ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މިލަދުންމަޑުލު ދެކުނުބުރީ މާފަރު ރައްޔިތުންނާ މިއަދު ހެނދުނު ބައްދަލުކުރައްވައިފިއެވެ. އެމަނިކުފާނު މިލަދުންމަޑުލު ދެކުނުބުރިއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިއަދު އެމަނިކުފާނު އެންމެ ފުރަތަމަ ވަޑައިގަތީ މާފަރަށެވެ. މާފަރު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، މާފަރުގެ ބަނދަރާއި، ނަރުދަމާއާއި، ބޯފެނާއި، ދަތުރުފަތުރުގެ ކަންތަކާއި، މާފަރުގައި 50ގެ އެޅުމުގެ މަސައްކަތާއި، މާފަރު އެއަރޕޯޓުގެ މަސައްކަތް، އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި ފެށޭނެ ކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މި ސަރުކާރު ހިނގާނީ ރައްޔިތުން އެދޭ ގޮތަށް ކަމަށާއި، އެ ނޫން ގޮތަކަށް މި ސަރުކާރު ނުހިނގާނެ ކަމުގައި ވިދާޅުވިއެވެ. އަދި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރައްވަމުން ގެންދަވާއިރު، މުހިންމު ކަންކަމާއި އިސްކަން ދެއްވަންވީ ކަންކަމަކީ ކޮބައިތޯ ބައްލަވައި، އެގޮތުގެ މަތިން ކަންތައްތައް ހިންގަވަމުން ގެންދަވާނެ ކަމުގައި ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި، ޚިޔާނާތްތެރިނުވެ، ނާޖާއިޒު ފައިދާ ނުނަގައި، ރައްޔިތުންނަށް އެކި ގެއްލުން ނުދީ، ރައްޔިތުންނާ އަޅާލާ ސަރުކާރެއް ހިނގަމުންދާނަމަ، ބަޔަކު މީހުން އެކަމަކަށް އަޅާނެ ހުރަހެއް ޙަޤީޤަތުގައި ނޯންނާނެ ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މާފަރަށް މިކުރެއްވި ދަތުރުފުޅުގައި، މާފަރު އޮފީހަށާއި، މާފަރު ސްކޫލަށާއި، މާފަރު ޞިއްޙީ މަރްކަޒަށް ޒިޔާރަތް ކުރައްވައި، އެތަންތަނުގެ ކަންތައްތައް ހިނގަމުންދާގޮތް ބައްލަވާލެއްވިއެވެ.