1.       ޒުވާނުންގެ ތަރައްޤީގެ ޤައުމީ ސިޔާސަތު ކަނޑައަޅައި، ކަމާބެހޭ ފަރާތްތަކާ ގުޅިގެން އެ ސިޔާސަތުތައް ތަންފީޒުކުރުން.

2.      ދިވެހި ޒުވާނުންގެ މެދުގައި ދީނަށް ލޯބިކުރުމާއި އަޚުލާޤީ ރިވެތި ސިފަތައް އާލާކުރުވުމާއި، ޤައުމީ ރޫޙާއި މުޖުތަމަޢުގެ މަސްލަޙަތު ކުރިއެރުވުމުގެ ސަގާފަތް އަށަގަންނުވައި ހަރުދަނާކުރުމަށް މަސައްކަތްކުރުން.

3.      އުފެއްދުންތެރި އަދި ފުދުންތެރި ދިރިއުޅުމެއް ހޯދުމަށް ޒުވާނުންނަށް ބާރުއަޅައި، ޒުވާނުންނަށް އިޤުތިޞާދީގޮތުން ތަފާތު ފުރުޞަތުތައް ފަހިކޮށްދިނުމަށް ކަމާބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރުން.

4.      ޒުވާނުންނަށް ކުރިމަތިވާ ތަފާތު މައްސަލަތަކުގައި ކައުންސެލިންގގެ ޚިދުމަތްދިނުން.

5.      މަތީ ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތަކަށާއި، ޤައުމުގެ އިޤުތިޞާދީ ދާއިރާތަކުގައި ހުރި މަސައްކަތްތެރިކަމާއި ވަޒީފާގެ ފުރުޞަތުތަކަށް ޒުވާނުން ހޭލުންތެރިކުރުވުމަށް ކަމާބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރުން.

6.      ޒުވާނުންނަށް ޚާއްޞަކޮށްގެން މުނިފޫހިފިލުވުމުގެ އެކިއެކި ހަރަކާތްތައް ރާވައި އިންތިޒާމުކުރުމާއި، އެފަދަ ހަރާކަތްތައް އިންތިޒާމުކުރާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން.

7.      ކުށްކުރާ ޒުވާނުން މަދުކުރުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ކުރާ މަސައްކަތްތަކުގައި އެހީތެރިވުމާއި، ކުށްކުރާ ޒުވާނުންގެ ތެރެއިން މުޖުތަމަޢަށް އަނބުރާ އަންނަން ބޭނުންވާ ފަރާތްތަކަށް ރަނގަޅު ސަޕޯޓް ސިސްޓަމެއް އެކުލަވައިލުމުގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ކުރަމުންދާ މަސައްކަތްތަކުގައި އެހީތެރިވުން.

8.      މުޖުތަމަޢުގައި ހިންގާ އެކިއެކި ކަންކަމުގައި ޤައުމީ ފެންވަރުގައި ޒުވާނުންނަށް ބައިވެރިވެވޭނެ ގޮތްތަކެއް ހަމަޖައްސައިދިނުން.

9.      ޒުވާނުންނަށް އަމާޒުކޮށްގެން، ޒުވާނުންގެ ފަރާތުން އެޑްވޮކެސީއާއި މަޢުލޫމާތު ދިނުމުގެ ފޯރަމްތަކާއި ބައްދަލުވުންތައް އިންތިޒާމުކުރުން.

10. އިޖުތިމާޢީ މައްސަލަތަކާގުޅޭގޮތުން ޒުވާނުންގެ ހުރި ކަންބޮޑުވުންތައް ޙިއްޞާކުރުމުގެ ފުރުޞަތު ފަހިކޮށްދިނުން.

11. ޒުވާނުންނާ ގުޅޭ މުނާސަބަތުތައް ޤައުމީ ފެންވަރުގައި ފާހަގަކުރުން.

12. ޒުވާނުންނާ ގުޅޭ އެކިއެކި ހަރަކާތްތައް ޤައުމީ ފެންވަރުގައި ހިންގުމާއި، ބައިނަލްއަގުވާމީ ފެންވަރުގައި ހިންގޭ ޒުވާނުންނާބެހޭ ކަންތައްތަކުގައި ރާއްޖޭގެ ފަރާތުން ބައިވެރިވުން.

13. ޒުވާނުންގެ ޙައްޤުތަކާއި ޒިންމާތަކާއި ދިރިއުޅުމަށް ބޭނުންވާ ހުނަރުތަކާބެހޭ ގޮތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ރާވައި ހިންގުން.

14. ފަންނުވެރި (ހުނަރުވެރި)ކަން ހިމާޔަތްކޮށް ދިރުވައި އާލާކޮށް ދެމެހެއްޓުމުގެ ސިޔާސަތުތައް ކަނޑައަޅައި ތަންފީޒުކުރުން.

