بسـم اللّـه الرّحمـن الرّحيـم
 
                 الحَـمْـدُ لِلّهِ رَبِّ اْلعَـالَمِين، وَالصَّـلاَةُ وَالسَّـلاَم عَـلٰى سَيّـدِالمُرْسَـلِين،  وَ عَـلٰى آلِـهِ وَصَحْـبِـهِ أَجمَعِـين.
 
          ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނޭވެ!
 
          މިއަދު ތިޔަ ޢިއްޒަތްތެރި މެންބަރުންނާ އަޅުގަނޑު މި ބައްދަލުކުރަނީ، މި ފުރުސަތު ދެއްވިކަންމައްޗަށް، ވަރަށް މަތިވެރި ދަރަޖައަކަށް އުފާކުރާ ހާލު، ކީރިތި اللّـه ގެ ކިބައަށް ޝުކުރު ކުރަމުން، ވޭތުވެދިޔަ އަހަރު ދައުލަތް ހިނގިގޮތާމެދު ކުރު ބަޔާނެއް ހުށަހަޅައި، ކުރިއަށްއޮތް އަހަރު ދައުލަތުގެ ސިޔާސަތު ބިނާކުރާނެގޮތް، މި މަގާމުގައި ހާމަކުރުމުގެ އުފާ ލިބިގަންނަން. ހަމަ އެފަދައިން ކުރިއަށް އޮތްތާނގައި ބައެއް ރޮނގުރޮނގުން އަޅަންފެންނަ ފިޔަވަޅުތަކާމެދު އަޅުގަނޑަށް ޚިޔާލުކުރެވޭގޮތް ދަންނަވާލުމަށްވެސް މި ފުރުޞަތުގެ ބޭނުންކުރަން.
 
ދައުލަތް ހިންގުން
 
          ދިވެހި ސަރުކާރާ ބެހޭގޮތުން، 1978 ވަނަ އަހަރު ހިނގި އެންމެ މުހިންމު ކަމަކީ، ރާއްޖޭގެ ރިޔާސަތުގެ މުއްދަތު ހަމަވުމާ ގުޅިގެން، 11 ނޮވެމްބަރ 1978 އިން ފެށިގެން ކުރިއަށްއޮތް 5 އަހަރުގެ ދައުރަށް ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނާނެ މީހަކު ހޮވުމަށްޓަކައި، ޤާނޫނީ ހަމަތަކުގެމަތީން ބޭއްވުނު އިންތިޚާބު. އާދެ! މިހިނގާ 5 އަހަރުގެ ދައުރަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުގައި ހުރުމަށް ރައްޔިތުންގެ މަޖިލީހުން ހޮއްވަވައި، ރާއްޖޭގެ ރައްޔިތުން އިންތިޚާބު ކުރައްވާފައިވަނީ އަޅުގަނޑު. މި އިތުބާރަށްޓަކައި، ހިތުގެ އިޚްލާޞްތެރިކަމާއެކު، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށާއި، ރާއްޖޭގެ ރައްޔިތުންނަށް އަޅުގަނޑު ޝުކުރު އަދާކުރަން. ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް އަޅުގަނޑު އިސްވި ވަގުތާ ހަމައަށް ވަޒީރުންގެ މަޖިލީހުގައި ތިއްބެވި ވަޒީރުން، އެބޭފުޅުންގެ މަގާމުތަކުން، ޤާނޫނީ ހަމަތަކުގެމަތިން ވަނީ ވަކިވެފައި. ވަޒީރުންގެ މަޖިލީހުގެ މަގާމުތައް އަލުން ހަމަޖެއްސިއިރު، ބައެއް ބަދަލު ގެނެވުނު. ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާ އަދި ދައުލަތުގެ ކަންކަން ހިންގުމާ ހަވާލުކުރެވިފައިވާ ވެރިންގެ ފަރާތުން ވަރަށް މަތިވެރި އެހީތެރިކަމެއް އަޅުގަނޑަށް ލިބެމުންދޭ. އެބޭފުޅުންނާއި ދައުލަތުގެ އެހެނިހެން މުވައްޒަފުންގެ ވާޖިބުތައް އަދާކުރައްވަނީ، ވެވަޑައިގެން އެންމެ ރަނގަޅަށް ކަމުގައި އަޅުގަނޑު ދެކެން.
 
          ސަރުކާރު ހިންގުމުގައި އިދާރީގޮތުން ބައެއް މުހިންމު އިޞްލާޙުތައް ގެންނަން ޖެހިފައިވާކަމަށް އަޅުގަނޑު ދެކެން. މިގޮތުން ގެންނަން ފެންނަ އިޞްލާޙުތަކުގެ ތެރޭގައި، ސަރުކާރުގެ އޮފީސްތަކުން ކުރާ މަސައްކަތްތަކާއި، އަދާކުރާ ޚިދްމަތްތައް މިހާރަށްވުރެ ފުރިހަމަ ގޮތެއްގައި، ހަލުއިކަމާއެކު ހިނގަމުންދާނެ ގޮތްތަކެއް ރޭވުން. އަދި ސަރުކާރުގެ މުވައްޒަފުންގެ ޙައްޤުތައް ރައްކާތެރި ކުރުމަށްޓަކައި، މުވައްޒަފުން ލެއްވުމާއި، ވަކިކުރުމާއި ޕްރޮމޯޓް ކުރުމަށް އެކަށީގެންވާ ރަނގަޅު އުސޫލެއް ކަނޑައެޅިފައި އޮތުން ހިމެނެންވާނެކަމަށް ފެނޭ.
 
ދާޚިލީ ހިންގުން
 
          ރާއްޖޭގެ ދާޚިލީ ކަންތައްތަކާ ބެހޭގޮތުން ދަންނަވަން. އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާކަމާ ހަވާލުވުމަށްފަހު، ރައްޔިތުންގެ ޙައްޤުތަކާއި މިނިވަންކަން ރައްކާތެރިކުރުމަށާއި، ހުރިހާ ރޮނގެއްގައިވެސް ރައްޔިތުންނަށް ލުއިފަސޭހަކަން ހާސިލުވާނެ މަގުތައް ތަނަވަސްކޮށްދިނުމަށް މަސައްކަތްކުރަން ފެށިފައިވޭ. ސިޔާސީ ޙައްޤުތަކާއި، މަދަނީ ޙައްޤުތައް، އަދި އިޤްތިޞާދީގޮތުން ހޯދެންހުރި ފައިދާތައް ހޯދައިދިނުމަށްވެސް މަސައްކަތްކުރަން ފަށައިގަނެވުނު. ޚާއްޞަކޮށް ރާއްޖެތެރެ ކުރިއަށް ގެންދިއުމުގެ ގޮތުން ކުރެވެންހުރި މަސައްކަތްތަކާމެދު ޚިޔާލުކޮށް، އެކަންކަން ރޭވުމަށްޓަކައި [އެޓޮލްސް ޑިވެލޮޕްމަންޓް އެޑްވައިޒަރީ ބޯޑު] އެއް އުފެއްދުނު. މީގެއިތުރަށް، އައްޑުއަތޮޅު ގަން، ފައިދާހުރި ގޮތެއްގައި ބޭނުންކުރެވޭނެ ގޮތެއް ރޭވުމަށް ކޮމިޓީއެއް ހޮވި، މިކަމާބެހޭ މަސައްކަތް ވަނީ ފެށިފައި.
 
ރައްޔިތުންގެ މަޖިލިސް
 
          ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ ބުނާގޮތުން، ދައުލަތް ހިންގުމުގެ ހުރިހާ ބާރެއް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން. އަދި އެ ބާރުތަކާ އެއްގޮތްވާ ގޮތުގެމަތިން، ޤާނޫނުތައް ހަދާ ފަރާތަކީ ރައްޔިތުންގެ މަޖިލިސް ކަމަށްވުމާއެކު، އެއީ ވަރަށް މުހިންމު ދައުރެއް އަދާކުރަންޖެހޭ ފަރާތެއް. ވުމާއެކު، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، އެ މެންބަރުންގެ ވާޖިބުތައް އަދާކުރުމުގައި، ޤާނޫނީ ޙިމާޔަތް ލިބިދޭ ޤާނޫނެއް އޮތުމަކީ ކޮންމެހެން ބޭނުންކަމެއްކަމަށް ފެންނާތީ، އެފަދަ ބިލެއް ފާސްކުރުމަށް ހުށަހަޅައި، އެ ބިލް މިހާރު ވަނީ ރައްޔިތުންގެ މަޖިލީހުން ފާސްވެ، ޤާނޫނަކަށް ވެފައި.
 
          ކުރިން ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުންނެވި އަލްފާޟިލް އިބްރާހީމް ނާޞިރު، އޭނާގެ ވެރިކަމުގެ ދުވަސްވަރުގައި ޤާނޫނާ ޚިލާފު ޢަމަލު ކުރައްވާފައިވާ ކަމުގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައި، އެކަމާބެހޭ ތަޙްޤީޤުތައް މަޖިލީހުން ޢައްޔަން ކުރެއްވި ކޮމިޓީއަކުން ވޭތުވެދިޔަ އަހަރު ފެށްޓެވިކަން ފާހަގަކޮށްލަންޖެހޭ. ހަމަ އެފަދައިން، ސަރުކާރުގެ މުވައްޒަފުން މަގާމާއި ނުފޫޒުގެ ބޭނުންކޮށްގެން ކުރާ ކަންތައްތައް ބަލައި ތަޙްޤީޤުކޮށް، އެކަންކަން ޝަރީޢަތަށް ހުށަހެޅުމުގެ ޙައްޤު، ރައްޔިތުންގެ މަޖިލީހަށް ލިބިދިނުމުގެ ޤާނޫނަކާއި، ސަރުކާރުގެ ވެރިން ޤާނޫނާ ޚިލާފުވުމާއި، ރައްޔިތުންނަށް ނުވަތަ ސަރުކާރަށް ފައިދާއެއް ލިބެންއޮތް ކަމެއްގައި، އެނޫންގޮތަކަށް ޢަމަލުކޮށްފިނަމަ، އެކަންކަން ބަލައި ތަޙްޤީޤުކޮށް، އެކަންކަން ޝަރީޢަތަށް ހުށަހެޅުމުގެ ޙައްޤު، ރައްޔިތުންގެ މަޖިލީހަށް ލިބިދޭ ޤާނޫނެއް، ވޭތުވެދިޔަ އަހަރު ފާސްވެފައިވާކަންވެސް ފާހަގަކޮށްލެވޭ.
 
ޢަދްލުއިންޞާފު
 
          ރާއްޖޭގައި ޢަދްލުއިންޞާފު ޤާއިމުކުރުމުގެ ކަންތައް، ކުރީ އަހަރެކޭވެސް އެއްފަދައިން ހިނގަމުންދިޔަ. ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމާ އަޅުގަނޑު ހަވާލުވުމާއެކު، މިނިސްޓްރީ އޮފް ޖަސްޓިސްގެ ޑިވިޜަންތަކަށާއި، ރާއްޖެތެރޭގެ އަތޮޅު ކޯޓުތަކަށާއި، ނައިބުގެ އޮފީސްތަކަށް، އެކިފަރާތްފަރާތުން ހުށަހަޅާ މައްސަލަތައް އަވަހަށް ނިންމުމުގެ މައްޗަށް ސަމާލުކަން ދެވުނު. ޢަދްލުއިންޞާފުގެ ކަންތަން ހިންގުމާބެހޭ ދާއިރާއަށް އެދެވޭ އިޞްލާޙުތައް ގެނައުމަށްޓަކައި، އިތުރު ބައެއް ފިޔަވަޅުތައް އެޅިފައިވޭ. މިނިސްޓްރީ އޮފް ޖަސްޓިސްގެ ޑިވިޜަންތަކަށާއި، އަތޮޅު ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް، އިސްލާމީ ޝަރީޢަތާއި، ރާއްޖޭގެ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ނިންމެވުމުގެ އިޚްތިޔާރު، ޝަރީޢަތްކުރާ ފަރާތްތަކަށް ދެވުނު. އެއީ ޑިމޮކްރެސީ އުސޫލުން ހިންގާއިރު، ޝަރީޢަތްކުރުމާބެހޭ ކަންތައްތަކާ ސަރުކާރު ބެހުމަކީ ހަމަޖެހޭ ކަމެއްކަމަށް ނުފެންނާތީ. ޝަރީޢަތުން ނިމޭ އެކިއެކި މައްސަލަތަކާމެދު ޝަކުވާތައް ގިނަވަމުން ދިއުމުގެ އެއްސަބަބަކީ، ޤާނޫނުގައި އެކަންކަން އޮންނަގޮތް އޮޅުންނުފިލާތީކަމަށްވުމާއެކު، އެކިއެކި މައްސަލަތައް ޝަރީޢަތަށް ހުށަހެޅުމުގެ ކުރިން، ޤާނޫނުގައި އެކަން އޮންނަގޮތް މީހުންނަށް އޮޅުންފިލުވައިދިނުމުގެ މަގު ތަނަވަސްކޮށްދެވުނު. ޝަރީޢަތުން ނިމޭ މައްސަލަތަކާ ބެހޭގޮތުން އެކިމީސްމީހުން ކުރާ ޝަކުވާތައް، މިނިސްޓްރީ އޮފް ޖަސްޓިހުން ބެއްލެވުމުގެ އިތުރަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބެލެމުންދާ އިންތިޒާމުވެސް ހަމަޖެއްސިފައިވޭ. މިކަން ހަމަޖައްސަންޖެހުނީ، އިސްތިއުނާފުގެ އުސޫލު އަދި ހަމަޖެހިފައި ނެތުމާއެކު، އެފަދަ އުސޫލެއް ޤާނޫނީގޮތުން ކަނޑައެޅެންދެން، އެއީ ބޭނުން ކަމެއްކަމަށް ފެންނާތީ، ޢަދްލުއިންޞާފުގެ ކަންތައް ހިންގުމާބެހޭ ދާއިރާއަށް އިޞްލާޙު ގެނައުމަށް އެޅުނު ފިޔަވަޅުތަކުގެ ތެރޭގައި، އަތޮޅު ކޯޓުތަކުގެ ޤާޟީންނަށް މިވަގުތު ހަމަޖައްސައިދެވެންއޮތް މިންވަރުން، ބައެއް ލުއިފަސޭހަ ހޯދައިދެވުނު.
 
          ޢަދްލުއިންޞާފު ޤާއިމުކުރުމަކީ ވަރަށް މުހިންމު ކަމެއް. އެއީ ރައްޔިތުންގެ ޙައްޤުތަކަށް ރައްކާތެރިވުމަށްޓަކައި ވަރަށް ފުރިހަމަ ގޮތަކަށް ހަމަޖެހިފައި އޮންނަންޖެހޭނެ ކަމެއް. ވީމާ، ކުރިއަށް އޮތްތާނގައި ޢަދްލުއިންޞާފާބެހޭ ކަންތައްތަކަށް ވަރަށް ފުޅާ ދާއިރާއެއްގައި އެދެވޭ އިޞްލާޙުތަކެއް ގެންނަން ފެންނާތީ، އެހެނިހެން އިސްލާމީ ޤައުމުތަކުގައި އެކަންތައްތައް ހަމަޖެހިފައިވާގޮތް ބެލުމަށްޓަކައި، އެ ޤައުމުތަކާ ގުޅައިގެން، ކަމާބެހޭ ޤާނޫނުތަކާއި މިކަމުގައި ބަލަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ފޮތްތައް ހޯދުމުގެ މައްސަލަ މިހާރު ވަނީ ފެށިފައި.
 
          ވޭތުވެދިޔަ އަހަރު މިނިސްޓްރީ އޮފް ޖަސްޓިސްގެ ޑިވިޜަންތަކަށް ހުށަހެޅުނު ޤަޟިއްޔާތަކަށް ބަލާއިރު، އެކިބާވަތުގެ ކުށްކުރާ އުމުރުން 15 އަހަރު ނުފުރޭ ކުޑަކުދިންގެ އަދަދު، ކުރީއަހަރަށްވުރެ ގިނަވެފައިވާކަން، ހިތާމައާއެކު ފާހަގަކޮށްލަންޖެހޭ. ހަމައެފަދައިން މިހާރަކަށްއައިސް ވައްކަންކުރުން، ފޭރުން، އެކިތަންތަނަށް ގެއްލުންދިނުން، މިބާވަތުގެ ކަންކަމުގައި ފުލުސްއޮފީހަށް ހާޒިރުކުރެވޭ މީހުންގެ ތެރޭގައިވެސް އެންމެގިނައީ ކުޑަކުދިން. އެހެންކަމުން، އެކަންތައްތައް ހުއްޓުވުމަށާއި އަދި އެކުދިން އިޞްލާޙު ކުރުމަށްޓަކައި މާލެއަތޮޅު ރަށެއްގައި ޖުވެނައިލް ރިފޯމެޓްރީއެއް އާދެ، ކުޑަކުދިންނާބެހޭ އިޞްލާޙިއްޔާއެއް އުފައްދަން ގަސްތުކުރެވިފައިވޭ. އެ އިޞްލާޙިއްޔާގެ ބޭނުމަކީ ކުށްކުރާ ކުދިން ބަންދުކުރެވިފައި ތިބޭއިރު، އެކުދިން އިޞްލާޙުކޮށް ތަރުބިއްޔަތު ދިނުމާއެކު، ބޭނުންތެރި ބައެއް މަސައްކަތް ދަސްކޮށްދެވޭނެ އިންތިޒާމެއް ހަމަޖެހިފައި އޮތުން. އެދެވޭގޮތެއްގައި މިކަން ކުރިއަށް ގެންދެވިއްޖެނަމަ، އެކުދިން ދޫކޮށްލެވޭއިރަށް، ރަނގަޅު ދިރިއުޅުމެއް ފެށުމުގެ މަގު އޮންނާނީ ތަނަވަސްވެފައި.
 
