بســماللّـهالرّحمـنالرّحيــم

 
ދައުލަތުގެ ވަޒީރުން، ސަރުކާރުގެ ވެރިން، އަދި ވަކިން ޚާއްޞަކޮށް، މ. އަތޮޅާއި ކޮޅުފުށީގެ ވެރިންނާއި، އަދި ކޮޅުފުށީގެ ލޮބުވެތި ރައްޔިތުން.
 
السّـلام عليـكم
 
އަޅުގަނޑު އެންމެފަހުން މިރަށަށް އައީ 2008 ވަނަ އަހަރުގެ ރޯދަމަހު. އެދުވަހު އަޅުގަނޑާ ޑޮކްޓަރ އާމިނަތު ޖަމީލާ، އަޅުގަނޑުމެން ދެމީހުން މިރަށުގައި ސުނާމީގައި ގެދޮރު ގެއްލިފައި ތިބި ހުރިހާ ބޭފުޅުންނަކަށް އަޅުގަނޑުމެންނަށް ޒިޔާރަތް ކުރުމުގެ ފުރްޞަތު ލިބުނު. އަދި އެދުވަހު ނޫނަސްވެސް، އޭގެ ކުރިންވެސް އަޅުގަނޑުމެނަކަށް އޮޅިފައެއް ދުވަހަކުވެސް ނެތް، ތިޔަބޭފުޅުން ތިޔަ އުފުއްލަވަމުން ގެންދަވާ ތަކުލީފު. ތިޔަބޭފުޅުންގެ އިޙްސާސްތަކާއި، ތިޔަބޭފުޅުންގެ ހިތާމައާއި، ތިޔަބޭފުޅުންގެ އެކަނިވެރިކަމާއި، ތިޔަބޭފުޅުންގެ ޙަޔާތަށް އަލިކަމެއް، އުފާވެރިކަމެއް ގެނެސްދޭން ދިވެހި ދައުލަތަށް މަޖްބޫރުވެފައި އޮތް މިންވަރު އަޅުގަނޑު އަބަދުވެސް އަޅުގަނޑުގެ ހިތުގެ އަޑިން ގަބޫލުކުރަން.
 
އަޅުގަނޑުމެން އުންމީދުކުރީ، އަޅުގަނޑުމެންނަށް ހަމަ ސަރުކާރު ހިންގުމާ ޙަވާލުވުމާއެކުގައިހެން ތިޔަބޭފުޅުންގެ ގެދޮރު ޢިމާރާތް ކުރުމުގެ މަސައްކަތް ފެށުން. އެހެން ނަމަވެސް، އަޅުގަނޑަށް ސަރުކާރަށް ޖެހުނީ އަލުން އަނބުރާ ފައިސާ ހޯދުމާއި އަދި ތިޔަބޭފުޅުންގެ ތެރޭގައިވެސް އެކަމުގައި ވަކި އުޞޫލެއް ހަމަނުޖެހުމުން، އެ ހަމަޖެހުމެއް ހޯދުމާ، މި އެންމެ ކަންކަމާއެކު އަޅުގަނޑުމެނަށް މިހާރު މިދަނީ އަޅުގަނޑުމެނަށް ވަނީ ގެ ޢިމާރާތް ކުރުމުގެ ކަންތައް ލަސްވެފައި. އަޅުގަނޑު މިއަދު ވަރަށް އުފާވޭ، ތިޔަބޭފުޅުންނަށް، ކޮޅުފުށީ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި 168 ގެ، އެއީ 92 މިލިއަން ރުފިޔާ، އެ ޕްރޮގްރާމް، އެޕްރޮޖެކްޓް މިރަށުގައި ހިންގޭކަމީ، މި ސަރުކާރު އަދި ޚާއްޞަކޮށް އަދި އަޅުގަނޑުމެން އެންމެނަށް، އަޅުގަނޑު ނިސްބަތްވާ ޕާޓީއަށްވެސް އަދި އަޅުގަނޑަށްވެސް ވަރަށްބޮޑު އުފާވެރިކަމެއް ލިބޭ ކަމެއް. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން، ތިޔަބޭފުޅުންގެ ގެތައް އެކަންޏެއް ނޫން، ސަރުކާރުން ހެދުމަށް އަމާޒުކޮށްފައިވާނީ. އެއާ ގުޅޭ ނަރުދަމައާއި، ކަރަންޓާ، އަދި އެހެނިހެންވެސް ޞިނާޢީ ވަސީލަތްތައް އިރާދަކުރެއްވިއްޔާ ފޯރުކޮށްދޭނަން.
 