15. ދިވެހި ފަންނުވެރި (ހުނަރުވެރި)ކަން ހިމާޔަތްކޮށް ދިރުވައި އާލާކޮށް ދެމެހެއްޓުމަށް ހަދަންޖެހޭ އުސޫލުތައް ހަދައި ހިންގުން.

16. ފަންނުވެރި (ހުނަރުވެރި)ކަމުގެ ދާއިރާ ތަރައްޤީކުރުމަށް މަސައްކަތްކުރުން.

17. ޤާނޫނު ނަންބަރު 1/2006 (ޤައުމީ ކުތުބުޚާނާއަށް ތަކެތި ޖަމާކުރުމުގެ ޤާނޫނު) ގެ ދަށުން ހަދަންޖެހޭ ގަވާއިދުތަކާއި އުސޫލުތައް ހަދައި ހިންގުން.

18. ފަންނުވެރިކަމާއި ފޮތްތެރިކަމުގެ ޢިލްމު ފަތުރައި، ޢިލްމީ ގޮތުން ހޭލުންތެރި ފޮތްތެރި މުޖުތަމަޢެއް ބިނާކުރުން.

19. ފަންނުތަކާއި ފަންނީ ޢިލްމީ އުފެއްދުންތަކާއި މަސައްކަތްތެރިކަން ތަރައްޤީކޮށް ކުރިއެރުވުމުގައި ރާއްޖެއާއި ރާއްޖޭން ބޭރުގެ ފަރާތްތަކުން މާލީ އެހީއާއި ފަންނީ އެހީ ހޯދުން.

20. ފަންނުވެރިކަމުގެ ދާއިރާތަކުން މީހުން ބިނާކުރުމުގެ ފުރުސަތުތައް ރާއްޖެއާއި ރާއްޖެއިން ބޭރުން ލިބޭނޭ މަގުތައް ފަހިކޮށްދިނުން.

21. ރާއްޖޭގައި ހިނގަމުންދާ ކަންތައްތަކުގެ ތެރެއިން ތާރީޚަށްޓަކައި ލިޔެބަލަހައްޓަންޖެހޭ ކަންތައްތައް ދުވަހުން ދުވަހަށް ލިޔެ ބެލެހެއްޓުން.

22. ދިވެހިރާއްޖޭގެ ޕްރިންޓް މީޑިއާއާއި، އިލެކްޓްރޯނިކް މީޑިއާ ތަރައްޤީކުރުމަށް ބޭނުންވާ ސިޔާސަތުތައް ކަނޑައަޅައި، އެދާއިރާތައް ތަރައްޤީކުރުމަށް މަގުފަހިކޮށްދިނުން.

23. ދިވެހިރާއްޖޭގެ ޕްރިންޓް މީޑިއާއާއި، އިލެކްޓްރޯނިކް މީޑިއާގެ ވަސީލަތްތައް ރަޖިސްޓަރީކުރުން.

24. ދިވެހިރާއްޖޭގައި މަސައްކަތްކުރާ ނޫސްވެރިންނާއި ލިޔުންތެރިން ދަފްތަރުކޮށް، އެ ދަފްތަރު ބެލެހެއްޓުން.

25. މޯލްޑިވްސް މީޑިއާ ކައުންސިލުގެ އިންތިޚާބުގެ ކަންކަން އިންތިޒާމުކޮށް ބެލެހެއްޓުން.

26. ޤާނޫނު ނަންބަރު 2022/3 (ޖަމުޢިއްޔާތަކުގެ ޤާނޫނު) ގެ ދަށުން ޢައްޔަނުކުރާ ރަޖިސްޓްރާރގެ މަސްޢޫލިއްޔަތު އަދާކުރުމަށް ބޭނުންވާ އެންމެހައި އިންތިޒާމުތައް ހަމަޖައްސައިދިނުމާއި، މިނިސްޓްރީން ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުން.

27. ޖަމުޢިއްޔާތަކުގެ ދައުރު ފުޅާކޮށް، ކުރިއެރުވުމަށް މަސައްކަތްކުރުން.

28. ޖަމާޢަތްތަކުގެ ހަރަކާތްތަކަށް ރައްޔިތުން ޝައުގުވެރިކުރުވުމާއި، ޖަމާޢަތްތަކުގެ ހަރަކާތްތަކުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުން.

29. ޖަމުޢިއްޔާތަކުގެ މަސައްކަތްތަކަށް ބޭނުންވާ ފަންނީ އެހީއާއި މާލީ އެހީ، ރާއްޖެއާއި ރާއްޖެއިން ބޭރުން ހޯދިދާނެ ގޮތްތަކާއި ބެހޭގޮތުން ޖަމުޢިއްޔާތަކަށް މަޝްވަރާއާއި މަޢުލޫމާތުދީ، ޖަމުޢިއްޔާތަކުން އެހީ ހޯދުމާބެހޭ ކަންކަން ވިލަރެސްކޮށް، އެފަދަ އެހީ ބޭނުން ކުރެވެމުންދާ ގޮތް ބެލުން.

