بســماللّـهالرّحمـنالرّحيــم

 
ދިވެހިދައުލަތުގެ ވަޒީރުން، ސަރުކާރުގެ އެހެންވެސް އިސްބޭފުޅުން، އަތޮޅުގެ ވެރިން، އަދި ވަކިން ޚާއްޞަކޮށް، މި ނާލާފުށީގެ ޢިއްޒަތްތެރި ރައްޔިތުން.  
 
السّـلام عليـكم
 
އަޅުގަނޑުވެސް ވާހަކަ ފެށުމުގެ ކުރީގައި، ބޮޑުކަތީބުގެ އެ ދިގު ޚިދްމަތަށާއި، އެބޭފުޅާ ތިބޭފުޅުންނަށްޓަކައި، މިރަށުގެ ރައްޔިތުންނަށާއި، މިރަށުގެ ތަރައްޤީއާއި އަދި އެހެންވީމާ، މުޅި ރާއްޖޭގެ ތަރައްޤީއަށް އެކޮށްދެއްވި ދިގު ޚިދްމަތަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން.
 
ހަމައެއާއެކީގައި، އަޅުގަނޑު އާދަމް މަނިކަށް ޝުކުރު ދަންނަވަން ބޭނުން. އަޅުގަނޑުމެންގެ ރާއްޖެއަށް މިހާތަނަށް ދިމާވި އެންމެބޮޑު ބަދަލު އަޅުގަނޑުމެންނަށް ފެނުނުހިނދު، އެދަނޑިވަޅު، އެވަގުތު ރާއްޖޭގެ ވަރަށްގިނަ ރަށްރަށުގައި ކަންކަން ހިނގަމުންދިޔައީ އަޅުގަނޑުމެންގެ ހިތްތަކަށް، އަޅުގަނޑުމެންގެ ވަރަށްގިނަ ބައެއްގެ ހިތްތަކަށް ނުތަނަވަސްކަން ގެނެސްދޭ މަގެއްގައި. އޭރު ރާއްޖޭގެ ކިތަންމެ ރަށުއޮފީހެއް، އަތޮޅު އޮފީހެއް ހުރީ ބަންދުވެފައި. އޭރު ރާއްޖޭގެ އެތައް އެތައް ބައެއް ތިބީ ނުރުހުމުގައި، މުޒާހަރާގެ ތުންފަތްމަތީގައި. އެހެން ނަމަވެސް، އެހިސާބުން ރައްޔިތުން އެއްބައިކޮށް، ރައްޔިތުންނާ ވާހަކަ ދައްކައި، މިމަސައްކަތްތައް މި ސަރުކާރާ އެކީގައި ކޮށްދެއްވާފައި ތިއްބެވި ބޭފުޅުން ވަރަށްގިނަ. އޭގެތެރެއިން ނާލާފުށީ ކައުންސިލަރަކީ އަދި ހަމަ އަޅުގަނޑު މިއަދު އެބޭފުޅެއްގެ ކިބައިން އެހެން މަސައްކަތެއް ކޮށްދެއްވުމަށް އެދި ހުރި ބޭފުޅެއް އެބަ އިންނެވި. ތިބޭފުޅުން ހިތަށްއަރައިދާނެ، އައްޑުއަތޮޅުގެ ސްޓޭޓް މިނިސްޓަރ މުޙަންމަދު ނަޞީރު އެބަ އިންނެވި އަޅުގަނޑުމެންނާއެކީގައި މިއަދު މިދަތުރުގައި ބައިވެރިވެވަޑައިގެން.
 
މުޙަންމަދު ނަޞީރަކީ، އެއަތޮޅު މިދެންނެވި މަގަށް އެނބުރި ދަނިކޮށް، ރާއްޖޭގައި އެންމެ އާބާދީ ބޮޑު އަތޮޅު، ޚާއްޞަކޮށް، ހިތަދޫގައި ހުންނަވައިގެން، އެ އަތޮޅު ހަމަ މަގަށް ގެންނަވައި، އެ އަތޮޅުގައިވެސް، އައްޑުއަތޮޅުގައިވެސް ނުރުހުންވެފައި އަދި ޙަސަދަވެރިވެފައި ތިބި އެތައް ބައެއްގެ ހިތްތައް ރަނގަޅުކޮށްދެއްވައި، ކިތަންމެ ބައެއް އެއްގަލަށް، އެއްމަގަށް އަރުވައިދެއްވި ބޭފުޅެއް. އަޅުގަނޑު މަޑުކޮށްގެން މިހުރީ، އަޅުގަނޑުގެ މިރޭގެ އެންމެފަހު ރަށުގައި މިވާހަކަ ދަންނަވަން. އަދި އަޅުގަނޑަށް ވަރަށްބޮޑު އުފަލެއް ލިބެނީ، އައްޑުއަތޮޅުގެ ސްޓޭޓް މިނިސްޓަރަށް އަލްވަދާޢު ކިޔުމަށް އަޅުގަނޑުމެންނަށް ނާލާފުށި ލިބޭކަމީ. އެއީ، އަޅުގަނޑުމެންގެ ރާއްޖެއަކީ.
 