ސަރުކާރުން ފެށުނީއްސުރެ ފަށައިގެން ފާހަގަކުރަމުން އަންނަ ވަކި ޚާއްޞަ ނުކުތާތަކެއް އެބަހުރޭ. އަޅުގަނޑުމެނަށް ފެންނަ ފެނުމުގައި، އަޅުގަނޑުމެން ދެކޭގޮތުގައި، ޤައުމެއް ތަރައްޤީވެދިޔުމަށް ވަކި ޚާއްޞަ ކަންތައްތަކެއް، ވަކިއިރެއްގައި، ވަކިގޮތަކަށް އެބަ ކުރާންޖެހޭ. އަތުޖެހުނުހާ ކަމެއް ބޭނުންހާ ގޮތަކަށް، ރޭވުންތެރި ކަމެއްނެތި އަދި އެވަގުތެއްގައި އެންމެ ބާރަށް ބުނި ކަންތައް، ބުނި މީހާގެ ކަންތައް ކޮށްގެން އަޅުގަނޑުމެން އެންމެން މިދެކޭ ތަރައްޤީއެއް އަޅުގަނޑުމެނަކަށެއް ނުލިބޭނެ. އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް އެނގޭ، އަދި އަޅުގަނޑުވެސް ހަމަ ގަބޫލުކުރަން، ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ވަރަށްގިނަ ބަޔަކަށް ފުރިހަމަ ޞިއްޙީ ޚިދްމަތް ފޯރުކޮށްދިނުމަށްޓަކައި ޤާއިމް ކުރެވިފައި މިހިރަ ހެލްތް ޕޯސްޓާއި، ހެލްތް ސެންޓަރާއި އަދި ހޮސްޕިޓާތައްވެސް، އޭގެ އެކަށީގެންވާ ޚިދްމަތް، އެތަންތަނަކުންނެއް ނުދެވޭ. މިޚިދްމަތް ރަނގަޅު ކުރުމުގެ މަސައްކަތް އަޅުގަނޑުމެން ކުރަމުން އަންނައިރު އަދި އިތުރަށް އަޅުގަނޑުމެނަށް އެނގޭ ޙަޤީޤަތަކީ، ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ކޮންމެ ތިންމީހުންކުރެ އެކަކީ، އެމީހާއަށް ދުވާލެއްގެ މައްޗަށް ދިހަ ބާރަ ރުފިޔާ ނުލިބޭ ވަރަށް ނިކަމެތި ފަޤީރެކޭ. އ.ދ. އެބުނާ ބަނޑުހައިހޫނުކަމުގެ ރޮނގުން ދަށުގައި ތިބި ބައެކޭ. ރާއްޖޭގައި އެއްލައްކަ މީހުން ދިރިއުޅެމުން އަންނަނީ، އެއްވެސް އިޖްތިމާޢީ ރައްކާތެރިކަމެއް، އެމީހުންނަށް ނުލިބި.
 
ޤައުމެއް ދުވަހަކުވެސް ތަރައްޤީވެފައެއް ނުވާނެ، އެޤައުމެއްގެ ރައްޔިތުންނަށް ސަލާމަތްތެރިކަން ނުލިބިއެއް. ތަރައްޤީއަށް އެންމެ ފުރަތަމަ ބޭނުންވާ އެއްފިޔަވަޅަކީ، އެޤައުމެއްގެ ރައްޔިތުން ދޫކޮށްލުމޭ، މިނިވަންވުމޭ. ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެ އުޅުމުގެ މިނިވަންކަމާއި، އަދި ޞުލްހަވެރި ސިޔާސީ ޙަރަކާތް ހިންގުމުގެ ފުރްޞަތުތައް ރައްޔިތަކަށް ލިބިގެން ނޫނީ، އެ ރައްޔިތަކަށް ތަރައްޤީވެއެއް ނުދެވޭނެ. އަޅުގަނޑުމެންގެ އަމާޒަކީ، ތިޔަބޭފުޅުންގެ ޙާލަތު، މިއަދުގެ ޙާލަތަށްވުރެ ރަނގަޅުވޭތޯ މަސައްކަތް ކުރުން. ސަރުކާރުގެ އަބަދުވެސް މަސައްކަތަކީ މިދެންނެވި މައްސަލަ، މިދެންނެވި ލަނޑުދަނޑި ހިފުމަށް އަޅުގަނޑުމެނަށް ކުރެވެންހުރި ކަމެއް ކުރަމުން ގެންދިޔުން.
 