          ވޭތުވެދިޔަ އަހަރު ޝަރީޢަތްކުރާ ފަރާތްތަކަށް ހުށަހެޅުނު މައްސަލަތަކުގެ ތެރޭގައި، ވައްކަން އާދަޔާ ޚިލާފަށް ގިނަވެފައިވާ ވާހަކަ ދަންނަވަން. ވައްކަން، ފޭރުން، ޚިޔާނާތްފަދަ ކަންތައްތައް، ފަހަކަށްއައިސް ގިނަވަމުންދިއުމުގެ އެއްސަބަބަކީ، ޤާނޫނު ނަންބަރު 5/78 ގައި 15 ދުވަހަށްވުރެ ދިގުމުއްދަތަކަށް މީހުން ބަންދުނުކުރެވޭގޮތަށް ހަމަޖެހިފައި އޮތުންކަމަށް ފެންނާތީ، މިފަދަ ކުށްކުށުގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން، މި ޤާނޫނުން އިސްތިސްނާ ކުރުމަށް ޤާނޫނެއް ފާސްކުރެވިފައިވޭ.
 
އިޤްތިޞާދީ ޙާލަތު
 
          ރާއްޖޭގެ އިޤްތިޞާދީ ޙާލަތަށް ވިސްނާއިރު، ހިތާމައާއެކު ދަންނަވަންޖެހެނީ، އަދިވެސް ރާއްޖެ އޮތީ ހިތްހަމަޖެހޭ ފެންވަރެއްގައި ނޫންކަމަށް. ރާއްޖެއަށް އާމްދަނީ ލިބޭ އެންމެ މުހިންމު ރޮނގުތަކަކީ، މަސްވެރިކަމާއި، ޝިޕިންގއާއި ޓޫރިޒަމް. މިރޮނގުރޮނގުން މިހާތަނަށް ލިބެމުންދިޔަ އާމްދަނީއާއި ރާއްޖެއަށް އެތެރެކުރަންޖެހޭ މުދަލުގެ އަގާ އަޅާބަލާއިރު، އަދިވެސް ވަރަށްބޮޑު އުނިކަމެއް އެދެމެދުގައި އޮވޭ. އާމްދަނީގެ ގޮތުގައި ދިވެހި ފައިސާއިން ސަރުކާރަށް ލިބޭ އެއްޗަކުން ދައުލަތުގެ ބަޖެޓުން ކުރަންޖެހޭ ޚަރަދުތައް ހަމަޖެއްސުނު ކަމުގައިވިޔަސް، ރާއްޖެއަށް ބޭރު ފައިސާ ލިބޭނެ އިތުރު މަގުތައް ތަނަވަސްކޮށްގެން މެނުވީ، ރާއްޖޭގެ އިޤްތިޞާދިއްޔަތު ތަރައްޤީ ކުރެވޭކަށް ނޯންނާނެ. 1978 ވަނަ އަހަރު ރާއްޖެއިން ވިއްކުނު ރޯމަހަށް ލިބިފައިވަނީ، 2.7 މިލިޔަން ޔޫ.އެސް. ޑޮލަރު. މި އަދަދަށް އަޅާބަލާއިރު، ރާއްޖެއަށް ބޭނުންވާ ހަނޑޫ، ހަކުރު، ފުށަށް އެކަނިވެސް 3.9 މިލިޔަން ޔޫ.އެސް. ޑޮލަރު ބޭނުންވާކަން ފާހަގަކޮށްލެވޭ.
 
          ރާއްޖޭގެ މަސްވެރިކަން ކުރިއެރުވުމާ ބެހޭގޮތުން ތަފާތު އެތައް މަސައްކަތްތަކެއް ވަނީ ފެށިފައި. 1978 ވަނަ އަހަރު، 135 މަސްދޯނީގައި އިންޖީނު ބެހެއްޓުނު. އަހަރު ނިމިނުއިރު އިންޖީނު ބެހެއްޓިފައިވާ މަސްދޯނީގެ އަދަދު، 548 އާ ހަމައަށް ގޮސްފައިވޭ. ޖަޕާނުގެ ކުންފުންޏަކާ ގުޅިގެން ޅ.ފެލިވަރުގައި މަސް ބަންދުކުރުމާއި، ޖަޕާނުގޮތަށް ހިކިމަސް (ޢަރަބޫޝީ) ތައްޔާރުކުރާ ފެކްޓަރީއެއް އުފެއްދުނު. އަދި ހަމަ އެފަދައިން ރާއްޖެއިން ބާނާ މަސް ރޮލަށް ވިއްކައި އެކްސްޕޯޓް ކުރުމާ ބެހޭގޮތުން އެކިރޮނގުރޮނގުން މަސައްކަތް ކުރެވިފައިވޭ. މީގެއިތުރަށް ރާއްޖޭގެ ހިކިމަސް ސްރީލަންކާއަށް އަލުން ވިއްކޭތޯ، ވޭތުވެދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން މަސައްކަތްކުރަން ފެށިފައިވޭ. އަދި މަސްވެރިކަމުގެ ރޮނގުން އިތުރު އާމްދަނީ ލިބޭނެ ގޮތްތަކާމެދު ރޭވިފައިވާ މަޝްރޫޢެއް، ބޭރުގެ އެހީއާއެކު ތައްޔާރުކުރެވި، އެ މަޝްރޫޢަށް ޢަމަލީސިފަ ގެނައުމަށްޓަކައި ފިޔަވަޅުތައް އަޅަން ފެށުނު. ކުރިއަށް އޮތްތާނގައިވެސް މަސްވެރިކަން ތަރައްޤީކުރުމުގެ މައްޗަށް ސަރުކާރުން ޚާއްޞަ އަހަންމިއްޔަތެއް ދޭން ގަސްދުކުރަން. މީގެތެރޭގައި، ރާއްޖޭގެ މަސްވެރިކަމުގެ ސަރަޙައްދު ޙިމާޔަތްކުރުންވެސް ހިމެނޭ.
 
          ޝިޕިންގގެ ރޮނގުން ރާއްޖެއަށް ލިބޭ އާމްދަނީވެސް، ދިވެހިރާއްޖޭގެ ބޯޓުފަހަރު ބާވުމާއި، މަރާމާތުކޮށް ބެލެހެއްޓުމުގެ ޚަރަދު ބޮޑުވުމާއި، މިފަދަ އެތައް ސަބަބަކާހުރެ ވަނީ މަދުވެފައި. އަޅުގަނޑު ރައީސްކަމާ ހަވާލުވީފަހުން މޯލްޑިވްސް ޝިޕިންގ ލިމިޓެޑްގެ ކަންތައްތައް، އާ ރޭވުމެއްގެ މަތިން ހަމަޖައްސައި، މިރޮނގުން ދަނީ މަސައްކަތް ކުރެވެމުން. ވޭތުވެދިޔަ އަހަރު ނިމުނުއިރު އޮތީ، ދިވެހި ސަރުކާރުގެ ސަތޭކައަކުން ސަތޭކަ 29 ބޯޓާއި، ސަތޭކައަކުން 50 ޙިއްޞާވާ 9 ބޯޓާއި، ސަތޭކައަކުން 25 ޙިއްޞާވާ 5 ބޯޓާއި، ސަތޭކައަކުން 20 ޙިއްޞާވާ 3 ބޯޓާއި، އެކު ޖުމްލަ 46 ބޯޓު.
 
          ޓޫރިޒަމާބެހޭ ކަންތައްތައްވެސް، ވޭތުވެދިޔަ އަހަރު ޑިޕާޓްމަންޓް އޮފް ޓޫރިޒަމް އެންޑް ފޮރިން އިންވެސްޓްމަންޓްގެ ބެލުމުގެ ދަށުން ކުރިއެރުވުމަށް މަސައްކަތް ކުރެވުނު. ޓޫރިޒަމުން ސަރުކާރަށް އާމްދަނީ ލިބޭނެގޮތްތައް މިހާރުވަނީ ރޭވިފައި. ސަރުކާރުން ގަސްދުކޮށްފައިވަނީ، ރާއްޖެއާއި ރާއްޖެއިން ބޭރުގެ އަމިއްލަ ފަރާތްތަކަށްވެސް ފުރްޞަތުދީގެން ޓޫރިޒަމްގެ ކަންތައްތައް، ރާއްޖޭގައި ވީހާވެސް ބޮޑަށް ކުރިއަރުވަން.
 
