بسـم اللَّه الرّحـمٰـن الـرّحيـم
اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން؛
السّـلام عليــكم ورحـمــة اللّـه وبـركاتـه.
އިސްލާމީ ހިދާޔަތުގެ މަތިވެރި އަލީގާ. ދިވެހި ޤައުމިއްޔަތުގެ ފަޚްރުވެރި ހިޔަލުގާ. ދިވެހި ރީތި އާދަކާދަތަކާއި މޫރިތި ސަގާފަތާއި ތަރިކައިގެ އަގުހުރި ތަހުޒީބުގާ. ދިވެހި ޤައުމުގެ ޝަރަފުވެރި ސިޔާދަތާއި އަމިއްލަ މިނިވަންކަމާއި އިސްތިޤުލާލު ދެމެހެއްޓުމުގެ ގަދަ ޢަޒުމުގާ. ދުރާ ގާތުގެ ޤައުމުތަކާއި ދައުލަތްތަކާ އެކު ބާއްވާ ދެ ފަރާތަށް ލާބަޔާއި މަންފާހުރި އެކުވެރި ރަޙްމަތްތެރިކަމުގެ ބަދަހި ގުޅުމުގާ. ދެމެހެއްޓެނިވި ޒަމާނީ ޢިލްމީ ކުރިއެރުންތަކާއެކު ދުރު ރާސްތާއަށް ދިވެހި ޤައުމު ބިނާކުރުމުގާ. ހަމަޖެހުން، ތަރައްޤީ، ރައްކާތެރިކަން ކަށަވަރުކުރުމުގާ. ރެޔާ ދުވާލު ދިވެހި ލޮބުވެތި ރައްޔިތުންގެ އުފާވެރިކަމަށް ޓަކާ މިނެއް ނެތް ހިންމަތާއި މިންނަތްކޮށް، ޚިދުމަތްކުރުންމަތީ ދެމިހުރުމުގައި މި ސަރުކާރުގެ ސާފު ސިޔާސަތާއެކު ދިވެހިރާއްޖޭގެ އައުދާނަ ރައްޔިތުންގެ މަޖިލީހުގައި ތިޔަ ޢިއްޒަތްތެރި މަޖިލިސް މެންބަރުންގެ ކުރިފުޅުމަތީގައި އަޅުގަނޑު މި ހުއްޓުނީ ޤާނޫނު އަސާސީގެ 84 ވަނަ މާއްދާގެ ދަށުން، ޤައުމުގެ ޙާލަތު ބަޔާންކުރުމުގެ ބޭނުމުގާ. އަދި މި ސިޔާސަތާ އެއްގޮތްވާ ގޮތުގެ މަތީން ކުރިޔަށް އޮތް އަހަރު ކުރަން ރާވާފައިވާ ކަންކަން ބަޔާންކުރުމުގެ ބޭނުމުގާ. މިގޮތުން މި ބަޔާން ކުރި ސިޔާސަތުގެ ދަށުން، ފާއިތުވި އަހަރު ޤައުމުގެ އެތައްކަމެއް އިސްލާޙުކޮށް، ތަރައްޤީ ކޮށް، ކުރިއަރުވައި ނަތީޖާ ޙާސިލްކުރެވުނު. އަދި، އިސްވެ ދެންނެވުނު ސިޔާސަތުގެ ތަރަހައިގެ މަތީގައި، ޤައުމީ ތަރައްޤީއާ ގުޅިފައިވާ މި ކަންކަމާއި އެކަންކަން ރާވައިކުރިޔަށް ގެންދާނެ ގޮތް ބަޔާން ކުރުމަށް އަޅުގަނޑު ޤަސްދުކުރަން.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން،
ދިވެހީންގެ ދެދުނިޔޭގެ ސަލާމަތަކީ މާތްވެގެންވާ އިސްލާމްދީން. އިސްލާމްދީނުގައި އެންމެ މަތިވެރި ބިނާތަކަކީ މާތް ﷲގެ ގެކޮޅުތައް ކަމަށް ވާ މިސްކިތްތައް. މިސްކިތްތަކަކީ އިސްލާމީ ޙަޟާރަތުގެ އެންމެ ޒީނަތްތެރި މަލަތައް. އަޅުގަނޑު ދެކޭ ގޮތުގައި މި ޒީނަތްތެރިކަން ސައްތައިންސައްތަ ދިވެހިރާއްޖޭން ވަރަށް ފުރިހަމައަށް ފެންނަންވާނެ. ވޭތުވެދިޔަ އަހަރު، 74 މިސްކިތާއި، 7 އިސްލާމީ މަރުކަޒާއި، 3 ޤުރުއާން މަރުކަޒާއި، 6 ވަޤުފު ބިނާއާއެކު މުޅިއެކު 90 މަޝްރޫޢުގެ ޢަމަލީ މަސައްކަތް ކުރިޔަށް ގެންދިޔައިން. މީގެ ތެރެއިން ހއ.ދިއްދޫ އިސްލާމިކް ސެންޓަރާއި 10 ރަށެއްގެ މިސްކިތް ނިންމާ ހުޅުވިން. އަދި ބަރަކާތްތެރި ރަމަޟާން މަހުގެ ކުރިން އިތުރު 8 މިސްކިތެއް އިރާދަކުރެއްވިއްޔާ ހުޅުވާނަން. މިސްކިތްތައް އަޅާ ހުޅުވުމުގެ އިތުރުން، ބޭނުންކުރަމުންދާ މިސްކިތްތައް މަރާމާތުކުރުމަށްވެސް މި ސަރުކާރުން ޚާއްސަ ސަމާލުކަމެއްދެން. އެގޮތުން، ނިމިދިޔަ އަހަރު 19.4 މިލިޔަން ރުފިޔާ ރާއްޖޭގެ އެކި ރަށްރަށުގައި ހުރި މިސްކިތްތައް މަރާމާތު ކުރުމަށް ސަރުކާރުން ހޭދަކުރިން. އަދި މިއަހަރު 15 މިލިއަން ރުފިޔާ މިސްކިތްތައް މަރާމާތު ކުރުމަށް ހަމަޖައްސާފައިވާނެ. މިއަހަރު، ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން، ރާއްޖޭގެ އިތުރު 10 ރަށެއްގައި އިސްލާމީ މަރުކަޒު ޢިމާރާތްކުރުމުގެ މަސައްކަތް ފެށޭނެ. މީގެ ތެރެއިން، 3 މަރުކަޒެއްގެ އެއްބަސްވުމުގައި މިއަހަރު ޖެނުއަރީ 21 ގައި ވަނީ ސޮއި ކޮށްފައި. ހަމަ އެހެންމެ މިއަހަރު، އިތުރު 17 ރަށެއްގައި މިސްކިތް އެޅުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ ފެށޭނެ. ހަމަ އެއާއެކު، ހުޅުމާލެ ގްރޭންޑް މިސްކިތް އެޅުމުގެ ތަޞައްވުރު އެކުލަވައިލައި، އަމަލީ މަސައްކަތް އިރާދަކުރެއްވިއްޔާ މިއަހަރު ފެށޭނެ. އަދި މިސްކިތުގެ މައި ހޯލުގައި 800 މީހުންނަށްވުރެ ގިނަ މީހުންނަށް ނަމާދު ކުރެވޭ މިސްކިތްތަކުގެ މައި ހޯލާއި އަންހެނުން ނަމާދު ކުރާބައި އޭސީ ކުރުމަށް ސަރުކާރުން ފެށްޓި މަޝްރޫޢުގެ ދަށުން މާލޭގައި ހުރި 4 މިސްކިތެއްގެ މައި ހޯލާއި އަންހެނުން ނަމާދު ކުރާ ބައި ބަރަކާތްތެރި ރަމަޟާން މަސް ފެށުމުގެ ކުރިން އިރާދަކުރެއްވިއްޔާ އޭސީ ކުރެވޭނެ.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛
ކީރިތި ޤުރުއާނަކީ މުސްލިމުންގެ ދުސްތޫރު. އިންސާނާގެ ދެ ދުނިޔޭގެ ބާއްޖަވެރިކަމަށް މަގުދައްކައިދޭ އިލާހީ ދަންމަރު. ކީރިތި ޤުރުއާން ކިޔެވުމާއި އެ މަތިވެރި ކަލާމްފުޅު ހިތުދަސްކުރާ ޙާފިޡުންނަށް ދޭންޖެހޭ ޤަދަރު އަޅުގަނޑުމެން ދޭން ޖެހޭނެ. އެހެންކަމުން ޙާފިޡުންގެ އަގު ވަޒަންކޮށް، ޤުރުއާން ހިތުދަސްކުރުމުގެ މަސައްކަތް ކުރައްވާ ބޭފުޅުންނަށް ހިތްވަރުދިނުމުގެ މަޤްޞަދުގައި، ޙާފިޡުންނަށް ސަރުކާރުން ދެމުން އައި 2000 ރުފިޔާގެ އެލަވަންސް 4000 ރުފިޔާއަށް ވާނީ ބޮޑުކޮށްފައި. ނިމިދިޔަ 2025 ވަނަ އަހަރު ވެގެން ގޮސްފައިވަނީ ރާއްޖޭގެ ތާރީޙުގައި އެންމެ ގިނަ މީހުން ޙާފިޒުންގެ ގޮތުގައި ދަސްވެނިވި އަހަރު ގޮތުގައި. މިގޮތުން 30 ހާފިޒުން ވަނީ ދަސްވެނިވެފައި. މީގެ އިތުރުން، ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ގޮތްޕެއް 2028 ގެ ނިޔަލަށް ހުޅުވުމަށް ނިންމާ ނިމިދިޔަ އަހަރު އެ މަސައްކަތް ވާނީ ފަށާފައި. އަދި ޤުރުއާނާބެހޭ އެކި ކަންކަމަށް ޚަރަދު ކުރުމަށް ދެމެހެއްޓެނިވި ގޮތެއްގައި ފައިސާ ލިބޭނޭ ނިޒާމެއް ޤާއިމް ކުރުމުގެ ގޮތުން، މާލޭގައި ޤުރުއާނަށް ޚާއްޞަ ވަޤުފު ޢިމާރާތެއް ޤާއިމު ކުރުމުގެ ޢަމަލީ މަސައްކަތް މިއަހަރު ތެރޭގައި އިރާދަކުރެއްވިއްޔާ ފެށިގެންދާނެ. ހަމަ އެހެންމެ، ޤައުމީ ޤުރްއާން ކިޔެވުމުގެ މުބާރާތް ރާވައި ހިންގުމުގެ ހުރިހާ ޚަރަދެއް ސަރުކާރު ބަޖެޓުން ބެލެހެއްޓުމާއި، ވަނަވެރީންނަށް ދެމުންއައި އިނާމު ދެގުނަ ކުރުމާއި، މުޅި މުބާރާތުން އެއްވަނަ ހޯދާ ބައިވެރިޔާއަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިނާމެއްގެ ގޮތުން ބޭނުން ދާއިރާއަކުން، ބޭނުން ޤައުމަކުން ޕީ.އެޗް.ޑީއާ ހަމައަށް ކިޔެވުމުގެ ޚާއްޞަ ސްކޮލަރޝިޕެއް ދޭން ވަނީ ފަށާފައި. މީގެ އިތުރުން، ރީތަކޮށް ޤުރުއާން ކިޔެވުމުގެ ހުނަރު ހުރިހާ ކުދިންނަށްވެސް ފަހިކޮށްދިނުމަކީ އެންމެ ޢަދުލުވެރިގޮތް ކަމުގައިވާތީ، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޤުރުއާން ކިޔަވައިދޭނެ ޓީޗަރުން އިތުރުކުރުމަށް ޚާއްސަ މަސައްކަތްތަކެއް މިއަހަރު ތެރޭގައި އިރާދަކުރެއްވިއްޔާ ފަށާނަން.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛
އިސްލާމީ އުންމަތުގެ އެންމެ ބޮޑު ޖަމާޢީ އަޅުކަންކަމަށްވާ ޙައްޖުގެ މަތިވެރި އަޅުކަން ފުރިހަމަކުރުމަށް، ފުރަ އިތުރު މައްކާއަށާއި، މާތްވެގެންވާ މަދީނާއަށް ދަތުރުކުރާ ޙައްޖާޖީންނަށް ލުއިފަސޭހަ ގޮތްތަކެއް މެދުވެރިވެފައިނެތުމަކީ ދިވެހި ޙައްޖާޖީންނަށް އެތައް ވޭނެއް ތަކުލީފެއް އުފުލަން ޖެހޭތާ ޒަމާންތަކެއް ފާއިތުވަމުންދިޔަ ކަމެއް. ނަމަވެސް، ޙައްޖާޖީންގެ ލުއިފަސޭހައަށްޓަކައި ސަޢޫދީ ސަރުކާރުން ތަޢާރަފްކުރެއްވި މައްކާ ރޫޓް އިނީޝިއޭޓިވްގެ ދާއިމީ މެމްބަރުކަން 8 ވަނައަށް ލިބުނު ޤައުމުގެ ގޮތުގައި ދިވެހިރާއްޖެ ހަމަޖެހި، ދިވެހި ޙައްޖާޖީންނަށް ރާއްޖޭގެ ތާރީޚުގައި ވެސް ދުވަހަކު ލިބިފައި ނެތްހައި ޒަމާނީ ފަސޭހަތައް ވަނީ ތަނަވަސްކުރެވިފާ. މި ކަމަށްޓަކައި، ދިވެހި ސަރުކާރުގެ ނަމުގަޔާއި ދިވެހި ރައްޔިތުންގެ ނަމުގަޔާއި އަޅުގަނޑުގެ އަމިއްލަ ނަމުގައި، ސަޢޫދީ ޢަރަބިއްޔާގެ ވަލިއްޔުލްއަމްރު، ދެ ޙަރަމްގެ ޚާދިމު، ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒަށް އަދި ވަލީ ޢަހުދު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލް ޢަޒީޒަށް ވަރަށް އިޚުލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.
ހަމައެހެންމެ މިނާގައި ޒަމާނުއްސުރެ ދިވެހީންނަށް ލިބެމުން އައި ސީ ކެޓަގަރީގެ ޚިދުމަތް ބީ ކެޓަގަރީއަށް މަތިކޮށް، އެތައް ގޮތަކުން ޚިދުމަތްތައް ފުޅާކުރެވިފައިވާނެ. މީގެ އިތުރަށް، މައްކާއިން މަދީނާއަށް ބަހުގައި ކުރަމުން އައި ދިގު ދަތުރު ފުރަތަމަ ފަހަރަށް އެއަރ ކޮންޑިޝަންޑް ހައިސްޕީޑް ރޭލުގައި ކުރަން ފަށައިފައިވާނެ. ނަތީޖާއެއްގެ ގޮތުން، ދަތުރު ފަސޭހަ ވުމުގެ އިތުރުން، ދަތުރުގެ ވަގުތު 7 ގަޑިއިރުން 2 ގަޑިއިރަށް މިހާރު ވާނީ ކުރުވެފާ. ހަމައެއާއެކު، ޙައްޖުގެ އަޅުކަމުގެ ތެރޭގައި ޙައްޖުވެރިންނަށް ހިލޭ ބޭސް ފަރުވާގެ ޚިދުމަތް ލިބޭނޭ އިންތިޒާމު ވާނީ ހަމަޖައްސާފައި. އަދި ޙައްޖުވެރިންގެ ޞިއްޙީ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކާ ސަޢުދީ ޢަރަބިއްޔާގެ ހޮސްޕިޓަލަކާއެކު އެއްބަސްވުމެއް ގާއިމްކޮށް ޙައްޖުވެރިން ތިބޭ ހޮޓަލުގައި ފެންވަރު ރަނގަޅު މެޑިކަލް ކްލިނިކެއްގެ ޚިދުމަތް ދޭން ވެސް މިހާރު ވާނީ ފަށާފައި. މި ހުރިހައި ހެޔޮ ބަދަލެއް ގެނެސް، ޚިދުމަތްތަކުގެ ފެންވަރު އެތައް ގުނަޔަކުން މަތިކޮށްފައިވާނީ ޙައްޖައްދާން ޙައްޖުވެރީން ދައްކާ އަގަށް، ކުޑަވެސް އިތުރުވުމެއް ނުގެނެސްކަން އަޅުގަނޑު ފާހަގަކޮށްލަން.
މިސަރުކާރުން، ދިވެހީންގެ ޙައްޖުގެ އަޅުކަމުގެ ކަންކަން ވީހާވެސް އަވަހަށް ފުރިހަމައަށް ކުރުމަށް ވަރަށް ބޮޑު އިސްކަމެއްދެން. މިއަހަރުގެ ޙައްޖާ ގުޅޭ ކަންކަން ސަޢޫދީ އަރަބިއްޔާގައި އެންމެ ފުރަތަމަ %100 ފުރިހަމަ ކުރި 8 ޤައުމުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނޭކަން އުފަލާއެކު ދަންނަވަން. މީގެ ތެރޭގައި، މައްކާ އާއި މަދީނާގެ ހުރުމާއި، އަދި ގުޅިފައިވާ އެހެނިހެން ކަންކަންވެސް ވަނީ ފުރިހަމަކުރެވިފައި.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛
އިސްލާމްދީނުގައި ޒަކާތް ޝަރުޢުކުރައްވާފައިވާ މަޤްޞަދުތައް ޙާޞިލުކުރެވޭނެހެން، ދިވެހިރާއްޖޭގައި ޒަކާތް ދެއްކުމާއި ޒަކާތް ބަލައިގަތުމާއި، ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުމުގެ ކަންކަން ހިންގައި ބެލެހެއްޓުން ހަރުދަނާ ކުރުމަށްޓަކައި، ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް، ޒަކާތުގެ ޤާނޫނެއް މިހާރު ވަނީ ވުޖޫދު ކުރެވިފައި. މިއީ އެތަކެއް އަހަރެއްގެ ދިގު އިންތިޒާރެއްގެ ނިމުން. އަދި މިއީ ރާއްޖޭގައި ދީނި ކަންކަން ހަރުދަނާކޮށް ކުރިއެރުވުމުގައި ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް. ޒަކާތުގެ ނިޒާމު ހަރުދަނާކުރުމަށް މި ސަރުކާރުން ކުރަން ފަށްޓާފައިވާ މަސައްކަތްތުގެ ސަބަބުން ޒަކާތުގެ ނިޒާމަށް ރައްޔިތުންގެ އިތުބާރު ބޮޑުވެ ޒަކާތުގެ ގޮތުގައި ދައްކާ ފައިސާ ދަނީ އިތުރުވަމުން. މިގޮތުން ނިމިދިޔަ އަހަރު 107,205,043 ރުފިޔާ ޒަކާތުގެ ގޮތުގައި ވަނީ ދައްކާފައި. މިއީ ވޭތުވެ ދިޔަ 5 އަހަރުވެސް އެންމެ ގިނައިން ޒަކާތް ދެއްކި އަހަރު.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛
ދައުލަތް ހިންގުމުގެ ހުރިހާ ކަމެއްގައި ވެސް މާތް ވެގެންވާ އިސްލާމްދީނުގައި ސާފުކޮށް ބަޔާން ކުރައްވާފައިވާ ހަމަތަކާއި އުސޫލުތަކާ އެއްގޮތަށް ކަންކަން ބައްޓަންކޮށް ތަރައްޤީ ކުރުމަކީ މި ސަރުކާރުގެ ސިޔާސަތު. އެހެނީ މާތް ﷲ ވަނީ މާތް ވެގެންވާ އިސްލާމްދީން އަޅުގަނޑުމެން މުސްލިމުންނަށް ފުރިހަމަ ކޮށްދެއްވާ އަޅުގަނޑުމެން އުޅެން އެކަލާނގެ ރުހިވޮޑިގެންވާ ގޮތް އެދީނުގައި ބަޔާން ކުރައްވާފައި. އަޅުގަނޑުމެންގެ މި ޤައުމަކީ ސައްތައިން ސައްތަ އިސްލާމް ޤައުމެއް. އަޅުގަނޑުމެންގެ ޤައުމުގައި ކަންކަން ބައްޓަން ކުރަންވާނީ މި ފުރިހަމަ ދީނުގައިވާ ގޮތުގެ މަތީން. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ސައްތައިން ސައްތަ އިސްލާމީ ދައުލަތެއްގައި މި ފުރިހަމަ ދީނުގައިވާ ގޮތަށް ކަންކަން ހިންގުމަށް ދައުލަތުގެ ސިޔާސަތުތައް ބައްޓަންކުރުމަކީ އެ ދައުލަތުގެ އެންމެ އިސްވެރިޔާގެ މައްޗަށް ލާޒިމުވެގެންވާ ކަމެއް. އެހެންކަމުން، މި ފަޚުރުވެރި ދިވެހި ޖުމްހޫރިއްޔާގެ ރައީސުއްދައުލާ ގެ ޙައިސިއްޔަތުން، މާތް ﷲ ގެ ވާގިފުޅާ މިންވަރުފުޅާއެކު، އަޅުގަނޑު ތަންފީޒުކުރާނީ މި ސިޔާސަތު. އަދި، ދީނާ ސިޔާސަތު ވަކިކުރުމުގެ ފިކުރިއްޔާތުގެ އަހުލުވެރީން އެހެން ގޮތަކަށް މިކަން ދުށުމަކުން އަޅުގަނޑުގެ ކުޑަވެސް ފަރުވާލެއްނެތް!
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛
އިސްލާމް ދީނުގެ މަތިވެރި ހިދާޔަތަށް ނަސްރު ދިނުމާއެކު، ދިވެހި ޤައުމިއްޔަތު ދިރުވާ އާލާކުރުމުގެ ގޮތުން، ދިވެހީންގެ މި ރާއްޖޭގެ ދިވެހީންގެ ހަނދާންތައް އެއްކުރުމާއި، ދިވެހި ތަރިކައިގެ ޚާއްޞަ ސިފަތައް ހޯދުމާއި މުޅި ރާއްޖެ ޝާމިލުވާހެން ތަރިކަވެރީން އުފެއްދުމުގެ މަސައްކަތް ފަށާ، ދިވެހި ބަހާއި ސަގާފަތާއި ތަރިކައިގެ ދާއިރާގެ އަސާސީ މަފުހޫމްތައް އާންމުކޮށް، ދިވެހި ރާއްޖޭގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ތަރިކައިގެ ދާއިރާގެ ޢިލްމީ މުޖުތަމަޢެއް ޤާއިމުކުރުމުގެ މަސައްކަތް ފަށައި، އެ ދާއިރާއިން 50 ދިރާސާވެރީން އެކުލެވޭހެން ދިރާސާ މަސައްކަތްތަކެއް ވަނީ ފެށިފައި. ހަމަ އެއާއެކު، ދިވެހި ތަރިކައިގެ ޤައުމީ މަޝްރޫޢުތައް ފަރުމާކޮށް، ހއ. އުތީމުގަޔާއި ތަކަންދޫގަޔާއި ބާރަށުގައި މަސައްކަތް ދަނީ ކުރިޔަށް.
މީގެ އިތުރުން، ދިވެހި ޒަމާންވީ ރަށްވެހިކަމުގެ ޙަޟާރަތުގެ ހައިސިއްޔަތު ދުނިޔޭގެ ޤައުމުތަކުގެ މެދުގައި ޝަރަފުވެރިކުރުވުމުގެ ގޮތުން ޔުނެސްކޯ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ދިވެހި ހިރިގަލު މިސްކިތްތަކާއި ގަލުވަޑާން ދަފުތަރުކުރުވުމަށް ކުރަން ޖެހޭ ދިރާސާ މަސައްކަތް ފުރިހަމަކޮށް، ނޮމިނޭޝަން ފައިލް (ޑޮޒިއަރ) މިހާރު ވާނީ ޔުނެސްކޯގެ ވޯލްޑް ހެރިޓޭޖް ސެންޓަރަށް ހުށަހަޅާފައި.
އަދި، ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ބިނާކުރެވޭ އިންޓަރެކްޓިވް އިމަރސިވް މިއުޒިއަމްގެ މަސައްކަތް، އުސްގެކޮޅާއި އެ ގެކޮޅު ހުރި ސަރަހައްދުގައި މިހާރު ކުރަމުން އެދަނީ. އިރާދަކުރެއްވިއްޔާ މި އަހަރުތެރޭ މި ތާރީޚީ ޑިޖިޓަލް ދާރުލްއާސާރު ހުޅުވާނަން.
ހަމަ އެއާއެކު، ދިވެހިރާއްޖޭގެ ނެތެމުންދާ ސަގާފަތާއި ފަންނުތައް ދިރުވައި އާލާކޮށް ދިވެހިންގެ ތަރިކައާއި ސަޤާފަތާއި ދިވެހިންގެ އައިޑެންޓިޓީ ރައްކާތެރިކަމާއެކު އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށްޓަކައި، ތުނޑުކުނާވިޔުމާއި، ތިލޭރުކަމާއި، ސާންތި ވިޔުމާއި، މާވަޑިކަމާއި، ލިޔެލާޖެހުމާއި، ކަސަބު ގެތުމާއި، ފޭލިވިޔުމާއި، ފަނާއި ރުކުފަތި އަދި ސަޓާއިން ތަކެތި ވިޔުމުގެ ޤައުމީ ސަނަދުގެ ލެވެލް 3 ގެ ނޭޝަނަލް އޮކިޔުޕޭޝަނަލް ކޮމްޕީޓެންސީ ސްޓޭންޑަރޑާއި، އެއާ ގުޅޭ ޓްރެއިނިންގ ޕެކޭޖް ހެދުމުގެ އަމަލީ މަސައްކަތް ވަނީ ފަށާފައި. މީގެ އިތުރުން، ބ.ތުޅާދޫގައި ލިޔެލާޖެހުމުގެ ހުނަރު ދަސްކޮށްދޭ ތަމްރީން މަރުކަޒެއް ޤާއިމް ކުރުމާއި، ދ.ރިނބުދޫގައި އަތްތެރި މަސައްކަތް ދަސްކޮށްދޭ ތަމްރީން މަރުކަޒެއް ޤާއިމްކުރުމަށް އަދި ގދ.ގައްދޫގައި ތުނޑުކުނާ ވިޔުމާބެހޭ މަސައްކަތް ދަސްކޮށްދޭ ތަމްރީން މަރުކަޒެއް ޤާއިމް ކުރުމުގެ މަސައްކަތް މިއަހަރު ކުރިޔަށް ދާނެ.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛
ބިނާތަކާއި އިމާރާތްތަކަކީ ތަރިކައިގެ މާއްދީ ބައި. ހަމަ އެހެންމެ ތަރިކައިގެ މާނަވީ ބައި އިޢާދަ ކުރުމަށްވެސް މިއަހަރު މަސައްކަތްތަކެއް ކުރަންވަނީ ހަމަޖެހިފައި. މިގޮތުން ޚާއްޞަ ސަމާލުކަމެއް ދޭނެ އެއް ދާއިރާއަކީ ދިވެހީންގެ މާތް އަޚްލާޤާއި އަދަބުވެރި ގޮތްތައް. މި ސިފަތައް ގެއްލި ދިޔަނުދިނުމަށްޓަކައި، ދިވެހިންގެ ރީތި އުޅުމާއި ގުޅުން އިޔާދަކޮށް ތަރައްޤީކުރުމުގެ ޤައުމީ ތަޞައްވަރެއް އެކުލަވައިލައި، "އިޙުތިރާމު އަދާކުރުމުގެ ޤައުމީ މަޝްރޫޢެއް" މި އަހަރު ފަށައި، އިޙްތިރާމުކުރުމުގެ ސިފައަށަގެންނެވުމުގެ ޤައުމީ ކެމްޕޭނެއް މުޅި ރާއްޖޭގައި އިރާދަކުރެއްވިއްޔާ ކުރިޔަށް ގެންދާނަން. އަދި މިކަންކަމަށް ބޭނުންވާ ޤާނޫނުތައް ވުޖޫދުކުރުމަށްޓަކައި ވެސް ދަނީ މަސައްކަތްތައް ކުރަމުން. މިގޮތުން، ދިވެހި ޤައުމީ ރަމްޒުތަކުގެ ބިލާއި ދިވެހި ތަރިކައިގެ ކޮލެޖުގެ ބިލު މި ޢިއްޒަތްތެރި މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރަށް ހުށަހެޅުމަށް ނިންމާފައިވާނެ.
ހަމަ އެހެންމެ، ޤައުމެއްގެ ދެމެހެއްޓެނިވި ތަރައްޤީއާއި އެތަނެއްގެ ހަމަޖެހުމާއި ރައްކާތެރިކަން ބިނާވެގެންވަނީ އެތަނެއްގައި ދިރިއުޅޭ ރައްޔިތުންގެ އަޚްލާޤާއި ސްލޫކުގެ މައްޗަށްކަމުގައިވާއިރު، ބޮޑުވަމުން އަންނަ ދިވެހި ޖީލަކީ ރިވެތި އަޚްލާޤުން ތަރުބިއްޔަތުވެފައިވާ، ޚުލްޤު ހެޔޮ، އެއްބަޔަކު އަނެއްބަޔަކަށް އިހްތިރާމުކުރާ ޖީލަކަށް ހެދުމަށް، ސްކޫލުތަކުގައި ކިޔަވާ ދަރިވަރުންނަށް އަމާޒުކޮށް، މުޅި އަހަރުދުވަހަށް ބަހާލައިގެން، ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ހިންގާ ތަރުބަވީ ހާއްސަ ޕްރޮގްރާމެއް، "ބިންގާ" ގެ ނަމުގައި ރާއްޖޭގެ ހުރިހާ ސްކޫލެއްގައި، ، މިއަހަރު ހިންގަން ވަނީ ފަށާފައި.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛
މި ހައި އިސްކަމެއް ދީގެން، މި ހުރިހައި މަސައްކަތްތަކެއް ދިވެހި ޤައުމިއްޔަތާއި ތަރިކައިގެ ދާއިރާއިން މި ސަރުކާރުން ކުރަމުން މި ގެންދަނީ ދިވެހީންގެ ސަގާފީ މިނިވަންކަމާއި، މި ރަށްތަކާއި ދިވެހި މާ ކަނޑަކީ ދިވެހީންގެ މިލްކުތައްކަމުގެ ހެކި ލިބިދޭ އެންމެ ސާބިތު ބާރަކީ ދިވެހި ބަހާއި ދިވެހި ސަގާފަތާއި ދިވެހީންގެ ތަރިކަތައް ކަމުގައިވާތީ. އެހެންކަމުން އަންނާން އޮތް ޖީލުތަކަށް މި އަމާނާތް ރައްދުކޮށްދީ، ދިވެހި ނޭޝަނަލް އައިޑެންޓިޓީގެ މި ހަރުދަނާ ތަނބުތައް ޙިމާޔަތްކޮށް ދެމެހެއްޓުމަކީ، އަޅުގަނޑު ކުޑަވެސް ވަރުބަލިވުމެއް ނެތި، އުފަލާއެކު އުފުލަމުން ގެންދާނެ ޤައުމީ ވާޖިބެއް.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛
ދިވެހި ޤައުމުގެ ޝަރަފުވެރި ސިޔާދަތާއި އަމިއްލަ މިނިވަންކަމާއި އިސްތިޤުލާލު ދަމަހައްޓާ، ދިފާޢީ ރައްކާތެރިކަން ކަށަވަރުކުރުމުގައި ވެސް މުހިއްމު ކުރިއެރުންތަކެއް ވަނީ ހޯދިފައި. ޤައުމީ ދިފާޢީ ބާރުގެ ހުރިހާ ދާއިރާއެއްގެ ފެންވަރު މަތިކުރުމަށް ވޭތުވެ ދިޔަ އަހަރު ގިނަގުނަ މަސައްކަތްތަކެއް ވަނީ ކުރެވިފައި. މި ގޮތުން، ކޯސްޓްގާޑްގެ ޚިދުމަތް ދެ ގުނަކުރުމުގެ މަސައްކަތުގެ ތެރެއިން، ތުރުކީ ވިލާތުގެ ސަރުކާރުން ދެއްވި ހިލޭ އެހީއެއްގެ ގޮތުގައި ސިފައިންގެ ޚިދުމަތަށް މިހާތަނަށް ތަޢާރަފު ކުރެވުނު އެންމެ ބޮޑު ޢަސްކަރީ މަނަވަރު މި ދިޔަ އަހަރު ޚިދުމަތަށް ނެރުނިން. އަދި ސިފައިން ހިންގާ މެރިޓައިމް ސެކިއުރިޓީ އޮޕަރޭޝަންތަކާއި، ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކަށް ބޭނުންވާ އިންޓަސެޕްޓަރ ކްރާފްޓް ހޯދުމުގެ މަސައްކަތް ފަށައި އޭގެތެރެއިން 3 އުޅަނދު މިހާރު ވާނީ ޚިދުމަތަށް ނެރެފައި. މި އަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ އިތުރު 17 އުޅަނދު ޚިދުމަތަށް ނެރެވޭނެ. އަދި، ދެ ހާބަރ ކްރާފްޓް ޕެޓްރޯލް ވެސަލް ހޯދުމަށް ޖަޕާން ސަރުކާރުން ފައިސާ ގެ އެހީ ދިނުމަށް ވަނީ ނިންމާފައި. ހަމަ އެއާއެކު، ދިވެހިރާއްޖޭގެ ސަރަޙައްދާއި ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ބެލެހެއްޓުމަށް އޮސްޓްރޭލިއާ ސަރުކާރުގެ އެހީގައި ހޯދާ މަނަވަރު ވެސް މިއަހަރު އިރާދަކުރެއްވިއްޔާ ޚިދުމަތަށް ނެރެވޭނެ.
މީގެ އިތުރުން، އެމް.އެން.ޑީ.އެފްގެ އެއަރ ކޯ ތަރައްޤީކުރުމުގެ މަސައްކަތް މި ދިޔަ އަހަރު ވެސް ކުރެވުނު. މި ގޮތުން މި ދިޔަ އަހަރު އެމް.އެން.ޑީ.އެފްގެ ފުރަތަމަ އެއަރ ސްޓޭޝަން އައްޑޫ ސިޓީގައި ވާނީ ބިނާކޮށް ނިންމާ ބޭނުން ކުރަން ފަށާފައި. އަދި އުތުރުގައި އެއަރ ސްޓޭޝަނެއް ޤާއިމް ކުރުމަށްޓަކައި ށ. ފުނަދޫގައި ހަދަމުންދާ އެއަރ ސްޓޭޝަން ގެ މަސައްކަތް ނިންމާ އިރާދަކުރެއްވިއްޔާ މިއަހަރު ބޭނުން ކުރަން ފަށާނަން.
އަދި އަހަ އެހެންމެ، މިދިޔަ އަހަރު އެމް.އެން.ޑީ.އެފްގެ މެރިންކޯއަށް ވާނީ އެންމެ ޒަމާނީ އާމަޑް ވެހިކަލް ހޯދާފައި. މި އަހަރުގެ ތެރޭގައި ވެސް މެރީން ކޯ ގެ ޤާބިލުކަން އިތުރުކުރުމަށް ބޭނުންވާ އާލާތްތައް ހޯދުމާއި، ވަސީލަތްތައް ޤާއިމުކުރުމުގެ މަސައްކަތް ކުރެވޭނެ.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛
ސިފައިންގެ ތަޢުލީމާއި ތަމްރީނުގެ ކަންކަން ކުރިއަރުވާ ތަރައްޤީ ކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން ގިރިފުށި ބިންހިއްކުމާއި ޢުމްރާނީ ވަސީލަތްތައް ޤާއިމް ކުރުމުގެ މަސައްކަތާއި އެމް.އެން.ޑީ.އެފް ގެ އައްޑޫ ޓްރޭނިންގ ސެންޓަރ އިތުރަށް ތަރައްޤީ ކުރުމުގެ މަސައްކަތް ވަނީ ފަށައިފާ. މީގެ އިތުރުން، ކަޅުތުއްކަލާކޮށީގައި ޢުމްރާނީ ބިނާގެ މުހިއްމު މަސައްކަތްތަކެއް މި އަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ފަށާނަން.
ޤައުމީ ދިފާޢީ ބާރުގެ ފަޔަރ އެންޑް ރެސްކިޔު ޚިދުމަތާއި، އިމަރޖެންސީ އޮޕަރޭޝަންގެ ޚިދުމަތާއި، ސިފައިންގެ އޮޕަރޭޝަނަލް ލޮޖިސްޓިކްސްއާއި އެކޮމޮޑޭޝަނާއި، އިދާރީ ހިންގުމުގެ ކަންކަން ހަރުދަނާކުރުމަށް ބޮޑެތި ކުރިއެރުންތަކެއް ގެންނަން ވަނީ ޖެހިފާ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސިފައިންނަށް ބޭނުންވާ އިތުރު އުމްރާނީ ވަސީލަތްތައް ޤާއިމުކުރަން ޖެހޭ. ސިފައިންނަށް ބޭނުންވާ ތަޢުލީމާއި، ތަމްރީނު ދިނުމުގެ ނިޒާމަށް ޒަމާނީ ބަދަލުތައް ވެސް ގެންނަން ޖެހޭ. އެކި ދާއިރާއިން ސިފައިންގެ ޤާބިލުކަން އިތުރުކުރުމުގެ ނިޒާމުތައް އެކުލަވާލަން ޖެހޭ. މި ހުރިހާ ކަމަކަށް ޚާއްޞަ އިސްކަމެއްދީ މި އަހަރުތެރޭ މި މަސައްކަތްތައް އިރާދަކުރެއްވިއްޔާ ކުރިޔަށް ގެންދާނަން.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛
ދިވެހިރާއްޖޭގެ ވިޔަފާރި ބަނދަރުތަކުގެ ސަލާމަތާއި ރައްކާތެރިކަން ބަލަހައްޓާނެ ސަރުކާރުގެ އިދާރާއެއް މީގެ ކުރީން ނެތުމުގެ ސަބަބުން ރާއްޖޭގެ ސަލާމަތާ ރައްކާތެރިކަން އެންމެ އެދެވޭ ގޮތުގައި ބެލެހެއްޓިފައި ނުވާ ކަމީ ފެންނަން އޮތް ޙަޤީޤަތެއް. އެހެން ކަމުން، މިކަން ނިމުމަކަށް ގެނެސް، މިނިސްޓްރީ އޮފް ޑިފެންސްގެ ދަށުން ހިނގަމުންދާ "އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް"ގެ ނަން "އޭވިއޭޝަން އެންޑް ޕޯޓް ސެކިއުރިޓީ ކޮމާންޑް"ގެ ނަމަށް ބަދަލުކޮށް، އެ އިދާރާގެ މަސައްކަތްތަކުގެ ތެރެއަށް ވިޔަފާރި ބަނދަރުތަކުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ މަސައްކަތްތައް އިތުރު ކޮށް، މާލޭ ކޮމަރޝަލް ހާބަރ އަދި ހުޅުމާލޭ އިންޓަރނޭޝަނަލް ޓަރމިނަލްއާއި ކުޅުދުއްފުށީ ރީޖަނަލް ޕޯޓާއި ހިތަދޫ ރީޖަނަލް ޕޯޓުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުން ވާނީ ޙަވާލުކޮށްފައި. އަދި މި ބަދަލާ ގުޅިގެން އަލަށް އުފެދުނު އޭވިއޭޝަން އެންޑް ޕޯޓް ސެކިއުރިޓީ ކޮމާންޑަށް ބޭނުންވާ ވަސީލަތްތައް ސަރުކާރުން މިދަނީ ވަރަށް އިސްކަމެއް ދީގެން ހަމަޖައްސައި ދެމުން.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛
ދައުލަތް ދިފާޢުކުރުމުގައި ޤައުމުގެ ޢަޤީދާއާއި އަމިއްލަވަންތަކަމާއި ދިފާޢީ ލަޝްކަރު ހަރުދަނާވުމާއެކު، ބޭރާ އޮންނަ ގުޅުންތައް ހަރުދަނާކުރުމަކީ ކޮންމެހެން ފަރުވާތެރިވާން ޖެހޭނެ ކަމެއް. ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ބައްޓަންކުރުމުގައި މި ސަރުކާރުން އިސްކުރަނީ އަވަށްޓެރިންނާއި، އިސްލާމީ ޤައުމުތަކާ ގުޅުން ބަދަހިކުރުމުގެ ވިސްނުން. ބުރަވަނީ ވިޔަފާރިއާއި އިޤްތިޞާދީ ފުރުޞަތުތައް ހޯދުމަށް، ބޭރުގެ ބައިވެރިންނާއެކު އެއްބާރުލުން އިތުރުކުރުމަށް. ބަރޯސާވަނީ މަޝްވަރާގެ މަތިވެރި އުޞޫލުތަކަށާއި ޑިޕްލޮމަސީގެ ރިވެތި ހަމަތަކަށް. އަދި މިކަންކަމުގައި އަބަދުވެސް އެންމެ ބޮޑު އިސްކަމެއްދެނީ ރާއްޖޭގެ ނަން ބޭރު ދުނިޔޭގައި އުފުލައި ދިވެހިންގެ މަޞްލަޙަތު އިސްކުރުމަށް.
މި ސަރުކާރުގެ "މޯލްޑިވްސް-ފަރސްޓް" ޚާރިޖީ ސިޔާސަތާ އެއްގޮތަށް، ދިވެހީންގެ މި ރާއްޖެއަށް އިޙްތިރާމްކުރާ، އަދި ދިވެހި ރައްޔިތުންގެ މަޞްލަޙަތު ކުރިއެރުވުމަށް ގުޅިގެން މަސައްކަތްކުރާ ކޮންމެ ޤައުމަކާއި، ކޮންމެ ޖަމްޢިއްޔާއަކާ އެކު މަސައްކަތްތައްކޮށް މި ވޭދުވެ ދިޔަ އަހަރުގެ ތެރޭގައި ވެސް ކާމިޔާބީތަކެއް ހޯދިން. ދިވެހިރާއްޖެ، ވަކި ޤައުމަކަށް ނުވަތަ މަދު ޤައުމުތަކަކަށް ބަރޯސާވެފައި އޮތް އޮތުން ކުޑަކޮށް، ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލަށް ދުނިޔޭގެ އިޙްތިރާމް ހޯދުމާއެކު، ރާއްޖެއަކީ ދުނިޔޭގެ މަސްރަޙުގައި ބަސްހިނގާ، ބަސްވިކޭ، ބަސްކިޔާ ޤައުމަކަށްވާނީ ހަދާފައި.
