1. އިމާރާތްކުރުމުގެ ދާއިރާ ތަރައްޤީކުރުމުގެ ސިޔާސަތުތައް ކަނޑައެޅުމާއި، މި ސިނާއަތު ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކުރުން.
2. ޕަބްލިކް އިންފްރާސްޓަރަކްޗަރ ތަރައްޤީކުރުމުގެ ސިޔާސަތުތައް ކަނޑައަޅައި، ކަމާ ބެހޭ އިދާރާތަކާ ގުޅިގެން އެ ސިޔާސަތުތައް ތަންފީޒުކުރުން.
3. ޕަބްލިކް ވަރކްސްގެ ޚިދުމަތް ދިނުމުގެ ސިޔާސަތުތައް ކަނޑައެޅުން.
4. ޤާނޫނު ނަންބަރު 2017/4 (އިމާރާތްކުރުމުގެ ޤާނޫނު) ތަންފީޒުކުރުމާއި، އެ ޤާނޫނުގެ ދަށުން ހަދަންޖެހޭ ގަވައިދުތަކާއި ބިލްޑިންގ ކޯޑުތަކާއި މިންގަނޑުތަކާއި އުސޫލުތައް ހަދައި، އެ ކަންކަން ތަންފީޒުކުރުން.
5. އެއްމެދު އިމާރާތާ ގުޅުންހުރި ކަންކަން ބެލެހެއްޓުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، ޤާނޫނު ނަންބަރު 2021/33 (އެއްމެދު އިމާރާތުގެ ޤާނޫނު)ގެ ދަށުން ހަދަންޖެހޭ ގަވާއިދުތަކާއި މިންގަނޑުތަކާއި އުސޫލުތައް ހަދައި، އެ ކަންކަން ތަންފީޒުކުރުން.
6. ޤާނޫނު ނަންބަރު 2021/21 (ދިރިއުޅުމަށް ޓަކައި ގޯތިގެދޮރު ކުއްޔަށްދިނުމާ ބެހޭ ޤާނޫނު)ގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދައި، އެ ގަވާއިދުތައް ތަންފީޒުކުރުން.
7. ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާ ބެހޭ ޤާނޫނު) ގެ ދަށުން، ރައީސުލްޖުމްހޫރިއްޔާ އެކަށައަޅާ ރާއްޖޭގެ ބިމާ ބެހޭ ޤައުމީ ސިޔާސަތު ތަންފީޒުކުރުން.
8. ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާ ބެހޭ ޤާނޫނު) ތަންފީޒުކުރުމާއި، އެ ޤާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތަކާއި މިންގަނޑުތަކާއި އުސޫލުތައް ހަދައި އެ ކަންކަން ތަންފީޒުކުރުން.
9. އިމާރާތްކުރުމުގެ ދާއިރާ ތަރައްޤީކުރުމުގައި ޤައުމީ ފެންވަރުގައި ހާސިލުކުރުމަށް ކަނޑައަޅަންޖެހޭ ލަނޑުދަނޑިތައް ކަނޑައެޅުމާއި، އެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ބޭނުންވާ މާލީ އަދި ފަންނީ ވަސީލަތްތައް ހޯދުމަށް ޤައުމީ ފެންވަރުގައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.
10. އިމާރާތްކުރުމުގެ ދާއިރާ ތަރައްޤީކުރުމަށް، ކަމާ ބެހޭ ފަރާތްތަކުގެ މަޝްވަރާގެމަތިން މާސްޓަރ ޕްލޭންތަކާއި ސްޓްރެޓީޖިކް ޕްލޭންތަކާއި އެކްޝަން ޕްލޭންތައް އެކަށައަޅައި، އެ ޕްލޭންތައް ތަންފީޒުކުރުމާއި، އެ ޕްލޭންތައް ތަންފީޒުކުރަމުންދާ ގޮތް މޮނިޓަރކުރުން.
11. އިމާރާތްކުރުމުގެ ދާއިރާ ތަރައްޤީކުރުމަށް އެކުލަވައިލަންޖެހޭ ޤާނޫނުތަކުގެ ދެލިކޮޕީ އެކުލަވައިލުމުގައި ކަމާ ބެހޭ ފަރާތްތަކަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
12. ޤާނޫނު ނަންބަރު 2017/4 (އިމާރާތްކުރުމުގެ ޤާނޫނު)ގެ ދަށުން ދޫކުރަންޖެހޭ ހުއްދަތައް ދޫކުރުމާއި،
އެ ޤާނޫނުގެ ދަށުން މިނިސްޓްރީއަށް ހުށަހަޅާ މައްސަލަތައް ބެލުމާއި، ޤާނޫނާ ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުން.
13. އިމާރާތްކުރުމުގެ ދާއިރާގައި ޚިދުމަތްދޭ ފަރާތްތަކުގެ ފެންވަރު ބެލުމާއި، އިމާރާތް ކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ކޮންޓްރެކްޓަރުންނާއި ފަންނުވެރި މަސައްކަތްތެރިން ގިންތިކޮށް ރަޖިސްޓަރީކުރުމާއި
އެ ފަރާތްތަކަށް ލައިސަންސް ދިނުން.