އަޅުގަނޑުމެންގެ ރާއްޖެއަކީ ކުދިކުދި ޖަޒީރާތަކާއި އަދި ބައެއްފަހަރު ބޮޑެތި ބައްރާއި، ބައެއްފަހަރަށް މަދުމީސްކޮޅެއް ބައެއް ރަށްރަށުގައި ތިބެ، އަނެއްބައިފަހަރަށް އެތައް ބައެއް، ބައެއް ރަށްރަށުގައި އުޅޭ ރާއްޖެއެއް. އަޅުގަނޑުމެންގެ ރާއްޖޭގައި މީހުން ގިނަޔަސް، މީހުން މަދަސް، އަޅުގަނޑުމެންނަށް ހަމަ ލިބޭން މިތިބީ ޢާއިލާތަކެއް. ކޮންމެ ރަށެއްގައިވެސް ދިރިއުޅެނީ ޢާއިލާއެއް. ޢާއިލާތައް ގިނަވީމާ ރަށެއް، އާބާދީއެއް، މުޖްތަމަޢެއް. މަންމައާއި ބައްޕައާއި، އެހެން ނޫނިއްޔާ، ގާތްތިމާގެ މީހުނާ އެކީގައި އަޅުގަނޑުމެން ޢާއިލާއެއްގެ ގޮތުގައި ދިރިއުޅެމުން މިގެންދަނީ. ސަރުކާރުގެ އަމާޒަކީ، ސަރުކާރުގެ މަޤްޞަދަކީ، އަޅުގަނޑުމެންގެ ބޭނުމަކީ، މިދެންނެވި ޢާއިލާތަކަށް ހިތަށް ފަސޭހަކަން ގެނެސްދެވޭނެ ގޮތްތައް ހޯދުން. އަޅުގަނޑުމެންގެ ބޭނުމަކީ، މިދެންނެވި ޢާއިލާތަކުގެ ޙާލަތު، އެއް ޙާލަތުން އަނެއް ޙާލަތަށް ބަދަލުކުރެވެންހުރި ގޮތްތައް، މަގުތައް ހޯދައި، އެމަގުން އަޅުގަނޑުމެނަށް ކަންކަން ގެންދެވޭނޭ އަސާސްތައް ދެނެގަނެ، އެ އަސާސްތައް ތަންފީޛު ކުރަމުން ގެންދިޔުން.
 
މި ސަރުކާރު އުފެދުމުގެ ކުރީގައި، އަޅުގަނޑު މިރަށަށްވެސް އަދި ރާއްޖޭގެ ވަރަށްގިނަ ރަށްރަށަށް ދަތުރުކުރިން. ރާއްޖޭގެ ވަރަށްގިނަ ގޭގެއަށް އަޅުގަނޑު ވަނިން. ވަރަށްގިނަ މީހުންނާ އަޅުގަނޑު ބައްދަލުކުރިން. އަޅުގަނޑު ވަރަށްގިނަ މީހުންނާ މަޝްވަރާކޮށް ހަދައިފިން. އަޅުގަނޑުމެން ސަރުކާރެއް އުފެއްދުމަށް ރާއްޖޭގެ ރައްޔިތުންގެ ކުރިމައްޗަށް ނުކުތީ، މިދެންނެވި ބައްދަލުވުންތަކުން އަޅުގަނޑުމެންނަށް ލިބުނު މަޢްލޫމާތުގެ އަލީގައި، ތަރައްޤީ ރާއްޖެ ކުރުމަށް ބޭނުންވާ ކަންކަން ދެނެގަނެގެން. ނާލާފުށްޓަށް މިދިޔަ އަހަރު ކުރަންހުރި ކަންތައްތައްވެސް، މިއަހަރު ކުރަންހުރި ކަންކަންވެސް، މިއަންނަ އަހަރު ކުރަންހުރި ކަންކަންވެސް އަދި ކުރިއަށް މިއޮތް ތިން އަހަރު ކުރާން އޮތް ކަންތައްވެސް އަޅުގަނޑުމެންނަށް ވަރަށް ސާފު. އޭގެތެރޭގައި، އަޅުގަނޑުމެންނަށް އަބަދުވެސް އެނގޭ، މިރަށުގެ ބިން މަދުވުމާއި އަދި ރަށުގެ ގިރުންވެސް އޭރުގައި ކޮންމެވެސް ވަރަކަށް ހުރުމާއެކީގައި، މިރަށުގެ ބިން ބޮޑުކޮށްދެވެން ސަރުކާރަށް އޮތް އެންމެ ފުރަތަމަ ފުރްޞަތުގައި އެކަން ކޮށްދެވުނުކަމީ، އަޅުގަނޑުމެނަށް ލިބޭ ވަރަށްބޮޑު ހިތްހަމަޖެހުމެއް.
 
