1.      ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ތަރައްޤީކުރުމާއި، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ސިޔާސަތު ކަނޑައަޅައި ހިންގުން.

2.      އިދާރީ ދާއިރާތަކުގައި ޕަބްލިކް ވަރކްސްގެ ޚިދުމަތް ދިނުމުގެ ސިޔާސަތުތައް ކަނޑައެޅުން.

3.      އިދާރީ ދާއިރާތަކުގައި ހިންގާ ތަރައްޤީގެ މަޝްރޫޢުތައް ޤައުމީ ތަރައްޤީގެ ލަނޑުދަނޑިތަކާ އެއް މިސްރާބުކުރުމަށްޓަކައި ޤައުމީ އިދާރާތަކާއި ލޯކަލް ކައުންސިލްތަކާ ގުޅިގެން މަސައްކަތްކުރުން.

4.      ރަށެއްގައި ނުވަތަ އަތޮޅެއްގައި ހިންގަން ކަނޑައަޅާ 5 މިލިޔަން ދިވެހި ރުފިޔާއަށްވުރެ ބަޖެޓު ބޮޑު ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރެއިން، ސަރުކާރުން ކަނޑައަޅާ މަޝްރޫޢުތައް ރާވައި ހިންގުމާއި، އެ މަޝްރޫޢުތައް ހިނގާގޮތް މޮނިޓަރކޮށް އިވެލުއޭޓްކުރުން.

5.      ސިޓީއެއްގެ ދަރަޖަ ދީފައިވާ އިދާރީ ދާއިރާއެއްގައި ހިންގަން ކަނޑައަޅާ 15 މިލިޔަން ދިވެހި ރުފިޔާއަށްވުރެ ބަޖެޓު ބޮޑު ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރެއިން، ސަރުކާރުން ކަނޑައަޅާ މަޝްރޫޢުތައް ރާވައި ހިންގުމާއި، އެ މަސައްކަތްތައް ހިނގާގޮތް މޮނިޓަރކޮށް އިވެލުއޭޓްކުރުން.

6.      އިދާރީ ދާއިރާތަކުގެ ތަރައްޤީއަށް ކުރެވެން ހުރި ކަންކަން ދިރާސާކޮށް، ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާއާއެކު، ލޯކަލް ކައުންސިލްތަކަށް މަޢުލޫމާތު ފޯރުކޮށްދިނުން.

7.      އިދާރީ ދާއިރާތަކުގެ ތަރައްޤީގައި މުޖުތަމަޢުގެ ބައިވެރިވުން އިތުރުކުރުމުގައި ލޯކަލް ކައުންސިލްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.

8.      އަތޮޅުތައް ހިންގުމުގެ ބޭނުމަށް ގާއިމުކޮށްފައިވާ އިމާރާތްތަކާއި ވަސީލަތްތައް ބޭނުންކުރުމުގެ އުސޫލުތައް ކަނޑައަޅައި، އެ ތަންތަނާއި ވަސީލަތްތައް ބެލެހެއްޓުމުގެ އިންތިޒާމުތައް ހަމަޖެއްސުން.

9.      އިދާރީ ދާއިރާތަކުގައި ޕަބްލިކް ވަރކްސްގެ ދާއިރާއިން ހިންގާ މަސައްކަތްތައް ލޯކަލް ކައުންސިލްތަކާ ގުޅިގެން ރާވައި، ޕަބްލިކް ވަރކްސްގެ ދާއިރާގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ހަމަޖެއްސުން.

10. ޕަބްލިކް ވަރކްސްގެ ދާއިރާއިން އިދާރީ ދާއިރާތަކުގައި ހިންގާ މަސައްކަތްތައް ހިނގާނުހިނގާގޮތް ބަލައި، ރަނގަޅުކުރަންޖެހޭކަމަށް ފާހަގަކުރެވޭ ކަންތައްތައް ރަނގަޅުކުރުން.

11. ސަރުކާރުން ހިނގާ ހަރަކާތްތަކަށް ޕަބްލިކް ވަރކްސްގެ ދާއިރާއިން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.