މި ގޮތުން ބަލާއިރު، އ.ދ ގެ އާންމު މަޖިލީހުގެ 80 ވަނަ ސެޝަންގެ ނައިބު ރައީސްކަން ކުރުމަށާއި އ.ދ. ގެ އިންސާނީ ޙައްޤުތަކާ ބެހޭ ކައުންސިލްގެ ނައިބު ރައީސްކަން ކުރުމަށް ރާއްޖެއަށް ވަނީ ފުރުޞަތުލިބިފައި. އަދި ކޮމިޝަން އޮން ދަ ސްޓޭޓަސް އޮފް ވިމެންގެ މެމްބަރުކަމަށް ފުރަތަމަ ފަހަރަށް ރާއްޖެ ވަނީ އިންތިޚާބުވެފައި. މީގެ އިތުރުން، އިތުރު 3 އިންތިޚާބެއް ރާއްޖެއިން ވަނީ ކާމިޔާބުކޮށްފައި. ހަމައެއާއެކު، ބައިނަލްއަޤްވާމީ ކޯޓުތަކުގައި މިހާރު ހިނގާ މައްސަލަތަކާއި ދިވެހިރާއްޖޭން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކާބެހޭ މުޢާހަދާތަކާ ގުޅިގެން އަދާކުރާ ރިޕޯޓިންގ އިލްތިޒާމްތައްވެސް ފާހަގަކޮށްލަން. މި ގޮތުން އިސްރާއީލުގެ ބާރުގެ ދަށަށް ގެނެސްފައިވާ ފަލަސްތީނުގެ ބިންތަކުގައި ހިންގާ ޙަރަކާތްތަކާ ގުޅިގެން އިސްރާއީލުގެ އިލްތިޒާމްތަކާ ގުޅޭގޮތުން އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ އިސްތިޝާރީ ލަފަޔަކަށް އެދި ހުށަހަޅާފައިވާ މައްސަލައިގައި ދިވެހިރާއްޖެއިން ބައިވެރިވެ، ކޯޓަށް ހާޒިރުވެ ބަޔާނެއް ވާނީ ދީފައި. އަދި، މިޔަންމާގައި ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގާ އަނިޔާވެރި ލާއިންސާނީ ޢަމަލުތަކާ ގުޅިގެން، ދަ ގެމްބިއާ އިން މިޔަންމާއާ ދެކޮޅަށް އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއަށް ހުށަހެޅި މައްސަލައިގައި ތަދައްޚުލުވެފައިވާ ފަރާތެއްގެ ހައިސިއްޔަތުން ދިވެހިރާއްޖެއިން ލިޔުމުން ބަޔާން ހުށަހެޅިން. މީގެ އިތުރުން އޯ.އައި.ސީގެ 8 ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެ އިސްރާއިލުން މެދުކެނޑުމެއްނެތި ފަލަސްތީނުގައި ހިންގަމުންދާ ޤަތުލުއާމް، އެއިން ކޮންމެ ބައްދަލުވުމެއްގައި ވެސް އެންމެ ހަރުކަށި އިބާރާތުން ދިވެހި ރާއްޖޭން ކުށްވެރިކޮށްފައި ވާނެ. އަދި ފަލަސްތީނުގެ އަހުލުވެރީން އެބިމުގައި މިނިވަން މުސްތަޤިއްލު ދައުލަތެއް ގާއިމްކުރުމަށް ކުރާ މަސައްކަތުގައި ދިވެހިރާއްޖެ އަބަދުވެސް އެންމެކުރީގައި އޮންނާނެކަމުގެ ޔަގީންކަން ދީފައިވާނެ.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛
ދިވެހިރާއްޖޭގެ ޙައްޤުތަކާއި މިލްކިއްޔާތު ކަށަވަރުކުރުމަށް ބޭރުދުނިޔޭގައި ކުރެވުނު މުޢާމަލާތްތަކާއި ވަކާލާތުތަކުގެ ތެރޭން، ދިވެހި ދައުލަތުގެ ސިޔާދަތާ ގުޅިފައިވާ ވަރަށް މުހިންމު ދެ މައްސަލައެއް ވަރަށް ޚާއްޞަ ގޮތެއްގައި އަޅުގަނޑު މިއަދު ފާހަގަކޮށްލަން ބޭނުން. އެއް މައްސަލައަކީ ފޯޅަވަހީގެ މައްސަލަ. ފޯޅަވައްސަކީ އިސްތިޢުމާރީ އެއްވެސް ބާރެއް މި ސަރަހައްދަށާއި ދިވެހި މާކަނޑަށް ފޭބުމުގެ އެތައް ޤަރުނެއް ކުރިއްސުރެ ވެސް، ދިވެހީން އެތަނެއް ދަންނަ ތަނެއް. ދިވެހި ކާބަފައިން ދިވެހި ބަހުން އެ ތަނަށް ނަން ކިޔަމުން އަންނަ، ދިވެހިރާއްޖޭގެ ޤުދުރަތީ ސަރަހައްދުގައި އޮތް ތަނެއް. ދިވެހި ނެވިކަމާއި ކަނޑުވެރިކަމުގެ ތެރޭން ލިޔެވިފައިވާ ފޮތްތަކުގައި އެ ތަނުގެ ވާހަކަ ބަޔާންކުރެވިގެންވޭ. ދިވެހީންގެ ދޫދޫމަތީ ވާހަކަތަކުން ފޯޅަވައްސާ ބެހޭ ހަގީގަތްތައް މިއަދާ ހަމައަށް ނަގުލުވަމުން ވާރުތަވަމުން އައިސްފައިވޭ. ހަމަ އެހެންމެ ދިވެހި ދައުލަތުގެ ރަސްމީ ލިޔުންތަކުގައި ދިވެހި ރަސްކަމުގެ ފަރާތުން ރާއްޖޭގެ ސިޔާދަތީ އިމުގެ ތެރޭގައި ފޯޅަވަހި ހިމަނާފައިވާކަން ތާރީޚުން ކަށަވަރުވޭ. މި ކަންކަމާއެކު ފޯޅަވަހީގެ އަތޮޅުތަކަކީ އޭރު ވެސް މިހާރު ވެސް، ދިވެހި މަސްވެރީން ދުވަހުން ދުވަހަށް ފަސޭހަކަމާއެކު އެ ސަރަހައްދަށް މަހަށް ނިކުމެ ތިބޭ، ޒަމާނުއްސުރެ ދިވެހީންގެ ކަނޑުވެރިކަމާއި މަސްވެރި ސަގާފަތުގެ ދިރިއުޅުމުގެ ބައެއް. އެހެންކަމުން ފޯޅަވައްސާއި ދިވެހިރާއްޖެއާ ދެމެދު ސިޔާދަތީ ގުޅުންތަކެއް އޮތްކަން މި ފަދަ އެތައް ގޮތަކުން ކަށަވަރުވާތީ، ފޯޅަވަހީގެ މިލްކުވެރިކަން މޮރިޝަސްއަށް ދިނުމަށް އިނގިރޭސިވިލާތުން ނިންމި ނިންމުމަށް ދިވެހިރާއްޖޭން އިޢުތިރާޒުކޮށް އެ ކަމާ ދިވެހި ދައުލަތުން ދެކޮޅު ހަދާކަން ބަޔާންކޮށް ދިވެހި ސަރުކާރުގެ ފަރާތުން ވާނީ، އިނގިރޭސި ސަރުކާރަށް 8 ނޮވެމްބަރ 2024 ގައި އަދި 18 ޖެނުއަރީ 2026 ގައި ލިޔުމުން ހުށަހަޅާފައި. އަދި 15 ޑިސެންބަރު 2025 ގައި އަޅުގަނޑާއި އިނގިރޭސި ވިލާތުގެ ޑެޕިޔުޓީ ޕްރައިމް މިނިސްޓަރ ދަ ރައިޓް އޮނަރަބްލް ޑޭވިޑް ލެމީއާއެކު އޮތް އޮންލައިން ފޯން ކޯލެއްގައި މިކަން އަޅުގަނޑުވާނީ އެމަނިކުފާނުގެ ސަމާލު ކަމަށް ގެނެސް، މި ކަމުގައި ދިވެހި ސަރުކާރުން އިނގިރޭސި ވިލާތުގެ ސަރުކާރާއެކު މަޝްވަރާކުރަން ބޭނުންވާކަމަށް ދަންނަވާފައި.
މިކަންކަމުގެ އިތުރަށް ކުރެވިފައިވާ މަސައްކަތްތަކުގެ ތެރޭގައި ފޯޅަވަހީގެ ސިޔާދަތީ ބާރު މޮރިޝަސް އަށް ބަދަލުކުރުމާ ގުޅޭގޮތުން އެއްވެސް ގައުމަކުން ނުވަތަ ބައިނަލްއަޤުވާމީ ބައްދަލުވުމެއްގައި މަޝްވަރާކުރެވޭނަމަ، އެކަމާ ގުޅޭގޮތުން ރާއްޖޭގެ ކަންބޮޑުވުންތައް ގަވައިދުން ހިއްސާކޮށް ވަކާލާތުކޮށްފައިވާނެ. ހަމަ އެއާއެކު، ފޯޅަވަހި ސަރަހައްދުގެ އިޤްތިޞާދީ ބޭނުން ހިފުމުގައި މޮރިޝަސް އިން ކަނޑައަޅާ ސިޔާސަތުތަކުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް، ޚާއްޞަކޮށް މަސްވެރިކަމާއި ފަތުރުވެރިކަމުގެ ޞިނާޢަތަށް، ކޮށްފާނެ ނެދޭވޭ އަސަރުތަކުގެ ސަބަބުން އެކަންތައްތަކަށް ދިވެހި ސަރުކާރުން ވަރަށް ބޮޑަށް ދެކޮޅުހަދާކަން ވެސް މޮރިޝަސް ސަރުކާރަށާއި އިންޓަރނޭޝަނަލް ޔޫނިއަން ފޮރ ނޭޗަރ ކޮންޒަވޭޝަން (އައި.ޔޫ.ސީ.އެން) އަށް ހިއްސާކޮށްފައިވާނެ.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛
ދިވެހިރާއްޖޭގެ ސިޔާދަތީ އިމުގެ މައްސަލައިގައި އަޅުގަނޑު ވަރަށް އިސްކަމެއް ދީގެން ފާހަގަކުރަން ބޭނުންވާ، އެހާމެ ޚުޠޫރަތްތެރި ދެވަނަ މައްސަލައަކީ ދިވެހިރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯންގެ ތެރެއިން ދެކުނު ކަނޑުގެ ޞަރަޙައްދުން ބޮޑުބައެއް ގެއްލޭ ގޮތަށް އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޮރ ދަ ލޯ އޮފް ދަ ސީ (ITLOS)އިން ނިންމި ނިންމުމުގެ މައްސަލަ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދިވެހީންގެ ބިމުން ވެލިފުކެއްގެ މިންވަރު ވެސް، ދިވެހީންގެ އިމުން ޒައްރެއްގެ މިންވަރު ވެސް، ދޫކޮށްލެވިގެންނުވާނެ. ނަމަވެސް ފާއިތުވި ސަރުކާރުގެ ދުވަސްވަރު، ދިވެހިރާއްޖޭގެ ދެކުނުން ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުން ބައެއް ފޯޅަވައްސާ ފުށުއަރާކަމަށްބުނެ ދިވެހިރާއްޖެއާ ދެކޮޅަށް މޮރިޝަސް އިން ހުށަހެޅި މައްސަލައިގައި، ދިވެހި ސަރުކާރުން ބައިވެރިވެ ދިވެހި ރާއްޖޭގެ އީ.އީ.ޒެޑް ގެ ތެރެއިން ދެކުނު ކަނޑުގެ ސަރަޙައްދުން ބޮޑުބައެއް ވަނީ ދޫކޮށްލާފައި. އެހެންކަމުން މި ނިންމުން ދިރާސާކޮށް، ދިވެހިރާއްޖޭގެ ކަނޑުން ދޫކޮށްލި ސަރަޙައްދު އަނބުރާ ހޯދުމަށްޓަކައި ޤާނޫނީ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުމަށް 19 ނޮވެންބަރު 2023ގައި އަޅުގަނޑުވާނީ ބަންޑާރަނައިބަށް އަންގާފައި. އެއާއެކު އެ މައްސަލަ ދިރާސާ ކުރުމަށްޓަކައި ތިން މެމްބަރުންގެ ވިލަރެސް ކޮމިޓީއެއް ބަންޑާރަނައިބު އެކުލަވާލައްވައި، މި މައްސަލައިގައި ޢައްޔަނުކުރެވުނު ބައިނަލްއަޤުވާމީ މާހިރުންގެ ލަފާގެ މައްޗަށް ބިނާކޮށް މި ކޮމިޓީއިން ތައްޔާރުކުރި ރިޕޯޓްތައް ބަންޑާރަނައިބު ވަނީ 22 ޖަނަވަރީ 2026 ގައި އަޅުގަނޑަށް ހުށަހަޅުއްވާފަ. އަދި މި ދެންނެވި ރިޕޯޓްތަކުގައި ވިލަރެސް ކޮމިޓީއިން ފާހަގަކުރެއްވި ކަންތައްތަކާއި، އެ ކޮމިޓީއިން ހުށަހެޅުއްވި ކަންކަން ހިމެނޭގޮތުން ކެބިނެޓް ކަރުދާހެއް އެކުލަވާލައްވައި، 25 ޖަނަވަރީ 2026 ގައި އޮތް ވަޒީރުންގެ މަޖިލީހަށް ބަންޑާރަނައިބު ވަނީ ހުށަހަޅުއްވާފަ. މި މައްސަލަ ދިރާސާ ކުރެއްވުމަށް ފަހު ކެބިނެޓަށް ހުށަހެޅުއްވި ރިޕޯޓާ ގުޅިގެން ފިޔަވަޅުތަކެއް އެޅުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވާފަ. އަދި، މި ނިންމުންތައް ތަންފީޒު ކުރުމަށް ސަރުކާރުން ވާނީ ފަށާފައި.
އެ ގޮތުން މި މައްސަލާގައި ޢައްޔަކުރައްވާފައިވާ ޤާނޫނީ މާހިރުން ދެއްވާފައިވާ ލަފައާ އެއްގޮތަށް، ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދުން ދޫކޮށްލި ބައި ހޯދުމަށް ޤާނޫނީގޮތުން ކުރަންޖެހޭ ކަންކަން މިހާރު ކުރަން ފަށައިފިން. ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ 22 އޮގަސްޓު 2022 ގައި މޮރިޝަސްގެ ބޮޑު ވަޒީރަށް ފޮނުއްވި ސިޓީގެ ސަބަބުން ދިވެހިރާއްޖޭގެ ސިޔާދަތީ ސަރަހައްދުގެ ރައްކާތެރިކަމަށް ނޭދެވޭ އަސަރުކޮށްފައިވާ ކަމަށް ބައިނަލްއަޤްވާމީ މާހިރުންގެ ލަފާ ލިބިފައިވާތީ، ދިވެހިރާއްޖެއިން އެސިޓީ އަނބުރާ ގެނައުމަށް ނިންމިކަން މި ފަޚްރުވެރި ދިވެހި ދައުލަތާއި ލޮބުވެތި އެންމެހައި ދިވެހި ރައްޔިތުންގެ ޙައްޤުގައި، ތިޔަ ޢިއްޒަތްތެރި މަޖިލިސް މެންބަރުންގެ ކުރިފުޅުމަތީގައި މި ވަގުތު އަޅުގަނޑު އިޢުލާނުކުރަން. މީގެ އިތުރަށް ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ދިވެހިރާއްޖޭގެ އާކިޕެލަޖިކް ބޭސް ޕޮއިންޓްތަކަށް ޙަވާލާދީ، ދިވެހިރާއްޖޭގެ ޚާއްސަ އިޤްތިސާދީ ސަރަޙައްދަކީ، ދޫކޮށްލި ކަނޑުގެ ސަރަޙައްދު ހިމެނޭ ގޮތަށް، ޤާނޫނުގައި މިހާރު ވެސް ކަނޑައަޅާފައިވާ ސަރަހައްދުކަމަށް ނިންމައި، ތިޔަ ޢިއްޒަތްތެރި މަޖިލިސް މެންބަރުންގެ ހާޒިރުގައި އެ ކަން އިޢުލާނުކުރަން. އަދި ޤާނޫނުއަސާސީއަށް ގެނެވުނު 6 ވަނަ އިޞްލާޙަށް ރިޢާޔަތްކޮށް ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ޤާނޫނު އިޞްލާޙުކުރުމަށް މި ޢިއްޒަތްތެރި މަޖިލީހަށް ސަރުކާރުން ފޮނުވާނަން.
މީގެ އިތުރުން، ދިވެހިރާއްޖޭގެ ސަރަހައްދުތައް ކަނޑައެޅުމާއި، ސަރަހައްދުތަކުގެ ކޯޑިނޭޓްތަކާއި ބޭސްލައިން ކަނޑައެޅުމާއި، ދިވެހިރާއްޖޭގެ ސަރަހައްދުތަކާބެހޭ އެންމެހައި ކަންކަމާއި މައްސަލަތައް ބެލުމަށް ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތްކުރާނެ އޮފީހެއް ގާއިމުކުރުމަށް ވަނީ މާހިރުންގެ ފަރާތުން ލައްވާ ދެއްވާފައި. އެހެންކަމުން މި ކަމުގައި ސަރުކާރުގެ ވަކި ޚާއްޞަ އިދާރާއެއް ޤާއިމުކުރުން މުހިންމުކަމަށް ފެންނާތީ، "ދިވެހިރާއްޖޭގެ ސަރަހައްދުތަކާބެހޭ އޮފީސް" އަޅުގަނޑު އިރާދަކުރެއްވިއްޔާ ޤާއިމުކުރާނަން. ހަމައެހެންމެ މިމައްސަލައާ ގުޅޭ ގޮތުން ނިމިދިޔަ ސަރުކާރުން ނިންމަވާފައިވާ ބައެއް ނިންމެވުންތަކުގެ ސަބަބުން ދިވެހި ދައުލަތަށް އިއާދަނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް މައްސަލައިގައި ޢައްޔަނުކުރެވުނު ބައިނަލްއަޤްވާމީ މާހިރުންގެ ލަފާ ލިބިފައިވާތީ، އެ ނިންމެވުންތައް ނިންމެވި ފަރާތްތަކާ ސުވާލުކޮށް އެނިންމެވުންތައް ނިންމަވާފައިވާ ސަބަބުތައް ދެނެގަތުމަށާއި، އެކަންކަމާ ގުޅިގެން ޤާނޫނީ ފިޔަވަޅު އަޅަންޖެހޭނަމަ އެކަންކުރުމަށާއި އަދި އެފަދަ ކަންކަން ތަކުރާރު ނުވާނެގޮތަކަށް ކަންކަން އެކަށައެޅުމަށް ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ގ) ގެ ދަށުން "ކޮމިޝަން އޮފް އެންކުއަރީ" އެއް އުފެއްދުމަށް އަޅުގަނޑު ނިންމި ވާހަކަވެސް ދަންނަވަން.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛
ދިވެހި ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލް އެކަމަކާ ގުޅިފައިވާ އެންމެ މުހިއްމު އެއް ދާއިރާއަކީ އަދި ޤައުމުގެ ކުރިއެރުމާ ތަމައްދުން އެ މައްޗަށް ބިނާވާ މާއްދީ އެންމެ މުހިންމު ދާއިރާއަކީ ޤައުމުގެ އިޤުތިޞާދު. އަދި، އިޤްތިޞާދީ ގޮތުން ކުރިއަރާފައިވާ ވިލުންތެރި އިޤްތިޞާދެއް ޤާއިމްވެފައި އޮތް ޤައުމަކަށް ދިވެހި ޤައުމު ވެގެން ދިޔުމަކީ މި ސަރަޙައްދުގެ އަމަންއަމާން ކަމާ ސަލާމަތާ ރައްކާތެރިކަމަށްވެސް ނުހަނު ފައިދާ ކުރާނޭ ކަމެއް. ކަން މިހެން އޮތް ނަމަވެސް، މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ރާއްޖޭގެ އިޤްތިޞާދީ ޙާލަތު އޮތީ ވަރަށް ވެސް ނާޒުކު ފައްތަރެއްގާ. ވޭތުވެދިޔަ ދައުރުގައި މާލީ ކަންކަމުގައި ގެންގުޅެފައިވާ ޒިންމާދާރުކަން ކުޑަ، ދޯހަޅި ސިޔާސަތުތަކުގެ ސަބަބުން މާލީ ކަންކަން އޮތީ ބޮއްސުންލާފައި. ދައުލަތަށް ލިބޭ އާމްދަނީގެ އިތުރުން، ބޮޑުއަގުގައި ބޭރުގެ ފަރާތްތަކުން ބޮޑެތި ދަރަނިތައް ނެގުމާއި ފައިސާ ޗާޕުކޮށްގެން ޚަރަދުކުރުން އޮތީ ހައްދުފަހަނައަޅާފައި. ވެރިކަމާ ހަވާލުވުމާއެކު އަޅުގަނޑު އަވަސްވެގަންނަން ޖެހުނީ މިކަންކަމަށް ހައްލު ހޯދަން. އެ ޙާލަތުން އަރައިގަތުމަށްޓަކައި މި ސަރުކާރުން މުހިންމު މަސައްކަތްތަކެއް ކޮށްފިން. އެ ގޮތުން މި ސަރުކާރުގެ މާލީ ސިޔާސަތުތައް ބައްޓަންކުރުމުގައި، ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން އިއާދަކޮށް މެކްރޮއިކޮނޮމިކް ސްޓެބިލިޓީ ގާއިމުކުރުމަށް ޚާއްޞަ ސަމާލުކަމެއް ދިނިން. މީގެ އިތުރުން، އިންވެސްޓަރުން ރާއްޖޭގެ މާލީ ހާލަތަށް ކުރާ އިތުބާރު ހަރުދަނާކުރުމަށް ވެސް އިސްކަންދިނިން. މި ގޮތުން، ޤާނޫނުން އިސްތިސްނާ ހޯދައިގެން ފައިސާ ޗާޕުކުރަމުން ދިޔަ ދިއުން، އަޅުގަނޑު ވެރިކަމާ ޙަވާލުވުމާއެކު ނިމުމަކަށް ގެނައިން.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛
މި ޢިއްޒަތްތެރި މަޖިލީހުން 2025 ވަނަ އަހަރަށް ފާސްކުރި ބަޖެޓަކީ މި ސަރުކާރުން އެކުލަވާލި އެންމެ ފުރަތަމަ ބަޖެޓު. މިދިޔަ އަހަރަށް ފާސްކުރި 56.6 ބިލިއަން ރުފިޔާގެ ބަޖެޓު ތަންފީޒުކޮށްފައިވާނީ މި ޢިއްޒަތްތެރި މަޖިލީހުން ފާސްކުރި މިންވަރަށް އެންމެ ރުފިޔާއެއްވެސް އިތުރުނުކޮށް. މިއީ ފާއިތުވި 5 އަހަރުގެ ތެރޭގައި ސަޕްލިމެންޓަރީ ބަޖެޓެއް ހުށަނާޅާ ނިންމާލި ފުރަތަމަ ބަޖެޓު. އެ ބަޖެޓުން 34.8 ބިލިއަން ރުފިޔާ ޚަރަދުވީ ރިކަރަންޓް ޚަރަދުތަކަށް. 2025 ނޮވެންބަރު 1 އިން ފެށިގެން ތަންފީޒުކުރަން ފެށި ޕޭ-ހާމަނައިޒޭޝަންވެސް ހިމެނޭހެން، މުވައްޒަފުންގެ ޚަރަދުތަކަށް އެ ބަޖެޓުން ހޭދަވީ 14.2 ބިލިއަން ރުފިޔާ. އިންޓަރެސްޓްގެ ގޮތުގައި 4.6 ބިލިއަން ޚަރަދުވެފައިވާއިރު ސަރުކާރުން ދޭ އެހީއާއި އިޝްތިރާކާއި ސަބްސިޑީއަށް 9.9 ބިލިއަން ރުފިޔާ ޚަރަދުވެފައިވޭ. ސަރުކާރުގެ ހިންގުމުގެ އެހެނިހެން ރިކަރަންޓް ޚަރަދުތަކަށް 6.0 ބިލިއަން ރުފިޔާ، އަދި ކެޕިޓަލް ޚަރަދުތަކަށް ޖުމުލަ 6.0 ބިލިއަން ޚަރަދުވެފައިވޭ. ޕީ.އެސް.އައި.ޕީއަށް 7.9 ބިލިއަން ޚަރަދުކުރުމުގެ އިތުރުން ދަރަނި އަދާކުރުމަށް 5.2 ބިލިއަން ހޭދަވެފައިވޭ. އަދި، ލޯނު ދޫކުރުމަށާއި އެހެނިހެން އިންވެސްޓްމަންޓްތަކަށް 5.6 ބިލިއަން ރުފިޔާ ހޭދަވެފައިވޭ.
ވޭތުވެދިޔަ 5 އަހަރު ޖީޑީޕީގެ ނިސްބަތުން އޯވަރޯލް ޑެފިސިޓް ހުރީ އަހަރަކު އެވަރެޖްކޮށް 9 އިންސައްތައަށްވުރެ މަތީގައި. އެހެންނަމަވެސް އަޅުގަނޑުމެން މިވަނީ މިހާރު މި އަދަދު ޖީޑީޕީގެ ނިސްބަތުން 9 އިންސައްތައަށްވުރެ ކުޑަކޮށްފައި. އެގޮތުން ނިމިދިޔަ 2025 ވަނަ އަހަރު ބަޖެޓު ޑެފިސިޓް ހުރީ، ޖީޑީޕީގެ ނިސްބަތުން 5 އިންސައްތާގައި. އަދި ފަހުގެ ތާރީހުގައި ބަޖެޓު ތަންފީޒުކޮށްފައިވާ ގޮތާ ޚިލާފަށް، 2025 ވަނަ އަހަރުގެ ފުރަތަމަ 40 ހަފުތާ ބަޖެޓު ސަރޕްލަސްއެއްގައި ހިފެހެއްޓުނު. 2026 ވަނަ އަހަރާއި މެދުރާސްތާގައިވެސް ބަޖެޓު ޑެފިސިޓް ޖީޑީޕީގެ ނިސްބަތުން 9 އިންސައްތައަށްވުރެ ދަށުގައި ހިފެހެއްޓުމަށް ރާވާފައިވާނެ.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛
ދައުލަތުގެ އާމްދަނީއަށް ބަލާއިރު، ޖުމުލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 2025 ވަނަ އަހަރުގެ ނިޔަލަށް 38.0 ބިލިއަން ރުފިޔާ ލިބިފައިވޭ. އާމްދަނީ އިތުރުކުރުމަށް ތަންފީޒުކޮށްފައިވާ ސިޔާސަތުތަކާއެކު ޓެކުހުގެ އާމްދަނީގެ ގޮތުގައި 28.1 ބިލިއަން ރުފިޔާ ލިބިފައިވޭ. އަދި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 9.6 ބިލިއަން ރުފިޔާ ލިބިފައިވޭ. އަދި ހިލޭ އެހީގެ ގޮތުގައި 378.2 މިލިއަން ރުފިޔާ ލިބިފައިވޭ. މިގޮތުން، ޖުމުލަ އާމްދަނީއާއި ހިލޭ އެހީ ވަނީ 2024 ވަނަ އަހަރާ އަޅައިބަލާއިރު 12 އިންސައްތައިން ކުރިއަރާފައި. އަދި މި ބަދަލުތަކާއި، އިޤުތިޞާދީ ދުވެއްޔަށް އަންނަ ކުރިއެރުމާއެކު މި އަހަރު 40.4 ބިލިއަން ރުފިޔާ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާ ކުރެވޭ. އާމްދަނީއަށް އައިސްފައިވާ ހެޔޮ ބަދަލުތަކާއެކު، 2025 ވަނަ އަހަރު ބޭރު ފައިސާގެ އާމްދަނީގެ ގޮތުގައި 1.2 ބިލިއަން އެމެރިކާ ޑޮލަރު ލިބިފައިވޭ. ނަތީޖާއެއްގެ ގޮތުން، ދަރަނި އަދާކުރުމަށްޓަކައި އުފައްދާފައިވާ ފަންޑުކަމުގައިވާ ސޮވަރިން ޑިވެލޮޕްމަންޓް ފަންޑު SDF އަށް ޖަމާކުރާ ޑޮލަރު އިތުރުވެ، ރަސްމީ ރިޒަރވަށް ހެޔޮ ބަދަލުތަކެއް އައިސްފައިވޭ. މީގެ އިތުރުން، ރާއްޖޭގެ ތަރައްޤީގެ މައި ހިއްސާދާރެއް ކަމުގައިވާ ޗައިނާއިން ނަގާފައިވާ ލޯނުގެ ބައެއް، މާލިއްޔާއަށް ބުރަ ބޮޑުނުވާ ގޮތަށް ރީ-ފައިނޭންސް ކުރުމަށް ޗައިނާ ސަރުކާރާއެކު އެއްބަސްވުމަކަށް އައިސްފައިވުމާއި އިންޑިއާއިން ދީފައިވާ ސްވޮޕް ފެސިލިޓީގައި ކުރިން އައިއެމްއެފްގެ ޕްރޮގްރާމަކަށް ދާންޖެހޭގޮތަށް އޮތް ޝަރުތު އުނިކޮށް ރޯލްއޯވަރކޮށްދީފައިވުމުގެ ސަބަބުން ދައުލަތުގެ ރަސްމީ ރިޒަރވަށް އެކަމުގެ ހެޔޮ އަސަރު އަންނަނީ ކުރަމުން. އަދި، ބޭރު ފައިސާއާބެހޭ ޤާނޫނު ތަންފީޒުކުރަން ފެށިފަހުން 2025 ވަނަ އަހަރު ގެ ޖެނުއަރީ އިން ފެށިގެން ޑިސެންބަރާ ހަމައަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް 492 މިލިއަން އެމެރިކާ ޑޮލަރު މާރުކޮށްފައިވޭ. މީގެ ސަބަބުން ވެސް 2025 ވަނަ އަހަރު ރާއްޖޭގެ ރަސްމީ ރިޒަރވް އިތުރުކުރުމަށް މަގުފަހިވި. މިގޮތުން ބަލާއިރު، މިވަގުތު ދިވެހިރާއްޖޭގެ ރަސްމީ ގްރޮސް ރިޒާވުގައި 1.13 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ ގިނައިން އެބަހުރި. މިއީ ދިވެހި ރާއްޖޭގެ ތާރީޚުގައި ރަސްމީ ގްރޮސް ރިޒާވް އެންމެ މައްޗަށް ދިޔަ ފަހަރު. މީގެ އިތުރުންވެސް، އަބޫދާބީ ފަންޑް ފޮރ ޑިވެލޮޕްމަންޓް އިން 26 އެޕްރީލް 2018 ވަނަ އަހަރު، އޭރުގެ ސަރުކާރުން ނަގާފައިވާ 100 މިލިއަން ޑޮލަރުގެ ބޮންޑު، މި ސަރުކާރުން ކުރި މަޝްވަރާގެ ނަތީޖާއެއްގެ ގޮތުން، ރޯލްއޯވަރކޮށް މެޗުއަރިޓީގެ މުއްދަތު 5 އަހަރަށް އިތުރުކުރުމަށާއި އަދި މިކަމާ ގުޅޭ އެގްރީމަންޓުގައި ސޮއިކުރުމުގެ ޓަރމްސްތަކަށް ވަނީ އެއްބަސްވެފައި. އަދި، މިއަހަރު ލިބޭނެކަމަށް ލަފާކޮށްފައިވާ އާމްދަނީގެ އިތުރުން، ނޮން-ޓެކްސް އާމްދަނީގެ ގޮތުގައި 100 މިލިއަން ޑޮލަރު މިހާރު ކަށަވަރުވެފައިވާއިރު، މި އާމްދަނީ ކުރިއަށް އޮތް 45 ދުވަސް ތެރޭގައި ޖަމާވެގެންދާނެ. އަދި Triple A ރޭޓަޑް އިންޝޫރަންސް އެޖެންސީތަކުން ރާއްޖޭގެ ކްރެޑިޓަރުންނަށް ދެވޭ އިންޝޫރަންސް ކަވަރ ހަމަޖެހިފައިވާއިރު، އިތުރު 150 މިލިއަން އެމެރިކާ ޑޮލަރު ހަމަޖެއްސުމުގެ ގިނަ މުއާމަލާތްތަކެއް ނިންމުމަކާ ހަމަޔަށް ގޮސްފައިވޭ.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛
މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު އެންމެ ބޮޑު މާލީ ނުތަނަވަސްކަމެއް އޮތީ 2017 ވަނަ އަހަރު، އޭރުގެ ސަރުކާރުން، އިންޓަރނޭޝަނަލް ޑެޓް ކެޕިޓަލް މާކެޓުން ނެގި 250 މިލިއަން ޑޮލަރުގެ ބޮންޑު އަދާކުރުމަށް، އެއަށްވުރެ ބޮޑުއަގުގައި މިދިޔަ ސަރުކާރުން 2021 ވަނަ އަހަރު ނަގާފައިވާ 500 މިލިއަން ޑޮލަރުގެ ސުކޫކު މި ސަރުކާރުން މި އަހަރު އަނބުރާ ދައްކަންޖެހުން. އަދި، އައިއެމްއެފްއިން ދިވެހިރާއްޖޭގެ އިޤްތިޞާދީ ޙާލަތާ ބެހޭ ގޮތުން 23 ނޮވެމްބަރު 2022 ގައި ތައްޔާރު ކުރި Article IV ގެ ރިޕޯޓުގައި ދިވެހިރާއްޖެ އޮތީ "އެޓް ހައި ރިސްކް އޮފް ޑެޓް ޑިސްޓްރެސް" ގައި ކަމަށް ބަޔާންކޮށްފައިވުން. އެހެންކަމުން، މި ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން މި އަންނަނީ ސުކޫކު އަނބުރާ ދެއްކުމަށް ފަރުވާތެރިކަމާއެކު ތައްޔާރުވަމުން ވަމުން. މިގޮތުން، މި ސަރުކާރުން SDF އަށް ޑޮލަރު ޖަމާކުރަން ކަނޑައެޅި ސިޔާސަތާއި، ޖަމާކުރާ ޑޮލަރު އިތުރުކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން، މިވަގުތު SDF ގައި 275 މިލިއަން ޑޮލަރަށްވުރެ ގިނައިން ޖަމާކޮށްފައި ހުންނާނެ. އެހެން ނަމަވެސް، މި ސަރުކާރު ވެރިކަމާ ޙަވާލުވި އިރު SDF ގައި ބޭނުންކުރެވޭގޮތަށް ހުރީ އެންމެ 2 މިލިއަން ޑޮލަރު. މި ސަރުކާރު އައި ފަހުން SDF ގެ ބޭރު ފައިސާގެ ލިކުއިޑިޓީ ރަނގަޅުވެފައިވާކަން ކްރެޑިޓް ރޭޓިންގ އެޖެންސީތަކުން ވެސް މިހާރު އަންނަނީ ފާހަގަކުރަމުން. އަދި، ވޭތުވެދިޔަ 2 ސަރުކާރުން ހިންގި މި މުއާމަލާތުގެ އިފެކްޓިވް ކޮސްޓް އޮފް ފައިނޭންސިންގ ޑަބަލް ޑިޖިޓަށް އަރައި 10.5 އިންސައްތައާ ހަމަޔަށް ވަނީ ގޮސްފައި.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛
މިއަހަރުގެ އޭޕްރީލް މަހު އަދާކުރަންޖެހޭ ސުކޫކުގެ 150 މިލިއަން ޑޮލަރު އަދާކުރުމަށް ރާވާފައިވާނީ SDF އަށް ޖަމާކޮށްފައިވާ ބޭރު ފައިސާއިން. މި ސުކޫކުގެ އެއްބައި އަނބުރާ ދެއްކުމަށްފަހު، ބާކީވާ މިންވަރު ރީފައިނޭންސްކުރުމަށް، އަދާހަމަޔަށް ދައުލަތުން ނަގާފައިވާ އެއްވެސް ދަރަންޏެއްގެ އިންޓަރެސްޓް ރޭޓު، ވޭތުވެދިޔަ ސަރުކާރުތަކުން ކަންކުރި ޒިންމާދާރުކަން ކުޑަ ގޮތާ ޚިލާފަށް، 9 އިންސައްތައަށްވުރެ ބޮޑު ނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު މިއަދު އަރުވަން.
މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރަމުން މިދަނީ ފާއިތުވި ސަރުކާރުތަކުން ދިވެހި ރައްޔިތުންނަށް ވާރުތަކޮށްފައި ދިޔަ ބުރަބޮޑު ދަރަނީގެ ދަންތުރައިން މިންޖުކޮށް އެކަމަށް ތަސައްލީއެއް ހޯދައި، މާލީގޮތުން ދިވެހި ގައުމަށް އަދަށްވުރެ ފަހި އަދި ފާގަތި ނަތީޖާ ހޯދައިދިނުމަށް. މާތް ﷲ ގެ އިރާދަފުޅުން މިއަހަރުގެ އޭޕްރިލް މަހު ހަމަވާ ސުކޫކު އަދާކުރާނީ ދަރަނީގެ ދެމެހެއްޓެނިވިކަން ހާސިލުވާނެހެން، ދަރަނި އަދާކުރުމުގެ ބުރަ ކުޑަކުރެވޭނެފަދަ ގޮތަކަށް ، ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން އިއާދަވާނެ ގޮތެއްގެ މަތިން.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛
ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތަކާއި ތަކެތި، މެދުކެނޑުމެއްނެތި ފޯރުކޮށްދެމުން ދިއުމަކީ ދިވެހި ސަރުކާރަށް އޮތް އެންމެ މުހިންމު އެއް ޒިންމާ. އެގޮތުން ރާއްޖެފަދަ އިމްޕޯޓަށް ބަރޯސާވެފައިވާ އިގުތިސާދަކަށް، ރަސްމީ ރިޒާވުގައި އެކަމަށް ބޭނުންވާ ބޭރުފައިސާ އެކަށީގެންވާ މިންވަރަށް ހުރިހުރުމަކީ ދުނިޔޭގެ އިގުތިސާދަށް ކުރިމަތިވާ ގޮންޖެހުންތަކާއެކުވެސް، މި ޒިންމާ އަދާކުރެވޭނެކަމުގެ ހިތްހަމަޖެހުން ލިއްބައިދޭ ކަމެއް.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛
SDF އަށް ޖަމާކުރާ ފައިސާ، ކުރިމަގުގައި އަދާކުރަންޖެހޭ ބޭރު ފައިސާގެ އިތުރު ދަރަނިތައް ވެސް އަދާކުރުމަށް ބޭނުންކުރަން މެދުރާސްތާގެ ބަޖެޓުގައި ހިމަނައި، އެގޮތުގެ މަތިން ދަރަނިތައް އަދާކުރުމަށް ރާވާފައިވާނެ. މި ކަމުގެ ސަބަބުން، ދަރަނި އަދާކުރުމަށްޓަކައި ދަރަނި ނަގަންޖެހޭ މިންވަރު ކުޑަކޮށް، ދަރަނީގެ ސްޓޮކް އަހަރުން އަހަރަށް ދަށްކުރަމުން ގެންދެވޭނެ. މާތްﷲގެ ވާގިފުޅާއެކު، މިއަދު އަޅާ ފިޔަވަޅުތަކުގެ ސަބަބުން، ދަރަނި އަދާކުރުމަށްޓަކައި އިތުރަށް ދަރަނި ނަގަން ނުޖެހޭ މިންވަރަށް SDF ގައި ފައިސާ ރައްކާކުރެވޭނެ މަގު ކޮށައި އަލިކުރާނަން.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛
ބޭރުގެ ދަރަނި ދެއްކުމުގެ ވާހަކަ ދައްކާއިރު، ސަރުކާރުން ބޭރު ފައިސާ އެންމެ ބޮޑަށް ހޭދަ ކުރަންޖެހޭ ކަންތައް ކަމުގައިވާ ހަކަތަ އަށް ކުރަންޖެހޭ ޚަރަދުގެ މައްޗަށް އަލިއަޅުވާލަންޖެހޭ.
ރާއްޖެއިން ޑީސަލް އިމްޕޯޓުކުރުމަށް އަހަރަކު އެވަރެޖްކޮށް 443.6 މިލިއަން ޑޮލަރު ޚަރަދު ކުރަންޖެހޭ. މީގެ ތެރެއިން ބޮޑުބަޔަކީ ކަރަންޓު އުފެއްދުމުގެ ބޭނުމަށް އެތެރެކުރެވޭ ތެލަށް ކުރަންޖެހޭ ޚަރަދު. ހަކަތަ އުފެއްދުމުގައި ޑީސަލަށް ބަރޯސާވެފައި އޮތް އޮތުމަކީ، ރާއްޖޭގެ ހަކަތައިގެ ރައްކާތެރިކަން ނުވަތަ "އެނަރޖީ ސެކިއުރިޓީ" އަށް އޮތް އެންމެ ބޮޑު ހިރާސް. މިކަން ޙައްލުކުރުމަށްޓަކައި، އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދާ ނިސްބަތް 2028 ގެ ނިޔަލަށްދާއިރު %33 އަށް މަތިކުރުމަށް އަޅުގަނޑު އިޢުލާންކޮށްފައިވާ ކްލައިމެޓް މިޓިގޭޝަން ސިޔާސަތާ އެއްގޮތަށް ނަތީޖާ ނެރުމަށް ގިނަ މަސައްކަތްތަކެއް މިދަނީ ކުރަމުން. މިކަމަކީ، ވޭތުވެދިޔަ ސަރުކާރުތަކުން އެކަށީގެންވާ ވަރާ ގާތަށްވެސް ސަމާލުކަންދީފައި އޮތް ކަމެއްނޫން. އެގޮތުން ބަލާއިރު، މި ސަރުކާރު ފެށުނު އިރު އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދަމުންދިޔަ މިންވަރު ހުރީ އެންމެ %4 ގައި، ނުވަތަ 53 މެގަވޮޓުގައި. ވޭތުވެދިޔަ 2 އަހަރު ތެރޭގައި މި އަދަދު 110 މެގަވޮޓަށް އިތުރު ކޮށްފިން. ސަރުކާރުގެ އަމާޒަކީ މި އަހަރުގެ ނިޔަލަށް މި ޢަދަދު ދެގުނަކޮށް، ޖުމުލަ 220 މެގަވޮޓަށް އިތުރުކުރުން. މިއީ 2028 ގެ ނިޔަލަށް ރާއްޖޭގައި އުފައްދާ ކަރަންޓުގެ 33 އިންސައްތަ އިއާދަކުރަނިވި ހަކަތައިން އުފެއްދުމަށް ހިފާފައިވާ އަމާޒުގެ 50 އިންސައްތަ. މީގެ އިތުރުން، ރާއްޖޭގައި ހަކަތަ އުފައްދާ ވަސީލަތްތައް ސިންދަފާތުކުރުމުގެ ގޮތުން ޢިއާދަކުރަނިވި ހަކަތަ އުފެއްދުމުގެ ތަފާތު ގިނަ މަޝްރޫޢުތައް މާލެ ސަރަޙައްދުގަޔާއި ރާއްޖޭގެ އެކި ސިޓީތަކާއި ރަށްތަކުގައި މިއަހަރު ކުރިޔަށް ގެންދިޔުމަށްވަނީ ނިންމާފައި. އިރާދަކުރެއްވިއްޔާ، މި މަޝްރޫޢުތައް ވެގެން ދާނީ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް ބޭރުފައިސާ ބޭނުންވާ މިންވަރު ދަށްކުރުމަށް މަގުފަހިކޮށްދޭ ފިޔަވަޅުތަކަކަށް.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛
އިޤްތިޞާދީ ތަރައްޤީގެ ދާއިރާއިން ދެމެހެއްޓެނިވި، މާނަހުރި ތަރައްޤީ ޙާސިލް ކުރުމުގައި އަދި ވިލުންތެރި އިޤްތިޞާދެއް ބިނާކުރުމުގައި، ދިވެހި އިޤްތިޞާދުގައި އެންމެ ގިނަ ދިވެހިން ޝާމިލްވާ ދާއިރާ ކަމުގައިވާ، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ދާއިރާއަށް ޚާއްޞަ ސަމާލުކަމެއް ދީގެން މަސައްކަތް ކުރުމަކީ މި ސަރުކާރުގެ މުހިއްމު ސިޔާސަތެއް. އަދި މި ސިޔާސަތު ތަންފީޒު ކުރުމުގައި ނިމިދިޔަ އަހަރު ގިނަ ކުރިއެރުންތަކެއް ވަނީ ހޯދިފައި.