ބިންވެރިކޮށް، ބިންވެރިކަމާއި އަދި ބޯހިޔާވަހިކަމަކީ، ޤައުމެއް ތަރައްޤީވެދިޔުމަށް ކޮންމެހެން ބޭނުންތެރިކަމެއް. ޢާއިލާއަކަށް ސަލާމަތްތެރިކަމާއެކީގައި ދިރިނޫޅެވެންޏާ، ދެން އަޅުގަނޑުމެނަށް ތަރައްޤީ ހޯދަން ވަރަށް ދަތިވާނެ. އަޅުގަނޑު ހިތުގެ އަޑީން ގަބޫލުކުރަން، އަޅުގަނޑުމެން ރާއްޖޭގެ ކިތަންމެ ކިތަންމެ ހެލްތް ޕޯސްޓެއް، ހެލްތް ސެންޓަރެއް، ހޮސްޕިޓަލެއް އަދި މާލޭގައި އެވާ ހޮސްޕިޓާތަކުގައިވެސް، އަޅުގަނޑުމެން ބޭނުންވާ ފެންވަރަކަށް، އަޅުގަނޑުމެން އެދޭ ދަރަޖައަކަށް ޚިދްމަތެއް ނުދެވޭ. އެއީ މިދިޔަ ދިގު 30 އަހަރުވެސް އަދި މިދިޔަ ދެއަހަރުވެސް އެކަން ހިނގަމުން އައިސްފައިވާ ގޮތް ކަމަށް އަޅުގަނޑު ގަބޫލުކުރަން. އަޅުގަނޑުމެން މަސައްކަތް ކުރަމުން މިގެންދަނީ، އެކަންކަން ބަދަލުކުރުމަށް. އެމަސައްކަތް އަޅުގަނޑުމެން ކުރަމުން ގެންދާއިރުގައި، އަދި އިތުރު މާ އެހެން މުހިންމު ޙަޤީޤަތެއް އަޅުގަނޑުމެނަށް އެނގޭ. ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ކޮންމެ ތިންމީހުންކުރެ އެކަކީ ފަޤީރެއްކަން. ރާއްޖޭގެ އާބާދީގެ ތިންބައިކުޅަ އެއްބަޔަކީ ފަޤީރުން. އެމީހުންނަކީ ރެޔާދުވާލު ބޮލަކަށް ދިހަ ފަނަރަ ރުފިޔާ ނުޖެހޭ މީހުން. އ.ދ.ގެ މިންގަނޑުންނަމަ، ބަނޑުހައިހޫނުކަމުގެ ރޮނގުން ތިރީގައި ތިބި މީހުން.
 
ޤައުމެއް ތަރައްޤީވެއެއް ނުދާނެ، އެޤައުމެއްގެ ރައްޔިތުންނަށް އިޖްތިމާޢީ ރައްކާތެރިކަން ނުލިބޭހާ ހިނދަކު. އަޅުގަނޑު ދެންމެ މިދެންނެވި ކަމުނުދާ، އަޅުގަނޑުމެން ހިތްހަމަނުޖެހޭ ޞިއްޙީ ޚިދްމަތްތަކަށްވެސް މި ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ތިންބައިކުޅަ އެއްބައި ރައްޔިތުންނަކަށް އަތެއް ނުފޯރާ. އޭރު އަޅުގަނޑުމެން ދެކެމުންދިޔައީ، ރާއްޖޭގެ ވަރަށްގިނަ ބަޔަކު ބޭސްފަރުވާ ހޯދުމަށްޓަކައި ބޭސް ސިޓީ ހިފައިގެން، އެއްގެއިން އަނެއް ގެއަށް، އެ ބޭސް ސިޓީއަށް ބޭސް ހޯދުމަށްޓަކައި މީސްމީހުން ކައިރީގައި ބުނެކިޔައި އާދޭސް ކުރަމުން ހިނގާތަން. އަޅުގަނޑުމެންވީ ވަޢުދަކީ، ބޭސް ސިޓީއަށް ސަލާންޖެހުން އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ނައްތާލަދޭނަމޭ. މަދަނައިގެ ވިއުގަ އުފެދުނީ، މި ވަޢުދު ފުއްދުމަށްޓަކައި. އަޅުގަނޑަށް މިރޭ ހިތްހަމަޖެހުން ލިބޭ އެންމެބޮޑު އެއްކަމަކީ، މިރަށުގެ 88 ރައްޔިތުން، މަދަނައިގައި ބައިވެރިވެފައިވާކަން. އަދި އަޅުގަނޑަށް އެއަށްވުރެ ބޮޑަށް ހިތްހަމަޖެހުން ލިބެނީ، އެއިން ކޮންމެ ރައްޔިތަކަށް އެއްލައްކަ ރުފިޔާގެ ބޭސްފަރުވާގެ ފައިސާ، މިފަހަރުގެ ބަޖެޓްގައިވެސް ފޮރުވިފައިވާނެ. މުޅި ޖުމްލަ އަށްމިލިއަން އަށްލައްކަ ރުފިޔާ، ނާލާފުށީ ރައްޔިތުންގެ ބޭސްފަރުވާއަށްޓަކައި، މަދަނަ މެދުވެރިކޮށްގެން ތިބޭފުޅުންނަށް ލިބޭގޮތްވެފައި އޮތުމަކީ، އަޅުގަނޑުމެންނަށް ލިބޭ ވަރަށްބޮޑު ހިތްހަމަޖެހުމެއް.
 