14. އިމާރާތްކުރުމުގެ ދާއިރާއަށް އަންނަ ބަދަލުތައް ދެނެގަނެ، އިމާރާތްކުރުމުގެ ދާއިރާއާއި ސިނާއަތު ތަރައްޤީކޮށް ކުރިއެރުވުމަށް ބޭނުންވާ ދިރާސާތައް ކުރުމާއި، އެ ދިރާސާތަކުން ހޯދޭ މައުލޫމާތު ކަމާ ބެހޭ ފަރާތްތަކާ ހިއްސާކުރުން.
15. އިމާރާތްކުރުމުގެ ދާއިރާގައި ކޮންމެހެން ބޭނުންކުރަންޖެހޭ ތަކެތި މެދުކެނޑުމެއްނެތި ފަސޭހައިން ލިބޭނެ މަގުފަހިކުރުމަށް މަސައްކަތްކުރުން.
16. އިމާރާތްކުރުމުގެ ދާއިރާގެ އުފެއްދުންތެރިކަން އިތުރުކުރުމަށާއި އެ ދާއިރާގެ ފެންވަރު ރަނގަޅުކުރުމަށް ޓަކައި، އިމާރާތްކުރުމުގެ ދާއިރާގައި ބޭނުންކުރާ ތަކެއްޗާއި، އުފެއްދުންތަކާއި، މަސައްކަތްކުރާ ގޮތްތައް ތަރައްޤީކުރުމަށް އިމާރާތްކުރުމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރުން.
17. އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކުގެ ގާބިލުކަމާއި ފަންނުވެރިކަން ކުރިއެރުވޭނެ ގޮތްތަކާ ބެހޭ ގޮތުން އެ ފަރާތްތަކަށް ލަފާދިނުން.
18. ރާއްޖޭގެ ހިޔާވަހިކަމާ ބެހޭ ޤައުމީ ސިޔާސަތު ކަނޑައަޅައި، ކަމާ ބެހޭ އިދާރާތަކާ ގުޅިގެން އެ ސިޔާސަތު ތަންފީޒުކުރުން.
19. ރާއްޖޭގެ ހިޔާވަހިކަމާ ބެހޭ ޤައުމީ ސިޔާސަތުގެ ދަށުން ހިޔާވަހިކަމުގެ ޕުރޮގުރާމުތައް ރާވައި ހިންގުމާއި، އެފަދަ ޕުރޮގުރާމުތަކުގެ މަސައްކަތްތައް ވިލަރެސްކުރުން.
20. ހިޔާވަހިކަމާ ބެހޭ ޤައުމީ ސިޔާސަތުގެ ދަށުން ރައްޔިތުންނަށް ދެވޭ ހިޔާވަހިކަމުގެ އަސާސީ މިންގަނޑުތައް ކަނޑައެޅުން.
21. ރާއްޖޭގެ ހިޔާވަހިކަމާ ބެހޭ ޤައުމީ ސިޔާސަތުގެ ދަށުން ކަނޑައެޅޭ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޮންމެ ރައްޔިތަކަށް ވެސް ދިރިއުޅުމަށް ކަމުދާ ފެންވަރުގެ ހިޔާވައްސެއް ލިބިދެވޭނެ ގޮތްތައް ރާވައި، އެ ކަމަށް މަގުފަހިކުރެވޭނެ ގޮތަށް ކަމާ ބެހޭ އުސޫލުތައް އެކުލަވައިލައި، އެ އުސޫލުތައް ހިންގުން.
22. ހިޔާވަހިކަމާ ބެހޭ ޤައުމީ ސިޔާސަތުގެ ދަށުން ލުއިފަސޭހަ ގޮތެއްގައި ގެދޮރު ލިބިދިނުމުގެ ނިޒާމެއް ހަމަޖައްސައި، އެ ނިޒާމުގެ ދަށުން ކަނޑައެޅޭ މިންގަނޑުތަކާ އެއްގޮތަށް ހިޔާވަހިކަން ލިބިދެވޭތޯ ބެލުން.
23. ޤުދުރަތީ ގޮތުންނާއި، އެ ނޫން ގޮތްގޮތުން ކުރިމަތިވާ ކާރިސާތަކާއި، ހާދިސާތަކާ ގުޅިގެން، ދިރިނޫޅެވޭވަރަށް ގެދޮރަށް ގެއްލުންލިބޭ މީހުންނަށް ދާއިމީ ހިޔާވަހި ބިނާކޮށްދިނުމުގެ ކަންތައް ހިންގައި ވިލަރެސްކުރުން.
24. ހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ހިންގާ ޕުރޮގުރާމުތަކާ ގުޅިގެން އާންމު ހޭލުންތެރިކަން އިތުރުކުރުމުގެ ހަރަކާތްތައް ރާވައި ހިންގުން.
25. ސަރުކާރުގެ އޮފީސްތަކުން ހިންގާ އިންފްރާސްޓްރަކްޗަރ މަޝްރޫޢުތަކާއި ޕުރޮގުރާމުތައް ހިންގާނެ ގޮތުގެ މިންގަނޑުތަކާއި އުސޫލުތައް އެކުލަވައިލައި، މި ކަންކަމާ ބެހޭ މައުލޫމާތު ކަމާ ބެހޭ ފަރާތްތަކާ ހިއްސާކުރުން.