މިގޮތުން، ދިވެހިރާއްޖޭގައި މިހާތަނަށް ބޭއްވުނު އެންމެ ބޮޑު އެކްސްޕޯ މިދިޔަ އަހަރު "ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025" ގެ ނަމުގައި ވަނީ ބޭއްވިފައި. އަދި ދިވެހި އުފެއްދުންތެރިންނާއި، ވިޔަފާރި ބްރޭންޑްތަކަށް، ޤާނޫނީ ހިމާޔަތްތެރިކަން ހޯދައިދީ، ކޮޕީކުރުމާއި އޮޅުވާލުންތަކުން ވިޔަފާރިތައް ސަލާމަތްކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި، އަދި އީޖާދީ މަސައްކަތްތަކަށް ރައްކާތެރިކަން ހޯދައިދިނުމުގެ ބޭނުމުގައި، މުޅިން އަލަށް "ޓްރޭޑްމާކް ޤާނޫނު" އެކުލަވާލައި، ރާއްޖޭގައި އިންޓަލެކްޗުއަލް ޕްރޮޕަޓީ އޮފީހެއް 1 ޖެނުއަރީ 2026 ގައި ވާނީ ޤާއިމުކޮށްފައި. މީގެ އިތުރުން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް އިތުރަށް ބާރުވެރިކޮށް، އެ ފަރާތްތަކަށް ހިތްވަރުދިނުމުގެ ގޮތުން، ރާއްޖޭގައި ފުރަތަމަ ފަހަރަށް "އެމްއެސްއެމްއީ އެވޯޑްސް" ތަޢާރަފްކޮށް، އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ފަރާތްތަކަށް ވާނީ އެވޯޑް ދީފައި. އަދި މިހާތަނަށް، 595 ކުދި ވިޔަފާރިތަކަށް 349 މިލިއަން ރުފިޔާ ވަނީ ދޫކުރެވިފައި. [AI1.1] މީގެ އިތުރުން، "އެސް.އެމް.އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން" ޒަމާނީ ވިޔަފާރީގެ މޮޑެލްއަކަށް ބަދަލުކުރުމުގެ ގޮތުން "އެސް.އެމް.އީ ޑިޖިޓަލް" ގެ ގޮތުގައި ރީބްރޭންޑް ކޮށް ބީ.އެމް.އެލް ގެ ސަބްސިޑަރީއަކަށް ވާނީ ބަދަލުކޮށްފައި. އަދި އެސް.އެމް.އީ ޑިޖިޓަލް އިން ލޯނު ނަގާފައިވާ ފަރާތްތަކުގެ ތެރެއިން، އެކި ސަބަބުތަކާހުރެ ލޯނު ދައްކަން ދަތިވެފައިވާ ފަރާތްތަކުގެ ލޯނުތައް އިސްލާމިކް ފެސިލިޓީއަށް ބަދަލުކޮށް، ލޯނު ދެއްކުމުގެ މުއްދަތު އިތުރުކޮށްދީ، އެފަރާތްތަކަށް އެ ވިޔަފާރިތައް ދެމެހެއްޓުމުގެ މަގު ވަނީ ފަހިކޮށްދެވިފައި.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛
ކުދި އަދި މެދުފަންތީގެ ކުންފުނިތަކުގެ ޢާމްދަނީއަށް ކުރިމަތިވެފައި އޮތް ގޮންޖެހުމެއްކަމުގައިވާ ސަރުކާރާ ސަރުކާރު ޙިއްސާވާ ކުންފުނިތަކަށް އެ ފަރާތްތަކުން ފޯރުކޮށްދީފައިވާ ތަކެއްޗާއި ޚިދުމަތްތަކަށް ލިބެންޖެހޭ ފައިސާ ނުލިބި ލަސްވެފައި އޮތް މައްސަލައަށްވެސް މިދަނީ ޙައްލު ގެނެސްދެމުން. މިގޮތުން، ސަރުކާރުން ރާއްޖޭގެ ވިޔަފާރިތަކުގެ ބިލުތަކަށް މިދިޔަ އަހަރު 6.3 ބިލިއަން ރުފިޔާ ދައްކާފައިވާނެ. މީގެ އިތުރުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުން ގިނަ އަހަރުތަކެއް ވަންދެން ނުދައްކައި ހުރި "ލެގަސީ" ބިލުތަކަށް ފައިސާ ދެއްކުމުގެ ބޭނުމަށް ސަރުކާރު ކުންފުނިތަކަށް 882 މިލިއަން ރުފިޔާ ވާނީ ދޫކޮށްފައި. ބިލުތަކުގެ ޞައްޙަކަމަށާއި، އޮޑިޓަރ ޖެނެރަލް ދެއްވާފައިވާ ލަފަޔާ އެއްގޮތަށް ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، މިހާތަނަށް 469 މިލިއަން ރުފިޔާގެ ބިލަށްވާ ފައިސާ ވަނީ ދައްކާފައި. އަދި މީގެ އިތުރުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބިލުތަކުގެ ތެރެއިން 1 ބިލިއަން ރުފިޔާގެ ބިލު ވަނީ ސީދާ ސަރުކާރުން ވެސް ދައްކާދީފައި.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛
ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ދާއިރާ ތަރައްޤީ ކުރުމުގެ ގޮތުން އިތުރަށް އަޅާ ފިޔަވަޅު ތަކުގެ ގޮތުގައި، އިމްޕޯޓްކުރާ މުދާ އެއަރޕޯޓުން ކްލިއަރ ކުރުމަށް ޒަމާނުއްސުރެ ދެވިފައި އޮތް 80 ގަޑިއިރުގެ ވަގުތު، 124 ގަޑިއިރަށް ވާނީ އިތުރުކޮށްފައި. ހަމަ އެފަދައިން، ޖެނެރަލް ގުޑްސް ކްލިއަރެންސަށް ޑެމަރޭޖް ފީ ނާރާ މާލެ އަދި ހުޅުމާލެ ޕޯޓުގައި ބެހެއްޓޭ މުއްދަތު 5 ދުވަހުން 10 ދުވަހަށް ވާނީ އިތުރުކޮށްފައި. އަދި ޑެމަރޭޖް ފީގެ ގޮތުގައި ނަގާ ފީ އާއި ފްރައިޓް ޗާޖް ދިވެހި ރުފިޔާ އިން ނަގާ ގޮތަށް ވެސް މިހާރު ވާނީ ހަމަޖައްސާފައި. މީގެ އިތުރުން، ކުދި އަދި މެދު ފަންތީގެ ކެފޭ، ރެސްޓޯރަންޓްތައް ރަޖިސްޓަރީ ކުރުމަށް މިހާތަނަށް ނަގަމުންދިޔަ ފީ ކުރިއަށް އޮތް 2 އަހަރު ދުވަހަށް %50 އަށް ވާނީ ކުޑަކޮށްފައި. ހަމަ އެއާއެކު، 20 ކޯޓާއަށްވުރެ މަދުން ބިދޭސީ ކޯޓާ ގެންގުޅޭ ކުންފުނި ތަކުން އަހަރީ ކޯޓާ ފީ މިއަހަރުގެ މާރޗް މަހުން ފެށިގެން ދައްކަން ނުޖެހޭ ގޮތަށް ހަމަޖެއްސުމަށް ސަރުކާރުން ބޭނުން. މިކަން ކުރުމަށްޓަކައި، ޤާނޫނަށް ގެންނަންޖެހޭ އިސްލާޙު މި ޢިއްޒަތްތެރި މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ކުރީކޮޅު ހުށަހަޅާނެ ވާހަކަ ދަންނަވަން.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛
ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރި އެރުވުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ހަރުދަނާ އޮންލައިން ޕޭމަންޓް ނިޒާމެއް ރާއްޖޭގައި ޤާއިމްވެފައި ނެތުން. މިކަން ޙައްލު ކުރުމަށްޓަކައި، ޕޭޕަލް ރާއްޖޭގައި އޮޕަރޭޓްކުރަން ފެށުމަށް ގިނަގުނަ މަސައްކަތް ކުރެވި، ޕޭޕަލް ރާއްޖޭގައި ބޭނުން ކުރެވޭނޭ އިންތިޒާމް ދާދި އަވަހަށް ހަމަޖެހޭނެކަމުގެ މަޢުލޫމާތު ވަނީ ލިބިފައި. އަދި، ރާއްޖެއާއި ރާއްޖެއިން ބޭރުގައި ފަސޭހަކަމާއެކު، އަވަހަށް އަދި ރައްކާތެރިކަމާއެކު ފައިސާގެ މުއާމަލާތް ކުރެވޭނެ، %100 ދިވެހި އުފެއްދުމެއް ކަމަށްވާ މަލްޓިކަރަންސީ ޑިޖިޓަލް ވޮލެޓް "ސްވައިޕް" ބޭންކް އޮފް މޯލްޑިވްސް އިން ވަނީ ތަޢާރަފް ކޮށްފައި. ނަތީޖާ އެއްގެ ގޮތުން، އާންމުންނަށާއި ރާއްޖެއަށް ޒިޔާރަތްކުރާ ބޭރުގެ ފަތުރުވެރިންނަށް މި ވޮލެޓަށް ފައިސާ އެޅުމާއި ރާއްޖޭގައި ފައިސާގެ މުއާމަލާތްތައް ހިންގުމުގެ ފުރުސަތު ފަހިވެގެންދާނެ. މީގެ އިތުރުން، ދުނިޔޭގެ އެންމެ ބޮޑު އެއް އީ-ކޮމާރސް ކުންފުނި ކަމަށްވާ އަލީބާބާ ގްރޫޕާއެކު ވެވުނު އެއްބަސްވުމުގެ ދަށުން ދިވެހި އުފެއްދުންތައް، ބައިނަލްއަޤްވާމީ ބާޒާރުގައި ވަރަށް ފުޅާ ދާއިރާއެއްގައި ވިއްކުމުގެ ފުރުސަތު މިހާރު ވަނީ ލިބިފައި. އެގޮތުން އޮތެންޓިކް މޯލްޑިވްސްގެ 400 ވެންޑަރުން ހިމެނޭ ގޮތަށް އޮންލައިންކޮށް ވިޔަފާރިކުރެވޭނެ ގޮތަށް އަލީބާބާގައި ވަނީ ޕްލެޓްފޯމެއް ޤާއިމުކޮށްފައި. ހަމަ އެހެންމެ، އާންމުފަރުދުންނާއި ވިޔަފާރިތަކަށް ފަސޭހަކުރުމުގެ ގޮތުން ވީޗެޓް ޕޭ ބޭންކް އޮފް މޯލްޑިވްސް ގެ ޕީއޯއެސް ޓަރމިނަލް ނެޓްވޯކްގައި ބޭނުންކުރެވޭ ގޮތަށްވެސް ވާނީ ހަމަޖައްސާފައި.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހުރި ފައިނޭންސިންގ ފުރުސަތުތައްވެސް ނިމިދިޔަ އަހަރު ވަރަށް ބޮޑަށް ވާނީ އިތުރުކޮށް، ލުއިކޮށް އަދި ފުޅާ ކޮށްފައި. މިގޮތުން، އިސްލާމިކް ފައިނޭންސިންގ އުސޫލުން ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީވުމަށް 'ތިޖާރާ ރަށު ފަތުރު' ވަނީ ތަޢާރަފްކޮށްފައި. އަދި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޚާއްޞަކޮށް ކަނޑުއުޅަނދުފަހަރާއި ގުޅުންހުރި ބޭނުންތަކަށް 'ވެސަލް ފައިނޭންސިންގ' ގެ ނަމުގައި 5,000,000 ރުފިޔާއާ ހަމައަށް ފައިނޭންސިންގ ޕްރޮޑަކްޓެއް ވަނީ ތަޢާރަފް ކޮށްފައި. އަދި، ކޮންޓެންޓް ކްރިއޭޓަރުންނާއި ފިލްމު ޕްރޮޑިއުސަރުންނަށް އަމާޒުކޮށްގެން 500,000 ރުފިޔާއާއި ހަމައަށް ފައިނޭންސިންގ ފެސިލިޓީ އެއް ވަނީ ތަޢާރަފް ކޮށްފައި. ހަމަ އެއާއެކު، އަންހެނުން ވިޔަފާރީގެ ދާއިރާއިން ކުރިއެރުވުމަށް ޚާއްޞަކޮށް ފަރުމާކޮށްފައިވާ އައު ފައިނޭންސިންގ ސްކީމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައި. މި ސްކީމްގެ ދަށުން ޝަރީޢާ އުސޫލުތަކުގެ ތެރެއިން 25,000 ރުފިޔާއިން ފެށިގެން 250,000 ރުފިޔާއާ ހަމައަށް ފައިނޭންސިންގ ލިބޭނެ. ހަމަ އެހެންމެ، މޯލްޑިވްސް އިސްލާމިކް ސޯޝަލް ފައިނޭންސިން އިނިޝިއޭޓިވް (މިސްފީ) ގެ ދަށުން "އިސްލާމިކް މައިކްރޯ ފައިނޭންސިން" އަށް އެޕްލިކޭޝަން ހުށަހެޅުމަށްވެސް އެސްއެމްއީ ޑިޖިޓަލް މެދުވެރިކޮށް ވާނީ ހުޅުވާލާފައި. އިސްލާމިކް މައިކްރޯ ފައިނޭންސިން އަކީ ބޭންކިން ނިޒާމުގެ ތެރެއިން މާލީ އެހީތެރިކަން ހޯދުމުގައި ދަތިތަކާ ކުރިމަތިވާ ފަރާތްތަކަށާއި، އަލަށް ވިޔަފާރީގެ މައިދާނަށް ނުކުންނަ ފަރާތްތަކަށް އަމާޒުކޮށްފައިވާ ފައިނޭންސިންގއެއް. އިސްލާމީ އުސޫލުތަކާ އެއްގޮތްވާ ގޮތަށް ދޫކުރާ މި ފައިނޭންސިންގ އަކީ، މީގެ ކުރިން އެއްވެސް ބޭންކަކުން ނުވަތަ މާލީ އިދާރާއަކުން މާލީ އެހީތެރިކަން ލިބިފައިނުވާ ފަރާތްތަކަށް ޚާއްޞަކޮށްގެން ހުޅުވައިލާފައިވާ ފުރުސަތެއް. 100,000 ރުފިޔާއާ ހަމަޔަށް ދޫކުރާ މި ފައިނޭންސިންގ އަކީ ރާއްޖޭގައި ދޫކުރާ އެންމެ ކުޑަ ރޭޓު ކަމުގައިވާ އަހަރަކަށް %2.5 ރޭޓުން ދޫކުރާ ފައިނޭންސިންގއެއް. މީގެ އިތުރުން، އާންމު ފަރުދުންނާއި ވިޔަފާރިތަކުން އޮންލައިންކޮށް އިންޑިއަން ރުޕީ އާއި ޗައިނީސް ޔުއާން އެކައުންޓް ހުޅުވޭނެ ގޮތަށް މިހާރުވާނީ ހަމަޖައްސާފައި. އަދި ވިޔަފާރިތަކަށް ދޫކުރާ ފައިނޭންސިންގ އަށް ހެޔޮ ބަދަލުތަކެއް ވާނީ ގެނެސްފައި. މިގޮތުން ވިޔަފާރި ލޯނުތަކުގެ އިކިއުޓީ %30 އިން %20 އަށް ވާނީ ދަށްކޮށްފައި. އަދި ފައިސާ އަނބުރާ ދެއްކުމުގެ މުއްދަތުގައި 15 އަހަރުން 20 އަހަރަށް ވާނީ އިތުރުކޮށްފައި. ހަމަ އެފަދައިން، ވިޔަފާރިތަކަށް ފައިދާވާނެ ގޮތަށް ކާޑު މެޝިނުން ކުރާ މުއާމަލާތްތަކަށް ބޭންކުން ނަގަމުން އައި މަރޗެންޓް ފީ %2.5 އިން %1 އަށް ވެސް ވާނީ ކުޑަކޮށްފައި. އަދި، އެސް.އެމް.އީ ޑިޖިޓަލް މެދުވެރިކޮށް، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޓާގެޓްކޮށް، ކުޑަ އިންޓްރަސްޓް ރޭޓެއްގައި ޖެނެރަލް ފައިނޭންސިންގ އަށް ހުށަހެޅުމުގެ ފުރުސަތު، 1 ފެބްރުވަރީ 2026 އިން ފެށިގެން މިވަނީ ހުޅުވާލާފައި.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ)އިން މާލޭގައި އިމާރާތް ކުރަމުންދާ ކްރިއޭޓަރ ހަބްގެ އިމާރާތަކީ ދިވެހިރާއްޖޭގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް، ވަކިން ޚާއްސަކޮށް، ރާއްޖޭގައި ކްރިއޭޓިވް އިކޮނޮމީއެއް ތަރައްގީ ކުރުމަށް ޓަކައި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅޭ މުހިންމު ފިޔަވަޅެއް. މި އިމާރާތުގައި ދިވެހި ފަންނުވެރިންނާއި އުފެއްދުންތެރިންނަށް ހާއްސަ މަސައްކަތު ޖާގަތަކެއްގެ ގާއިމު ކުރެވިގެންދާނެ. މީގެ އިތުރުން ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ކުދި ވިޔަފާރިތަކަށް ދޭ އެންމެހާ ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ދެވޭ ހާއްސަ މަރުކަޒަށް މި ތަން ވެގެންދާނެ. އަދި، ދިވެހި އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބީސީސީއިން ދެމުންދާ ކޮންސަލްޓަންސީގެ ހިދުމަތްތަކާއި ވިޔަފާރީގެ މަސައްކަތު ޖާގަތަކާއި އަދި އޮތެންޓިކް މޯލްޑިވްސްގެ މާލެ ފިހާރަވެސް ގާއިމު ކުރެވިގެންދާނީ މި އިމާރާތުގައި. މި އިމާރާތުގެ 8 ވަނަ ފަންގިފިލާގެ ޝީޓު އެޅުމުގެ މަސައްކަތް މިހާރު ނިމިފައިވާ އިރު، އިރާދަކުރެއްވިއްޔާ އިމާރާތުގެ މަސައްކަތް އެއްކޮށް ނިންމާ މިއަހަރު ނޮވެމްބަރު މަހުގެ 11 ގައި ހުޅުވާނަން!
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް އިތުރުކޮށް ކުރިއަރުވާ ތަރައްޤީކުރުމަށް މަގުފަހިކުރުމުގެ ގޮތުން ރާއްޖޭގެ ކަނޑައެޅޭ ވަކި ސަރަޙައްދުތަކެއް، ކަނޑައެޅޭ ވަކި މުއްދަތަކަށް ގިނަ ލުއިތަކާއެކު ކުދި އަދި މެދު ފަންތީގެ އިންވެސްޓްމަންޓްތަކަށް ހުޅުވާލަން ވެސް ސަރުކާރުން ވަނީ ނިންމާފައި. މިގޮތުން ބިމު ކުއްޔާއި، އިންކަމް ޓެކްސް ފަދަ ސީދާ ވިޔަފާރިތަކުން ދައުލަތަށް ދައްކާ ކުއްޔާއި ޓެކްސް ނުދައްކާގޮތަށް ހަމަޖެއްސުމާއި، އެހެނިހެން އިންސެންޓިވްތައް ދިނުން ހިމެނޭ.
މިގޮތުން، އެންމެ ފުރަތަމަ ހުޅުވާލާ ސަރަޙައްދެއްގެ ގޮތުގައި އައްޑޫ ސިޓީ އާއި އައްޑޫ ހުޅުދޫ އާއި އައްޑޫ މީދޫ ހިމެނޭހެން އައްޑު އަތޮޅަކީ 2027 ޖެނުއަރީ 1 އިން ފެށިގެން 3 އަހަރު ދުވަހަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އިންވެސްޓުކުރުމަށް ގިނަ ލުއިތަކެއް ލިބިގެންދާނޭ ސަރަޙައްދެއްގެ ގޮތުގައި ކަނޑައަޅަން ނިންމާފައިވާކަން ޢިއުލާނުކުރަން. މިކަން ތަންފީޒުކުރުމަށްޓަކައި ޤާނޫނީ ގޮތުންނާއި އިދާރީ ގޮތުންނާއި ފަންނީ ގޮތުން މަގުފަހިކޮށްދޭންޖެހޭ ކަންކަން މިއަހަރު ތެރޭގައި ހަމަޖައްސާނަން. މީގެ ސަބަބުން، އިރާދަކުރެއްވިއްޔާ، ކުދި އަދި މެދު ފަންތީގެ ސިނާޢަތް ބޮޑަށް ފުޅާވެ ކުރިއަރާ، އެތައް ވަޒީފާއެއް އުފެދި، އައްޑު އަތޮޅަށް، އަދި މުޅި ދިވެހި ރާއްޖެއަށް، އިޤްތިޞާދީގޮތުން ގިނަގުނަ ފައިދާ ތައް ކުރާނެ. މި ފުރުސަތުގެ ބޭނުންކޮށް އައްޑު އަތޮޅަކީ ދިވެހި ރާއްޖޭގެ އައި.ޓީ.ހަބް ގެ ގޮތުގައި ހެދުމަށް، އެކަމަށް ޝައުޤުވެރިކަން ހުރި އެންމެހާ ފަރާތްތަކަށް، ސަރުކާރުން ދަޢުވަތު ދެން.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛
ސަރުކާރުގެ އަމާޒަކީ، ދިވެހިރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ދާއިރާ ކުރިއެރުވުމަށް މިދިޔަ އަހަރު ކުރެވުނު ކަންކަމާއި، ޤާއިމު ކުރެވުނު ވަޞީލަތްތަކުގެ ބޭނުން ހިފައި، އަދި މިއަހަރު އިތުރަށް އަޅަން ނިންމާފައިވާ ފިޔަވަޅުތަކާއި، ކުރަން ނިންމާފައިވާ ކަންކަމާއެކު، ރާއްޖޭގެ އުފެއްދުންތެރިކަން އިތުރު ހަރުފަތަކަށް ގެންދިޔުން. މިގޮތުން، މިއަހަރަކީ ރާއްޖޭގެ "އުފެއްދުންތެރިކަމުގެ އަހަރު" ގެ ގޮތުގައި ސަރުކާރުން ވަނީ ކަނޑައަޅާފައި. އަޅުގަނޑުގެ އަމާޒަކީ، ހަޤީގީމާނައިގައި ދިވެހި ކޮންމެ ރައްޔިތަކީ އަމިއްލަ މަސައްކަތުން ނަތީޖާ ނެރޭ، ޤައުމުގެ ކުރިއެރުމުގައި އަމަލީ ގޮތުން ބައިވެރިވާ ފަރާތަކަށް ހެދުން. އަދި، އިރާދަކުރެއްވިއްޔާ، 2040 ވަނަ އަހަރާ ހަމަޔަށް ދާއިރު، ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުގައި ހިމެނޭ ޤައުމަކަށް ހެދުން.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛
ޤައުމުގެ އިޤްތިޞާދުގެ ހަރުދަނާކަން ދޭހަކޮށްދޭ މައިގަނޑު އެއް ކަމަކީ ރައްޔިތުންގެ ދިރިއުޅުމަށް ބޭނުންވާ އަސާސީ ބާވަތްތަކުގެ އަގުތައް އެއްހަމައެއްގައި ހިފެހެއްޓޭ މިންވަރު. މި ކަމަށް ބަލައިލާއިރު، ފާއިތުވެދިޔަ އަހަރު މުހިއްމު މަސައްކަތްތަކެއް ކުރިން. އެގޮތުން، އަސާސީ ކާބޯތަކެތީގެ އަދަދު، 23 ބާވަތަށް އިތުރުކޮށް، މާލޭގެ ބާޒާރުގައި ހެޔޮ އަގުގައި ލިބެން ހުންނާނެކަން ޔަގީންކުރިން. އަދި، އާބާދީގައި 3000 ހަމަވާ ރަށްރަށަށް ތަކެތި ފޯރުކޮށްދިނުމަށް، އެސް.ޓީ.އޯގެ އޭޖެންޓުން ހޯދުމަށް އިއުލާނުކޮށް، މި 23 ބާވަތް އެސް.ޓީ.އޯގެ ރޭޓުގައި ފޯރުކޮށްދިނުމުގެ އިންތިޒާމް މިހާރު ދަނީ ހަމަޖައްސަމުން. މީގެ އިތުރުން، STO އިން އައްޑޫ ސިޓީ އަދި ކުޅުދުއްފުށި ސިޓީއަށް މި 23 ބާވަތުގެ އަސާސީ ކާބޯތަކެތީގެ ރާއްޖެއިން ބޭރުން އެތެރެކުރަން ވަނީ ފަށާފައި. ނަތީޖާއެއްގެ ގޮތުން، މާލެ އެކޭ އެއް އަގެއްގައި އަސާސީ ބާވަތްތަކުގެ 23 ބާވަތް އެ ސިޓީތަކުން ލިބެން ހުންނާނެ. ހަމަ އެއާއެކު، މާލެ ބަނދަރުމަތީގައި އެސް.ޓީ.އޯގެ ޑިސްޓްރިބިއުޝަން ސެންޓަރެއް ވާނީ ހުޅުވާފައި. އަދި، މި އަހަރުގެ ރަމަޟާން މަހުގެ ކުރިން، ހުޅުމާލޭގައި އެސް.ޓީ.އޯގެ އައުޓްލެޓެއް ގާއިމުކުރެވޭނެ. މީގެ އިތުރުން، ކުޅުދުއްފުށީ ޕޯޓުގައި ޑިޔުޓީ ފްރީކޮށް މުދާ ބަހައްޓާ ޒޯނެއް މިދިޔަ އަހަރު އޮގަސްޓު 26 ގައި ވާނީ ޤާއިމްކޮށްފައި. އަދި، އެފަދަ ޑިޔުޓީ ފްރީ ޒޯނެއް އައްޑޫ ޕޯޓުގައި އިރާދަކުރެއްވިއްޔާ މިމަހުގެ ތެރޭގައި ޤާއިމުކޮށް ޚިދުމަތް ދޭން ފަށާނަން.
މާލޭގެ ވިޔަފާރި ބަނދަރު ތިލަފުށްޓަށް ބަދަލު ކުރުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތަކީ ވެސް މިކަމުގައި މުހިއްމު މަސައްކަތެއް. ފުރަތަމަ ފިޔަވަހީގައި ހިމެނޭ އެންމެ މުހިންމު މަސައްކަތް ކަމުގައިވާ125 މީޓަރުގެ އިންޓަނޭޝަނަލް ކީވޯލްގެ މަސައްކަތް މިއަދު MPL އިން ބަޔަކާ ހަވާލުކުރާނެ. އަދި ޑޮމެސްޓިކް ޕޯޓް ތިލަފުށްޓަށް ބަދަލު ކުރުމަށް ބޭނުންވާ 2 ކިލޯމީޓަރުގެ ކީވޯލާއި، ޕޭވް ކުރުމާއި، އިމާރާތްތައް އެޅުމުގެ މަސައްކަތް އަދި، އިކުއިޕްމަންޓް ހޯދުމަށް، މި އަހަރުގެ މެދު ތެރޭގައި އެކިފަރާތްތަކާއި ހަވާލު ކުރެވޭނެ. މި ހުރިހާ މަސައްކަތެއް ނިންމާ، އިރާދަކުރެއްވިއްޔާ 2027 ވަނަ އަހަރުގެ ނޮވެމްބަރ 11 ވަނަ ދުވަހު މާލޭގެ ވިޔަފާރި ބަނދަރު ތިލަފުށްޓަށް ބަދަލު ކުރާނަން. މި ބަދަލާއެކު ބަނދަރުގެ ޚިދުމަތްތައް ފެށުމާ އެކު މިހާރު 7 ދުވަހުން ހުސްކުރެވޭ ބޯޓް 48 ގަޑި އިރު ތެރޭގައި ހުސްކުރެވި، ބަނދަރުގައި މުދާ ބެހެއްޓޭނެ މުއްދަތު އިތުރު ކުރެވި، މުދާ ރާއްޖެ ގެނައުމަށް ހިނގާ ޚަރަދު ކުޑަވާނެ. މި ހުރިހާ ބަދަލުތަކާއެކު، މުދަލުގެ އަގު ކުޑަކުރެވި އޭގެ ފައިދާ ރައްޔިތުންނަށް ލިބޭނެ. އަދި މިހާރު މާލޭގައި ގުދަންކުރެވޭ މުދާ، ތިލަފުށީގައި ގުދަންކުރުމުގެ ފުރުޞަތުތައް ފަހިވެ، މާލޭގެ މާރުކޭޓު ސަރަހައްދުގައި މިހާރު ކުރަމުންދާ ހޯލްސޭލް ވިޔަފާރި އެކީގައިހެން ތިލަފުށްޓަށް ބަދަލު ކުރެވިގެންދާނެ. މުދާ އުފުލާ ދޯނިފަހަރަށް ފަސޭހަ ކަމާއިއެކު ބަނދަރުކުރެވި، މުދާ އަރުވާ ބޭލުމަށް ބަނދަރުގައި މަޑުކުރަންޖެހޭ ދުވަސްތައްމަދުވެ، ރަށްރަށަށް މުދާ ގެންދިއުން އަވަސްވެގެން ދާނެ. އަދި، މާލޭގެ އެކި ސަރަހައްދުތަކުގައި މުދާ ގުދަންކުރަންޖެހުމުގެ ސަބަބަބުން އާންމުނަށް ދިމާވާ ދަތިތަކަށް ހައްލު ލިބި، މިހާރު މާލޭގެ އެންމެ ކާރުބާރު ބޮޑު މާރުކޭޓު ސަރަހައްދާއި، އެމް.ޕީ.އެލް ސަރަހައްދު ދުއްވާތަކެއްޗަށް ފަސޭހަވެ، މީހުން ހިނގާބިނގާވެ އުޅުމަށް ފަސޭހަ ތަނަކަށް، އިރާދަކުރެއްވިއްޔާ ބަދަލުވެގެން ދާނެ.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛
ރާއްޖޭގެ އިޤްތިޞާދު ފުޅާކޮށް ތަރައްޤީ ކުރުމުގައި، ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރިއެރުވުމުގެ ސިޔާސަތުގެ އިތުރުން، މަތީ ފަންތީގެ ދިވެހި އަދި ބޭރުގެ ވިޔަފާރިތަކަށްވެސް ފަހި ފުރުސަތުތައް ތަނަވަސްކޮށްދިނުމަކީ މި ސަރުކާރުގެ ސިޔާސަތު. އަދި ބޭރުގެ އިންވެސްޓްމަންޓް ތަކަށް އިތުބާރު ކުރެވޭ، އެޕެޓައިޓް ހުރި މާޙައުލަކަށް ރާއްޖޭގެ އިޤްތިޞާދު ހެދުމަކީ ސަރުކާރުން ވަރަށް އިސްކަންދޭ ކަމެއް. މިގޮތުން، ނިމިދިޔަ އަހަރު ކުރެވުނު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، 54 ފޮރިން އިންވެސްޓްމަންޓްއެއް ރާއްޖޭގައި ވަނީ ރެޖިސްޓްރީކޮށްފައި. މިގޮތުން ފާހަގަކޮށްލެވޭ ބޮޑެތި އިންވެސްޓްމަންޓްތަކަށް ބަލާއިރު ދުނިޔޭގައި ނަން މަޝްހޫރު ގޫގުލް ގެ އިންޓަނޭޝަނަލް ސަބްމެރިން ކޭބަލް "ދިވަރު" މަޝްރޫޢު ފާހަގަކުރަން. މި މަޝްރޫޢުއިން ދައްކައިދެނީ، ސަރުކާރުން މިގެންނަ އިޤްތިޞާދީ އިސްލާޙުތަކުގެ ސަބަބުން، ދުނިޔޭގެ އެންމެ ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތަކުގެ އިތުބާރު ވެސް ރާއްޖެއަށް ލިބެމުންދާކަން.
ހަމައެއާއެކު، ސަސްޓެއިނަބަލް ޓައުންޝިޕް ކޮންސެޕްޓްގެ ދަށުން ނ. އަތޮޅުގައި 29 ޖެނުއަރީ 2026 ގައި ފެށި އައިލާ މަޝްރޫޢަކީ، މިހާތަނަށް ޕްރައިވެޓް ސެކްޓަރ އިން ރާއްޖޭގައި ކުރާ އެންމެ ބޮޑު އިންވެސްޓްމަންޓް. ފުރަތަމަ ފިޔަވަހީގައި 790 މިލިއަން ޑޮލަރު އިންވެސްޓްކުރާ މި އިންވެސްޓްމަންޓަކީ ރާއްޖޭގެ އިޤްތިޞާދަށް ވަރަށް ބޮޑު ކުރިއެރުމެއް ގެނެސްދޭނޭ އިންވެސްޓްމެންޓަކަށް އިރާދަކުރެއްވިއްޔާ ވެގެންދާނެ.
ހަމަ އެފަދައިން، ހަލުވި ދުވެލީގައި ބަދަލުވަމުން އަންނަ ޓުއަރިޒަމްގެ ސިނާއަތަށް ޖާގަ ދިނުމުގެ ގޮތުން މޯލްޑިވްސް ޕަރލް ރެޒިޑެންސްގެ ނަމުގައި ޕްރޮގްރާމެއް ތަޢާރަފްކޮށް، އެޕްރޮގްރާމް ހިންގާ ޕްރޮމޯޓުކުރުމަށްޓަކައި ދުނިޔޭގެ ނަން މަޝްހޫރު ބައެއްކަމުގައިވާ ހެންލީ އެންޑް ޕަރނާސްއާ ވާނީ ހަވާލުކޮށްފައި. މިއީ ސަރުކާރުން ކަނޑައަޅާ އުޞޫލުތަކެއްގެ މަތިން، ކަނޑައަޅާ ޞިނާޢަތްތަކަކަށް އިންވެސްޓްކުރުމުގެ މުޤާބިލުގައި ރެޒިޑަންސީ ވިޒާ ދޫކޮށް، ދުރު ރާސްތާގައި، ދެމެހެއްޓެނިވި އިޤްޠިޞާދީ ބޮޑު ނަފާއެއް ރާއްޖެއަށް ހޯދަމުން ދިއުމުގެ އަމާޒުގައި ފަށާ ޕްރޮގްރާމެއް. މި ޕްރޮގްރާމްގެ ސަބަބުން ރާއްޖޭގައި ބޭރު ފައިސާ ދައުރުވާ ނިސްބަތް އިތުރުވެ، އިންވެސްޓްކުރާނެ ކެޕިޓަލް އިތުރުވެ، އައު ޞިނާޢީ މަސައްކަތްތައް އުފެދި ރާއްޖޭގައި ކުރިއަރައި ދިއުމަށް މަގުފަހިވެގެންދާނެ. މި ޕްރޮގްރާމްގެ ޤާނޫނީ އޮނިގަނޑު މި ޢިއްޒަތްތެރި މަޖިލީހުގެ އެހީތެރިކަމާއެކު، އެކުލަވާލުމުގެ މަސައްކަތްތައް މިހާރު ދަނީ ކުރިއަށް. ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް އޭޕްރީލް މަހުގެ ތެރޭގައި މި ޕްރޮގްރާމް ފުރިހަމައަށް ލޯންޗްކޮށް، ޕްރޮގްރާމް މެދުވެރިކޮށް އެޕްލިކޭޝަންތައް ބަލައިގަންނަން ފެށުން.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛
ރާއްޖޭގެ އިޤްތިޞާދު ކުރިއަރުވާ ސިންދަފާތުކުރުމުގައި ތައުލީމީ ޤާބިލް ދިވެހި ޒުވާނުންނާއި އެކި އުމުރު ފުރާގެ ދިވެހިން އިތުރު ކުރުމަކީ އަޅުގަނޑު ދެކޭ ގޮތުގައި ދިވެހީންގެ ތަރައްޤީ އާ ތަމައްދުނާ ގުޅިފައިވާ ވަރަށް މުހިންމުކަމެއް. އެހެންކަމުން ދިވެހީންނަށް އިސްކަންދީގެން، އެންމެން ޝާމިލުވާގޮތަށް ވަޒީފާގެ ސިޔާސަތު އެކުލަވާލައި، ފުރަތަމަފަހަރަށް ރާއްޖޭގައި ނެޝަނަލް ހިއުމަން ކެޕިޓަލް ނީޑްސް އެނަލިސިސްއެއް ހަދައި މިހާރު ޝާއިޢު ކޮށްފައިވާނެ. މި ގޮތުން ދިވެހީންނަށް ޚާއްޞަ ދާއިރާތައް ގޮތުގައި ސަރުކާރުން ކަނޑައެޅި ދާއިރާތަކުންނާއި، އަދިވެސް ގިނަ ފަންނީ ދާއިރާ ހިމެނޭހެން ނިމިދިޔަ އަހަރު މޯލްޑިވްސް ޕޮލިޓެކްނިކުން ތަމްރީނު ޕްރޮގްރާމުތައް ހިންގިން. ޤައުމީ ތަރައްޤީގެ އެކިއެކި ދާއިރާތަކަށް އަމާޒުކޮށް، 852 ސްކޮލަރޝިޕް ފުރުސަތު ދީ، 880 ދަރިވަރުންނަށް ވަނީ ލޯނު ދެވިފާ.
ހަމަ އެހެންމެ، މަދަރުސީ ނިޒާމުގެ ތެރެއިން ކުރިއަށް ގެންދެވޭ ޓެކްނިކަލް ވޮކޭޝަނަލް އެޑިޔުކޭޝަން ޕްރޮގްރާމްތައް މުރާޖަޢާކޮށް ރާއްޖޭގެ އިޤްތިޞާދީ ދާއިރާތަކަށް ބޭނުންވާ މަސައްކަތްތެރިން ބިނާކުރުމުގެ މަސައްކަތްވަނީ ފެށިފަ. މިގޮތުން، މަތީ ސާނަވީ ފިޔަވަހި ފުޅާކޮށް، މަސައްކަތުގެ މާހައުލުގައި މާދަމާ ޙަރަކާތްތެރިވާނެ ޒުވާނުންނަކީ، އުފެއްދުންތެރި ބަޔަކަށް ހެދުމުގެ ގޮތުން، މަތީ ސާނަވީ މަރުހަލާގައި ވޮކޭޝަނަލް އެޑިޔުކޭޝަން ސްޓްރީމް ވާނީ ތަޢާރަފު ކޮށްފައި. ހަމަ މިއާއެކު، ރާއްޖޭގައި ފުރަތަމަ ފަހަރަށް ވޮކޭޝަނަލް ހައި ސްކޫލެއް ގާއިމު ކޮށްފިން. މިއީ، ގައުމުގެ އިންސާނީ ރައުސްމާލް ނުވަތަ ހިއުމަން ކެޕިޓަލް މަތިކުރުމަށް ސަރުކާރުން ކުރަމުންއަންނަ މަސައްކަތުގެ މުހިއްމު ބައެއް. އަދި މި ފެށުނު ދިރާސީ އަހަރުގައި މިދެންނެވި ވޮކޭޝަނަލް ހައި ސްކޫލުގެ މަސައްކަތްތައް ފުޅާކޮށް ޤައުމަށް ބޭނުންވާ ދާއިރާތަކުން އިތުރަށް ދަރިވަރުން ތަމްރީނުކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާކަން ފާހަގަކުރަން.
މީގެ އިތުރުން، ޒުވާނުންނަށާއި އެކި ޢުމުރުފުރާގެ ފަރާތްތަކަށް މުޅި ރާއްޖޭގައި މަތީ ތަޢުލީމު ފުޅާކޮށް، ކިޔެވުމުގެ ފުރުޞަތު ކޮންމެ އަތޮޅަކުން ވެސް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަކީ ދެމެހެއްޓެނިވި ތަރައްޤީ ޙާސިލްކުރުމުގައި އަޅަންޖެހޭ މުހިންމު ފިޔަވަޅެއް. މިގޮތުން ކުރެވުނު މަސައްކަތުގެ ތެރެއިން، މަތީ ތަޢުލީމާއި ތަމްރީނުދޭ ސަރުކާރުގެ މުއައްސަސާއެއް މިވަގުތު ނެތް ހުރިހާ އަތޮޅެއްގައި މަތީ ތަޢުލީމުގެ ކެމްޕަސް ޤާއިމުކުރުމުގެ މަޝްރޫއެއް ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ވާނީ ފަށާފައި. މިގޮތުން، 16 އަތޮޅެއްގައި މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ 26 މަޝްރޫޢާއި، 10 އަތޮޅެއްގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ 12 މަޝްރޫޢު ކުރިއަށް އެބަދޭ. މީގެ އިތުރުން ފަންނީ ތަޢުލީމާއި ތަމްރީނުގެ ފުރުސަތުތައް ފަހިކުރުމަށް 10 އަތޮޅެއްގައި ޓެކްނިކަލް ވޮކޭޝަނަލް ސެންޓަރު ޢިމާރާތްކުރުމުގެ މަޝްރޫޢާއި، އެކޮމޮޑޭޝަންތައް ފެސިލިޓީ ޤާއިމްކުރުމުގެ 14 މަޝްރޫޢެއް ކުރިއަށް އެބަދޭ.
ހަމަ އެއާއެކު، ފުރަތަމަ ޑީގްރީ ސްކީމުން ވޭތުވެދިޔަ އަހަރު އިތުރު 2728 ދަރިވަރަކަށް ފުރުޞަތުދީ، ޖުމުލަ 11252 ދަރިވަރަކަށް، މާލީ އެހީގެ ގޮތުގައި 921,636,657 ރުފިޔާ ދޫކުރެވުނު. މީގެ އިތުރުން، ސަރުކާރުން މިހާތަނަށް ދޫކޮށްފައިވާ ސްޓޫޑެންޓް ލޯނުތައް، ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް، އިސްލާމީ ޝަރީޢާއާ އެއްގޮތްކޮށް، ލޯނުގެ އަދަދުގެ އިތުރަށް ނަގަމުން އައި އެޑްމިނިސްޓްރޭޓިވް ފީ ނެގުން ވާނީ މުޅިން ހުއްޓާލާފައި. މީގެ އިތުރުން ރާއްޖޭން ބޭރުގައި ތަޢުލީމު ޙާޞިލުކުރާ ދަރިވަރުންނަށް ދިމާވެފައިވާ ޑޮލަރު ހޯދުމުގެ ދަތިކަން ހައްލުކުރުމަށް ބޭރުގައި ކިޔަވާ ދަރިވަރުންނަށް މަހަކަށް 1200 ޑޮލަރު ވިތްޑްރޯ ކުރެވޭނެހެން ކާޑް ލިމިޓް އިތުރު ކޮށްދީފައިވާނެ. މި ދަރިވަރުންނަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ލިބެންޖެހޭ ޚިދުމަތް ހޯދުމުގައި ހުރި ގޮންޖެހުންތަކާ ކަންބޮޑުވުންތަކަށް އެކަށީގެންވާ ޙައްލެއް ގެނައުމުގެ ގޮތުން މި މަހުގެ 3 ވަނަ ދުވަހު ތަޢާރަފުކުރި "ކުރި" ނިޒާމަކީ، ދަރިވަރުންނަށް ދެމުންދާ ޚިދުމަތްތައް ޒަމާނީކޮށް، މެނުއަލްކޮށް ކުރަމުން އައި މަސައްކަތްތަކެއް ޒަމާނީ އޮޓޮމޭޝަނަށް ބަދަލުވެގެންދާ ޒަމާނީ ނިޒާމެއް.
މިގޮތުން، "ކުރި" ނިޒާމުގެ ސަބަބުން ދަރިވަރުންނަށް ލިބޭނެ އެންމެ ބޮޑު ފަސޭހަޔަކީ، ފައިސާ ހޯދުމުގައި ދިމާވާ ދަތިތަކަށް ލިބިގެންދާ ދާއިމީ ޙައްލު. މިގޮތުން، މިހާތަނަށް ގެންގުޅުނު މެނުއަލް ޕޭމަންޓް ވައުޗަރުގެ އުސޫލު ދޫކޮށްލައި، ސަރުކާރުގެ މާލީ ނިޒާމު ކަމަށްވާ 'އެސް.އޭ.ޕީ (SAP)' އާ ސީދާ ގުޅާލެވިގެންދާނެ. މީގެ ނަތީޖާއެއްގެ ގޮތުން، ލިޔެކިޔުންތައް ފުރިހަމަވުމާއެކު، ލަސްވުމެއް ނެތި ވަގުތުން ފައިސާ ޖަމާވުމަށް މަގުފަހިވެ، ދަރިވަރުންގެ ޕޭމަންޓް ޕްރޮސެސް ވަމުންދާ ގޮތް ރިއަލް-ޓައިމްކޮށް އިރާދަކުރެއްވިއްޔާ ބަލާލެވޭނެ.
މީގެއިތުރުން، ލޯނަށް ޝަރުތުހަމަވޭތޯ ބެލުމަށް ކުރަންޖެހޭ ދިގު އިންތިޒާރަށްވެސް ނިމުމެއް ގެނެވޭނެ. ޒަމާނީ އޮޓޮމޭޓެޑް ވަރކްފްލޯގެ އެހީގައި، އެޕްލިކޭޝަން ހުށަހަޅާ ހިސާބުން ފެށިގެން، ދަރިވަރު އެހެން ކޯހަކަށް އެންރޯލް ވެފައިވޭތޯއާއި ބްލެކްލިސްޓް ވެފައިވޭތޯ ސިސްޓަމް މެދުވެރިކޮށް ވަގުތުން ކަށަވަރު ކުރެވޭނެ.
ހަމައެއާއެކު، 'ވެރިފައި ވަންސް' އުސޫލުގެ ދަށުން، ދަރިވަރުގެ ސެޓްފިކެޓްތަކާއި މަޢުލޫމާތު ކަށަވަރުކުރަން ޖެހޭނީ މުޅި އުމުރަށްވެސް އިރާދަކުރެއްވިއްޔާ އެންމެ ފަހަރަކު. މިއާއެކު، ކޮންމެ ފަހަރަކު އަލުން ލިޔެކިޔުންތައް ހުށަހަޅަން ނުޖެހި، ޚިދުމަތް ހޯދުމަށް އިތުރު ފަސޭހައަކާއި ހަލުވިކަމެއް އިރާދަކުރެއްވިއްޔާ ލިބޭނެ. މި ދެންނެވުނު ހަލުވިކަން، ދަރިވަރުން ހޮވުމުގެ މަރުހަލާއަށްވެސް "ކުރި" ނިޒާމުން ވަނީ ގެނެވިފައި. އެގޮތުން، މީގެކުރިން މެނުއަލްކޮށް އިވަލުއޭޓް ކުރުމަށް ކުރަމުންއައި ބުރަ މަސައްކަތް ދޫކޮށްލައި، އެޕްލިކޭޝަލް ސަބްމިޓް ކުރާހިސާބުން އޮޓޮމޭޓެޑް އިވަލުއޭޝަން ކުރިޔަށް ގޮސް 'ވަން-ކްލިކް އެވޯޑިންގ' މެދުވެރިކޮށް، އެންމެ މަތިން މާކްސް ހޯދާ ދަރިވަރުން ވަގުތުން ހޮވައި، އެވޯޑް ލެޓަރ ޖެނެރޭޓް ކުރެވޭނެ.
އަދި އެއްބަސްވުންތައް އެކުލަވާލުމުގައި މެނުއަލްކޮށް ހަދާއިރު އަރާ އޮޅުންތަކާއި، އެކަމަށް ހޭދަވާ ވަގުތު ސަލާމަތްކުރުމަށްޓަކައި، އެއްބަސްވުންތަކާއި ޕޭމަންޓް ޝެޑިއުލްތައް އޮޓަމެޓިކުން ތައްޔާރު ކުރެވިގެން ދާނެ. މިއާއެކު ދަރިވަރުންނަށް ޑިޖިޓަލް ލިންކެއް މެދުވެރިކޮށް އެއްބަސްވުމުގައި އިލެކޮޓްރޯނިކް ސޮއިކޮށް، ވަގުތުން ފައިސާއަށް އެދި ހުށަހެޅޭނެ.
