މަސްތުވާތަކެއްޗަށް ހުޅުވިފައިވާ ދޮރުތައް ބަންދުކުރައްވައި، މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ ހުރިހާ މަސައްކަތެއް ވިލަރެސް ކުރެއްވުމަށްޓަކައި ”ނާކޮޓިކްސް ކޮންޓްރޯލް އެންޑް ގަވަރނަންސް ސްޓްރަކްޗަރ“ އެއް ހެއްދެވުމަށާއި، މި އޮނިގަނޑުގެ ދަށުން ނާކޮޓިކްސް ކޮންޓްރޯލް ކައުންސިލެއް އުފެއްދެވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފިއެވެ.

ނާކޮޓިކްސް ކޮންޓްރޯލް ކައުންސިލް، އެން.ސީ.ސީ.ގެ ޗެއަރމަނަކަށް ހުންނަވާނީ، ނައިބު ރައީސެވެ. މި ކައުންސިލްގައި ބޭފުޅުން ހިމެނިވަޑައިގަންނަވާ އެހެން ދާއިރާތަކަކީ، މިނިސްޓްރީ އޮފް ހޯމްއެފެއާޒާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި، މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީއާއި، މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސްއާއި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި، އެޓަރނީ ޖެނެރަލްގެ އޮފީހާއި، މޯލްޑިވްސް ކަސްޓަމްސް ސަރވިސް އާއި، ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނާއި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއެވެ. މި ކައުންސިލްގައި ޕޮލިސް ކޮމިޝަނަރވެސް ހިމެނިވަޑައިގަންނަވާނެއެވެ.

ނާކޮޓިކްސް ކޮންޓްރޯލް އެންޑް ގަވަރނަންސް ސްޓްރަކްޗަރެއް އެކުލަވާލެއްވުމަށް މިނިންމެވީ، މަސްތުވާތަކެތީގެ ވަބާއަކީ ދިވެހި މުޖްތަމަޢަށް މިއަދު ދިމާވެފައިވާ އެންމެބޮޑު އެއް ގޮންޖެހުން ކަމަށްވެފައި، މި ވަބާގެ ޝިކާރައަކަށް ވަމުންދާ ޒުވާނުންގެ ޢަދަދު، ދުވަހުން ދުވަހަށް އިތުރުވަމުން ދިޔުމަކީ، ދިވެހި ދަރިންގެ މުސްތަޤްބަލް ފާގަތިވުމަށް އޮތް އެންމެބޮޑު ގޮންޖެހުން ކަމަށްވުމާއެކުގައެވެ. އަދި މިއަދުގެ ސަރުކާރުގެ ފަސް ވަޢުދުގެ ތެރެއިން އެއް ވަޢުދަކީ، މަސްތުވާތަކެއްޗަށް ހުރި ދޮރުތައް ބަންދުކުރައްވައި، މަސްތުވާތަކެތީގެ ވަބާއިން މި މުޖްތަމަޢު ސަލާމަތް ކުރައްވައި، މި ބޮޑު މައްސަލައަށް ޙައްލެއް ހޯއްދެވުން ކަމަށްވާތީއެވެ.
މި އޮނިގަނޑުގެ ދަށުން އުފައްދަވާ ނާކޮޓިކްސް ކޮންޓްރޯލް ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ވަރަށް އަވަހަށް ބާއްވަވައި، އެ ކައުންސިލުން ކުރައްވާނެ މައިގަނޑު މަސައްކަތްތައް، ކަނޑައަޅުއްވާނެއެވެ.

ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ރާއްޖޭގެ ވައިގެ ބަނދަރުތަކުގައި ބައިނަލްއަޤްވާމީ ވައިގެ ދަތުރުފަތުރާބެހޭ ޖަމްޢިއްޔާގެ މިންގަނޑުތަކާ އެއްގޮތަށް ވައިގެ ބަނދަރުތަކުގެ ރައްކާތެރިކަން ބެލެހެއްޓެވުމުގެ ކަންތައް، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އިން ކުރައްވާ ގޮތަށް ހަމަޖެއްސެވުމަށްވެސް ނިންމެވިއެވެ. މިކަން މިގޮތަށް ހަމަޖެއްސެވި ކަމުގައިވިޔަސް، ބައިނަލްއަޤްވާމީ ވައިގެ ދަތުރުފަތުރާ ބެހޭ ޖަމްޢިއްޔާގެ މިންގަނޑުތަކާ އެއްގޮތަށް ކަމާބެހޭ ގަވާއިދުތައް ހައްދަވައި ހިންގަވާނީ، ރާއްޖޭގެ ވައިގެ ދަތުރުފަތުރާބެހޭ ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް ސިވިލް އޭވިއޭޝަން އެންޑް ކޮމިއުނިކޭޝަނުންނެވެ.