ސަރުކާރުގެ މަޢްލޫމާތު ހާމަކުރުމުގެ ސިޔާސަތު ކަނޑައަޅުއްވައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ސަރުކާރުގެ އޮފީސްތަކަށް މިއަދު އަންގަވައިފިއެވެ. މި ސިޔާސަތު އަންގަވާފައިވަނީ، އެއޮފީހުން މިއަދު ނެރުއްވި ދެންނެވުމެއްގައެވެ.

ސަރުކާރުގެ މަޢްލޫމާތު ހާމަކުރުމުގެ ސިޔާސަތެއް އެކަށައަޅުއްވައި އެސިޔާސަތު ހިންގެވުމަށް މިހަމަޖެއްސެވީ، ރާއްޖޭގައި މިހާރު ގާއިމުކުރެވިފައި މިވާ ޒަމާނީ ދީމުޤްރާޠީ ނިޒާމު ހަރުދަނާ ކުރެއްވުމަށްޓަކައި، ސަރުކާރުގެ ހާމަކަން ބޮޑުކުރެއްވުމަށާއި، ސަރުކާރު ހިންގުމުގެ ނިޒާމު ހަރުދަނާ ކުރެއްވުމަށްޓަކައި، ސަރުކާރުގެ ސިޔާސަތުތަކާއި މަސައްކަތުގެ މަޢުލޫމާތު ވީހާވެސް ފުޅާ ދާއިރާއެއްގައި ވަގުތުން ވަގުތަށް ރައްޔިތުންނަށް ފޯރުއްވައިދެއްވުމަށްޓަކައެވެ.
ސަރުކާރުގެ މަޢްލޫމާތު ހާމަކުރުމުގެ ސިޔާސަތަކީ، ސަރުކާރާމެދު ރައްޔިތުންގެ އިތުބާރު ޤާއިމުކޮށް ދެމެހެއްޓުމަށްޓަކައި، ސަރުކާރުގެ ސިޔާސަތުތަކާއި، ޙަރަކާތްތަކާއި ޚިދުމަތްތަކުގެ ޞައްޙަ މަޢްލޫމާތު ވަގުތުން ވަގުތަށް ރައްޔިތުންނަށް ފޯރުއްވައި ދެއްވުމެވެ. ސަރުކާރުގެ ސިޔާސަތުތަކާއި ކުރިއަށްގެންދާ މަސައްކަތްތަކުގެ މަޢްލޫމާތު ފޯރުވައި ދިނުމުގެ ރަނގަޅު ނިޒާމެއް ޤާއިމުކުރެވިފައި އޮތުމަކީ، ދީމުޤްރާޠީ ސަރުކާރެއް ހަރުދަނާވުމުގެ އަޞްލެކެވެ. މިކަމުގެ ސަބަބުން، ސަރުކާރުގެ ސިޔާސަތުތައް ޢާންމުވެ، ޚިދުމަތް ފޯރުވައިދިނުން ރަނގަޅުވެ، ސަރުކާރާއި ރައްޔިތުންނާ ދެމެދު މައްސަލަތައް ކުރިމަތިވުން ހުއްޓުވައި، ސަރުކާރާއި ރައްޔިތުންނާ ދެމެދު ގުޅުންތައް އުފެދި، ބަދަހިވެ، އަދި ސަރުކާރުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށްދެއެވެ.

ސަރުކާރުގެ މަޢްލޫމާތު ހާމަކުރުމުގެ މި ސިޔާސަތާ އެއްގޮތްވާ ގޮތުގެމަތިން، ސަރުކާރުގެ ހުރިހާ ދާއިރާތަކަކުން، އެ ދާއިރާއެއްގެ ސިޔާސަތުތަކާއި މަސައްކަތްތަކުގެ މަޢްލޫމާތު ހާމަކުރެއްވުމުގެ މަސައްކަތް ކުރިއަށް ގެންދެވުމަށް މިދެންނެވުމުގައި ސަރުކާރުގެ އޮފީސްތަކަށް ރައިސުލްޖުމްހޫރިއްޔާގެ އޮފީހުން އަންގަވާފައިވެއެވެ.