ރާއްޖޭގެ ނިކަމެތި ފަޤީރުންނަށް އެހީތެރިކަމެއް ފޯރުވައިދިނުމަށްޓަކައި އަޅުގަނޑުމެންވީ އެއް ވަޢުދަކީ، ރާއްޖޭގެ ރައްޔިތުން ބޭސް ސިޓީއަށް ސަލާންޖަހަންޖެހޭ ޖެހުން އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ ސަރުކާރެއްގައި ފޮހެލަދޭނަމޭ. އެކަން އަޅުގަނޑުމެން ބަދަލުކޮށްދޭނަމޭ. އަޅުގަނޑު މިއަދު އުފާވާ ސަބަބަކީ، މިރަށުގެ 231 މީހުން މަދަނައިގައި ބައިވެރިވެފައި ތިއްބެވިކަން. އެ 231 މީހުންގެ ތެރެއިން ކޮންމެ ރައްޔިތަކަށްވެސް، އެއްލައްކަ ރުފިޔާގެ ބޭސްފަރުވާ ޚާއްޞަ ކުރެވިފައި، ބަޖެޓްގައިވާނެ. އެހެންވީމާ، ކޮޅުފުށީ ރައްޔިތުންގެ ބޭސްފަރުވާ، މަދަނަ މެދުވެރިކޮށް ފޯރުކޮށްދިނުމަށްޓަކައި 23 މިލިއަން ރުފިޔާ، އިރާދަކުރެއްވިއްޔާ މިފަހަރުގެ ބަޖެޓްގައި ހިމެނި ފޮރުވިފައިވާނެ.
 
އަޅުގަނޑުމެން އަބަދުވެސް ދެކެމުން އައިން، ރާއްޖޭގައި ޢުމުރުން ދުވަސްވީ މީހުން އުޅެމުން އައި ބިކަޙާލު. 2000 ވަނަ އަހަރުގެ ތެރޭގައި އަދި އޭގެކުރީގައިވެސް އަޅުގަނޑު ވަރަށްގިނަ ފަހަރަށް، ރާއްޖޭގެ ވަރަށްގިނަ ރަށްރަށަށް ޒިޔާރަތް ކުރިން. ގޮސްހެދީމު. 2005 ވަނަ އަހަރުވެސް، 2006 ވަނަ އަހަރުވެސް، 2007 ވަނަ އަހަރުވެސް އަދި 2008 ވަނަ އަހަރުވެސް އަޅުގަނޑުމެން ކިތަންމެ ގެއަކަށް، ރާއްޖޭގެ ހުރިހާ ގެއަކަށްވަނިން. ވަރަށްގިނަ ރައްޔިތުންނާ ބައްދަލުކުރިން. ވަރަށްގިނަ މަޝްވަރާ އަޅުގަނޑުމެން ކުރިން. ވަރަށްގިނަ މީހުންނާ އަޅުގަނޑުމެން ބަޙުޘް ކުރިން. އަޅުގަނޑުމެން އަޑުއުފުލިން. އަޅުގަނޑުމެން މުޒާހަރާ ކުރިން. އަޅުގަނޑުމެން ވަރކްޝޮޕް ބޭއްވިން. އަޅުގަނޑުމެން ބެލިން ރާއްޖެ އަނބުރާލަން. ރާއްޖެ ބަދަލުކުރަން. އެހެން ދިވެހިރާއްޖެއަކަށް މިރާއްޖެ ހެދުމަށް އަޅުގަނޑުމެން ކުރާންޖެހެނީ ކޮންކޮން ކަންތައްތަކެއްތޯ؟ އޭގެތެރޭގައި، މިދެންނެވިހެން އަޅުގަނޑުމެނަށް އެންމެ ފާހަގަވި އެއްކަމަކީ އިޖްތިމާޢީ ރައްކާތެރިކަން ރައްޔިތުންނަށް ފޯރުކޮށްދިނުން. އަޅުގަނޑުމެނަށް ފެންނަމުން އައި މަންޒަރަކީ، ރާއްޖޭގެ ރަށްރަށުގެ ހޮޅުއަށިތަކުގައި އަދި މާލޭގައި ފޮތިފޮއްޗަށް ބަހާފައި ހުރި ގޭގޭގެ ކުދިކުދި ކޮޓަރިތަކުގައި އަނދިރީގައި ޢުމުރުން ދުވަސްވެފައި ތިބޭ މީހުން، ބިކަ ޙާލުގައި ބޭސްފަރުވާއެއް ނުލިބި، އަޅާލާނެ މީހަކުނެތި ދިރިއުޅެމުން އަންނަ ތަން. އަޅުގަނޑުމެން ވަޢުދުވީ، ރާއްޖޭގެ ޢުމުރުން 65 އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް، އަންހެނަކަސް، ފިރިހެނަކަސް ދެހާސްރުފިޔާގެ ޕެންޝަނެއް އަޅުގަނޑުމެން ދޭނަމޭ. އަޅުގަނޑު މިއަދު ވަރަށް ހިތްހަމަޖެހޭ ކަމެއް އެއީ، މިރަށުގެ 47 މީހަކަށް ކޮންމެ މަހަކު ދެހާސް ރުފިޔާ އަޅުގަނޑުމެނަށް، ސަރުކާރުން ދެމުން ގެންދާތާ މިހާރު ދެއަހަރުވަނީ. މިރަށަށް ކޮންމެ މަހަކުވެސް ނުވަލައްކަ ހަތަރުހާސް ރުފިޔާ ބެހޭކަން އެއީ، މި ސަރުކާރަށް ވަރަށްބޮޑު ހިތްހަމަޖެހުމެއް ލިބޭ ކަމެއް.
 
އިޖްތިމާޢީ ރައްކާތެރިކަމުގެ ތެރޭގައި، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނާއި އަދި އެކަނިވެރި މައިންނާއި، ޔަތީމު ކުދިންނާ، މިފަދަ ނިކަމެތިންނަށް އެހީތެރިވުމުގެ ޕްރޮގްރާމްވެސް އަޅުގަނޑުމެން މިރަށުގައިވެސް ހިންގަން. އެއީ މިރަށު ރައްޔިތުންނަށްވެސް، އެޚިދްމަތް ފޯރުކޮށްދެވޭކަމީ، އަޅުގަނޑުމެނަށް ލިބޭ ވަރަށްބޮޑު އުފަލެއް. އަޅުގަނޑު ދަންނަވާލަން، އަޅުގަނޑުމެންގެ ބޭނުމަކީ، ރައްޔިތުންގެ އިޖްތިމާޢީ ރައްކާތެރިކަން ފުރިހަމައަށް ހޯދައިދިނުން. އަޅުގަނޑުމެންގެ މި 5 އަހަރުގެ ތެރޭގައި ރާއްޖޭގެ އިރާދަކުރެއްވިއްޔާ، ހުރިހާ ނިކަމެތި ރައްޔިތުންނަށްވެސް މިދެންނެވި އިޖްތިމާޢީ ރައްކާތެރިކަން އަޅުގަނޑުމެން ހޯދައިދޭނަން.
 