ރައްޔިތެއްގެ އިޖްތިމާޢީ ރައްކާތެރިކަން ހޯދުމަށްޓަކައި ކޮންމެހެން ބޭނުންވާ އެއްކަމަކީ، އެ ރައްޔިތެއްގެ ތެރޭގައި ދިރިއުޅެމުން އަންނަ ޢުމުރުން ދޮށީ މީހުންނާ އަޅާލެވޭނެ އިންތިޒާމްތަކެއް ހަމަޖެއްސުން. އަޅުގަނޑުމެން ދެކެމުން އައީ، މިރަށްރަށުގައި ހޮޅުއަށިތަކުގައި، ގޮނޑުދޮށުގައި އަދި މާލޭގައި ފޮތިފޮއްޗަށް ބަހާފައި ހުންނަ ގޭގޭގެ އަނދިރި ކޮޓަރިތަކުގައި، ޢުމުރުން ދުވަސްވީ މީހުން ވަރަށް ބިކަ ހާލުގައި، ވަރަށް ނިކަމެތިކޮށް ދުވަސްތައް ހޭދަކުރަމުންދާތީ. އަޅުގަނޑުމެންނަށް ވަރަށްސާފު، މި ރާއްޖެ އަޅުގަނޑުމެނަށް ލިބިފައި މިއޮތީ، އަޅުގަނޑުމެންގެ ކުރީގައި، އަޅުގަނޑުމެންގެ ކާބަފައިން، އަޅުގަނޑުމެންގެ މައިންބަފައިން މިއަދުގެ ދޮށީ ޢުމުރުގެ މީހުން ނުހަނު ގިނަ މަސައްކަތް ކުރީތީ. އެމީހުން ފަރަށް ދިޔައީތީވެ، މަހަށް ދިޔައީތީވެ، އެމީހުން އޮޑިދޯނިފަހަރު ބަނީތީވެ، ގެދޮރު އެޅީތީވެ، ރިޒޯޓްފަހަރު އެޅީތީވެ. އެމީހުން މިރާއްޖޭގެ ތަރައްޤީއަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރީތީވެ. ހަމަކަށަވަރުންވެސް އަޅުގަނޑު ތަމްސީލުކުރާ ޕާޓީގެ ވިސްނުމެއް ނޫން އެއީ، މިއަދު މި ރާއްޖޭގައި ޕެންޝަނެއް ޙައްޤުވަނީ ކާކަށްތޯ ބަލާއިރު، އެޙައްޤުވަނީ ހަމައެކަނި ސަރުކާރުގެ މުވައްޒަފުންނަށް އެކަންޏޭ ބުނެ، ދޮށީ ޢުމުރުގެ މީހުން ހަނދާން ނައްތާލުމަކީ، އަޅުގަނޑުމެން އެއްވެސްއިރެއްގައި ދުށް ހަމައެއް ނޫން. އެހެންވީމާ، އަޅުގަނޑުމެންގެ ވަޢުދެއް އެއީ، 65 އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް، އަންހެނަކަސް، ފިރިހެނަކަސް، ދެހާސް ރުފިޔާގެ ޕެންޝަނެއް ދިނުން. އަޅުގަނޑު މިރޭ އެންމެ ހިތްހަމަޖެހޭ އެއްކަމަކީ، މިރަށުގެ 32 މީހުނަށް ކޮންމެ މަހަކު ދެހާސް ރުފިޔާގެ ޕެންޝަނެއް ދެމުންދޭ. އަޅުގަނޑުމެނަށް ކޮންމެ މަހަކު މިރަށަށް ފަސްދޮޅަސް ހަތަރުހާސް ރުފިޔާ ޚަރަދުކުރެވޭކަމީ، މި ސަރުކާރަށް އުފާވެރިކަމާއި ހިތްހަމަޖެހުން ލިބޭ ކަމެއް.
 
އަޅުގަނޑު މާލޭގެ ބައެއް ބައެއް ވިޔަފާރިން ގާތު އަހަން، މިހާރު މީގެ ތިން އަހަރު ކުރީގައި މިދުވަހު މިސާލަކަށް، ތިބޭފުޅުން ގާތަށް ބޭސް ސިޓީއެއް ހިފައިގެން މީހުން އައި މިންވަރަށް މިއަދުވެސް އާދޭތޯ؟ ވިޔަފާރިވެރިން މާލޭގައި އަޅުގަނޑު ގާތުގައި ބުނަނީ، ރައީސް މިހާރު ތިކަންވާލެއް މަދޭ. އަޅުގަނޑަށް ޔަޤީން، ނާލާފުށީގައިވެސް އެ މަންޒަރު، އެޙަޤީޤަތް އެގޮތަށް ފާހަގަވެފައިވާނެ. އަޅުގަނޑުމެންގެ އަމާޒަކީ، ރައްޔިތުންނަށް އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުން. އަޅުގަނޑުމެންގެ ބޭނުމަކީ، މި ރާއްޖޭގެ ރައްޔިތުންގެ ތަރައްޤީ. އަޅުގަނޑުމެން އެދެނީ، ނާލާފުށި ބަދަލުވާން. އަޅުގަނޑުމެން އެދެނީ، ނާލާފުށީ ރައްޔިތުންނަށް މުޅިން އެހެން ދިރިއުޅުމެއް، މުޅިން އެހެން ޙަޔާތެއް ހޯދައިދެވޭތޯ މަސައްކަތް ކުރުން. އަޅުގަނޑުމެން އިތުބާރާއެކީގައި، ޔަޤީންކަމާއެކީގައި ކުރިއަށް މިދަނީ، އެމަސައްކަތް އަޅުގަނޑުމެންނަށް ކުރެވޭނެކަން އެނގިގެން.
 
