ދިވެހި ސަރުކާރާއި ބަންގްލަދޭޝް ސަރުކާރާ ދެމެދު ޘަޤާފީ ކަންކަމުގައި އެއްބާރުލުމާބެހޭ އެއްބަސްވުމެއް އެކުލަވާލުމަށް ހަމަޖެހިފައިވާ ކަމަށް ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަން މަނިކު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގައި ހުންނަވާ ބަންގްލަދޭޝްގެ ސަފީރު ޕްރޮފެސަރ ސެލީނާ މުޙްސިން، ބަންގްލަދޭޝްގެ 38 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި، މިރޭ ދަރުބާރުގޭގައި ބޭއްވެވި ފަރިއްކޮޅެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ފަރިއްކޮޅުގައި ރައީސް މުޙަންމަދު ނަޝީދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ބަންގްލަދޭޝްގެ މިނިވަންދުވަހަކީ މާޗް މަހުގެ 26 ވަނަ ދުވަހެވެ.

ނައިބު ރައީސް ޑޮކްޓަރ ވަޙީދުގެ ވާހަކަފުޅުގައި، ޘަޤާފީ ކަންކަމުގައި އެއްބާރުލުމާބެހޭ މި އެއްބަސްވުމުގެ ސަބަބުން، ދިވެހިރާއްޖެއާއި ބަންގްލަދޭޝްއާ ދެޤައުމުގެ ދެމެދުގައި، ޘަޤާފީ ރޮނގުން އެއްބާރުލުން އިތުރުވެގެންދާނެ ކަމުގައި ވިދާޅުވިއެވެ. އަދި ދެޤައުމުގެ ދެމެދުގައި، ތަފާތު ރޮނގުތަކުގެ ފަންނުވެރިންނާއި މިޔުޒިކު ކުޅުންތެރިންގެ ތަޖުރިބާ ބަދަލުކޮށް، ޙިއްޞާ ކުރުމުގެ ދޮރު ހުޅުވި، މި ދާއިރާ އިތުރަށް މުއްސަނދި ވެގެންދާނެ ކަމުގައިވެސް ޑޮކްޓަރ ވަޙީދު ވިދާޅުވިއެވެ.

ބަންގްލަދޭޝްގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބަންގްލަދޭޝްގެ ވެރިންނަށާއި، ރައްޔިތުންނަށާއި، ބަންގްލަދޭޝް ސަފީރަށް ނައިބު ރައީސް ތަހުނިޔާ ވިދާޅުވަމުން، ދިވެހިރާއްޖެއާ ބަންގްލަދޭޝްއާ ދެޤައުމުގެ ދެމެދުގައި އޮންނަނީ ވަރަށް ޒަމާންވީ ގާތް ގުޅުމެއް ކަމާއި، ދެޤައުމަކީ، ޘަޤާފީ ގޮތުން ވަރަށް އެއްގޮތް ދެޤައުމުކަން ފާހަގަކުރެއްވިއެވެ.