30. ސަރުކާރުގެ އިދާރާތާކާއި އަމިއްލަ ފަރާތްތަކާއި ޖަމުޢިއްޔާތަކުގެ ގިނަ މަސައްކަތްތަކަކީ ޤައުމީ ތަރައްޤީއަށް އަމާޒުކޮށްގެން ކުރެވޭ މަސައްކަތްތަކެއްކަމުން، އެ ފަރާތްތަކުގެ މެދުގައި އޮންނަ ގުޅުން ހަރުދަނާކޮށް ދެމެހެއްޓުމަށް މަސައްކަތްކުރުން.

31. ރާއްޖޭގެ ތަރައްޤީގެ މަޤްޞަދުތައް ހާސިލުކުރުމަށްޓަކައި ސަރުކާރުގެ އިދާރާތަކުން ހިންގާ ހަރަކާތްތަކާއި، ޕްރައިވެޓް ސެކްޓަރުން ހިންގާ ހަރަކާތްތަކާއި، ޖަމުޢިޔާތަކުން ހިންގާ ހަރަކާތްތައް ގުޅިގެން ކުރިއަށް ގެންދެވޭނެ ނިޒާމެއް ޤާއިމުކޮށް، މިފަދަ ހަރަކާތްތައް ވިލަރެސް ކުރުން.

32. ސަރުކާރުގެ އިދާރާތަކުން، ޖަމުޢިއްޔާތަކުގެ އެއްބާރުލުމާއެކު ކުރިޔަށް ގެންދަން ބޭނުންވާ މަޝްރޫޢުތަކުގައި، ސަރުކާރުގެ ކަމާބެހޭ އިދާރާއާއި ޖަމުޢިއްޔާތަކާ ދެމެދު މެދުވެރިއެއްގެ ދައުރު އަދާކުރުން.

33. ސަރުކާރުގެ ވަކި ދާއިރާއަކާ ނުގުޅޭ ކަންތައްތަކުގައި، ސަރުކާރުން ޖަމުޢިއްޔާތައް މެދުވެރިކޮށް ކުރިޔަށް ގެންދަން ބޭނުންވާ މަޝްރޫޢުތައް އެފަދަ ޖަމުޢިއްޔާތަކާ ގުޅިގެން ހިންގުން.

34. ޖަމުޢިއްޔާތަކުގެ ޤައުމީ ފޯރަމެއް ޤާއިމުކުރުން.

35. މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭ ދާއިރާތަކުން ބޭރު ޤައުމުތަކާއި، ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ ކޮމިޝަންތަކާއި، ޖަމުޢިއްޔާ ޖަމާޢަތްތަކާއި، ޔޫނިއަންތަކާއި ކޮމިޓީތަކާ ގުޅުން ބަދަހިކޮށް ދިވެހިރާއްޖެ ތަމްސީލުކުރުމާއި، އެފަދަ ފަރާތްތަކުން އެހީ ހޯދުމަށް މަސައްކަތްކުރުމާއި، އެފަދަ ފަރާތްތަކުގެ ހަރަކާތްތައް ވިލަރެސްކުރުން.

36. މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭ ދާއިރާތަކުން ދިވެހިރާއްޖެއަށް ފައިދާ ހުރި ކަންކަން ހާސިލުކުރުމަށް، ބައިނަލްއަޤުވާމީ އެއްބަސްވުންތަކާއި މުޢާހަދާތަކާއި ޕްރޮޓޮކޯލްތަކުގައި ބައިވެރިވުމާއި، ދިވެހިރާއްޖެއިން ބައިވެރިވެފައިވާ އެފަދަ ޖަމުޢިއްޔާ ޖަމާޢަތްތަކާއި އެއްބަސްވުންތަކާއި މުޢާހަދާތަކާއި ޕްރޮޓޮކޯލްތަކުގެ ދަށުން ކުރަންޖެހޭ ކަންކަން ކުރުން.

37. ޤައުމީ ތަރައްޤީގެ ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން، މިނިސްޓްރީގެ ދާއިރާއާ ގުޅުންހުރި ތަރައްޤީގެ މަޝްރޫޢުތައް އެކުލަވައިލުމާއި، ކަމާބެހޭ ފަރާތްތަކާ ގުޅިގެން އެ މަޝްރޫޢުތައް ރާވައި ހިންގުމާއި، މޮނިޓަރކޮށް އިވެލުއޭޓްކުރުން.

38. މިނިސްޓްރީގެ މަސައްކަތްތަކާ ގުޅިގެން، ޤާނޫނީގޮތުން ހިންގަންޖެހޭ ކަންތައްތައް ހިންގައި ބެލެހެއްޓުން.

ތިރީގައިވާ ތަންތަން ހިނގަމުންދާނީ މިނިސްޓްރީ އޮފް ޔޫތް އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްގެ ދަށުންނެވެ.