އަދި، މުއާމަލާތް ކުރުމުގައި ދިމާވާ ދަތިތައް ޙައްލުކޮށް، ޖަވާބު ނުލިބޭ އީމެއިލްތަކަށް އިންތިޒާރު ކުރުމުގެ ބުރަ ނައްތާލުމަށްޓަކައި، "ކުރި" ނިޒާމުގައި ހިމެނޭ އޭ.އައި ޗެޓްބޮޓް މެދުވެރިކޮށް ދިވެއްސާއި އިނގިރޭސި ބަހުން ވަގުތުން ސުވާލުތަކަށް ޖަވާބު ލިބިގެންދާނެ.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛
ރާއްޖޭގެ އިޤްތިޞާދު ކުރިއަރުވާ ސިންދަފާތުކުރުމަށް ތައުލީމީ ޤާބިލް ދިވެހި ޒުވާނުންނާއި އެކި އުމުރު ފުރާގެ ދިވެހިން އިތުރު ކުރުމަށް ކަނޑައަޅާ ތަންފީޒުކުރަމުންދާ ސިޔާސަތުތަކުގެ ނަތީޖާ އެއް ގޮތުން، 17 ނޮވެމްބަރު 2023 އިން މިއަދާ ހަމަޔަށް 21174 ވަޒީފާގެ ފުރުސަތު ދިވެހި އިޤްތިޞާދުގައި ވަނީ އުފެއްދިފައި. މީގެ ތެރޭގައި ޕްރައިވެޓް ސެކްޓަރގައި އުފެދުނު ކަމަށް ޕެންޝަން އޮފީހުން ވިދާޅުވެފައިވާ 6724 ވަޒީފާ ހިމެނޭ. ހަމަ އެއާއެކު، މިއަދުން ފެށިގެން 12 މަސް ދުވަސް ފަހުން، 5 ފެބްރުއަރީ 2027 އިން ފެށިގެން، ކޭޝިއަރުންގެ ގޮތުގައި ރާއްޖޭގެ އެއްވެސް ހިސާބެއްގައި ތިބެވޭނީ ހަމަ އެކަނި ދިވެހީންނަށް ކަމުގައި، ކެބިނެޓުގައި މަޝްވަރާކޮށް، ނިންމާފައިވާކަން އިޢުލާންކުރަން. ނަތީޖާއެއްގެ ގޮތުން، ކުރިޔަށް އޮތް 1 އަހަރު ދުވަހުގެ ތެރޭގައި، މަދުވެގެން 25000 އިތުރު ވަޒީފާގެ ފުރުސަތު ދިވެހިންނަށް ފަހިވެގެން ދާނެ. މިކަން ކާމިޔާބު ކަމަކަށް ހެދުމަށްޓަކައި، ކުރިޔަށްއޮތް 1 އަހަރު ދުވަހުގެ ތެރޭގައި މީހުން ބިނާކުރުމާއި، ވަޒީފާއަށް ފަރުވާތެރިކަން ބެހެއްޓުމާއި ވަޒީފާގެ އަޚްލާޤާ ގުޅޭ ގޮތުން ހޭލުންތެރިކުރުމާއި، ވިޔަފާރިވެރިންނާއި ގުޅިގެން އެ ވިޔަފާރިވެރިން މިކަމަށް ތައްޔާރުވުމަށް ދެވެން ހުރި އެންމެހާ އެހީތެރިކަން ސަރުކާރުން ދޭނެކަމުގެ ޔަޤީންކަން އަރުވަން.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛
ދިވެހީންނަށް، ވަކިން ޚާއްޞަކޮށް ދިވެހި ޒުވާނުންނަށް، ވަޒީފާގެ ފުރުސަތުތައް އިތުރު ކުރުމަށް ކުރެވޭ މަސައްކަތުގެ ފުރިހަމަ ނަތީޖާ ނުކުންނާނީ، އަދި އޭގެ ދާއިމީ ހެޔޮ ބަދަލު ޤައުމުގެ އިޤްތިޞާދަށް ކުރާނީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކޮށްގެން. މި މައްސަލަ ހައްލު ކުރުމަށް 3 އަހަރު ދުވަހުގެ އޮޕަރޭޝަނެއް މި ސަރުކާރުން ފެށިން. "ކުރަނގި" އޮޕަރޭޝަންގެ ނަމުގައި ހިންގާ މި އޮޕަރޭޝަންގައި މިހާތަނަށް 205,701 ބިދޭސީންގެ 10 އިނގިލީގެ ނިޝާނާއި ފޭޝަލް ރިކޮގްނިޝަނަށް ބޭނުންވާ ފޮޓޯ ހިމެނޭހެން ބައޯމެޓްރިކްސް ނަގައި އަޕްޑޭޓްކުރެވިފައިވާނެ. ބަޔޮމެޓްރިކްސް ނުދީ، ވަރކް ޕާމިޓެއް ނެތި އުޅޭ ބިދޭސީއެއް މިހާރު ފާހަގަވެއްޖެނަމަ ވަގުތުން އެ މީހަކު ފޮނުވާލެވޭނެ. މިގޮތުން، 17 ނޮވެމްބަރ2025 އިން 31 ޖެނުއަރީ 2026ގެ ނިޔަލަށް، ގަވާއިދާ ޚިލާފަށް ދިވެހިރާއްޖޭގައި އުޅުނު 228ބިދޭސީން ފޮނުވާލާފައިވާނެ. އަދި 17 ނޮވެމްބަރ 2023 އިން 3 ފެބްރުއަރީ 2026 ގެ ނިޔަލަށް، ގަވާއިދާ ޚިލާފަށް ދިވެހިރާއްޖޭގައި އުޅުނު 11496 ބިދޭސީއެއް ފޮނުވާލާފައިވާނެ. މިގޮތުން ބަލާއިރު، 2018 އިން 2023 އާ ދެމެދު ފޮނުވާލާފައިވަނީ އެންމެ 2649 ބިދޭސީން. ހަމަ އެއާއެކު، ކުރަނގި އޮޕަރޭޝަންގެ 2ވަނަ ފިޔަވަހި ވެސް މިހާރު ވަނީ ކުރިޔަށް ގެންދަން ފަށާފައި. މި ފިޔަވަހީގެ ދަށުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ، ބަޔޮމެޓްރިކްސް ދީ ނަމަވެސް ލީގަލައިޒް ނުވެ ތިބި ބިދޭސީން ލީގަލައިޒްކުރުމުގެ ޕްރޮގްރާމް 1 ޖަނަވަރީ 2026 ގައި ފަށާފައިވާނެ. މި ޕްރޮގްރާމްގެ ދަށުން ލީގަލައިޒްވުމަށްޓަކައި މިހާތަނަށް 3837 އެޕްލިކޭޝަން ލިބިފައިވޭ. މީގެ އިތުރުން، 3 މެއި 2026 ގައި ކުރަނގި އޮޕަރޭޝަންގެ 3 ވަނަ ފިޔަވަހި ، އިރާދަކުރެއްވިއްޔާ ފެށިގެންދާނެ. މި ފިޔަވަހީގެ ދަށުން ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންނާއި ކައުންސިލުތަކާއި އިމިގްރޭޝަން ގުޅިގެން ކުރާ މަސައްކަތުން، ރާއްޖޭގެ ތަފާތު އެކި ކަންކޮޅުތަކުގައި ރެގިޔުލަރައިޒް ނުވެ، ސައްހަ ވަރކް ޕަރމިޓެއް ނެތި އުޅެމުންދާ ބިދޭސީ މަސައްކަތްތެރިން އިތުރު ފުރުސަތެއް ނުދީ ޑީޕޯޓްކުރެވޭނެ.
މާތްﷲގެ ވާގިފުޅާއެކު، މި އޮޕަރޭޝަން 2027 ވަނަ އަހަރުގެ މޭ މަހުގެ 2ވަނަ ދުވަހު ނިމޭއިރު ދިވެހިރާއްޖޭގައި ގަވާއިދާ ޚިލާފަށް ބިދޭސީން އުޅޭނަމަ އެމީހުންގެ ޞައްޙަ އަދަދާއި އެއީ ކޮން ބައެއްކަން ކަށަވަރުކުރެވޭނެ. އަދި ދިވެހިރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އިތުބާރު ހުރި، ދާއިމީ ހައްލެއް އިރާދަކުރެއްވިއްޔާ ލިބިގެންދާނެ.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛
ޤައުމުގެ އިޤްތިޞާދު ހަރުދަނާ ކުރުމަށް މަސައްކަތް ކުރުމުގައި ސަރުކާރުން އެންމެ އިސްކަމެއްދޭ އެއް ސިނާޢަތަކީ ފަތުރުވެރިކަމުގެ ސިނާއަތް. ފަތުރުވެރިކަމަކީ ރާއްޖޭގެ އިޤްތިޞާދުގެ މައިބަދަ. އެއީ ރާއްޖެއަށް ބޭރުފައިސާ ވަންނަ މައި ދޮރޯށި. ފާއިތުވެދިޔަ އަހަރު ފަތުރުވެރިކަމުގެ ދާއިރާއިން ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ވަނީ ހޯދިފައި. މިގޮތުން، މިދިޔަ އަހަރުގެ ނިޔަލަށް، ދިވެހިރާއްޖެއަށް 2,246,516 ފަތުރުވެރިން ޒިޔާރަތްކުރި. މިއީ 2024 ވަނަ އަހަރާ އަޅާބަލާއިރު 9.8 އިންސައްތައިގެ ކުރިއެރުމެއް. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ތަފާސް ހިސާބުން ދައްކާގޮތުން މިދިޔަ އަހަރު 5.55 ބިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީއެއް ފަތުރުވެރިކަމުގެ ސިނާޢަތުން ވަނީ ލިބިފައި. މިއީ، އޭގެ ކުރީ އަހަރާ އަޅާބަލާއިރު 13.8 އިންސައްތައިގެ ކުރިއެރުމެއް. މި އަހަރު 5.6 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ފަތުރުވެރިކަމުން ލިބޭނެކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން އަންދާޒާކުރައްވާ. ސަރުކާރުގެ އަމާޒަކީ މި އަހަރު ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު 2.5 މިލިއަނަށް އިތުރުކޮށް 11.3 އިންސައްތައިގެ ކުރިއެރުމެއް ހޯދުން.
މިކަން ޙާސިލްކުރުމަށް މަގުފަހިކުރުމަށްޓަކައި، ސަރުކާރުގެ އަމާޒަކީ، ރާއްޖެ ޕްރޮމޯޓުކުރުމަކީ އެންމެން ޝާމިލުވާ ޤައުމީ މަސައްކަތެއްގެ ގޮތުގައި ހެދުން. މި މަގުސަދު ހާސިލުކުރުމަށްޓަކައި، 2027 ވަނަ އަހަރަކީ "ވިޒިޓް މޯލްޑިވްސް އިއަރ" ގެ ގޮތުގައި ކަނޑައަޅާ އިޢުލާން ކުރަން. މިއީ، ފަތުރުވެރިކަމުގެ ސިނާޢަތާ ސީދާގޮތުންނާއި ނުސީދާގޮތުން ގުޅިފައިވާ ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެންމެހާ ފަރާތްތައް ގުޅިގެން އިރާދަކުރެއްވިއްޔާ ހިންގާނޭ ގައުމީ ބޮޑު ޙަރަކާތަކަށް ވާނެ.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛
2023 ވަނަ އަހަރު އެންމެ ރިސޯޓެއް ވެސް، އަދި އެންމެ ޓޫރިސްޓް ހޮޓަލެއް ވެސް ރާއްޖޭގައި ހުޅުވިފައެއް ނުވޭ. ނަމަވެސް، މިދިޔަ 2 އަހަރު ފަތުރުވެރިކަމުގެ ސިނާޢަތަށް ޖުމްލަ 6535 ޓޫރިސްޓު އެނދު އިތުރު ވެފައިވޭ. މީގެ ތެރޭގައި މިދިޔަ އަހަރު ހުޅުވުނު 3 ރިޒޯޓް އާއި 2024 ގައި ހުޅުވުނު 3 ރިސޯޓުން އިތުރުވި 1474 އެނދާއި މިދިޔަ ދެ އަހަރު ހުޅުވުނު 3 ޓޫރިސްޓު ހޮޓަލުން އިތުރުވި 708 އެނދާއި ހުޅުވުނު 194 ގެސްޓްހައުސް އިން އިތުރުވި 3574 އެނދާއި ،ނެރުނު 22 ޓޫރިސްޓު އުޅަނދުން އިތުރުވި 463 އެނދު އަދި ހޯމްސްޓޭ އިން އިތުރުވި 316 އެނދު ހިމެނޭ. މީގެ އިތުރަށް، މުޅިން އަލަށް 391 ޓްރެވަލް އޭޖެންސީއާއި 45 ޑައިވް ސެންޓަރ ރަޖިސްޓްރީ ކޮށްދީ ޙަރަކާތްތެރިވާން ފަށާފައިވޭ. އަދި، މި އަހަރު ފަތުރުވެރިކަމުގެ ސިނާޢަތަށް އިތުރު 7 ރިސޯޓާއި އިތުރުވެގެންދާނެކަމަށްވެސް އަންދާޒާ ކުރެވޭ.
ފަތުރުވެރިކަމުގެ ސިނާއަތުގެ ފައިދާ މުޅި ރާއްޖެއަށް ފޯރުކޮށްދިނުމަކީ ސަރުކާރުގެ އެއް އަމާޒު. އެ ގޮތުން، މިހާތަނަށް ފަތުރުވެރިކަން އެދެވޭ ގޮތެއްގައި ތަރައްޤީވެފައިނުވާ 6 އަތޮޅުގައި ހަލާލު ޓޫރިޒަމް ހިމެނޭހެން، ފަތުރުވެރިކަން ފުޅާކުރުމަށް ޚާއްޞަ އިނާޔަތްތަކާއެކު އިންވެސްޓްމަންޓްތަކަށް ވާނީ ހުޅުވާލާފައި. މިހާތަނަށް އައި އިރު، މީގެ ތެރެއިން 8 ތަނެއް ވަނީ އެވޯޑުކޮށްފައި. އަދި 6 ތަނެއް ކުއްޔަށް ދޫކުރާ އެއްބަސްވުމުގައި ސޮއިކޮށްފައި. މީގެ އިތުރުން، ހަލާލް ޓޫރިޒަމްގެ 1 ރަށް ވަނީ ކުއްޔަށް ދޫކޮށްފައި.
އަދި، އައްޑޫ އަތޮޅުގެ ފަތުރުވެރިކަން ކުރިއެރުވުމަށް މިދިޔަ އަހަރު ޚާއްޞަ މަސައްކަތްތަކެއް ކުރިން. އެގޮތުން، ބަންދުކޮށްފައި އޮތް ޝަންގްރިއްލާ ރިސޯޓު މިހާރު ވަނީ ހުޅުވާފައި. މިއީ، އެ ރިސޯޓުގެ މެނޭޖްމަންޓާ ގުޅިގެން ސަރުކާރުން ކުރި މަސައްކަތުގެ ނަތީޖާ. ކުރިއަށްނުގޮސް ހުއްޓިފައި އޮތް އައްޑޫ ހަންކެޑެ މަޝްރޫޢު ވެސް، އިންޓެގްރޭޓަޑް ޓޫރިޒަމް ތަރައްޤީކުރުމަށްޓަކައި ވަނީ އަލުން އެވޯޑް ކޮށްފައި.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛
ރާއްޖޭގައި ފަތުރުވެރިކަމުގެ ޞިނާޢަތު ރަސްމީކޮށް ފެށިގެން އައީ މީގެ 54 އަހަރު ކުރިން 1972ވަނަ އަހަރު. ނަމަވެސް މި ސިނާއަތަށް ބައި ޤަރުނަށް ވުރެ ގިނަ ދުވަސް ވީ އިރު ވެސް މި ދާއިރާއިން ދިވެހި ހުރިހާ ރައްޔިތުންގެ ޖީބަށް ސީދާ ގޮތެއްގައި އެންމެ ލާރިއެއް ވެސް ލިބޭނެ އެއްވެސް މަގެއް، އެއްވެސް ސަރުކާރަކުން ފަހިކޮށްދީފައެއް ނެތް. އެކަމަކު ޙަޤީޤަތުގައި މި ސިނާއަތަކީ ރާއްޖޭގެ އިޤްތިޞާދުގައި އެންމެ ބޮޑު ދައުރެއް އަދާކުރާ ސިނާޢަތް. މިއީ ރާއްޖޭގެ ޤުދުރަތީ ރީތިކަންކަމުގައިވާ ރީތި ގޮޑުދޮށްތަކާއި، ފަޅުތަކާއި، ފަރުތަކާއި، ރަށްތައް ފަދަ ޤުދުރަތީ އެސެޓްތައް ދިގު މުއްދަތަށް އެންމެ ބޮޑަށް ބޭނުންކުރަމުންދާ، އަދި މަދު ޙާލަތެއްގައި މެނުވީ، ޢިއާދަނުކުރެވޭނޭ ބޮޑު ބަދަލުތަކެއް، އެ އެސެޓްތަކަށް ގެނެސްފައިވާ އަދި ގެންނަމުންދާ ސިނާޢަތް. އެހެންކަމުން، އަޅުގަނޑު ދެކެނީ މި ޤުދުރަތީ އެސެޓްތަކުގެ ޙަޤީޤީ ވެރިންކަމުގައިވާ ދިވެހި ހުރިހާ ލޮބުވެތި ރައްޔިތުންނަށް ސީދާ އާމްދަނީއެއް ލިބޭނޭ މަގެއް، ނިޒާމީ ގޮތެއްގައި ހަމަޖެހިގެން ދިޔުމަކީ އެންމެ ޢަދުލުވެރި ގޮތްކަމުގައި. ވުމާއެކު، މިކަމާމެދު ކެބިނެޓުގައި މަޝްވަރާކޮށް، ސަރުކާރުން މިހާރު ނިންމާފައިވަނީ، ސަރުކާރުގެ ކުންފުންޏެއް މެދުވެރިކޮށް ކުރިޔަށް އޮތް 3 އަހަރު ދުވަހުގެ ތެރޭގައި މަދުވެގެން 10 ރިސޯޓު ތަރައްޤީކޮށް އެ ރިސޯޓުތަކުން ލިބޭ ފައިދާގެ ބޮޑުބައެއް، ހަމަ އެއްވެސް ރައްޔިތަކު ބާކީނުކޮށް، ރާއްޖޭގެ ކޮންމެ ރައްޔިތެއްގެ ބޭންކް އެކައުންޓަށް، ހަމަހަމަ ކަމާއެކު، އަހަރަކު އެއްފަހަރު، ބޭރު ފައިސާއިން ޖަމާކޮށްދޭން. އަދި ދިވެހިރާއްޖޭގެ ކޮންމެ ރައްޔިތަކީ، މި މަޝްރޫޢުގެ ދަށުން ތަރައްޤީ ކުރެވޭ ހުރިހާ ރިސޯޓެއްގެ ހިއްސާދާރެއްކަމުގައި ހަމަހަމަ ކަމާއެކު، ޤާނޫނަކުން ކަނޑައަޅާ ހަމަޖައްސަން. ނަތީޖާއެއްގެ ގޮތުން މި މަޝްރޫޢު ދަށުން ތަރައްޤީ ކުރާ ރިސޯޓުތަކުން ލިބޭ ފައިދާ ދިވެހި ރައްޔިތެއްކަމުގެ އައިޑީކާޑު އޮތް ކޮންމެ ރައްޔިތަކަށް ހަމަހަމަކަމާއެކު އަހަރުން އަހަރަށް ލިބި، ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ދިވެހި ފަތުރުވެރިކަމުގެ ސީދާ ޙިއްސާދާރަކަށް ދިވެހި ކޮންމެ ރައްޔިތަކުވެ، ދިވެހި ކޮންމެ ރައްޔިތަކަށް ސީދާ ގޮތުން މާލީ މަންފާ އިރާދަކުރެއްވިއްޔާ ޖަމާވާން ފަށާނެ. އަންދާޒާ ކުރެވެނީ މި އިންވެސްޓްމަންޓުން ރައްޔިތުންގެ އެކައުންޓަށް ފައިސާ ޖަމާވާން ފަށާނީ 2030 އަހަރުން ފެށިގެން ކަމަށް. ހިސާބު ހަދާލާއިރު، އެވްރެޖުކޮށް ކޮންމެ ރައްޔިތެއްގެ އެކައުންޓަށް، އިރާދަކުރެއްވިއްޔާ އަހަރަކު މަދުވެގެން، 400 އެމެރިކާ ޑޮލަރު ޖަމާވެގެންދާނެ. މިސާލަކަށް 5 މެންބަރުންގެ ޢާއިލާއެއްގައި ނަމަ، އެ ޢާއިލާގެ ކޮންމެ މެންބަރެއް، މަދުވެގެން 10 ރިސޯޓުގެ ޝެއަރ ހޯލްޑަރަކަށް ވުމުގެ އިތުރުން، އެ ޢާއިލާއަށް އަހަރަކު މަދުވެގެން އިރާދަކުރެއްވިއްޔާ 2000 އެމެރިކާ ޑޮލަރު ލިބިގެންދާނެ. މިކަން ޙަޤީޤަތަކަށް ހެދުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ވަރަށް ހަލުއި ދުވެލީގައި އިރާދަކުރެއްވިއްޔާ ކުރިޔަށް ގެންދާނަން.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛
ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތު ކުރިއެރުވުމުގައި އެއަރޕޯޓްތައް ތަރައްޤީ ކުރުމާއި ރާއްޖެއިން ބޭރަށާއި ރާއްޖޭގެ އެތެރެއަށް އުދުހޭ އެއަރ ލައިންތަކާއި އުދުހޭ ރޫޓުތައް އިތުރުކުރުމާއި، ވައިގެ މަގުންނާއި ކަނޑުމަގުން އަދި އެއްގަމު މަގުން ވަރުގަދަ ޓްރާންސްޕޯޓް ނެޓްވޯކެއް ޤާއިމްވެފައި އޮތުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް. ހަމަ އެއާއެކު، ރާއްޖޭގެ ރައްޔިތުން ދަތުރުފަތުރު ކުރުމަށާއި ވިޔަފާރިއާއި އިޤްތިޞާދު ފުޅާކުރުމަށްޓަކައި ވެސް ވައިގެ މަގުންނާއި ކަނޑުމަގުން އަދި އެއްގަމު މަގުން ވަރުގަދަ ޓްރާންސްޕޯޓް ނެޓްވޯކެއް ޤާއިމްވެފައި އޮތުން ވަރަށް މުހިންމު. އަދި އެހެންމެ، ރާއްޖޭގެ ކޮންޓެކްސްޓުގައި ކްލައިމެޓް އެޑެޕްޓޭޝަން ގެ ބޭނުމަށްވެސް ރާއްޖޭގެ ޙާލަތުގައި ވައިގެ މަގުންނާއި ކަނޑުމަގުން އަދި އެއްގަމު މަގުން، ވަރުގަދަ ޓްރާންސްޕޯޓް ނެޓްވޯކެއް ޤާއިމްކުރުން އެއީ ޒަރޫރީ ކަމެއްކަމުގައި މެނުވީ ނުވޭ.
މި ގޮތުން، ޙާސިލް ކުރެވުނު ނަތީޖާތަކުގެ ތެރޭގައި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ޓަރމިނަލް 2025 ޖުލައި 26 ގައި ވާނީ ހުޅުވާފައި. އަދި ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ވެސް ތަރައްޤީކޮށް 2025 ނޮވެމްބަރ 9 ގައި ވާނީ ހުޅުވާފައި.
ރާއްޖޭގެ ޤައުމީ އެއަރލައިން 'މޯލްޑިވިއަން' އިން 'ވައިޑް-ބޮޑީ އެއަރކްރާފްޓް އޮޕަރޭޝަން' ތަޢާރަފްކޮށް، މިދިޔަ އަހަރުގެ ޖެނުއަރީ 22 އިން ފެށިގެން ޗައިނާގެ 3 މަންޒިލަކަށް ކޮމާޝަލް އޮޕަރޭޝަން ވާނީ ފަށާފައި. ދެވަނަ ވައިޑް ބޮޑީ އެއަރކްރާފްޓް އިރާދަކުރެއްވިއްޔާ މި އަހަރު ތެރޭ ގެނެސް އޮޕަރޭޝަނަށް ނެރެވޭނެ. މީގެ އިތުރަށް މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓް އިތުރަށް ތަރައްޤީކޮށް، ބޮއިންގ 777 އަދި އެއަރބަސް އޭ 350 ފަދަ ބޮޑެތި މަތިންދާބޯޓުތަކަށް ޚިދުމަތް ދެވޭ ފެންވަރަށް ރަންވޭއާއި އެޕްރަން ވާނީ ބޮޑުކޮށްފައި. އަދި އެއަރޕޯޓްގެ ޓަރމިނަލް ބޮޑުކުރުމުގެ މަޝްރޫޢު ވެސް މިހާރު ވަނީ ފަށާފައި. މ.މުލީގައި ޤާއިމުކުރި މުލީ ވައިގެ ބަނދަރު 2025 މެއި 8 ގައި ހުޅުވައި، މި އެއަރޕޯޓްގެ ޚިދުމަތްތައް ވަނީ ފަށާފައި. މީގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެއަރޕޯޓު ތަރައްޤީކުރުމުގެ ގިނަގުނަ މަސައްކަތްތަކެއް ދަނީ އެކި މަރުޙަލާގައި ކުރިޔަށް. މިގޮތުން، ހ.އ ދިއްދޫ، ހދ.މަކުނުދޫ، ށ.ބިލެތްފަހި، ށ.ކޮމަންޑޫ، ށ. މިލަންދޫ ،ނ. ވިހަފަރު، ރ. އަލިފުށި، ރ. ފައިނު، ބ. ތުޅާދޫ، އއ.މަތިވެރި، ފ.ނިލަންދޫ، ފ. މަގޫދޫ، ތ.ގުރައިދޫ، ތ. ވިލުފުށި، ލ.ކައްދޫ، ގއ.ވިލިނގިލި، ގދ. ކާޑެއްދޫ، އައްޑޫ ގަން އެއަށްޕޯޓް ތަރައްޤީ ކުރުމާއި، ހއ.ހޯރަފުށި، ހދ.ކުޅުދުއްފުށި، ށ.ފުނަދޫ، ގއ. މާވަރުލޫ، އަދި ފުވައަމުލައް ސިޓީ އެއަރޕޯޓް އަޕްގްރޭޑް ކުރުމުގެ މަސައްކަތް އެކި މަރުޙަލާގައި ދަނީ ކުރިޔަށް. އެއަރޕޯޓު ތައް އަޕްގްރޭޑް ކުރުމަށް މިހާތަނަށް ކުރެވުނު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގައި އޮޕަރޭޓްކުރާ ހުރިހާ އެއަރޕޯޓުތަކެއްގައި ރޭގަނޑު ފްލައިޓް ޖެއްސޭގޮތަށް ތަރައްޤީކޮށް މިހާރުވަނީ ބޭނުން ކުރަން ފަށާފައިކަންވެސް ފާހަގަކޮށްލަން. އަދި ބ. ދަރަވަންދޫ އެއަރޕޯޓް އައިލެންޑް އޭވިއޭޝަނަށް ބަދަލުކުރުމުގެ މަސައްކަތް މި މަހުގެ ނިޔަލަށް އިރާދަކުރެއްވިއްޔާ ނިމި، އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ. ހަމަ އެހެންމެ، ލ އަތޮޅުގައި ދެވަނަ އެއަރޕޯޓެއް ހެދުމުގެ މަސައްކަތް ވެސް މިއަހަރު ތެރޭގައި އިރާދަކުރެއްވިއްޔާ ފެށިގެންދާނެ.
މީގެ އިތުރުން، މި އަހަރުގެ ފެބްރުވަރީ 1 އިން ފެށިގެން އައްޑު އަތޮޅު ގަމަށާއި، ފުވައްމުލައް ސިޓީއަށާއި ހުވަދުއަތޮޅަށް، ޓްވިން އޮޓަރ އެއަރކްރާފްޓް އޮން-ވީލްސް ގައި ދަތުރުތައް ވަނީ ފަށާފައި. މިއީ ދެމެހެއްޓެނިވި ތަރައްޤީގެ ސިޔާސަތުގެ ދަށުން އިޢުލާންކޮށްފައިވާ އެންމެ ދެކުނު ގެ 4 އަތޮޅު ހިމެނޭ އިންޓަގްރޭޓަޑް ޑިވެލޮޕްމަންޓް ޒޯން ގުޅުވާލަދޭ އިންޓަރގްރޭޓަޑް އެއަރ ކަނެކްޓިވިޓީ ވިޔުގަ. ހަމަ އެފަދައިން، އެންމެ އުތުރުގެ 3 އަތޮޅު ހިމެނޭ އިންޓަގްރޭޓަޑް ޑިވެލޮޕްމަންޓް ޒޯނު ގައި ހއ. ހޯރަފުށި، ހއ. ދިއްދޫ، ހދ. ކުޅުދުއްފުށި ،ހދ. ހަނިމާދޫ އަދި ހދ. މަކުނުދޫ ގުޅުވާލަދޭ އިންޓަރގްރޭޓަޑް އެއަރ ކަނެކްޓިވިޓީ ވިޔުގަ މި ހުރިހާ އެއަރޕޯޓް ތަކެއް ހަދާ ނިމުމުން ޤާއިމު ކުރެވިގެންދާނެ.
ހަމަ އެހެންމެ، ފަތުރުވެރިކަމުގެ ސިނާޢަތަށް ޚާއްސަކޮށް، އަދި ޢާއްމުކޮށް ހުރިހާ ރައްޔިތުންނަށް ސީޕްލޭންގެ ޚިދުމަތް ފުޅާކުރުމަށް ކުރިޔަށް ގެންދާ މަޝްރޫޢުގެ ދަށުން މި އަހަރު ޖެނުއަރީ 22ގައި ނ.ވެލިދުއަށް ދަތުރުތައް ވަނީ ފަށާފައި. އަދި މި މަހުގައި އއ.ތޮއްޑުއަށް ދަތުރުތައް ފަށާނެ.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛
ފެންވަރު ރަނގަޅު ކަނޑުމަގުގެ ދަތުރުފަތުރު ކުރުމުގެ ނިޒާމެއް ޤާއިމުކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން، ނިމިދިޔަ އަހަރު 3 އަތޮޅެއްގައި ސްޕީޑް ފެރީގެ ޚިދުމަތް ވަނީ ފަށާފައި. އަދި، ޚިދުމަތް ޤާއިމު ނުވެ އޮތް 8 އަތޮޅުގައި ސްޕީޑް ފެރީގެ ޚިދްމަތް އިރާދަކުރެއްވިއްޔާ ކުރިޔަށް އޮތް 6 މަސް ދުވަހުގެ ތެރޭގައި ޤާއިމްކޮށް ނިމޭނެ. މި ނިޒާމު ދެމެހެއްޓެނިވި، ކާމިޔާބު ނިޒާމަކަށް ހެދޭނީ ރަށްރަށުގެ ލަފާފުރުމުގެ ޢުމްރާނީ ވަސީލަތްތަކުގެ ފެންވަރު ވެސް މަތިކުރެވިގެން. މިގޮތުން މިހާތަނަށް ކުރެވުނު މަސައްކަތުން، ބަނދަރު ހެދުމުގެ 14 މަޝްރޫޢެއްގެ މަސައްކަތް ވަނީ ނިމިފައި. އަދި، މި ދިޔަ އަހަރު އަލަށް ސޮއިކުރެވުނު 33 މަޝްރޫޢާއެކު، ބަނދަރު ތަރައްޤީކުރުމުގެ 102 މަޝްރޫޢެއްގެ މަސައްކަތް ރާއްޖޭގެ އެކި ކަންކޮޅުގައި އެކި މަރުހަލާގައި މިހާރު އެބަ ކުރިޔަށްދޭ. އަދި މިއަހަރު ތެރޭގައި އިތުރު 16 ރަށެއްގައި ބަނދަރު ހެދުމުގެ މަސައްކަތް ފެށޭނެ. އިރާދަކުރެއްވިއްޔާ މި 118 ބަނދަރު މަޝްރޫޢު ކުރިޔަށް އޮތް 19 މަސް ދުވަހުގެ ތެރޭގައި ނިންމާ ޙަވާލު ކުރާނަން. މި ނަތީޖާ ޙާސިލް ކުރުމުގެ ގޮތުން، އަދި ޚަރަދު ކުޑަކުރުމުގެ ގޮތުން، މަސައްކަތަށް ބޭނުންވާ ބޮޑު ހިލަ ބަލްކްކޮށް ގެނެސް ރާއްޖޭގައި ސްޓޮކްޕައިލް ކުރުމުގެ ޚާއްސަ މަސައްކަތްތަކެއް ސަރުކާރުގެ ކަމާބެހޭ މިނިސްޓްރީތަކާ ކުންފުނިތަކުން ގުޅިގެން ވަނީ ފަށާފައި.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛
އެއްގަމު މަގުން ފެންވަރު ރަނގަޅު، ދެމެހެއްޓެނިވި ޓްރާންސްޕޯޓް އިންފްރާސްޓްރަކްޗަރ ޤާއިމް ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މި ވޭތުވެދިޔަ އަހަރުގެ ތެރޭގައި 6 ރަށެއްގެ މަގު ތަރައްޤީކުރުމުގެ މަޝްރޫޢު ވަނީ ނިމިފައި. އަދި މި ދިޔަ އަހަރު އަލަށް ސޮއިކުރެވުނު 57 މަޝްރޫޢާއެކު، މަގު ހެދުމުގެ 97 މަޝްރޫޢެއްގެ މަސައްކަތް، ރާއްޖޭގެ އެކި ކަންކޮޅުގައި، އެކި މަރުހަލާގައި ކުރިއަށް އެބަދޭ. މިއަހަރު ތެރޭގައި އިތުރު 13 ރަށެއްގައި މަގު ހެދުމުގެ މަސައްކަތް ކުރުމަށް ޙަވާލު ކުރެވޭނެ. އިރާދަކުރެއްވިއްޔާ މި 110 ރަށުގެ މަގުހެދުމުގެ މަޝްރޫއުތައް ކުރިޔަށް އޮތް 22 މަސް ދުވަހުގެ ތެރޭގައި ނިންމާ ޙަވާލު ކުރާނަން. މަގު ހެދުމުގައި، ލޯކަލް ޓޫރިޒަމް ކުރިއަރަމުން އަންނަ ގިނަ ރަށްތަކެއްގެ ރައްޔިތުން އެދިފައިވާ ގޮތަށް ރަނގަޅު ފެންވަރުގެ ފެން ހިންދާ ނިޒަމާއެކު ވެލި މަގުތައް ހެދުމަށް ވާނީ ނިންމާފައި.
މަގު ހެދުމުގެ މަޝްރޫޢުތައް ކުރިޔަށް ގެންދިޔުމުގެ މަސައްކަތްތައް ހަލުއި ކުރުމަށާއި އެކި މެޝިނަރީ އާއި އިކުއިޕްމަންޓް ކުއްޔަށް ނަގަންޖެހި މަޝްރޫއުތަކުގެ ޚަރަދު ބޮޑުވާ މައްސަލަ ޙައްލު ކުރުމަށްޓަކައި، އެއްފަހަރާ ގިނަ ރަށްތަކެއްގެ މަސައްކަތް ޚަރަދު ކުޑަކޮށް އަމިއްލަ ކެޕޭސިޓީގައި ކުރެވޭ ވަރަށް، ކަމާގުޅޭ ޒަމާނީ އެންމެހާ މެޝިނަރީ އާއި އިކުއިޕްމަންޓް، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް މިއަހަރު އެޕްރީލް މަސް ނިމުމުގެ ކުރީން ގެނެވޭނެ. މިގޮތަށް ގެނެވޭ މެޝިނަރީގެ އެއް ސެޓަޕް ގުޅިފަޅަށް މޮބިލައިޒްކޮށް، ސަރުކާރުގެ ކަމާބެހޭ އެންމެހާ މިނިސްޓްރީތަކާއި ކުންފުނިތައް ގުޅިގެން، ގުޅިފަޅުގެ ފެނާ ނަރުދަމާ އާ ކަރަންޓު އަދި މަގު ހެދުމުގެ މަސައްކަތް މިއަހަރުގެ މެއި މަހުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ފަށާނަން. ހަމަ އެފަދައިން، ގިރާވަރުފަޅުގެ ބިން ހިއްކާ ނިމުމުން، އިތުރު ސެޓަޕެއް ގިރާވަރުފަޅަށް ގެންގޮސް، ގިރާވަރުފަޅުގެ ފެނާ ނަރުދަމާ އާ ކަރަންޓު އަދި މަގު ހެދުމުގެ މަސައްކަތް މިއަހަރުގެ މެދު ތެރޭގައި އިރާދަކުރެއްވިއްޔާ ފަށާނަން.
މީގެ އިތުރުން، ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ހަދަން ހަމަޖެހިފައިވާ މާލެ އަދި ވިލިމާލޭގެ މަގުތައް އަލުން ތަރައްޤީކުރުމުގެ މަޝްރޫއުގެ ޑިޒައިން މަސައްކަތްތައް މި އަހަރު ކުރީކޮޅު ފެށުމަށް ވަނީ ހަމަޖެހިފައި. އަދި ޢަމަލީ މަސައްކަތް މި އަހަރުގެ ފަހު ކޮޅު ފެށޭނެކަމަށް ލަފާކުރެވޭ.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛
މަގު ހެދުމާ ގުޅިލާމެހިފައިވާ ފެނާ ނަރުދަމާގެ މަސައްކަތްތަކަށް އަލިއަޅުވާލާއިރު، 17 ނޮވެމްބަރު 2023 ގެ ފަހުން 42 ރަށުގައި ފެނުގެ ނިޒާމު ޤާއިމުކޮށް ޚިދުމަތްދޭން ފަށާފައިވާއިރު، 39 ރަށުގައި ނަރުދަމާ ނިޒާމް ޤާއިމުކޮށް ޚިދުމަތްދޭން ފަށާފައިވޭ. އެހެންކަމުން އިތުރު 51 ރަށުގައި ފެނުގެ ނިޒާމް، 40 ރަށުގައި ނަރުދަމާ ނިޒާމް ޤާއިމުކުރެވެމުން ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމުކޮށް ނިމުނީ. އިރާދަކުރެއްވިއްޔާ، މި ހުރިހާ މަޝްރޫޢުތައް ނިންމާ، މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ކުރިޔަށް އޮތް 18 މަސް ދުވަހުގެ ތެރޭގައި ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދޭން ފަށާނަން. މާލެ ފިޔަވައި އާބާދީ އެންމެ ބޮޑު އައްޑޫސިޓީގެ ފެނުގެ ޚިދުމަތް ތަރައްޤީ ކުރުމަށް ކުރިޔަށް ގެންދެވޭ މަޝްރޫޢުގައި ހިމެނޭ ފެން އުފައްދާ ނިޒާމްގެ މަސައްކަތް ނިންމާ މިއަހަރުގެ އޭޕްރީލް މަސް ނިމުމުގެ ކުރިން އިރާދަކުރެއްވިއްޔާ ޚިދުމަތް ދޭން ފެށޭނެ. މާލޭ ސަރަހައްދުގެ ފެނުގެ ޚިދުމަތުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ދަށުން، މާލެއާއި ހުޅުމާލޭގެ ފެނުގެ ވިޔުގަ ސިނަމާލެ ބުރިޖް މެދުވެރިކޮށް ގުޅާލާ މިހާރުވަނީ ބޭނުންކުރަންފަށާފައި. އަދި، މާލެ ސަރަހައްދުގައި ފެން ރައްކާކުރުމުގެ ޤާބިލުކަން އިތުރު ކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން 10 ހާސް ޓަނުގެ ތާނގީއެއްގެ މަސައްކަތް މިދިޔަ އަހަރު ނިންމާ މިހާރު ވަނީ ބޭނުންކުރަން ފަށާފައި. މީގެ އިތުރަށް 13 ހާސް ޓަނުގެ ދެ ތާނގީ މާލޭގައި ބެހެއްޓުމުގެ ޢަމަލީ މަސައްކަތް ވެސް މިހާރު ވަނީ ފަށާފައި. އަދި ހުޅުމާލޭގައި އިތުރުވަމުންދާ އާބާދީއާއި ހިޔާސަރަހައްދަށް އަމާޒުކޮށް އިތުރު 13 ހާސްޓަނުގެ ފެން ރައްކާކުރުމުގެ ޢަމަލީ މަސައްކަތް މިއަހަރު ފެށޭނެ. މި މަސައްކަތްތައް 2027 ގައި ނިމިގެން ދާއިރު މާލެ ސަރަހައްދުގެ ފެން ރައްކާކުރުމުގެ ޤާބިލުކަން %130 އިރާދަކުރެއްވިއްޔާ އިތުރު ވެގެން ދާނެ. މީގެ އިތުރުން، މާލޭ ސަރަހައްދުގައި ފެންއުފެއްދޭ މިންވަރު 2025 ވަނަ އަހަރުގެ ތެރޭގައި %16 އިތުރު ކުރެވިފައިވާއިރު، މިހާރު ކުރިޔަށްދާ 5000 ޓަނުގެ މަސައްކަތް މިއަހަރުގެ މާޗް މަހުގެ ނިޔަލަށް ނިމުމާއެކު މާލެ ސަރަހައްދުގައި ފެން އުފެއްދުމުގެ ޤާބިލްކަން %25 އަށް އިރާދައްކުރެއްވިއްޔާ އިތުރު ވެގެންދާނެ.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛
ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމް ކުރެވޭ މިފަދަ ޢުމްރާނީ ވަސީލަތްތައް ރަނގަޅު ގޮތުގައި ބެލެހެއްޓުމަކީ، ނުވަތަ ރަނގަޅު މެއިންޓެނަންސް ޝެޑިޔުލެއްގެ މަތީން މެއިންޓެއިން ކުރުމަކީ، ދެމެހެއްޓެނިވި، ޚަރަދު ގެ ގޮތުން ދެކޮޅު ޖެހޭ ސިޔާސަތެއްގެ މަތީން ރައްޔިތުންނަށް ތަރައްޤީ ފޯރުކޮށްދިނުމުގައި، ކަންކުރަންވާނޭ ގޮތް. އެގޮތުން، އަތޮޅުތަކަށް ޕަބްލިކް ވަރކްސްގެ ޚިދުމަތް ފުޅާކުރުމަށްޓަކައި މިހާރު އެ ޚިދުމަތް ޤާއިމް ކުރެވިފައި ނުވާ 15 އަތޮޅުގެ 19 ރަށުގައި ޕަބްލިކް ވަރކްސް ޔުނިޓް ތައް އެންމެ ޒަމާނީ ވަސީލަތްތަކާއެކު މިއަހަރު މެދުތެރޭގައި ޤާއިމްކޮށް ނިމޭނެ. މި އިންތިޒާމް ހަމަޖެހުމުން ރަށްރަށުގައި ޤާއިމް ކުރާ ޢުމްރާނީ ވަސީލަތްތަކުގެ މެއިންޓެނަންސް ކަންކަން ބެލެހެއްޓުމުގެ ތެރެއިން ބަނދަރު ތެރެ ތިލަވުމުން ފުންކުރުމާއި ނެރުމަތި ތިލަވުމުން ނެރު ފުންކުރުމާއި ބަނދަރުގެ އެކިކަހަލަ މަރާމާތުތައް ކުރުމާއި މަގުތައް މަރާމާތު ކުރުމާއި، އިމާރާތްތަކާއި އެކިކަހަލަ ޢުމްރާނީ ވަސީލަތްތަކުގެ މެއިންޓެނަންސް އާއި މަރާމާތުގެ މަސައްކަތް މިހާރަށްވުރެ ހަލުވިކޮށް، ވަރަށް ކުޑަ ޚަރަދެއްގައި، އަދި ރިލަޔަބަލްކޮށް، އިރާދަކުރެއްވިއްޔާ ކުރިޔަށް ގެންދެވޭނެ.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛
ޢުމްރާނީ ތަރައްޤީގެ ރޮގުން ޤައުމު ތަރައްޤީ ކުރާއިރު ސަރުކާރުގެ ސިޔާސަތަކީ އަބަދުވެސް ދެމެހެއްޓެނިވި ތަރައްޤީއަށް އިސްކަންދިނުން. ދެމެހެއްޓެނިވި ތަރައްޤީއަށް އިސްކަން ދެވޭނީ، އަޅުގަނޑުމެންގެ ނާޒުކު ތިމާވެށި ހިމާޔަތްވާނޭ ފަދަ ގޮތަކަށް ތަރައްޤީގެ މަސައްކަތްތައް ބައްޓަން ކޮށްގެން. މި ކަމަށްޓަކައި، ސަރުކާރުން މުހިންމު ކްލައިމެޓް އެޑެޕްޓޭޝަން މަސައްކަތްތަކެއް މި ގެންދަނީ ކުރަމުން.
އާދަޔާ ޚިލާފަށް ރަށްގިރުމަކީ ރާއްޖޭގެ ރަށްރަށަށް ދިމާވާ ތިމާވެށީގެ އެންމެ ބޮޑު އެއް މައްސަލަ. މި މައްސަލައަށް ހައްލު ހޯދުމުގެ ގޮތުން ކޯސްޓަލް ޒޯން މެނޭޖްމަންޓުގެ ޤައުމީ ސިޔާސަތެއް ވާނީ އެކުލަވާލާފައި. އަދި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ގޮނޑުދޮށަށް 2015 އިން 2023 އަށް އައިސްފައިވާ ބަދަލުތަކުގެ މަޢުލޫމާތު ރިމޯޓް ސެންސިންގއާއި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ވާނީ އެއްކޮށްފައި. މި ވޭތުވެ ދިޔަ އަހަރު ރަށްގިރުން ޙައްލު ކުރުމުގެ ބޭނުމުގައި ހިންގުނު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުތަކުގެ ތެރެއިން 6 ރަށެއްގެ މަސައްކަތް މުޅިން ނިމިފައިވޭ. މި ދިޔަ އަހަރުގެ ތެރޭގައި އަލަށް ސޮއިކުރެވުނު 14 މަޝްރޫޢާއެކު، އެކި މަރުހަލާތަކުގައި ޖުމްލަ 62 ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ކުރިޔަށް އެބަދޭ. އަދި މިއަހަރު ތެރޭގައި އިތުރު 15 ރަށެއްގައި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ފެށިގެންދާނެ. އިރާދަކުރެއްވިއްޔާ މި 77 މަޝްރޫޢު ކުރިޔަށް އޮތް 18 މަސް ދުވަހުގެ ތެރޭގައި ނިންމާ ޙަވާލުކުރާނަން.
ހަމަ އެއާއެކު، ކުނި މެނޭޖުކުރުމަށް އެކަށީގެންވާ ހަރުދަނާ ނިޒާމެއް ގިނަ ރަށްރަށުގައި ނެތުމަކީ އޭގެ ސަބަބުން ރައްޔިތުން ބޮޑު ތަކްލީފެއް އުފުލަންޖެހިފައިވާ ކަމެއް. އެހެންކަމުން، ކުނި މެނޭޖް ކުރާ މަރުކަޒުތައް ގާއިމުކޮށްފައިނުވާ 135 ރަށެއްގައި މަރުކަޒުތައް ގާއިމުކުރުމަށް އެއްބަސްވުންތަކުގައި ސޮއިކޮށް މަސައްކަތް ވަނީ ފަށާފައި. އިރާދަކުރެއްވިއްޔާ މި ހުރިހާ ރަށެއްގެ މަސައްކަތް ކުރިޔަށް އޮތް 15 މަސް ދުވަހުގެ ތެރޭގައި ނިންމާ ޙަވާލު ކުރާނަން.
