1.        ރާއްޖޭގެ ތިމާވެށްޓާއި، ދިރޭތަކެތީގެ ނަސްލުތަކާއި، ދިރޭތަކެތީގެ މާހައުލުތަކާއި،  މޫސުމަށް އަންނަ ބަދަލުތަކާއި، މީޓިއޮރޮލޮޖީއާއި، ހަކަތައާއި، ކުންޏާއި، ފެނާއި ނަރުދަމާއާ ބެހޭ ސިޔާސަތުތައް ކަނޑައަޅައި ތަންފީޒުކުރުން.

2.        ރާއްޖޭގައި އާންމު ބޭނުންތަކުގެ ޚިދުމަތްތައް ފޯރުކޮށްދިނުމާގުޅޭ ސިޔާސަތުތައް ކަނޑައަޅައި،
އެ ސިޔާސަތުތައް އާންމުކުރުން. 

3.        ރާއްޖޭގެ ތިމާވެށްޓާއި، ދިރޭތަކެތީގެ ނަސްލުތަކާއި، ދިރޭތަކެތީގެ މާހައުލުތަކާއި، މޫސުމަށް އަންނަ ބަދަލުތަކާއި، މީޓިއޮރޮލޮޖީއާއި، ހަކަތައާއި، ކުންޏާއި، ފެނާއި ނަރުދަމާއާ ބެހޭ ޤާނޫނުތަކުގެ ދަށުން ހަދަންޖެހޭ ގަވާއިދުތަކާއި އުސޫލުތަކާއި މިންގަނޑުތަކާއި ގައިޑްލައިންތައް ހަދައި، އެ ގަވާއިދުތަކާއި އުސޫލުތަކާއި މިންގަނޑުތަކާއި ގައިޑްލައިންތައް ތަންފީޒުކުރާކަން ކަށަވަރުކުރުން. 

4.        ރާއްޖޭގެ ތިމާވެށްޓާއި، ދިރޭތަކެތީގެ ނަސްލުތަކާއި، ދިރޭތަކެތީގެ މާހައުލުތަކާއި، މޫސުމަށް އަންނަ ބަދަލުތަކާއި، މީޓިއޮރޮލޮޖީއާއި، ހަކަތައާއި، ކުންޏާއި، ފެނާއި ނަރުދަމާއާ ބެހޭ ޤާނޫނުތަކުގެ ދަށުން މިނިސްޓްރީން އާންމުކުރަންޖެހޭ މައުލޫމާތު އާންމުކުރުން. 

5.        ރާއްޖޭގެ ތިމާވެށްޓާއި، ދިރޭތަކެތީގެ ނަސްލުތަކާއި، ދިރޭތަކެތީގެ މާހައުލުތަކާއި، މޫސުމަށް އަންނަ ބަދަލުތަކާއި، މީޓިއޮރޮލޮޖީއާއި، ހަކަތައާއި، ކުންޏާއި، ފެނާއި ނަރުދަމާއާގުޅޭ ގޮތުން ޤައުމީ ފެންވަރުގައި ހާސިލުކުރުމަށް ކަނޑައަޅަންޖެހޭ ލަނޑުދަނޑިތައް ކަނޑައެޅުމާއި، އެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ބޭނުންވާ މާލީ އަދި ފަންނީ ވަސީލަތްތައް ހޯދުމަށް ޤައުމީ ފެންވަރުގައި ކުރަންޖެހޭ މަސައްކަތްތައް ކުރުން. 

6.        ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ހިމާޔަތްކުރުމާއި، ދިރޭތަކެތީގެ ނަސްލުތަކާއި އެ ތަކެތީގެ މާހައުލުތައް ރައްކާތެރިކޮށް ދެމެހެއްޓުމާއި، މީޓިއޮރޮލޮޖީއާއި، ހަކަތައާއި، ކުންޏާއި، ފެނާއި ނަރުދަމާއާ ބެހޭ ކަންތައްތައް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކުރުމަށް، ކަމާ ބެހޭ ދައުލަތުގެ އިދާރާތަކުގެ މަޝްވަރާގެ މަތިން މާސްޓަރ ޕްލޭންތަކާއި ސްޓްރެޓީޖިކް ޕްލޭންތަކާއި އެކްޝަން ޕްލޭތައް އެކަށައަޅައި، އެ ޕްލޭންތައް މުރާޖާ ކުރަމުން ގެންދިޔުމާއި، އެ ޕްލޭން ތަންފީޒުކުރަމުންދާ ގޮތް މޮނިޓަރކުރުން.

7.        ރާއްޖޭގެ ތިމާވެށްޓާއި، މޫސުމަށް އަންނަ ބަދަލުތަކާއި، މީޓިއޮރޮލޮޖީއާއި، ހަކަތައާއި، ކުންޏާއި، ފެނާއި ނަރުދަމާއާގުޅޭ މަޝްރޫޢުތަކުގެ ކޮންސެޕްޓް އެކުލަވައިލުމުގައި ކަމާ ބެހޭ ފަރާތްތަކަށް ފަންނީ ލަފާދިނުން. 

8.        ތިމާވެށީގެ ދާއިރާއިން ހޭލުންތެރިކުރުމުގެ ޕުރޮގުރާމުތައް ޤައުމީ ފެންވަރުގައާއި ބައިނަލްއަގުވާމީ ފެންވަރުގައި ރާވައި އިންތިޒާމުކުރުމާއި، މި ކަމުގައި ދިވެހިރާއްޖޭގެ ފަރާތުން އިސްނަގައިގެން ކަންކަން ރާވައި ތަންފީޒުކުރުން. 

9.        މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ގޮތުން ރާއްޖެއާއި ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައާއި ސަރަހައްދީ ފެންވަރުގައި ވަކާލާތުކޮށް އަޑުއުފުލައި، އެ ކަމާގުޅިގެން ރާއްޖެއިން ކުރަންޖެހޭ މަސައްކަތްތައް ރާވައި ހިންގުން. 

10.   ދިވެހިރާއްޖޭގެ ތަރައްޤީ ބައްޓަންކުރުމުގައި، ޤުދުރަތީ މާޙައުލު ތަރައްޤީގެ ބިންގަލެއްކަމުގައި ހަދަން މަސައްކަތްކުރުން. 

11.   ރާއްޖޭގެ އައްސޭރިފަށުގެ ސަރަހައްދުގެ އަރައްކާ (ހެޒަޑް) މެޕްތައް ތައްޔާރުކޮށް، އަދާހަމަކޮށް ބަލަހައްޓަމުން ގެންދިޔުން.

12.   ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމާގުޅޭ މަޝްރޫޢުތަކާއި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުރިމަތިވާ ނުރައްކާތެރިކަން ކުޑަކުރުމަށް އެޅިދާނެ ސަލާމަތީ ފިޔަވަޅުތަކުގެ މަޝްރޫޢުތަކާއި، ހަކަތަ އުފެއްދުމާގުޅޭ މަޝްރޫޢުތަކާއި، ކުނި މެނޭޖުރުމާގުޅޭ މަޝްރޫޢުތަކާއި، ފެނާއި ނަރުދަމާއާގުޅޭ މަޝްރޫޢުތަކާއި، ކޯސްޓަލް ޕްރޮޓެކްޝަންއާގުޅޭ މަޝްރޫޢުތަކަށް ބޭނުންވާ މާލީ އެހީއާއި ފަންނީ އެހީ ބައިނަލްއަގުވާމީ ފަރާތްތަކާ ގުޅިގެން ހޯދުމަށް މަސައްކަތްކުރުން.

13.   މޫސުމަށް އަންނަ ބަދަލުތަކުންކުރާ ނޭދެވޭ އަސަރު ކުޑަކުރެވިދާނެ ގޮތްތަކާ ބެހޭ ގޮތުން ކަމާ ބެހޭ ފަރާތްތަކުން ހިންގާ މަޝްރޫޢުތައް ވިލަރެސްކޮށް، އެ ފަރާތްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.

14.   ޤާނޫނު ނަންބަރު 78/77 (ރާއްޖޭގެ މީހުން އުޅޭ ރަށްރަށުން، ގަލާއި، ވެއްޔާއި، އަކިރި ނެގުމާ ބެހޭ ޤާނޫނު) ތަންފީޒުކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްކުރުން.

15.   ގޮނޑުދޮށްތައް ހިމާޔަތްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ދިރާސާކޮށް، ތިމާވެށްޓާ ރައްޓެހި ގޮތްތަކަށް ނުވަތަ ތިމާވެށްޓަށް ލިބޭ ގެއްލުން އެންމެ ކުޑަވާނެގޮތަކަށް ގޮނޑުދޮށްތައް ހިމާޔަތްކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވިދާނެ ގޮތްތައް ދެނެގަނެ،  ގޮނޑުދޮށްތައް ހިމާޔަތްކުރުމުގެ މަޝްރޫޢުތައް އެކުލަވައިލުމުގައި ކަމާ ބެހޭ ފަރާތްތަކަށް ފަންނީ ލަފާދިނުން.

16.   ޤާނޫނު ނަންބަރު 93/4 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ޤާނޫނު)ގެ ދަށުން ހިމާޔަތް ކުރަންޖެހޭ ދިރޭތަކެތި ކަނޑައަޅައި، އެތަކެތި ބެލެހެއްޓުމުގެ ކަންތައްތައް ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން ރާވައި އިންތިޒާމުކުރުން.

17.   ދިރޭތަކެތީގެ ނަސްލުތައް ހިމާޔަތްކުރުމުގެ ސްޓްރެޓެޖީތައް އެކުލަވައިލައި ތަންފީޒުކުރުމާއި، ހިމާޔަތްކުރާ ތަންތަނާއި ސަރަހައްދުތައް ކަނޑައެޅުމުގެ މިންގަނޑުތައް ހެދުމާއި، ދިރޭތަކެތީގެ ނަސްލުތަކުން ލިބޭ ފައިދާ އެންމެނަށް ހަމަހަމަ ގޮތެއްގައި ލިބޭކަން ކަށަވަރުކުރުން. 

18.   ރާއްޖޭގައި ބޭނުންކުރާ ނުރައްކާތެރި ކެމިކަލްތަކުގެ ސަބަބުން ރާއްޖޭގެ ތިމާވެށްޓާއި ދިރޭތަކެތީގެ ނަސްލުތަކަށް ލިބިދާނެ ގެއްލުންތައް ދެނެގަތުމަށް ދިރާސާތައް ކުރުމާއި، އެ ދިރާސާތަކުން ހޯދޭ މައުލޫމާތު ކަމާ ބެހޭ ފަރާތްތަކަށް ފޯރުކޮށްދިނުން.

19.   ނުރައްކާތެރި ކެމިކަލްތަކުގެ ސަބަބުން ރާއްޖޭގެ ތިމާވެށްޓާއި ދިރޭތަކެތީގެ ނަސްލުތަކަށް ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށާއި މަދުކުރުމަށް މަޝްރޫޢުތައް ރާވައި ހިންގުމާއި، ބައިނަލްއަގުވާމީ ފަރާތްތަކާ ގުޅިގެން އެ ފަދަ މަޝްރޫޢުތަކަށް ބޭނުންވާ މާލީ އެހީއާއި ފަންނީ އެހީ ހޯދުމަށް މަސައްކަތްކުރުން.

20.   ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށާއި، ފަޅުރަށްރަށާއި، ފިނޮޅާއި، ކަނޑާއި، ކަނޑު އަޑީގެ ބިންގަނޑާއި، ހިކިފަސްބިމާއި، ބިމުއަޑިއާއި، ފަރު، ފަޅު، ހާ، ތިލަ، ގިރި އަދި ކުޅި، ފައު، ޗަސްބިން ފަދަ ތަންތަނުގެ ޤުދުރަތީ މުއްސަނދިކަން ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކޮށް ބެލެހެއްޓުމަށް ގަވާއިދުތައް ހަދައި،
އެ ގަވާއިދުތައް ހިންގުން.

21.   ރާއްޖޭގެ ކަނޑާއި، ކަނޑުގެ އަޑީގެ ބިމާއި، ކަނޑުގެ ބިމުގެ އަޑީގައި މެރީން ސްޓްރަކްޗަރތައް ގާއިމުކުރުމާގުޅޭ ގަވާއިދުތަކާއި އުސޫލުތައް ހަދައި ހިންގުން. 

22.   ޤާނޫނު ނަންބަރު 93/4 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ޤާނޫނު)ގެ ދަށުން ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް ކަނޑައެޅުމާއި، ކަމާ ބެހޭ ފަރާތްތަކާގުޅިގެން އެ ސަރަހައްދުތަކުގެ މެނޭޖްމަންޓް ޕްލޭން އެކުލަވައިލައި ތަންފީޒުކުރުމާއި، އެ ޕްލޭންތައް މުރާޖާކުރަމުން ގެންދިޔުން.

23.   ތިމާވެށީގެ ޚާއްޞަ ސަރަހައްދުތަކާއި ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުގައި ޕާކުތަކާއި އިޖުތިމާޢީ ވަސީލަތްތައް ގާއިމުކޮށް ބެލެހެއްޓުމުގެ އިންތިޒާމު ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން ހަމަޖެއްސުން.

24.   ހަލާކުވެފައިވާ މާހައުލީ ނިޒާމުތަކާއި ނެތިދިއުމުގެ ބިރު ހީވެފައިވާ ދިރުންތައް އިޔާދަކުރުމުގެ އުސޫލުތައް ކަނޑައަޅައި، އެ މާހައުލީ ނިޒާމުތަކާއި ދިރުންތައް އިޔާދާކުރުމުގެ ކަންތައްތައް ރާވައި އިންތިޒާމުކުރުން.

25.   ޤާނޫނު ނަންބަރު 2022/13 (ނެތިދިޔުމުގެ ބިރު ހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލްއަގުވާމީ ވިޔަފާރި ކޮންޓްރޯލް ޤާނޫނު)އާއި އެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ ޚިލާފުވެގެން ހިފަހައްޓާ ނުވަތަ ނަގާ ތަކެތި ނައްތާލެވުމާ ހަމައަށް ނުވަތަ އެ ތަކެއްޗާމެދު ޢަމަލުކުރެވޭނެ އެހެން އިންތިޒާމެއް ހަމަޖެހުމާ ހަމައަށް، ރައްކާތެރިކަމާއެކީ އެ ތަކެތި ހޯލްޑިންގ ފެސިލިޓީއެއްގައި ބެލެހެއްޓުމުގެ އިންތިޒާމު ހަމަޖެއްސުން.

26.   ދަތުރުފަތުރުގެ ދާއިރާއާއި ވައި ތަޣައްޔަރުކުރުވާ މާއްދާތަކުގެ ސަބަބުން ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިޔުމާއި، މި ކަމާގުޅޭ ގޮތުން ހަދަންޖެހޭ ގަވާއިދުތައް ހަދައި ހިންގުން. 

27.   ދިވެހިރާއްޖޭގެ ތިމާވެއްޓަށް ލިބޭ ގެއްލުމާއި ތިމާވެށި ހިމާޔަތްކުރުމުން ލިބޭ ފައިދާ އަގުމަގުކުރުމުގެ ނިޒާމެއް ގާއިމުކުރުން.

28.   ތަރައްޤީގެ މަޝްރޫޢުތަކުގެ ތިމާވެށީގެ ކިއުމުލޭޓިވް އިމްޕެކްޓް އަދި ދިގުމުއްދަތުގެ އަސަރުތައް ވަޒަންކުރާނެ ގޮތުގެ ސިޔާސަތުތައް ކަނޑައެޅުން.

29.   ތަރައްޤީގެ މަޝްރޫޢުތަކުގެ ތިމާވެށީގެ ކިއުމުލޭޓިވް އިމްޕެކްޓް އަދި ދިގުމުއްދަތުގެ އަސަރުތައް ވަޒަންކުރުމާއި، އެ އަސަރުތައް ކުޑަކުރުމަށް ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރުން.

30.   ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި، އެ ރަށަކާ އެކަށީގެންވާ ފެނާއި ނަރުދަމާގެ ނިޒާމެއް ގާއިމުކޮށް ހިންގުމުގެ އިންތިޒާމުތައް، ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން ހަމަޖެއްސުން. 

31.   ރަށްރަށުގައި ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ރަށްރަށުގައި ގާއިމުކޮށްފައިވާ ފެނާއި ނަރުދަމާގެ ނިޒާމުތަކަށް ބޭނުންވާ ބޮޑެތި މަރާމާތުތަކުގެ މަޝްރޫޢުތަކާއި، އެ ނިޒާމުތައް އަޕްގްރޭޑްކުރުމުގެ މަޝްރޫޢުތައް އެކުލަވައިލުމާއި، އެ މަޝްރޫޢުތައް ރާވައި ހިންގުމާއި، އެ މަސައްކަތްތައް މޮނިޓަރކޮށް އިވެލުއޭޓްކުރުން.

32.   ފެނުގެ ނިޒާމާއި ނަރުދަމާގެ ނިޒާމުގެ އިންފްރާސްޓްރަކްޗަރ މަޝްރޫޢުތައް ނިމުމުން، އެ ނިޒާމުތައް ބަލަހައްޓައި ޚިދުމަތްދޭނެ ފަރާތްތައް ކަނޑައަޅައި، އެ ފަރާތްތައް މެދުވެރިކޮށް އެ ނިޒާމުތަކުން ޚިދުމަތްދޭނެ އިންތިޒާމުތައް ހަމަޖެއްސުން.

33.   އާންމު ދިރިއުޅުމަށާއި، އެހެނިހެން ބޭނުންތަކަށް ބޭނުންވާ ފެން ލިބެންހުރި ވަސީލަތްތަކަކީ ކޮބައިތޯ ބަލައި، އެ ވަސީލަތްތައް ރާއްޖެއަށް ތަޢާރުފުކުރުމާ ބެހޭ ގޮތުން ކުރަންޖެހޭ ކަންތައްތައް ކޮށް، އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، މި ފަދަ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތުގައި ތަރައްޤީކުރުމަށް މަގު ތަނަވަސްކޮށްދިނުން. 

34.   ފަތުރުވެރިކަމަށް ދޫކޮށްފައިވާ ރަށްރަށާއި ސަރަހައްދުތަކުގައާއި ސިނާއީ މަސައްކަތްތައް ކުރުމަށް ދޫކޮށްފައިވާ ރަށްރަށާއި ސަރަހައްދުތަކުގައި، އެ ރަށަކަށް ނުވަތަ އެ ސަރަހައްދަކަށް އެކަށީގެންވާ ފެނާއި ނަރުދަމާގެ ނިޒާމެއް ގާއިމުކޮށް ދެމެހެއްޓެނިވި ގޮތުގައި ހިންގަމުންދާކަން ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން ބަލައި ކަށަވަރުކުރުން. 

35.   ލޯކަލް ކައުންސިލުތަކުން ރައްޔިތުންނަށް ފެނާއި ނަރުދަމާގެ ޚިދުމަތްތައް ފޯރުކޮށްދެމުންދާ ގޮތް މޮނިޓަރ ކުރުމާއި، އެ ޚިދުމަތާގުޅޭ ގޮތުން ކައުންސިލްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާއި ކައުންސިލުތަކުގެ ޤާބިލުކަން އިތުރުކުރުމަށް މަސައްކަތް ކުރުން. 

36.   އާންމު ބޭނުންތަކަށް ދޫކުރާ ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޓަކައި ފެން ތަހުލީލުކުރާ ލެބޯޓަރީތައް ގާއިމުކޮށް، އެ ތަންތަނުގެ ޚިދުމަތްލިބޭނެ އިންތިޒާމު ހަމަޖެއްސުން. 

37.   ރާއްޖޭގެ ރަށްރަށުގެ މީރު ފެންފަށަލަ މުއްސަނދިކުރުމާއި، މީރު ފެންފަށަލަ ރައްކާތެރިކޮށް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރެވޭނެ ގޮތްތައް ރާވައި ހިންގުން.

38.   ރާއްޖޭގެ ވެށްޓަށް ބޭރުކުރެވޭ ނަޖިހާއި ނަޖިސްފެނަކީ އެކަށީގެންވާ މިންވަރަށް ސާފުކުރުމަށްފަހު ދޫކުރެވޭ ފެންކަން ކަށަވަރުކުރުން.

39.   ރަށްރަށަށް ސާފު ބޯފެން ލިބުން ދަތިވާ ހާލަތްތަކުގައި، ހަރުދަނާ ނިޒާމެއްގެ ދަށުން އެ ރަށްރަށަށް ސާފު ބޯފެން ފޯރުކޮށްދިނުމުގެ އިންތިޒާމު ހަމަޖެއްސުން. 

40.   ފެނާއި ނަރުދަމާގެ ދާއިރާ ތަރައްޤީކޮށް ދެމެހެއްޓުމަށް ޓަކައި ކުރަންޖެހޭ ދިރާސާތައްކުރުން. 

41.   ފެނާއި ނަރުދަމާގެ ޚިދުމަތްތައް ރެގިއުލޭޓްކުރުމުގެ މަސައްކަތްތައް ބަލަހައްޓާ އިދާރާގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ވިލަރެސްކުރުމާއި، އެ އިދާރާގެ ޕްލޭންތަކާއި ސްޓްރެޓަޖީތައް މޮނިޓަރކުރުން. 

42.   އެކަށީގެންވާ ރައްކާތެރި ގޮތެއްގައި ކުނި މެނޭޖްކުރުމާއި، ކުނި ނައްތާލާނެ ވަސީލަތްތަކެއް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކުރުމާއި، ކުނި ނައްތަލާނެ އެކަށީގެންވާ ނިޒާމެއް ރަށު ފެންވަރުގައި ގާއިމުކުރުމަށް ލޯކަލް ކައުންސިލްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން. 

43.   ކުނި މެނޭޖުކުރުމުގެ ޚިދުމަތާގުޅޭ ގޮތުން ރަށު ފެންވަރުގައާއި ސަރަހައްދީ ފެންވަރުގައާއި ޤައުމީ ފެންވަރުގައި ކުރާ މަސައްކަތްތަކުގެ ޤާބިލުކަން އިތުރުކުރުމަށް މަސައްކަތްކުރުން. 

44.   ކުނި މެނޭޖުކުރުމުގެ ދާއިރާ ތަރައްޤީކޮށް ހަރުދަނާކުރުމަށް ޓަކައި، އެކިއެކި ފަރާތްތަކުން ރާއްޖޭގައި ހިންގާ ކުނި މެނޭޖުކުރުމާގުޅޭ މަޝްރޫޢުތައް ކުރިއަށްދާ ގޮތް ބަލައި މޮނިޓަރކުރުން. 

45.   ކުނި އުފެއްދުން މަދުކުރުމާއި، ކުންޏަކީ އަގެއްހުރި އެއްޗަކަށް ބަދަލުކުރުމަށް ހިންގާ ހަރަކާތްތައް ކުރިއެރުވުމަށް ބާރު އެޅުމުގެ ގޮތުން އެކްޝަން ޕްލޭން އެކުލަވައިލައި ތަންފީޒުކުރުމާއި، އެ އެކްޝަން ޕްލޭން މުރާޖާކުރަމުން ގެންދިޔުން. 

46.   ރީސައިކަލްކުރުމާއި، ކުނިން ބޭނުންތެރި މާއްދާތައް އިޢާދަކުރުމުގެ ނިޒާމުތައް ހިންގުމަށް ބާރު އަޅައި އެހީތެރިވުމާއި، އެ ކަމަށް ބިނާވެފައިވާ ސިނާއަތްތަކާއި ވިޔަފާރިތައް ތަރައްޤީކުރުމަށް މަގުފަހިކޮށްދިނުން. 

47.   ނުރައްކާތެރި ކުންޏާއި ޚާއްޞަ ކުނި، ވެއްޓަށް ބޭރުވުން، ބަންޑުންވުން، ފެތުރުން ނުވަތަ ފޭދުމުގެ ހާދިސާތަކުގައި ޤައުމީ ފެންވަރުގައި ޢަމަލުކުރަންވީ ގޮތުގެ ޕްލޭން އެކުލަވައިލައި އާންމުކުރުން. 

48.   ނުރައްކާތެރި ކުންޏާއި ޚާއްޞަ ކުނި، ވެއްޓަށް ބޭރުވުން، ބަންޑުންވުން، ފެތުރުން ނުވަތަ ފޭދުމުގެ ސަބަބުން ތަޣައްޔަރުވެފައިވާކަމަށް އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީން ކަނޑައަޅާ ތަންތަނުގެ މައުލޫމާތު ހިމެނޭ ދަފުތަރެއް އެކުލަވައިލައި އާންމުކުރުން. 

49.   ދިވެހިރާއްޖޭގެ ކުނީގެ ހާލަތު އޮތްގޮތުގެ އޮޑިޓް އަހަރަކު އެއްފަހަރު ހަދައި އާންމުކުރުން. 

50.   ރާއްޖޭގެ ހުރިހާ ރަށަކަށް ބޭނުންވާ ހަކަތައިގެ މިންވަރު ކަށަވަރުކޮށްދިނުން. 

51.   ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އެކަށީގެންވާ ހެޔޮ އަގެއްގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް މަގުފަހިކޮށްދިނުން. 

52.   ހަކަތައާ ބެހޭ އެކިއެކި މަޝްރޫޢުތައް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ސައިންޓިފިކް ދިރާސާތަކާއި ތަހުލީލުތައްކޮށް، ކަމާ ބެހޭ "ނޮލެޖްބޭސް"އެއް ގާއިމުކޮށް، ބަލަހައްޓައި، މި މައުލޫމާތު ބޭނުންވާ ފަރާތްތަކަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުން. 

53.   ރާއްޖޭގެ އިގުތިސާދީ ސަރަހައްދު (އެކްސްކްލޫސިވް އިކޮނޮމިކް ޒޯން)ގެ ތެރޭގައި ހުރި ހަކަތަ އުފެއްދިދާނެ ޤުދުރަތީ ވަސީލަތްތަކަކީ ކޮބައިތޯ ބެލުމަށް ދިރާސާތައް ކުރުން. 

54.   އިޢާދަކުރަނިވި ހަކަތައިގެ ދާއިރާ ތަރައްޤީކުރުމަށް އެ ދާއިރާގެ ދިރާސާތައް ކުރުމާއި އެ ދިރާސާތަކަށް ހިތްވަރުދީ އެކަމަށް މަގުފަހިކުރުމާއި، އިޢާދަކުރަނިވި ހަކަތައިގެ ވަސީލަތްތަކުން ހަކަތަ އުފެއްދުމާއި ބޭނުންކުރުން އިތުރުކުރުމަށް މަސައްކަތްކުރުމާއި، އިޢާދަކުރަނިވި ހަކަތައިގެ ޓެކްނޯލޮޖީތައް ބޭނުންކުރުމާއި ތަރައްޤީކުރުމަށް މަސައްކަތްކުރުން. 

55.   ދިވެހިރާއްޖޭގެ ސަރަހައްދުގައި ހިމެނޭ އިޢާދަކުރަނިވި ހަކަތައިގެ ވަސީލަތްތަކުގެ އިންވެންޓްރީއެއް އެކުލަވައިލައި، އެ ވަސީލަތްތައް ރަމްޒުކޮށްދޭ ޗާޓެއް ހަދައި، އެ މައުލޫމާތު މުރާޖާކޮށް އާންމުކުރުން. 

56.   އިޢާދަކުރަނިވި ހަކަތައިން ކަރަންޓް އުފައްދައި ބޭނުންކުރުމަށް ފަހި ވެށްޓެއް ދިވެހިރާއްޖޭގައި ގާއިމުކުރުމަށް، އަމިއްލަ ފަރާތްތަކުން އިޢާދަކުރަނިވި ހަކަތަ އުފެއްދުމާއި، ބޭނުންކުރުމާއި، ހަކަތައިގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ހަކަތަ ވިއްކުމަށް ހަރުދަނާ އަދި ފަސޭހަ ނިޒާމެއް އެކުލަވައިލުން. 

57.   ޤައުމީ ތަރައްޤީގެ ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން، ހަކަތައިގެ ދާއިރާއާ ގުޅުންހުރި ތަރައްޤީގެ މަޝްރޫޢުތައް އެކުލަވައިލުމާއި، ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން އެ މަޝްރޫޢުތައް ރާވައި ހިންގުމާއި، މޮނިޓަރކޮށް އިވެލުއޭޓްކުރުން.

58.   ހަކަތައާއި، ކުންޏާއި، ފެނާ ނަރުދަމާއާ ބެހޭ ކަންތައްތައް ރާވައި ހިންގުމުގައާއި، ޚިދުމަތް ފޯރުކޮށްދީ ބޭނުންކުރުމުގައާއި، ފަންނީ ރޮނގުންނާއި އިގުތިސާދީ ގޮތުން ނިންމުންތައް ނިންމުމުގައި ދައުލަތުގެ މުއައްސަސާތަކާއި އަމިއްލަ ފަރާތްތަކަށް ލަފަޔާއި އިރުޝާދުދިނުން. 

59.   ރާއްޖޭގައި އާންމު ބޭނުންތަކުގެ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް، އެކަށީގެންވާ އަގެއްގައި ދެމެހެއްޓެނިވި ގޮތެއްގައި ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ޓަކައި، އެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ވާދަވެރި މާހައުލެއް ގާއިމުކުރުމަށް ސްޓްރެޓެޖީތައް އެކުލަވައިލައި ތަންފީޒުކުރުން. 

60.   ތިމާވެށީގެ ދާއިރާތަކުން ދިވެހިރާއްޖެއަށް ލިބެންހުރި ބައިނަލްއަގުވާމީ ޝަރަފުތައް ދެނެގަނެ، އެ ޝަރަފުތައް ދިވެހިރާއްޖެއަށް ހޯދުމަށް މަސައްކަތްކުރުމާއި، ރާއްޖެއަށް ލިބިފައިވާ އެ ފަދަ ޝަރަފުތައް ދެމެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.