(ހ) ނޭޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަން

(ށ) ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް

(ށ.1) ނޭޝަނަލް އާޓް ގެލެރީ

(ނ) ޤައުމީ ކުތުބުޚާނާ   

(ރ) ޤައުމީ އަރުޝީފު

(ހ) ނޭޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަންގެ މަސައްކަތްތައް

1.      ރާއްޖޭގެ ނޭޝަނަލް އައި.އެސް.ބީ.އެން. އެޖެންސީގެ ހައިސިއްޔަތުން ކުރަންޖެހޭ ކަންތައްތައް ކުރުން.

2.      ގިންތިކުރާ ފަންނީ އުފެއްދުންތަކުގެ ދަފުތަރު ބެލެހެއްޓުން.

3.      އަދަބީ އުފެއްދުން ފާސްކުރާ ފަރާތްތަކުގެ ދަފުތަރު ބެލެހެއްޓުން.

4.      ގިންތިކުރާ ދިވެހި އުފެއްދުންތަކުގެ އެއް އަސްލު ރައްކާކޮށް ބެލެހެއްޓުން.

5.      ފަންނީ އުފެއްދުންތައް އުފައްދާ ފަރާތްތަކާއި އާންމުކުރާ ފަރާތްތައް ފަންނީ އުފެއްދުންތައް ގިންތިކުރުމުގެ ޤާނޫނާއި ގަވާއިދުތަކަށާއި އުސޫލުތަކަށް ހޭލުންތެރި ކުރުން.

ތިރީގައި މިވަނީ ޤާނޫނު ނަންބަރު 2022/12 (ފަންނީ އުފެއްދުންތައް ގިންތިކުރުމުގެ ޤާނޫނު)ގެ 3 ވަނަ މާއްދާގެ (ނ) އިން ނޭޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަނަށް ކަނޑައަޅައިފައިވާ މަސްއޫލިއްޔަތުތަކެވެ.

6.      ދިވެހިރާއްޖޭގައި އުފައްދާ އަދި ދިވެހިރާއްޖެއަށް އެތެރެކުރާ ފަންނީ އުފެއްދުންތައް މި ޤާނޫނުގައި ބަޔާންކުރާ ގިންތިތަކަށް ފެތޭގޮތަށް އާންމުކުރުމުގައި ޢަމަލުކުރާނެ އުސޫލުތައް، މި ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކަނޑައަޅައި، އާންމުކުރުން.

7.      ދިވެހިރާއްޖޭގައި އުފައްދާ އަދި ދިވެހިރާއްޖެއަށް އެތެރެކުރާ ފަންނީ އުފެއްދުންތައް އާންމުކުރެވެނީ މި ޤާނޫނާއި މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތަށްކަން ކަށަވަރުކުރުން.

8.      ދިވެހިރާއްޖޭގައި އުފައްދާ އަދި ދިވެހިރާއްޖެއަށް އެތެރެކޮށް އާންމުކުރާ ފަންނީ އުފެއްދުންތަކުގެ ގިންތިތަކާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުވުން.

9.      މި ޤާނޫނާ ޚިލާފުވާ ފަރާތްތަކާމެދު މި ޤާނޫނުގައިވާ ގޮތުގެމަތިން ފިޔަވަޅުއެޅުން.

10. ބިއުރޯއިން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް ކަމުގައި މި ޤާނޫނުގައި ކަނޑައަޅައިފައިވާ އެންމެހައި މަސްއޫލިއްޔަތުތައް އަދާކުރުން.

11. މި ޤާނޫނުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަންނީ އުފެއްދުންތައް އާންމުކުރުމުގައި މި ޤާނޫނާއި މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތަށް ޢަމަލުކުރަމުންދޭތޯ ބަލައި، އެކަން މޮނިޓަރކުރުން.

(ށ) ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސްގެ މަސައްކަތްތައް

1.      އާޓިސްޓިކް ފަންނުތަކަށް ޝައުގުވެރިވާ ހުރިހާ ދިވެހީންނަށާއި، ސްކޫލް ނިންމާފައި އިތުރަށް ކިޔެވުމަށް ފުރުޞަތު ލިބިފައިނުވާ ޒުވާނުންނަށާއި، އަދި ވަޒީފާ ލިބުން ދަތިވެފައިވާ އެކިއެކި ފަރުދުންނަށް އަމާޒުކޮށްގެން އާޓިސްޓިކް ފަންނުތައް އުގަންނައިދިނުމުގެ މަސައްކަތްތައް ރާވައި ހިންގުން.

2.      ދިވެހިރާއްޖޭގެ އާޓިސްޓިކް ފަންނުވެރިންގެ ޖަމުޢިއްޔާތައް އުފެއްދުމުގައާއި، ހިންގުމުގައި ފަންނީ އެހީތެރިކަން ފޯރުކޮށްދީ، ރާއްޖެއިން ބޭރުގެ އެކިއެކި ޖަމުޢިއްޔާތަކާ ގުޅުން ބަދަހިކުރުމަށް އެހީތެރިވެދިނުން.

3.      ދިވެހިރާއްޖޭގެ އާޓިސްޓިކް ފަންނުވެރިންގެ ހުނަރުވެރިކަން އާންމުންނަށް ދައްކައި، ފަންނުވެރިން ތަޢާރުފުވުމުގެ ފުރުޞަތު ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ހޯދައިދިނުން.

4.      ދިވެހިންގެ ފަންނީ އުފެއްދުންތެރިކަމާއި، ހުށަހަޅައިދިނުމުގެ ގާބިލުކަމާއި، ހުނަރުވެރިކަން އިތުރަށް ތަރައްޤީކޮށް ކުރިއަރުވައި ދެމެހެއްޓުމާއި، އަދި ފަންނުވެރިންގެ ހުނަރުވެރިކަން އާންމުނަށް ތަޢާރުފުކުރުމުގެ ގޮތުން، އާޓްސް ފެސްޓިވަލްތަކާއި، މުބާރާތްތަކާއި، މައުރަޒުތައް އިންތިޒާމުކޮށް ހިންގުން.

5.      ދިވެހި ފަންނުވެރިން ކުރާ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ފަންނުވެރިންނަށާއި، ފަންނީ އުފެއްދުންތަކަށް ޤައުމީ ފެންވަރުގައި ދެވޭނެ އެވޯޑުތައް ތަޢާރުފުކުރުމާއި، މިފަދަ ހަރަކާތްތައް ހިންގުން.

6.      ދިވެހިރާއްޖޭގެ އާޓިސްޓިކް ފަންނުތައް އުނގަންނައިދިނުމަށާއި، ކުރިއެރުވުމަށް އަމިއްލަ ފަރުދުންނާއި ޖަމާޢަތްތަކުން ކުރާ މަސައްކަތްތަކަށް ބޭނުންވާ ފަންނީ އެހީއާއި ލަފާ ދިނުން.

7.      ދިވެހިރާއްޖޭގައި ދިވެހި ފަންނުވެރިން އުފައްދާ ފީޗަރ އަދި ކުރު ފިލްމުތަކަށާއި، ރާއްޖެއިން ބޭރުގެ ފަރާތްތަކުން ކުރާ ފޮޓޯ އަދި ފިލްމް ޝޫޓްތަކަށާއި، މިޔުޒިކް ޝޯތަކަށް ހުއްދަ ދިނުން.

8.      ރާއްޖޭގެ ފަންނުވެރީންގެ ދަފުތަރެއް އެކުލަވައިލައި ބެލެހެއްޓުން.

9.      ދިވެހިރާއްޖޭގައި ޒަމާނުއްސުރެ ހިންގޭ، އާޓްސް ދާއިރާއާ ގުޅުންހުރި އެކިއެކި ސަގާފީ ކުޅިވަރުތަކާބެހޭ ދިރާސާކޮށް، ޑޮކިއުމަންޓްކުރުމާއި، މި މަޢުލޫމާތު ފަސޭހަކަމާ އެކު އާންމުނަށް ލިބޭނެ މަގުފަހިކޮށްދިނުން.

10. ރާއްޖޭގެ ސްކޫލް ދަރިވަރުންގެ މެދުގައި އާޓްސް ދާއިރާއަށް ޝައުގުވެރިކަން އިތުރު ކުރުމުގެގޮތުން ތަފާތު ފަންނުތަކުގެ ފަންނުވެރިންނާއެކު މަސައްކަތު ބައްދަލުވުންތަކާއި މަޝްވަރާ ބައްދަލުވުންތައް ސްކޫލް މާހައުލުގައި ހިންގުން. އަދި ހުނަރުވެރި ދަރިވަރުންނަށް އެ ދަރިވަރުންގެ ހުނަރު ދައްކާލުމުގެ ފުރުޞަތު ހޯދައިދިނުން.

11. ރާއްޖޭގައި ފަންނުވެރީންނަށް ފަންނީ އުފެއްދުންތައް އިޝްތިހާރުކޮށް އާންމުންގެ ޝައުގުވެރިކަން ހޯދޭނެ މަގުފަހިކޮށްދިނުން.

12. ރާއްޖޭގެ ފަންނުވެރީންގެ ދަފުތަރެއް އެކުލަވާލައި، އެ ދަފުތަރު ބެލެހެއްޓުން.

13. ސަރުކާރުގެ ސިނަމާތަކާއި، މުނިފޫހިފިލުވުމާބެހޭ މަރުކަޒުތައް ހިންގައި ބެލެހެއްޓުން.