މީގެ އިތުރުން، ތިމާވެށި ހިމާޔަތް ކުރުމަށްޓަކައި، ރާއްޖޭގެ ވެށްޓަކީ ފެހިކަން ގަދަ ވެށްޓަކަށް ހެދުމުގެ ބޭނުމުގައި، ކްލައިމެޓް މިޓިގޭޝަންގެ ޚާއްސަ މަޝްރޫއެއްގެ ގޮތުގައި 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި 5 މިލިއަން ގަސް އިންދުމުގެ މަޝްރޫއެއް ވާނީ ފަށާފައި. މިއަދާ ހަމަޔަށް އައި އިރު މި މަޝްރޫޢުގެ ދަށުން 1.5 މިލިއަން ގަސް ވަނީ އިންދާފައި. މި އަހަރު ތެރޭގައި އިތުރު 1.0 މިލިއަން ގަސް އަދި 2027 ގައި 1.5 މިލިއަން އަދި 2028 ގައި 1.0 މިލިއަން ގަސް އިންދުމަށް ވަނީ ޕްލޭން ކުރެވިފައި.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛
ދިވެހި އިޤްތިޞާދު ހަރުދަނާކޮށް ކުރިއެރުވުމުގައި ދިވެހި އިޤްތިޞާދުގެ ލޭނާރު ކަމުގައިވާ މަސްވެރިކަމަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހޭ. އެތައް އަހަރެއް ވަންދެން އަޅާނުލާ ނިކަމެތިކޮށްލާފައި އޮތް މަސްވެރިކަމުގެ ސިނާޢަތަކީ އަޅުގަނޑުމެންގެ ކާބަފައިން އަޅުގަނޑުމެންނާ ހަމައަށް ފޯރުކޮށްދިން އެންމެ ވަރުގަދަ ޞިނާޢަތު. މި އަޅާ ނުލުމާ ބާކީ ކުރުން ނިމުމަކަށް ގެނައީ މި ސަރުކާރުން. އެގޮތުން، މަސްވެރިންނާ ގާތުން މަސްވެރިންގެ އަޑު އަހައިގެން މަސްވެރިކަމުގެ ސިނާޢަތަށް އުޖާލާކަން ގެނެސްދިނުމުގައި އިރާދަކުރެއްވިއްޔާ މި ސަރުކާރުން ސާބިތުކަމާއެކު ކުރިޔަށްދާނަން.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛
މަސްވެރިކަމުގެ ސިނާޢަތަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ރޯމަސް ރައްކާކުރާނެ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ ކުޑަވުން. މި ކަމަށް ހައްލެއް ހޯދުމުގެ ގޮތުން، ގދ. ތިނަދޫ ސިޓީ، ޅ.ފެލިވަރު، މ. މުލައް، ގއ. ކޫއްޑޫ، އައްޑޫ ހުޅުދޫ، ހއ.އިހަވަންދޫ، ގދ. ފިޔޯރީ އަދި ފ. ނިލަންދޫގައި ކޯލްޑް ސްޓޯރޭޖް ޤާއިމުކުރުމަށް ހިންގާ މަޝްރޫޢުތައް، އިރާދަކުރެއްވިއްޔާ ކުރިޔަށް އޮތް 15 މަސް ދުވަސް ތެރޭގައި ނިންމާ ޙަވާލު ކުރާނަން. މަސްވެރިންނަށް ބޭނުންވާ އައިސް ފޯރުކޮށްދިނުމަށް ގއ. ދެއްވަދޫ، ށ. ފުނަދޫ، ދ. މީދޫ އަދި ބަނޑިދޫގައި އައު އައިސް ޕްލާންޓް ގާއިމުކޮށް މިހާރު ވާނީ ޚިދުމަތް ދޭން ފަށާފައި. މ. ވޭވަށާއި ލ. މާބައިދޫގެ އައިސް ޕްލާންޓްތަކުގެ މަސައްކަތް އިރާދަކުރެއްވިއްޔާ މިއަހަރުގެ މެދު ތެރޭގައި، ނިމި ޚިދުމަތް ދޭން ފެށޭނެ. އަދި ހއ. ދިއްދޫ، އއ. ރަސްދޫ، ގދ. ރަތަފަންދޫ، ހދ. ކުޅުދުއްފުށި ގއ.ވިލިނގިލި، ގއ. ނިލަންދޫ، ކ.ގާފަރު، ދ.ހުޅުދެލި، ށ. ކޮމަންޑޫ، ޅ. ނައިފަރު، ލ. މާވަށް އަދި ލ. ހިތަދޫގައި އައިސް ޕްލާންޓްތައް ބިނާކުރުމުގެ މަސައްކަތްތައް ނިންމާ ، އިރާދަކުރެއްވިއްޔާ މިއަހަރު ތެރޭގައި ޚިދުމަތް ދޭން ފަށާނަން. މަސްވެރި އުޅަނދު ފަހަރުގައި ރެފްރިޖެރޭޓަޑް ސީ ވޯޓަރ ނުވަތަ RSW ނިޒާމް ހަރުކުރުމަށް ބާރު އެޅުމުގެ ގޮތުން މިހާތަނަށް 45 ފަރާތެއްގެ ފެސިލިޓީ އެޕްރޫވްވެ، 25 މިލިއަން ރުފިޔާ ވާނީ ދޫކޮށްފައި. އަދި، އިތުރު 200 މަސްދޯންޏަށް އަމާޒުކޮށް އެސްއެމްއީ ޑިޖިޓަލްއިން ވަނީ އާރު.އެސް.ޑަބްލިޔު ފައިނޭންސިންގ އެޕްލިކޭޝަނަށް ހުޅުވުލާފައި.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛
މަސްވެރިންނަށް ދިމާވާ އެންމެ ބޮޑު އަނެއް ދައްޗަކީ ރާއްޖޭގެ ހުރިހާ ސަރަޙައްދަކުން ހެޔޮ އަގުގައި ތެޔޮ ލިބުމުގައި ހުރި ދަތިކަން. މިކަން ޙައްލު ކުރުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، STO ރޭޓުގައި ތެޔޮ ލިބޭނޭ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން STO ގެ ފުރަތަމަ ފިއުލް ސްކިޑް ރ. ދުވާފަރުގައި 13 ޑިސެމްބަރު 2025 ގައި ވަނީ ހުޅުވާފައި. އިރާދަކުރެއްވިއްޔާ ކުރިޔަށް އޮތް 3 މަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި STO ގެ ފިއުލް ސްކިޑްތައް ހުޅުވިގެންދާނެ.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛
މަސްވެރިންނަށް ދޭންޖެހޭ ފައިސާ، 2024 ޑިސެމްބަރ 10 އިން ފެށިގެން، 48 ގަޑިއިރު ތެރޭގައި މިދަނީ ދެމުން. މިގޮތުން 2024 ޑިސެމްބަރ 10 އިން ފެށިގެން މެދު ނުކެނޑި 3 ފެބްރުއަރީ 2026 ގެ ނިޔަލަށް 1,016,329,376 ރުފިޔާ ވަނީ ދޫކުރެވިފައި.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛
ބޮޑު ކަންނެލި މަސްވެރިންގެ ކަންބޮޑުވުންތަކާއި ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ވެސް މިދަނީ މަސައްކަތްތަކެއް ކުރަމުން. ކަޅުބިލަމަހުގެ މަސްވެރިންނެކޭ އެއްގޮތަށް، ބޮޑު ކަންނެލި މަސްވެރިންނަށް ވެސް، އަގު ހެޔޮކޮށް ތެޔޮ ފޯރުކޮށްދިނުމަށް ބޭނުންވާ އިންތިޒާމުތައް މިދަނީ ހަމަޖައްސަމުން. ބޮޑު ކަންނެލި މަސްވެރިންނަށް ރަނގަޅު މަންފާއެއް ލިބޭނީ ކަންނެލި އެކްސްޕޯޓުކުރާ ކުންފުނިތަކަށް ބޭނުންވާ ޒަމާނީ ޕެކިންގ ފެސިލިޓީއެއް ގާއިމުކޮށްގެން ކަމަށް ވާތީ، ހުޅުމާލޭގައި މިފަދަ ފެސިލިޓީއެއް އެޅުމުގެ އަމަލީ މަސައްކަތް މި އަހަރު، އިރާރަކުރެއްވިއްޔާ ފަށާނަން. މިކަމަށްޓަކައި ހުޅުމާލޭގައި ގާއިމުކުރަން ހަމަޖެހިފައިވާ 100 ޓަނުގެ ޕެކިންގ ފެސިލިޓީ އެޅުމަށް ބޭނުންވާ 25,000 އަކަފޫޓުގެ ބިމުގެ އެއްބަސްވުމުގައި ސޮއިކޮށް، މިފެސިލިޓީގެ އަމަލީ މަސައްކަތް މި އަހަރުގެ މެދުތެރޭގައި އިރާދަކުރެއްވިއްޔާ ފެށިގެންދާނެ. އަދި، ސަރުކާރުން ބޮޑު ކަންނެލި ގަތުމަށް ކުރަން ޖެހޭ މަސައްކަތްތައްވެސް ވަރަށް ބާރަށް ކުރިއަށް އެބަދޭ. ސަރުކާރުގެ އަމާޒަކީ ބޮޑު ކަންނެލި މަސްވެރިކަން ތަރައްގީކޮށް ބޮޑުކަންނެލި މަސްވެރިކަމުން ލިބޭ އިގްތިސާދީ ނަފާ އިހުނަށްވުރެ އިތުރުކުރުން.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛
މަސްވެރިކަމުގެ ސިނާޢަތުގައި ކަނދުފައްޗަކީ މުހިއްމު ދައުރެއް އަދާކުރާ ވަސީލަތެއް. އެ ސަބަބަށްޓަކައި، ކަނދުފަތީގެ ވިއުގަ އިތުރަށް ފުޅާ ކުރުމަކީ މިސަރުކާރުގެ ސިޔާސަތު. ކަނދުފަތި ކެނޑޭ މިންވަރު މަދުކޮށް، ކަނދުފަތީގެ ޢުމުރު ދިގުކުރެވޭނެ ގޮތްތައް އިތުރަށް ބަލައި ހޯދުމަށް ޑިޒައިނަށް ބަދަލުގެނައުމުގެ މަސައްކަތް އެބަކުރަން. ވަދު ކަނދުފައްޗާއި ދޮށި ކަނދުފަތި އެޅުމުގެ މަޝްރޫޢުގެ ދަށުން މިދިޔަ އަހަރު 41 ކަނދުފަތި އަޅައި މިހާތަނަށް އެއް އަހަރެއްގައި އެންމެ ގިނަ ކަނދުފަތި ޤާއިމްކުރި އަހަރުގެ ގޮތުގައި 2025 ވަނަ އަހަރު ވެގެން ގޮސްފައިވާ ކަން ފާހަގަކުރަން.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛
މަސްވެރިންގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ރައްކާތެރިކަން ކަށަވަރުކުރުމަށް ޓަކައި މި ސަރުކާރުން ޤާއިމް ކުރި މަސްވެރިންގެ ޤައުމީ ދަފުތަރަކީ މި ދާއިރާއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމުގައި ދެކެން. މަސްވެރިކަމުގައި ހަރަކާތްތެރިވާ ދޯނިފަހަރުގެ 100 އިންސައްތަ ދޯނި ފަހަރު މިހާރު މި ދަފުތަރުގައި ބައިވެރިވެފައިވާކަން އުފަލާއެކު ފާހަގަކުރަން. މި ދަފުތަރުގެ ސަބަބުން މަސްވެރިންނަށް މިއަދު ފައިނޭންޝިއަލް ފެސިލިޓީތަކުގެ ޚިދުމަތްތައް ލިބެން ފަށައިފި. އެގޮތުން މިހާތަނަށް ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް 80 ފަރާތަކަށް ޖުމްލަ 10.4 މިލިއަން ރުފިޔާ ގެ ލޯނު ވަނީ ދޫ ކުރެވިފައި. ހަމަ އެއާއެކު، މަސްވެރިން މާލީ ދާއިރާގައި ބައިވެރިކުރުވުމުގެ ގޮތުން މަސްވެރިންގެ ގައުމީ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މަސްވެރިންނަށް އެމީހުންގެ އާމްދަނީއަށް ބިނާކޮށް ޕަރސަނަލް ފައިނޭންސިންގް، ކްރެޑިޓް ކާޑު އަދި ގެދޮރު ގަތުމާއި އިމާރާތްކުރުމާއި މަރާމާތު ކުރުން އަދި މަސްވެރިންގެ ދަރިންނަށް ތަޢުލީމު ދިނުން ފަދަ އެކި ބޭނުންތަކަށް ފަސޭހައިން ލޯނާއި ފައިނޭންސް ލިބޭނެ ގޮތްވެސް މި ވަނީ ހަމަޖައްސާފަ.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛
މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށް ދިނުމަށްޓަކައި 'މަހާ މަންފާ' ގެ ނަމުގައި އައު ފައިނޭންސިންގ ސްކީމެއް މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހުގެ ޙާރަކާތްތަކުގެ ތެރެއިން ތައާރަފްކުރިން. މި ސްކީމުގެ ދަށުން، މަސް ކައްކައި ހިއްކުމާއި، އުފެއްދުންތައް ބަންދުކުރުމާއި މަސް ރައްކާކުރާނެ ނިޒާމުތައް ގާއިމުކުރުމަށް 50,000 އާއި 400,000 ރުފިޔާއާ ދެމެދުގެ ފައިނޭންސިންގ އެހީތެރިކަން ލިބޭނެ. އަދި 200 މޫދުކޮށި ފައިނޭންސް ކޮށްދިނުމަށް ހަމަޖެހި، އިސްލާމީ އުސޫލުން 80,000 އާއި 640,000 ރުފިޔާއާ ދެމެދުގެ ލުއި ލޯނުތައް ފޯރުކޮށްދިނުމުގެ އިންތިޒާމްވެސް އޮތީ ހަމަޖެހިފައި.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛
މަސްވެރިކަމުގެ ވައްޓަފާޅިއަށް އަންނަ ބަދަލުތަކާއެކު، ސްޕޯޓްސް ފިޝިންގ ކުރިއެރުވުމަށްޓަކައި ކ. ބޮއްޗު ފަރު، ވ. މާދިއްގަރު ފަޅު، ގދ. ބޮލިމަތައިދޫ އަދި ގއ. މާފަރު ޚާއްޞަ ސަރަހައްދުތަކެއްގެ ގޮތުގައި ކަނޑައަޅައި، މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހު ވާނީ އެކަން އިއުލާނުކޮށްފައި. މި ސަރަޙައްދު ތަކުގައި ސްޕޯޓްސް ފިޝިންގ ބަނދަރުތައް ޤާއިމު ކުރަން ފެށުމުގެ ކުރިން ޤާނޫނަށް ގެންނަންޖެހޭ ބަދަލެއް ގެނައުމަށްޓަކައި މި ޢިއްޒަތްތެރި މަޖިލީހަށް މި އަހަރުގެ ފުރަތަމަ ދައުރުގައި އިރާދަކުރެވިއްޔާ ހުށަހަޅާނަން.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛
މަސްވެރިކަމުގެ އިތުރު ގޮފިތައް ފުޅާކުރުމުގެ ގޮތުން، މެރިކަލްޗަރ މަސައްކަތް ކުރާނެ ޚާއްޞަ ފަސް ޒޯނެއް ވަނީ ކަނޑައަޅާފައި. އެއީ ބޮޑުތިލަދުންމަތި، ރ. އަތޮޅު، ކ. އަތޮޅު، މ. އަތޮޅު އަދި ތ. އަތޮޅު. މި ސަރަޙައްދުތަކުގައި އިންވެސްޓްކުރާ ފަރާތްތަކަށް އެކުއިޒިޝަން ފީއަކާ ނުލައި، އަދި ފުރަތަމަ 3 އަހަރުގެ ކުލި ނުނަގާގޮތަށް ހަމަޖައްސައި، ބޮޑެތި ލުއިތަކެއްދޭ ގޮތަށް ވަނީ ހަމަޖެހިފައި. ހަމައެއާއެކު، ގއ. މާނާގަލާގައި މިހާރު ކުރިއަށްދާ މަލްޓި ސްޕީޝީޒް ހެޗަރީގެ މަސައްކަތްތައް ނިންމާ، އިރާދަކުރެއްވިއްޔާ މި އަހަރު އެ ތަނުގެ ޚިދުމަތްތައް ރަސްމީކޮށް ފެށޭނެ.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛
ދިވެހި އިޤްތިޞާދުގައި މިހާތަނަށް އެކަށީގެންވާ ގޮތަކަށް ސަރުކާރުތަކުން ސަމާލުކަން ދީފައި ނުވާ އެހެން ނަމަވެސް، ދެމެހެއްޓެނިވި ތަރައްޤީގެ ވިސްނުމުން ވިސްނާއިރު، އެންމެ ސަމާލުކަން ދޭންޖެހޭ އެއް ސިނާޢަތަކީ ދަރުވެރިކަމުގެ ސިނާޢަތް ކަމުގައި އަޅުގަނޑު ދެކެން. ވިލުންތެރި އިޤްތިޞާދެއް ޤާއިމްކުރުމަށްޓަކައި ރާއްޖޭގައި އުފެއްދޭ ކާބޯތަކެތީގެ ބާވަތްތަކުގެ ތެރެއިން މައިގަނޑު ބާވަތްތައް ރާއްޖޭގެ އާބާދީއަށް އެކަށީގެންވާ ވަރަށް އުފެއްދުމަށް މަސައްކަތްކޮށް، ފުޑް ސެކިޔުރިޓީ ޤާއިމްކުރުމަކީ، މި ސަރުކާރުގެ ސިޔާސަތު. މި އަމާޒަށް ވާސިލްވުމުގެ ގޮތުން، އެގްރިކަލްޗަރ އިންވެސްޓްމަންޓްތަކަށް ވަރަށް ފަހި މާޙައުލެއް މިހާރު ވަނީ ޤާއިމްކުރެވިފައި. އަދި ދަނޑުވެރިކަމުގެ ވިޔަފާރިތައް އިތުރުކޮށް، މިދާއިރާއަށް ޕްރައިވެޓް އިންވެސްޓްމަންޓް ގެނައުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި. 'ޕަބްލިކް ޕްއިވެޓް ޕަރޓްނަރޝިޕް'ގެ ދަށުން ކޮނޑޭގައާއި ކާށިދޫގައި ދަނޑުވެރިކަމުގެ މަޝްރޫޢެއް ފެށުމަށް މިހާރު ވާނީ ހުޅުވާލާފައި. އަދި، ލ. ގަމުގައާއި ހދ. ނޮޅިވަރަމުގައި މަޝްރޫޢުތައް ކުރިއަށްގެންދަން މި އަހަރު އިރާދަކުރެއްވިއްޔާ ހުޅުވާލާނަން. މި މަޝްރޫޢުތަކުގައި މަސައްކަތް ކުރާނީ، ރަށްރަށުގައި ދެމެހެއްޓެނިވި ދަނޑުވެރިކަން ކުރިއެރުވުމަށާއި، އުފެއްދުންތައް ގަނެވިއްކުމުގައި ދިމާވާ ދަތިތައް ފަދަ ރަށު ފެންވަރުގެ ދަނޑުވެރިންނަށް ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛
ޤައުމަށް ދެމެހެއްޓެނިވި، މާނަހުރި، ވަށާޖެހޭ ތަރައްޤީ ގެނެސްދެވޭނީ އިޤްތިޞާދީ ތަރައްޤީ އާއި އެކު އިޖްތިމާޢީ ތަރައްޤީ ޙާސިލް ކުރުމަކީ ގުޅި ލާމެހިފައިވާ ދެ ކަންތައްކަމުގައި ދެކިގެން ސިޔާސަތު ބައްޓަންކޮށް، އެގޮތުގައި މަސައްކަތްކޮށްގެން ކަމުގައި ދެކެން. އަޅުގަނޑުގެ ސިޔާސަތަކީ މިއީ. ތަޢުލީމީ ގޮތުން ޤާބިލް، ސިއްޙީގޮތުން ދުޅަހެޔޮ، ޖިސްމާނީގޮތުން ހަށިހެޔޮ، ނަފްސާނީ ގޮތުން ވަރުގަދަ، އަޚްލާޤީ ގޮތުން ޚުލްޤު ހެޔޮ ރައްޔިތެއް ދިރިއުޅޭ ޤައުމަކަށް މި ފަޚްރުވެރި ދިވެހި ޤައުމު ހެދުމަކީ އަޅުގަނޑުގެ ފަޚްރު. އަޅުގަނޑުގެ ޒިންމާ. އަޅުގަނޑުގެ މަސްއޫލިއްޔަތު. އެފަދަ މުޖުތަމަޢަކަށް އަޅުގަނޑުމެންގެ މުޖުތަމަޢު ވެގެން ދިޔުމަކީ އިޤްތިޞާދީ ގޮތުން ވިލުންތެރި، އިޖްތިމާޢީ ގޮތުން ހަމަޖެހޭ، ރައްކާތެރި ޤައުމަކަށް ހެދުމުގައި ވެސް ކޮންމެހެން ބޭނުންތެރިކަމެއް.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛
ތަޢުލީމީ ގޮތުން ޤާބިލް ޖީލެއް ބިނާކުރެވޭނީ މަދަރުސީ ތަޢުލީމުގެ ފެންވަރު މަތިކޮށްގެން. ތަޢުލީމީ ނިޒާމަށް ދެމެހެއްޓެނިވި ހެޔޮ ބަދަލުތަކެއް ގެނެސްގެން. މިހާތަނަށް ތަޢުލީމީ ދާއިރާގައި އަޅައިނުލާ ދޫކޮށްލާފައިވާ ގިނަ ކަންތައްތަކަކަށް ހައްލު ގެނައުމުގެ އިޚްލާސްތެރި މަސައްކަތްތަކެއް ކޮށްގެން. އެ މަސައްކަތްތައް މިސަރުކާރުން ވާނީ ފަށާފައި. މިގޮތުން، ފަށާ ތަޢުލީމުގެ މަރުހަލާގެ ދަރިވަރުންގެ އުނގެނުން، ހަރުދަނާގޮތެއްގައި މިންކުރެވިފައި ނުވާތީ، މި މަރުޙަލާ ނިންމާ ދަރިވަރުން ޙާޞިލުކުރަން ޤައުމީ މަންހަޖުގައި ކަނޑައަޅާފައިވާ ބައިތައް ޙާޞިލުވަމުން އަންނަ މިންވަރު ދެނެގަތުމަށްޓަކައި، ފަށާ ތަޢުލީމު ނިންމާ ގްރޭޑް 6 ގެ ދަރިވަރުންނަށް އަމާޒުކޮށް "ޤައުމީ މަންހަޖުގެ އިމްތިހާނު" ގެ ނަމުގައި، ޚާއްޞަ އިމްތިހާނެއް މިދިޔަ އަހަރު ދޭން ވާނީ ފަށާފައި. ހަމަ އެއާއެކު، ފަށާތަޢުލީމުގެ މަރުހަލާ ނިންމާ ދަރިވަރުންގެ ފެންވަރު ވަޒަންކޮށް، ބައިނަލްއަޤުވާމީގޮތުން ބެންޗުމާކު ކުރުމަށްޓަކައި، މިދިޔަ އަހަރު ކީ ސްޓޭޖް 1 އާއި ކީ ސްޓޭޖް 2 ނިންމި ދަރިވަރުންނަށް، އެސެސްމަންޓް އޮފް މިނިމަމް ޕްރޮފިޝެންސީ ލެވެލް (AMPL) އިމްތިހާނު ވަނީ ފުރަތަމަ ފަހަރަށް ޕައިލެޓް ކޮށްފަ. މިއަހަރު މި އިމްތިހާނު ރާއްޖޭގެ ސްކޫލުތަކުގައި ކުރިއަށް ގެންދެވޭނެ. މި އިމްތިހާނުގެ ނަތީޖާ އާއެކު، ރާއްޖޭގެ ދަރިވަރުންގެ ފެންވަރު އެހެން ޤައުމުތަކުގެ ދަރިވަރުންނާ އަޅާބެލޭނެ. މީގެ އިތުރުން، ފަށާތައުލީމުގެ މުޤައްރަރުތައް މުރާޖަޢާކޮށް، ކަރިކިއުލަމް އިންޓަގްރޭޝަން މޮޑެލެއް ތައްޔާރުކުރުމާއެކު، ކީ-ސްޓޭޖް 1 ގެ ދަރިވަރުންގެ ފޮތްތައް ތީމެޓިކް ފޮތްތަކެއްގެ ގޮތުގައި އަލުން އެކުލަވާލުމުގެ މަސައްކަތްވަނީ ފަށާފަ. ނަތީޖާއަކަށް ވާނީ، އެކިއެކި މާއްދާތަކުގައި ކިޔަވާ ފިލާވަޅުތައް ގުޅުވާލެވި، ދަރިވަރުންނަށް ފިލާވަޅުތައް ދަސްކުރަން ފަސޭހަވާނޭހެން އުނގެނުމާއި އުގަންނައިދިނުން ބައްޓަންވުން. މީގެއިތުރުން މޯލްޑިވްސް 2.0 އާ އެއްކީލިވާނޭހެން، މި އަހަރުގެ ދިރާސީއަހަރު، ތަޢުލީމީ ދާއިރާގެ މަޢުލޫމާތު ފަސޭހައިން ބެލެހެއްޓޭނެ ޑިޖިޓަލައިޒްޑް ނިޒާމެއް ޤާއިމްކުރެވޭނެ. މީގެ ނަތީޖާއަކަށްވާނީ ރިއަލްޓައިމް އަދި ޞައްޙަ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، އުނގެނުމާއި އުނގަންނައިދިނުމާގުޅޭ ނިންމުންތައް އެކަށައަޅައި ތަންފީޒުކުރަން މަގުފަހިވުން. މިކަމަށްޓަކައި، ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ޑިޖިޓަލް އިންފްރާސްޓްރަކްޗަރ އާއި އިކުއިޕްމަންޓް ޤާއިމު ކުރުމުގެ މަސައްކަތް މިއަހަރު އިރާދަކުރެއްވިއްޔާ ކުރިޔަށް ގެންދާނަން.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛
ސްކޫލުތަކުގައި ޢުމްރާނީ ވަސީލަތްތައް ޤާއިމްކޮށްދިނުމުގެ ގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް 142 ކުލާސްރޫމެއްގެ މަސައްކަތާއި، 9 މަލްޓިޕަރޕަސް ހޯލުގެ މަސައްކަތުގެ އިތުރުން، ސައިންސް ލެބް/ލައިބްރަރީ/ސްޓާފްރޫމް ފަދަ އެޑިޔުކޭޝަނަލް ސަޕޯޓް ފެސިލިޓީ ގެ 56 އެޑިޔުކޭޝަނަލް ސަޕޯޓް ފެސިލިޓީ ބިނާކުރުމުގެ މަސައްކަތް ވަނީ ނިންމާފައި. އަދި މި އަހަރުގެ ދިރާސީ އަހަރަށް އިތުރު 216 ކްލާސް ރޫމާއި 7 މަލްޓިޕަރޕަސް ހޯލް އަދި 250 އެޑިޔުކޭޝަނަލް ސަޕޯޓް ފެސިލިޓީ ވާނީ ނިންމާ ބޭނުން ކުރަން ފަށާފައި. ހަމަ އެއާއެކު، މިވަގުތު އިތުރު 955 ކްލާސް ރޫމާއި 78 މަލްޓިޕަރޕަސް ހޯލް އަދި 2923 އެޑިޔުކޭޝަނަލް ސަޕޯޓް ފެސިލިޓީ ގެ މަސައްކަތް އެބަ ކުރިޔަށްދޭ.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛
އަޅުގަނޑުގެ ސިޔާސަތަކީ ތަޢުލީމީ ދާއިރާގައިވެސް ޢަދުލުވެރިކަން ޤާއިމްކުރުން. ދިވެހި ކޮންމެ ކުއްޖެއް އަޅުގަނޑުގެ ކުރިމަތީގައި ހަމަހަމަ. އެ ކުއްޖެއްގެ ކިބައިގައި ހުންނަ ނުކުޅެދުންތެރިކަމަކުން އެ ކުއްޖާގެ ޙައްޤުތަކުން އެ ކުއްޖާ މަޙުރޫމް ވެގެން ނުވާނެ. އެގޮތުން ހުރިހާ ދަރިވަރުން ޝާމިލުކޮށްގެން ކިޔަވައިދިނުން، ނުވަތަ އިންކްލޫސިވް އެޑިޔުކޭޝަން ގެ ސިޔާސަތު އޭގެ އެންމެ ފުޅާ ގޮތުގައި ތަންފީޒު ކުރުމުގެ ޚާއްސަ މަޝްރޫއެއް މިއަހަރު އިރާދަކުރެއްވިއްޔާ ހިންގަން ފަށާނަން. މި ގޮތުން ބަލާއިރު، ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނަށް އުގަންނައިދޭނެ މުދައްރިސުން ލިބުމުގެ ދަތިކަމަކީ މިކަމުގައި ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުން. މިކަން ހައްލުކުރުމަށްޓަކައި، މުދައްރިސުން ތަމްރީނުކުރުމުގެ ޤައުމީ ޕްރޮގްރާމުގެ ތެރެއިން، އުނގެނުމުގައި ޚާއްޞައެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދޭނެ މުދައްރިސުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް މި ދިޔަ އަހަރު ވާނީ ފަށާފަ. މި އަހަރު މި ޕްރޮގްރާމް އިތުރަށް ފުޅާކުރެވޭނެ. މީގެއިތުރުން، ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ތަޢުލީމު ފޯރުކޮށްދިނުމަށް ބޭނުންވާ ޚާއްޞަ ކްލާސްރޫމްތަކާއި، އެކުދިންގެ ޙާލަތަށް ރިޔާއަތްކޮށް ޕްރައިވެސީ ލިއްބައިދޭގޮތަށް ފަރުމާކުރެވޭ ޚާއްސަ ފާޚާނާ ފަދަ ޚާއްސަ އެޑިޔުކޭޝަނަލަ ސަޕޯޓް ފެސިލިޓީ ތަކާއި، އުގެނުމަށާއި އުގަންނައިދިނުމަށް ބޭނުންވާ އިކުއިޕްމަންޓާއި ޑިވައިސްތައާއި ކަމާބެހޭ އެހެނިހެން ވަސީލަތްތައް ނެތް ހުރިހާ ސްކޫލުތަކުގައި އިރާދަކުރެއްވިއްޔާ މި އަހަރު މިހުރިހާ ކަމެއް ފުރިހަމަ ކޮށްދޭނަން. މީގެ ތެރޭގައި، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެކި މާއްދާތަކުގެ ޚާއްސަ ފޮތްތައް ތައްޔާރު ކުރުމާއި، އެކުދިންގެ ނުކުޅެދުންތެރިކަމާއި އެކަށީގެންވާ ގޮތެއްގައި އޯ ލެވެލް އަށް ތައްޔާރުވުމަށް ޚާއްސަ މަސައްކަތްތަކެއް ރާވާ ތަންފީޒުކުރަން، މިއަހަރު އިރާދަކުރެއްވިއްޔާ ފަށާނަން. މީގެ އިތުރުން، ދަރިވަރުގެ ނުކުޅެދުންތެރިކަން ހުރި ނިސްބަތަށް ނުވަތަ ނަފްސާނީ ޙާލަތު ހުރި މިންވަރަށް ބަލާފައި ހެދޭ އެސެސްމެންޓެއްގެ މައްޗަށް ބިނާކޮށް، ކަނޑައެޅޭ ޤަވާއިދަކާ އެއްގޮތްވާގޮތުގެ މަތީން އެފަދަ ކުދިންނަށް ހޯމް ސްކޫލިން ޕާތްވޭ ފަހިކޮށްދިނުމަށް ޤާނޫނަށް އިސްލާހު ގެނައުމަށް މި ޢިއްޒަތްތެރި މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގައި އިރާދަކުރެއްވިއްޔާ ހުށަހަޅާނަން. ހަމަ އެފަދައިން، ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންގެ ތެރެއިން ސިވިލް ސާރވިސް ވަޒީފާއަށްދާ ބެލެނިވެރިންނަށް ވަޒީފާ އަދާކުރުން ވޯކް ފްރޮމް ހޯމް އަށް ބަދަލު ކުރުމުގެ ފުރުސަތު މިއަހަރުގެ މާރޗް މަހުގެ 1 އިން ފެށިގެން އިރާދަކުރެއްވިއްޔާ ލިބިގެންދާނެ.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛
ސިއްޙީގޮތުން ދުޅަހެޔޮ ރައްޔިތަކަށް ދިވެހި ކޮންމެ ރައްޔިތެއް ހެދުމަކީ މި ސަރުކާރުގެ ތަރައްޤީގެ ސިޔާސަތުގެ އެންމެ މުހިއްމު އެއް އަސާސް . މިގޮތުން، ވަށާޖެހޭގޮތެއްގައި ސިއްޙީ ދާއިރާ ތަރައްޤީ ކުރެވޭނީ ބަލިބަލިން ރައްކާތެރިކުރުމުގެ ސިޔާސަތު (ޕްރިވެންޓިވް ހެލްތް ކެއަރ) އާއި ބަލިޖެހުމުން ރަނގަޅު ފަރުވާ ދީ ބަލިން ސަލާމަތް ކުރުމުގެ ސިޔާސަތު (ކިޔުރެޓިވް ހެލްތް ކެއަރ) އަށް އެއްވަރަކަށް ސަމާލުކަންދީ ދެ ސިޔާސަތުވެސް އެންމެ ފުޅާ ދާއިރާއެއްގައި ހަމަހަމަކަމާއެކު، ހުރިހާ ރައްޔިތުން ޝާމިލް ވާނޭހެން ތަންފީޒުކޮށްގެން ކަމުގައި އަޅުގަނޑު ޤަބޫލުކުރަން. އަދި، ސިއްޙީ ޚިދުމަތް ހޯދުމަށް ރާއްޖޭގެ ހުރިހާ ރައްޔިތުން މާލެއަށް ބަރޯސާވާން ޒަމާނުންސުރެ ޖެހިފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް މަސައްކަތް ކުރުމާއި ސިއްޙީ ޚިދުމަތް ހޯދުމަށް ރާއްޖެއިން ބޭރަށް ދާންޖެހޭ މިންވަރު މަދުކުރުމަށްވެސް މަސައްކަތް ކުރުމަކީ، މި ދާއިރާ ތަރައްޤީކުރުމުގައި، ޙާސިލް ކުރަންވީ އެންމެ ޢަދުލުވެރި ޙައްލު ކަމުގައި ދެކެން.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛
ދިވެހިންގެ އާންމު ޞިއްޙަތު ރައްކާތެރިކުރުމަށް މި ސަރުކާރުން ފަށާފައިވާ މަސައްކަތްތަކުގެ ތެރޭގައި މާލެ ސަރަހައްދުގައި ޖީޕީ އަދި އަރބަން ޕްރައިމަރީ ހެލްތްކެއަރ ސެންޓަރުތައް ޤާއިމްކުރުން ހިމެނޭ. މިގޮތުން ޤާއިމް ކުރި ފުރަތަމަ ސެންޓަރު މާލޭގައި ވާނީ ހުޅުވާފަ. މި ފަދަ ކްލިނިކްތައް ހުޅުމާލެ ފޭސް 2 އަދި 1 ގައި އަދި މާލޭގެ އިތުރު 2 ސަރަހައްދެއްގައި މި އަހަރު ތެރޭގައި އިރާދަކުރެއްވިއްޔާ ހުޅުވާނަން. މީގެ އިތުރުން، ކާބޯތަކެތީގައި އެކުލެވޭ ޕެސްޓިސައިޑް ރެސިޑިއު އާއި ހެވީމެޓަލްގެ މިންވަރު ބެލުމަށް ތަޙްލީލުތައް ހެދޭނެ ގޮތް މިއަހަރު ޤާއިމްކޮށް ފެށުމަށް ވަނީ ނިންމާފައި. ދުންފަތުގެ އިސްތިޢުމާލުކުރުމާ ދެކޮޅަށް ކުރާ މަސައްކަތްތަކުގެ ތެރެއިން ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ޤާނޫނަށް އިޞްލާޙު ގެނެސް، ދުންފަތުގެ އިސްތިޢުމާލު ކުރުމާގުޅޭ ޖެނެރޭޝަނަލް ބޭން ތަންފީޒުކުރަން ފަށައިފިން. ރާއްޖޭގެ ހުރިހާ ރަށެއްގައި ޓޮބޭކޯ ސިޒޭޝަންގެ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސައި 433 ޞިއްޙީ ޚިދުމަތްތެރިން މި ޚިދުމަތާ ގުޅޭގޮތުން ތަމްރީނުކޮށްފިން. ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓުވުމަށް ބޭނުންކުރާ ނިކޮޓިންގ ރިޕްލޭސްމަންޓް ތެރަޕީ އާސަންދަ ނިޒާމުގެ ތެރެއިން ރާއްޖޭގެ ހުރިހާ ހިސާބަކަށް ފޯރުކޮށްދިނުމުގެ އިންތިޒާމު ހަމަޖައްސައިފިން. އަދި، މިހާތަނަށް 2003 ރައްޔިތުން ޓޮބޭކޯ ސިޒޭޝަން ޕްރޮގްރާމް ގައި ބައިވެރިވެ، 375 ރައްޔިތުން ކާމިޔާބު ކަމާ އެކީ ދުންފަތުގެ އިސްތިޢުލާމު ކުރުމުން ދުރުވެއްޖެ.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛
ބެލެހެއްޓުންތެރިކަމެއްނެތި، އަޅައިނުލައި އެތައް އަހަރެއްވުމުގެ ސަބަބުން ގިނަ ރަށްރަށުގައި އެމްބިޔުލެންސްތައް ހުރީ ހަލާކުވެ މަރާމާތު ނުކުރެވޭ ހާލުގާ. އެހެންކަމުން އެ އެމްބިއުލޭންސްތަކުގެ ބަދަލުގައި އާ އެމްބިޔުލެންސް ފޯރު ކޮށްދިނުމުގެ މަޝްރޫޢެއް ފަށައި، މިހާތަނަށް 56 އެމްބިޔުލޭންސް މާލެ ގެނެސް ރަށްރަށާ މިހާރު ވަނީ ޙަވާލުކޮށްފާ. އިތުރު 31 އެންބިއުލާންސް އާއި 10 ޕެރަމެޑިކް އެމްބިއުލާންސް މިއަހަރުގެ މާޗް މަހުގެ ތެރޭގައި މާލެ ގެނެސް ރަށްރަށަށް ފޮނުވުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ ކުރިޔަށް ގެންދާނަން. ހަމަ އެފަދައިން، އެމް.އެން.ޑީ.އެފުން ބަލަހައްޓަވާ ދިވެހިރާއްޖޭގެ ސީ އެމްބިއުލާންސް ނިޒާމު ހަރުދަނާ ކުރުމަށް ވެސް ވަނީ ބޮޑެތި މަސައްކަތްތަކެއް ފަށާފައި. އެގޮތުން ދުވަސްވެފައިވާ ބައެއް ސީ އެމްބިއުލާންސް މަރާމާތުކޮށް ބޭނުންކުރެވޭ ހާލަތަށް ގެނެސްފައިވާއިރު، އިތުރު 12 ސީ އެމްބިއުލާންސް މިއަހަރު ޚިދުމަތަށް ނެރެވޭނެ. މިގޮތުން މިއަހަރު ޚިދުމަތަށް ނެރޭ ފުރަތަމަ ސީ އެމްބިޔުލެންސް ނ. ވެލިދޫގައި މިހާރު ވަނީ ސްޓޭޝަން ކޮށް ޚިދުމަތް ދޭން ފަށާފައި. އަދި އެއަރ އެމްބިޔުލެންސް ޚިދުމަތުގެ އަމިއްލަ ޤާބިލިއްޔަތުކަން ފުޅާކުރުމުގެ ގޮތުން، ރާއްޖެއިން ބޭރުގެ 4 ޤައުމަކަށް އެއަރ އެމްބިޔުލެންސް ގެ ދަތުރު ކުރެވޭ ގޮތަށް ހުރިހާ އިންތިޒާމެއް ނިމިދިޔަ އަހަރު ވާނީ ހަމަޖައްސާފައި. މިގޮތުން، 16 ނޮވެމްބަރ 2025 ގައި ސަރުކާރުގެ ޚަރަދުގައި ޔޫއޭއީ، ތައިލެންޑް، މެލޭޝިއާ އަދި ސިންގަޕޫރަށް އެއަރ އެމްބިޔުލެންސް ގައި ބަލި މީހުން އުފުލުމުގެ ހުރިހާ އިންތިޒާމްތައް ހަމަޖައްސާ އެއްބަސްވުމުގައި ވާނީ ސޮއިކޮށްފައި. ރާއްޖޭގެ އެތެރޭގެ އެއަރ އެމްބިޔުލެންސް ޚިދުމަތުގެ ޤާބިލިއްޔަތުކަން އިތުރު ކުރުމުގެ ގޮތުން މެޑިކަލް އިވެކުއޭޝަން ހެލިކޮޕްޓަރުގެ ޚިދުމަތް މިއަހަރު ތެރޭގައި އިރާދަކުރެއްވިއްޔާ ފަށާނަން.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛
ތެލެސީމިއާ ހުންނަ ފަރާތްތަކަށް ސަރުކާރުން އަޅާލަންޖެހޭ ވަރަށް އަޅާނުލާ ކުރިން އޮތް އޮތުން މި ސަރުކާރުން ނިމުމަކަށް ގެނެސް، ޙައްލު ކުރަންޖެހިފައިހުރި ކަންކަން ޙައްލު ކުރަން ވާނީ ފަށާފައި. މި ގޮތުން، ހުޅުމާލޭގެ އޮރެންޖް ހިޔާގައި ތެލެސީމިއާ ސެންޓަރ ހިންގުމަށްޓަކައި ބޭނުންވާނެ ހުރިހާ މަސައްކަތެއް އެމް.އެން.ޑީ.އެފް ގެ ޤައުމީ މަސައްކަތެއްގެ ގޮތުގައި، ކުރު މުއްދަތެއްގައި ކޮށް ނިންމާ، ހަލާކުވެ ވީރާނާވަމުން ދިޔަ ތެލަސީމިއާ ސެންޓަރު އޮރެންޖް ހިޔާއަށް ވަނީ ބަދަލު ކުރެވިފައި. އަދި އެތަނުގެ ހިންގުން މާލެސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްއާ ވަނީ ހަވާލުކުރެވިފައި. މިހާރު އެކުދިންނަށް ކުރިން ނުލިބޭ އެންޑޮކްރޮނޮލޮޖީ، އިންޓަރނަލް މެޑިސިން، ހިމަޓޮލޮޖީ ފަދަ ސްޕެޝަލިސްޓް އެކި ޚިދުމަތްތައް ދަނީ ލިބެމުން. އަދި، ތެލެސީމިއާ ހުންނަ ފަރާތްތަކަށް ޚިދުމަތް ކުރުމުގައި މި ސެންޓަރުގައި އެކަށީގެންވާ ވަރާ ގާތަށް ވެސް މުވައްޒަފުން ނެތް ނެތުން ބަދަލުކޮށް 38 އައު މަޤާމަށް ހުއްދަ ދީ 30 މުވައްޒަފުން މިހާރު ވަނީ ރެކްރޫޓްކުރެވިފައި. އަދި، ތެލަސީމިއާ ކުދިންނަށް ކޮންމެހެން ބޭނުންވާ އަދި ކުރިން ރާއްޖޭން ބޭރުން ނޫނީ ނުލިބޭ ޚިދުމަތެއްކަމުގައިވާ އެމް.އާރް.އައި ޓީޓޫ ސްޓަރގެ ޚިދުމަތް ވެސް، މިހާރު ހުޅުމާލޭ ހޮސްޕިޓަލުން ލިބޭނެ. މިހާތަނަށް 28 ފަރާތަކަށް މި ޚިދުމަތް ދެވިފައިވޭ. މީގެ އިތުރުން ހިލޭ ބޯންމެރޯ ޓްރާންސްޕްލާންޓް ހަދައިދޭން މި ސަރުކާރުން ފެށި ޕްރޮގްރާމްގެ ދަށުން، މިދިޔަ އަހަރު އިތުރު 10 ކުދިން ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ވަނީ ފޮނުވިފައި. 17ނޮވެންބަރު 2023 އިން ފެށިގެން މިހާތަނަށް ޖުމުލަ 24 ކުދިންނަށް ހިލޭ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމުގެ ފުރުސަތުވަނީ ދެވިފައި. މީގެ އިތުރުން، ތެލެސީމިއާ ކުދިންނަށް 2000ރުފިޔާގެ އެލަވަންސެއް މި އަހަރުން ފެށިގެން ދިނުމަށްވެސް ވާނީ ނިންމާފައި. އަދި، ތެލަސީމިއާގެ ބާވަތްތައް ޞިއްޙީ މިންގަނޑަކުން ތަޙްލީލު ކުރުމުގައި ލޭގައި ހިމެނޭ ހީމޮގްލޯބިންގެ 27 ބާވަތެއްގެ މިއުޓޭޝަނެއް ދެނެގަތުމަށް ހަދާ އޮޓަމޭޓެޑް ޑީ.އެން.އޭ ތަހްލީލުކުރާ ލެބޯރެޓަރީ ޤާއިމުކޮށް ފުރަތަމަ ފަހަރަށް ސަރުކާރުގެ ހޮސްޕިޓަލެއްގައި ހިދުމަތްދޭން މިހާރު ވަނީ ތައްޔާރުވެފައި. މި ޚިދުމަތުގެ ސަބަބުން މީގެ ކުރީން ދެނެނުގަނެވޭ ލޭގެ މިއުޓޭޝަންތައް ދެނެގަނެ، ތަހުލީލުތަކުގެ ފެންވަރު ރަގަޅުކޮށް އެއާ ގުޅިގެން ދެވޭ ލޭގެ ފަރުވާގެ ފެންވަރު އިތުރަށް މަތިކުރެވިގެންދާނެ. މި ޚިދުމަތް ކުރިއަށް އޮތް ހަފްތާގެ ތެރޭގައި މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ މޯލްޑިވިއަން ބްލަޑް ސަރިވިސަސް މެދުވެރިކޮށް ފޯރުކޮށްދޭން ފަށާނެ. ހަމަ އެއާއެކު، ތެލެސީމިއާ ހޮސްޕިޓަލް ޤާއިމްކުރުމުގެ މަސައްކަތް މިއަހަރު އިރާދަކުރެއްވިއްޔާ ފެށިގެންދާނެ.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛
ރާއްޖޭގައި އެންމެ ގިނަ މީހުން ފަރުވާ ބޭނުންވެ އެކަށީގެންވާ ފަރުވާ ދިނުމުގައި އިންސާނީ ވަސީލަތް ނެތް އެއް ދާއިރާގެ ގޮތުގައި، އެކި ކަހަލަ ތެރަޕީތައް ހިމެނޭ. އެހެން ކަމުން، މި ދާއިރާއިން 250 ދިވެހީން އުފެއްދުމަށްޓަކައި ރާއްޖޭގައި ޑިގްރީ ފެންވަރަށް ތަޢުލީމާއި ތަމްރީން ދިނުމުގެ ކޯސްތަކެއް ހިންގުމަށާއި ދަސްވެނިވާ ފަރާތްތަކާއެކު ހެދޭ ވަޒީފާގެ އެއްބަސްވުމެއްގެ ދަށުން ވަޒީފާއަށް ނެރުމަށްޓަކައި ދިވެހި ތެރަޕިސްޓުން އުފެއްދުމުގެ ޤައުމީ މަޝްރޫޢެއް މި އަހަރު ގެ މާރިޗު މަހުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ފަށާނަން. އަދި މިހާރުން މިހާރަށްވެސް ޙައްލެއް ހޯދުމުގެ ގޮތުން ސްޕީޗް ތެރަޕިސްޓުންނާއި، އޮކިޔުޕޭޝަނަލް ތެރަޕިސްޓުންނާއި ބިހޭވިޔަރަލް ތެރަޕިސްޓުން އަދި ފިޒިއޮތެރަޕިސްޓުންނާއި ސައިކޯތެރަޕިސްޓުން ހިމެނޭހެން ކުރިޔަށް އޮތް 6 މަސް ދުވަސް ތެރޭގައި ރާއްޖެއިން ބޭރުން 50 ތެރަޕިސްޓުން ގެނައުމަށް ނިންމާފައިވާ ވާހަކަ ދަންނަވަން. އަދި، ހުޅުމާލޭގައި ނޭޝަނަލް ޑިސްއެބިލިޓީ ސަރވިސަސް އެންޑް ތެރަޕީ ސެންޓަރ ގެ ނަމުގައި، ހުރިހާ ބާވަތެއްގެ ތެރަޕީގެ ޚިދުމަތް ލިބޭ، ސްޓޭޓް އޮފް ދަ އާރޓް ތެރަޕީ ސެންޓަރެއް ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް، އިރާދަކުރެއްވިއްޔާ މިއަހަރު މެދުތެރޭގައި ފަށާނަން. އަދި މި ސެންޓަރުގެ ގޮފިތައް އެހެން ހުރިހާ ސިޓީ ތަކެއްގައި ޤާއިމް ކުރުމުގެ މަސައްކަތްވެސް އެކުއެކީގައި ފެށިގެންދާނެ. މި ސެންޓަރުތަ ޤާއިމް ކުރެވުމުން، ތެރަޕީގެ ޚިދުމަތަށް ހިނގާ ހުރިހާ ޚަރަދެއް މިއަހަރު ޖެނުއަރީ 1 އިން ފެށިގެން އާސަންދަ ދޭ ގޮތަށް އޮތް އޮތުން މުރާޖަޢާކޮށް އެ ޚަރަދުން ވަކި އިންސައްތައެއް މި މަރުކަޒުތަކުން އެ ހުރިހާ ޚިދުމަތެއް އެންމެ ފެންވަރު ރަނގަޅުކޮށް، ހިލޭ ލިބިގެންދިޔުމަށް ހޭދަކުރާގޮތަށް ހަމަޖައްސާނަން.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛
ނަފްސާނީ ބަލީގެ ދާއިރާ އަކީ ވެސް ރާއްޖޭގައި ވަރަށް ބޮޑަށް އަޅާލުން ބޭނުންވެފައި އޮތް ވަރަށް މުހިއްމު ދާއިރާއެއް. މިކަމަށް އެކަށީގެންވާ ޙައްލު ގެނައުމުގެ ގޮތުން ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން، 24 ގަޑިއިރު ޚިދުމަތްދޭ ނޭޝަނަލް މެންޓަލް ހެލްތު ހެލްޕްލައިން 2025 ފެބްރުއަރީ 21 ގައި ޤާއިމުކޮށް މިހާތަނަށް 13741 ފަރާތަށް ވަނީ ޚިދުމަތް ދީފައި. އަދި، ހުޅުމާލެ ހޮސްޕިޓަލުގައި މުޅިން އަލަށް ނަފްސާނީ ބަލީގެ ފަރުވާގެ ޚިދުމަތް ޤާއިމުކޮށް ޚިދުމަތް ދޭން ފަށައިފިން. އަދި މިއަހަރު ޖެނުއަރީ 1 ވަނަ ދުވަހުން ފެށިގެން ނަފްސާނީ ބަލީގެ ހުރިހާ ފަރުވާއަކަށް އާސަންދަ ލިބޭ ގޮތް ވާނީ ހަމަޖައްސާފައި. މީގެ އިތުރުން، ރާއްޖޭގެ ބައެއް އެހެން ރަށްރަށުގެ ހޮސްޕިޓަލުގައި މިއަހަރު ނަފްސާނީ ބަލީގެ ފަރުވާގެ ޚިދުމަތް ޤާއިމުކޮށް ޚިދުމަތް ދޭން އިރާދަކުރެއްވިއްޔާ ފަށާނަން.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛
ޞިއްޙީ ދާއިރާ ތަރައްޤީ ކުރުމުގައި މި ސަރުކާރުން އެންމެ އިސްކަމެއްދޭ އަނެއް ދާއިރާ އަކީ ދަރިމައިވުމާ ގުޅޭ ފަރުވާތަކުގެ ދާއިރާ. މިގޮތުން 'އެންޑޮމެޓްރިއޯސިސް' އަދި 'ޕީ.ސީ.އޯއެސް' ފަދަ ޞިއްޙީ މައްސަލަތަކަށް ޚާއްޞަ ފަރުވާ، އާސަންދަ މެދުވެރިކޮށް ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމުގެ ނަތީޖާއެއްގެ ގޮތުން، މިހާތަނަށް 1965 ފަރާތަކުން ވަނީ އެންޑޮމެޓްރިއޯސިސް ފަރުވާ ހޯދާފައި. އަދި، 9650 ފަރާތަކުން ޕީސީއޯ އެސް ފަރުވާ ހޯދާފައިވޭ. އައި.ޔޫ.އައި“ އަދި ”އައި.ވީ.އެފް“ ގެ ފަރުވާ އާސަންދަ މެދުވެރިކޮށް ހޯދުމަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތު ފުރިހަމަވި ފަރާތްތަކުގެ ތެރެއިން 68 ފަރާތަކުން IVF ފުރިހަމަ ކޮށް، ﷲގެ ރަޙްމަތްފުޅުން 23 ފަރާތަކަށް ވަނީ IVF ކާމިޔާބު ވެފައި. މި ޚިދުމަތުގެ އެހީގައި މިއަހަރު ޖަނަވަރީ މަހު 7 އަދި 11ވަނަ ދުވަހު 2 ކުދިން އުފަންވެފައިވޭ. މީ ރާއްޖޭގައި ޒަމާންވީ ބޮޑު މައްސަލައަކަށް އަތުން ޚަރަދެއް ނުގޮސް ރާއްޖޭގައި ޢާއިލާއާ އެކު ތިބެގެން ލިބިގެން ދިޔަ ތާރީޚީ ކާމިޔާބީއެއް. ހަމަ އެއާއެކު، މި ސަރުކާރުން އުފެއްދި ފަރޓިލިޓީ ކެއަރ ފަންޑަށް ޖުމްލަ 30 މިލިއަން ރުފިޔާ ޖަމާކޮށް 93 ފަރާތަކުން މި ފަންޑުގެ އެހީގައި ފަރުވާ ހޯދާ، އޭގެ ތެރެއިން 20 ކުދިން އުފަންވެފައިވާކަން ފާހަގަކޮށްލަން. އަދި، މި ފަންޑު ބޭނުންކޮށްގެން މިއަހަރު އައި.ވީ.އެފް ހެދުމަށް މިހާތަނަށް އިތުރު 35 ފަރާތެއްވަނީ ޝަރުތު ފުރިހަމަވާކަމަށް ކަނޑައެޅިފައި.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން
ރައްޔިތުންނަށް ބޭނުންވާ އަސާސީ ބޭސްތައް މެދުކެނޑުމެއްނެތި ލިބޭނެ އިންތިޒާމު ކަށަވަރުކުރުމަށް ސަރުކާރުން އުފެއްދި އާ ކުންފުނި، ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް (ސްޓޭޓް ފާރމާ) އިން މިހާރު ވަނީ ރާއްޖޭއަށް ކޮންމެހެން ބޭނުންވާ ބޭސްތަކުގެ ތެރެއިން މިވަގުތު ލިބެން ނެތް ކްރިޓިކަލް ބޭސްތައް ރާއްޖެއަށް ގެނައުމުގެ މަސައްކަތް ފަށާފައި. އިރާދަކުރެއްވިއްޔާ މިއަހަރުގެ އެޕްރީލް މަސް ނިމުމުގެ މި ބޭސްތައް ލިބެންފަށާނެ. އަދި ޒިންމާދާރުކަމާއެކު ބޭސްތައް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، ސްޓޭޓް ފާރމާއިން މިހާރު ވަނީ ސަރަހައްދީ އަދި ބައިނަލްއަޤުވާމީ ބައިވެރިންނާއެކު މަސައްކަތް ފަށާފައި. އިރާދަކުރެއްވިއްޔާ ރައްޔިތުންގެ ޞިއްޙަތާއި ދުޅަހެޔޮކަން ރައްކާތެރިކުރުމުގެ ގޮތުން ބޭސް ފޯރުކޮށްދިނުމުގެ ނިޒާމުގައި ހުރި ދަތިތަކަށް ދާއިމީ އަދި ދެމެހެއްޓެނިވި ހައްލެއް މިއަހަރު ތެރޭގައި ކަށަވަރު ކޮށްދޭނަން.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛
ޞިއްޙީ ދާއިރާ ތަރައްޤީކުރުމުގެ ގޮތުން ޢުމްރާނީ އަދި ސިއްޙީ ވަސީލަތްތައް ޤާއިމު ކުރިނަމަވެސް، އެ ވަސީލަތްތައް ބޭނުންކޮށްގެން ޚިދުމަތްދޭނޭ ޚިދުމަތްތެރީން އެކަށީގެންވާ ވަރަށް ނެތްނަމަ، ރައްޔިތުންނަށް އެންމެ އެދެވޭ ގޮތުގައި ޚިދުމަތް ނުދެވޭނެ. އެހެންކަމުން، އިންސާނީ ވަސީލަތް ޤާއިމްކުރުމުގައި އެހެން އެއްވެސް ދާއިރާއަކަށް ނުދޭ އިސްކަން ސިއްޙީ ދާއިރާއަށް ދީ، އަތޮޅުތެރޭގެ ޞިއްޙީ ޚިދުމަތަށް 669 ޚިދުމަތްތެރީން، މާލެ ގްރޫޕް އޮފް ހޮސްޕިޓަލަށް 1042 ޚިދުމަތްތެރީން، ޖުމްލަ 1711 ޚިދްމަތްތެރީންނަށް މިހާތަނަށް ވަޒީފާ ހަމަޖައްސައިދެވިފައިވާނެ. އަދި، މި އަހަރު ހުޅުވޭ އެކި ޞިއްޙީ މަރުކަޒުތަކާއި، ހޮސްޕިޓަލް ތަކާއި އިތުރު ކުރެވޭ އެކި ޚިދްމަތްތަކަށް އިތުރަށް ބޭނުންވާ ޖުމްލަ 1957 ޚިދުމަތްތެރީންނަށް އެންމެ އިސްކަންދީގެން މިއަހަރު ތެރޭގައި އިރާދަކުރެއްވިއްޔާ ވަޒީފާ ހަމަޖައްސައިދޭނަން. އެކަމަށް ބޭނުންވާ ބަޖެޓު މިއަހަރަށް ފާސްކުރި ސިއްޙީ ދާއިރާގެ ބަޖެޓުގައި ވާނީ ހިމަނާފައި.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛
އަތޮޅުތެރޭގެ ޞިއްޙީ ޚިދުމަތް ހަރުދަނާކޮށް ޑައިގްނޯސްޓިކް ޚިދުމަތް ފުޅާކުރުމަށް ނިމިދިޔަ އަހަރު ގިނަ މަސައްކަތްތަކެއް ކުރެވުނު. އެގޮތުން، ރޭޑިއޮލޮޖީގެ ޚިދުމަތުގެ ތެރެއިން އެމް.އާރް.އައި، ސީޓީ ސްކޭން، އެކްސްރޭ އަދި އަލްޓްރާ ސައުންޑް ސްކޭނުގެ ޚިދުމަތް ފުޅާކުރުމުގެ ބޮޑު މަޝްރޫއެއް ވަނީ ފެށިފައި. ޑައިލިސިސްގެ ޚިދުމަތް މުޅިން އަލަށް 9 ރަށެއްގައި ޤާއިމުކޮށް ޚިދުމަތް ދޭންވަނީ ފަށާފައި. ޞިއްޙީ ދާއިރާގެ ޢުމްރާނީ ތަރައްޤީގެ 143 މަޝްރޫޢެއްގެ ޢަމަލީ މަސައްކަތް އަތޮޅު ތެރޭގެ 143 ރަށެއްގައި މި ސަރުކާރުން ފަށައިގެން ކުރިއަށް އެބަ ގެންދަން.
ހަމަ އެފަދައިން މާލޭ ސަރަހައްދުގައި ދެވޭ ޞިއްޙީ ޚިދުމަތްތައް ހަރުދަނާކުރުމަށްވެސް ގިނަގުނަ މަސައްކަތްތަކެއް ވަނީ ކުރެވިފައި. މިގޮތުން، ފާއިތުވި އަހަރު އައި.ޖީ.އެމް.އެޗްގައި 75 އެނދުގެ މަލްޓި ސްޕެޝަލިޓީ ސަރޖިކަލް ވޯޑެއް ޤާއިމްކޮށް ޚިދުމަތްދޭންވަނީ ފަށާފަ. އެ ގޮތުން، މުޅިން އަލަށް ބައެއް ސަރޖަރީތަކާއި ޕްރޮސީޖާތައް ވަނީ ފަށާފައި. ހުޅުމާލެ ހޮސްޕިޓަލުގެ ޚިދުމަތްތައް ފުޅާކުރުމުގެ ގޮތުން، އިމަރޖެންސީ ރޫމްގެ އެނދުގެ އަދަދާއި ޑަޔަލިސިސްގެ ޚިދުމަތުގެ އެނދުގެ އަދަދު އިތުރުކޮށް ޚިދުމަތް ދޭންވަނީ ފަށާފައި. އައި.ޖީ.އެމް.އެޗް އާއި ހުޅުމާލެ ހޮސްޕިޓަލުގައި އައިނު ފިހާރަ ހުޅުވައި އާސަންދައިގެ ދަށުން 2000 ރުފިޔާއަށް އައިނު ހެއްދުމުގެ މަގު ވަނީ ހުޅުވައިދެވިފައި. ނަތީޖާ އެއްގެ ގޮތުން މިހާތަނަށް 12988 މީހުން ލޯ ދައްކާފައިވާއިރު، 12056 ދިވެހި ރައްޔިތުން މި ނިޒާމުގެ ތެރެއިން ވަނީ އައިނު ހައްދާފައި.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛
މިއަހަރު، މާލެ ސަރަޙައްދުގައި ސިއްޙީ ދާއިރާއިން ފެށޭނެ ބޮޑެތި މަޝްރޫޢުތަކުގެ ތެރޭގައި، ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ވިލިމާލޭގައި ޤާއިމުކުރާ 100 އެނދުގެ ޓަރޝަރީ ހޮސްޕިޓަލްގެ ޢަމަލީ މަސައްކަތް ހިމެނޭ. އަދި، ހުޅުމާލެ ފޭސް 2 ގައި 500 އެނދުގެ މަލްޓި ސްޕެޝަލިޓީ ހޮސްޕިޓަލެއް ޤާއިމްކުރުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ މިއަހަރުގެ މެދު ތެރޭގައި ފަށާނަން. މީގެ އިތުރުން، ކެންސަރު ބައްޔަށް ފަރުވާ ދިނުމަށް ބޭނުންވާ ރޭޑިއޭޝަން ޗެމްބަރ ޤާއިމު ކުރުން ހިމެނޭހެން ކެންސަރު ބަލީގެ ޚިދުމަތްތަކަށް ޚާއްޞަ ޑައިގްނޯސްޓިކް ސެންޓަރެއް ޤާއިމު ކުރުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ މިއަހަރު މެދު ތެރޭގައި ފަށާނަން. ހަމަ އެއާއެކު، ހުޅުމާލެ ހޮސްޕިޓަލުގެ އެކްޓެންޝަންގެ ގޮތުގައި 250 އެނދުގެ މަލްޓި-ސްޕެޝަލްޓީ ޓާޝަރީ ހޮސްޕިޓަލެއް ބިނާކުރުމުގެ މަސައްކަތް ވެސް އިރާދަކުރެއްވިއްޔާ މިއަހަރު މެދު ތެރޭގައި ފަށާނަން. މީގެ އިތުރުން، ހުޅުމާލެ ހޮސްޕިޓަލުގައި އިތުރު އެމް.އާރް.އައި މެޝިނަކާއި، ޔޫރޯޑައިނަމިކް ޚިދުމަތާއެކު ޔޫރޮލޮޖީގެ ޚިދުމަތް ފެށުމާއި، އެންޑޯސްކޯޕީ ސުއީޓަކާއެކު ގޭސްޓްރޯއެންޓްރޮލޮޖީގެ ޚިދުމަތް ފެށުން އަދި އޯ.ޕީ.ޑީ އަދި އީ.އީ.ޖީ ޚިދުމަތް ހިމެނޭހެން ނިއުރޮލޮޖީގެ ޚިދުމަތް ފެށުމާއި ސީ.އެކްސް.އެލް ސާޖަރީ ތަޢާރަފުކޮށް، އޮފްތަލްމޮލޮޖީ ޚިދުމަތް ފުޅާކުރުމާއި ޑެންޓަލް ލެބޯޓްރީއެއް ޤާއިމު ކުރުން މިއަހަރު ތެރޭގައި އިރާދަކުރެއްވިއްޔާ ކުރިޔަށް ގެންދާނަން.
އަދި ހަމަ އެހެންމެ، މިއަހަރު ތެރޭގައި، އިރާދަކުރެއްވިއްޔާ ދަރުމަވަންތަ ހޮސްޕިޓަލްގައި ވަކިން ކެތުލެބެއް ގާއިމްކޮށް، ނެޝަނަލް ކާޑިއެކް ސެންޓަރ ތަރައްޤީކުރާނަން. އަދި، ކާޑިއޯތޮރެސިކް އެންޑް ވެސްކިޔުލަރ ސާޖަރީ، އިންޓަރވެންޝަނަލް ރޭޑިއޮލޮޖީ، ގެސްޓްރޯ އީއާރސީޕީ، އަދި ރޮބޮޓިކް ސާރޖަރީގެ ޚިދްމަތް ދަރުމަވަންތަ ހޮސްޕިޓަލާއި އައި.ޖީ.އެމް.އެޗްގައި މި އަހަރު، އިރާދަކުރެއްވިއްޔާ ފަށާނަން. މީގެ އިތުރުން، ދަރުމަވަންތަ ހޮސްޕިޓަލުގައި "ނޭޝަނަލް ސެންޓަރ ފޮރ ނިއުރޯސައިންސް އެންޑް ސްޓްރޯކް" ކުރިއަށް އޮތް ހަފްތާ ތެރޭގައި، އިރާދަކުރެއްވިއްޔާ ހުޅުވިގެންދާނެ. މި ސެންޓަރު ހުޅުވުމާއެކު، ރާއްޖޭގައި ނާރުގެ ބަލިތަކަށް ދެވޭ ފަރުވާ އައު ހަރުފަތަކަށް އިރާދަކުރެއްވިއްޔާ އުފުލިގެންދާނެ. މި ސެންޓަރުގެ ސަބަބުން މުސްތަޤުބަލުގައި ރޮބޮޓިކް ޓެކްނޮލޮޖީ ފަދަ ޒަމާނީ ވަސީލަތްތަކާއެކު ސިކުނޑިއާއި މައިބަދައިގެ އޮޕަރޭޝަންތައް ކުރެވި، މުޅި ރާއްޖެ ގުޅާލެވޭ ވިއުގައެއް މެދުވެރިކޮށް ސްޓްރޯކްގެ ބަލިމީހުންނަށް ހަލުވިކަމާއެކު ފަރުވާ ލިބޭނެ ނިޒާމެއް ގާއިމުވެގެންދާނެ. އަދި އަތޮޅުތަކުގެ ހޮސްޕިޓަލްތަކާ ގުޅިގެން ހިންގާ ޕްރޮގްރާމްތަކުގެ ސަބަބުން، ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ފެންވަރު ރަނގަޅު ނާރުގެ ފަރުވާ ލިބުމަށް މަގުފަހިވާނެ.
އަތޮޅު ތެރޭގައި މިއަހަރު ކުރިޔަށް ގެންދަން ހަމަޖެހިފައި ހުރި މަސައްކަތްތަކަށް ބަލާއިރު، ޓާޝަރީ ހޮސްޕިޓަލްތަކާއި ރީޖަނަލް ހޮސްޕިޓަލްތަކުގެ ތެރެއިން މެމޮގްރަފީގެ ޚިދްމަތް ނެތް ހޮސްޕިޓަލްތަކުގައި އެ ޚިދުމަތް ތަޢާރަފްކުރުމަށް ވާނީ ނިންމާފައި.
އަދި، އައްޑޫ ސިޓީ ހޮސްޕިޓަލުގައި ޕްރައިވެޓް ވޯޑް ހެދުމާއި އެޑްމިން އިމާރާތަށް ޖާގަ އިތުރުކުރުމާއި ނަފްސާނީ ދުޅަހެޔޮކަމާއި ބެހޭ މަރުކަޒެއް ގާއިމްކުރުމާއި އެކި ބާވަތުގެ ތެރަޕީ އިންޓަރގްރޭޓްކުރުމާއި އޯޕީޑީ ޚިދުމަތް ދެ ދަންފަޅިއަށް ބަދަލުކުރުމާއި އަދި ޚިދުމަތްތައް އިތުރުކުރުން މިއަހަރު ކުރިޔަށް ގެންދެވޭނެ. ހަމަ އެފަދައިން، ކުޅުދުއްފުށީ ހޮސްޕިޓަލާއި ތިނަދޫ ހޮސްޕިޓަލް އަދި ފުވައްމުލަކު ހޮސްޕިޓަލާއި އުނގޫފާރު ހޮސްޕިޓަލުގައި ގައި މިހާރު ހުރި ޚިދުމަތްތައް ފުރިހަމަކުރުމަށް ބޭނުންވާ ޞިއްޙީ އާލާތްތައް ހަމަކޮށްދިނުމާއި ފުރިހަމަ ޓާޝަރީ ހޮސްޕިޓަލެއްގައި ހުންނަން ޖެހޭ އެންމެހާ ޚިދްމަތްތައް ޤާއިމްކުރުމުގެ މަސައްކަތް މިއަހަރު ވެސް އިރާދަކުރެއްވިއްޔާ ކުރިޔަށްގެންދާނަން. ހަމަ އެއާއެކު، ބޭރުގެ ފަންޑުތަކުން އެހީތެރިކަން ފޯރުކޮށްދީގެން ހިންގަން ހަމަޖެހިފައިވާ ފުވައްމުލައް ސިޓީ، އދ.މަހިބަދޫ، ތ.ވޭމަންޑޫ، ލ. ފޮނަދޫ އަދި ފ.ނިލަންދޫ ހޮސްޕިޓަލް މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް މިއަހަރު އިރާދަކުރެއްވިއްޔާ ފެށޭނެ. މީގެ އިތުރުން، ލެބޯޓްރީ ނެތް 76 ރަށުގައި މި އަހަރުގެ ނިޔަލަށް ލެބޯޓްރީ ޤާއިމުކޮށް ނިމޭނެ. އަދި، އެތައް އަހަރެއް ވަންދެން ނުބަލަހައްޓާ ހުރުމުގެ ސަބަބުން ހަލާކު ވެ ޚިދުމަތް ދިނުން ހުއްޓިފައިވާ މެޝިނަރީ އާއި އިކުއިޕްމެންޓްތައް ބަދަލުކުރުމުގެ މުހިންމު މަޝްރޫޢެއް މިހާރުވަނީ އެސް.ޓީ.އޯ އާ ހަވާލު ކުރެވިފައި. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް 6 މަސްދުވަހުގެ ތެރޭގައި މި މަސައްކަތް ނިމި އޭގެ ޚިދުމަތް ރައްޔިތުންނަށް ލިބެން ފަށާނެ. އަދި ހަމަ އެއާއެކު ރީޖަނަލް ހޮސްޕިޓަލްތައް ޓަރޝަރީ ފެންވަރަށް އަޕްގްރޭޑް ކުރުމަށް ހިންގާ މަޝްރޫޢަށާ، 7 އަރބަން ސެންޓަރުގެ ހޮސްޕިޓަލްތައް ތަރައްޤީ ކުރުމަށް ހިންގާ މަޝްރޫޢަށް ހޯދަން ޖެހޭ އެމްއާރުއައި މެޝިން، ސީޓީ މެޝިން، ޑިކޮމްޕްރެޝަން ޗެމްބަރ، ޑެންޓަލް އިކުއިޕްމަންޓް، އަދި އެކްސްރޭ މެޝިން ފަދަ މެޑިކަލް އިކުއިޕްމަންޓް ހޯދުމުގެ މަސައްކަތް ކޮންޓްރެކްޓް ގައި ސޮއިކުރެވި ކުރިއަށް އެބަދޭ. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް 7 މަސްދުވަހުގެ ތެރޭ މި މަސައްކަތްތައް ނިމި އެ ޚިދުމަތްތައް ރައްޔިތުންނަށް ލިބެންފަށާނެ. މިއީ، އިރާދަކުރެއްވިއްޔާ އަތޮޅު ތެރޭގެ ޞިއްޙީ ޚިދުމަތް މުޅިން އެހެން ހަރުފަތަކަށް ގެންގޮސްދޭނެ މުހިންމު މަޝްރޫޢެއް.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛
ބަލިބަލިން ރައްކާތެރިވުމުގެ ސިޔާސަތު ތަންފީޒު ކުރުމުގައި އެންމެ އިސްކަމެއް ދޭންޖެހޭނީ ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅިފައިވާ ބަލިތަކުން ނުވަތަ ލައިފްސްޓައިލް ޑިސީސަސް ތަކުން ރައްކާތެރިވެ ޖިސްމާނީގޮތުން ހަށިހެޔޮ ރައްޔިތަކަށްވުމަށް. މިކަން ޙާސިލް ކުރުމަށްޓަކައި، ކުޅިވަރާ ހަށިހެޔޮކަމުގެ ދާއިރާ ތަރައްޤީ ކުރުމަކީ ނުހަނު މުހިންމުކަމެއް މި ސަރުކާރުދޭ ކަމެއް.
މިގޮތުން ކުޅިވަރާއި ހަށިހެޔޮކަމުގެ ދާއިރާ ތަރައްޤީކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ތެރޭގައި، މި ދިޔަ އަހަރު މި ސަރުކާރުން ޢަމަލީ މަސައްކަތް ފެށި ޖުމުލަ 33 މަޝްރޫޢެއްގެ މަސައްކަތްވަނީ ނިންމާފައި. އަދި ހަމަ އެހެންމެ، މި ސަރުކާރު ޙާވާލުވި އިރު ނުނިންމާހުރި 59 މަޝްރޫޢެއް މިދިޔައަހަރު ވާނީ ނިންމާފައި. އެހެންކަމުން، ކުޅިވަރުކުޅުމާ ހަށިހެޔޮކަމުގެ 92 މަޝްރޫޢެއް މިހާތަނަށް މި ސަރުކާރުންވަނީ ނިންމާ ޙަވާލުކޮށްފައި. މީގެ އިތުރުން މި ސަރުކާރުން ފެށި ކުޅިވަރާ ހަށިހެޔޮކަމުގެ 879 މަޝްރޫޢުއެއްގެ މަސައްކަތް އެކި މަރުޙަލާގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނީ ކުރިއަށް. މި ހުރިހާ މަޝްރޫޢެއްވެސް އިރާދަކުރެއްވިއްޔާ ކުރިޔަށް އޮތް 12 މަސް ދުވަހުގެ ތެރޭގައި ނިންމާ ޙަވާލު ކުރާނަން. މީގެ ތެރޭގައި ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން މަރުކަޒުތައް ޤާއިމްކޮށް ހުޅުވުމާއި އިންޑޯ ކުޅިވަރުތައް ކުޅޭ، 1200 ބެލުންތެރީންގެ ޖާގައިގެ ތަނަވަސް، ޒަމާނީ، 16 ސްޕޯޓްސް ކޮމްޕްލެކްސް، ހުޅުމާލެ ދެ ފިޔަވައްސާއި ވިލިމާލެ ހިމެނޭހެން ރާއްޖޭ އެކި ރަށްރަށުގައި ހުޅުވުން ހިމެނޭ. މިއަހަރު ތެރޭގައި އަދި އިތުރު 5 ރަށުގައި މިފަދަ ސްޕޯރޓްސް ކޮމްޕްލެކްސް ތައް ހެދުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ ފަށާނަން.
މާލޭގައި ކުރިޔަށްދާ އެހެން މަޝްރޫޢު ތަކުގެ ތެރޭގައި، އިންލައިން ސްޕީޑް ސްކޭޓިންގ ނުވަތަ ރޯލަރ ސްކޭޓިންގ ރިންގަކާއި އެކު ސްކޭޓް ޕާރކް އެރީނާއެއް ހެދުމުގެ މަސައްކަތް ހިމެނޭ. މާލޭ އުސްފަސްގަނޑު ސަރަޙައްދުގައި ޤާއިމްކުރެވޭ މި ސްކޭޓް ޕާކް އެރީނާ ވެގެންދާނީ ދިވެހިރާއްޖޭގައި ސްކޭޓް ކުރުމުގެ ކުޅިވަރު ކުރިއެރުވުމަށް ގެނެވޭނެ ބޮޑު ކުރިއެރުމެއް. 80ގެ އަހަރަކުތަކުން ފެށިގެން ދިވެހިރާއްޖޭގައި ސްކޭޓް ބޯޑިން އަދި އިންލައިން ސްޕީޑް ސްކޭޓިންގެ އެކި ހަރަކާތްތައް ކުރިއަށްދިޔަ ނަމަވެސް އެކަށީގެންވާ ވަސީލަތެއް ޤާއިމްކުރެވިފައި ނުވޭ. މި ސްކޭޓް ޕާރކް އެރީނާ ޤާއިމްކުރެވިގެންދަނީ ސަރަޙައްދީ މުބާރާތްތައް ބޭއްވޭ ފެންވަރަށް. މި މަޝްރޫޢު އެއްކޮށް ނިންމާ މިއަހަރު ގެ މާރޗް މަސް ނިމުމުގެ ކުރިން އިރާދަކުރެއްވިއްޔާ ރަސްމީކޮށް ހުޅުވާނަން.
މީގެ އިތުރުން، ރޭސިންގ އާއި ޑްރިފްޓިންގ އަށް ޚާއްޞަ އެރީނާ ޤާއިމްކުރުމަށްޓަކައި ބިން ހިއްކުމުގެ މަސައްކަތް މިއަހަރުގެ މާޗް މަހުގެ ތެރޭގައި ފެށިގެން ކުރިޔަށްދާނެ. އަދި، އިންޓަރނޭޝަނަލް މެޗުތައް ބޭއްވޭ ފެންވަރުގެ އިންޑޯ ފުޓްސެލް ސްޓޭޑިއެމް އެއް ހިމެނޭހެން އިތުރު 4 އިންޑޯރ ޓްރެއިނިންގ ޕިޗާއެކު ސްޓޭޓް އޮފް ދި އާރޓް މަލްޓި ސްޓޯރީ ފުޓްސެލް ކޮމްޕްލެކްސަކާއި، އިންޓަރނޭޝަނަލް މެޗުތައް ބޭއްވޭ ފެންވަރުގެ އިންޑޯ ނެޓްބޯޅަ ސްޓޭޑިއެމް އެއް ހިމެނޭހެން އިތުރު 4އިންޑޯރ ޓްރެއިނިންގ ޕިޗާއެކު ސްޓޭޓް އޮފް ދި އާރޓް މަލްޓި ސްޓޯރީ ނެޓްބޯޅަ ކޮމްޕްލެކްސެއް ހުޅުމާލޭގައި ޢިމާރާތްކުރުމުގެ މަސައްކަތްވެސް މިއަހަރުގެ އެޕްރީލް މަހުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ފެށިގެން ދާނެ. މީގެ އިތުރުން، މާލޭގައި އީ ސްޕޯރޓްސް ސެންޓަރެއް ޤާއިމް ކުރުމުގެ މަސައްކަތާއި، އާރކޭޑް ކުޅިވަރުތަކާއި ބޯލިންގ އެރީނާ އަކާއި ކުޑަކުދީންގެ އިންޑޯ އެކްޓިވިޓީޒް ކޮމްޕްލެކްސް އެއް ޤާއިމް ކުރުމުގެ މަސައްކަތް ވެސް މިއަހަރު އެޕްރީލް މަހުގެ ތެރޭގައި ފެށިގެންދާނެ.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛
އެއްވެސް ފަރުދެއް ބާކީ ނުވާނެހެން ހަމަހަމަކަމާ ޢަދުލުވެރިކަމާއެކު ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ ސިޔާސަތަކީ މި ސަރުކާރުން ހުރިހާ ދާއިރާއަކުންވެސް ޚިދުމަތް ކުރުމުގައި ޤަބޫލުކުރާ ހަމަ. އެހެންކަމުން، ވަރަށް ބޮޑު އިސްކަމެއް ދީގެން މި ސަރުކާރުން ކުރިއަށް ގެންގޮސްފައިވާ އެއް މަސައްކަތަކީ ދައުލަތުގެ ބެލުމުގެ ދަށަށް އެކި ސަބަބުތަކާހުރެ ގެނެވޭ ފަރާތްތަކަށް ފޯރުކޮށްދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، އެފަރާތްތަކުގެ ހާލަތު ބަދަލުކުރެވޭނެ ފުރުސަތުތަކެއް ހޯދައިދިނުން. މި ގޮތުން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދީންނަށް ޢާއިލީ ވެށްޓެއްގެ ފުރުޞަތު ފަހިކޮށްދިނުމަށް ކުރި މަސައްކަތުން، މިހާތަނަށް 110 ކުދިންނަށް ވަނީ ޢާއިލީ ވެށްޓެއް ހޯދައިދެވިފައި. އަދި، ކުދިން ތިބޭ މަރުކަޒުތަކުގެ ފެންވަރު ރަނގަޅުކޮށް، އެ ފަދަ މަރުކަޒުތަކުގައި ޚިދުމަތްކުރާ މީހުން އިތުރަށް ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް މިއަހަރު ފެށޭނެ. އަދި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުވާ، އެފަރާތްތަކުގެ ހުނަރުތައް ތަރައްޤީކޮށް، މާލީ ތަނަވަސްކަން އިތުރުކުރުމަށް އެކި ފުރުސަތުތައް ފަހިކޮށްދިނުމުގެ މަޤްޞަދުގައި ގާއިމުކުރާ "އެމްޕަވަރމަންޓް ހަބް" ގެ އަމަލީ މަސައްކަތް މި އަހަރު ޖެނުއަރީ މަހު ވަނީ ފަށާފައި. އަދި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް، ކަމޭބެހޭ 3 ޤަވާއިދެއް ނިމިދިޔަ އަހަރު ފާސްކޮށް ގެޒެޓް ކޮށް، ނުކުޅެދުންތެރިކަން ހުންނަ، 356 ފަރާތަކަށް މިހާތަނަށް ވަޒީފާ ދީފިން. ސަރުކާރުގެ އަމާޒަކީ، އިރާދަކުރެއްވިއްޔާ ކުރިޔަށް އޮތް 3 އަހަރު ދުވަހުގެ ތެރޭގައި ކޮންމެ އަހަރަކު، ނުކުޅެދުންތެރިކަން ހުންނަ އިތުރު 500 ފަރާތަކަށް ވަޒީފާ ހަމަޖައްސައި ދިނުން.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛
ޤައުމު ބިނާކުރުމުގައި އަންހެނުންގެ ހިއްސާ އިތުރުކޮށް، އާމްދަނީ ލިބޭނެ މަގުތައް ތަނަވަސްކޮށްދިނުމަކީ މި ސަރުކާރުގެ މުހިއްމު އެއް ސިޔާސަތު. އިޤްތިޞާދީ ގޮތުން އަންހެނުން ބާރުވެރިކުރުމަށް އަންހެން ވިޔަފާރިވެރިންނަށް އަމާޒުކޮށްގެން "ފަށާ މަދަދު" ލޯނު ސްކީމު ތަޢާރަފުކޮށް، މިހާތަނަށް 92 ފަރާތަކަށް ވަނީ ލޯނު ހަމަޖައްސައި ދެވިފައި. އޭގެ އިތުރުން، ރަށްރަށުގަޔާއި ސިޓީތަކުގައި އިންތިޚާބުކޮށްފައިވާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް ބާރުވެރިކުރުވުމަށްޓަކައި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ކަމާގުޅޭ އިޞްލާޙުތައް ގެނެސް ކައުންސިލުގެ ބަޖެޓުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ލިބޭ 5 އިންސައްތަ މިއަހަރުން ފެށިގެން 10 އިންސައްތަ އަށް ވާނީ ބަދަލުކޮށްފައި. އަދި އެ ކޮމިޓީގެ މެންބަރުންނަށް ދޭ ރަމަޟާން މަހުގެ އެލަވަންސް، ކައުންސިލުގެ ބަޖެޓުން ދޭ އެލަވަންސެއްގެ ގޮތުގައި ވާނީ ހަމަޖައްސާފައި. ހަމަ އެއާއެކު، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ އަކީ ހުރިހާ ރައްޔިތުންގެ ސީދާ ވޯޓުން ހޮވާ ފުލްޓައިމް މަޤާމެއްގެ ގޮތުގައި ހަމަޖައްސާ، ކޮމެޓީގެ ރައީސާގެ ޒިންމާތަކާ މަސްއޫލިއްޔަތުތައް އަދާކުރުމަށް ބޭނުންވާ ފުރިހަމަ ބާރުވެރިކަން ޤާނޫނީ ގޮތުން ދީފައި.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛
އިޖްތިމާޢީ ގޮތުން ރައްކާތެރި، ހަމަޖެހޭ މުޖުތަމަޢަކަށް އަޅުގަނޑުމެންގެ މި މުޖުތަމަޢު ހެދުމުގެ ލަނޑުދަނޑި ކާމިޔާބު ކުރުމަށްޓަކައި މިއަދުގެ ޖީލުތައް މިއަދާ ހަމައަށް އުފުލައިދިން އިސްރަށްވެހީންނާ ގާތް ސަރުކާރަކަށް އަބަދުވެސް މި ސަރުކާރުވާނަން. ދުޅަހެޔޮކަމާއި އަބުރުވެރިކަމާއެކު މުޖުތަމަޢުގެ މުހިއްމު ބައެއްގެ ގޮތުގައި އިސްރަށްވެހިން ދިރިއުޅުމަށް މަގުފަހިކޮށްދީ، އިސްރަށްވެހިންނަށް ހިތްހަމަޖެހުމާއި ދުޅަހެޔޮކަން ކަށަވަރުކުރުމުގެ ގޮތުން ފާއިތުވި އަހަރު ފެށި "އުފާވެރި ރާސްތާ" ޕްރޮގްރާމްގައި 13 އަތޮޅަކުން 1185 އިސްރަށްވެހިން ވަނީ ބައިވެރިވެފައި. އަދި ނާދީތަކުގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމްތަކުގައި 15213 އިސްރަށްވެހިން ބައިވެރިވެފައިވޭ. މި ޕްރޮގްރާމް ދެމެހެއްޓިނިވި ގޮތެއްގައި ހުރިހާ ރަށެއްގައިވެސް ކުރިއަށް ގެންދެވޭނެ ނިޒާމެއް ގާއިމުކުރުމަށްޓަކައި ކޮންމެ ރަށަކުންވެސް މި ޕްރޮގްރާމްތައް ހިންގާނެ ބަޔަކު މިއަހަރު ތަމްރީނު ކުރެވޭނެ. އަދި އަޅާލާނެ ފަރާތެއް ނެތި، އެންމެ ނާޒުކު ހާލަތުގައި ދިރިއުޅޭ އިސްރަށްވެހިންނަށް އަޅާލުމުގެ ގޮތުން ބިނާ ކުރުމަށް މި ސަރުކާރުން ފަށްޓާފައިވާ މަރުކަޒުތަކުގެ ތެރެއިން، އައްޑޫ ސިޓީގައި ގާއިމުކުރާ މަރުކަޒުގެ އަމަލީ މަސައްކަތް މި އަހަރު ޖަނަވަރީ މަހު ވަނީ ފެށިފައި. މިފަދަ އިތުރު 2 މަރުކަޒު ރާއްޖޭގެ އުތުރާއި ދެކުނުގައި ގާއިމުކުރުމުގެ މަސައްކަތް މިއަހަރު އިރާދަކުރެއްވިއްޔާ ފެށޭނެ. މީގެ އިތުރުން، ޢުމުރުން 65 އަހަރުގައި މަޖުބޫރުކަމާ އެކު ވަޒީފާއިން ވަކިވުމުގެ ބަދަލުގައި 75 އަހަރާ ހަމައަށް ވަޒީފާގައި ދެމި ހުންނަން ބޭނުންވާ އިސްރަށްވެހިންނަށް އެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން، އަހަރުން އަހަރަށް އާކުރާ ކޮންޓްރެކްޓް ވަޒީފާއެއް ރަސްމީ ނިޒާމުގެ ތެރެއިން ލިބޭނެ ގޮތަށް "ރީއެމްޕްލޮއިމަންޓް" ގާނޫނު ތަސްދީޤުކޮށް ވަޒީފާ އަދާކުރުމުގެ ފުރުސަތު މިހާރު ވަނީ ފަހިކުރެވިފައި. ނަފްސާނީ ގޮތުންނާއި، އިޖްތިމާޢީ ގޮތުންނާއި އިޤްތިޞާދީ ގޮތުން މިކަމުގެ ފައިދާ ނުހަނު ބޮޑު.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛
ޤައުމުގައި އިޖްތިމާއީ ތަރައްޤީއާއި އިޖްތިމާޢީ ރައްކާތެރިކަން ކަށަވަރު ކުރެވޭނީ ޤައުމުގައި އޮތް އިޖްތިމާޢީ އެންމެ ބޮޑު މައްސަލަކަމުގައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ގެނެސްދެވިގެން. މި ޙައްލު ގެނެސްދިނުމަކީ މި ސަރުކާރުން އެންމެ އިސްކަންދީގެން މަސައްކަތްކުރަމުންދާ އެއްކަންތައް.
މިގޮތުން، ދިވެހި ކޮންމެ ރައްޔިތަކީ ބޯހިޔާވަހިކަމުގެ ޙައްޤު ކަށަވަރުވެފައިވާ ރައްޔިތަކަށް ހެދުމަށް "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތު ކެބިނެޓުން ފާސްކޮށް ވަނީ ޢާންމުކުރެވިފައި. މިސިޔާސަތުގެ ދަށުން މުޖުތަމަޢުގެ ހުރިހާ ގިންތިއަކަށްވެސް އަތްފޯރާފަށުގައި ބޯހިޔާވަހިކަމުގެ ފުރުޞަތު ފަހިވެގެންދާނެ. އަތްމަތި ތަނަވަސް ޢާއިލާތަކަށް ރިއަލް އެސްޓޭޓް އުޞޫލުން ބޯހިޔާވަހިކަން ހޯދުމުގެ ފުރުޞަތު އިތުރުކުރުމާއި، މެދުފަންތީގެ ޢާއިލާތަކަށް ބޭންކް މޯގޭޖް ތެރެއިން އެފޯޑަބަލް ހޯމް ގަތުމުގެ ފުރުޞަތު ހޯދައިދިނުމާއި، އަމިއްލައަށް ތަނެއް ނުގަނެވޭ ފަދަ ޢާއިލާތަކަށް ސޯޝަލް ހައުސިންގ ޢިމާރާތްކޮށް ދިނުން ހިމެނޭ.