26. ސަރުކާރުގެ އިންފްރާސްޓްރަކްޗަރ މަޝްރޫޢުތައް ހިންގުމުގެ ފެންވަރު ކަނޑައެޅުމާއި، ސަރުކާރުގެ އިންފްރާސްޓްރަކްޗަރގެ މަޝްރޫޢުތައް ހިންގަނީ ކަނޑައަޅައިފައިވާ ފެންވަރުގައިކަން ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން ކަށަވަރުކުރުން.
27. ސަރުކާރުގެ އޮފީސްތަކުން ހިންގާ މަޝްރޫޢުތަކާއި، ސަރުކާރު ހިއްސާވާ ފަރާތްތަކުން ހިންގާ ތަރައްޤީގެ މަޝްރޫޢުތައް ހަވާލުކުރާނެ ފަރާތްތައް ކަނޑައެޅުމަށް ޓަކައި ހުޅުވައިލެވޭ ބީލަންތަކަށް ކުރިމަތިލާ ފަރާތްތަކުގެ މައުލޫމާތު ދިރާސާކޮށް، ހުށަހެޅޭ ޓެންޑަރތަކާ ބެހޭ ގޮތުން ނޭޝަނަލް ޓެންޑަރ ބޯޑަށް މަޝްވަރާއާއި ލަފާ ދިނުން.
28. ސަރުކާރުގެ އޮފީސްތަކުން ހިންގާ މަޝްރޫޢުތަކުގެ ތެރެއިން، ރާއްޖޭގެ ތިމާވެށްޓާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ހިޔާވަހިކަމާއި، މީޓިއޮރޮލޮޖީއާ ބެހޭ ދާއިރާގެ މަޝްރޫޢުތައް ފިޔަވައި، އެހެން މަޝްރޫޢުތަކަށް ސަރުކާރުގެ އޮފީސްތަކުން ހޯދާ ބިލް އޮފް ކުއަންޓިޓީސް (ބީ.އޯ.ކިއު.) ގައިވާ އަގުތަކަކީ އެކަށީގެންވާ އަގުތަކެއްތޯ ބެލުން.
29. ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕުރޮގުރާމުގެ ދަށުން ހިންގާ މަޝްރޫޢުތަކާއި، ސަރުކާރުން ހިންގަން ކަނޑައަޅާ ޕަބްލިކް އިންފްރާސްޓްރަކްޗަރގެ ޚާއްސަ މަޝްރޫޢުތައް (މަގާއި، ބްރިޖާއި، ފެނުގެ ނިޒާމާއި، ނަރުދަމާގެ ނިޒާމާއި، މުވާސަލާތީ ވިއުގައާއި، އެއަރޕޯޓާއި، ޕޯޓާއި، ބަނދަރާއި، ބިން އުފެއްދުމާއި، ކޯސްޓަލް ޕްރޮޓެކްޝަނުގެ މަޝްރޫޢުތައް ހިމެނޭ ގޮތަށް)، ޤައުމީ ތަރައްޤީގެ ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން އެކުލަވައިލުމާއި، އެ މަޝްރޫޢުތައް ރާވައި ހިންގުމާއި، މޮނިޓަރކޮށް އިވެލުއޭޓްކުރުން.
30. ރާއްޖޭގެ ހިޔާވަހިކަމާ ބެހޭ ޤައުމީ ސިޔާސަތުގެ ދަށުން ހިންގަން ކަނޑައަޅާ ހައުސިންގ ޔުނިޓުތައް އިމާރާތްކުރުމުގެ މަޝްރޫޢުތައް، ޤައުމީ ތަރައްޤީގެ ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން އެކުލަވައިލުމާއި،
އެ މަޝްރޫޢުތައް ރާވައި ހިންގުމާއި، މޮނިޓަރކޮށް އިވެލުއޭޓްކުރުން.
31. ޤައުމީ ތަރައްޤީގެ ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން، މިނިސްޓްރީގެ ދާއިރާއާ ގުޅުންހުރި ތަރައްޤީގެ މަޝްރޫޢުތައް އެކުލަވައިލުމާއި، ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން އެ މަޝްރޫޢުތައް ރާވައި ހިންގުމާއި، މޮނިޓަރކޮށް އިވެލުއޭޓްކުރުން.
32. އާބާދީއާއި ތަރައްޤީ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން ސަރުކާރުން ހިންގަން ކަނޑައަޅާ އާބާދީ އެއްފަސްކުރުމުގެ މަޝްރޫޢުތަކާއި ޕުރޮގުރާމުތައް އެކުލަވައިލައި ތަންފީޒުކުރުން.
33. ލޯކަލް ކައުންސިލްތަކުން ޕަބްލިކް އިންފްރާސްޓްރަކްޗަރގެ މަޝްރޫޢުތައް ހިންގުމަށް އެ ކައުންސިލްތަކަށް ބޭނުންވާ ފަންނީ ލަފާދިނުމާއި، އެފަދަ މަޝްރޫޢުތަކުގެ ފެންވަރު ވަޒަންކޮށް މޮނިޓަރކުރުން.
34. ޤުދުރަތީ ގޮތުންނާއި، އެ ނޫން ގޮތްގޮތުން ކުރިމަތިވާ ކާރިސާތަކާއި، ހާދިސާތަކާ ގުޅިގެން ރަށްރަށުގެ ޕަބްލިކް އިމާރާތްތަކާއި، އެހެނިހެން އިންފްރާސްޓްރަކްޗަރތަކަށް ލިބޭ ގެއްލުންތަކުގެ މައުލޫމާތު އެއްކޮށް ދިރާސާކުރުމާއި، މިފަދަ ގެއްލުންތައް ކުޑަކުރުމަށް އެޅޭނެ ފިޔަވަޅުތައް ދަނެގަތުން.
35. ޤުދުރަތީ ގޮތުންނާއި، އެ ނޫން ގޮތްގޮތުން ކުރިމަތިވާ ކާރިސާތަކާއި، ހާދިސާތަކާ ގުޅިގެން ރަށްރަށުގެ ޕަބްލިކް އިންފްރާސްޓްރަކްޗަރތަކަށް ލިބޭ ގެއްލުންތައް މަރާމާތު ކޮށްދިނުމުގެ ކަންތައް ހިންގައި ވިލަރެސްކުރުމާއި، އެފަދަ ގެއްލުންތަކާ ގުޅިގެން ވަގުތުން ވަގުތަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި މިނިސްޓްރީގެ ދާއިރާއިން ސަރުކާރަށް ބޭނުންވާ އެހީތެރިކަން ދިނުން.
36. ދައުލަތުގެ އިމާރާތްތަކާއި، އެހެނިހެން އިންފްރާސްޓްރަކްޗަރތަކުގެ ދަފުތަރެއް އެކުލަވައިލައި، އެ ދަފުތަރު ބަލަހައްޓައި، އެ ތަންތަން ބޭނުންކުރަމުންދާ ގޮތް ބެލުން.
37. ސަރުކާރުގެ އިމާރާތްތަކުގެ ޖާގަ ބޭނުންކުރާނެ ގޮތުގެ މިންގަނޑުތައް ކަނޑައަޅައި، ޖާގަ ކަނޑައެޅުމަށް ކަމާ ބެހޭ ފަރާތްތަކަށް ލަފާދިނުމާއި، އެ މިންގަނޑުތަކަށް ޢަމަލުކުރަމުން ދޭތޯ ބަލަމުން ގެންދިއުން.
38. ދައުލަތުގެ އޮފީސްތަކުގެ ޖާގަ ކަނޑައެޅުން.
39. ދައުލަތުގެ އިމާރާތްތަކާއި އެހެނިހެން އިންފްރާސްޓަކްޗަރތަކުގެ ތެރެއިން މިނިސްޓްރީއާ ބެލެހެއްޓުން ހަވާލުކުރާ ތަންތަން މެއިންޓެއިންކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ރާވައި އިންތިޒާމުކުރުން.
40. ސަރުކާރުގެ ބިނާރާ ގުޅުންހުރި މަރާމާތުގެ މަސައްކަތްތައް ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން ރާވައި އިންތިޒާމުކުރުން.
41. އިމާރާތްކުރުމުގެ ދާއިރާއާ ގުޅުންހުރި ކަންކަމުގައި ކަމާ ބެހޭ ފަރާތްތަކަށް ފަންނީ ލަފާ ދިނުން.
42. އިމާރާތްކުރުމުގެ ދާއިރާއަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަށް ޓަކައި، އެ ދާއިރާއަށް ބޭނުންވާ ތަމްރީނުތައް ކަނޑައަޅައި، ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން މީހުން ބިނާކުރުމަށް މަސައްކަތްކުރުން.
43. އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ދިވެހިންގެ ނިސްބަތް އިތުރުކުރުމަށް ބާރުއަޅެމުގެ ގޮތުން، އިމާރާތްކުރުމުގެ ސިނާއަތުގައި އިގުތިސާދީ ނަފާ ހޯދެން ހުރި ތަފާތު ފުރުޞަތުތަކަށާއި، މަސައްކަތްތެރިކަމާއި ވަޒީފާގެ ފުރުޞަތުތަކަށް އާންމު ހޭލުންތެރިކަން އިތުރުކުރުން.
44. ތަރައްޤީގެ މަސްރަޙަށް އަންނަ ބަދަލުތަކާ ގުޅިގެން އަރބަން ސެންޓަރުތަކުގެ ޑިވެލޮޕްމަންޓް މާސްޓަރ ޕްލޭންތައް މުރާޖާކޮށް، ޤައުމީ ތަރައްޤީގެ ޕްލޭނުގެ މަގުސަދުތައް ހާސިލުކުރުމަށް ޓަކައި މާސްޓަރ ޕްލޭންތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން.
45. ރާއްޖޭގެ ރަށްރަށުގެ ބިނާވެށި ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކުރުމަށް ޓަކައި، ރަށްރަށުގެ ލޭންޑް ޔޫޒް ޕްލޭން އެކުލައިލުމުގެ މިންގަނޑުތައް ކަނޑައެޅުމާއި، ލޭންޑް ޔޫޒް ޕްލޭންތައް ފާސްކުރުމާއި، މި ޕްލޭނާގުޅޭ ޑިވެލޮޕްމަންޓް ކޮންޓްރޯލްތައް ހަދައި، ހިންގުމުގެ އޮނިގަނޑު އެކުލަވައިލުން.
46. އަރބަން ސަރަހައްދުތައް ތަރައްޤީކުރުމުގެ މާސްޓަރ ޕްލޭން އެކުލަވައިލައި، އަރބަން ސަރަހައްދުތަކުގައި ގާއިމުކުރާ އިޖުތިމާއީ އަދި އިގުތިސާދީ ޚިދުމަތްތަކާއި އެ ސަރަހައްދުގައި ގާއިމުކުރާ މައިގަނޑު އިންފްރާސްޓްރަކްޗަރތަކާ އިންޓަގްރޭޓް ކުރެވޭނެ ގޮތްތައް ކަނޑައެޅުން.
47. އަރބަން ސެންޓަރުތައް ތަރައްޤީކުރުމަށް ސަރުކާރުގެ އިދާރާތަކުން ހިންގާ މަޝްރޫޢުތަކުން އަރބަން ސަރަހައްދުތަކުގެ މާސްޓަރ ޕްލޭނުގައި ކަނޑައަޅައިފައިވާ މަގުސަދުތައް ހާސިލުވޭތޯ، ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން ބަލަމުން ގެންދިޔުން.
48. އަރބަން ޑިވެލޮޕްމަންޓް މާސްޓަރ ޕްލޭނުގައި ކަނޑައަޅާ ސަރަހައްދުތައް ތަރައްޤީކުރުމަށް ބޭނުންވާ އަރބަން ޑިވެލޮޕްމަންޓް މަޝްރޫޢުތައް ކަނޑައަޅައި، ކަމާ ބެހޭ ފަރާތްތަކާ މަޝްވަރާކޮށްގެން އެ މަޝްރޫޢުތައް ހިންގުމަށް މަގުފަހިކުރުން.
49. މިހާރު އާބާދުކުރެވިފައިވާ ރަށްރަށާއި އަލަށް އާބާދުވަމުންދާ ރަށްރަށުގެ ބިނާވެށީގެ ފެންވަރު ރަނގަޅުކުރުމަށް ބޭނުންވާ ދިރާސާތައްކުރުން.
50. އާބާދުކުރެވިފައިވާ ސަރަހައްދުތަކުގެ ތެރެއިން، އަލުން ތަރައްޤީކުރުމަށް ކަނޑައަޅާ ސަރަހައްދުތަކަށް ލޯކަލް ކައުންސިލްތަކާ ގުޅިގެން އަރބަން ރީޑިވެލޮޕްމަންޓުގެ މިންގަނޑުތައް ކަނޑައެޅުމާއި، އަރބަން ރީޑިވެލޮޕްމަންޓް ޕްލޭންތައް ތައްޔާރުކުރުމާއި، އެ ޕްލޭންތަކުން ހާސިލުކުރަން ބޭނުންވާ މަގުސަދުތައް ހާސިލުވޭތޯ ބަލަމުން ގެންދިޔުން.
51. އާބާދުކުރެވިފައިވާ ސަރަހައްދުތަކުގެ ތެރެއިން، ދުވަސްވުމުގެ ސަބަބުން ބިނާވެށި ބާވެފައިވާ ސަރަހައްދުތަކާއި ބައިބޯވުމާއި ތޮއްޖެހުމުގެ ސަބަބުން އަބުރުވެރި ދިރިއުޅުމަކަށް އެކަށީގެންވާ ގޮތެއްގައި ބިނާވެށި ތަރައްޤީކުރެވިފައިނުވާ ސަރަހައްދުތަކުގެ އިޖުތިމާއީ އަދި އިގުތިސާދީ ހާލަތު ރަނގަޅުކޮށް އެ ސަރަހައްދުތައް އަލުން ތަރައްޤީކުރުމަށް ޓަކައި، ލޯކަލް ކައުންސިލްތަކާ ގުޅިގެން އަރބަން ރީޖެނެރޭޝަންގެ މިންގަނޑުތައް ކަނޑައެޅުމާއި، އަރބަން ރީޖެނެރޭޝަން ޕްލޭންތައް ތައްޔާރުކުރުމާއި، އެ ޕްލޭންތަކުން ހާސިލުކުރަން ބޭނުންވާ މަގުސަދުތައް ހާސިލުވޭތޯ ބަލަމުން ގެންދިޔުން.
52. އާބާދުކުރެވިފައިވާ ސަރަހައްދުތަކުގެ ތެރެއިން، ގަދީމީ އަރބަން ސަރަހައްދުތަކާއި ގިނަ ދުވަހަށް ދެމެހެއްޓުމަށް ކަނޑައަޅާ އަރބަން ސަރަހައްދުތަކުގައި ހުރި ޤުދުރަތީ މާޙައުލުތަކާއި އިންސާނުން އުފައްދައި ތަރައްޤީކޮށްފައިވާ މާޙައުލުތައް ރައްކާތެރިކޮށް އަލުން އާލާކުރުމަށް (ރިހެބިލިޓޭޓްކުރުމަށް)، ލޯކަލް ކައުންސިލްތަކާ ގުޅިގެން އަރބަން ރިހެބިލިޓޭޝަންގެ މިންގަނޑުތައް ކަނޑައެޅުމާއި، އަރބަން ރިހެބިލިޓޭޝަން ޕްލޭންތައް ތައްޔާރުކުރުމާއި، އެ ޕްލޭންތަކުން ހާސިލުކުރަން ބޭނުންވާ މަގުސަދުތައް ހާސިލުވޭތޯ ބަލަމުން ގެންދިޔުން.