 (ށ.1) ނޭޝަނަލް އާޓް ގެލެރީގެ މަސައްކަތްތައް

1.      ކުރެހުންތެރިންގެ މެދުގައި ތަފާތު މުބާރާތްތަކާއި މައުރަޒުތައް އިންތިޒާމުކޮށް ބޭއްވުމާއި، ރާއްޖެއިން ބޭރުގެ އެކިއެކި މައުރަޒުތަކާއި، ފެއަރތަކާއި މުބާރާތްތަކުގައި ދިވެހި ފަންނާނުންގެ މަސައްކަތްތައް ބައިވެރިކުރުން.

2.      ދުނިޔޭގެ މަޝްހޫރު ކުރެހުންތެރިންގެ ކުރެހުންތަކާއި، ކުރެހުންތެރިންގެ މަޢުލޫމާތު، ދިވެހި ކުރެހުންތެރިންނަށް ލިބޭނެގޮތް ހަމަޖެއްސުން.

3.      ދިވެހި ކުރެހުންތެރިންގެ މަސައްކަތްތައް، އާންމުކޮށް ދެއްކޭނެ އިންތިޒާމު ހަމަޖެއްސުން.

4.      ދިވެހިރާއްޖޭގެ ކުރެހުންތެރިކަމާއި، ކުރެހުންތެރިކަމާ ގުޅިފައިވާ ތަކެތި ހޯދައި އެއްކޮށް، ރައްކާތެރިކަމާއެކު ބަލަހައްޓައި، އެތަކެތި އާންމުކޮށް މީހުންނަށް ފެންނާނެ އިންތިޒާމު ހަމަޖެއްސުން.

5.      ދިވެހިރާއްޖެއާއި އެހެނިހެން ޤައުމުތަކުގެ، ޚާއްސަކޮށް ދެކުނު އޭޝިއާ ސަރަޙައްދާއި އިސްލާމީ ޤައުމުތަކުގެ ކުރެހުންތެރިކަމުގެ ސަގާފަތުގައި ހިމެނޭ ތަކެތި ހޯދައި، އެއްކޮށް، ރައްކާތެރިކަމާއެކު ބަލަހައްޓައި، އެތަކެއްޗާބެހޭ މަޢުލޫމާތު ދީ، އެތަކެތި އާންމުކޮށް ފެންނާނެ ގޮތަށް ބެހެއްޓުމުގެ އިންތިޒާމު ހަމަޖެއްސުން.

6.      ކުރެހުންތެރިކަމުގެ ރޮނގުގައި ހަރަކާތްތެރިވާ ފަންނާނުން އިތުރަށް ތާޒާކޮށް ފެންވަރުމަތިކުރުމާއި، އާ ފަންނާނުން އުފެއްދުމަށްޓަކައި ކުރެހުންތެރިކަމުގެ "ރެސިޑެންސީ ޕްރޮގްރާމް" ތައް ރާވައި ހިންގުން.

7.      ކުރެހުންތެރިކަމުގެ ރޮނގުގައި ހަރަކާތްތެރިވާ ފަންނާނުން އިތުރަށް ތާޒާކޮށް ފެންވަރުމަތިކުރުމާއި، އާ ފަންނާނުން އުފެއްދުމަށްޓަކައި ކުރެހުންތެރިކަމުގެ މަސައްކަތަށް މަގުފަހިކޮށްދިނުމުގެ ގޮތުން "ކޮމިޝަން" ކޮށްގެން ކުރެހުންތެރިން ލައްވާ މަސައްކަތްތައް އުފެއްދުން.

8.      ކުރެހުންތެރިކަމުގެ ރޮނގުންނާއި ކުރެހުންތެރި މަސައްކަތްތަކުގެ ރޮނގުން އެކަންތައްތައް ކުރިއަށް ގެންދިއުމަށް އިތުރަށް ކުރެވިދާނެ ކަންތައްތަކަކީ ކޮބައިތޯ ބެލުމަށްޓަކައި، ކުރެހުންތެރިންގެ މެދުގައި މަސައްކަތު ބައްދަލުވުންތަކާއި މަޝްވަރާ ބައްދަލުވުންތައް އިންތިޒާމުކޮށް ބޭއްވުން.

9.      ރާއްޖޭގެ ކުރެހުންތެރިންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް، ކުރެހުންތެރިކަމުގެ މަސައްކަތް ތަރައްޤީކޮށް ކުރިއެރުވުމުގެ މަޤްޞަދުގައި، ދިވެހި ކުރެހުންތެރިންގެ މެދުގައި ގުޅުންބަދަހި ކުރެވޭނެ އިންތިޒާމު ހަމަޖެއްސުން.

10. ކުރެހުންތެރިކަމާއި، ކުރެހުންތެރިކަމާ ގުޅިފައިވާ ފަންނާނުންގެ ދާއިރާއަކީ މިދާއިރާގައި ހަރަކާތްތެރިވާ ދިވެހި ފަންނާނުންނަށާއި، ރާއްޖެއާއި ރާއްޖޭގެ ރައްޔިތުންނަށް މާލީ ކުރިއެރުން ގެނެސްދޭ ދާއިރާއަކަށް ހެދުން.

(ނ) ޤައުމީ ކުތުބުޚާނާގެ މަސައްކަތްތައް

1.      ތަފާތު ފަންނުތަކުގެ ޢިލްމީ ފޮތްތަކާއި، އަދި މިނޫންވެސް މަޢުލޫމާތު ލިބޭނެ ތަކެތި އެއްކޮށް، އާންމުންނަށް ބެލޭނެ އިންތިޒާމު ހަމަޖެއްސުމާއި، ދިވެހި މުޖުތަމަޢު ކިޔުންތެރިކަމަށް ޝައުގުވެރިކުރުމާއި، ކިޔުންތެރިކަން ކުރިއަރުވައި ތަރައްޤީކޮށް އުނގަންނައިދިނުމަށް ބޭނުންވާ މަޢުލޫމާތު ހޯދައިދީ، އެ މަޢުލޫމާތު ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދިނުން. 

2.      ޤާނޫނު ނަންބަރު 2006/1 (ޤައުމީ ކުތުބުޚާނާއަށް ތަކެތި ޖަމާކުރުމުގެ ޤާނޫނު)ގެ ދަށުން ހަދާފައިވާ ގަވާއިދުގައި ހިމެނޭ އެންމެހައި ތަކެތި އެއްކޮށް، އެތަކެތީގެ އަސްލުތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި، އެތަކެތި ތާރީޚަށްޓަކައި މުސްތަޤުބަލަށް ދެމެހެއްޓުމާއި، އާންމު ފައިދާއަށް އެތަކެތި ބޭނުންކުރެވޭނެ އިންތިޒާމް ހަމަޖެއްސުން.

3.      ދިވެހިރާއްޖޭގައި ޝާއިޢުކުރާ ހުރިހާ ނޫސް، މަޖައްލާ، ފޮތްފަދަ ތަކެއްޗާއި ރާއްޖޭން ބޭރުގައި ދިވެހިން ޝާއިޢުކޮށްގެން ނެރޭ ރާއްޖެއާބެހޭ ނޫސް، މަޖައްލާ، ފޮތްފަދަ ތަކެތި އެއްކޮށް އެތަކެތީގެ އަސްލުތައް ރައްކާތެރިކޮށް ބޭނުންވާ ފަރާތްތަކަށް އެތަކެތި ބެލޭނެ އިންތިޒާމު ހަމަޖެއްސުން.

4.      ނޭޝަނަލް ބިބިލިއޮގްރަފީ އެކުލަވައިލައި ޝާއިޢުކުރުން.

5.      ސަރުކާރާއި އާންމު ފަރާތްތަކުން ރާއްޖޭގައި ހިންގާ ޕަބްލިކް ލައިބްރަރީތައް ހިންގާނެ ގަވާއިދުތަކާއި އުޞޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމާއި، ޕަބްލިކް ލައިބްރަރީތައް ރަޖިސްޓަރީކުރުން. 

6.      ސަރުކާރާއި އާންމު ފަރާތްތަކުން ރާއްޖޭގައި ހިންގާ ކުތުބުޚާނާތައް ތަރައްޤީކުރުމަށް ބޭނުންވާ ލަފަޔާ މަޝްވަރާދިނުމާއި، އެތަންތަން ހިންގުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދީ، އެތަންތަނުގެ މުވައްޒަފުން ލައިބްރަރީ ފަންނުގައި ކުރިއަށް ދިއުމަށް ބޭނުންވާ ތަމްރީން ދިނުން.

  (ރ) ޤައުމީ އަރުޝީފުގެ މަސައްކަތްތައް

ތިރީގައިމިވަނީ ޤާނޫނު ނަންބަރު 2011/16 (ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ ޤާނޫނު)ގެ 6 ވަނަ މާއްދާއިން ޤައުމީ އަރުޝީފަށް ކަނޑައަޅާފައިވާ މަސްއޫލިއްޔަތުތަކެވެ.

1.      ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ ޤާނޫނުގެ ދަށުން ޤައުމީ އަރުޝީފުގައި ބަހައްޓަންޖެހޭ އެންމެހައި ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން.

2.      ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ ޤާނޫނުގެ ދާއިރާގައި ނުހިމެނޭ، އެހެން ނަމަވެސް ދިވެހިރާއްޖެއާއި ދިވެހިންނާ ގުޅުންހުރި އެންމެހައި ލިޔެކިޔުންތަކާއި، ރިކޯޑުތަކާއި، ފޮޓޯ ފަދަ ތަކެތި ރައްކާކުރަން ހިތްވަރު ދިނުން.

3.      ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ ޤާނޫނުގައި ބަޔާންވެފައިވާ ކަންކަމުގެ އިތުރުންވެސް އެ ޤާނޫނުގެ މަޤްޞަދު ހާސިލުކުރުމަށްޓަކައި ޤައުމީ އަރުޝީފުގައި ބަހައްޓަންޖެހޭ ލިޔުންތަކާއި، ރިކޯޑުތަކާއި، ފޮޓޯ ފަދަ ތަކެއްޗަކީ ކޮބައިކަން ކަނޑައެޅުން.