          ރާއްޖޭގެ އިޤްތިޞާދިއްޔަތަށް މަތިވެރި ފައިދާއެއް ހޯދައިދޭނެކަމަށް އުންމީދު  ކުރެވި، މިވަގުތު ކުރިއަށް ގެންދެވޭ އެންމެ މުހިންމު އެއް މަޝްރޫޢަކީ، ހުޅުލޭ އެއަރޕޯޓް ހެދުމުގެ މަޝްރޫޢު. އެއަރޕޯޓް ޕްރޮޖެކްޓާބެހޭ ސިވިލް ވާރކްސްއާއި، އެއަރޕޯޓަށް ބޭނުންވާ ތެޔޮ ރައްކާކޮށްފައި ބެހެއްޓުމާބެހޭ މަސައްކަތްތައް، އިންޓަރނޭޝަނަލް އެއަރޕޯޓްސް އޮތޯރިޓީ އޮފް އިންޑިއާއާ ވަނީ މާޗް 1978 ގައި ހަވާލުކުރެވިފައި. އަދި ބައިނަލްއަޤްވާމީ ފެންވަރަށް އެއަރޕޯޓް ހިންގުމަށް ބޭނުންވާ ޓެލެކޮމިއުނިކޭޝަންސާ، ނެވިގޭޝަނަލް އެއިޑްސްގެ މަސައްކަތް ވަނީ، ހުޅަނގު ޖަރމަނީގެ ކުންފުންޏެއް ކަމުގައިވާ ސްޓޭންޑަރޑް އިލެކްޓްރިކް ލޯރެންޒާ، ސެޕްޓެމްބަރު 1978 ގައި ހަވާލުކުރެވިފައި. މި ޕްރޮޖެކްޓަށް ދިވެހި ފައިސާއިން ކުރަންޖެހޭ ޚަރަދުތައް ކުރަނީ، ދިވެހި ސަރުކާރުން. ބޭރު ފައިސާއިން ކުރަންޖެހޭ ޚަރަދުތަކުގެ ވަރަށް ބޮޑު ބައެއް ކުރަމުން ގެންދަނީ ސަޢޫދީ ފަންޑާއި، ކުވައިތު ފަންޑާއި، އަބޫދާބީ ފަންޑާ އަދި އޯޕެކް ސްޕެޝަލް ފަންޑާއެކު ކުރެވިފައިވާ ލޯނު އެގްރީމަންޓްތަކުގެ ދަށުން ލިބޭ ފައިސާއިން.
 
          އެއަރޕޯޓް ހެދުމަށް ބޭނުންވާ ހުރިހާ އިކްވިޕްމަންޓާއި، ސާމާނާއި ހިލަވެއްޔާއި، ގާފަދަ ތަކެތިވެސް ގެންނަންޖެހެނީ ރާއްޖެއިން ބޭރުން ކަމަށްވުމާއެކު، އެތަކެތި އެތެރެކުރުމުގައި އެކިބާވަތުގެ މައްސަލަތައް ދިމާވެފައިވުމުގެ ސަބަބުން، އެއަރޕޯޓް ޕްރޮޖެކްޓަގެ މަސައްކަތް ހިނގަމުންދަނީ ކަނޑައެޅިފައިވާ ޕްރޮގްރާމަށްވުރެ ލަހުން ކަމުގައި ފާހަގަކޮށްލަންޖެހޭ. އެއަރޕޯޓް ބޮޑުކުރުމަށްޓަކައި އިތުރަށް ބޭނުންވާ ބިން، ހުޅުލޭ ފަޅުތެރެއިން ހިއްކުމުގެ މަސައްކަތް، ކާމިޔާބާއެކު ވޭތުވެދިޔަ އަހަރު ނިންމާލެވުނު. މިގޮތުން ހިއްކުނު ބިމުގެ ބޮޑުމިނަކީ، ގާތްގަނޑަކަށް 2.5 މިލިއަން އަކަފޫޓް.
 
          ދަނޑުވެރިކަމުގެ ރޮނގުން 1978 ވަނަ އަހަރު ފާހަގަކޮށްލެވޭފަދަ ކުރިއެރުމެއް އައިސްފައި ނުވާކަން ހިތާމައާއެކު ދަންނަވަންޖެހޭ. ރާއްޖޭގައި ހެދޭ ބާވަތްތަކުގެ ތެރެއިން، އެކަށީގެންވާ އަދަދަކަށް ހެއްދިފައިވާކަމަށް ދައްކަނީ، ހަމައެކަނި އޮޅުއަލަ. ރާއްޖޭގައި އެންމެ ރަނގަޅަށް ހެއްދިދާނެ އެކައްޗެއް ކަމަށްވާ ދިވެހި ރުކުން ލިބުނު ކާށީގެ އަދަދަށް ބަލާއިރު، ރާއްޖޭގައި ފޯދިފައިވާ ރުކަކަށް ކާށްޓެއްވެސް، ވޭތުވެދިޔަ އަހަރު ލިބިފައެއްނުވޭ. މިއީ އެތެރެވަރީގެ ބައެއް ޤައުމުތަކަށް ނިސްބަތްކޮށް ބަލާއިރު، ހައިރާންވާފަދަ މަދު އަދަދެއް. ރާއްޖެއިން ކާށި ލިބުން މަދުވާ އެއް ސަބަބަކީ، މީދަލުގެ އުނދަގޫ ބޮޑުކަމުން ކަމަށްވާތީ، ޔޫ.އެން.ޑީ.ޕީ.ގެ އެހީގައި ރާއްޖެއިން މީދާ މަދުކުރުމުގެ ޕްރޮޖެކްޓެއް ރޭވި، މިހާރު ވަނީ އެ ޕްރޮޖެކްޓްގެ މަސައްކަތް ފަށައިގަނެވޭ ހިސާބަށް ގޮސްފައި.
 
          އިޤްތިޞާދީގޮތުން ރާއްޖޭގައި ކުރުމަށް ރޭވިފައިވާ ކަންތައްތަކުގެ ތެރޭގައި، މިހާތަނަށް ސަރުކާރުން އެކިފަރާތްފަރާތަށް ވިއްކާފައިހުރި ފަޅުރަށްރަށް، ޤާނޫނުގައިވާ ގޮތުގެމަތިން ބަދަލުދިނުމަށްފަހު އަނބުރާ ސަރުކާރަށް ނެގުމަށް މަސައްކަތް ކުރެވެމުންދާކަން ފާހަގަކޮށްލަންޖެހޭ. މިގޮތަށް ހަމަޖެއްސުމަށް ސަރުކާރުން ނިންމީ، އަމިއްލަ ފަރާތްތަކަށް ފަޅުރަށްރަށް މިލްކު ކުރެވޭގޮތަށް އޮތުމުން، ދައުލަތަށް ނުވަތަ ރައްޔިތުންނަށް އެރަށްރަށުން ފައިދާއެއް ނުލިބި، ދާއިމީގޮތެއްގައި ވަކިފަރާތްތަކަކަށް އެރަށްރަށުން ފައިދާ ލިބެމުންދާގޮތަށް އޮތުމަކީ، ރާއްޖެފަދަ ކުޑަ އަދި ދައުލަތަށް އާމްދަނީ ލިބޭގޮތްތައް މަދު ތަނެއްގައި، ހަމަޖެހޭ ކަމެއްކަމަށް ނުފެންނާތީ.
 
          ރާއްޖޭގެ ވިޔަފާރީގެ މައްޗަށް ނަޒަރު ހިންގާއިރު، 1978 ވަނަ އަހަރު ވިޔަފާރީގެ ހަރަކާތްތެރިކަން އެކަށީގެންވާފަދަ ގޮތަކަށް ހިނގިކަމަށް ފާހަގަކުރެވޭ. ރާއްޖޭގެ ވިޔަފާރި ކުރިއަށް ދިއުމަކީ ޝައްކެއްނެތްގޮތުގައި، މުޅި ރާއްޖޭގެ އިޤްތިޞާދަށްވެސް އެއިން ފައިދާކުރާނެ ކަމެއް. އެސް.ޓީ.އޯ.ގެ ވިޔަފާރި ރަނގަޅަށް ހިނގި ދުވަސްވަރުގައި، ސަރުކާރަށް އެކަމުން ވަރަށްބޮޑު އާމްދަނީ ލިބިފައިވުމާއެކު، އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާކަމާ ހަވާލުވީފަހުން، އެސް.ޓީ.އޯ.ގެ ވިޔަފާރި އާކޮށް ރަނގަޅު ކުރެވޭތޯ ބަލަމުން އެބަގެންދަން. ނަމަވެސް، އެކަމަށްޓަކައި ބޭރު ފައިސާގެ އެކަށީގެންވާ ރައުސުލްމާލެއް ބޭނުންވާތީ، އެސް.ޓީ.އޯ.ގެ ވިޔަފާރީގެ ކަންތައް ފުރިހަމައަށް އަދި ހިނގާކަށް ނުފަށާ. ރާއްޖޭގައި ބިދޭސީން ވިޔަފާރި ކުރުމުގެ ކަންތައް، މަޞްލަޙަތު ހުރިގޮތަކަށް އިންތިޒާމު ކުރުމުގެ މަސައްކަތް، ވޭތުވެދިޔަ އަހަރުގެ ފަހުކޮޅުގައި ފެށިފައިވޭ.
 