53. ރާއްޖޭގެ ތިމާވެށްޓާއި ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިއާ އެކަށީގެންވާ ގޮތެއްގައި އަރބަން ރީޑިވެލޮޕްމަންޓްގެ ދާއިރާއިން ކުރެވިދާނެ ކަންކަން ރާއްޖެއަށް ތަޢާރުފުކުރުން.
54. އަރބަން ޕްލޭނިންގގެ ދާއިރާއިން އެކުލަވައިލަންޖެހޭ ޤާނޫނުތަކުގެ ދެލިކޮޕީ އެކުލަވައިލުމުގައި ކަމާ ބެހޭ ފަރާތްތަކަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
55. ރާއްޖޭގެ ބިން ހެޔޮގޮތުގައި ބޭނުންކުރުމަށް ޓަކައި މުޅި ރާއްޖޭގެ ފިޒިކަލް ޑިވެލޮޕްމަންޓް އޮނިގަނޑެއް ކަނޑައަޅައި، މި އޮނިގަނޑުގެ ދަށުން ތައްޔާރުކުރެވޭ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން އެކުލަވައިލުމުގައި ގެންގުޅެންޖެހޭ އުސޫލުތަކާއި، މިންގަނޑުތައް ކަނޑައަޅައި، އެފަދަ ޕްލޭންތައް ކުރެވެނީ މި އުސޫލުތަކާއި މިންގަނޑުތަކާ އެއްގޮތަށްތޯ ބެލުން.
56. ސަރުކާރުގެ ފަރާތްތަކުންނާއި އަމިއްލަ ފަރާތްތަކުން ކުރާ ފިޒިކަލް ސަރވޭތަކަށް ހުއްދަ ދިނުމާއި، ރާއްޖޭގައި ކުރާ ފިޒިކަލް ސަރވޭތަކުގެ ދަފުތަރު ބެލެހެއްޓުން.
57. ރާއްޖޭގައި މަސައްކަތްކުރާ ފިޒިކަލް ސަރވޭޔަރުން ރަޖިސްޓަރީކުރުމާއި، ފިޒިކަލް ސަރވޭޔަރުންގެ ދަފުތަރު ބެލެހެއްޓުން.
58. ސަރުކާރުގެ ބޭނުންތަކަށް ހަދަންޖެހޭ ފިޒިކަލް ސަރވޭތައް ހެދުމާއި، މިފަދަ ފިޒިކަލް ސަރވޭތަކުން އެއްކުރެވޭ މައުލޫމާތު، ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކަށް ފޯރުކޮށްދިނުމާއި، ޤައުމީ ފެންވަރެއްގައި ފިޒިކަލް ސަރވޭކުރުމުގެ ވަސީލަތްތައް ބިނާކޮށް ތަރައްޤީކުރުން.
59. ދިވެހިރާއްޖޭގައި ކެޑެސްޓްރަލް ސަރވޭ ސިސްޓަމެއް ގާއިމުކޮށް، ބިމުގެ ސަރވޭތައް ކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް އެކުލަވައިލުން.
60. ރާއްޖޭގެ ބިމުގެ ދަފުތަރު ބެލެހެއްޓުމާ ބެހޭ މިންގަނޑުތައް ކަނޑައަޅައި، ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން ރާއްޖޭގެ ބިމުގެ ދަފުތަރު ބެލެހެއްޓުމުގެ ނިޒާމެއް ގާއިމުކޮށް ހިންގުން.
61. ދިވެހިރާއްޖޭގެ ބިމުގެ މަރުކަޒީ ދަފުތަރު ގާއިމުކޮށް ބެލެހެއްޓުން.
62. ރަށްރަށާއި ފަޅުފަޅާއި ފަރުފަރާއި ގިރިގިރިއާއި ހާހަލަށް ނަންކިޔުމުގެ އުސޫލު ކަނޑައެޅުމާއި، އެ އުސޫލުގެ ދަށުން އެ ތަންތަނަށް ނަންދިނުން.
63. ދިވެހިރާއްޖޭގެ ރަށްރަށާއި ފަޅުފަޅާއި ފަރުފަރާއި ގިރިގިރިއާއި ހާހަލުގެ ރަސްމީ ދަފުތަރު ތައްޔާރުކޮށް ބެލެހެއްޓުމާއި، ދިވެހިރާއްޖޭގެ ރަށްރަށާ ބެހޭ މައުލޫމާތު އެއްކޮށް، ރެކޯޑުކޮށް، އަދާހަމަކޮށް، އާންމުކޮށް ޝާއިޢުކުރުން.
64. ޤައުމީ ޖިއޮގްރަފިކް އިންފޮމޭޝަން ސިސްޓަމް ގާއިމުކޮށް، ދައުލަތުގެ ބިންތަކާ ބެހޭ އެންމެހައި މައުލޫމާތު އެއްކޮށް، އެ ނިޒާމުގެ ތެރެއިން އެ މައުލޫމާތު ފުރިހަމައަށް ބޭނުންކުރެވޭނެ ގޮތްތައް ގާއިމުކުރުން.
65. ރާއްޖޭގެ ޗާޓު އެކުލަވައިލުމާއި، ޗާޓު އިޞްލާޙުކޮށް ބެލެހެއްޓުމާއި ޝާއިޢުކުރުން.
66. ފޮޓޮގްރަމެޓްރީއާ ބެހޭ މަސައްކަތްތައް ކުރުމާއި، ރާއްޖޭގެ ރަށްރަށުގެ ބިމުގެ ޗާޓު އިޞްލާޙުކޮށް ބެލެހެއްޓުމާއި ޝާއިޢުކުރުން.
67. ދިވެހިރާއްޖޭގެ ބިމާ ބެހޭ ސިޔާސަތު އެކުލަވައިލުމަށް ބޭނުންވާ މައުލޫމާތު ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމާއި، ބިމާ ބެހޭ ސިޔާސަތު އެކުލަވައިލުމަށް ބޭނުންވާ އެންމެހައި މަސައްކަތްތައް ކަމާ ބެހޭ ފަރާތްތަކުގެ މަޝްވަރާއާއެކު ކުރުމާއި، ބިމާ ބެހޭ ސިޔާސަތަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަތުމަށް ބޭނުންވާ ދިރާސާތައް ކުރުން.
68. ރާއްޖޭގެ ބިން އަގުކުރާނެ އުސޫލުތަކާއި، މިންގަނޑުތައް ކަނޑައަޅައި، ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން މިކަން ހިންގުން.
69. ރާއްޖޭގެ ބިމާ ބެހޭ ޤާނޫނުގެ ދަށުން ނަގަންޖަހޭ ޓެކުހާއި ރޯޔަލްޓީއާއި އެހެނިހެން ފީތައް ކަނޑައެޅުމާއި، އެފަދަ ޓެކުހާއި ފީތައް ނެގުމަށް ދައުލަތުން ކަނޑައަޅައިފައިވާ މުއައްސަސާތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
70. ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގެ ބިން، ގެދޮރު އެޅުމަށާއި، އާބާދީގެ އެހެނިހެން ބޭނުންތަކަށް، އެކަށޭނަ ގޮތުގައި ބޭނުންކުރުމާ ބެހޭ މިންގަނޑުތައް ކަނޑައެޅުން.
71. ރާއްޖޭގެ ބިން ބޭނުންކުރާނެ ގޮތުގެ ޕްލޭންތައް ތައްޔާރުކުރުމާއި، ބިން ބޭނުންކުރާނެ ގޮތްތަކާއި ސަރަހައްދުތައް ކަނޑައެޅުން.
72. ދައުލަތުގެ ބިންތައް ދެނެގަތުމާއި، ފާހަގަކުރުމާއި، އެ ތަންތަނާ ބެހޭ ފުރިހަމަ މައުލޫމާތު އެއްކޮށް، ކަމާ ބެހޭ ފަރާތްތަކަށް އެ މައުލޫމާތު ފޯރުކޮށްދީ، އެ މައުލޫމާތު ރައްކައުތެރިކޮށް ބެލެހެއްޓުން.
73. ދައުލަތުގެ އެކިއެކި ބިންތަކުން ދައުލަތަށާއި ރައްޔިތުންނަށް އެންމެ ފައިދާ ލިބެންހުރި ގޮތްތައް ބަލައި ހޯދުމާއި، ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތްވާ ގޮތުގެމަތިން ދައުލަތުގެ އެންމެހައި ބޭނުންތަކަށް ބިން (މީހުންއުޅޭ ރަށްރަށާއި ފަޅުރަށްރަށުގެ ހިކިފަސްބިމާއި ފަޅާއި ކަނޑުގެ ބިން) ކަނޑައެޅުން.
74. ދައުލަތުގެ މުއައްސަސާތަކަށާއި ކުންފުނިތަކަށް ބިން (ލޯކަލް ކައުންސިލްގެ އިޚްތިޞާޞުން ބޭރުގައިވާ ރަށްރަށާއި، ފަޅާއި ކަނޑުގެ ބިން) ހަވާލުކުރުމާއި، އެ ބިންތައް ރަޖިސްޓަރީކުރުމާއި، އެ ބިންތައް ވަކިކުރުމާއި، ބިމާ ބެހޭ އެއްބަސްވުންތައް އެކުލަވައިލުމާއި، އެ މަސައްކަތްތަކާ ގުޅުންހުރި އެންމެހައި ކަންކަން ހިންގައި ބެލެހެއްޓުން.
75. ރާއްޖޭގެ ފަރުފަރާއި ފަޅުފަޅާއި ހާހަލާއި ތިލަތިލައާއި ގިރިގިރިފަދަ ތަންތަން ކުއްޔަށްދިނުން.