އަދި، 'ބޯހިޔާވަހިކަން އެންމެންނަށް" މި ސިޔާސަތުގެ ދަށުން "ޢާއިލީ ބޯހިޔާވަހިކަމުގެ" ނަމުގައި އާ ޕްރޮގްރާމެއް ފަށައި، އެ ޕްރޮގްރާމް ގެ ފުރަތަމަ ފިޔަވަހީގެ ގޮތުގައި، މާލޭގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ރަސްމާލެއިން 15000 ގޯތި އަދި ހުޅުމާލެއާއި ވިލިމާލެއިން 3 ކޮޓަރީގެ 7900 ފްލެޓް ދޫކުރުމާބެހޭ އުޞޫލު އިޢުލާން ކޮށް އެޕްލިކޭޝަން ފޯމް ހުށަހެޅުމަށް ވަނީ ހުޅުވާލެވިފައި. އެއްވެސް ބޯހިޔާވަހިކަމެއް ނެތް ޢާއިލާތަކަށް ޚާއްޞަ ކޮށްގެން ކުރިއަށް ގެންދެވޭ ޢާއިލީ ބޯހިޔާވަހިމަކުގެ ޕްރޮގްރާމަށް ފޯމް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފައިވާއިރު ގޯތި ގެދޮރުގެ ތަނަވަސްކަން ހޯދުމުގެ ފުރުސަތު ހުރިހާ ރައްޔިތުންނަށް ފަހިކޮށްދިނުމުގެ ގޮތުން، ވަކި ކެޓެގަރީ އެއްގެ ގޮތުގައި ތިމާގެ އަނބިމީހާގެ ނުވަތަ ފިރިމީހާގެ ބޯހިޔާވަހިކަމެއް އޮތް ނަމަވެސް ގޯއްޗަށް އެދި ކުރިމަތި ލެވޭ ގޮތަށް ވަރަށް އަވަހަށް ހުޅުވާލެވޭނެ. އަދި، 2022 ވަނަ އަހަރު ހުޅުވާލެވުނު ބިންވެރިޔާ ސްކީމުން ގޯތި ލިބުނު ފަރާތްތަކުން މިހާރު ލިބިފައިވާ ގޯތި ، ޖޮއިންޓް ކޮށް އެ ގޯތި ލިބިފައިވާ ހުރިހާ ފަރާތްތައް އެ ގޯތި އެއްކޮށް ދޫކޮށްލަން އެއްބަސްވާނަމަ، ޖޮއިންޓްކޮށް ލިބުނު ކޮންމެ މީހަކަށް ގޯއްޗެއް ލިބޭ ގޮތަށް ވަކި ކެޓެގަރީއެއް ހުޅުވާލަންވެސް ވަނީ ނިންމާފައި. 15000 ގޯތީގެ ތެރެއިން މި 2 ކެޓެގަރީ އިން ކޮންމެ ކެޓެގަރީއަކަށް 1000 ގޯތި ކަނޑައަޅާފައިވާނެ.
15000 ގޯތި ދޫކުރެވޭ ރަސްމާލޭގެ ބިން ހިއްކުން ވަރަށް ބާރު ދުވެލީގައި ދަނީ ކުރިޔަށް. ސަރުކާރުގެ އަމާޒަކީ މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރަސްމާލޭގެ ބިން ހިއްކާ ނިންމުން.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛
ބޯހިޔާވަހިކަމުގެ ދާއިރާއިން މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ހިންގަން ފެށި "ހިޔާވެހި ފައިނޭންސިންގ ސްކީމް" އަކީ ބޯހިޔާވަހިކަމުގެ ދާއިރާއިން ހޯދުނު ބޮޑު ކުރިއެރުމެއް. މި ސްކީމްގެ ދަށުން ރަށްވެހި، ސަހަރު އަދި ފަހިމާލެ ލޯނުތަކަށް އެދި ޖުމްލަ 2256 ފޯމު ހުށަހަޅާފައިވާއިރު، މިހާތަނަށް 821 ފަރާތެއްގެ ފޯމު މިނިސްޓްރީން އެޕްރޫވްކޮށް ބޭންކަށް ވަނީ ފޮނުވާފައި. މި އެޕްރޫވް ކުރެވުނު ލޯނުތަކުގެ ޖުމްލަ އަދަދަކީ 989,617,640.17 ރުފިޔާ.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛
ނިމިދިޔަ އަހަރު ބޯހިޔާވަހިކަމުގެ 03 މަޝްރޫޢެއްގެ މަސައްކަތް ނިންމާ ހަވާލުކުރުމުގެ މަސައްކަތް ދަނީ ކުރިޔަށް. ބޯހިޔާވަހިކަމުގެ 13 މަޝްރޫޢެއްގެ އަމަލީ މަސައްކަތް މި ވަގުތު ހިނގަމުންދާއިރު، އިތުރު 25 މަޝްރޫޢެއްގެ އެއްބަސްވުމުގައި ސޮއިކޮށް، މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް. އަލަށް ސޮއިކުރެވުނު މަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭ ބޭންކް އޮފް މޯލްޑިވްސް އާއި ކޮންޓްރެކްޓަރުންނާއި ގުޅިގެން ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން 13 ރަށެއްގައި 800 ހައުސިން ޔުނިޓް އެޅުމުގެ ޢަމަލީ މަސައްކަތް މިއަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ފެށިގެންދާނެ. އެހެންކަމުން މިވަގުތު އެކި މަރުޙަލާގައި ހިގަމުންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުން 9175 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް ކުރިޔަށް އެބަދޭ. އިރާދަކުރެއްވިއްޔާ މި 9175 ހައުސިންގ ޔުނިޓުގެ މަސައްކަތް ކުރިޔަށް އޮތް 26 މަސް ދުވަހުގެ ތެރޭގައި ނިންމާ އޭގެ ޙައްޤުވެރިންނާ ޙަވާލު ކުރާނަން. ހަމަ އެއާއެކު، މިއަހަރު އޮގަސްޓު މަހުގެ ތެރޭގައި، އެކި ރަށްރަށުގައި އިތުރު 1300 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް ފެށިގެންދާނެ. ރަށްރަށުގައި ޤާއިމް ކުރާ ހައުސިންގ ޔުނިޓްތަކަށް ކުރިމަތިލާން ހުޅުވާލާއިރު، ރަށުގެ ރައްޔިތުންގެ ތެރެއިން މަސްވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ ރައްޔިތުންނާއި، ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ ރައްޔިތުންގެ ތެރެއިން ހައުސިންގ ޔުނިޓް ބޭނުންވާ ފަރާތްތަކަށް ކުރިމަތިލެވޭ ގޮތަށް ކަނޑައެޅޭ ވަކި ޢަދަދަކަށް ހައުސިންގ ޔުނިޓް ހަމަޖެއްސުމަށްވާނީ ނިންމާފައި.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛
"ބިންވެރިޔާ" ސްކީމްގެ ދަށުން ގުޅިފަޅުން ގޯތި ލިބުނު ފަރާތްތަކަށް ދޫކުރުމަށް ހަމަޖެހިފައިވާ 3548 ގޯތީގެ ތެރެއިން މިހާތަނަށް 2781 ފަރާތަކަށް ގޯތީގެ ރަޖިސްޓްރީ ވަނީ ހަވާލުކުރެވިފައި. މީގެ އިތުރުން، ހުޅުމާލެ ފޭސް 3 ގެ ފަޅުތެރެއިން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގޯތިތައް ހިކިފަސްތަން ކޮށްދީ، އެ ފަރާތްތަކުގެ މެދުގައި ގުރުއަތުލުން ބާއްވާއި، 689 ފަރާތަކަށް ގޯތި ކަނޑައަޅައިދެވިފައިވޭ. އަދި، ގިރާވަރު ފަޅުން ގޯތި ލިބޭނެ ކަމަށް ލިޔުން ލިބިފައިވާ ހުރިހާ ފަރާތަކަށް ގޯތީގެ ގުރުއަތުލުން 31 ޖެނުއަރީ 2026 ގައި ވަނީ ބާއްވާފައި. އަދި ގިރާވަރުފަޅު ކުރިޔަށް އޮތް 3 މަސް ތެރޭގައި ހިއްކާ ނިމުމުން، އެ ތަނުން ގޯތި ލިބިފައިވާ ފަރާތްތަކާ ގޯތީގެ ރަޖިސްޓްރީ ޙަވާލުކުރުން ކުރިޔަށް ގެންދިޔުމަށްވަނީ ހަމަޖެހިފައި. މީގެ އިތުރަށް "ގެދޮރުވެރިޔާ" ސްކީމްގެ ތެރެއިން 3850 ފަރާތަކާއެކު އެއްބަސްވުމުގައި ސޮއިކުރެވި، މިހާތަނަށް 3647 ފަރާތަކަށް ވަނީ ފްލެޓްގެ ތަޅުދަނޑި ހަވާލުކުރެވިފައި.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛
ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ރާއްޖޭގެ ބޭންކިންގ ސެކްޓަރގެ ބައިވެރިވުން އިތުރު ކުރުމަށް އެމް.އެމް.އޭ އިން އެކުލަވާލާފައިވާ އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިންގ އުޞޫލުގެ ދަށުން ބޭންކުތަކުން ދޫކުރާ ލޯނުގެ 10-15 އިންސައްތަ ބޯހިޔާވަހިކަމަށް ހެޔޮ އަގުގައި ދިނުމަށް ވަނީ ޝަރުތުކޮށްފައި. މި ބަދަލާއެކު ބޭންކް އޮފް މޯލްޑިވްސް އިން ހުޅުމާލޭގައި އަލަށް އިމާރާތްކުރާ އެފޯޑަބަލް ހައުސިންގ ޔުނިޓްތަކުގެ އިމާރާތްކުރުމުގެ މަސައްކަތް ބައިނަލްއަޤުވާމީ ދެ ކުންފުންޏަކާ އަދި ދިވެހި 3 ކުންފުންޏާ ވަނީ ހަވާލުކޮށްފައި. މި މަޝްރޫޢުގެ ދަށުން، 3260 ހައުސިންގ ޔުނިޓް އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް މި މަހުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ފެށޭނެ. އަދި މިހުރިހާ ޔުނިޓެއް ކުރިޔަށް އޮތް 30 މަސް ދުވަހު ތެރޭގައި ނިންމާ އެ ފްލެޓްތައް ލިބޭ ފަރާތްތަކާ ޙަވާލު ކުރެވިގެންދާނެ. ސަރުކާރުން ހިލޭ ބިންދީގެން ޢިމާރާތްކުރާ މި ހައުސިންގ ޔުނިޓްތައް ދެވިގެންދާނީ ސަރުކާރުން އިޢުލާންކޮށްފައިވާ ސޯޝަލް ހައުސިންގ ސްކީމްގެ ދަށުން ހޮވޭ ފަރާތްތަކަށް.
ހަމަ އެއާއެކު، ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ރާއްޖޭގެ ބޭންކިންގ ސެކްޓަރގެ ބައިވެރިވުން އިތުރު ކުރުމަށް ކުރެވުނު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، ބޯހިޔާވަހިކަން އަތްފޯރާ ފަށަން ގެނައުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތާ އެއްގޮތްވާ ގޮތުގެ މަތީން ގެއެއް ނުވަތަ ފްލެޓެއް ގަތުމަށް ބޭންކް އޮފް މޯލްޑިވްސް އިން ނަގާލޯނުގެ އިކިއުޓީ 20 އިންސައްތައިން 5 އިންސައްތައަށް ނިމިދިޔަ އަހަރު ވަނީ ދަށްކޮށްދީފައި. އަދި، މާލޭގައި ގެދޮރު ޢީމާރާތްކުރުމަށް ލޯނު ނެގޭ އަދަދު 15 މިލިއަން ރުފިޔާއިން 45 މިލިއަން ރުފިޔާ އަށް އިތުރުކޮށްދީ ލޯނު އަނބުރާ ދައްކަން ޖެހޭ މުއްދަތު 15 އަހަރުން 20 އަހަރަށް ވަނީ އިތުރު ވެސް ކޮށްދީފައި. ހަމަ އެއާއެކު، ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް ގެދޮރު އިމާރާތްކުރުމަށް ނުވަތަ މަރާމާތުކުރުމަށް އިތުރު ރަހުނަކާ ނުލައި ތިން މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރަން ވަނީ ފަށާ، މީގެ ކުރިން އަމިއްލަ ގެދޮރު އިމާރާތް ކުރުމަށް އިތުރު ރަހުނު ހުށަހަޅަން ޖެހޭޖެހުމަށް މި ވަނީ ނިމުމެއް ގެނެވި ރައްޔިތުންނަށް ދިރިއުޅުމުގެ ބޮޑުލުޔެއް ކަށަވަރުކޮށްދެވިފާ.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛
ރައްޔިތުންނަށް ދިމާވެފައިވާ ގެދޮރުގެ ދަތިކަން ޙައްލުކުރުމަށްޓަކައި ސަރުކާރުން ކުރަމުންދާ އިތުރު މަސައްކަތްތަކުގެ ތެރެއިން މިހާރު ވާނީ ގެދޮރު ގަންނަން ބޭނުންވާ ފަރާތްތަކަށާއި ގެދޮރު އިމާރާތްކުރަން ނުވަތަ މަރާމާތުކުރަން ބޭނުންވާ ފަރާތްތަކަށް ލުއިގޮތްތަކެއް ހަމަޖައްސައިދިނުމުގެ ގޮތުން، ވަކި ޙާލަތްތަކެއްގައި ޕެންޝަން ފަންޑުގެ ފައިސާ ކޮލެޓަރަލައިޒް ކުރެވޭނެ ގޮތް ހަމަޖެއްސުމަށްޓަކައި، ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނަށް ސަރުކާރުން އިޞްލާޙެއް ހުށަހަޅާފައި.
މިހާރު ޤާނޫނުގައި އޮތްގޮތުން ޕެންޝަން ފަންޑުގައި ހުރި ފައިސާ ބޭނުންކުރެވެނީ ހަމައެކަނި އިމާރާތްކޮށް ނިންމާފައިވާ ގެދޮރު ގަތުމަށް ޓަކައި ޑައުންޕޭމަންޓް ދެއްކުމަށް. ނަމަވެސް މިހާރު ހުށަހަޅާފައިވާ އިޞްލާޙު ފާސްވެ ޤާނޫނަކަށްވުމުން، މާލީ އިދާރާއަކުން ދޫކުރާ ލޯނެއް މެދުވެރިކޮށް ގެދޮރު ގަންނަން ނުވަތަ އިމާރާތްކުރުމަށް ނުވަތަ މަރާމާތުކުރުމަށް ޑައުންޕޭމަންޓުގެ ފައިސާ ހަމަޖެއްސުމުގެ ފުރުޞަތު ލިބޭނެ.
މީގެ އިތުރުން، ދިވެހިރާއްޖޭގައި ދިރިއުޅޭ އެންމެހައި ރައްޔިތުންނަށް، ރައްކާތެރި، އަދި ދިރިއުޅުމުގެ ބޭނުންތަކަށް ފުދޭ، އެކަށީގެންވާ ބޯހިޔާވަހިކަމަށް ވާސިލުވުމަށް ހުރި ފުރުޞަތުތަކުގެ ބޭނުން ފަސޭހަކަމާއެކު ހިފޭނެ ބޯހިޔާވަހިކަމުގެ ނިޒާމެއް ޤާއިމުކޮށް، އެ ނިޒާމުގެ ދަށުން، ބޯހިޔާވަހިކަމަށް އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް ދިރިއުޅޭނެ ތަންތަން ހޯދައިދިނުމަށް މަގުފަހިކޮށްދިނުމަށްޓަކައި، ބޯހިޔާވަހިކަން ފޯރުކޮށްދޭ ފަރާތްތައް ރަޖިސްޓަރީކުރުމާގުޅޭ އުސޫލުތަކާއި އެފަދަ މަޝްރޫޢުތައް ހިންގުމުގެ އުސޫލުތައް ކަނޑައެޅުމާއި، ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ދަށުން ތަރައްޤީކުރެވޭ ތަންތަނުގައި ހުންނަންޖެހޭ މިންގަނޑުތަކާއި ވަސީލަތްތައް ކަނޑައެޅުމަށްޓަކައި އަދި، ބޯހިޔާވަހިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމަށް "ހައުސިންގ ފަންޑެއް" ޤާއިމުކުރުމަށްޓަކައި "ބޯހިޔާވަހިކަމުގެ ބިލު" ގެ ނަމުގައި ބިލެއް މި ޢިއްޒަތްތެރި މަޖލީހަށް ސަރުކާރުން ވާނީ ފޮނުވާފައި. މި ބިލުގެ ބަހުސުތައް ކޮމިޓީ މަރުޙަލާގައި ކުރިޔަށްދާކަން އުފަލާއެކު ފާހަގަކުރަން.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛
ޤައުމުގެ އިޤްތިޞާދީ ތަރައްޤީއާއި އިޖްތިމާއީ ތަރައްޤީ އަދި ރައްކާތެރިކަން ކަށަވަރުކުރެވިގެންދާނީ، ޤައުމުގެ އަމާންއަމާންކަމާއި ހަމަޖެހުން ޤާއިމްކޮށް ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދެވިގެން. އަދި، މި ކަށަވަރުކަން ހޯދައިދިނުމަކީ އަޅުގަނޑާ މަތިވެފައިވާ އެންމެ އިސް އެއް ވާޖިބު. މިގޮތުން، މުޖުތަމަޢުގެ އަމާންކަން ދަމަހައްޓާ، ޤާނޫނު ތަންފީޒު ކުރުމުގެ އެންމެ ބޮޑު ޒިންމާއެއް ހަވާލުކުރެވިފައިވާ ދިވެހި ފުލުހުންގެ ޚިދުމަތް ފުޅާ ކުރުމުގެ ބޮޑު މަޝްރޫޢެއް މި ސަރުކާރުން ފެށިން. އަދި، މިދިޔަ އަހަރު ފެށުނުއިރު ޚިދުމަތް ޤާއިމުވެފައިނުވާ 39 ރަށެއްގައި ވަނީ އަލަށް ފުލުހުންގެ ޚިދުމަތް ޤާއިމްކުރިން. ނަތީޖާއެއްގެ ގޮތުން، ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފުލުހުން ޤާއިމްވެ ތިބެގެން، މިހާރު އެ ދަނީ ފުލުހުންގެ ޚިދުމަތް ދެމުން. މީގެ އިތުރުން، މި ސަރުކާރު ފެށުނު އިރު، ފުލުހުންގެ އަމިއްލަ މަރުކަޒުތައް އެންމެ 17 ރަށުގައި ހުރި ހުރުން ބަދަލުކޮށް، ފުލުހުންގެ އަމިއްލަ މަރުކަޒުތައް އެޅުމަށް 147 މަޝްރޫޢު ވަނީ ކޮންޓްރެކްޓް ކުރެވި މަސައްކަތް ފަށާފައި. މިއީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ތާރީޚުގައިވެސް ފުލުހުންގެ ދާއިރާ ތަރައްޤީ ކުރުމަށް އެއް ފަހަރާ އެންމެ ގިނަ މަޝްރޫޢު ހިނގަމުންދާ ވަގުތު. މިހުރިހާ މަޝްރޫޢުތަކެއް އިރާދަކުރެއްވިއްޔާ ކުރިޔަށް އޮތް 15 މަސް ދުވަހު ތެރޭގައި ނިންމާ މަރުކަޒުތައް ބޭނުން ކުރަން ފެށޭނެ.
ހަމަ އެއާއެކު، ފުލުހުންގެ މުއައްސަސާގެ އޮނިގަނޑު މުރާޖަޢާކުރުމުގެ މަސައްކަތް ވެސް ވަނީ ފެށިފައި. މި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ފުލުހުން ހަރަކާތްތެރިވާ މިންވަރު އިތުރުކުރެވި، ތަޙްޤީޤުތަކުގެ ފެންވަރު މި އަހަރު ތެރޭގައި މަތި ކުރެވޭނެ. މީގެ އިތުރުން، މިހާރަށް ވުރެ ބޮޑަށް ޖަވާބުދާރީކުރުވުމުގެ ނިޒާމު ރަނގަޅުކުރެވި، ފުލުހުންގެ މުއައްސަސާއަށް ރައްޔިތުންގެ އިތުބާރާއި ޔަޤީންކަން އިރާދަކުރެއްވިއްޔާ އިތުރުވެގެންދާނެ.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛
ޤައުމުގެ އަމާންއަމާންކަމާއި ހަމަޖެހުން ޤާއިމްކޮށް ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ގޮތުން މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރުމަށްޓަކައި ދެ ދާއިރާއަކުން އެއްފަހަރާ މިދަނީ މަސައްކަތްކުރަމުން. އެއީ މަސްތުވާތަކެތީގެ ސަޕްލައި ނުވަތަ މަސްތުވާ ތަކެތި މުޖުތަމަޢު ތެރޭގައި ލިބެން ހުންނަ ހުރުން މަދުކުރުމާއި މަސްތުވާ ތަކެތީގެ ވަބާއިން ސަލާމަތް ކުރުމަށް ނުވަތަ ރިހެބިލިޓޭޓް ކުރުމަށް މަސައްކަތް ކުރުން. މަސްތުވާ ތަކެތީގެ ސަޕްލައި ދަށްކުރުމަށްޓަކައި، 2025 ވަނަ އަހަރު 212 އޮޕަރޭޝަނެއް ހިންގާފައިވާނެ. މީގެ ތެރޭގައި، މަސްތުވާތަކެތީގެ ވިޔަފާރީގައި ބައިވެރިވާ ފަރާތްތަކާއި ދެކޮޅަށް ޙާއްސަކޮށްގެން “އޮޕަރޭޝަން އަލިމަގު” ގެނަމުގައި އޮޕަރޭޝަނެއް މުޅިރާއްޖޭގައި ފަށައިގެން ކުރިއަށް އެބަ ގެންދަން. މި އޮޕަރޭޝަން ފެށީ އެއްފަހަރާ 500 ފުލުހުން ބޭނުންކޮށްގެން މުޅި ރާއްޖޭގައި 100 ތަނެއް ބަލައިފާސްކުރުމުގެ ޙާއްސަ މަސައްކަތަކުން. މިމަސައްކަތް މިހާރުވެސް ކުރިއަށް ދާއިރު، މިހާތަނަށް 204 ތަނެއް ބަލާ ފާސްކޮށް، 271 ފަރާތެއް ބަންދުކޮށް، 120 މައްސަލަ ބަލާ ތަހުގީގު ކޮށް، 37 ފަރާތަކަށް ދަޢުވާ ކުރުމަށްވާނީ ފޮނުވާފައި. މި ހުރިހާ އޮޕަރޭޝަންތަކެއްގެ ނަތީޖާއެއްގެ ގޮތުން، މަސްތުވާތަކެތީގެ އެކި ބާވާތްތަކުން ޖުމްލަ 712.72 ކިލޯ ގްރާމްގެ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް މިދިޔަ އަހަރު ގެނެސްފައިވާނެ. މީގެ އިތުރުން 7245 ބަނގުރާފުޅި/ ދަޅު އަތުލެވިފައިވޭ. މި ތަކެއްޗަކީ މަގުމަތީގެ އަގުން ބަލާނަމަ 1,036,399,035.50 ރުފިޔާގެ މަސްތުވާތަކެތި. އަދި 17 ނޮވެމްބަރ 2023 އިން ފެށިގެން މިހާތަނަށް 1366 ކިލޯގްރާމް ގެ މަސްތުވާ ތަކެތި އަދި 14,825 ބަނގުރާފުޅި ވަނީ އަތުލެވިފައި. މިތަކެތީގެ ޖުމްލަ މަގުމަތީ އަގަކީ 2.3 ބިލިއަން ދިވެހި ރުފިޔާ. މިއީ ވޭތުވެދިޔަ 3 ދައުރުގައިވެސް ފުރަތަމަ 2 އަހަރު އަތުލެވުނު އެންމެ ގިނަ މަސްތުވާތަކެތި އަތުލެވުނު 2 އަހަރު ކަން ފާހަގަކުރަން.
ހަމަ އެހެންމެ ދިވެހިރާއްޖޭގެ އެކި ހިސާބުތަކުގައި ހަރަކާތްތެރިވާ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކްތައް ދެނެގަނެ، ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، އެ ތަކެތީގެ ވިޔަފާރިކޮށްގެން ހޯދާ ފައިސާ ލޯންޑަރކުރާ ނެޓްވޯކުތައް ހުއްޓުވުމަށްޓަކައި، އެފަދަ ނެޓްވޯކްތަކަށް ސީދާ ޓާގެޓުކޮށްގެން ޚާއްޞަ އޮޕަރޭޝަންތައް ވާނީ ހިންގަން ފަށާފަ. އެގޮތުން އެކި ސިޓީތަކުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކްތަކަށް އަމާޒުކޮށް އޮޕްރޭޝަންތައް ވަނީ ހިންގިފައި. މި ނެޓްވޯކްތަކުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކާއި، އެމީހުންގެ ދަށުން އިސްކޮށް މަސައްކަތްކުރާ ފަރާތްތައް ހައްޔަރުކުރެވި، އެމީހުންގެ މައްސަލަތައް މިހާރު އެ ދަނީ ތަޙްޤީޤުކުރެވެމުން. އިރާދަކުރެއްވިއްޔާ މި އަހަރު މި އޮޕަރޭޝަން މުޅި ރާއްޖޭގެ ހުރިހާ އަތޮޅަކަށް ފުޅާކޮށް ކުރިއަށްގެންދާން.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛
މަސްތުވާތަކެތީގެ ވަބާއިން ދިވެހި ޤައުމު ސަލާމަތްކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކަށްހުރި ގޮންޖެހުންތައް ގިނަގުނަ. އެހެންކަމުން އެ ހުރަސްތައް ނައްތާލުމަށްޓަކައި، މަސްތުވާތަކެއްޗާ ބެހޭ ޤާނޫނަށް މުހިންމު ބޮޑެތި އިޞްލާޙުތަކެއް ވާނީ ގެނެސްފަ. މި އިޞްލާޙުތަކުގެ ތެރޭގައި، މަސްތުވާތަކެތި ޓްރެފިކްކުރާ މީހުންގެ ތެރެއިން، އެ ތަކެތީގައި ވަކި ބަރުދަނެއް ހަމަވާ މައްސަލަތަކުގައި ސުޕްރީމް ކޯޓުގެ ބެންޗުގެ އިއްތިފާގުން ޙުކުމް ކުރާ ހާލަތުގައި މަރުގެ އަދަބު ދިނުން ހިމެނޭހެން ބޮޑެތި އަދަބުތައް މިހާރު ވާނީ ކަނޑައަޅާފައި.
މީގެ އިތުރުން، މި އިސްލާޙު ތަކާ އެކު، މަސްތުވާތަކެއްޗަށް ދެވިހިފައިފައިވާ މީހުންނަށް ދެވޭ ފަރުވާގެ ނިޒާމު އިތުރަށް ހަރުދަނާކުރެވިފައިވާނެ. އަދި ޑްރަގް ކޯޓު ހިންގުމުގެ އުސޫލުތަކާއި ޑްރަގް ކޯޓުގެ ފަރުވާގެ ޕްރޮގްރާމާ ގުޅޭ އުސޫލުތައް ވަނީ މުރާޖަޢާކުރެވިފައި. ހަމަ އެހެންމެ، މަސްތުވާތަކެއްޗާ ގުޅޭ ކުށްތައް ހުއްޓުވުމަށް ޓަކައި ޤާނޫނު ތަންފީޒުކުރާ އިދާރާތަކަށް އިތުރު ބާރުތައް ވަނީ ލިބިދެވިފައި. ކުށް ކޮށްގެން ހޯދާ މުދާ ހިފެހެއްޓުމާއި އެފަދަ މުދާ ދައުލަތަށް ނެގުމުގެ އުސޫލު ވެސް ވަނީ މުރާޖަޢާކޮށްފައި. ޤާނޫނަށް ގެނެވުނު މިދެންނެވި މުހިންމު ބަދަލުތަކުގެ ސަބަބުން، މީގެ ކުރިން، މަސްތުވާތަކެތީގެ މައްސަލަތައް ތަޙުޤީޤުކުރުމުގައި މަސްތުވާތަކެތީގެ ފަރުވާގެ ކަންކަމުގައާއި، ޤާނޫނީ ގޮތުން ދިމާވާ ހުރަސް ނުވަތަ ލޫޕްހޯލްތަކަށް، ވަނީ ފަރުވާއެއް ހޯދައިދެވިފައި.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛
މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ފަރުވާދީ، ހެޔޮގޮތުގައި މުޖުތަމަޢަށް އަނބުރާ ރުޖޫޢަވެވޭނެ ހަރުދަނާ ނިޒާމެއް ޤާއިމުކުރުމަށް އަޅުގަނޑު ވަރަށް އިސްކަމެއްދެން. މިގޮތުން، ޑްރަގް ރީހެބިލިޓޭޝަން ފަރުވާގެ ތެރޭގައި ދީނީ ގޮތުން ފިލާވަޅުތައް ނަގައިދިނުމުގެ ކަންކަން މިހާތަނަށް އެކަށީގެންވާ މިންވަރަކަށް ނެތުމުގެ ސަބަބުން، ފުރިހަމަ އިސްލާމީ ތަރުބިއްޔަތުގެ ފިލާވަޅުތައް ޑްރަގް ރީހެބިލިޓޭޝަން ޕްރޮގްރާމްގެ ރަސްމީ ބަޔަކަށް ހެދުމަށްޓަކައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްއިން ހިންގާ ރިސާލަތު ޕްރޮގްރާމް އެ މިނިސްޓްރީގެ ފަރާތުން ޑްރަގް ފަރުވާ ލިބިގަންނަ ކުދިންނަށް ހިންގައިދިނުމަށް މިހާރު ވަނީ ހަމަޖެހިފައި. މިކަންކަން މިއަހަރުގެ މެއި މަހުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ފެށިގެންދާނެ.
އަދި ކ.ކާށިދޫ، ނ.ވެލިދޫ އަދި ލ. ގަމުގައި ރީހެބިލިޓޭޝަން މަރުކަޒުތައް އެޅުމުގެ މަސައްކަތް ކޮންޓްރެކްޓް ކުރެވި އަމަލީ މަސައްކަތް އެ ދަނީ ހިނގަމުން. އިރާދަކުރެއްވިއްޔާ ކުރި މި ތިން މަރުކަޒުގެ އަމަލީ މަސައްކަތް މުޅިން ނިންމާ ފަރުވާގެ ޚިދުމަތް ފެށުން.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛
މަސްތުވާ ތަކެއްޗާ ސީދާ ގޮތުންނާއި ނުސީދާ ގޮތުން ގުޅިފައިވާ ކަމަށް ޤަބޫލު ކުރެވޭ ގޭންގް ހަދައިގެން ކުށްކުރުމުގެ މައްސަލަ އަށް ދާއިމީ ޙައްލެއް ގެނައުމަކީ ވެސް މި ޤައުމުގައި ހަމަޖެހުމާއި އަމަން އަމާންކަމާއި ރައްކާތެރިކަން ޤާއިމްކުރުމަށް ކޮންމެހެން ކުރަންޖެހޭނެ ކަމެއް ކަމުގައި އަޅުގަނޑު ދެކެން. މިގޮތުން، މިދިޔަ އަހަރު ޢަމަލު ކުރަން ފެށި ޤާނޫނު ވުޖޫދު ކުރެވުނު ހިސާބުން ފެށިގެން ގޭންގު ހަރަކާތްތައް މަދުވެ އެކަމުގެ ތެރޭގައި އުޅުނު ގިނަ ޒުވާނުން އެކަމުން ދުރުވާން މަސައްކަތްކުރާކަން ފާހަގަކުރެވޭ. އަދި މިފަދަ ޒުވާނުންނަށް ސަރުކާރުން މަރުހަބާ ކިޔައި ޒިންމާދާރު ރައްޔިތެއްގެ ގޮތުގައި އުޅުމަށް ފޯރުކޮށްދޭންޖެހޭ ހުރިހާ ފުރުސަތެއް ފޯރުކޮށްދޭނެ. ނަމަވެސް، ޤާނޫނު އައުމަށްފަހުގައި ވެސް ގޭންގެއްގެ ގޮތުގައި ހަރަކާތްތެރިވެ ކުށުގެ މާހައުލުގައި އެއްވެސް ފަރާތެއް އުޅޭނަމަ ޤާނޫނުގައިވާ ހަމަތަކުގެ މަތިން ފިޔަވަޅު އަޅާނަން. އެ ގޮތުން ފާހަގަކުރެވުނު ފަރާތެއް އެއީ ގޭންގު ކުށްތައް ހުއްޓުވުމުގެ އައު ޤާނޫނުގެ ދަށުން ގޭންގެއްކަމަށް ކަނޑައެޅުމަށް ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވާނީ ފޮނުވިފަ. އަދި އެ އޮފީހުން ވަނީ އެ މައްސަލަ ހައިކޯޓަށް ހުށަހަޅުއްވާފަ. މީގެއިތުރުން، އެފަދަ ގްރޫޕަކަށް ނިސްބަތްވާ ކަމަށް ބެލެވޭ ސްޕޯޓްސް ކްލަބެއް އުވާލުމަށް ކޮމިޝަނަރ އޮފް ސްޕޯޓްސްގެ މައްޗަށް އަމުރުކޮށްދެއްވުމަށް ވެސް ވަނީ އެދިފައި.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛
މުޖުތަމަޢުގައި އަމަންއަމާންކަމާ ރައްކާތެރިކަން ޤާއިމް ކުރުމުގައި ޙަޤީޤީ، ދެމެހެއްޓެނިވި ހެޔޮ ބަދަލު ގެންނަންޖެހޭ އަނެއް ދާއިރާއަކަށް ވެފައި އޮތީ ކުށަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބޭ ކުދިންނާއި، އެކި ސަބަބުތަކަށްޓަކައި ކުށަށް އަރައިގަންނަން މެދުވެރިވާ ކުޑަކުދިންނަށް ބޭނުންވާ އިސްލާހީ ފަރުވާއާއި އެހީތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާ. މިކަމަށް ނަޒަރު ހިންގާލާއިރު، 2019 ވަނަ އަހަރު ވުޖޫދަށް ގެނެވުނު ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ ދަށުން، 18 މަސްދުވަސް ތެރޭގައި ޤާއިމުކުރުމަށް ލާޒިމުކުރާ މުހިންމު 2 މަރުކަޒެއް ކަމުގައިވާ ޖުވެނައިލް ރެޒިޑެންޝަލް ޓްރީޓްމަންޓް ސެންޓަރާއި، ޖުވެނައިލް ހާފްވޭ ހައުސް އެ ޤާނޫނަށް ހަތަރު އަހަރު ވީ އިރުވެސް އޭރު އޮތް ސަރުކާރުން އޮތީ ޤާއިމް ނުކޮށް. ނަމަވެސް، މި ސަރުކާރުން މި ދެ މަރުކަޒު ޤާއިމުކޮށް މިހާރު ވާނީ ޚިދުމަތް ދޭން ފަށާފަ. ކުށުގެ ވެށިން ސަލާމަތްކުރެވޭ ކުދިން އަލުން މުޖުތަމަޢަށް އެނބުރި އައުމަށް ބޭނުންވާ ފަރުވާގެ ޕްރޮގްރާމްތައް މި ދެންނެވި ސެންޓަރުތަކުން މިހާރު ދަނީ ހިންގަމުން. މި މަރުކަޒުތަކުގެ ޚިދުމަތް ފެށިގެން ދިއުމަކީ ކުށުގެ ވެށިން ސަލާމަތްކުރެވޭ ކުދިން އަލުން މުޖުތަމަޢަށް އެނބުރި އައުމަށް ބޭނުންވާ ފަރުވާއާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛
މަސްތުވާ ތަކެއްޗާއި މަރާމާރީއާއި، ގޭންގް ކުށްތަކާއި އެހެނިހެން ނުރަނގަޅު ޢަމަލުތަކުން ޒުވާނުންނާއި ކުޑަކުދިން ސަލާމަތްކޮށް ފައިދާހުރި، ބޭނުންތެރި ބަޔަކަށް އެ ޒުވާނުންނާއި ކުޑަ ކުދީން ހެދުމަކީ ދައުލަތެއްގެ ޒިއްމާ. ވަކިން ޚާއްސަކޮށް ސަރުކާރުގެ ޒިންމާއެއްކަމުގައި އަޅުގަނޑު ދެކެން. މިގޮތުން، އެންމެ ބޮޑު އިސްކަމެއް ދޭންޖެހޭ ދާއިރާއަކީ ޒުވާނުންގެ ތަރުބިއްޔަތު. މާދަމާ މި ލޮބުވެތި ވަޠަން ދަތުރުކުރާނީ މިއަދުގެ ޒުވާނުން އަމާޒު ހިފި މިޞްރާބަކަށް، އެ ޒުވާނުންގެ ހަކަތައިން. އެހެންކަމުން، ޒަމާންތަކެއް ވަންދެން ޒުވާން ޖީލަށް އަޅައިނުލެވި އޮތް އޮތުން ނިމުމަކަށް ގެނެސް، ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަށް މިސަރުކާރުން ފެށި ޚާއްޞަ މަސައްކަތެއްކަމަށްވާ ދިވެހި ވަޠަނީ ޙަރަކާތުގެ ތަމްރީނު ޕްރޮގްރާމްގެ ފުރަތަމަ ބެޗުން 344 ޒުވާނުން ތަމްރީނުވެ 2025 ޑިސެމްބަރ 28 ވަނަ ދުވަހު ވަނީ ދަސްވެނިވެފަ. މީގެ ތެރެއިން ހޮވުނު 65 ކުދިން ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުތައް މި އަހަރުގެ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހު ބ.އަތޮޅު ކިހާދޫގެ ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ސެންޓަރ ގައި ވަނީ ފެށިފަ. ދަސްވެނިވި ކުދިންގެ ތެރެއިން މި ތަމްރީނުތަކަށް ނުހޮވޭ ކުދިން، އެ ކުދިން ވަޒީފާ އަދާކުރަން ޝައުޤުވެރިކަން ފާޅު ކުރި ތަންތަނުން ސަރުކާރުން ވަނީ ވަޒީފާ ހަމަޖައްސައިދީފައި. އެގޮތުން 171 ކުދިން އެމް.އެން.ޑީ.އެފް އަށް، 7 ކުދިން އެމް.އެން.ޑީ.އެފް އޮގްޒިލަރީ ފަޔަރމަނުން ނަށް، 32 ކުދިން އޭވިއޭޝަން އެންޑް ޕޯޓް ސެކިޔުރިޓީ ކޮމާންޑް އަށް، 23 ކުދީން މޯލްޑިވްސް ޕޮލިސް ސަރވިސަށް، 5 ކުދިން މޯލްޑިވްސް އިމިގްރޭޝަނަށް، އަދި 3 ކުދިން އެމް.އޭ.ސީ.އެލް އަށް ވަޒީފާ ވަނީ ހަމަޖެހިފައި. 38 ކުދިން ބޭނުންވީ ޕްރައިވެސް ސެކްޓަރ ގައި މަސައްކަތް ކުރަން ކަމުން އެ ކުދީން ވާނީ އެ ފުރުސަތު ދީ ރިލީސް ކޮށްފައި.
ދިވެހި ވަތަނީ ޚިދުމަތުގެ ދެވަނަ ބެޗުގެ ތަމްރީނުތަކަށް 350 ޒުވާނުން ޖެނުއަރީ 24 ވަނަ ދުވަހުވަނީ މާފިލާފުށްޓަށް ފުރާފަ.
ސަރުކާރުގެ އަމާޒަކީ، މިއަހަރު ތެރޭގައި އިތުރު 1000 ޒުވާނުންނަށް ދިވެހި ވަޠަނީ ޙަރަކާތުގެ ތަމްރީންތައް ފުރިހަމަކުރުމުގެ ފުރުސަތު ލިބިގެންދާނެ.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛
ޒުވާނުން މުނިފޫހިފިލުވުމާއި އާޓްސް ދާއިރާއިން ފަންނުވެރިންގެ ހުނަރު ތަރައްގީކުރުމާއި، މަދަނީ ޖަމްޢިއްޔާތައް ބާރުވެރިކުރުމާއި، ޒުވާނުންގެ މެދުގައި ކިޔުމާއި އުނގެނުމުގެ ރޫޙު އަށަގެންނަވުމަށްޓަކައި، ޔޫތު ހަބް ހުޅުވާ އެތަނުގައި ތައްޔާރުކުރެވިފައިވާ ފެސިލިޓީތަކުން ފޯރުކޮށްދިން ތަފާތު އެކިއެކި ޕްރޮގްރާމްތަކުގައި މިހާތަނަށް 680 ޒުވާނުންވަނީ ޚިދުމަތް ހޯދައްވައިފައި.
ޒުވާނުންނާއި ގުޅުންހުރި ތަފާތު ހުނަރުވެރި ޕްރޮގްރާމްތައް ހިންގުމަށް، ޒުވާނުންނަށް ޚާއްޞަކޮށްގެން އެކިއެކި ހަރަކާތްތައް ރާވާ އިންތިޒާމްކުރުމަށް މިފަދަ ޔޫތު ހަބުތައް ހުރިހާ ސިޓީތަކެއްގައި ގާއިމްކުރުމުގެ މަސައްކަތްތައް ވަނީ ކޮންޓްރެކްޓަރަކާ ހަވާލުކޮށްފައި. މީގެ އިތުރުން ގއ.ވިލިނގިލި، ހއ.ދިއްދޫ، އދ.މަހިބަދޫ، ބ.އޭދަފުށި، ދ.ކުޑަހުވަދޫ، ފ.ނިލަންދޫ، ލ.ފޮނަދޫ، ޅ.ނައިފަރު އަދި ރ.އުނގޫފާރުގައި މިފަދަ ޔޫތު ހަބުތައް ޤާއިމުކުރުމަށް ބޭނުންވާ ބިން ހަމަޖެހި މިއަހަރު ތެރޭގައި އަމަލީ މަސައްކަތްތަށް އިރާދަކުރެއްވިއްޔާ ފެށިގެންދާނެ.
އަދި، ޒުވާނުން ބާރުވެރިކުރުމުގެ ގޮތުން ފަންނިއްޔާތުގެ ދާއިރާއިން ޒުވާނުން ތަމްރީންކުރުމަށާއި، ނެޝަނަލް ޔޫތު ކޮންފަރެންސްއެއް ބޭއްވުމަށް އަދި އެކި ރަށްރަށުގެ އެކި ދާއިރާތަކުން ޒުވާނުން ހިމެނޭހެން ޔޫތު ޕާލިމަންޓެއް އުފެއްދުމަށް ވަނީ ހަމަޖެހިފައި. މީގެ އިތުރުން، ޒުވާނުންގެ ބައިވެރިވުމާއި ޝާމިލްވުން އިތުރުކުރުމަށްޓަކައި ސަރުކާރުގެ ވުޒާރާތަކުން ހިންގާ އެކިއެކި ކަންކަމުގައި ޒުވާނުންގެ ޚިޔާލު ހޯދުމުގެ މަސައްކަތް ފެށުމާއެކު ޒުވާނުންނަށް އަމާޒުކޮށްގެން ރީ އިންޓަގްރޭޝަން ހަރަކާތްތައް ފެށޭނެ. އަދި، ކުށުގެ ވެށިން ޒުވާނުން ސަލާމަތްކޮށް ހަރުކަށި ފިކުރު ނައްތާލުމަށްޓަކައި ޒުވާނުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުވުމުގެ ޚާއްޞަ ޕްރޮގްރާމެއް ފެށުމަށްވާނީ ނިންމާފައި.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛
ޤައުމުގައި ހަމަޖެހުން ޤާއިމް ކުރުމުގައި ވަށާޖެހޭ ޙައްލެއް ގެނައުމަކީ ނުހަނު ބޭނުންތެރިކަމެއް. މިގޮތުން، ކުށްކޮށްގެން ޖަލަށް ޙުކުމް ކުރާ ފަރާތްތައް ޖަލުގައި ބަންދު ކޮށްފައި ތިބޭ އިރު އިންސާނީ ކަރާމާތާއި ބައިނަލްއަޤްވާމީ މިންގަނޑު ތަކަށް ފެތޭ ގޮތަށް އިންތިޒާމްތައް ހުރިކަން ކަށަވަރު ކުރުން ވަރަށް މުހިންމު. މިގޮތުން ބަލާއިރު، 17 ނޮވެމްބަރ 2023ގައި ދިވެހިރާއްޖޭގައި ހުރި ޖަލުތަކުގެ ގިނަ ގޮޅިތަކުގައި ކުށްވެރިން އުޅެމުން ދިޔައީ ކަރަންޓްގެ ޚިދުމަތްނެތި. ގައިދީންގެ ހާލަތު ރަނގަޅުކުރުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން ހުރިހާ ޖަލުތަކެއްގެ ގޮޅިތަކަށް ކަރަންޓް މިހާރު ވާނީ ފޯރުކޮށްދެވިފައި. ޖަލުތަކުގެ ތެރެއަށް ވެއްދުން މަނާތަކެތި ވައްދައި ކުށްކުރަމުން ދިއުން ހުއްޓުވުމަށް އެންމެ ޒަމާނީ ބޮޑީ ސްކޭނަރެއް މިހާރު ވަނީ މާފުށީ ޖަލަށް ގެނެވިފަ. މި ސްކޭނަރު އިންސްޓޯލްކޮށް ތަމްރީނު ދެވި މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ބޭނުންކުރަން ފެށޭނެ. މީގެ ސަބަބުން، ޖަލުން ސްކޭމް ކޯލް ކުރުމާއި މި ބާވަތުގެ އެހެނިހެން ކަންކަން އިރާދަކުރެއްވިއްޔާ ހުއްޓުވުމަކަށް ގެނެވޭނެ.
ޖަލަކީ ހަމައެކަނި އަދަބު ދިނުމަށް ގެންދެވޭ ތަނަކަށް ވުމުގެ ބަދަލުގައި، އެތަނަކީ، ހުކުމް ތަންފީޛުކުރަމުންދާ ގައިދީންނަށް ދިރިއުޅުމުގައި ކާމިޔާބު މީހަކަށް ހެދުމަށް އިސްލާހީ ރިހިބިލިޓޭޝަންގެ ފުރުޞަތުދެވޭ ތަނަކަށް ބަދަލުކުރުމަކީ އަޅުގަނޑުގެ ސިޔާސަތު. މިގޮތުން، ރިހެބިލިޓޭޝަން ޕްރޮގްރާމްތަކުގައި ގަވާއިދުން ބައިވެރިވެ އަޚްލާޤު ވަކި މިންގަނޑެއްގައި ހިފެހެއްޓުމުން ޕްރޮގްރާމުގައި ހޭދަކުރާ ކޮންމެ ދުވަހަކަށް ޖަލުހުކުމުން އިތުރު ދުވަހެއް ކެނޑޭގޮތަށް މިހާރު ވާނީ ސިޔާސަތު ވަނީ ބަދަލުކޮށްފައި. އަދި ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އޯޕަން ޕްރިޒަން އައިލެންޑް ކޮންސެޕްޓުގައި، މުޅިރަށަކީ ޖަލެއްގެ ގޮތުގައި ކަނޑައަޅާ، އެރަށުގައި ގައިދީންނަށް ދިރިއުޅެވި، މަސައްކަތްތައް ކުރެވޭ ގޮތަށް، ރީހެބިލިޓޭޝަނަށް ފޯކަސްކޮށްގެން ރަށެއް ތަރައްޤީކުރުމަށް ނިންމާ، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާ ހަވާލުކޮށްފައިވާނެ. އަދި މިޖަލު ގާއިމްކުރުމަށް ކުރަންޖެހޭ އުމްރާނީ މަސައްކަތްތައް މި އަހަރުގެ މެދުތެރޭގައި ފަށައި، މިއަހަރުގެ ނިޔަލަށް އެތަނަށް ގައިދީން ލުމަށްވަނީ ޕްލޭންކޮށްފައި. މިރަށަށް ގެންދެވޭނީ މިނިމަމް ސެކިއެރިޓީ ދޭންޖެހޭ ކުދި މައްސަލަތަކުގައި ގައިދުކުރެވޭ ފަރާތްތަށް. މި ފަރާތްތަކަށް ދަނޑުވެރިކަމާއި އެފަދަ އެހެން މަސައްކަތްތައް މިރަށުގައި ދަސްކޮށްދެވޭނެ.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛
އަޅުގަނޑު މި ބަޔާން ކުރި ރައްޔިތުންނާ ގުޅުން ހުރި ހުރިހާ ކަންކަން ކުރިޔަށް ގެންދިޔުމުގައި ޝާމިލް އެއް ސިޔާސަތު ވޭ. އެއީ ލާ މަރުކަޒީ އުސޫލުން، ރައްޔިތުންނާ ގާތުން، ރައްޔިތުންގެ އަޑު އަހައިގެން، ރައްޔިތުން އެދޭ އަމާޒަށް ވާސިލް ވުމަށް މަސައްކަތް ކުރުމުގެ ސިޔާސަތު. ހަމަ އެއާއެކު، ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުމަކީ ވެސް ސަރުކާރުގެ ސިޔާސަތު. ކައުންސިލްތަކަށް މާލީ ތަނަވަސްކަން ހޯދުމުގެ ވަސީލަތެއްގެ ގޮތުގައި ފަޅުރަށް ހޯދުމަށް ވަނީ ހުޅުވާލާފައި. އެކަމަށްޓަކައި 27 ފަޅުރަށެއް ޚާއްޞަކޮށްފައިވާއިރު، އޭގެތެރެއިން ބައެއް ރަށްތައް ހޯދުމަށް 12 ކައުންސިލަކުން 15 ޕްރޮޕޯސަލް ހުށަހަޅާފައިވޭ. މިހާތަނަށް 6 ކައުންސިލަކަށް 7 ރަށް ދޫކުރެވިފައިވާކަން އުފަލާއެކު ފާހަގަ ކުރަން.
ރައްޔިތުންނާ ވީހާވެސް ކައިރިން ، ލާމަރުކަޒީ އުސޫލުން، ޢާއްމުރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ލުއިފަސޭހަގޮތެއްގައި ފޯރުކޮށްދިނުމުގެ މުހިންމު މަޤްޞަދުގައި، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެދުމުގެ ޚިދުމަތާއި، ދިވެހި ޕާސްޕޯޓްގެ ޚިދުމަތް ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ އަތޮޅަކުން ލިބޭނެގޮތް ހަމަޖައްސައިދިނުމަށް ފެށި މަސައްކަތުގެ ތެރެއިން 2025 ވަނަ އަހަރު ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ އަތޮޅެއްގައި ވާނީ މިޚިދުމަތްތައް ފަށާފައި. މީގެއިތުރުން އާބާދީ ބޮޑު އަތޮޅުތަކުގައި 1 ރަށަށްވުރެ ގިނަ ރަށުގައި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު އަދި ޕާސްޕޯޓްގެ ޚިދުމަތް ވާނީ ދޭން ފަށާފައި. މި ޚިދުމަތްތައް މި ގޮތަށް ލާމަރުކަޒުކޮށް ފުޅާކުރުމުގެ ސަބަބުން ރައްޔިތުން ޚިދުމަތް ހޯދުމަށް ކުރިން އުފުލި ތަކުލީފުތައް އެތައް ތަނެއް ކުޑަވެ، ރައްޔިތުންގެ އަތުން އެކަމަށް ހިނގަމުން ދިޔަ ޚަރަދުތައް އެތައް ގުނައެއް ކުޑަވެ ފަސޭހަކަމާ އަވަސްކަމާއެކު ރައްޔިތުންނަށް ޚިދުމަތް ލިބެމުންދާކަން އުފަލާއެކު ފާހަގަކުރަން.
ހަމައެއާއެކު، ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމް ޤާއިމްކޮށް އެ ޚިދުމަތް ގެ ޚިދުމަތް ލާމަރުކަޒުކުރުމުގެ ސަބަބުން ރަށުގައި ތިއްބަވައިގެން ފައިސާ ޖަމާކުރުމާއި ފައިސާ ނެގުމާއި ފައިސާ ޓްރާންސްފަރ ކުރުމާއި އަދި ކްރެޑިޓް ކާޑާއި ލޯނުތަކަށް ފައިސާ ދެއްކުން ފަދަ އެކި ޚިދުމަތްތައް ފަސޭހައިން ލިބޭނެގޮތް މިހާރުވާނީ ހަމަޖެހިފައި. ހަމައެއާއެކު، މުޅިން އަލަށް 7 ރަށެއްގައި ޑޮލަރު އޭޓީއެމް ހުޅުވި، އިތުރު 70 ރަށުގައި ޑޮލަރު އޭޓީއެމް ބެހެއްޓުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ވަނީ ފަށާފައި. މި އަހަރުގެ މާރިޗު މަހުގެ ނިޔަލަށް އިރާދަކުރެއްވިއްޔާ މި އޭޓީއެމްތަކުން ވެސް ޚިދުމަތް ދޭން ފެށޭނެ.
މީގެ އިތުރުން، ރައްޔިތުންނަށް ލާމަރުކަޒީކޮށް ޚިދުމަތް ދިނުމަށް ރަށުގައި ބޭނުން ކުރަން ޢިމާރާތްތައް ކަމުގައިވާ ކައުންސިލުތަކުގެ އިދާރާތަކުގެ ޢުމްރާނީ ޙާލަތު ރަނގަޅުކޮށް، ޖާގައިގެ ދަތިކަން ޙައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަކީވެސް ލާމަރުކަޒީ ނިޒާމު ވަރުގަދަކުރުމަށް ކުރިޔަށް ގެންދާ މަޝްރޫޢުތައް. އެގޮތުން 2025 ވަނަ އަހަރު ވާނީ 55 ކައުންސިލް އިދާރާ ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ފަށާފައި. ޕްރޮޖެކްޓް ނިމޭއިރު ޚިދުމަތް ދިނުމަށް ބޭނުންވާ ހުރިހާ ކަމެއް ހުންނާނީ އިދާރާތަކުގައި ފުރިހަމަވެފައި. މިއަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ، އެ 55 ކައުންސިލް އިދާރާގެ މަސައްކަތް ނިމި، ރައްޔިތުންނަށް ޚިދުމަތް ދޭން ފެށޭނެ. ހަމަ މިއާއެކު، ސަރުކާރުން ހިންގާ ޕީ.އެސް.އައި.ޕީގެ ދަށުން 6 ކައުންސިލު އިދާރާއެއްގެ މަސައްކަތް ނިންމައިފިން. އަދި 19 ކައުންސިލު އިދާރާ ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް މިހާރުވެސް ދަނީ ކުރަމުން. ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ޢިމާރާތްކުރާ 50 ކައުންސިލް އިދާރާ ޕްރޮޖެކްޓްގެ ފީޒިބިލިޓީ ދިރާސާ ވަނީ ހަދައި ނިމިފައި. މިހާރު ކުރިއަށް ދަނީ ކައުންސިލް އިދާރާ އަޅާނެ ބިން ހޯދުމާއި އެނޫން ވެސް އިދާރީ މަސައްކަތްތައް.
އަދި ރައްޔިތުންގެ ވޯޓާއެކު އަލަށް އުފެދިގެންދާ 2 ކައުންސިލް ކަމުގައިވާ، އައްޑޫ ހުޅުދޫ އާއި އައްޑޫ މީދޫ ގައި ކައުންސިލް ހިންގުމަށް ބޭނުންވާ ޖާގަ އިތުރު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މި މަހު ފެށޭނެ. އަދި 2 ކައުންސިލަށް ބޭނުންވާ އިދާރީ މުވައްޒަފުންނާއި މުނިސިޕަލް ޚިދުމަތް ހަރުދަނާ ކުރުމަށްޓަކައި ބޭނުންވާ މުއައްޒަފުން ހަމަކުރުމަށްޓަކައި ކައުންސިލްގެ މުވައްޒަފުންގެ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް ގެނެވި، މުވައްޒަފުން އިތުރު ކުރެވޭނެ.
މީގެ އިތުރުން، މާލޭގައި ހުންނަ އަތޮޅު ފިހާރަ ތައް އިތުރަށް ތަރައްޤީ ކުރެވި އެ ފިހާރަތަކުން އަތޮޅުތަކުގެ ރައްޔިތުންނަށް ގިނަގުނަ ފައިދާތައް ލިއްބައިދެވޭނެ ތަނަކަށް ހެދުމަށްޓަކައި، އަތޮޅު ފިހާރަ ބަރި ހުރި ސަރަޙައްދު ރީޑެވެލޮޕްކޮށް ޒަމާނީ ކޮމާރޝަލް ފޮރަންޓަކަށް ހެދުމަށް ސަރުކާރާ ބައިވެރިވެގެން އިންވެސްޓްކުރަން ބޭނުންވާ ފަރާތްތަކަށް މިއަހަރުގެ މެދުތެރޭގައި އިރާދަކުރެއްވިއްޔާ ހުޅުވާލާނަން. އަތޮޅު ފިހާރަބަރިއަކީ މާލޭގެ މަލަމަތީގެ ރަމްޒެއްގެ ގޮތުގައި އެތައް ޒަމާނެއްވީ ތަރިކައެއް ކަމުން، އަތޮޅު ފިހާރައިގެ ޢިމާރާތުގެ ބޭރު ފާރު ދިގު މުއްދަތަށް ރައްކާތެރިކޮށް ހުންނާނޭގޮތަށް މި ރީޑެވެލޮޕްމަންޓް މަޝްރޫޢު ކުރިޔަށް ގެންދިޔުމަށް އަޅުގަނޑު ޤަސްދުކުރަން.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛
ރައްޔިތުންނަށް ޚިދުމަތްކުރުމުގައި ސަރުކާރުގެ އެފިޝެންސީ މަތިކޮށް ގުޑް ގަވަރނަންސް ގެ އުސޫލުތަކުގެ މައްޗަށް ބިނާވެފައިވާ ޒަމާނީ ޑިޖިޓަލައިޒޭޝަން ގެ ނިޒާމު ޤާއިމުކުރުމަކީ މި އަހަރު ވަރަށް ބޮޑު އިސްކަމެއްދިނުމަށް ނިންމާފައިވާ ކަމެއް. މިކަން ޙާސިލްވުމުން ނަތީޖާއަކަށް ވާނީ، ޚިދްމަތް ލިބިގަންނަ ރައްޔިތުންނަށް ފަސޭހަ، ޚިދްމަތްދޭން ތިބޭ ދައުލަތުގެ މުވައްޒަފުންނަށް ލުއި، އަވަސް، ދެފުށްފެންނަ، ކޮރަޕްޝަންގެ ވަކިތަކަށް ޖާގަ ނުލިބޭ އިތުބާރު ހިފާ ޚިދުމަތުގެ ނިޒާމެއް ޤާއިމްވެގެން ދިޔުން. މިއީ ޒަމާނުއްސުރެ ދިވެހި ދައުލަތް ހިންގަމުން އައި އިދާރީ ނިޒާމަށް ގެނެވޭ އިންޤިލާބީ ހެޔޮ ބަދަލެއް. 2025 މެއި 11 ގައި އިފްތިތާޙް ކުރި މޯލްޑިވްސް 2.0 ގެ ދަށުން ކުރިޔަށް އޮތް 3 އަހަރު ގެ ތެރޭގައި، ދިވެހިދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތްކޮށް، ސައިބަރ ސެކިއުރިޓީ ހަރުދަނާކޮށް، ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭ ޑިޖިޓަލް އައިޑީގެ ޒަރީޢާއިން އިތުބާރާއެކު ބަރޯސާވެވޭ ޑިޖިޓަލް މުޢާމަލާތްތަކަށް މަގުފަހިކޮށް، ދައުލަތުގެ މުއައްސަސާތަކުގެ މެދުގައި ޑޭޓާ ރައްކާތެރި ކަމާއެކު ވަގުތުން ވަގުތަށް ފޮނުވޭނެ ގޮތް އިންތިޒާމްކޮށް، މޯލްޑިވްސް ޑޭޓާ އެކްސްޗޭންޖް ޤާއިމުކޮށް، ދައުލަތުގެ މުއައްސަސާތަކުގެ ހައްސާސް މަޢުލޫމާތުތައް ރައްކާތެރިކަމާއެކު ބަލަހައްޓައި އާރކައިވްކުރުމަށް ސޮވަރިން ކްލައުޑް ޤާއިމުކޮށް، ދައުލަތުން ފޯރުކޮށްދޭ ޚިދުމަތްތައް ސިޓިޒެން-ސެންޓްރިކްކޮށް، އެއް ފުރާޅެއްގެ ދަށުން އެ ޚިދުމަތްތައް ޑިޖިޓަލްކޮށް ފޯރުކޮށްދިނުމަށް މަގުފަހިކޮށް، ޑިޖިޓަލް ރޮގުން މުސްތަޤްބަލަށް ފައްކާވެފައިވާ ޖީލެއް ބިނާކޮށް، އިރާދަކުރެއްވިއްޔާ ނިންމާނަން. މި މަޝްރޫޢު ހިންގުމަށްޓަކައި، ޑިޖިޓަލް ޓްރާންސްފޮމޭޝަން މަޝްރޫޢުގެ މަގުޗާޓު ވަނީ އެކުލަވާލާ ކެބިނެޓުން ފާސްކޮށްފައި. މި މަގުޗާޓު ތަންފީޒުކުރުމަށްޓަކައި، މި އަހަރުގެ ބަޖެޓުގައި ޚާއްޞަ އިސްކަމެއްދީފައިވާނެ. ޤައުމީ ފެންވަރުގައި ހިންގާ މި މަޝްރޫޢު ހަލުވިކޮށް ކުރިއަށް ގެންދިއުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު ޤާއިމްކުރުމަށްޓަކައި ޑިޖިޓަލް ޓްރާންސްފޯމޭޝަނާބެހޭ ބިލާއި، ޑިޖިޓަލް އައިޑެންޓިޓީއާބެހޭ ބިލާއި، ސައިބަރ ސެކިއުރިޓީއާބެހޭ ބިލު މި ޢިއްޒަތްތެރި މަޖިލީހުގެ މިއަހަރު ފުރަތަމަ ދައުރަށް އިރާދަކުރެއްވިއްޔާ ހުށަހަޅާނަން.
މޯލްޑިވްސް 2.0 ގެ ދަށުން، މިއަހަރު ނިމޭއިރު ދިވެހިރާއްޖޭގައި ސިވިލް ރަޖިސްޓްރޭޝަންގެ ޚިދުމަތްތައް ދިނުމަށް އެއް ވިއުގައެއް ޤާއިމްކުރެވި، ދިވެހިރާއްޖެއަކީ ސަރަޙައްދީ ފެންވަރުގައި ސިވިލް ރަޖިސްޓްރޭޝަންގެ ޚިދުމަތް އެންމެ ފުރިހަމައަށް ދޭ ޤައުމުކަމަށް ހެދުމަކީ ސަރުކާރުގެ އަމާޒެއް. މިއާއެކު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފެންވަރު ރަނގަޅުކޮށް ބޮޑެތި ބަދަލުތަކަކާއެކު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ސްމާޓް ކާޑަކަށް އިރާދަކުރެއްވިއްޔާ ބަދަލުކުރެވޭނެ.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛
ދައުލަތުގެ ހިންގުމުގެ ނިޒާމު ޑިޖިޓަލައިޒް ކޮށް ނިމުމުން ކޮރަޕްޝަންގެ ވަބާ ދައުލަތުގެ ހިންގުމުގެ ނިޒާމުގެ ތެރެއިން ވަރަށްބޮޑަށް ނެތިގެންދާނޭ ކަމަށް ޤަބޫލުކުރަން. މިސަރުކާރުން މިދަނީ ކޮރަޕްޝަން ނައްތާލުމުގައި ގިނަގުނަ މަސައްކަތްކުރަމުން. އެ ގޮތުން ކަމާގުޅޭ ބިލުތައް މި ޢިއްޒަތްތެރި މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރަށް ހުށަހެޅުމަށްޓަކައި މިދަނީ ތައްޔާރުވަމުން. މިގޮތުން، އެންޓި-ކޮރަޕްޝަންގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލާއި، އެސެޓް ރިކަވަރީއާބެހޭ ބިލާއި، ޖިނާއީ އިޖުރާތުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ހުށަހެޅުމަށްވަނީ ނިންމާފައި.
މި ބިލުތަކުގެ އިތުރުން މި ޢިއްޒަތްތެރި މަޖިލީހުގެ ކޮމިޓީ މަރުޙަލާގައިވާ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު ގައި ނުޙައްޤު މުއްސަނދިކަމުގެ ކުށާގުޅޭ އިޞްލާޙު ގެނައުމުގެ ބިލާއި، ހެއްކާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ފާސްވުމުން މިބޮޑު މައްސަލައަށް ޙައްލެއް ގެނައުމުގައި ގިނަގުނަ ކުރިއެރުން ލިބޭނެކަން ޔަޤީން. އަދި، ތިޔަ ޢިއްޒަތްތެރި މަޖިލިސް މެންބަރުންނަށް އަޅުގަނޑު ދޭ ޔަޤީން ކަމަކީ، ކޮރަޕްޝަނާއި ވައްކަމާއި ފަސާދަ ހިންގާ އެއްވެސް ފަރާތެއްގެ މައްސަލަ، އެ މައްސަލައިގެ ހެއްކާއެކު އަޅުގަނޑާ ހަމަޔަށް ގެނެސްފިނަމަ، އެ ފަރާތަކަށް އަޅަންޖެހޭ ފިޔަވަޅު އެޅުމުގައި އަޅުގަނޑު ކުޑަކޮށްވެސް ފަސް ނުޖެހޭނެކަން!
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛
ޤައުމުގައި ހަމަޖެހުމާ ރައްކާތެރިކަން ކަށަވަރު ކުރުމުގައި، މިނިވަން ޖުޑިޝަރީ އެއް ޤާއިމު ވެފައި އޮތުމަކީ ކޮންމެހެން ކުރަންޖެހޭ އަސާސީ ކަމެއްގެ ގޮތުގައި އަޅުގަނޑު ދެކެން. މިގޮތުން، ވީރާނާވެގެން ބޭނުން ނުކުރެވޭ ޙާލަތަށް ގޮސްފައި ހުރި ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓް ހުޅުމާލޭގައި ޖާގަ ތަނަވަސް، ފެންވަރު ރަނގަޅު ޢިމާރާތެއްގައި ހިންގަން މިދިޔަ އަހަރު ފެށުމުގެ އިތުރުން، ޖުޑީޝަރީ ސެކްޓަރގެ ބަޖެޓު ތަންފީޒުކުރުމުގައި އެ ދާއިރާއަށް ފުރިހަމަ މިނިވަންކަން ވާނީ ދީފައި. މި އަހަރުގެ ބަޖެޓުގައި މި އަހަރަށް ލަފާކުރި އާމްދަނީގެ %2 ކަމުގައިވާ 808 މިލިއަން ރުފިޔާ ޖުޑީޝަރީ ސެކްޓޯރަލް ގްރާންޓްގެ ގޮތުގައި ހިމަނާފައިވާނެ. މިއީ 2025 ވަނަ އަހަރުގެ ނިޔަލަށް ޖުޑީޝަރީ ދާއިރާއަށް ހިނގާފައިވާ 600 މިލިއަން ރުފިޔާގެ ބަޖެޓަށްވުރެ 200 މިލިއަން ރުފިޔާ ބޮޑު ބަޖެޓެއް. މި ބަޖެޓު ތަންފީޒުކުރުމުގެ ފުރިހަމަ މިނިވަންކަން، ޕަބްލިކް ފައިނޭންސް މެނޭޖްމަންޓްގެ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން ވަނީ ކަށަވަރު ކޮށްދެވިފައި. އަދި، މިކަމާ ގުޅޭގޮތުން އެކުލަވާލާފައިވާ އުސޫލު ވާނީ މިއަހަރުގެ ޖަނަވަރީ މަހުގެ 19 ވަނަ ދުވަހު ގެޒެޓުކޮށްފައި. އަދި، އިރާދަކުރެއްވިއްޔާ މިއަހަރު ތެރޭގައި، ހުޅުމާލޭގައި ސުޕީރިއަރ ކޯޓް ކޮމްޕްލެކްސް ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ފަށާނަން.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛
މިސަރުކާރަކީ ވީހާ ވެސް ރައްޔިތުންނާ ގާތުން ރައްޔިތުންގެ އަޑުއަހައިގެން ހިންގާ ސަރުކާރެއްގެ ގޮތުގައި ކުރިޔަށް ދިޔުމުގައި އަޅާ ވަރަށް މުހިންމު އިތުރު ފިޔަވަޅެއްގެ ގޮތުން، ރައްޔިތުންގެ ކަންބޮޑުވުންތަކާ ޝަކުވާތައް ހުށަހަޅާ އޮފީސް ނުވަތަ ސިޓިޒެންސް ކޮމްޕްލެއިންޓްސް ބިޔުރޯގެ ނަމުގައި 24 ގަޑި އިރު ޚިދްމަތް ދޭނޭ އޮފީހެއް ރައީސް އޮފީހުގައި ޤާއިމް ކުރަން ނިންމި ވާހަކަ ޢިއުލާން ކުރަން.
މި ބިޔުރޯގެ މައިގަނޑު މަސްއޫލިއްޔަތަކީ ސިޓީ، އީމެއިލް، ރައްޔިތުންގެ އަޑު، ޖެމްސް މެސެޖިންގ ޕްލެޓްފޯމް، ފޯނު، ސޯޝަލް މީޑިއާގެ ވަސީލަތްތައްފަދަ އެކިއެކި ޕްލެޓްފޯމްތައް މެދުވެރިކޮށް ރައްޔިތުން ހުށަހަޅާ ޝަކުވާތައް ޑިޖިޓަލް ސިސްޓަމެއްގެ ތެރެއިން މެނޭޖުކުރުމުގެ އިންތިޒާމު ހަމަޖައްސައި، އެ ޝަކުވާތަކާބެހޭ ގޮތުން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ހޯދަންޖެހޭ މަޢުލޫމާތު ހޯދައި، އެ ޝަކުވާތަކަށް ޖަވާބު ދިނުން. މި މަރުކަޒުގައި ކޮމްޕްލެއިންޓްސް މެނޭޖުކުރާނެ، އާޓިފިޝަލް އިންޓެލިޖެންސް އެކުލެވޭގޮތަށް ފަރުމާކޮށްފައިވާ ސްޓޭޓް އޮފް ދި އާޓް-އޮޓޮމޭޓެޑް ޑިޖިޓަލް ސިސްޓަމެއް ގާއިމުކުރެވިގެންދާނެ. އެކިއެކި ޕްލެޓްފޯމްތައް މެދުވެރިކޮށް ސަރުކާރަށް ހުށަހެޅޭ ހުރިހާ ޝަކުވާތައް މި ސިސްޓަމްގެ ތެރޭގައި ރެކޯޑްކޮށް، ކޮންމެ ޝަކުވާއަކަށް ޓިކެޓް ރެއިސްކޮށް، ކޮންމެ ޝަކުވާއަކަށް ޖަވާބު ދެވެންދެން މައްސަލަ ކުރިއަށް ދާގޮތް ސިސްޓަމް މެދުވެރިކޮށް ޓްރެކްކުރެވޭނެ އިންތިޒާމު ހަމަޖެހިފައި ހުންނާނެ. މި ބިޔުރޯގެ ބައެއްގެ ގޮތުގައި 24 ގަޑިއިރު ޚިދުމަތް ފޯރުކޮށްދޭ "ކޯލް ސެންޓަރ"އެއް ގާއިމުކުރާނަން. ހަމަ އެއާއެކު، ސަރުކާރުގެ ވަކިވަކި އިދާރާތަކަށް ހުށަހެޅޭ ޝަކުވާތައް މެނޭޖުކޮށް، އެ ޝަކުވާތަކަށް ޖަވާބު ދިނުމަށް ސަރުކާރުގެ ވަކިވަކި އިދާރާތަކުގައި "ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ"ގެ ޑިޖިޓަލް ސިސްޓަމް ބޭނުންކުރާގޮތަށް ހަމަޖައްސައި ސަރުކާރުގެ ހުރިހާ އިދާރާތަކަށް ހުށަހެޅޭ ޝަކުވާތައް "ވަން ސިންގަލް ކޮމްޕްލެއިންޓްސް މެނޭޖްމަންޓް މެކޭނިޒަމް"ގެ ތެރެއިން މެނޭޖުކުރުމުގެ އިންތިޒާމު ހަމަޖެހިފައި ހުންނާނެ. އަދި، ސަރުކާރުގެ ވަކިވަކި އިދާރާތަކަށް ހުށަހެޅޭ ޝަކުވާތަކާމެދު އިދާރާތަކުން ޢަމަލުކޮށް ޖަވާބުދެމުންދާގޮތް މޮނިޓަރކޮށް، އެ އިދާރާތައް ޒިންމާދާރުކުރުވާ/އެކައުންޓަބަލްކުރުވާ އޯވަރއަރޗިންގ އިދާރާއެއްގެ ގޮތުގައި "ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ" ހަރަކާތްތެރިވާނެ. މި ބިއުރޯގައި މަސައްކަތް ކުރާނޭ މުވައްޒަފުން ހޯދުމުގައި އިތުރު ގިނަ މުވައްޒަފުންތަކެއް ހޯދުމުގެ ބަދަލުގައި ރައީސް އޮފީހާއި ސަރުކާރުގެ އެކި އިދާރާތަކުގައި މިހާރު ވެސް މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ ތެރެއިން ކަމަށް އެކަށީގެންވާ މުވައްޒަފުން ބަދަލުކޮށްގެން ކަމާގުޅޭ ތަމްރީނުދީ މަސައްކަތަށް ފުރިހަމައަށް ތައްޔާރުކުރުމަށް. މި އިދާރާ އިރާދަކުރެއްވިއްޔާ ކުރިޔަށް އޮތް 5 މަސް ދުވަހުގެ ތެރޭގައި ޤާއިމްކޮށް ރައްޔިތުންނަށް ޚިދުމަތް ދޭން ފަށާނަން!
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛
ޤައުމުގައި ހަމަޖެހުން ޤާއިމްވެގެން ދިޔުމުގައި އަދި، ތަރައްޤީ ގެ ދުވެލި ރައްޔިތުންނަށް ހާމަކޮށްދިނުމުގައި، އަދި ރައްކާތެރިކަން ރައްޔިތުންނަށް ކަށަވަރުކޮށްދިނުމުގައި ހަރުދަނާ މީޑިއާއެއް ޤައުމުގައި ޤާއިމްވެފައި އޮތުމަކީ ނުހަނު މުހިއްމު ކަމެއް. ސައްތައިން ސައްތަ އިސްލާމީ މުޖުތަމަޢެއްގައި ހިފަހައްޓަން ޖެހޭނޭ މިންގަނޑުތައް އަބަދުމެ ހިފަހައްޓަމުން 5 ކާފު ހަމަ ތެދު ޚަބަރާއި މަޢުލޫމާތު ރައްޔިތުންނަށް ފޯރު ކޮށްދޭ ޒިންމާދާރު މީޑިޔާއެއް އޮތުމަކީ ރައްޔިތުންގެ ޙައްޤެއް. އެހެންކަމުން މި ސަރުކާރުން، ރައްޔިތުންގެ މި މުހިންމު ޙައްޤު ކަށަވަރު ކޮށްދިނުމުގައި ސާބިތުވެ ދެމި އޮންނާނަން. މިގޮތުން، ރާއްޖޭގެ ތާރީޚުގައި އަލަށް، ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް ފައިސާ ދޫކޮށްފިން. 40 މީޑިއާއަކަށް 27,295,532.69 ރުފިޔާ މިހާރުވާނީ ޖަމާކޮށްދީފައި. މީޑިޔާތަކުން އަމިއްލަ ފަރާތްތަކުގެ ޢިމާރާތްތަކުން ބޮޑު ކުލީގައި އޮފީހާއި ސްޓޫޑިޔޯ ޖާގަ ކުއްޔަށް ނަގަން މަޖުބޫރުވެފައިވާތީ، މާލީގޮތުން ކުރިމަތިލާންޖެހިފައި އޮންނަ މި ދަތި ޙާލަތުން އަރައިގަނެ، ލިބޭ އާމްދަނީ އިން މީޑިޔާ އިތުރަށް ތަރައްޤީކޮށް ކުރިއަރައިގެން ދިޔުމަށް މަގުފަހި ކޮށްދިނުމުގެ ގޮތުން، ވަރަށް ކުޑަ އަގެއްގައި ކުއްޔަށް ނެގޭނޭ އޮފީސް އަދި ސްޓޫޑިޔޯ ޖާގަ ހިމެނޭ މީޑިޔާ ވިލެޖްގެ މަސައްކަތް ދަނީ ވަރަށް ހަލުއި ދުވެލީގައި ކުރިޔަށް. ހުޅުމާލޭގެ ފޭސް 1 ގައި ހަދަމުންދާ މީޑިޔާ ވިލެޖް ގައި 34 ޖާގަ ހިމެނޭ. މިތަން ނިމި، މީޑިޔާތަކަށް ބޭނުން ހިފުމުގެ ފުރުސަތު މި އަހަރުގެ މެދު ތެރޭގައި އިރާދަކުރެއްވިއްޔާ ހުޅުވާލާނަން.
އަދި ހަމަ އެފަދައިން، މީޑިއާ އާ މަޢުލޫމާތު ޙިއްސާ ކުރުމުގައިވެސް މި ސަރުކާރުން މީޑިއާ އާ ގާތުން މަސައްކަތްކުރުމުގައި ދެމި އޮންނާނަން. ސަރުކާރުގެ ހަރަކާތްތައް ހިއްސާކުރައްވައި ސުވާލުތަކަށް ޖަވާބުދެއްވުމުގައި، ނިމިދިޔަ އަހަރު، ރާއްޖެއާއި ބޭރުގެ މީޑީއާތައް ހިމެނޭގޮތަށް 424 ފަހަރު، ސީދާ ވަޒީރުން ވަނީ އެކި މީޑިއާތަކަށް، މަޢުލޫމާތާއި އިންޓަރވިއު ދެއްވަން ވަޑައިގެންފައި. މީގެ އިތުރުން 493 ފަހަރު ވުޒާރާތަކުގެ އެކިއެކި އިސްވެރިންވަނީ ރައްޔިތުންނަށް ބޭނުންވާ އެކިއެކި މުހިންމު މަޢުލޫމާތު މީޑިއާގެ ޒަރީޢާއިން ހިއްސާ ކުރައްވާފައި.
މީގެ އިތުރުން އާންމު އެކި ރައްޔިތުން ސާފުކުރައްވަން ބޭނުންފުޅުވާ މަޢުލޫމާތެއް ހުރިނަމަ އެކަމަށް އެދި ފޯމް ހުށަހެޅުމުން ޤާނޫނީ ހުދޫދުގެ ތެރެއިން ހާމަކުރެވެން އޮތް އެންމެ ފުޅާ މިނެއްގައި އެދިލައްވާ މައުލޫމާތު ސަރުކާރުގެ ހުރިހާ އިދާރާއަކުން ދަނީ ހާމަކުރަމުން. މިގޮތުން މިދިޔަ އަހަރު ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި މިނިސްޓްރީތަކަށް 1341 އާރު.ޓީ.އައި ފޮނުވާފައިވާ އިރު އޭގެ ތެރެއިން 1251 އާރ.ޓީ.އައި އަށް ވަނީ ޖަވާބު ދީ ނިންމާފައި. މިއީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި މިނިސްޓްރީތަކަށް ފޮނުވި އާރު.ޓީ.އައި ގެ %93 . ޖަވާބު ތައްޔާރުކުރުމުގެ އެކި މަރުހަލާތަކުގައި އެއްކުރަންޖެހޭ އިތުރު މަޢުލޫމާތު ހުރުމާއި، އެކި ސަބަބުތަކާހުރެ ވަގުތު އިތުރުކުރަންޖެހުމުގެ ސަބަބުން އަދި ޖަވާބު ނުދެވި ހުރި އާރު.ޓީ.އައި ފޯމުތަކަށް ވެސް ދަނީ ޖަވާބުތައް ތައްޔާރުވަމުން. މި މަސައްކަތް ހުއްޓުމެއްނެތި ކޮންމެ ދުވަހަކުވެސް އެދަނީ ކުރިއަށް. ވީމާ، މާސް މީޑިޔާއާއި ޕްރިންޓް މީޑިޔާއާއި ފަރުދީ ގޮތުން މަޢުލޫމާތު ހޯދުމުގައި ކުޑަވެސް ހުރަހެއް ނެތް.
މީގެ އިތުރުންވެސް، މީސްމީޑިއާގެ އެކިއެކި މަންސަތައް މެދުވެރިކޮށް ވެސް ސަރުކާރުން ވަނީ އެކިއެކި ކަންކަމުގެ މަޢުލޫމާތު ރައްޔިތުންނަށް ފޯރުވައިދިނުމަށް ޓަކައި، 2025 ވަނަ އަހަރު 40875 ޕޯސްޓު ސޯޝަލް މީޑިޔާ މެދުވެރިކޮށް މަޢުލޫމާތު ޝާއިޢުކޮށްފައި.
މީޑިއާއާ އަޅުގަނޑު ބާއްވަމުން އަންނަ ގާތް ރަޙްމަތްތެރި ގުޅުން އިތުރަށް ގާތް ކުރުމަށްޓަކައި، މީޑިއާއަށް ސީދާ އަޅުގަނޑު މަޢުލޫމާތު ދިނުމުގެ ގޮތުން މި އަހަރުގެ މާޗް މަހުން ފެށިގެން، ޢާއްމު އުސޫލެއްގެ މަތިން، އިރާދަކުރެއްވިއްޔާ ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހު ހެނދުނު 10:00 އިން 11:00 އަށް ނޫސްވެރިންނާ އަޅުގަނޑު ބައްދަލު ކުރާނަން. ދަތުރެއް ކުރަން ޖެހުން ނުވަތަ ބަންދު ދުވަހަކާ ދިމާވުން، ނުވަތަ އެ ނޫންވެސް މި ޝެޑިޔުލަށް ބަދަލު އަންނަ ފަދަ ކަމެއް މެދުވެރި ނުވާހާ ހިނދަކު އިރާދަކުރެއްވިއްޔާ މިކަން މިގޮތުގައި ކުރުމުގައި ދެމި ހުންނާނެ ވާހަކަ ދަންނަވަން.
ހަމަ އެހެންމެ، މިއަހަރުގެ މާޗް މަހުން ފެށިގެން، ކެބިނެޓުގެ ކޮންމެ ވަޒީރަކު ވެސް ހަފްތާއަކު 1 ފަހަރު 1 ގަޑި އިރަށް ނޫސްވެރިންނާ ބައްދަލުކުރައްވާނެ. މި ބައްދަލުވުންތަކުގެ ތާވަލް ރައީސް އޮފީހުން ހާމަކުރަމުން ގެންދާނެ.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛
ދިވެހި ލޮބުވެތި ރައްޔިތުންނަށް އެންމެ ބޮޑު ނިކަމެތިކަމެއް ކުރިމަތިކުރުވާ އެއް ކަމަކީ ޤައުމު ދަތުރު ކުރަމުންދާ މިސްރާބު 5 އަހަރުން 5 އަހަރުން ބަދަލު ވެގެންދާ ދިޔުން ކަމުގައި އަޅުގަނޑު ދެކެން. އެހެންކަމުން ރައްޔިތުންގެ އަޑު އަހައިގެން، ރައްޔިތުން އެދޭ އަމާޒަށް ޤައުމުގެ މިސްރާބު 20 އަހަރު ދުވަހަށް ކަނޑަ އަޅާ ފާސްކޮށް އަދި އެ މިސްރާބަށް ޤާނޫނީ ބާރުވެރިކަން ދިނުމަކީ މި ޤައުމުގެ ތަރައްޤީއާއި ހަމަޖެހުމާއި ރައްކާތެރިކަމަށް ކޮށްދެވޭނެ އެންމެ ބިނާކުރަނިވި އެންމެ މާނަހުރި އެއް ކަންތައްކަމުގައި ދެކި، އެ ވަޢުދު ރިޔާސީ އިންތިޚާބުގައި އަޅުގަނޑުވިން. އަދި އެ ވަޢުދު ފުއްދުމުގެ މަސައްކަތް ފަށައި، ވަރަށް ބޮޑު ކުރިއެރުންތަކެއް އިރާދަކުރެއްވީތީ މިއަދާ ހަމަޔަށް އައިރު ވަނީ ހޯދިފައި. މިގޮތުން، ޖުމްލަ 10,088 ފަރާތުގެ ޚިޔާލު ވަނީ ހޯދާފައި. މީގެ ތެރޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ޖުމްލަ 192 އާންމު ރައްޔިތުންގެ ބައްދަލުވުން ބާއްވާ، ރާއްޖޭގެ މީހުން ދިރިއުޅޭ ރައްރަށެއްގައި ޒުވާނުން، އަންހެނުން، ވިޔަފާރިވެރިން، މަސްވެރިން، ދަނޑުވެރިންނާ އެކު 96 ފޯކަސް ގުރޫޕު ބައްދަލުވުން ބާއްވައި، ސަރުކާރުން ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކާއި އަމިއްލަޖަމިއްޔާ ޖަމާއަތްތަކާއެކު 67 ބައްދަލުވުން ބާއްވައި، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނާއި އެއްބާރުލުން ދިން ސިޔާސީ ޕާޓީތަކާއެކު ވެސް ބައްދަލުވުންތައް ބާއްވައި، 62 މައުޟޫޢަކަށް ބިނާކޮށް މަޝްވަރާތައް ކުރެވުނު. 20 ސެކްޓަރ ރައުންޑް ޓޭބަލްގ މަޝްވަރާ ބައްދަލުވުމާއި، ސަރުކާރާއި ދައުލަތުގެ 40 މުއައްސައަކާ ބައްދަލުވުން ބޭއްވުނު. މި ހުރިހާ ބައްދަލުވުންތަކުގައި ލިބުނު ޚިޔާލާއެކު ޤައުމީ ތަރައްޤީގެ ޕްލޭންގެ މައިގަނޑު މިހާރު ވަނީ އެކުލަވާލާ ނިމިފައި. މި މުހިންމު މަސައްކަތުގައި ދެން އޮންނާނީ ސަރަޙައްދީ ފެންވަރުގެ ވެލިޑޭޝަން މަސައްކަތު ބައްދަލުވުންތައް ބޭއްވުން. މި ބައްދަލުވުންތައް މި އަހަރު މޭ މަހުގެ ނިޔަލަށް ބޭއްވުމަށް ވަނީ ކަނޑައަޅާފައި. މިބައްދަލުވުންތަކުގެ ބޭނުމަކީ މި ޕްލޭނަކީ އެންމެންގެ ބައިވެރިވުން އޮވެގެން ތައްޔާރުކުރި ޕްލޭނެއްކަން ކަށަވަރުކުރުމާއި އެ ތަންފީޒުކުރުމަށް ރައްޔިތުންނާއި ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުން ހޯދުން.
މި މަސައްކަތަށްފަހު ޤައުމީ މަހާސިންތާއެއް މި އަހަރު ޖޫން މަސް ނިމުމުގެ ކުރިން ބޭއްވުމަށް ވަނީ ނިންމާފައި. މި މަހާސިންތާގެ މައިގަޑު މަޤްޞަދަކީ މިއީ މުޅި ރާއްޖޭގެ ބައިވެރިވުމާ އެކު ތައްޔާރުކުރެވުނު، ކުރިއަށް އޮތް އަހަރުތަކުގެ ތަރައްޤީގެ "ރޯޑްމެޕް" ކަން ރަސްމީކޮށް ކަނޑައަޅުން. މިކަން ހާސިލް ކުރުމަށްޓަކައި ސަރަހައްދީ ވެލިޑޭޝަން ވޯކްޝޮޕްތަކުން އަންނަ ޚިޔާލުތައް ދައުލަތުގެ މާލީ ޤާބިލުކަމާއި، ސަރުކާރުގެ މައިގަނޑު ސިޔާސަތުތަކަށް ފެތޭތޯ ބަލައި، އެންމެ ފަހުގެ ނިންމުންތައް ނިންމުމާއި އެކި ދާއިރާތަކުގެ ތަރައްޤީގެ ރޭވުންތައް އެއް އަމާޒަކަށް ގުޅުވާލައި، އެއް ސެކްޓަރަކުން ކުރާ ކަމަކުން އަނެއް ސެކްޓަރަކަށް ބުރަ ނުވާނެކަން ކަށަވަރުކުރުން ކުރިޔަށް ގެންދެވޭނެ. މި މަރުޙަލާތަކަށް ފަހު 20 އަހަރުގެ ޤައުމީ ތަރައްޤީގެ ޕްލޭންގެ ތަންފީޒީ އަދި މޮނިޓަރިންގ އޮނިގަނޑާއެކު އެކުލަވާލެވޭ އެންމެ ފަހުގެ ޕްލޭން މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް އިރާދަކުރެއްވިއްޔާ އެއްކޮށް ނިންމާލަން ވާނީ އަމާޒު ކަނޑައަޅާފައި.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛
މި ސަރުކާރު ކުރިޔަށް ދާނީ މި ސަރުކާރު ވެރިކަމަށް އައުމަށް ޓަކައި، ރައްޔިތުންނަށްވީ ވަޢުދުގެ މަތީގާ. އެ ރައްޔިތުން މި ސަރުކާރަށް ކުރި އިތުބާރުގެ މަތީގާ. އެ ކަން ބިނާވެފައި އޮތީ އިސްލާމީ ތަރަހައިގެ މައްޗަށް. ދިވެހިޤައުމިއްޔަތުގެ ބިންގަލުގެ މައްޗަށް. ދިވެހީންގެ ސަލާމަތާއި ރައްކާތެރިކަމުގެ މައްޗަށް. ޒަމާނީ ޢިލްމީ ހޭލުންތެރިކަމާއި އުފެއްދުންތެރިކަމުގެ މައްޗަށް. ރައްޔިތުންނަށް ލިބޭ ފުދުންތެރިކަމާއި ދިރިއުޅުމުގެ ފަސޭހަކަމާއި އަމާންކަމާއި ހަމަހަމަކަމާއި އިތުބާރާއި ހިތްފަސޭހަކަމުގެ މައްޗަށް.
މި ޤައުމުގައި ޙަޤީޤީ މާނައިގައި ސިޔާސީ ގޮތުން ހަމަޖެހުން ޤާއިމް ކޮށްދީފިން .އަދި ކުރިއަށް އޮތް ދުވަސް ތަކުގައި ވެސް މި ސަރުކާރުގެ ކިބައިން ފެންނާނީ މި ސިޔާސަތު ތަންފީޒު ކުރާތަން. އިރާދަކުރެއްވިއްޔާ ދެން ވެސް ފެނިވަޑައިގަންނަވާނީ، ދިވެހި އެއްވެސް ރައްޔިތަކު ފަރަގުނުކޮށް ޢަދުލު ޤާއިމުކުރާތަން. ވިސްނުމާއި ޢިލްމުގެ ގޮތުންނާއި އިމާރާތްކުރުމާއި ބިނާވެށީގެ ގޮތުން ދިވެހިޤައުމާއި ދިވެހި ރާއްޖެ އާ އުސްމިންތަކަކަށް ވާޞިލުކުރާތަން.
މީ ދިވެހީންގެ ރާއްޖެ! މީ ދިވެހީންގެ ސަރުކާރު! ދިވެހިރައްޔިތުންގެ ސަރުކާރު!
މި ސަރުކާރު އަބަދުވެސް އޮންނާނީ ރައްޔިތުންގެ ފަޅީގާ. ރައްޔިތުންނާ އެކީގާ.
އިރާދަކުރެއްވިއްޔާ އަޅުގަނޑާއި އަދުގެ މުޅި ސަރުކާރުގެ ހަކަތައާއި ހިތްވަރު ރެޔާއި ދުވާލު ޤުރުބާން ކުރާނީ ދިވެހި ލޮބުވެތި ރައްޔިތުންނަށް ތަރައްޤީ، ހަމަޖެހުން، ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގާ.
މި ގޮތުން ހުރިހާ މާނައެއްގައި ދިވެހިޤައުމަށް ލާބައާއި މަންފާ ހޯދުން އެދި މި ކުރެވޭ އިޚްލާޞްތެރި މިންނެތް މަސައްކަތުގައި މާތް ﷲ ބަރައްކާތް ލައްވާށި! ދިވެހި ލޮބުވެތި ރައްޔިތުންނަށާއި ދިވެހި ދައުލަތަށް އަބަދު ވެސް ކާމިޔާބީ ދެއްވާށި! ތަރައްޤީ، ހަމަޖެހުން، ރައްކާތެރިކަން އެއީ ދިވެހީންގެ އަބަދުގެ އުފާކަމުގައި ލައްވާށި! އާމީން!
وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه