މޫސުމަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން ދުނިޔޭގައި ހިނގާ މިކަމުގެ ވިސްނުމާގުޅޭ ބަޙުޘްތައް، ކުރިއާ އަޅާބަލާއިރު ވަރަށް ބޮޑުތަން އިތުރުވެފައިވާ ކަމަށް ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ، ރޭ ފާހަގަކުރެވުނު "އަރތް އަވަރ" އިފްތިތާޙް ކޮށްދެއްވަމުންނެވެ. ރޭ 8.30ގައި އަރތް އަވަރ ފެށުނީ، ރައީސް ނަޝީދު ދިރިއުޅުއްވާ ރަސްމީ ގެ، މުލީއާގޭގެ ކަރަންޓް ސްވިޗްތައް އެމަނިކުފާނު ނިއްވަވާލަ ދެއްވުމުންނެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި، މޫސުމަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން، ރާއްޖެއަށްވެސް އެކިއެކި ބަދަލުތައް އަންނަމުންދާކަން ފާހަގަކުރެވޭ ކަމަށް ވިދާޅުވިއެވެ. އަދި އަޅުގަނޑުމެން މި ފާހަގަކުރަނީ، ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކަށް ޙައްލެއް ހޯދުމަށް ނުވަތަ ލުޔެއް ގެނައުމަށް ރައްޔިތުންނަށް ކުރެވެން ހުރި ކަންކަމުގައި ރަމްޒީގޮތުން ޙަރަކާތްތެރިވުމުގެ ގޮތުން ބައިވެރިވާ ބައިވެރިވުން ކަމުގައި ވިދާޅުވިއެވެ. ހަމައެއާއެކު، މިކަން އަޅުގަނޑުމެން މިކުރަނީ، މޫސުމަށް އަންނަ ބަދަލާއި ދުނިޔެ ތަޣައްޔަރުވުމާއި، ޖައްވު ތަޣައްޔަރުވަމުން އަންނަ މިންވަރު ކުޑަކުރުމަށްޓަކައި އެކަމުގައި ޢަމަލީ ގޮތުން ބައިވެރިވުމުގެ ގޮތުން ކަމުގައިވެސް ވިދާޅުވިއެވެ.