61.   ރާއްޖޭގެ ތިމާވެށްޓާއި، ޤާނޫނު ނަންބަރު 93/4 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ޤާނޫނު) ގެ ދަށުން ހިމާޔަތްކޮށްފައިވާ ތަންތަނާއި ދިރޭތަކެތީގެ ނަސްލުތަކާއި އެތަކެތީގެ މާހައުލުތަކާއި،  މޫސުމަށް އަންނަ ބަދަލުތަކާއި، މީޓިއޮރޮލޮޖީއާއި، ހަކަތައާއި، ކުންޏާއި، ފެނާއި ނަރުދަމާއާ ބެހޭ ދިރާސާތައް ކުރުމަށް ހުއްދަދިނުމާއި، އެކަމާ ބެހޭ ނޮލެޖްބޭސް އެއް ގާއިމުކުރުމާއި، މި ނޫން ވެސް މިދާއިރާގެ ދިރާސާތަކާގުޅޭ ކަންކަން ވިލަރެސްކުރުން.

62.   މޯލްޑިވްސް ގްރީން ފަންޑުގެ ސެކްރެޓޭރިއަޓް ބެލެހެއްޓުން.

63.   މިނިސްޓްރީގެ މަސައްކަތްތަކާގުޅޭ ދާއިރާތަކުން ބޭނުންވާ ތަފާސްހިސާބު އެއްކޮށް، ބަލަހައްޓައި، އާންމުކުރުން. 

64.   މިނިސްޓްރީގެ މަސައްކަތްތަކާގުޅޭ ދާއިރާތަކުން ބޭރު ޤައުމުތަކާއި، ބައިނަލްއަގުވާމީ އަދި ސަރަހައްދީ ކޮމިޝަންތަކާއި، ޖަމުޢިއްޔާ ޖަމާޢަތްތަކާއި، ޔޫނިއަންތަކާއި، ކޮމިޓީތަކާ ގުޅުންބަދަހިކޮށް ދިވެހިރާއްޖެ ތަމްސީލުކުރުމާއި، އެ ފަދަ ފަރާތްތަކުން އެހީ ހޯދުމަށް މަސައްކަތްކުރުމާއި، އެ ފަދަ ފަރާތްތަކުގެ ހަރަކާތްތައް ވިލަރެސްކުރުން. 

65.   މިނިސްޓްރީގެ މަސައްކަތްތަކާގުޅޭ ދާއިރާތަކުން ދިވެހިރާއްޖެއަށް ފައިދާ ހުރި ކަންކަން ހާސިލުކުރުމަށް، ބައިނަލްއަގުވާމީ ޖަމުޢިއްޔާ ޖަމާޢަތްތަކާއި އެއްބަސްވުންތަކާއި މުޢާހަދާތަކާއި ޕްރޮޓޮކޯލްތަކުގައި ބައިވެރިވުމާއި، ދިވެހިރާއްޖެއިން ބައިވެރިވެފައިވާ އެ ފަދަ ޖަމުޢިއްޔާ ޖަމާޢަތްތަކާއި އެއްބަސްވުންތަކާއި މުޢާހަދާތަކާއި ޕްރޮޓޮކޯލްތަކުގެ ދަށުން ކުރަންޖެހޭ ކަންކަން ކުރުން. 

66.   މިނިސްޓްރީގެ މަސައްކަތު ދާއިރާއާގުޅޭ ކަންތައްތަކުގައި އަމިއްލަ ފަރާތްތަކާއި ޖަމުޢިއްޔާ ޖަމާޢަތް ބައިވެރިކުރުވުމާއި، އެފަރާތްތަކުގެ ދައުރު ފުޅާކުރުން. 

67.   މިނިސްޓްރީގެ ދާއިރާއިން އެކުލަވައިލަންޖެހޭ ޤާނޫނުތަކުގެ ދެލިކޮޕީ އެކުލަވައިލުމުގައި ކަމާ ބެހޭ ފަރާތްތަކަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.

68.   މިނިސްޓްރީގެ މަސައްކަތްތަކާ ގުޅިގެން، ޤާނޫނީ ގޮތުން ހިންގަންޖެހޭ ކަންތައްތައް ހިންގައި ބެލެހެއްޓުން. 

ތިރީގައި މިވާ ތަންތަން ހިނގަމުންދާނީ، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ދަށުންނެވެ. 

(ހ) އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ 

(ށ) ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ 

(ނ) މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް 

(ރ) މާޅޮސްމަޑުލު ދެކުނުބުރީ ބަޔޮސްފިއަރ ރިޒަރވް އޮފީސް 

(ހ) އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީގެ މަސައްކަތްތައް 

1.        ޤާނޫނު ނަންބަރު 93/4 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ޤާނޫނު)ގެ ދަށުން ހިމާޔަތް ކޮށްފައިވާ ތަންތަނާއި ތަކެތި ބެލެހެއްޓުމުގެ ކަންކަން ރެގިއުލޭޓުކުރުމާއި، ހިމާޔަތް ކޮށްފައިވާ ތަންތަނާއި ތަކެތި ބެލެހެއްޓުމާގުޅޭ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

2.        ރާއްޖޭގެ ފަޅުރަށްރަށް، ފަރު، ފަޅު، ހާ، ތިލަ، ގިރި ފަދަ ތަންތަނުގެ ޤުދުރަތީ މުއްސަނދިކަން ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކޮށް ބެލެހެއްޓުމަށް މިނިސްޓްރީން އެކުލަވައިލާ ސިޔާސަތުތަކާއި ގަވާއިދުތައް ތަންފީޒުކޮށް ހިންގުން.

3.        ރާއްޖޭގެ ތިމާވެށްޓަށް ފާހަގަކުރެވޭ ފަދަ ބަދަލެއް އަތުވެދާނެ އެއްވެސް މަޝްރޫޢެއް ހިންގުމުގެކުރިން ހަދަންޖެހޭ، ތިމާވެށްޓަށް އަސަރުފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓް، ހެދުމުގެ މިންގަނޑުތަކާއި އުސޫލުތައް ކަނޑައަޅައި، ހިންގައި ބެލެހެއްޓުން.

4.        ރާއްޖޭގެ ތިމާވެށްޓަށް ލިބޭ ގެއްލުންތައް ދިރާސާކޮށް، ރާއްޖޭގެ ތިމާވެށްޓަށް ގެއްލުން ދޭ ފަރާތްތައް ޖޫރިމަނާ ކުރުމާއި، ތިމާވެށްޓަށް ލިބޭ ގެއްލުންތަކުގެ ބަދަލު ހޯދުމުގެ ގޮތުން ތިމާވެށްޓަށް ލިބޭ ގެއްލުމުގެ އަގުމަގުކުރުމާއި، އެކަމާ ބެހޭ ކަންތައްތައް ހިންގުން.

5.        ރާއްޖޭގެ ރަށްރަށުގެ ވެށި ރައްކާތެރިކުރުމުގެ ގޮތުން މިނިސްޓްރީން ހަދާ ގަވާއިދުތައް ތަންފީޒުކުރުން. އަދި، ތިމާވެށި ރައްކާތެރިކުރުމަށް ހެދިފައިވާ ޤާނޫނުތަކާއި ގަވާއިދުތަކަށް އަމިއްލަ ފަރާތްތަކުންނާއި ސަރުކާރުގެ ފަރާތްތަކުން ޢަމަލުކުރަމުން ގެންދޭތޯ ބެލުމާއި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުން. އަދި، އެ ކަންކަމާ ބެހޭ ގޮތުން ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް ލަފާދިނުން.

6.        ޤާނޫނު ނަންބަރު 93/4 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ޤާނޫނު) ގެ ދަށުން ހިމާޔަތް ކޮށްފައިވާ ތަންތަނާއި ދިރޭތަކެތި ބެލެހެއްޓުމުގެ ކަންކަމާގުޅޭ ގޮތުން ކަމާ ބެހޭ ފަރާތްތަކަށް ފަންނީ ލަފާ ދިނުން.

7.        ދިރޭތަކެތީގެ ނަސްލުތަކާއި މާހައުލީ ނިޒާމުތައް ރައްކާތެރިކުރުމަށް ޓަކައި، އެ ފަދަ ދިރުންތަކާއި މާހައުލުތަކަށް ލިބިފައިވާ ގެއްލުންތައް ދެނެގަތުމަށް ހަދަންޖެހޭ އެސެސްމަންޓްތައް ހެދުމާއި، އެ ފަދަ ދިރުންތަކާއި މާހައުލުތަކަށް ހުރި ނުރައްކާތައް ދެނެގަނެގަތުމަށް ހަދަންޖެހޭ ރިސްކް އެސެސްމަންޓްތައް ހެދުން.

8.        ދިރޭތަކެތީގެ ނަސްލުތަކާއި އެ ތަކެތީގެ މާހައުލުތަކާ ބެހޭ ދިރާސާކޮށް، އެއްކުރެވޭ މައުލޫމާތާއި ތަޖުރިބާ ކަމާ ބެހޭ ފަރާތްތަކަށް ފޯރުވައިދިނުން.

9.        ތިމާވެށީގެން ގޮތުން ޚާއްޞަ ގުދުރަތީ ވަސީލަތްތަކާއި އެ ވަސީލަތްތައް ހުރި ތަންތަނާއި އެ ވަސީލަތްތައް ހުރި މިންވަރު ދެނެގަތުމާއި، އެ ތަންތަނާއި ތަކެތި މެޕްކުރުމާއި، ކަމާ ބެހޭ ފަރާތްތަކަށް އެ މައުލޫމާތު ފޯރުކޮށްދިނުން.

10.   ހިމާޔަތްކޮށްފައިވާ ގަސްގަހާގެހީގެ ދަފުތަރު ބަލަހައްޓައި، މި ފަދަ ގަސްގަހާގެހި ރައްކާތެރިކޮށް ބެލެހެއްޓުމުގެ އިންތިޒާމު ހަމަޖެއްސުން.

11.   ދިވެހިރާއްޖޭގެ ތިމާވެށީގެ ގޮތުން ޚާއްސަ ސަރަހައްދުތައް ދެނެގަނެ އެ ތަންތަނާ ބެހޭ ދިރާސާކުރުމާއި،
އެ ފަދަ ސަރަހައްދުތަކުގެ ދަފުތަރެއް އެކުލަވައިލުން.