76. ރާއްޖެއިން ބިން ދޫކުރުމާއި ރާއްޖޭގައި ބިން ބޭނުންކުރުމާއި ބިމުގެ ވެރިފަރާތް ބަދަލުކުރުމާއި ބިން ވިއްކުމާއި ކުއްޔަށް ދިނުންފަދަ މުޢާމަލާތްތައް ހިންގުމަށް މަގުފަހިކޮށްދިނުމާއި، އެފަދަ މުޢާމަލާތްތައް ހިންގުމަށް އާންމު ފަރާތްތަކަށް ބޭނުންވާ މައުލޫމާތު ފަސޭހައިން ލިބޭނެ ނިޒާމެއް ގާއިމުކުރުން.
77. އިދާރީ ދާއިރާތަކުގައި ޕަބްލިކް ވަރކްސްގެ ދާއިރާއިން ހިންގާ މަސައްކަތްތައް ލޯކަލް ކައުންސިލްތަކާ ގުޅިގެން ރާވައި، ޕަބްލިކް ވަރކްސްގެ ދާއިރާގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ހަމަޖެއްސުން.
78. ޕަބްލިކް ވަރކްސްގެ ދާއިރާއިން ހިންގާ މަސައްކަތްތައް ހިނގާނުހިނގާ ގޮތް ބަލައި، ރަނގަޅުކުރަންޖެހޭކަމަށް ފާހަގަކުރެވޭ ކަންތައްތައް ރަނގަޅުކުރުން.
79. ސަރުކާރުން ހިންގާ ހަރަކާތްތަކަށް ޕަބްލިކް ވަރކްސްގެ ދާއިރާއިން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
80. އަތޮޅުތައް ހިންގުމުގެ ބޭނުމަށް ގާއިމުކޮށްފައިވާ އިމާރާތްތަކާއި ވަސީލަތްތައް ބޭނުންކުރުމުގެ އުސޫލުތައް ކަނޑައަޅައި، އެ ތަންތަނާއި ވަސީލަތްތައް ބެލެހެއްޓުމުގެ އިންތިޒާމުތައް ހަމަޖެއްސުން.
81. މިނިސްޓްރީގެ މަސައްކަތްތަކާ ގުޅުންހުރި ދާއިރާތަކުން ބޭރު ޤައުމުތަކާއި، ބައިނަލްއަގުވާމީ އަދި ސަރަހައްދީ ކޮމިޝަންތަކާއި، ޖަމުޢިއްޔާ ޖަމާޢަތްތަކާއި، ޔޫނިއަންތަކާއި ކޮމިޓީތަކާ ގުޅުން ބަދަހިކޮށް ދިވެހިރާއްޖެ ތަމްސީލުކުރުމާއި، އެފަދަ ފަރާތްތަކުން އެހީ ހޯދުމަށް މަސައްކަތްކުރުމާއި، އެފަދަ ފަރާތްތަކުގެ ހަރަކާތްތައް ވިލަރެސްކުރުން.
82. މިނިސްޓްރީގެ މަސައްކަތްތަކާ ގުޅުންހުރި ދާއިރާތަކުން ދިވެހިރާއްޖެއަށް ފައިދާ ހުރި ކަންކަން ހާސިލުކުރުމަށް، ބައިނަލްއަގުވާމީ އެއްބަސްވުންތަކާއި މުޢާހަދާތަކާއި ޕްރޮޓޮކޯލްތަކުގައި ބައިވެރިވުމާއި، ދިވެހިރާއްޖެއިން ބައިވެރިވެފައިވާ އެފަދަ ޖަމުޢިއްޔާ ޖަމާޢަތްތަކާއި އެއްބަސްވުންތަކާއި މުޢާހަދާތަކާއި ޕްރޮޓޮކޯލްތަކުގެ ދަށުން ކުރަންޖެހޭ ކަންކަން ކުރުން.
83. މިނިސްޓްރީގެ މަސައްކަތްތަކާގުޅޭ ދާއިރާތަކުން ތަފާސް ހިސާބާއި އިގުތިސާދީ އަދި އިޖްތިމާއީ މައުލޫމާތު އެއްކޮށް، ރިޕޯޓުތައް އެކުލަވައިލައި ޝާއިޢުކުރުން.
84. އިމާރާތްކުރުމުގައި ބޭނުންކުރާ މައިގަނޑު ތަކެތީގެ އަގުތަކަށް އަންނަ ބަދަލުތައް އަދާހަމަކޮށް ބަލަހައްޓައި ޝާއިޢުކުރުން.
85. އިމާރާތްކުރުމާއި ބިނާރާގުޅޭ މަސައްކަތްތަކުގެ ރެކޯޑުތަކާއި ކުރެހުންތަކާއި ފަހަށް ރައްކާކުރަން މިނިސްޓްރީން ކަނޑައަޅާ އެހެނިހެން ލިޔެކިޔުންތަކުގެ އަރުޝީފެއް ގާއިމުކޮށް ބެލެހެއްޓުން.
86. މިނިސްޓްރީގެ މަސައްކަތްތަކާ ގުޅިގެން ޤާނޫނީ ގޮތުން ހިންގަންޖެހޭ ކަންތައްތައް ހިންގައި ބެލެހެއްޓުން.