          ކުރިއަށް އޮތްތާނގައި އިޤްތިޞާދީ ގޮތުންނާއި، އެހެނިހެން ރޮނގުރޮނގުން ރާއްޖެ ތަރައްޤީ ކުރުމުގެ އާންމު މަޝްރޫޢެއް ރޭވުމަށްޓަކައި، ނޭޝަނަލް ޕްލޭނިންގ އޭޖެންސީއެއް އުފެއްދި، މި އޭޖެންސީގެ މަސައްކަތް ފެށިފައިވޭ.
 
          އިޤްތިޞާދީގޮތުން ރާއްޖެ ކުރިއެރުވުމުގައި ވަރަށްގިނަ ދަތިތަކެއް ކުރިމަތިވެފައިވޭ. މިގޮތުން އެންމެ ފުރަތަމަ ފާހަގަކޮށްލަންޖެހެނީ، ކަނޑުން ލިބޭއެއްޗެއް ފިޔަވައި، ޤުދްރަތީ މުއްސަނދިކަމެއް ރާއްޖެއަށް ލިބިފައިނުވާކަން. ހަމައެފަދައިން، ޖުޣްރާފީގޮތުން ރާއްޖެއަކީ އެހެނިހެން ޤައުމުތަކާ މުޅިން ވަކިން އިންޑިޔާ ކަނޑުގެ ތެރޭގައި އޮތް ތަނަކަށްވެފައި، އެކަށީގެންވާ ގޮތެއްގައި ބޭރު ޤައުމުތަކާ މުވާޞަލާތުގެ ގޮތުން އަދި ގުޅިފައިނުވާކަން. ރާއްޖެ ތަރައްޤީ ކުރުމުގައި ކުރިމަތިވެފައިވާ އަނެއް ދަތިކަމަކީ ތަޢްލީމާއި، އެކި ރޮނގުރޮނގުން ތަޖުރިބާ ލިބިފައިވާ މީހުން ފުދޭވަރަށްވުރެ މަދުކަން. އަދި ހަމައެފަދައިން، ރާއްޖެތެރޭގައި ދަތުރުފަތުރުކޮށް އުޅުމުގެ ދަތިކަންވެސް، ރާއްޖޭގެ ތަރައްޤީއަށް ހުރަސްއަޅާ. މިކަންތައްތައް މިހެން ހުރުމާއެކު، ރާއްޖެއަށް އެތެރެކުރަންޖެހޭ އެއްޗެތީގެ ގިނަކަމާއި، ބޭރުކުރާ އެއްޗެތި މަދުކަމުން، ރާއްޖޭގެ ބެލެންސް އޮފް ޕޭމަންޓް އަބަދުވެސް އޮންނަނީ އުނިފަރާތުގައި.
 
          ރާއްޖެތެރޭގެ ދަތުރުފަތުރު ކުރުމުގައި އުޅަނދުތަކާއި، ފަސިންޖަރުންނާއި އަދި މުދަލުގެ ސަލާމަތަށްޓަކައި، [އިމްކޯ]އާ ގުޅިގެން، ކަމާބެހޭ ޤާނޫނެއް ހެދުމުގެ މަސައްކަތް، ވޭތުވެދިޔަ އަހަރު ފެށިފައިވޭ.
 
      ރާއްޖެ ތަރައްޤީ ކުރުމުގައި މިހާތަނަށް ބައިނަލްއަޤްވާމީ ޖަމާޢަތްތަކުންނާއި، ބައެއް އެކުވެރި ޤައުމުތަކުންނާއި އަދި ވަކިން ޚާއްޞަކޮށް ލީބިއާ، ކުވައިތު، ސަޢޫދީ ޢަރަބިއްޔާ، އަބޫދާބީ، ޢިރާޤުފަދަ ޢަރަބި އިސްލާމީ ޤައުމުތަކުން ވަރަށް ދީލަތިގޮތެއްގައި އެހީ ލިބިފައިވޭ. މި އެހީތަކަށްޓަކައި، ވަރަށް އިޚްލާޞްތެރިކަމާއެކު އެފަރާތްތަކަށް އަޅުގަނޑުމެން ޝުކުރުވެރިވާންޖެހޭ. ހަރުދަނާ އިޤްތިޞާދަކައިގެން އަމިއްލަ ފައިމައްޗަށް ތެދުވެވެންދެން، މި އެހީތައް އެކަށީގެންވާ ގޮތެއްގައި ދިވެހިރާއްޖެއަށް އެފަރާތްތަކުން ލިބެމުންދާނެކަމަށް އަޅުގަނޑު އުންމީދުކުރަން.
 
ރާއްޖޭގެ ތަޢްލީމު
 
          ރާއްޖޭގެ ތަޢްލީމަށް ބަލާއިރު، މާލޭގައިހުރި ސަރުކާރުގެ 3 ސްކޫލްގައި ތަޢްލީމު ދިނުމާމެދު ޚާއްޞަ ސަމާލުކަމެއް ދެވިފައިވޭ. ސަރުކާރުގެ ސްކޫލްތަކުގައި ކިޔަވައިދެނީ އިނގިރޭސިބަހުން ކަމުގައިވިޔަސް،  މި ދައުރު ފެށުމާ ގުޅިގެން، އިސްލާމީ ރޫޙާއި ޤައުމީ ރޫޙު، ކުދިންގެ ހިތްތަކުގައި އުފެއްދުމަށްޓަކައި މަސައްކަތް ކުރެވިފައިވޭ. މިރޮނގުން އެޅުނު ފިޔަވަޅުތަކުގެ ތެރޭގައި، ދިވެހި ބަހާއި، އިސްލާމް، އަމީނިއްޔާ ސްކޫލާއި މަޖީދިއްޔާ ސްކޫލްގެ ގްރޭޑް 10ގެ ނިޔަލަށް ކިޔަވައިދޭގޮތަށާއި، އެ ދެ ސްކޫލްގެ ކިންޑަރގާޓްން ކްލާހުގައި އިސްލާމް ކިޔަވައިދޭގޮތަށް ހަމަޖެހުމާއި، އަދި އެ ދެ ސްކޫލްގައި ދިވެއްސާއި އިސްލާމް ކިޔަވައިދޭ މުދައްރިސުންގެ އަދަދު އިތުރުކޮށް، އެމީހުން ކިޔަވައިދޭ މާއްދާތަކުގެ މުހިންމު ކަމަށްޓަކައި، އެމީހުންގެ މުސާރައަށް މިވަގުތު ހަމަޖެއްސެން އޮތް މިންވަރުން ބަދަލެއް ގެނައުން ހިމެނޭ. ވޭތުވެދިޔަ އަހަރު އަމީނިއްޔާ ސްކޫލާއި މަޖީދިއްޔާ ސްކޫލްގެ ކިޔެވުން، މެންދުރު ކުރިއާއި މެންދުރުފަހުގައި ދެ ސެޝަނަށް އޮތުމުގެ ބަދަލުގައި، އެއް ސެޝަނަކަށް ބާއްވާގޮތަށް ހަމަޖެހުނު.
 
          ޔުނިސެފާއި ދިވެހި ސަރުކާރާ ގުޅިގެން ހިންގަމުންގެންދާ އެޑިޔުކޭޝަނަލް ޕްރޮގްރާމްގެ ދަށުން ކޮމިއުނިޓީ ސްކޫލްތައް ރާއްޖެތެރޭގައި އިމާރާތްކުރުމުގެ ކަންތައް ކުރިއަށްދިޔަ. މި ޕްރޮގްރާމްގެ ދަށުން ފުރަތަމަ އިމާރާތްކުރެވުނު ކޮމިއުނިޓީ ސްކޫލް، ވޭތުވެދިޔަ އަހަރު ފެބްރުއަރީގައި، ބ.އަތޮޅު އޭދަފުށީގައި ހުޅުވިފައިވޭ. އަދި ހދ. ތ. ގއ. މި 3 އަތޮޅުގައި ކޮމިއުނިޓީ ސްކޫލް އިމާރާތް ކުރަމުންގޮސް، އަހަރު ނިމުނުއިރު މަސައްކަތްވެސް ވަނީ ނިމެން ކައިރިވެފައި. ރާއްޖޭގައި ސައިންސް އެޑިޔުކޭޝަން ކުރިއަށް ގެންދިއުމަށާއި، އެޑިޔުކޭޝަނަލް ރޭޑިއޯ ޕްރޮގްރާމްތައް ހިންގުމަށާއި، އަދި އިނގިރޭސިބަހުން ކިޔަވައިދޭ ޕްރައިމަރީ ޓީޗަރުން ތައްޔާރުކުރުމަށްޓަކައި ޔޫ.އެން.ޑީ.ޕީ.އާއި ދިވެހި ސަރުކާރާ ގުޅިގެން ހިނގަމުންދާ އެޑިޔުކޭޝަނަލް ޕްރޮގްރާމްގެ މަސައްކަތްވެސް، ވޭތުވެދިޔަ އަހަރު ކުރިއަށް ގޮސްފައިވޭ. މިދެންނެވި ކަންތައްތަކުގެ އިތުރަށް، ރާއްޖެތެރޭގައި ތަޢްލީމު ކުރިއެރުވުމަށް ފިޔަވަޅުތަކެއް އެޅުމަށް ގަސްދު ކުރެވިފައިވޭ. މީގެތެރޭގައި، ކޮންމެ އަތޮޅެއްގައި ސަރުކާރުގެ އެހީގައި މަދަރުސާއެއް ހިންގުން ހިމެނޭ.
 