4.      ޤައުމީ އަރުޝީފުގައި ބަހައްޓާ ތަކެތި ބެހެއްޓިފައިވަނީ، ރިކޯޑާއި މަޢުލޫމާތު ގެންގުޅެ ބެލެހެއްޓުމުގެ ސިޔާސަތެއްގެ ދަށުން (ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ބިނާކޮށް)، ކަނޑައެޅިފައިވާ މިންގަނޑަށް، ރާއްޖޭގެ އިޤުތިޞާދީ ޙާލަތު ތަންދޭ، އެންމެ ޒަމާނީ ގޮތަށާއި ފެންވަރުގައިތޯ ބެލުން.

5.      ޤައުމީ އަރުޝީފުގައި ބަހައްޓާ ތަކެތި ލުއިފަސޭހަކަމާއެކު ބެލޭނެ އިންތިޒާމު ހަމަޖެއްސުން.

6.      ޤައުމީ އަރުޝީފުގައި ބަހައްޓާ ތަކެއްޗާމެދު ރައްޔިތުން ޝައުގުވެރިކުރުވުން.

7.      ޤައުމީ އަރުޝީފުގައި ބަހައްޓާ ތަކެތި އެންމެ އެދެވޭ ގޮތެއްގައި ރައްކާކުރެވޭނެ ގޮތްތައް ހޯދައި ދިރާސާކުރުން.

8.      ޤާނޫނުގައިވާ ގޮތުގެ މަތިން ޤައުމީ އަރުޝީފުގައި ރައްކާކުރެވޭ ތަކެތީގެ ފިކުރީ މުދަލުގެ މިލްކުވެރިކަން ހޯދުން.

9.      ފިކުރީ މުދަލުގެ ޙައްޤުތަކާ ޚިލާފުނުވާނެ ގޮތުގެމަތިން ޤައުމީ އަރުޝީފުގައި ބަހައްޓާ ތަކެތީގެ އިތުރު ކޮޕީއެއް ހެދުން.

10. ފިކުރީ މުދަލުގެ ޙައްޤުތަކާ ޚިލާފުނުވާނެ ގޮތުގެމަތިން ޤައުމީ އަރުޝީފުގައި ބަހައްޓާ ތަކެތި ޝާޢިއުކުރުން.

11. ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ ޤާނޫނުގެ ދަށުން ޤައުމީ އަރުޝީފުގައި ބަހައްޓަންޖެހޭ ދައުލަތުގެ މުއައްސަސާތަކުގެ ރިކޯޑުތައް ޤައުމީ އަރުޝީފާ ހަވާލުކުރެވެންދެން ބަލަހައްޓަންވާ ގޮތް އެ މުއައްސަސާއަކަށް އެންގުން.

12. ޤައުމީ އަރުޝީފުގައި ބަހައްޓާތަކެތީގެ އިންޑެކްސާއި ފަސޭހަކަމާއެކު އެފަދަ ތަކެތި ބޭނުންކުރެވޭނެ ގޮތުގެ އަތްމަތީ ފޮތްތަކާއި، ލީފްލެޓާއި ގައިޑު ފަދަ ތަކެތި ޝާއިޢުކުރުން.

13. ދައުލަތުގެ ލިޔެކިޔުންތަކާއި ރިކޯޑުތަކުގެ ތެރެއިން ނައްތާލަންޖެހޭ ރިކޯޑުތަކާއި އެ ރިކޯޑުތައް ނައްތާލަންޖެހޭ ގޮތް ކަނޑައެޅުން.

14. ދައުލަތުގެ މުއައްސަސާތަކުގައި ލިޔެކިޔުންތަކާއި ރިކޯޑު ފަދަ ތަކެތި ބަލަހައްޓާ ފަރާތްތަކަށް ބޭނުންވާ ތަމްރީނު ފޯރުކޮށްދިނުން.

15. ޤައުމީ އަރުޝީފުގައި ބަހައްޓާ ތަކެތީގެ ބޭނުން އެންމެ އެދެވޭގޮތެއްގައި ހިފުމަށްޓަކައި ބޭނުންވާ ވަޞީލަތްތައް ހޯދައި ބެލެހެއްޓުން.

16. ޤައުމީ އަރުޝީފުގައި ބަހައްޓާ ތަކެތީގެ ބޭނުންކުރާ ފަރާތްތަކަށް އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުން.

މަތީގައި ބަޔާންކުރެވުނު ކަންކަމުގެ އިތުރުންވެސް، ޤާނޫނު ނަންބަރު 2011/16 (ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ ޤާނޫނު) ގެ މަޤްޞަދާއި ޤައުމީ އަރުޝީފާ ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.