12.   ދިގުމުއްދަތައް އަމާޒުކޮށްގެން ދިވެހިރާއްޖޭގެ 'ފިޒިކަލް އެންވަޔަރަންމަންޓް'ގެ މޮނިޓަރިންގެ މަސައްކަތް ކޮށް، ރާއްޖޭގެ ވައިގެ ނިޒާމާއި ފެނުގެ ނިޒާމާއި ބިންގަނޑާއި، އަދި، އެންމެހައި މާހައުލީ ނިޒާމުތަކަށް އަންނަ ބަދަލުތައް ދެނެގަތުމަށް ބޭނުންވާ ބޭސްލައިންތައް ގާއިމުކުރުން.

13.   ރާއްޖޭގެ ރަށްރަށް އުފެދި އެ ތަންތަނަށް އަންނަމުންދާ ބަދަލުތަކުގެ މައުލޫމާތު، ސެޓެލައިޓް އިމޭޖަރީއާއި އޭރިއަލް ފޮޓޯގްރަފީ ފަދަ ވަސީލަތްތައް ބޭނުންކޮށްގެން ހޯދައި، ޖިއޮގްރެފިކް އިންފޮމޭޝަން ސިސްޓަމަށް ބޭނުންވާ މައުލޫމާތު އެއްކޮށް އެ މައުލޫމާތު ލިބޭނެ އިންތިޒާމު ހަމަޖެއްސުން.

14.   ރާއްޖޭގެ ރަށްރަށުގެ ގޮނޑުދޮށްތަކަށް އަންނަމުންދާ ބަދަލުތަކާއި، ރަށް ގިރުމަށް ދިމާވާ ސަބަބުތައް ދިރާސާކޮށް، އެ ކަންކަން ހައްލުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭ މަޝްވަރާއާއި ލަފާދިނުން.

15.   ރާއްޖޭގެ ރަށްރަށް ގިރުމާއި ޤުދުރަތީ ގޮތުންނާއި އިންސާނުންގެ ޢަމަލުތަކުގެ ސަބަބުން ދިމާވާ ތިމާވެށީގެ މައްސަލަތަކާ ބެހޭ މައުލޫމާތުގެ އަލީގައި އެ ކަންކަމާމެދު އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާ ބެހޭ ފަރާތްތަކަށް ފަންނީ އެހީތެރިކަން ދިނުން.

16.   ތަރައްޤީގެ މަޝްރޫޢުތައް ރޭވުމަށް ބޭނުންވާ، ތިމާވެށްޓާ ބެހޭ މައުލޫމާތު އެއްކޮށް، ކަމާ ބެހޭ "ނޮލެޖްބޭސް"އެއް ގާއިމުކޮށް، ބޭނުންވާ ފަރާތްތަކަށް މި މައުލޫމާތު ފޯރުވައިދިނުން.

17.   ތަރައްގީގެ މަޝްރޫޢުތަކުގެ (ބިންހިއްކުމާއި، ފަޅުކޮނުމާއި، ބަނދަރުހެދުމާއި، ނެރުގޮއްވުން ފަދަ) ސަބަބުން ކުރާ އަސަރުތައް ވަޒަންކޮށް މޮނިޓަރކުރުން.

18.   ތަރައްގީގެ މަޝްރޫޢުތައް (ބިންހިއްކުމާއި، ފަޅުކޮނުމާއި، ބަނދަރުހެދުމާއި، ނެރުގޮއްވުން ފަދަ) ތިމާވެށްޓާ ރަހުމަތްތެރި ގޮތަކަށް ކުރެވޭނެ ގޮތްތައް ހޯދުމަށް ދިރާސާކުރުމާއި، އެއްކުރެވޭ މައުލޫމާތާއި ތަޖުރިބާ ކަމާ ބެހޭ ފަރާތްތަކަށް ފޯރުވައިދިނުން.

19.   ޖައްވުގައި ހިމެނޭ ގޭސްތަކާއި، ދުމާއި ކުނޑި ފަދަ ތަކެތީގެ މިންވަރަށް އަންނަމުންދާ ބަދަލުތައް ބަލައި،
މި ފަދަ މައުލޫމާތު އެއްކޮށް، ބަލަހައްޓައި، މި ކަންކަމާ ގުޅޭ ގޮތުން ކަމާ ބެހޭ ފަރާތްތަކަށް މައުލޫމާތު ލިބޭނެ އިންތިޒާމު ހަމަޖެއްސުން.

20.   ރާއްޖޭގެ ތިމާވެށްޓަށް އަންނަ ކިލަނބުކަން (ޕޮލިއުޝަން) ދެނެގަތުމަށް ދިރާސާތަކާއި ތަހުލީލުތައްކޮށް، ކަމާ ބެހޭ ފަރާތްތަކަށް މައުލޫމާތާއި، ފަންނީ ލަފަޔާއި އިރުޝާދު ދިނުން.

21.   ޤުދުރަތީ ގޮތުން ނެތިފަނާވާ (ބަޔޯޑީގްރޭޑަބަލް) ކޮތަޅާގުޅޭ ގޮތުން ކަނޑައަޅައިފައިވާ މިންގަނޑުތައް ތަންފީޒުކުރުން.

22.   ރާއްޖެއިން ކުނި ބޭރުކުރުމާއި، ރާއްޖެ ހުރަސްކޮށް ކުނި ގެންދިއުމަށް ދޫކުރަންޖެހޭ ހުއްދަތައް ދޫކުރުން.

23.   ބާސެލް ކޮންވެންޝަން އޮން ދި ކޮންޓްރޯލް އޮފް ޓްރާންސްބައުންޑަރީ މޫވްމަންޓް އޮފް ހެޒަރޑަސް ވޭސްޓްސް އެންޑް ދެއަރ ޑިސްޕޯސަލްގެ ދަށުން ދޫކުރަންޖެހޭ ހުއްދަތައް ދޫކުރުން.

24.   އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީގެ މަސައްކަތު ދާއިރާއާގުޅޭ ސައިންޓިފިކް ދިރާސާތަކާއި ތަހުލީލުތައްކޮށް، ކަމާ ބެހޭ "ނޮލެޖްބޭސް" އެއް ގާއިމުކޮށް، ބަލަހައްޓައި، މި މައުލޫމާތު ބޭނުންވާ ފަރާތްތަކަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުން.

25.   އެންވަޔަރަންމަންޓް ރެސްޓޮރޭޝަން ޓްރަސްޓް ފަންޑް ހިންގާ ކޮމެޓީން ނިންމާ ގޮތްތަކުގެމަތިން، އެ ފަންޑު މެނޭޖްކޮށް ބެލެހެއްޓުމުގެ މަސައްކަތްކުރުން.

(ށ) ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ މަސައްކަތްތައް

ޤާނޫނު ނަންބަރު 2020/26 (ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޤާނޫނު) ގެ 4ވަނަ މާއްދާގެ ދަށުން ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ މަސްއޫލިއްޔަތުތަކުގެ ގޮތުގައި ކަނޑައަޅައިފައިވާ ކަންތައްތައް ތިރީގައި މިވަނީއެވެ. 

1.        އާންމު ބޭނުންތަކުގެ ޚިދުމަތުގެ ދާއިރާ ދެމެހެއްޓެނިވި ގޮތުގައި ތަރައްޤީކުރުމަށް ހިތްވަރުދީ، އެ ދާއިރާ ކުރިއެރުވުން. 

2.        އާންމު ބޭނުންތަކުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި އަދި ބޭނުންކުރުމުގައި ޢަމަލުކުރުމަށް ހަދާ ގަވާއިދުތަކާއި އުސޫލުތައް ތަންފީޒުކުރުން. 

3.        އާންމު ބޭނުންތަކުގެ ޚިދުމަތް ދިނުމުގައި ހަމަޖެހޭ ވާދަވެރި ވެށްޓެއް ގާއިމުކޮށް ކުރިއަރުވައި ތަރައްޤީކުރުން. 

4.        އާންމު ބޭނުންތަކުގެ ޚިދުމަތް ދިނުމުގައި ހިނގާ ވިޔަފާރީގެ ވާދަވެރިކަމާއި ދެމެހެއްޓެނިވި ގޮތުގައި ޚިދުމަތް ފޯރުކޮށްދިނުމާ ދެކޮޅު ކަންތައްތައް ދެނެގަތުމާއި އެ ފަދަ ކަންކަން ހުއްޓުވުން. 

5.        އާންމު ބޭނުންތަކުގެ ޚިދުމަތްތަކާ ބެހޭ ޚާއްޞަ ޤާނޫނުތަކާއި ގަވާއިދުތައް ތަންފީޒުކުރުމާއި، އެ ޤާނޫނުތަކާއި ގަވާއިދުތަކަށް ޚިދުމަތްދޭ ފަރާތްތަކުން ޢަމަލުކުރަމުންދޭތޯ ބެލުން. 

6.        އާންމު ބޭނުންތަކުގެ ޚިދުމަތްދޭ ފަރާތްތަކަށް ލައިސަންސް ދޫކުރުމާއި، ދޫކުރާ ލައިސަންސާ އެއްގޮތަށް ޚިދުމަތްދޭ ފަރާތްތަކުން ޢަމަލުކުރަމުންދޭތޯ ބަލައި، އަޅަންޖެހޭ ފިޔަވަޅު އެޅުން. 

7.        އާންމު ބޭނުންތަކުގެ ޚިދުމަތްތަކާ ބެހޭ ޚާއްޞަ ޤާނޫނުތަކާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ޚިދުމަތުގެ އަގުތައް ފާސްކުރުމާއި، އަގު ކޮންޓްރޯލުކުރުމާއި، އަގާ ބެހޭ އެހެނިހެން ކަންކަން ބެލެހެއްޓުން. 

8.        އާންމު ބޭނުންތަކުގެ ޚިދުމަތްދިނުމާގުޅޭ ގޮތުން ޚިދުމަތްދޭ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށް މަސައްކަތްކުރުމާއި އެފަރާތްތަކަށް ބޭނުންވާ ފަންނީ ލަފަޔާއި އެހީތެރިކަން ފޯރުކޮށްދިނުން. 