          ތަޢްލީމު ދިނުމުގައި ސަރުކާރުން ގަސްދުކުރަނީ، ފުރިހަމަ ތަރުބިޔަތެއް ދިނުމަށްވެސް އެކަށީގެންވާ ސަމާލުކަމެއް ދިނުމަށް. މިހެނީ، ރާއްޖޭގެ ދަރިންނަށް ތަޢްލީމު ދިނުމުގެ މުޅި މަޤްޞަދަކީ، ހަރުދަނާ ޝަޚްޞިއްޔަތެއް ލިބިފައިވާ، ރާއްޖެއަށް ފައިދާހުރި ދިވެހި ދަރިން ކަމުގައި އެކުދިން ހެދުން. ޤައުމުދެކެ ލޯބިވާ، ދީނަށް ޙުރްމަތްތެރިކޮށްހިތާ، އިޚްލާޞްތެރި ދިވެހި ދަރިންނަށް ހެދުން.
 
          ވޭތުވެދިޔަ އަހަރު ރާއްޖޭގައި ކުރެވުނު މުހިންމު އެއްކަމެއް ކަމުގައި، ޓެލެވިޜަން ސްޓޭޝަނެއް ހުޅުވުން ހިމެނޭ. ނަމަވެސް، މިކަމުން ފައިދާ އަދި ލިބެމުންދަނީ ހަމައެކަނި މާލޭގެ މަދު ބަޔަކަށް ކަމަށްވުމާއެކު، ޢާންމުކޮށް ރާއްޖެއަށް ޓެލެވިޜަންގެ ފައިދާ ލިބެމުންދާކަމަށް ދެންނެވޭކަށްނެތް. ޓެލެވިޜަނާއި ރޭޑިއޯފަދަ ވަސީލަތްތަކުން، ދިވެހި ބަހަށާއި ތާރީޚަށާއި ޘަޤާފަތަށް އެކަށީގެންވާ ޚިދްމަތްތަކެއް ލިބެންވާނެކަމަށް ފެންނާތީ، މިކަމާބެހޭ ފިޔަވަޅުތަކެއް އެޅުމަށް، ސަރުކާރުން ގަސްދުކުރަން.
 
ރާއްޖޭގެ ޞިއްޙަތު
 
          ވޭތުވެދިޔަ އަހަރު، ދިވެހިންގެ ޞިއްޙަތު ސަލާމަތް ކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން ތަފާތު ކަންތައްތައް ކުރެވިފައިވޭ. ގަވަރންމަންޓް ހޮސްޕިޓަލްގެ ޚިދްމަތްތައް ފުރިހަމަކޮށް ރަނގަޅު ކުރުމަށްޓަކައި ފިޔަވަޅުތަކެއް އެޅުނު. ރާއްޖޭގެ އަތޮޅުތަކުގައި ހުޅުވިފައިވާ ހެލްތް ސެންޓަރުތަކަށް އިތުރު ތަރައްޤީއެއް ގެނައުމަށް މަސައްކަތް ކުރެވުނު. ފެތުރޭ ބަލިތަކުން ދިފާޢުކުރުމަށްޓަކައި ވެކްސިނޭޝަން ދިނުމުގެ ޕްރޮގްރާމް އެދެވޭގޮތެއްގައި ހިނގަމުންދިޔަ. ވޭތުވެދިޔަ އަހަރު ޞިއްޙަތާ ބެހޭގޮތުން އެޅުނު ފިޔަވަޅުތަކުގެ ތެރޭގައި ޕްރައިމަރީ ހެލްތް ކެއަރ ކޮންފަރެންސެއް ބޭއްވުނުކަން ފާހަގަކޮށްލެވޭ. ހަމައެފަދައިން ޔުނިސެފްގެ އެހީގައި ރާއްޖެތެރޭގައި 4 ހޮސްޕިޓަލް އެޅުމާބެހޭ މަޝްރޫޢެއް ރޭވި، އެކަން ފެށިފައިވޭ. ޑަބްލިޔޫ.އެޗް.އޯ.ގެ ފަރާތުން ކުރީ އަހަރުތަކެކޭވެސް އެއްފަދައިން، ގިނަގުނަ އެހީތަކެއް ލިބެމުންދިޔަ.
 
          1978 ވަނަ އަހަރު ކޮލެރާގެ ނުރައްކާތެރި ރޯގާ، ރާއްޖޭގައި ފެތުރިގެންދިއުމާ ގުޅިގެން، އެ ރޯގާ ކޮންޓްރޯލް ކުރުމާމެދު އެޅެންއޮތް ހުރިހާ ފިޔަވަޅެއް، ސަރުކާރުގެ ފަރާތުން އަޅައި، ރައްޔިތުންގެ އެހީއާއި އެއްބާރުލުމާއެކު ރޯގާ ކޮންޓްރޯލް ކުރެވުނު. ކޮލެރާގެ ރޯގާ ފެތުރިގެންދިޔަ ދުވަސްވަރު، ބޭރަށް ހިންގުމާއި ހޮޑުލުމުގެ ރޯގާ، މުޅި ރާއްޖެއިން 11173 މީހުންނަށް ޖެހި، އޭގެތެރެއިން 255 މީހުން މަރުވިކަމަށް، ރިޕޯޓްތަކުން ދައްކާ. މި ރޯގާ ކޮންޓްރޯލް ކުރުމަށް ޑަބްލިޔޫ.އެޗް.އޯ، ޔުނިސެފްފަދަ ބައިނަލްއަޤްވާމީ ފަރާތްތަކުންނާއި، ސްރީލަންކާ، އިންޑިއާ، ލީބިޔާ، އެމެރިކާ، އިނގިރޭސިވިލާތްފަދަ އެކުވެރި ޤައުމުތަކުން ވަރަށް މަތިވެރި އެހީތަކެއް ލިބިފައިވޭ. މި ރޯގާގެ ތެރޭގައި، ސާފުތާހިރުކަމާއި ޢާންމު ޞިއްޙަތުގެ އުސޫލުތަކާމެދު ދިވެހިންނަށް ލިބުނު ތަޖުރިބާއަކީ ވަރަށްވެސް އަގުހުރި ތަޖުރިބާއެއް. މިފަދަ ރޯގާތަކުން ސަލާމަތްވުމަށްޓަކައި އަޅަންޖެހޭ އެންމެ މުހިންމު އެއް ފިޔަވަޅު ކަމުގައިވާ ކްލޮރިނޭޓް ކުރުމުގެ މަސައްކަތް، މާލެއާއި ރާއްޖެތެރޭގައި އެކަށީގެންވާ ވަރަކަށް ކުރެވިފައިވޭ. ކޮލެރާއިން ދިފާޢުވުމަށް އެޅުނު ފިޔަވަޅުތަކުގެ ތެރޭގައި، މުޅި ރާއްޖޭގެ ރައްޔިތުންނަށް ކޮލެރާ ވެކްސިންގެ 2 ޑޯޒް، ވޭތުވެދިޔަ އަހަރު ދެވިފައިވޭ.
 
ޚާރިޖީ ހިންގުން
 
          ދިވެހިރާއްޖެއާއި ބޭރު ޤައުމުތަކާ ދެމެދު އެކުވެރިކަން އާލާކޮށް ބަދަހިކުރުމަށް، ވޭތުވެދިޔަ އަހަރުވެސް އެކަށީގެންވާ މަސައްކަތް ކުރެވުނު. 1978 ވަނަ އަހަރު، އިތުރު 5 ޤައުމަކާއި ދިވެހިރާއްޖެއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ޤާއިމުކުރެވުނު. އެއީ، އޮސްޓްރިއާ، ޔުނައިޓެޑް އެރެބް އެމިރޭޓްސް، ބެލްޖިއަމް، ސްވިޑްން، އަދި ބަންގްލަދޭޝް، މި 5 ޤައުމު. އަދި ހަމަ އެފަދައިން، ބައިނަލްއަޤްވާމީ ޖަމާޢަތްތަކުގެ ތެރެއިން، އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް، އިންޓަރނޭޝަނަލް ބޭންކް ފޮރ ރިކޮންސްޓްރަކްޝަން އެންޑް ޑިވެލޮޕްމަންޓް، އެހެންގޮތަކަށް ދަންނަވާނަމަ، ވާރލްޑް ބޭންކް، އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން އަދި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް، މި 4 ޖަމާޢަތުގައި ބައިވެރިވެފައިވޭ.
 
          1978 ވަނަ އަހަރު ނިމުނުއިރު، ބޭރުގެ 37 ޤައުމާއި ދިވެހިރާއްޖެއާ ދެމެދު، ޑިޕްލޮމެޓިކް ގުޅުން ޤާއިމުކުރެވިފައިވޭ. އަދި ބައިނަލްއަޤްވާމީ 17 ޖަމާޢަތާ ދިވެހިރާއްޖެ ގުޅިފައިވޭ. ދިވެހިރާއްޖެއާއި ބޭރު ޤައުމުތަކާ ދެމެދުގައި އުފެދިފައިވާ އެކުވެރިކަމާއި އެހީތެރިކަން ބަދަހިކުރުމުގެ ގޮތުން، ވޭތުވެދިޔަ އަހަރު އެކަށީގެންވާ މަސައްކަތްތައް ކުރެވުނު. އަދި ހަމަ އެފަދައިން، ބައިނަލްއަޤްވާމީ މުހިންމު ބައެއް ޖަލްސާތަކުގައި ދިވެހިރާއްޖެ ބައިވެރިވި. މީގެތެރޭގައި، އޭޕްރިލް 1978 ގައި ސެނެގޯލްގައި އޮތް އިސްލާމީ ޤައުމުތަކުގެ ޚާރިޖީ ވަޒީރުންގެ 9 ވަނަ ޖަލްސާއާއި، ޖުލައި 1978 ގައި ޔޫގޮސްލޭވިއާގައި އޮތް ނޮން އެލައިންޑް ޤައުމުތަކުގެ ޚާރިޖީ ވަޒީރުންގެ ޖަލްސާއާއި، އޯގަސްޓް 1978 ގައި ޔޫ.އެން.ގެ ހެޑްކްއާރޓަރގައި އޮތް، ލޯ އޮފް ދަ ސީ ކޮންފަރެންސާއި، ސެޕްޓެމްބަރ 1978 ގައި ހުޅުވުނު ޔޫ.އެން.ގެ 33 ވަނަ އެސެމްބްލީއާއި، ސެޕްޓެމްބަރ 1978 ގައި ވޮޝިންގޓަންގައި އޮތް، އައި.އެމް.އެފް.އާއި ވާރލްޑް ބޭންކްގެ އަހަރީ ޖަލްސާ ހިމެނޭ. 1978 ވަނަ އަހަރުގެ ކުރީކޮޅުގައި، ޑިޕާޓްމަންޓް އޮފް އެކްސްޓަރނަލް އެފެއާޒް، މިނިސްޓްރީއަކަށް ބަދަލުކުރެވި، އެގޮތުގެމަތިން ހިންގަން ފެށުނު.
 
ދައުލަތުގެ ސިޔާސަތު
 
          ކުރިއަށްއޮތް އަހަރަށް ދިވެހި ދައުލަތުން ކަނޑައަޅާފައިވާ ސިޔާސަތަކީ، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމާއި، އިސްލާމީ އުސޫލުތަކަށް ޙުރްމަތްތެރިކޮށް ހިތުމާއެކު، ދިވެހިރާއްޖޭގެ ތަރައްޤީއާއި، ރާއްޖޭގެ ރައްޔިތުންގެ ފައިދާއަށްޓަކައި ކުރެވެންއޮތް ހުރިހާ މަސައްކަތެއް ކުރުން. ނަމަވެސް، އެފަދަ ސިޔާސަތެއްގެ މަތިން ކަންތައްތައް ހިންގަމުން ގެންދިޔުމަކީ، ސަރުކާރު ހިންގަން ތިބޭ މީހުންނަށް އެކަނި ކުރެވޭނެކަމެއް ނޫން. އެކަން އެގޮތަށް ގެންދެވޭނީ، ރައްޔިތުންގެ ފުރިހަމަ ތާއީދާއި އެއްބާރުލުން އޮވެގެން.
 
ދާޚިލީ ސިޔާސަތު
 
          ރާއްޖޭގެ ދާޚިލީ ސިޔާސަތުގެ ދާއިރާގައި އިސްލާމްދީނާއި، ރާއްޖޭގެ ޤާނޫނާ ޚިލާފުނުވާ ގޮތުގެމަތިން، އެންމެހައި ދިވެހި އަފްރާދުންނަށް މިނިވަންކަމުގެ އަސާސީ ޙައްޤުތައް ހޯދައިދިނުމަށް ދައުލަތުން މަސައްކަތް ކުރާނެ. މިކަމަކީ ޤާނޫނުގައި ކުރިންވެސް ހިމެނިފައިއޮތް ކަމެއްކަމުގައިވިޔަސް، ވޭތުވެދިޔަ ދުވަސްތަކުގައި މިކަމަށް ޢަމަލީ ސިފައެއް އޮތީ ނުގެނެވި. ހަމަ މިއާއެކު، ސަރުކާރު ހިންގުމުގެ ކަންތައްތައް އިސްލާމްދީނުގައި ކަނޑައެޅިފައިވާ ޝޫރާގެ މާތް އުސޫލާއި އަދި މިޒަމާނުގެ ޑިމޮކްރެސީގެ ހަރުދަނާ އުސޫލުން ހަމަޖެއްސުމުގެ މައްޗަށް ޚާއްޞަ ސަމާލުކަމެއް ދައުލަތުން ދޭނަން.
 
          ރައްޔިތުންގެ ޙައްޤުތަކަށް ރައްކާތެރިވުމާއި، ރައްޔިތުންނަށް ލުއިފަސޭހަ ލިބިދިނުމަކީ ދައުލަތުގެ ދާޚިލީ ސިޔާސަތުގެ މުހިންމު މަޤްޞަދެއް ކަމުގައި ދަންނަވަން. ރާއްޖޭގެ އިޤްތިޞާދީ ޙާލަތު ކުރިއެރުވުމާއި، އަދި ދިވެހިންގެ ދިރިއުޅުމުގެ ފެންވަރު މައްޗަށް ގެންދިޔުމަށް ދައުލަތުން ކުރަމުންގެންދާ މަސައްކަތްތަކުގައި، ކުރިޔަށް އޮތް ތާނގައި ރާއްޖެތެރެއަށް ޚާއްޞަ އަހަންމިއްޔަތެއް ދިނުމަށްވެސް ވަނީ ގަސްދުކުރެވިފައި. އެހެނީ ރާއްޖޭގައި ތިބި މީހުންގެ އަދަދަށް ބަލާއިރު، ގިނަ މީހުން (އާދެ، ގާތްގަނޑަކަށް ފަސްބައިކުޅަ ހަތަރުބައި) ދިރިއުޅެނީ ރާއްޖެތެރޭގައި ކަމަށްވާތީ. އަދި މިހާތަނަށް ރާއްޖެ ތަރައްޤީ ކުރުމުގައި ބޮޑަށް ބެލިފައިވަނީ، މާލޭގެ ބޭނުންތަކަށް ކަމަށްވާތީ.
 
          ދައުލަތުގެ ދާޚިލީ ސިޔާސަތުގެ ތެރޭގައި، ދިވެހިންގެ މެދުގައި ޤައުމީ ރޫޙު އުފެއްދުމާއި، ހަމަހަމަކަމާއި މުސާވާތުގެ އުސޫލު ހިފެހެއްޓުމަށް މަސައްކަތްކުރުން ހިމެނޭ. ހަމައެފަދައިން، ދީނީ ކަންތައްތަކަށް ޙުރްމަތްތެރިކޮށް ހިތުމާއި، ދިވެހި ބަހަށާއި ތާރީޚަށާއި ޘަޤާފަތަށް ރައްކާތެރިވެ، އެކަންކަމަށް ޚިދްމަތް ކުރުމާއި، އެކަންކަމާ ބެހޭގޮތުން ރައްޔިތުންނަށް އިރްޝާދު ދިނުން ހިމެނޭ.
 
          ޤާނޫނަށް ޙުރްމަތްތެރިކޮށް ހިތުމާއި، ރާއްޖޭގެ އަމަންއަމާންކަން ހިފެހެއްޓުމަކީވެސް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭނެ ކަމެއްކަމުގައި އަޅުގަނޑު ދެކެން. މި މަޤްޞަދު ހާސިލުކުރުމަށްޓަކައި، ނޭޝަނަލް ސެކިއުރިޓީ ސަރވިސްގެ މީހުންނަށް، އެމީހުންގެ ޙަޤީޤީ ވާޖިބުތައް އަންގައިދީ، އެމީހުންގެ އާންމު ތަޢްލީމީ ފެންވަރު ރަނގަޅުކުރުމަށް މިހާރު ދަނީ މަސައްކަތް ކުރެވެމުން. ހަމައެފަދައިން، ނޭޝަނަލް ސެކިއުރިޓީ ސަރވިސްގެ މީހުންނަށް އެކަށީގެންވާ ޓްރޭނިންގ ދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަންފެށިފައިވޭ.
 
          އަޅުގަނޑުމެންގެ ތެރޭގައި، މިހާތަނަށް ވަކިން ފާޅުނުވެއޮތް މުހިންމު އުސޫލެއް ކަމަށްވާ، އިޖްތިމާޢީ ޢަދާލަތު (ނުވަތަ ސޯޝަލް ޖަސްޓިސް)ގެ އުސޫލާމެދު، ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭނެކަމަށް ފެނޭ. އަޅުގަނޑު ދެކޭގޮތުގައި، މަސައްކަތުގެ ފުރްޞަތު ލިބުމުގައި، ސަރުކާރުގެ ޚިދްމަތްތައް ލިބުމުގައި އަދި މިނޫންވެސް އިޖްތިމާޢީ ތަނަވަސްކަން ލިބުމުގައި ދިވެހި ރައްޔިތުންނަށް ލިބިފައިވާންވާނީ، ހަމަހަމަ ޙައްޤުތަކެއް.
 
          ދުނިޔޭގެ އެހެން ތަންތަނެކޭ އެއްފަދައިން ސޯޝަލް ސެކިއުރިޓީގެ އުސޫލުގެ ދަށުން މުސްކުޅިންނާއި ފަޤީރުންނާއި ކުޑަކުދިން އަދި އެނޫންވެސް ގޮތްގޮތުން ޢާޖިޒުވެފައިވާ މީހުންނަށް ޢިނާޔަތްތެރިކަން ދިނުމާއި، މަސައްކަތުގައި އުޅެނިކޮށް އެފަދަ ދަތި ހާލެއް މެދުވެރިވާހިނދު، އެހީތެރިކަން ލިބޭނެގޮތެއް ރޭވިފައި އޮތުމަކީވެސް ބޭނުން ކަމެއްކަމުގައި އަޅުގަނޑު ދެކެން.
 
ޚާރިޖީ ސިޔާސަތު
 
          ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ބިނާކުރެވިފައިވަނީ، ބޭރު ޤައުމުތަކާ އެކުވެރިކަން ދަމަހައްޓައި އާލާކުރުމުގެ މައްޗަށް. ރާއްޖޭގެ ސިޔާދަތާއި މިނިވަންކަމަށް ޤަދަރުކުރާ ކޮންމެ ފަރާތަކަށްވެސް ހެޔޮއެދޭ އުސޫލުގެ މައްޗަށް، ޔުނައިޓެޑް ނޭޝަންސްގެ ޗާޓަރުގައި ހިމެނޭ އުސޫލުތަކަށް އިޙްތިރާމް ކުރުމުގެ މައްޗަށް. ހަމައެއާއެކު އަޅުގަނޑުމެންގެ ވަށައިގެންވާ އިންޑިޔާ ކަނޑަކީ ޞުލްޙަވެރިކަމުގެ ސަރަޙައްދެއް ކަމުގައި ބޭއްވުމަށް، އެކިއެކި ބައިނަލްއަޤްވާމީ ޖަމާޢަތްތަކުން ފާސްކޮށްފައިވާ ފާސްކުރުމަށް ތާއީދު ކުރުމަކީ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށް އެޅޭ ބާރެއް ކަމުގައި، ދިވެހި ސަރުކާރު ގަބޫލުކުރޭ.
 
          ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ ދާއިރާގައި ދައުލަތުން މަސައްކަތްކުރަނީ، މިދެންނެވި އުސޫލުގެ މަތިން، އާންމުކޮށް ބޭރުގެ ޤައުމުތަކާ ޚާއްޞަކޮށް އަވަށްޓެރި ޤައުމުތަކާ ދިވެހިރާއްޖެއާ ދެމެދު އޮތް އެކުވެރިކަމާއި އެހީތެރިކަމުގެ ގުޅުން ބަދަހިކުރުމަށް. ވަކިން ޚާއްޞަގޮތެއްގައި ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދުގައި ޒަމާނުއްސުރެ ދެމިއޮތް އެކުވެރިކަމުގެ ގުޅުން އަލުން ބަދަހިކުރުމަށާއި، ދެ ޤައުމުގެ ދެމެދު ވިޔަފާރީގެ ގުޅުން އިތުރުކުރުމަށް މިހާރު ފިޔަވަޅުތައް ދަނީ އެޅެމުން. ބައިނަލްއަޤްވާމީ ދާއިރާއަށް އިހަށްވުރެ ބޮޑަށް ދިވެހިރާއްޖެ ތަޢާރުފް ކުރުމަށާއި، ބައިނަލްއަޤްވާމީ ޙަރަކާތްތަކުގައި ކުރިއަށްވުރެ ބޮޑަށް ބައިވެރިވުމަށް ދައުލަތުން ގަސްދުކުރޭ.
 
          ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ އެންމެ މުހިންމު އެއް އަސާސަކީ، ދުނިޔޭގެ ބޮޑެތި ބާރުތަކުގެ މެދުގައި އުފެދޭ މައްސަލަތަކުގައި، ވަކިފަރާތަކަށްނުޖެހޭ ސިޔާސަތު ގެންގުޅުން. ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ މުހިންމު އަނެއް އުސޫލަކީ، ދޭދޭ ޤައުމުތަކުގެ ދެމެދުގައި އުފެދޭ މައްސަލަތަކާއި، އެހެނިހެން ބައިނަލްއަޤްވާމީ މައްސަލަތަކުގައި ބާރުގެ ބޭނުން ނުކުރުމަށާއި، އެފަދަ މައްސަލަތައް ޞުލްޙަވެރިކަމާއެކު ޙައްލުކުރުމަށް ގޮވާ ސިޔާސަތަށް ތާއީދު ކުރުން. ހަމައެފަދައިން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، މިނިވަންކަމާއި އިންސާނީ ޙައްޤުތަކުން މަޙްރޫމުވެފައި ތިބި ޖަމާޢަތްތަކުގެ ފަރާތުން އެބައިމީހުންގެ ޙައްޤުތައް އަނބުރާ ލިބިގަތުމަށް ކުރާ މަސައްކަތްތަކަށް ތަރުހީބު ދިނުން. އަދި ވަކިން ޚާއްޞަކޮށް، އަޅުގަނޑުމެންގެ އަޚުން ކަމުގައިވާ މުސްލިމުންނާއި ޢަރަބީން ކުރަމުންގެންދާ މަތިވެރި ޖިހާދަށް ތާއީދުކޮށް ވާގިދިނުން. އިސްތިޢްމާރާއި ނަސްލީ އިމްތިޔާޒުގެ ނޭދެވޭ އުސޫލުތައް ނައްތާލުމަށް، ބައިނަލްއަޤްވާމީގޮތުން ކުރެވޭ މަސައްކަތަށް އެއްބާރުލުމަކީވެސް، ޙައްޤާއި ޢަދާލަތުގެ ފަރާތަށް ބުރަވުމުގެ ގޮތުން، ރާއްޖޭގެ ޚާރިޖީ ސިޔާސަތުގައި ހިމެނިފައިވާ ކަމެއް.
         
          ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނޭވެ!
 
          އަޅުގަނޑުގެ ވާހަކަ ނިންމާލާނީ، ދިވެހި ޤައުމަށް ޚިދްމަތް ކުރެއްވުމުގައި، ރައްޔިތުންގެ ޙައްޤުތައް ރައްކާތެރި ކުރެއްވުމުގައި، ތިޔަ މެންބަރުން ފިސާރި އިޚްލާޞްތެރިވެވަޑައިގަތުމަށް އިލްތިމާސް ކުރަމުން. ތިޔަ މެންބަރުންނަކީ ދިވެހި ރައްޔިތުންގެ ވަކީލުންކަމާއި، ތިޔަ މެންބަރުން ޚިޔާލުފާޅުކުރައްވަންވާނީ، ދިވެހި ޤައުމަށާއި ރައްޔިތުންނަށް ލާބަހުރި ގޮތެއްގެ މަތިންކަން، އަބަދުވެސް ހަނދުމަކުރެއްވުން އެދެމުން. ދިވެހި އުންމަތަށް ކީރިތި اللّه ގެ ޙަޟްރަތުން އަޅުގަނޑު އެދެނީ، ތަނަވަސްކަމާއި ފާގަތިކަން. ތިޔަ ޢިއްޒަތްތެރި މެންބަރުންނަށާއި، އަޅުގަނޑަށާ އަދި ދިވެހިރާއްޖޭގެ އެންމެހައި ރައްޔިތުންނަށް އެކަލާނގެ ހެޔޮވިސްނުމާއި ތައުފީޤު ދެއްވާށި. وَمَـا تَوفيقـى إلاَّ بِا للَّـهِ عَلَيْـهِ تَوَكَّلْتُ وَاِلَيْـهِ أُنِيبُ.
 
       وَصَلَّى اللَّـه وَسَـلَّمَ عَلَى سَـيِّدِنَا مُحَمَّدٍ، وَعَلَى آلِهِ وَصَحْبِـهِ أَجْمَعِيـنَ،  وَالْحَمْدُ لِلَّـهِ رَبِّ الْعَالَمِـينَ.
 
 
___________________