12. ލޯކަލް ކައުންސިލްތަކުގެ ސިއްކަ ރަޖިސްޓަރީކޮށްދިނުމާބެހޭ އުސޫލު ކަނޑައަޅައި، އެ އުސޫލާއެއްގޮތަށް ލޯކަލް ކައުންސިލްތަކުގެ ސިއްކަ ރަޖިސްޓަރީކޮށްދީ، އެކަމާބެހޭ މަޢުލޫމާތު ބެލެހެއްޓުން.

13. އިދާރީ ދާއިރާތަކުގައި މުނިސިޕަލް ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ލޯކަލް ކައުންސިލްތަކަށް ދިމާވާ ގޮންޖެހުންތައް ހައްލުކޮށްދިނުމާއި، މުނިސިޕަލް ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ކަންކަން ވިލަރެސްކުރުން.

14. ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މަސްއޫލިއްޔަތު އަދާކުރުމުގައާއި ލޯކަލް ކައުންސިލްތަކުގެ މަސައްކަތްތައް ހިންގުމުގައި، ސަރުކާރުގެ އިދާރާތަކުން ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން އެ އިދާރާތަކަށް ހޯދައިދިނުން.

15. ރާއްޖޭގެ ކޮމިއުނިކޭޝަން ޓެކްނޯލޮޖީއާބެހޭ ސިޔާސަތު ކަނޑައަޅައި، އެ ސިޔާސަތު ތަންފީޒުކުރުން.

16. ކޮމިއުނިކޭޝަންގެ ދާއިރާއިން ރާއްޖެއަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ބިނާކުރުމުގެ ސިޔާސަތުތައް ކަނޑައަޅައި ހިންގުން.

17. ޤައުމީ ތަރައްޤީގެ ޕްލޭންގައި އެކަށައަޅާ ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް، ކޮމިއުނިކޭޝަންގެ ދާއިރާގެ މާސްޓަރޕްލޭން އެކުލަވާލައި ތަންފީޒުކުރުން.

18. އިންޓަރނޭޝަނަލް ޓެލެކޮމިއުނިކޭޝަން ޔޫނިއަން (އައި.ޓީ.ޔޫ) އާއި، އޭޝިޔާ ޕެސިފިކް ޓެލެކޮމިއުނިކޭޝަން (އޭ.ޕީ.ޓީ) ކޮންވެންޝަންތަކުގައިވާ އުސޫލުތަކާއެއްގޮތަށް ރާއްޖޭގެ ޓެލެކޮމިއުނިކޭޝަނުގެ ޚިދުމަތާބެހޭ ސިޔާސަތުތައް ކަނޑައަޅައި ހިންގުން.

19. ޔުނިވަރސަލް ޕޯސްޓަލް ޔޫނިއަން (ޔޫ.ޕީ.ޔޫ) ކޮންވެންޝަންތަކުގައިވާ އުސޫލުތަކާއެއްގޮތަށް ރާއްޖޭގެ ޕޯސްޓުގެ ޚިދުމަތާބެހޭ ސިޔާސަތުތައް ކަނޑައަޅައި ހިންގުން.

20. ކޮމިއުނިކޭޝަންގެ ދާއިރާތަކުން ސަރުކާރުން ހިންގަން ބޭނުންވާ މަޝްރޫޢުތައް ރާވައި ހިންގުން.

21. ރާއްޖޭގެ ކުރިއެރުމާއި ތަރައްޤީގައި ކޮމިއުނިކޭޝަންގެ ދައުރު ފުޅާކުރުމަށް، އެ ދާއިރާއަށް މީހުން އަހުލުވެރިކޮށް، ހޭލުންތެރިކުރުވުން.

22. ކޮމިއުނިކޭޝަންގެ ދާއިރާ ރާއްޖޭގެ ތަޢުލީމީ ނިޒާމުގައި ހިމަނައި ތަރައްޤީކޮށް ހަރުދަނާކުރުމަށްޓަކައި ކުރެވޭ މަސައްކަތްތަކުގައި ކަމާބެހޭ ފަރާތްތަކަށް އެހީތެރިވެ، މަޢުލޫމާތު ފޯރުކޮށްދިނުން.