9.        އާންމު ބޭނުންތަކުގެ ޚިދުމަތްތަކާގުޅޭ ގޮތުން ދޭދޭ ފަރުދުންގެ މެދުގައި ވެވޭ އެއްބަސްވުންތަކާ ގުޅިގެން ޖެހޭ މައްސަލަތައް ބަލައި އެ ކަންކަން ހައްލުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން. 

10.   އާންމު ބޭނުންތަކުގެ ޚިދުމަތް ބޭނުންކުރާ ނުވަތަ ޚިދުމަތަށް އެދޭ ފަރާތްތަކުގެ ޝަކުވާއާއި ދިމާވާ މައްސަލަތައް ބަލައި، ފިޔަވަޅު އެޅުން. 

11.   އާންމު ބޭނުންތަކުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ ތަންތަނާއި ވަސީލަތްތައް ބަލައި ފާސްކޮށް،
އެ ފަދަ ތަންތަނާއި ވަސީލަތްތައް ބޭނުންކުރުމުގެ ހުއްދަދިނުން.
 

12.   އާންމު ބޭނުންތަކުގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ މިންގަނޑުތަކާއި ގައިޑްލައިންތަކާއި ކަމާގުޅޭ އާންމު ގަވާއިދުތައް އާންމު ބޭނުންތަކުގެ ޚިދުމަތާގުޅޭ ޚާއްޞަ ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން ކަނޑައެޅުން. 

13.   އާންމު ބޭނުންތަކުގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންކުރާ ވަސީލަތްތައް ގާއިމުކުރުމުގައި، މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށާއި ތިމާވެށި ހިމާޔަތްކުރުމަށް ޓަކައި އެކަށީގެންވާ ފިޔަވަޅު އެޅުމަށް ބާރުއަޅައި، ހިތްވަރުދިނުން. 

14.   އާންމު ބޭނުންތަކުގެ ޚިދުމަތްތަކާ ގުޅުންހުރި ކަންކަމާ ބެހޭ ގޮތުން އާންމުން ހޭލުންތެރިކުރުން. 

15.   އާންމު ބޭނުންތަކުގެ ޚިދުމަތްތަކާގުޅޭ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުން. 

16.   އާންމު ބޭނުންތަކުގެ ޚިދުމަތްދިނުމުގައި އިސްރާފު ކުޑަކުރުމާއި، ފެންވަރާއި އެފިޝަންސީ ރަނގަޅުކުރުމަށް ބާރުއެޅުން. 

17.   މި ޤާނޫނަށް ޢަމަލުކުރަން ފަށާފަހުން ގާއިމުކުރެވޭ އާންމު ބޭނުންތަކުގެ ޚިދުމަތްތައް ގާއިމުކޮށް ހިންގުމުގައި އިޢާދަކުރަނިވި ހަކަތަ ބޭނުންކުރެވޭ އެންމެ މަތީ މިންވަރަކަށް ބޭނުންކުރާކަން ކަށަވަރުކުރުން. 

18.   އާންމު ބޭނުންތަކުގެ ޚިދުމަތްތަކާ ބެހޭ ދާއިރާތަކާގުޅޭ ތަފާސްހިސާބު އެކުލަވާލައި ޝާއިޢުކުރުން. 

19.   އާންމު ބޭނުންތަކުގެ ޚިދުމަތްތަކާ ބެހޭ ދާއިރާތަކުގައި މަސައްކަތްކުރާ ފަންނީ މަސައްކަތްތެރިންނަށް ހުއްދަ ދިނުން. 

20.   މި ޤާނޫނުގެ ދަށުން ނުވަތަ އާންމު ބޭނުންތަކުގެ ޚިދުމަތާގުޅޭ ޚާއްޞަ ޤާނޫނެއްގެ ދަށުން އޮތޯރިޓީން ކުރަންޖެހޭނެ ކަމަށް ބަޔާންކުރާ އެންމެހައި ކަންކަން ކުރުމާއި، އާންމު ބޭނުންތަކުގެ ޚިދުމަތް ދިނުމާގުޅޭ އެ ނޫން ވެސް ކަންކަން މި ޤާނޫނާއި އާންމު ބޭނުންތަކުގެ ޚިދުމަތާގުޅޭ ޚާއްޞަ ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން އިންތިޒާމުކުރުން. 

ޤާނޫނު ނަންބަރު 2020/8 (ފެނާއި ނަރުދަމާގެ ޤާނޫނު) ގެ 11ވަނަ މާއްދާގެ ދަށުން ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ މަސްއޫލިއްޔަތުތަކުގެ ގޮތުގައި ކަނޑައަޅައިފައިވާ ކަންތައްތައް ތިރީގައި މިވަނީއެވެ. 

21.   މި ޤާނޫނު ތަންފީޒުކުރުމަށް ޓަކައި ޢަމަލުކުރަންޖެހޭ އުސޫލުތަކާއި މިންގަނޑުތައް ހިމެނޭ ގަވާއިދުތައް ހެދުމުގައި މިނިސްޓްރީއަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން. 

22.   ދިވެހިރާއްޖޭގައި ފެން އުފައްދާ ފަރާތްތަކަށާއި ނަރުދަމާގެ ޚިދުމަތްދޭ ފަރާތްތަކަށް ލައިސަންސް ދޫކުރުމާއި، އެ ތަންތަނާ ބެހޭ މައުލޫމާތު ދަފުތަރުކޮށް، ކަމާ ބެހޭ މައުލޫމާތު އާންމުކުރުން. 

23.   އާންމު ބޭނުންތަކަށާއި، ފަތުރުވެރިކަމާއި ދަނޑުވެރިކަމާއި ސިނާއީ އެކިއެކި މަސައްކަތް ހިންގާ ފަރާތްތަކުން ބަހައްޓާ މީރުފެން އުފައްދާ ޕްލާންޓްތައް ރަޖިސްޓަރީކޮށް އެ ތަންތަނާ ބެހޭ މައުލޫމާތު ދަފުތަރުކޮށް، ބެލެހެއްޓުން. 

24.   ފެނާއި ނަރުދަމާގެ ޚިދުމަތް ގާއިމުކުރެވިފައިވާ ރަށްރަށުގައި ދިރިއުޅޭ ކޮންމެ ފަރުދަކަށް، ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެވޭކަން ކަށަވަރުކުރުމާއި، އެ ޚިދުމަތް ފޯރުކޮށްދިނުމުގައި އެ މީހެއްގެ ނަސްލަށް، ނުވަތަ އުފަންވީ ޤައުމަށް، ނުވަތަ ކުލަޔަށް، ނުވަތަ އުމުރަށް، ނުވަތަ ޖިންސަށް، ނުވަތަ ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމަށް، ނުވަތަ ސިޔާސީ ނުވަތަ އެ ނޫން ވެސް ވިސްނުމަކަށް، ނުވަތަ މާލީ ފުދުންތެރިކަމަށް، ނުވަތަ ނިސްބަތްވާ ޢާއިލާއަށް، ނުވަތަ އުފަން ރަށަށް، ނުވަތަ މި ނޫން ވެސް ކަމަކަށް ބަލައި ތަފާތުކުރުމެއް ނުގެންގުޅޭކަން ކަށަވަރުކުރުން. 

25.   ފެނާއި ނަރުދަމާގެ ނިޒާމު ފަރުމާކުރެވިފައިވަނީ، އެ ފަދަ ނިޒާމުތައް ފަރުމާކުރުމަށް މި ޤާނޫނުގެ ދަށުން މިނިސްޓްރީން އެކުލަވައިލާ ގަވާއިދުގައި ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިންތޯ ބަލައި،
އެ ފަރުމާތައް ފާސްކޮށް ހުއްދަދިނުން.
 

26.   ފެން ވައިރުކުރުމާއި ފެނާއި ނަރުދަމާގެ ނިޒާމު ފަރުމާކުރާ ފަރާތްތަކުގެ ފެންވަރު ވަޒަންކުރުމާއި، ފެނާއި ނަރުދަމާގެ ނިޒާމު ފަރުމާކުރާ އިންޖިނިއަރުންނަށާއި، ފެންވައިރުކުރާ ފަރާތްތަކަށް އެކަމުގެ ލައިސަންސް ދޫކުރުމާއި، އެ ފަރާތްތަކުގެ ދަފުތަރެއް އެކުލަވައިލައި، އާންމުކުރުން. 

27.   އޮތޯރިޓީން ތަންފީޒުކުރާ ޤާނޫނާއި ގަވާއިދުތަކާއި އުސޫލުތަކަށް އާންމުން ހޭލުންތެރިކޮށް އަހުލުވެރިކުރުވުން. 

28.   ފެނާއި ނަރުދަމާގެ ޚިދުމަތަށް އަގު ނަގަމުންދަނީ ކަމާގުޅޭ ގޮތުން ހަދާފައިވާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިންކަން ކަށަވަރުކުރުން. 

29.   މި ޤާނޫނާއި މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅުއެޅުން. 

30.   ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ފެނުގެ ޚިދުމަތާއި ނަރުދަމާގެ ޚިދުމަތް، ކަނޑައެޅިފައިވާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން ދެމުން ގެންދާކަން ކަށަވަރުކުރުން. 

31.   ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ގާއިމުކުރަނީ އެ ރަށަކާ އެންމެ އެކަށޭނަ ފެނާއި ނަރުދަމާގެ ނިޒާމެއްކަން ކަށަވަރުކުރުން. 

32.   ފެނާއި ނަރުދަމާގެ ޚިދުމަތްދިނުމަށް ބޭނުންކުރާ އިކުއިޕްމަންޓްތަކުގައި ހުންނަންޖެހޭ މިންގަނޑުތައް ކަމާގުޅޭ މުއައްސަސާތަކުގެ މަޝްވަރާގެމަތިން ކަނޑައެޅުން. 

33.   ވިޔަފާރިއާއި އާންމު ބޭނުންތަކަށް އުފައްދާ ފެނުގައި ހުންނަންޖެހޭ މިންގަނޑުތައް ކަމާގުޅޭ މުއައްސަސާތަކުގެ މަޝްވަރާގެމަތިން ކަނޑައެޅުން. 

34.   އާންމު ބޭނުންތަކަށް ފޯރުކޮށްދޭ ފެނުގެ ފެންވަރު، ލޯކަލް ކައުންސިލުތަކާއި ޚިދުމަތްދޭ ފަރާތާ ގުޅިގެން ކަށަވަރުކުރުން. 

35.   ފެނާއި ނަރުދަމާގެ ޚިދުމަތާގުޅޭ އެންމެހައި މައުލޫމާތާއި ތަފާސްހިސާބު އެއްކުރުމާއި، މިނިސްޓްރީއަށް ބޭނުންވެއްޖެ ހިނދެއްގައި މިނިސްޓްރީއަށް އެ ފަދަ މައުލޫމާތު ފޯރުކޮށްދިނުން. 

36.   ޚިދުމަތްދޭ ފަރާތުން ޚިދުމަތް ދިނުމަށް ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފެތޭ ގޮތަށް ޚިދުމަތް ދެމުންދާކަން ކަށަވަރުކުރުން. މި ގޮތުން، ފެނާއި ނަރުދަމާގެ ޚިދުމަތުގެ ސަލާމަތްތެރިކަން ކަށަވަރުކުރެވޭނެ ގޮތުގެމަތިން، ފެނުގެ ޕްރެޝަރާއި، ފެނުގެ ފެންވަރާއި، ނަޖިސްފެން ޓްރީޓްކުރާ މިންގަނޑުތަކާއި، ފެން ދަތުރުކުރާ ބާރުމިނާއި، ޚިދުމަތަށް ބިލުކުރާ އުސޫލާއި، ފެން މީޓަރާގުޅޭ ކަންކަމާއި، ޚިދުމަތް ދިނުމުގައި ޢަމަލުކުރުމަށް ކަނޑައަޅައިފައިވާ ކަންކަން ބަލަހައްޓަމުން ގެންދިޔުން. 

37.   ނަރުދަމާއާއި މީރުފެން އުފައްދާ ފެން ޕްލާންޓްތަކުން ބޭރުކުރާ ފެނުގައި ހުންނަންޖެހޭ މިންގަނޑު ކަމާގުޅޭ މުއައްސަސާތަކުގެ މަޝްވަރާގެމަތިން ކަނޑައެޅުން. 

38.   ފެނާއި ނަރުދަމާއާގުޅޭ ގޮތުން ކުރަންޖެހޭ ދިރާސާތަކަށް ބޭނުންވާ މައުލޫމާތު އެއްކޮށް، އާންމު ފަރާތްތަކުން މި ފަދަ ދިރާސާތައް ކުރުމަށް ބާރުއަޅައި މި މައުލޫމާތު ހާމަކުރުން. 

39.   ފެން ފޯރުކޮށްދިނުމާއި ފެން ބޭނުންކުރާ އާލާތްތަކާއި މެޝިނަރީ އަދި އިކުއިޕްމަންޓް ފަދަ ތަކެތީގައި ފެން އިސްރާފުވުން ކުޑަކުރުމަށް ބޭނުންވާ މިންގަނޑުތައް ކަމާގުޅޭ މުއައްސަސާތަކުގެ މަޝްވަރާގެމަތިން ކަނޑައެޅުން. 

ޤާނޫނު ނަންބަރު 2021/18 (ދިވެހިރާއްޖޭގެ ހަކަތައިގެ ޤާނޫނު)ގެ 9ވަނަ މާއްދާގެ ދަށުން ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ މަސްއޫލިއްޔަތުތަކުގެ ގޮތުގައި ކަނޑައަޅައިފައިވާ ކަންތައްތައް ތިރީގައި މިވަނީއެވެ. 

40.   މި ޤާނޫނާއި މި ޤާނޫނުގެ ދަށުން މިނިސްޓްރީން އެކުލަވައިލާ ގަވާއިދުތަކާއި އުސޫލުތައް ތަންފީޒުކުރުން.

41.   ހަކަތައިގެ ޚިދުމަތްދޭ ތަންތަނާއި ފަރާތްތަކަށް ލައިސަންސް ދޫކުރުމާއި، އާކުރުމާއި، ބަދަލުގެނައުމާއި، ބާޠިލުކުރުމާއި، ހިފެހެއްޓުން.

42.   ހަކަތައިގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ފެންވަރު ކަނޑައެޅުމާއި، ފެންވަރު ވަޒަންކުރުމާއި، ގިންތިކުރުމާއި، ޚިދުމަތުގެ ދާއިރާތައް ކަނޑައެޅުން.

43.   ކަރަންޓް ވިއްކޭނެ އެންމެ މަތީ އަގު ކަނޑައެޅުމާއި، އަގު މުރާޖާކުރުމާއި، މޮނިޓަރކުރުމާއި، ބަދަލުގެނައުން.

44.   ހަކަތައިގެ ޚިދުމަތްދޭ ތަންތަނުގައި ހުންނަންޖެހޭ މިންގަނޑުތައް ކަނޑައެޅުން.

45.   ހަކަތައިގެ ޚިދުމަތްދޭ ފަރާތްތައް މޮނިޓަރކުރުމާއި، ގަވާއިދާ ޚިލާފުވާ ފަރާތްތަކަށް މި ޤާނޫނާއި މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގައިވާ ގޮތުގެމަތިން ފިޔަވަޅު އެޅުން.

46.   ހަކަތައިގެ ދާއިރާއާގުޅޭ ގޮތުން، ކަމާ ބެހޭ އިދާރާތަކުގެ މަޝްވަރާއާއެކު ތިމާވެށްޓާއި، އާންމު ޞިއްޙަތާއި، ރައްކާތެރިކަމާ ބެހޭ މިންގަނޑުތައް ހަދައި، އާންމުކޮށް، ތަންފީޒުކުރުން.

47.   ކަރަންޓް ގަނެ ވިއްކުމުގެ އެއްބަސްވުންތަކާއި، ކަރަންޓުގެ ވިއުގައިގެ ޚިދުމަތް ދިނުމާ ބެހޭ އެއްބަސްވުންތައް ފާސްކުރުން.

48.   ހަކަތައިގެ ޚިދުމަތަކާގުޅޭ ގޮތުން މި ޤާނޫނާއި މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ ޚިލާފު ޢަމަލެއް ކޮށްފިކަމަށް ބެލޭ ހާލަތުގައި، ތަންތަނަށް ވަނުމާއި، ބަލައި ފާސްކުރުން.

49.   މި ޤާނޫނާއި މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތަށް ކަންކަން ކުރުމަށް އަންގަންޖެހޭ ފަރާތްތަކަށް އެންގުންތައް އެންގުން.

50.   ހަކަތައިގެ ދާއިރާއާގުޅޭ ގޮތުން އަންނަނިވި ކަންކަން ރެގިއުލޭޓްކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުން.

·          ހަކަތަ އުފެއްދުމާއި، ހަކަތަ ފޯރުކޮށްދިނުމާއި، ފެތުރުމާއި، ބޭނުން ކުރުން. 

·          ޕެޓްރޯލިއަމްއާއި ޕެޓްރޯލިއަމްގެ އުފެއްދުންތައް ރާއްޖެއަށް އެތެރެކުރުމާއި، ރީ-އެކްސްޕޯޓްކުރުމާއި، ސާފުކުރުމާއި، ރާއްޖެއިން ބޭރު ކުރުމާއި، އެއްތަނުން އަނެއް ތަނަށް އުފުލުމާއި، ރައްކާކުރުމާއި، ވިއްކުން.

·          އިޢާދަކުރަނިވި ހަކަތަ އުފެއްދުމާއި، ފޯރުކޮށްދިނުމާއި، ފެތުރުމާއި، ވިއްކުމާއި، މާކެޓް ކުރުމާއި، ބޭނުން ކުރުން. 

51.   ހަކަތަ ގަންނަ ފަރާތްތަކާއި، ހަކަތައިގެ ދާއިރާއިން އިންވެސްޓްކުރާ ފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކޮށްދިނުން.

52.   ހަކަތައިގެ ދާއިރާއާގުޅޭ އެންމެހައި މައުލޫމާތާއި ތަފާސްހިސާބު އެއްކުރުމާއި، ދިރާސާކުރުމާއި، ބޭނުންވެއްޖެ ހިނދެއްގައި މިނިސްޓްރީއަށް އެ ފަދަ މައުލޫމާތު ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުން. 

53.   އެނަރޖީ އެފިޝެންސީގެ ފެންވަރު ވަޒަންކުރާނެ ލެބޯޓަރީތައް އުފެއްދުމަށް ފުރުޞަތު ތަނަވަސްކޮށް، ކަމާގުޅޭ ގޮތުން މިނިސްޓްރީން އެކުލަވައިލާ ގަވާއިދާ އެއްގޮތަށް އެ ތަންތަން ރެގިއުލޭޓްކޮށް ފެންވަރު ވަޒަންކޮށް ލައިސަންސް ދިނުން.

54.   ކަމާ ބެހޭ އިދާރާތަކުގެ މަޝްވަރާއާއެކު، ދިވެހިރާއްޖެއަށް އެތެރެކުރެވޭނެ ހަކަތަ ބޭނުންކުރާ އާލާތްތަކުގައި ހުންނަންވާނެ އެންމެ ދަށް މިންގަނޑު ކަނޑައެޅުން. 

ޤާނޫނު ނަންބަރު 2022/24 (ކުނި މެނޭޖުކުރުމުގެ ޤާނޫނު)ގެ 10ވަނަ މާއްދާގެ ދަށުން ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ މަސްއޫލިއްޔަތުތަކުގެ ގޮތުގައި ކަނޑައަޅައިފައިވާ ކަންތައްތައް ތިރީގައި މިވަނީއެވެ. 

55.   މި ޤާނޫނާއި މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ކުނި މެނޭޖުކުރުމުގެ ޒިންމާ މަތިކުރެވިފައިވާ ފަރާތްތަކުން އެ ޒިންމާ އަދާކުރޭތޯ ބެލުމަށް ޓަކައި ކުރަންޖެހޭ އެންމެހައި ކަންކަން ސީދާ އޮތޯރިޓީން ނުވަތަ ވަކިކަމެއް ބެލުމަށް އޮތޯރިޓީން ކަނޑައަޅާ އެހެން ފަރާތެއް މެދުވެރިކޮށް ކުރުން. 

