ސަރަޙައްދީ ތަރައްޤީއަށް ބޭނުންވާ ޚިދްމަތްތައް ދިނުމުގައި ބައިވެރިވުމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާ އިންޑިޔާގެ ސީ.އައި.އައި. އާއި، އިންޑިޔާގެ އެހެން ބައެއް ކުންފުނިތަކާއެކު 15 މެމަރެންޑަމް އޮފް އަންޑަރސްޓޭންޑިންގ އެއްގައި ދިވެހި ސަރުކާރުން މިއަދު ސޮއިކުރައްވައިފިއެވެ.

މި އެމް.އޯ.ޔޫ.ތަކުގައި ސޮއި ކުރެއްވުމުގެ ރަސްމިއްޔާތު އޮތީ، މިއަދު 11 ޖެހިއިރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދާއި، ނާއިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަން މަނިކާއި، ވަޒީރުންނާއި، ސްޓޭޓް މިނިސްޓަރުންނާއި، ނާއިބުންނާއި، އިންޑިޔާގެ ވިޔަފާރިވެރިންގެ މަރްކަޒީ ޖަމްޢިއްޔާ، ކޮންފެޑެރޭޝަން އޮފް އިންޑިއަން އިންޑަސްޓްރީގެ އިންވެސްޓްމަންޓް ވަފްދުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަދު ސޮއިކުރެއްވި 15 އެމް.އޯ.ޔޫ.އާބެހޭ ތަފްޞީލު މިދަންނަވަނީއެވެ.

1. ފަންނީ ކަންކަމަށް ތަމްރީނު ދިނުމުގެ މަރްކަޒެއް، ރާއްޖޭގައި ޤާއިމު ކުރުމާ ބެހޭގޮތުން ދިވެހި ސަރުކާރާއި އިންޑިޔާގެ ސީ.އައި.އައި.އާ ދެމެދު ސޮއިކުރެވުނު އެމް.އޯ.ޔޫ.

2. ރާއްޖޭގެ ޞިއްޙީ ދާއިރާގެ ތަރައްޤީއަށް އެއްބާރުލުން ދެއްވުމާ ބެހޭގޮތުން ދިވެހި ސަރުކާރާއި އިންޑިޔާގެ ސީ.އައި.އައި.އާ ދެމެދު ސޮއިކުރެވުނު އެމް.އޯ.ޔޫ.

3. ފެންވަރު ރަނގަޅު މަތީ ތަޢްލީމާއި މަދްރަސީ ދައުރުގެ ތަޢްލީމު ދިނުމަށް އެއްބާރުލުން ދެއްވުމާ ބެހޭގޮތުން ދިވެހި ސަރުކާރާއި އިންޑިޔާގެ ސީ.އައި.އައި.އާ ދެމެދު ސޮއިކުރެވުނު އެމް.އޯ.ޔޫ.

4. އިންފޮމޭޝަން ޓެކްނޯލޮޖީގެ ދާއިރާގައި އެއްބާރުލުމާ ބެހޭގޮތުން ދިވެހި ސަރުކާރާއި އިންޑިޔާގެ ސީ.އައި.އައި.އާ ދެމެދު ސޮއިކުރެވުނު އެމް.އޯ.ޔޫ.

5. އައި.ޓީ އަދި ކޮމްޕިއުޓަރ ތަޢްލީމުގެ ދާއިރާގައި އެއްބާރުލެއްވުން ދެއްވުމާ ބެހޭގޮތުން ދިވެހި ސަރުކާރާއި އިންޑިޔާގެ އެން.އައި.އައި.ޓީ. އާ ދެމެދު ސޮއިކުރެވުނު އެމް.އޯ.ޔޫ.

6. ބޭރުގެ އިންވެސްޓްމަންޓްތައް ރާއްޖެއަށް ހޯދުމާބެހޭ ކޮންފަރެންސެއް ރާއްޖޭގައި ބޭއްވުމަށް ދިވެހި ސަރުކާރާއި އިންޑިޔާގެ ސީ.އައި.އައި.އާ ގުޅިގެން މަސައްކަތް ކުރުމަށް ސޮއިކުރެވުނު އެމް.އޯ.ޔޫ.

7. އިޤްތިޞާދީ މައިގަނޑުތައް ތަރައްޤީ ކުރުމުގައި އެއްބާރުލުން ދެއްވުމާ ބެހޭގޮތުން ދިވެހި ސަރުކާރާއި އިންޑިޔާގެ ސީ.އައި.އައި.އާ ދެމެދު ސޮއިކުރެވުނު އެމް.އޯ.ޔޫ.

8. ރާއްޖޭގައި ހިއުމަނިޓީޒް މާއްދާތައް ކިޔަވައިދޭ ޔުނިވަރސިޓީއެއް ޤާއިމުކުރުމާ ބެހޭގޮތުން ދިވެހި ސަރުކާރާއި އިންޑިޔާގެ އެސް.އާރު.އެފް އާ ދެމެދު ސޮއިކުރެވުނު އެމް.އޯ.ޔޫ.