23. ޤައުމީ ތަރައްޤީގެ ޕްލޭންގައި އެކަށައަޅާ ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް އެކުލަވައިލާ ކޮމިއުނިކޭޝަންގެ މާސްޓަރ ޕްލޭންތަކުގެ ދަށުން ހިންގާ މަޝްރޫޢުތަކާއި، ހަރަކާތްތަކާމެދު އާންމުންގެ ހޭލުންތެރިކަން އިތުރުކުރުން.

24. ކޮމިއުނިކޭޝަންގެ ދާއިރާއިން ކަމާބެހޭ ފަރާތްތަކަށް ބޭނުންވާ ފަންނީ ލަފައާއި މަޝްވަރާދިނުން.

25. މިނިސްޓްރީގެ މަސައްކަތްތަކާ ގުޅިގެން ޤާނޫނީގޮތުން ހިންގަންޖެހޭ ކަންތައްތައް ހިންގައި ބެލެހެއްޓުން.

ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް ހިނގަމުންދާނީ މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްގެ ދަށުންނެވެ.

(ހ) ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް

ޤާނޫނު ނަންބަރު 2015/42 (ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ޤާނޫނު)ގެ 16 ވަނަ މާއްދާގެ ދަށުން ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ މަސައްކަތްތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ކަންތައްތައް ތިރީގައި މިވަނީއެވެ.

1.      ޓެލެކޮމިއުނިކޭޝަންގެ ދާއިރާއާ ގުޅޭގޮތުން ތިރީގައިވާ މަސައްކަތްތައް ކުރުން.

(ހ) ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ޓެލެކޮމިއުނިކޭޝަނާއި ރޭޑިއޯ ކޮމިއުނިކޭޝަންގެ ކަންކަން ރެގިއުލޭޓުކުރުން.

(ށ) ޓެލެކޮމިއުނިކޭޝަންގެ ސިނާއަތަށް ބޭނުންވާ ލަފަޔާއި އެހީތެރިކަން ފޯރުކޮށްދިނުން.

(ނ) ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭޝަންގެ ދާއިރާ ތަރައްޤީކުރުމަށް ހިތްވަރުދީ، ޓެލެކޮމިއުނިކޭޝަންގެ ސިނާއަތު ކުރިއެރުވުން.

(ރ) ޓެލެކޮމިއުނިކޭޝަންގެ ސިނާއަތާ ބެހޭގޮތުން ނުވަތަ ޓެލެކޮމިއުނިކޭޝަންގެ ޚިދުމަތްތަކާ ބެހޭގޮތުން ނުވަތަ ޚިދުމަތް ބޭނުންކުރާ ނުވަތަ ޚިދުމަތަށް އެދޭ ފަރާތްތަކަށް ދިމާވާ މައްސަލަތައް ބަލައި، ފިޔަވަޅު އެޅުން.

(ބ) ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭޝަންގެ ސިނާއަތުގައި، ހަމަހަމަ އަދި ވާދަވެރި ވެށްޓެއް ގާއިމުކޮށް ކުރިއަރުވައި ތަރައްޤީކުރުން.

(ޅ) ޓެލެކޮމިއުނިކޭޝަންގެ ދާއިރާގައި ހިނގާ ވިޔަފާރީގެ ވާދަވެރިކަމާ ދެކޮޅު ކަންތައްތައް ހުއްޓުވުން.

(ކ) ޓެލެކޮމިއުނިކޭޝަންގެ ޚިދުމަތްދޭ ފަރާތްތަކަށް ލައިސަންސް ދޫކުރުމާއި، ކަމާގުޅޭ އެނޫންވެސް ކަންކަން ހިންގައި ބެލެހެއްޓުން.

(އ) ޚިދުމަތުގެ އަގުތައް ފާސްކުރުމާއި އަގު ކޮންޓްރޯލްކުރުމާއި، ކަމާބެހޭ ކަންކަން ބެލެހެއްޓުމާއި، ލައިސަންސް ދޫކުރެވޭ ފަރާތްތަކުގެ ލައިސަންސާ ގުޅިގެން މާލީ ގޮތުން ބަލަހައްޓަންޖެހޭ އެންމެހައި ކަންކަން ބަލަހައްޓައި، ހިންގުން.

(ވ) ޓެލެކޮމިއުނިކޭޝަންގެ ސިނާއަތުގައި ފޯރުކޮށްދޭ ޚިދުމަތްތަކާ ގުޅޭގޮތުން ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ މެދުގައި، ޚިދުމަތް ދޭނެ އުސޫލުތައް ކަނޑައަޅައި، އެ އުސޫލުތައް ދެމެހެއްޓުމަށް ބާރުއެޅުން.

(މ) ޓެލެކޮމިއުނިކޭޝަން ނަންބަރިންގ ޕްލޭންއާއި އެނޫނަސް ޓެލެކޮމިއުނިކޭޝަންގެ ޚިދުމަތްތައް ދިނުމުގައި އިލެކްޓްރޯނިކް ޒަރީއާއިން އެޑްރެސްކުރުމާބެހޭ އެންމެހައި ފަންނީ އަދި އިދާރީ ކަންކަން ހިންގައި ބެލެހެއްޓުން.

(ފ) ޓެލެކޮމިއުނިކޭޝަންގެ ޚިދުމަތްތައް ނުވަތަ ނެޓްވަރކްތައް އިންޓަރކަނެކްޓް ކުރުމަށް މަގުފަހިކޮށްދިނުމާއި، އެކަމާ ގުޅިގެން އުފެދޭ ދެބަސްވުންތައް ޙައްލުކުރުން.

(ދ) ދިވެހިރާއްޖޭގައި ބޭނުންކުރެވޭ ޓެލެކޮމިއުނިކޭޝަން އިކުއިޕްމަންޓް ބަލައި ފާސްކޮށް، ހުއްދަދިނުން.

(ތ) ޓެލެކޮމިއުނިކޭޝަންގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ މިންގަނޑުތައް ކަނޑައެޅުން.

(ލ) ސެޓަލައިޓްގެ ގުޅުން ގާއިމުކުރުމަށް ކުރެވޭ މަސައްކަތްތައް ރެގިއުލޭޓުކުރުމާއި، އެ ކަންކަން އިންޓަރނޭޝަނަލް ޓެލެކޮމިއުނިކޭޝަންސް ޔޫނިއަންއާއި ކަމާބެހޭ ބައިނަލްއަގުވާމީ ޖަމުޢިއްޔާތައް ނުވަތަ އިދާރާތަކާއެކު ވިލަރެސްކުރުން.

(ގ) ޓެލެކޮމިއުނިކޭޝަންގެ ވަސީލަތްތައް ގާއިމުކުރުމުގައި ތިމާވެށި ހިމާޔަތްކުރުމަށްޓަކައި އެކަށީގެންވާ ފިޔަވަޅު އެޅުމަށް ޓެލެކޮމިއުނިކޭޝަންގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ބާރުއަޅައި، ހިތްވަރުދިނުން.

(ޏ) ޓެލެކޮމިއުނިކޭޝަންގެ ސިނާއަތާ ގުޅުންހުރި ކަންކަމާ ބެހޭގޮތުން އާންމުންނަށް މަޢުލޫމާތު ފޯރުކޮށްދީ އިރުޝާދުދިނުން.

(ސ) ޓެލެކޮމިއުނިކޭޝަނާބެހޭ ބައިނަލްއަގުވާމީ މިންގަނޑުތައް ކަނޑައެޅުމުގައި ދިވެހިރާއްޖެ ބައިވެރިވާ މިންވަރު ވިލަރެސްކުރުމާއި، ޓެލެކޮމިއުނިކޭޝަނާބެހޭ ބައިނަލްއަގުވާމީ ފޯރަމްތަކުގައި ދިވެހިރާއްޖެ ތަމްސީލުކުރުން.

2.      ސްޕެކްޓްރަމް ބެލެހެއްޓުމާ ގުޅޭގޮތުން ތިރީގައިވާ މަސައްކަތްތައް ކުރުން.

(ހ) ދިވެހިރާއްޖޭގެ ރޭޑިއޯ ފްރީކުއެންސީ ސްޕެކްޓްރަމް ރާވައި، ހިންގައި، ބެލެހެއްޓުމުގެ އެންމެހައި ކަންކަން ކުރުން.