އަޅުގަނޑު ގާތު ބައެއް މީހުން އަހާ، މިސާލަކަށް، ކޮޅުފުށީ ރައްޔިތުން އަހާލާ، ރައީސޭ މިރަށަށް 23 މިލިއަން ރުފިޔާ ބޭސްފަރުވާއަށް ޚަރަދުކުރަނީ ކީއްވެހެއްޔޭ؟ އޭގެ ބަދަލުގައި އެވެނި މިވެނި ކަމެއް އަޅުގަނޑުމެނަށް ކުރެވިދާނެއޭ. އަޅުގަނޑު މިދަންނަވާހެން ތަރައްޤީގެ ކަންތައް އޮތީ. ބޭނުން ކަންތައް އެބަހުރޭ. އަޅުގަނޑުމެން އެންމެންވެސް ބޭނުން ބައިވަރު ކަންތައް. އެހެން ނަމަވެސް، އަޅުގަނޑުމެން ވިސްނާން މިޖެހެނީ، ބަލާން މިޖެހެނީ، އެވަގުތެއްގައި ކޮންކަމެއް އެންމެ ރަނގަޅަށް ކުރީމާތޯ، އަޅުގަނޑުމެނަށް ޙަޤީޤީ ފައިދާއެއް، އަޅުގަނޑުމެން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އަދި މިރަށު ރައްޔިތުންނަށްވެސް އަޅުގަނޑުމެން މިއެދޭ ކަހަލަ ބަދަލެއް ލިބޭނީ، ކޮންކަމެއް، ކޮންވަގުތެއްގައި، ކޮންގޮތަކަށް ކުރީމާތޯ؟ އިޖްތިމާޢީ ރައްކާތެރިކަމަށްޓަކައި ރާއްޖޭގެ ރައްޔިތުންނަށް، ކޮޅުފުށީ ރައްޔިތުންނަށް ދެހާސް ރުފިޔާއިން ދެހާސް ރުފިޔާއިންދީ، އެ މަޝްރޫޢު ހިންގުނީމާ، އަޅުގަނޑަށް ފެންނަ ފެނުމުގައި، މިރަށްރަށުގެ އިޤްތިޞާދު ހިނގާނެ. އަޅުގަނޑުމެން ބުނަން، ކަންމަތީ ސްޓޯރަށް ދަރާފައިވާ ދަރަނި އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ފިލުވައިދޭނަމޭ. އަޅުގަނޑަށް އެނގޭ، އަދިވެސް ބޭފުޅުންގެ ދަރަނި މުޅިން ފިލާނުދާނެކަން. އެހެން ނަމަވެސް، އަޅުގަނޑުމެން ދެކެނީ، މިހާރު ތިޔަބޭފުޅުންގެ އަތްމަތި، ކުރިއަށްވުރެ އިރާދަކުރެއްވިއްޔާ ރަނގަޅުވާނެ ކަމަށް.
 
އަޅުގަނޑުމެން އަބަދުވެސް ބުނަމުން އައީ، ރާއްޖޭގެ މަސްވެރިންނަށް، އެމީހުންގެ މަހަށް އެކަށީގެންވާ ރަނގަޅު އަގު، އަޅުގަނޑުމެންގެ ސަރުކާރެއްގައި ހޯދައިދޭނަމޭ. އެނގިވަޑައިގަންނަވާނެ، މީގެކުރީގައި ކިލޯއެއް ހަމަނުވާ މަހަށް މިލިބެނީ އެއްރުފިޔާ ފަންސާސްލާރި. ނުވަތަ ދެރުފިޔާބައި. އެންމެ ބޮޑުވެގެން ފަސްރުފިޔާ. މިއަދު ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، މަސްވެރިކަމުގެ ޞިނާޢަތު ހުޅުވާލައި، އެ ސިޔާސަތު އަޅުގަނޑުމެންގެ މެނިފެސްޓޯ ސިޔާސަތަށް ބަދަލުވެގެންދިޔުމާ ގުޅިގެން، އެ މަސްވެރިކަމުގެ ތެރޭގައި ވާދަވެރިކަން އުފެދި، މިހާރު ތިޔަބޭފުޅުންނަށް މަސްކިލޯއަކަށް އިރާދަކުރައްވައިގެން، އެންމެ މަދުވެގެން ދިހަ ރުފިޔާ ލިބިލައްވާނެ. އެއީ، އަޅުގަނޑުމެން ދެކޭގޮތުގައި ރައްޔިތުންގެ ތަނަވަސްކަމާއި ރައްޔިތުންގެ ކުރިއެރުމަށް ކޮންމެހެން ބޭނުންތެރި ކަމެއް. އެކަން އެގޮތަށް ހިނގާކަމީ، އަޅުގަނޑުމެންނަށް ވަރަށްބޮޑު ހިތްހަމަޖެހުމެއް ލިބޭ ކަމެއް. އަދި އަޅުގަނޑުމެން އެއިން ފިލާވަޅު ދަސްކޮށްގެން، އިތުރަށް މަސްވެރިންގެ ކަންކަން ފުރިހަމަކުރަމުން ގެންދާނެކަމީ، އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން ބޭނުންވާ ކަމެއް.
 