9. ތަރައްޤީގެ އޮނިގަނޑު އެކަށައެޅުމުގައި އެހީތެރިވެދިނުމަށް ދިވެހި ސަރުކާރާއި އިންޑިޔާގެ ފީޑްބެކް ވެންޗަރސް ޕްރައިވެޓް ލިމިޓެޑާ ދެމެދު ސޮއިކުރެވުނު އެމް.އޯ.ޔޫ.

10. ހެޔޮއަގުގައި ޞިއްޙީ ފަރުވާދޭ ތަންތަން ޤާއިމުކުރުމަށް އެހީތެރިވެދިނުމަށް ދިވެހި ސަރުކާރާއި އިންޑިޔާގެ ޖުބްލިއަންޓް އޯގަނޯސިސް ޕްރައިވެޓް ލިމިޓެޑާ ދެމެދު ސޮއިކުރެވުނު އެމް.އޯ.ޔޫ.

11. ޞިއްޙީ ޚިދްމަތްދޭ ތަންތަން ތަރައްޤީ ކުރުމަށް ދިވެހި ސަރުކާރާއި އިންޑިޔާގެ އެޕޯލޯ ހޮސްޕިޓަލްސް އެންޓަރ ޕްރައިޒަސް ލިމިޓެޑާ ދެމެދު ސޮއިކުރެވުނު އެމް.އޯ.ޔޫ.

12. އިއާދަކުރަނިވި ހަކަތައިން މަސައްކަތްކުރާ އިންޖީނުގެތައް ތަރައްޤީ ކުރުމަށް ދިވެހި ސަރުކާރާއި އިންޑިޔާގެ ޓީ.ސީ.އީ ކޮންސަލްޓިންގ އިންޖިނިއަރސްއާ ދެމެދު ސޮއިކުރެވުނު އެމް.އޯ.ޔޫ.
13. ދިވެހިރާއްޖެއާއި އިންޑިޔާއާ ދެޤައުމުގެ ދެމެދުގައި ވިޔަފާރީގެ ގޮތުން އެއްބާރުލުން ޤާއިމުކުރުމަށްޓަކައި މޯލްޑިވްސް ނޭޝަނަލް ޗެމްބަރ އޮފް ކޮމަރސް އެންޑް އިންޑަސްޓްރީޒް އާއި އިންޑިޔާގެ ސީ.އައި.އައި. އާ ދެމެދު ސޮއިކުރެވުނު އެމް.އޯ.ޔޫ.

14. އެސް.ޓީ.އޯ.ގެ ވިޔަފާރި އިތުރަށް ތަރައްޤީ ކުރުމާ ބެހޭގޮތުން އެސް.ޓީ.އޯ. އާއި އިންޑިޔާގެ ޓާޓާ އިންޓަރނޭޝަނަލް ލިމިޓެޑާ ދެމެދު ސޮއިކުރެވުނު އެމް.އޯ.ޔޫ.

15. ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ފުޅާކުރުމާ ބެހޭގޮތުން ދިވެހި ސަރުކާރާއި ކޮންފެޑެރޭޝަން އޮފް އިންޑިއަން އިންޑަސްޓްރީއާ ދެމެދު ސޮއިކުރެވުނު އެމް.އޯ.ޔޫ.

މި އެމް.އޯ.ޔޫ.ތަކުގައި ސޮއިކުރެއްވުމަށްފަހު، އިންޑިޔާގެ ސީ.އައި.އައި.ގެ ޗީފް މެންޓޯ ތަރުން ދާސް ދެއްކެވި ވާހަކަފުޅުގައި، ރާއްޖެ ތަރައްޤީގެ މަގުގައި ކުރިއަށް ގެންދެވުމަށް ދިވެހި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގައި ބައިވެރިވެވަޑައިގަތުމަކީ، އެބޭފުޅުންނަށް ވަރަށްބޮޑު އުފާފުޅެއް ލިބިވަޑައިގަންނަވާ ކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި މި އެމް.އޯ.ޔޫ.ތަކަށް ޢަމަލީ ސިފަ ގެންނެވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި އޭނާ ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްފާޟިލް މުޙަންމަދު ރަޝީދު ދެއްކެވި ވާހަކަފުޅުގައި، މި އެމް.އޯ.ޔޫ.ތަކުގެ އެންމެބޮޑު އެއް ބޭނުންފުޅަކީ، މިއަދުގެ ސަރުކާރުން ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދަވައިދެއްވައި، ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދްމަތްތައް، ވީހާވެސް ފަސޭހަ ގޮތެއްގައި ލިބޭނެ އިންތިޒާމު ހަމަޖައްސަވައި ދެއްވުން ކަމުގައި ވިދާޅުވިއެވެ.