(ށ) ރޭޑިއޯ ކޮމިއުނިކޭޝަން އިކުއިޕްމަންޓާއި ސްޕެކްޓްރަމް ބޭނުންކުރުމަށް ލައިސަންސް ދޫކުރުމާއި، ކަމާބެހޭ ކަންކަން ބެލެހެއްޓުން.

(ނ) ރޭޑިއޯ ފްރީކުއެންސީތަކަށް ކުރިމަތިވާ އިންޓަރފިއަރެންސް ހުއްޓުވުމަށް މަސައްކަތްކުރުމާއި، އެފަދަ ކަންކަމާ ގުޅޭގޮތުން ހުށަހެޅޭ މައްސަލަތައް ތަޙްޤީޤުކުރުމާއި، ފިޔަވަޅު އެޅުން.

3.      ޕޯސްޓުގެ ދާއިރާއާ ގުޅޭގޮތުން ތިރީގައިވާ މަސައްކަތްތައް ކުރުން.

(ހ) ދިވެހިރާއްޖޭގައި ޕޯސްޓުގެ ޚިދުމަތް ދޭ ފަރާތްތައް ރަޖިސްޓަރީކޮށްދިނުން.

(ށ) ޕޯސްޓުގެ ޚިދުމަތް ދޭ ފަރާތްތަކުން ފޯރުވައިދޭ ޚިދުމަތުގެ ފެންވަރު ބެލުން.

(ނ) ޕޯސްޓުގެ ދާއިރާ ރެގިއުލޭޓުކުރުމާބެހޭ ބައިނަލްއަގުވާމީ މިންގަނޑުތައް ކަނޑައެޅުމުގައި ދިވެހިރާއްޖެއިން ދޭން ބޭނުންވާ ލަފަޔާއި މަޝްވަރާދިނުމާއި، ޕޯސްޓާބެހޭ ބައިނަލްއަގުވާމީ ފޯރަމްތަކުގައި ދިވެހިރާއްޖެ ތަމްސީލުކުރުން.

4.      އިންފޯކޮމިއުނިކޭޝަންގެ ދާއިރާއާ ގުޅޭގޮތުން ޓެލެކޮމިއުނިކޭޝަންގެ ދާއިރާއާ ސީދާ ގުޅޭކަންކަމުގައި އިންފޯކޮމިއުނިކޭޝަންގެ ދާއިރާ ރެގިއުލޭޓްކުރުމަށް ބޭނުންވާ ނިސްބަތަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން. އޭގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.

(ހ) މި ޤާނޫނުގައި ކަނޑައަޅާފައިވާ ދާއިރާގެ ތެރޭގައި އިންފޯކޮމިއުނިކޭޝަންގެ ކަންކަން ރެގިއުލޭޓުކުރުން.

(ށ) ޓެލެކޮމިއުނިކޭޝަންގެ ދާއިރާއާ ސީދާގުޅޭ ކަންކަމުގައި އިންފޯކޮމިއުނިކޭޝަންގެ ސިނާއަތަށް ބޭނުންވާ ލަފަޔާއި އެހީތެރިކަން ދިނުން.

(ނ) ޓެލެކޮމިއުނިކޭޝަންގެ ދާއިރާއާ ސީދާގުޅޭ އިންފޯކޮމިއުނިކޭޝަންގެ ޚިދުމަތްތައް ފޯރުކޮށްދިނުމާބެހޭ ސިޔާސަތުތައް ކަނޑައެޅުން.

5.      ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ޤާނޫނުގެ ދަށުން ނުވަތަ އެހެން ޤާނޫނަކުން އޮތޯރިޓީން ކުރަންޖެހޭނެކަމަށް ބަޔާންކުރާ މަސައްކަތްތައް ކުރުން.

6.      ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްއާ ޙަވާލުކޮށްފައިވާ މަސައްކަތްތައް ކުރުމަށްޓަކައި ނުވަތަ ކުރުމަށް މަގުފަހިކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކާއި، އެނޫނަސް ޤާނޫނު ނަންބަރު 2015/42 (ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ޤާނޫނު) ހިންގުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންކަން.