މި ސަރުކާރުގެ ވަޢުދަކީ، ދިވެހި ކޮންމެ ރައްޔިތަކަށްވެސް އެމީހަކަށް ލިބޭ އާމްދަނީގެ ވިހިޕަސެންޓަށްވުރެ ބޮޑު އަދަދެއް ގޯތިގެދޮރަށް ޚަރަދު ނުކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އެމަނިކުފާނު މިލަދުންމަޑުލު ދެކުނުބުރިއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ރޭ މަނަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ބޯހިޔާވަހިކަން ފޯރުއްވައިދެއްވުމުގެ ސިޔާސަތުގެ ދަށުން، މަނަދޫގައި 150 ފްލެޓް އެޅުމުގެ ޢަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށްޓަވާނެކަން އިއްލާން ކުރެއްވިއެވެ. އަދި ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް އޮންނަ އުޞޫލުން ދިގުމުއްދަތުގައި ފައިސާ ދައްކައި ޚަލާޞް ކުރެވޭ ގޮތަށް މި ފްލެޓްތައް ހަމަޖެހިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސުނާމީއަށްފަހު، މަނަދޫގައި ބަކަރި ގެންގުޅެން ފަށާފައިވީނަމަވެސް، މިކަމަށް މާބޮޑު އަހަންމިއްޔަތު ކަމެއް މިހާތަނަށް ނުދެވި އޮތްކަން ފާހަގަކުރެއްވިއެވެ. އަދި އެމަސައްކަތް ފުޅާ ދާއިރާއެއްގައި މަނަދޫގައި ކުރެވޭނެ މަގު ތަނަވަސްކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ. ރާއްޖޭގެ ރަށްރަށަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިކަމަށް ބައްލަވާލައްވަމުން، މިހާރު މަނަދޫގެ ބަނދަރުގެ މަސައްކަތަށް ކޮންޓްރެކްޓަރެއް ހޯދިފައިވާ ކަމަށާއި، އެމަސައްކަތްވެސް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މަނަދޫގެ ކައުންސިލަރުގެ މަގާމަށް މަނަދޫ ނޫރީގޭ އަލްފާޟިލް ޙުސައިން ޝިޔާމް ޢައްޔަން ކުރައްވައި، އެކަންވެސް ރައީސުލްޖުމްހޫރިއްޔާ، މި ރަސްމިއްޔާތުގައި އިޢްލާނު ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މަނަދުއަށް މިކުރެއްވި ދަތުރުފުޅުގައި، އަތޮޅު މަދަރުސާގެ މުދައްރިސުންނާ ބައްދަލުކޮށްލައްވައި، މަދަރުސާގެ ކަންތައްތައް ހިނގަމުންދާގޮތް ބައްލަވާލެއްވިއެވެ. އަދި އެއަތޮޅު ޅޮހިން އައި ވަފްދަކާވެސް އެމަނިކުފާނު ރޭ ބައްދަލުކުރެއްވިއެވެ.