56.   ކުނި މެނޭޖުކުރުމުގެ ޚިދުމަތްދޭ ފަރާތްތަކަށް ހުއްދައާއި ލައިސަންސް ދޫކުރުމާއި، އާކޮށްދިނުމާއި، ބަދަލު ގެނައުމާއި، ބާޠިލުކުރުން.

57.   ކުނި މެނޭޖުކުރުމުގެ ޚިދުމަތްތައް ހިންގުމުގައި ޢަމަލުކުރަންޖެހޭ ގަވާއިދުތަކާއި އުސޫލުތަކާއި މިންގަނޑުތައް ތަންފީޒުކުރުމާއި، އެ ކަންކަމާ ޚިލާފުވާ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުން. 

58.   ކުނި މެނޭޖުކުރާ މަރުކަޒުތަކާއި، ރައްކާތެރިކަމާއެކު ކުނި ނައްތާލުމުގެ މަސައްކަތްކުރާ މަރުކަޒުތައް ގާއިމުކުރުމަށް ސަރަހައްދުތައް ކަނޑައެޅުމާއި، ކުނި މެނޭޖުކުރުމުގެ ނިޒާމުތައް ފަރުމާކުރުމާއި، ގާއިމުކުރުމާއި، އެ ނިޒާމުތަކުން ޚިދުމަތްދިނުމާ ބެހޭ ގޮތުން މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާއި މިންގަނޑުތައް ތަންފީޒުކުރުން.

59.   މި ޤާނޫނާއި އަދި އާންމު ޚިދުމަތްތައް ދިނުމާގުޅޭ އެހެނިހެން ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން އާންމު ބޭނުންތަކުގެ ޚިދުމަތެއްގެ ގޮތުގައި ކުނި މެނޭޖުކުރުމުގެ ޚިދުމަތްދެމުން ގެންދޭތޯ ބެލުމާއި، އެ ފަދަ ޚިދުމަތްތައް ދިނުމުގައި ލާޒިމުކުރާ މިންގަނޑުތަކަށް ޢަމަލުކުރަމުންދޭތޯ ބަލައި ކަށަވަރުކުރުން. 

60.   މި ޤާނޫނާއި، މި ޤާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ކުނި މެނޭޖުކުރުމުގެ ޚިދުމަތްތައް ހިނގަމުންދޭތޯ ބެލުމަށް ޓަކައި ކުރަންޖެހޭ އެންމެހައި ކަންކަން ސީދާ އޮތޯރިޓީން ނުވަތަ ވަކިކަމެއް ކުރުމަށް އޮތޯރިޓީން ކަނޑައަޅާ އެހެން ފަރާތެއް މެދުވެރިކޮށް ކުރުން. 

61.   އާންމު ބޭނުންތަކުގެ ޚިދުމަތްތަކާ ބެހޭ ޚާއްޞަ ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ކުނި މެނޭޖުކުރުމުގެ ޚިދުމަތުގެ އެންމެ މަތީ އަގު ކަނޑައެޅުމާއި، އަގު މުރާޖާކުރުމާއި، ބަދަލު ގެނައުން. 

62.   ކުނި މެނޭޖުކުރުމުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ ތަންތަނާއި ވަސީލަތްތައް ބަލަންޖެހޭ ހާލަތެއްގައި އެ ފަދަ ތަންތަން ބަލައި ފާސްކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

63.   މި ޤާނޫނުގައި ނުވަތަ އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، ފަތުރުވެރިކަމަށް ދޫކޮށްފައިވާ ރަށްރަށުގައާއި ސަރަހައްދުތަކުގައި އަދި ސިނާއީ މަސައްކަތްތައް ކުރުމަށް ދޫކޮށްފައިވާ ރަށްރަށުގައާއި ސަރަހައްދުތަކުގައި، އެ ރަށަކަށް ނުވަތަ އެ ސަރަހައްދަކަށް އެކަށީގެންވާ ކުނި މެނޭޖުކުރުމުގެ ނިޒާމެއް ދެމެހެއްޓެނިވި ގޮތުގައި ހިންގަމުންދާކަން ކަށަވަރުކުރުން.

64.   ކުނި މެނޭޖުކުރުމާގުޅޭ ގޮތުން މި ޤާނޫނުގެ ދަށުން އޮތޯރިޓީން ކުރަންޖެހޭކަމަށް ބަޔާންކުރާ އެންމެހައި ކަންކަން ކުރުން. 

(ނ) މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ މަސައްކަތްތައް

1.        ދިވެހިރާއްޖޭގައި މީޓިއޮރޮލޮޖީއާ ބެހޭ ކަންތައްތައް ރާވައި ހިންގައި ތަރައްޤީކޮށް ބެލެހެއްޓުން. 

2.        ރާއްޖޭގެ އިގުތިސާދީ އަދި އިޖުތިމާޢީ ދެމެހެއްޓެނިވި ކުރިއެރުމަށް ބޭނުންވާ، މޫސުމާ ބެހޭ މައުލޫމާތު ބަލަހައްޓައި، ކަމާ ބެހޭ "ނޮލެޖްބޭސް" އެއް ގާއިމުކޮށް، މި މައުލޫމާތު ބޭނުންވާ ފަރާތްތަކަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުން. 

3.        މީޓިއޮރޮލޮޖީއާ ބެހޭ ސައިންޓިފިކް މައުލޫމާތު އެއްކޮށް، ދިރާސާކޮށް، ބަލަހައްޓައި، ބޭނުންވާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުސޫލެއްގެ ދަށުން މައުލޫމާތު ފޯރުކޮށްދިނުން.

4.        ރާއްޖެއަށް ދިމާވެދާނެ ބިންހެލުން އަދި ސުނާމީ ފަދަ ހާދިސާތަކުގެ މައުލޫމާތު ހޯދައި، އެ ފަދަ ހާދިސާއަކުން ލިބިދާނެ ގެއްލުންތައް ލަފާކުރުމާއި، ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށް ޓަކައި ދުރާލާ އިންޒާރު ދިނުން.

5.        ޤުދުރަތީ ގޮތުންނާއި އެ ނޫން ވެސް ގޮތަކުން ދިމާވާ ނުވަތަ ދިމާވެދާނެ ހާދިސާތަކުގެ ގެއްލުންތައް ލަފާކުރުމާއި، އެ ފަދަ ހާދިސާތަކުގެ މައުލޫމާތު ހޯދުމާއި، ކަމާ ބެހޭ ފަރާތްތަކަށް ބޭނުންވާ ވަގުތަށް އެ މައުލޫމާތު ފޯރުވައިދިނުމާއި އަދި ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުން. 

6.        ދިވެހިރާއްޖެއާއި ރާއްޖެ ކައިރި ސަރަހައްދުތަކަށް އަންނަ ބިންހެލުމާއި، ސުނާމީ ފަދަ ޤުދުރަތީ ހާދިސާތަކާގުޅޭ މައުލޫމާތު ރިކޯޑްކޮށް ބެލެހެއްޓުން. 

7.        ދިވެހިރާއްޖޭގެ ފިޒިކަލް އޯޝޮނޮގްރަފީއާ ބެހޭ ކަންތައްތައް ރާވައި ހިންގައި ތަރައްޤީކޮށް ބެލެހެއްޓުން. 

(ރ) މާޅޮސްމަޑުލު ދެކުނުބުރީ ބަޔޮސްފިއަރ ރިޒަރވް އޮފީހުގެ މަސައްކަތްތައް 

1.        މާޅޮސްމަޑުލު ދެކުނުބުރީ ބަޔޮސްފިއަރ ރިޒަރވް ހިމާޔަތްކޮށް ބެލެހެއްޓުމާ ބެހޭ އެންމެހައި ކަންތައްތައް ރާވައި ހިންގުން. 

2.        މާޅޮސްމަޑުލު ދެކުނުބުރީ ބަޔޮސްފިއަރ ރިޒަރވް ޕްރޮމޯޓްކުރުމުގެ މަސައްކަތްތައް ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން ކުރުން. 

3.        މާޅޮސްމަޑުލު ދެކުނުބުރީ ބަޔޮސްފިއަރ ރިޒަރވް ހިމާޔަތްކޮށް ބެލެހެއްޓުމުގައި ބައިނަލްއަގުވާމީ ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކާއި، ޤައުމީ ފެންވަރުގެ ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކާއި، އަތޮޅު ފެންވަރުގެ ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކާއި، އަމިއްލަ ވިޔަފާރިތަކާއި ކަމާގުޅޭ އެހެން ފަރާތްތައް ބައިވެރިކުރުވުން.

4.        މާޅޮސްމަޑުލު ދެކުނުބުރީ ކޮންޒަރވޭޝަން ފަންޑާ ގުޅިގެން ބަޔޮސްފިޔަރ ރިޒަރވް ހިމާޔަތްކޮށް ބެލެހެއްޓުމަށް ހިންގާ މަޝްރޫޢުތަކާއި، ލައިވްލިހުޑް ސަޕޯޓް ޕްރޮޖެކްޓްސް އެކުލަވައިލުމުގައި ކަމާ ބެހޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން.

5.        މާޅޮސްމަޑުލު ދެކުނުބުރީ ބަޔޮސްފިއަރ ރިޒަރވްއާ ބެހޭ މައުލޫމާތު އެއްކުރުމާއި، ކަމާ ބެހޭ ފަރާތްތަކާ
އެ މައުލޫމާތު ހިއްސާކުރުމާއި، މި ރިޒަރވްގައި ކުރެވެންހުރި ދިރާސާތައް ބަލައި، އެ ފަދަ ދިރާސާތައް ކުރުމަށް މަގުފަހިކޮށްދިނުން.
 

6.        މާޅޮސްމަޑުލު ދެކުނުބުރީ ބަޔޮސްފިއަރ ރިޒަރވްގެ މޮނިޓަރިންގ އަދި ރިސަރޗްގެ ކަންތައްތައް ރާވައި ހިންގުމާއި، މާޅޮސްމަޑުލު ދެކުނުބުރީ ބަޔޮސްފިއަރ ރިޒަރވްއާގުޅޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުން.