ފުލުހުންނަށް ޙަމަލާދީ އަދި ގެއްލުންދީ ހަދާ ފަރާތްތަކަށް ދެވެން އޮތް އެންމެ ހަރުކަށި އަދަބު ދެއްވުމަށް، މި ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ، ފުލުހުންގެ 76 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، ރޭ ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި، ފުލުހުންގެ ޚިދްމަތަށް އައިސްފައިވާ ކުރިއެރުމާއި ތަރައްޤީ، ރައީސް ނަޝީދު ފާހަގަކުރައްވަމުން، ފުލުހުންގެ ޚިދްމަތުގެ މުހިންމު ކަމުގެ މައްޗަށް ބައްލަވާލެއްވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ޤައުމެއް ތަރައްޤީވެދިޔުމަށް، ޤައުމެއް ބިނާކުރުމަށް ވަކި ޚާއްޞަ ކަންތައްތަކެއް ބޭނުންވާކަމީ، އިންސާނީ ތަޖުރިބާ އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް ދައްކާފައިވާ ޙަޤީޤަތެއް ކަމަށާއި، މި ޚާއްޞަ ކަންކަމުގެ ތެރޭގައި، ފުލުހުންގެ މުއައްސަސާއެއް ތަރައްޤީވެ ހިނގަމުންދިޔުމަކީ، ޤައުމެއް ތަރައްޤީވުމަށް، އިންސާނިއްޔަތު ކުރިއަރައި ދިޔުމަށް އަދި އަމާން މުޖްތަމަޢެއްގެ ގޮތުގައި ދިރިތިބުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމުގައި ރައީސް ވިދާޅުވިއެވެ.

ފުލުހުންނަކީ ޤަދަރުވެރި ޢިއްޒަތްތެރި ބަޔަކަށްވާން އަޅުގަނޑުމެން އެންމެން ބޭނުންވާ ކަމަށާއި، އަޅުގަނޑުމެންގެ ތެރޭގައި ޙަރަކާތްތެރިވާ މަދު ބައެއްގެ ސަބަބުން، މުޅި މުއައްސަސާގެ ނަން ކިލަނބުވެ ޚަރާބުވެދާކަށް ބޭނުންފުޅުނުވާ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި، ފުލުހުންގެ މަސައްކަތަކީ އަބަދުވެސް، އިއްޔެވެސް، މިއަދުވެސް އަދި މާދަމާވެސް ނުރައްކާތެރި މަސައްކަތެއްކަން ބަޔާންކުރައްވަމުން، ފުލުހުންގެ މަސައްކަތަކީ ވަރަށް ބަލައިގެން، ވަރަށް ކެރިގެން، ވަރަށް އިޚްލާޞްތެރިކަމާއި ވަފާތެރިކަމާއި، ވިސްނުންތެރިކަމާއި، ޙިކްމަތްތެރިކަމާ އެކުގައި ނޫނީ ރަނގަޅަށް ނުހިންގޭނެ މަސައްކަތެއް ކަމުގައި ވިދާޅުވިއެވެ. އަދިވެސް ރައީސް ވިދާޅުވިއެވެ. ”ފުލުހުންގެ މަސައްކަތަށް ފުލުހުން ނުކުންނަވަނީ، ވަރަށް ބިރުވެރި މާޙައުލެއްގައި، ވަރަށް ނުރައްކާތެރި ޙާލަތްތަކެއްގައެވެ. ރާއްޖޭގައި މި މާޙައުލު އުފެދިފައި މިވަނީ، އަޅުގަނޑުމެންގެ ފަންތީގެ ބައެއް ޤައުމުތަކުގައި، އެ މާޙައުލު އުފެދިފައިވާ މިންވަރަށްވުރެ މާ ނުރައްކާތެރި މިންވަރެއްގައެވެ.“

ފުލުހުންގެ ޚިދްމަތުގައި ފުލުހުން ދުވަސްތައް ހޭދަކުރައްވަމުން ގެންދަވާއިރު، އެބޭފުޅުންގެ ޢާއިލާތަކާއި އަނބިދަރިންނާއި އަދި އެބޭފުޅުންގެ އެހެނިހެން ކަންތައްތައް ބެލެހެއްޓެވުމަކީ، ކޮންމެ ސަރުކާރެއްގެވެސް ވާޖިބެއް ކަމަށް ދެކެވަޑައިގަންނަވާ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އެހެން ވަޒީފާތަކުގައި އުޅުއްވާ ބޭފުޅުންނަށް ދިމާވާ އެންމެހާ ކަންކަން ފުލުހުންނަށްވެސް އެބަ ދިމާވާކަން ރައީސް ހާމަކުރެއްވިއެވެ. ސަރުކާރުން ހިންގަވާ ގެދޮރު ޢިމާރާތް ކުރެއްވުމުގެ މަޝްރޫޢު ވަރަށް ބާރަށް ހިންގަވާކަން ބަޔާންކުރައްވަމުން، ގެދޮރު ފޯރުކޮށްދެއްވުމުގައި ނަރުހުންނަށާއި، ޓީޗަރުންނަށާއި، މިފަދަ ފަންނީ މަގާމުތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށް އިސްކަން ދެއްވާ އުޞޫލުން ފުލުހުންނަށާއި ސިފައިންނަށްވެސް އިސްކަންދެއްވާނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި، މި ސަރުކާރަކީ އެއްވެސް ޙާލެއްގައި ބަދަލު ހިފުމުގެ ރޫޙެއް އޮތް ސަރުކާރެއް ނޫން ކަމަށާއި، އެއްވެސް ބޭފުޅަކު، އެބޭފުޅަކީ މިދިޔަ ސަރުކާރުގައި އުޅުއްވި ބޭފުޅަކަށްވިޔަސް، އަދި ނޫޅުއްވާ ބޭފުޅަކަށްވިޔަސް، މި ނޫން ގޮތަކަށް މިކަން ދެކެވަޑައިގަންނަވާނެ ކަމެއް ނެތް ކަމުގައި ވިދާޅުވިއެވެ.

ފުލުހުންގެ 76 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، ރޭ ބޭއްވެވި ޖަލްސާގައި، މޯލްޑިވްސް ޕޮލީސް ސަރވިސްއަށް އިޚްލާޞްތެރި އަދި ޚާއްޞަ ޚިދްމަތްތަކެއް ކޮށްދެއްވައި އަދި ކޮށްދެއްވަމުން ގެންދަވާ ޢާންމު ފަރާތްތަކަށް ހަނދާނީ ފިލައާއި ހަނދާނީ ލިޔުން ދެއްވީ ރައީސް މުޙަންމަދު ނަޝީދެވެ. ފުލުހުންގެ ޚިދްމަތުގައި 40 އަހަރަށްވުރެ ގިނަ ދުވަހު އިޚްލާޞްތެރި ޚިދްމަތްތަކެއް ކޮށްދެއްވާފައިވާ ދެބޭފުޅަކަށް، ރޭގެ ޖަލްސާގައި ހަނދާނީ ފިލާ ލިބިވަޑައިގެންނެވިއެވެ. އެ ދެބޭފުޅުންނަށް ހަނދާނީ ފިލާ ޙަވާލުކޮށްދެއްވީވެސް ރައީސް މުޙަންމަދު ނަޝީދެވެ. އެ ދެބޭފުޅުންނަކީ، 45 އަހަރު ދުވަހު ޚިދްމަތް ކުރައްވާފައިވާ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލީސް ޙުސައިން ޝާކިރާއި، 41 އަހަރު ޚިދްމަތް ކުރެއްވި ސުޕްރިންޓެންޑް އޮފް ޕޮލީސް އިބްރާހީމް ޚަލީލެވެ.