އަޅުގަނޑުމެނާއެކު ސަރުކާރުގައި އިސްކޮށް މަސައްކަތްކުރާ އަނެއް ބޭފުޅަކީ، ޝަފީޤު ފިޔަވައި އަސްލަމް ޝާކިރު. ދެންމެ އާދަމް މަނިކު އެ ބުނުއްވި ވާހަކަ، ކަންދިމާކުރި ގޮތުން އަޅުގަނޑަށް އޮތީ އަސްލަމް އަރިހުގައި ދެންނެވިފައި. ކިހާ ދުރުމިނެއްތޯ މިރަށާ މުއްޔާ، އަދި އެދޭތެރޭގައި ރަށެއްވެސް އޮންނާތީއާ އެކީގައި، އަޅުގަނޑުމެނަށް ކޯޒްވޭއަކުން މިތަން ގުޅުވެން އެބައޮތްތޯ ނުވަތަ ނެތްތޯ؟ އަޅުގަނޑުމެން މިދަނީ ކުރަހަމުން، ހިސާބު ޖަހަމުން. މިއީ އަޅުގަނޑުމެން ދައްކާ ބާވަތުގެ ވާހަކައެއް ނޫން. މިކަން އަޅުގަނޑުމެނަށް އިރާދަކުރެއްވިއްޔާ ކުރެވޭނެ. އަޅުގަނޑަކަށެއް ނުފެނޭ، އަޅުގަނޑުމެންގެ މި ތިން އަހަރު ދުވަހުގެ ތެރޭގައި، އެކަން ނުކުރެވޭނެކަމަކަށް. މިއަހަރު އަޅުގަނޑުމެން މިގުޅަނީ ހުވަދުއަތޮޅުގެ އެއްފަޅުގައި ހުރި ބައެއް ރަށްރަށް. އަދި އެހެން ބަލާއިރުގައި، ރާއްޖޭގައި މިއޮތީ 4 އަތޮޅު، އެއްފަޅުގައި ގިނަ ރަށްތަކެއް އޮންނަ. އެނގިވަޑައިގަންނަވާނެ، ތ. އަތޮޅާއި، މ. އަތޮޅާއި، ލ. އަތޮޅު އަދި ހުވަދުއަތޮޅު. މި 4 އަތޮޅަކީ ފަޅުގައި ފަޅު ބޮޑު އަދި ރަށްރަށް އެއްފަޅެއްގައި ވަރަށް ގިނައިން އޮންނަ 4 އަތޮޅު. ރަށްރަށް ހުންނަ 4 އަތޮޅު. އަޅުގަނޑުމެންގެ ބޭނުމަކީ، އަޅުގަނޑުމެންގެ އަމާޒަކީ، އެ ރަށްރަށަށް އެތަރައްޤީ ގެނެވޭނެ ގޮތް ހޯދުން.
 
އަޅުގަނޑުމެން ވަރަށް ސާފުކޮށް ދެކެނީ، ޤައުމެއް ތަރައްޤީވެދާ، ތަރައްޤީ ކުރުމަށް ކޮންމެހެން ކުރާންޖެހޭ އެއްކަމަކީ، ދަތުރުފަތުރު ކުރުމުގެ ނިޒާމަކުން ރަށްތައް ގުޅާލުމޭ. އަޅުގަނޑުމެން ދެކެނީ، ތަރައްޤީއަށް ބޭނުންވާ އެންމެ މުހިންމު އެއްކަމަކީ، ރައްޔިތަކު ދޫކޮށްލުމޭ. ރައްޔިތަކު އޮބަހައްޓާފައި ނުބޭތިއްބުމޭ. އެމީހުނަށް އަނިޔާ ނުކުރުމޭ. ބިރު ނުދެއްކުމޭ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން، ރައްޔިތުންނަށް ލިބިފައި އޮތުމޭ. އެއްވެ އުޅުމުގެ މިނިވަންކަމާއި އަދި ޞުލްޙަވެރި ސިޔާސީ ޙަރަކާތް ހިންގުމުގެ މިނިވަންކަން ރައްޔިތަކަށް ލިބިފައި އޮތުމޭ. ރައްޔިތުންނަށް، އަޅުގަނޑު އަބަދުވެސް ދަންނަވާ ވާހަކައެއް. އަޅުގަނޑުމެންގެ ރަށުގެ ގޮނޑުދޮށުން ބޭރަށް، އަތޮޅުދުނިން ބޭރަށް އަދި ރާއްޖޭގެ އަސްދަނޑިންވެސް ބޭރަށް އަޅުގަނޑުމެންގެ ފިކުރު ގެންދެވިގެން ނޫނީ، އަޅުގަނޑުމެން މި އެދޭ ތަރައްޤީ، އަޅުގަނޑުމެނަކަށެއް ނުލިބޭނެއޭ. ވިޔަފާރި ކުރިއަރައިގެން މެނުވީ، އަޅުގަނޑުމެންގެ ޢާންމު ޙާލަތު، އަޅުގަނޑުމެނަކަށެއް ރަނގަޅެއް ނުކުރެވޭނެ. ވިޔަފާރިއަކީ މުދަލާއި ފަސިންޖަރުން، އެއްތަނުން އަނެއް ތަނަށް ގެންދިޔުން. އެއްއަތުން އަނެއް އަތަށް ތަކެއްޗާއި ފައިސާ ބަދަލުވުން. އެކަމަށްޓަކައި މި ސަރުކާރުން ދަތުރުފަތުރު ކުރުމުގެ ނިޒާމެއް ޤާއިމް ކުރުމަށް ނިންމީ. އަދި ރައްޔިތުންނަށް ޤާއިމް ކޮށްދޭނެ ކަމަށް އަޅުގަނޑުމެން ވަޢުދުވީ. ސަރުކާރުގެ އަމާޒަކީ، 7 އަހަރު ދުވަހުގެ ތެރޭގައި، ފުރިހަމަ ދަތުރުފަތުރު ކުރުމުގެ ނިޒާމެއް ޤާއިމް ކުރުން. އަދި ފުރަތަމަ ދެއަހަރު ދުވަހުގެ ތެރޭގައި، އޭގެ އަސާސީ ޚިދްމަތްތައްދޭން ފެށުން. އިރާދަކުރައްވައިގެން، މިއަތޮޅުގައި އެ އަސާސީ ޚިދްމަތްތައް ދެމުން މިގެންދެވެނީ އަދި މާރަނގަޅަށް. އަޅުގަނޑުމެނަށް މިއަތޮޅުގައި އެމަސައްކަތް ކުރުމާ ޙަވާލުވެ، މި ޕްރޮވިންސްގައި ޙަވާލުވެ ތިއްބެވީ، ވަރަށް ކުޅަދާނަ ކުންފުންޏެއް، ވަރމިލިއަން. އެބޭފުޅުން އެތިބީ އެބޭފުޅުންގެ ކަނޑިއަށްވުރެ ކުރީގައި ކަންކަން ކުރަމުން ގެންދަވަނީ.
 
އަޅުގަނޑަށް ޔަޤީން، އަޅުގަނޑުމެނަށް އެންމެ އުފާ ލިބޭ އެއްކަމަކީ،           މި ނާލާފުށީގެވެސް 273 މީހުން، ދަތުރުފަތުރުކުރުމުގެ ނިޒާމްގައި، މިރަށުން ދަތުރަށް އަރައި، އަދި 195 މީހުން މިރަށަށް ދަތުރުގައި އަތުވެއްޖެ. ދަތުރުފަތުރު ކުރުމުގެ ނިޒާމްގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއްކަންތައް އެއީ ބަނދަރު. އެ ބަނދަރު ނެތިއެއް އެކަމެއް ނުވާނެ. ނުވަތަ އެންމެ މުހިންމު އަނެއް ކަމަކީ މަގު. މަގު އަޅުގަނޑުމެނަށް ފެންނަނީ ދެބާވަތެއް. އެއްބާވަތަކީ މާކަނޑު. އޭރުން މަގު އަޅާކަށް ނުޖެހޭނެ. ދެން އަނެއް ބާވަތަކީ، ހަމަ މަގެއް އަޅައިގެން، އެ މަގުގައި ދުއްވުން. އަޅުގަނޑުމެނަށް އެ މަންޒަރު އަބަދުވެސް ފެންނާނެ. އަޅުގަނޑުމެން އަބަދުވެސް އެމަންޒަރު ޙަޤީޤަތަކަށް ހެދުމަށް މަސައްކަތް ކުރާނަން. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ތިބޭފުޅުންނަށް އެކަން އަޅުގަނޑުމެންގެ ވެރިކަމުގައި ކޮށްދެވޭތޯ އަޅުގަނޑަށްވީ މިންވަރަކުން ބަލާނަން.
 
މިރަށުގެ ރައްޔިތުންވެސް އަދި ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް އެކަށީގެންވާ ރަނގަޅު، އިތުބާރާ އެކުގައި އޮންނަ ވަޒީފާއެއްގެ ޔަޤީންކަން ލިބުމަކީ ވަރަށް ބޭނުންތެރި ކަމެއް. އަޅުގަނޑުމެނަށް އެއްވެސްއިރެއްގައި ދެކެވިގެން ނުވާނެ، މިދަންނަވާ ޔަޤީންކަން ފޯރުކޮށްދޭ ހަމައެކަނި ފަރާތަކީ ސަރުކާރޭ. ސަރުކާރަކުން އެއްވެސް ޤައުމެއްގައި މުޅި ރައްޔިތަކަށް ވަޒީފާއެއް ނުދެވޭނެ. އަމިއްލަ ވިޔަފާރި ތަރައްޤީކޮށް، އެ ވިޔަފާރިން އުފެދޭ އިތުބާރުހުރި ވަޒީފާ، އަޅުގަނޑުމެންގެ ތެރޭގައި، ތަޢާރުފްވެގެންދާނެ. މިސާލަކަށް، ދަތުރުފަތުރު ކުރުމުގެ ނިޒާމްގެ ތެރޭގައި، މިހާރު ރާއްޖޭގައި 300 ވަޒީފާ އުފެދިއްޖެ. އަދި އަޅުގަނޑަށް ލަފާކުރެވޭ ގޮތުގައި، މިޕްރޮވިންސްގައިވެސް 60 ވަޒީފާއަށްވުރެ ގިނަ ވަޒީފާ، އެ ނިޒާމްގެ ތެރެއިން އުފެދިގެން ގޮސްފައިވާނެ. އަޅުގަނޑުމެންގެ އަމާޒަކީ، ވީހާވެސް ގިނަ ވަޒީފާއެއް އުފެއްދުން. ސަރުކާރުގެ އެއް މަޤްޞަދަކީ، ކުރިއަށް މިއޮތް ދެއަހަރު ދުވަހުގެ ތެރޭގައި، އިތުރު ވިހިހާސް ވަޒީފާ އުފެއްދުން. މިއަހަރުގެ ބަޖެޓްގައި، މިރަށުގައިވެސް ވަޒީފާ އިތުރުކުރުމަށްޓަކައި ލުއި ލޯނާއި އަދި ކުދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަށް ގެންދިޔުމަށް ލޯނުގެ ފުރްޞަތުތައް ހުޅުވާލެވިފައިވާނެ. އަޅުގަނޑު އުންމީދު ކުރަނީ، އަޅުގަނޑު ދެކެނީ، އެފުރްޞަތުގެ ބޭނުން އެންމެ ބޭފުޅުން ހިއްޕަވާނެ ކަމަށް. އަދި އެފުރްޞަތުތަކާ އެކީގައި، މިރަށުގެ ތަރައްޤީއަށް ނުހަނު ފަހިކަން ލިބިގެންދާނެކަން.
 
