކުރެވޭނީ، ކައުންސިލްތަކަށް މާލީ ބާރުވެރިކަން ލިބިގެން.
އަޅުގަނޑުމެން ބޭނުންވާ ލާމަރުކަޒީ ނިޒާމް ފުރިހަމަ ކުރުމަށް ގެންނަންޖެހޭ ޤާނޫނީ ބަދަލުތައް މިހާރުވަނީ ޑްރާފްޓް ކުރެވިފައި. އަދި މި ބިލް ހުށައެޅިގެންދާނީ މިއަދުގެ މިބައްދަލުވުމުގައި ތިޔަ ބޭފުޅުން ހުށަހަޅާ ޚިޔާލުތަކާއި މަޝްވަރާތައްވެސް ހިމަނައިގެން ކަމުގައި އަޅުގަނޑު ދަންނަވަން. އެހެންކަމުން، މިއަދު މި ފެށޭ ކައުންސިލްތަކުގެ ބައްދަލުވުމަކީ، މިކަމަށް ވަރަށް މުހިންމު ބައްދަލުވުމެއް ކަމުގައި އަޅުގަނޑު ދެކެން.
އަޅުގަނޑުމެން ލާމަރުކަޒީ ޤާނޫނަށް މި ދެންނެވި އިޞްލާޙުތައް ގެންނަން ބޭނުންވާ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި، މާލީ ގޮތުންނާއި ވަސީލަތްތަކުގެ ގޮތުން، ކައުންސިލްތައް ބާރުވެރިކުރުވުމާއި، މަރުކަޒީ ސަރުކާރަށް ބަރޯސާވުން ކުޑަކުރުމާއި، ޤުދުރަތީ އަދި ޢުމްރާނީ ވަސީލަތްތަކާމެދު މާނަވީ ގޮތެއްގައި ގޮތް ނިންމުމުގެ ބާރު، ރައްޔިތުންނަށް ދިނުމާއި، ޚިދުމަތްތަކާއި ތަރައްޤީގެ ކަންކަން އަވަސްމިނުގައި ކުރިއަށް ގެންދިއުން ހިމެނޭ.
ލާމަރުކަޒީ ޤާނޫނަށް އަޅުގަނޑުމެން ހުށައަޅާ އިޞްލާޙުތަކުން ފާހަގަކޮށްލެވޭ މުހިންމު ބައެއް ކަންތައްތައް އަޅުގަނޑު މިތާނގައި މި ފުރުޞަތުގައި ދަންނަވާލާނަން.
ލާމަރުކަޒީ ނިޒާމަށް އަޅުގަނޑުމެން ގެނައުމަށް ނިންމާފައިވާ އިޞްލާޙުތަކުގެ ތެރޭގައި، ދައުލަތުގެ އާމްދަނީގެ %5 ކައުންސިލްތަކަށް ޚާއްޞަ ކުރެވޭނެ. މީގެ އިތުރުން، ބިމާއި ރަށާއި ފަޅާއި ފަރު ފަދަ ތަންތަނުން ލިބޭ ކުލީގެ އާމްދަނީގެ %40 އާއި، މީހުން ދިރިއުޅޭ ރަށްރަށުގެ އިޚްތިޞާޞްގައިވާ ބިމުގެ ކުލީގެ %100 ކައުންސިލްތަކަށް ދޫކޮށްލެވޭނެ.
އަދި، ކައުންސިލްތަކުން ނަގާ ފީގެ އާމްދަނީ ވަންނާނީ ސީދާ ކައުންސިލްތަކަށް. އަދި ކުންފުންޏާއި ކޯޕަރޭޓިވްސް އުފައްދައިގެން ވިޔަފާރި ކުރުމާއި އާމްދަނީ ހޯދުމުގެ މަގު ފަހިވެގެންދާނެ. އަދި މީގެއިތުރުންވެސް ވަރަށްގިނަ ހެޔޮ ބަދަލުތައް މި ޤާނޫނަށް ގެނައުމުގެ މަސައްކަތް ވަނީ ކުރެވިފައި. ކުރިއަށް މި އޮތް ބައްދަލުވުންތަކުގައި އެ އިޞްލާޙުތައް ތިޔަބޭފުޅުންނަށް ހުށަހެޅި، މަޝްވަރާ ކުރެވިގެންދާނެ.
އޭގެއިތުރުން، ތަރައްޤީގެ ކަންކަމުގައި އަންހެނުންނާއި ޒުވާނުންގެ ރޯލު ފުޅާކޮށް، މުޖުތަމަޢުގެ ކުރިއެރުމަށް އަންހެނުންނާއި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަކީ، ލާމަރުކަޒީ ނިޒާމުގެ މުހިންމު އެއްބައި. އަންހެނުންނަކީ މުޖުތަމަޢުގެ ދެބައިކުޅަ އެއްބަޔަށްވީއިރު، އަންނަން އޮތް ޖީލުތަކަށް، ދާއިމަށް ދެމިގެންދާނެ ކުރިއެރުމާއި ތަރައްޤީ ގެނެވޭނީ، އަންހެނުންގެ ޚިޔާލާއި ޢިލްމާއި ލަފާގެ ބޭނުން އެދެވޭ ގޮތުގައި ހިފައިގެން.
އެހެންކަމުން، އަންހެނުންގެ ބަހަކީ ފިރިހެނުންނެކޭ އެއް ހަމައެއްގައި މުހިންމު އެއްޗެއްކަން ދެނެގަނެ، ސިޔާސީ ގޮތުން އަންހެނުންގެ ބާރުވެރިކަން އިތުރުކޮށް، ލާމަރުކަޒީ ނިޒާމަށް ގެންނަން މި ހުށަހަޅާ އިޞްލާޙުތަކުގެ ތެރޭގައި، ރަށު އަދި ސިޓީ ކައުންސިލް ގޮނޑީގެ %33 އަންހެނުންނަށް ޚާއްޞަ ކުރުމަށް ނިންމާފައިވެސް އަޅުގަނޑުމެން ވާނެ.
އަޅުގަނޑުމެން އެންމެން ގުޅިގެން، މި ޤައުމު ބިނާ ކުރުމާއި، ރައްޔިތުންގެ ލާބަޔާއި މަންފާއަށް މިކުރާ މަސައްކަތުގައި، މާތް ﷲ ބަރަކާތް ލައްވައި، އުފާވެރި ތަނަވަސް ދިރިއުޅުމެއް، އަޅުގަނޑުމެންނަށް މިންވަރު ކޮށްދެއްވުން އެދި ދުޢާ ކުރަމުން އަޅުގަނޑުގެ ވާހަކަކޮޅު މިހިސާބުން ނިންމާލާނަން.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.