 ޙަޤީޤީ ތަރައްޤީ ހޯދުމަށްޓަކައި އަޅަންޖެހެނީކީ ޢިމާރާތެއް ނޫން. ބިނާކުރަންޖެހެނީ މީހަކު. އުފެދެންޖެހެނީ ރައްޔިތަކު. އެ ރައްޔިތު މީހާއަކީ، ތިމަންނާއަކީ ތިމަންނާގެ އަމިއްލަ ޙަލާލު މަސައްކަތުން ތިމަންނާއާއި ތިމަންނާގެ އަނބިދަރިން ބަލަހައްޓައި ގެންގުޅޭ މީހެކޭ. ތިމަންނާއަކީ ޙައްޤުތަކެއް ލިބިހުރި ނާލާފުށީ މީހެކޭ ބުނެ، ޤަދަރާއި ޢިއްޒަތާއެކީގައި، ހަމަ އިސްކޮޅަށް ދެމިލާ ރައްޔިތަކު ލިބުނީމާ، އަޅުގަނޑުމެން މި އެދޭ ތަރައްޤީ އަޅުގަނޑުމެންނަށް ލިބިގެންދާނީ. އަޅުގަނޑުމެން މަސައްކަތް ކުރަމުން މިއަންނަނީ، އެ ތަރައްޤީއަށްޓަކައި. އަޅުގަނޑުމެންގެ ބޭނުމަކީ، އެ ތަރައްޤީ ތިޔަބޭފުޅުންނަށް ފޯރުކޮށްދެވޭނޭ ގޮތްތަކެއް އަޅުގަނޑުމެން ހޯދުން. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މި މަގަށް މަސައްކަތް ކުރާނަން. އަޅުގަނޑުމެންގެ ވިސްނުން އެބަހުރި. އަޅުގަނޑުމެންގެ، އަޅުގަނޑު ދަންނަވާނީ، އެ ހިތްވަރު އެބަހުރި. އަޅުގަނޑުމެންގެ ރައްޔިތުންގެ ކިބައިގައި ހަމަގައިމުވެސް       އެ ހިތްވަރު ހުރިކަން އަޅުގަނޑަށް ޔަޤީން. ރަނގަޅު ވިސްނުމާއި، ޙިކްމަތާއި، ހިތްވަރާއެކީގައި އަޅުގަނޑުމެން ކުރިމަތިލާ ގިނަ ކަންކަން އަޅުގަނޑުމެންނަށް ކާމިޔާބު ކުރެވޭނެ.
 
އަޅުގަނޑުމެނަށް އެންމެބޮޑު އެއް އުފަލެއް ލިބެނީ، މި 2010 ވަނަ އަހަރުގެ ތެރޭގައި، މިރަށުގެ ދަރިވަރުންނަށް ފޮތް، ފަންސުރު، ގަލަން އަދި މަދްރަސާއަށް ބޭނުންވާ ތަކެތި ހޯދުމަށްޓަކައި އެކާވީސްހާސް އަށްސަތޭކަ ތިރީސް ހަރުފިޔާ ޚަރަދުވެފައިވާކަމީ، ޚަރަދު ކުރެވުނުކަމީ،    މި ސަރުކާރަށް އުފާވެރިކަން ލިބޭ ކަމެއް. އަޅުގަނޑުމެނަށް ހިތްހަމަޖެހުން ލިބޭ ކަމެއް. އަޅުގަނޑުމެންގެ ބޭނުމަކީ، ތިބޭފުޅުންގެ ދިރިއުޅުން، އެއްދުވަހުން އަނެއް ދުވަހަށް ފާގަތިވަމުން ދިޔުން. އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރާނީ، އަޅުގަނޑުމެންގެ ވަޢުދުތައް ފުއްދުމަށްޓަކައި. ތިބޭފުޅުންނަށް ޚިދްމަތް ކުރުމަށްޓަކައި. އަޅުގަނޑު ތިބޭފުޅުންނަށް ޔަޤީންކޮށް އަރުވަން، އަޅުގަނޑު އެގާރަ، ބާރަ ގަޑިއިރު މަސައްކަތް ނުކުރާ އެންމެ ދުވަހެއްވެސް އިރާދަކުރެއްވިއްޔާ ނުބާއްވާނަން. އަދި އަޅުގަނޑު ޔަޤީންކޮށް އަރުވަން ތިބޭފުޅުންނަށް، ތިބޭފުޅުންގެ އެންމެ ފައިސާ ފޮއްޗެއްގައިވެސް އިރާދަކުރެއްވިއްޔާ، އަޅުގަނޑެއް ނުޖެހޭނަން. ތިބޭފުޅުންނެއް އަޅުގަނޑެއް ބިރެއް ނުގަންނަވާނަން. އަނިޔާއެއް ނުކުރާނަން. ތިބޭފުޅުންނަށް ދަތިވާ ހަމަ އެއްވެސް ގޮތެއް އަޅުގަނޑަށް އެނގިގެންވިޔަކަ އިރާދަކުރެއްވިއްޔާ އަޅުގަނޑު ނުދޭނަން.
 
އަޅުގަނޑުމެން އެންމެން ގަބޫލުކުރަން ޖެހޭނެ، އަޅުގަނޑުމެން އެދޭ މިންވަރާއި، އަޅުގަނޑުމެންނަށް ލިބޭ މިންވަރު އެއީ ވަރަށް ތަފާތު ދެކަމެއް. އަޅުގަނޑުވެސް އެދެން، އަދި       ތިޔަ އެންމެ ބޭފުޅުންގެވެސް އުންމީދުތައް ގިނަގުނަވާނެ. އެއްވެސް ހާލެއްގައި އެއިން އެއްވެސް އުންމީދެއް ދޫކޮށްލައްވާނެ ކަމެއްނެތް، ނުލިބޭނެ ކަމަށް. އަދި ޙަޤީޤަތަކަށްނުވާނެ ކަމަކަށް ކުޑަކޮށްވެސް ދެކެވަޑައިގަންނަވާނެ ކަމެއް ނެތް. އަޅުގަނޑުމެނަށް އުންމީދާ ނުލައި ކުރެވޭނެ ހަމަ އެއްކަމެއްވެސް ނޯންނާނެ. މަންޒަރެއް އަޅުގަނޑުމެނަށް ފެންނަންޖެހޭނެ. ބޮޑު މަންޒަރެއް ފެންނަންޖެހޭނެ. އެމަންޒަރު ޙަޤީޤަތަކަށް ހެދުމަށް އަޅުގަނޑުމެން މަސައްކަތް ކުރަންޖެހޭނެ. ތަރައްޤީއަށްޓަކައި އެންމެބޮޑަށް ބޭނުންވާ އެކައްޗަކީ، ރައްޔިތުންނާ ގާތުން ރައްޔިތުންނަށްޓަކައި ރައްޔިތުންގެ ވެރިކަމެއް ހިންގުން. އެ ވެރިކަން ހިންގުމަށްޓަކައި މި ޤާނޫނުއަސާސީ ތަންފީޛުވަމުން މިދަނީ. އިރާދަކުރެއްވިއްޔާ، ފެބްރުއަރީ 5 ވަނަ ދުވަހު އަޅުގަނޑުމެނަށް ރަށްވެރިކަމުގެ ތަރައްޤީގެ މުޅިން އާ ޞަފްޙާއެއް ފަށައިގަނެވޭނެ. ރަށު ކައުންސިލްތަކުގެ އިންތިޚާބު ބޭއްވި، މިދަންނަވާ މުއައްސަސާ ޤާއިމް ކުރެވޭނެ. ރަށު ކައުންސިލްގެ ގޮތުގައި މިހާރު އުފެދެން މިއަންނަނީކީއެއް، މީގެކުރީގައި އޮތް ރަށްކުރިއަރުވާ ކޮމިޓީއެއް ނޫން. އަދި އެއްވެސް ބާވަތެއްގެ ޖަމްޢިއްޔާއެއް ނުވަތަ ޖިންސުއްލަޠީފުންގެ ރޫޙެއް ނުވަތަ އަންހެނުން ކުރިއަރުވާ ކޮމިޓީއެއް، މިބާވަތުގެ ކަމެއްވެސް ނޫން. މިއީ ސީދާ ރަށުގެ ތަރައްޤީ. އެތަރައްޤީ ހޯދުމަށްޓަކައި، އެމަސައްކަތްތައް ހިންގުމަށްޓަކައި މިފަހަރުގެ ބަޖެޓް، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން މިހާރު އެވަނީ ފާސްކޮށްދެއްވާފައި. އަޅުގަނޑު ހިތާމައާއެކު ފާހަގަކުރާ އެއްކަމަކީ، މިއަތޮޅުގެ ދެމެންބަރުންކުރެ އެންމެ މެންބަރެއްގެވެސް ވޯޓް، ތިބޭފުޅުންގެ ތަރައްޤީއަށް އަޅުގަނޑުމެނަށް ނުލިބުނުކަން. އެހެން ނަމަވެސް، އަޅުގަނޑު އެމް.ޑީ.ޕީ.ގެ ޢިއްޒަތްތެރި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށާއި، އަދި ޑީ.އާރު.ޕީ.ގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނަށް ނުހަނު ޝުކުރު ދަންނަވަން. ތިބޭފުޅުންގެ ތަރައްޤީއަށްޓަކައި، ތިބޭފުޅުންގެ ޕްރޮގްރާމްތައް، އެބޭފުޅުން މިއަދު ފާސްކޮށްދެއްވީތީ.
 
އަޅުގަނޑު ދަންނަވާނީ، އެބޭފުޅުންގެ މިންނެތް މަސައްކަތާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މިންނެތް މަސައްކަތާއި އަދި މި ރަށްރަށުގެ އުފެދޭ މި ކައުންސިލްތަކުގެ މަސައްކަތާ އެކީގައި، ސަރުކާރަށް މި ރާއްޖެ ބިނާކުރެވޭނެއޭ. އަޅުގަނޑުމެނަށް އެހެން ރާއްޖެއެއް، އެހެން ގޮތެއް، އަނެއް ދިވެހިރާއްޖެ ހޯދޭނެއޭ. އަޅުގަނޑުމެނަށް މިއަދަށްވުރެ އަދި މާ ފާގަތި މުސްތަޤްބަލެއް އިރާދަކުރެއްވިއްޔާ ލިބޭނެއޭ.
 
އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި ދުވަހެއް މާދަމާ ފެނުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.
 
واَلحَمْـدُ لِلّـهِ. والســّلام عليــكم.
                 _______________________