ޤައުމެއް ތަރައްޤީވެދާނީ، ތަރައްޤީގެ މަގަށް ޤައުމެއް ފުރޮޅާލަން އެ ސްޕީޑް ޤައުމަކަށް ގެނެސްދޭން ހަދަންޖެހޭ ގޮތްތައް ދެނެގަތުމަށްޓަކައި އަޅުގަނޑުމެން އަލުން އަނބުރާ ސީދާ  ފަށާކަށް ނުޖެހޭނެ. އިންސާނާ އެބަހުރި، އިންސާނީ ޙަޔާތް އެބައޮތް، އަޅުގަނޑުމެނަށް އެތައް އެތައް ޢިބްރަތެއްއެތައް އެތައް އެތައް ފިލާވަޅެއް ދައްކައިދީފައި. އަޅުގަނޑުމެނަށް ސާފު، ވިޔަފާރި ކުރިއަރުވައި ގޮސްގެން ނޫނިއްޔާ، އަޅުގަނޑުމެންގެ ތަރައްޤީއެއް އަޅުގަނޑުމެނަކަށް ނުލިބޭނެ. ވިޔަފާރިއަކީ މުދަލާއި ފަސިންޖަރުން، އެއްތަނުން އަނެއް ތަނަށް ބަދަލުވުން. އެއްއަތުން އަނެއް އަތަށް ފައިސާ ބަދަލުވެ، ތަކެތި ގަތުން. އެކަން ކުރުމަށްޓަކައި ފުރިހަމަ ދަތުރުފަތުރު ކުރުމުގެ ނިޒާމެއް ކޮންމެހެން ބޭނުންވާނެ. ސަރުކާރުގެ އަމާޒަކީ، 7 އަހަރު ދުވަހުގެ ތެރޭގައި، މިބާވަތުގެ ފުރިހަމަ ނިޒާމެއް ޤާއިމް ކުރުން. އަދި ފުރަތަމަ ދެއަހަރުގެ ތެރޭގައި، އޭގެ އަސާސީ ޚިދްމަތްތައްދޭން ފެށުން. އިރާދަކުރައްވައިގެން، ކަންދިމާކުރި ގޮތުން، މިއަތޮޅަށް އެޚިދްމަތް ދިނުމަށް ކުރިމަތިލައްވައި ތިއްބެވީ މާ ކުޅަދާނަ ހުނަރުވެރި ކުންފުންޏެއް. އެމީހުން، އެކުންފުނިން އެގެންދަނީ ވަގުތަށްވުރެ މާކުރީގައި އެމީހުންގެ ޚިދްމަތްތައް، ދުވަހުން ދުވަހަށް ރަނގަޅު ކުރަމުން. އަޅުގަނޑުމެނަށް އެންމެ އުފާވެރިކަން، އަޅުގަނޑަށް އެންމެބޮޑު އުފަލެއް ލިބޭ، މި ކޮޅުފުށްޓަކީ އެނިޒާމް އެންމެ ގިނައިން މިއަތޮޅުގައި ދެވެންހުރި ރަށް. މިރަށުގެ 827 މީހުން މިރަށުން އެނިޒާމް ބޭނުންކޮށްފައިވޭ. އަދި މިރަށަށް 729 މީހުން އެނިޒާމް ބޭނުންކޮށްގެން އައިސްފައިވޭ. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، ރާއްޖޭގެ ދަތުރުފަތުރު ކުރުމުގެ ނިޒާމް އަދި ޚާއްޞަކޮށް، ކޮޅުފުށީގައި އެމަސައްކަތް ރަނގަޅު ކުރަމުން، ތަރައްޤީ ކުރަމުން ގެންދާނަން. އަދި މިތަނުގައި އެކަމަށް ބޭނުންވާ ޓަރމިނަލާއި، ފެރީ ޓަރމިނަލާ، އަދި އެހެންވެސް ވަސީލަތްތައް އިރާދަކުރެއްވިއްޔާ ޤާއިމްވެގެންދާނެ.
 
ތަރައްޤީ އަޅުގަނޑުމެނަށް ލިބޭނީ، މީހާ، ތިމަންނާ، އިންސާނާ، އެއަށް ތަރައްޤީ ލިބިގެން. އަޅުގަނޑުމެންގެ ވިސްނުން ތަރައްޤީވެގެން. އަޅުގަނޑުމެން ތަރައްޤީވެގެން. ތަރައްޤީއަކީ ބޮޑު ޢިމާރާތެއް ނޫން. ތަރައްޤީއަކީ ވަރަށް ކުޅަދާނަ މީހެއް. އެމީހާ އަޅުގަނޑުމެން ޖެހޭނެ އުފައްދަން. އެމީހާ އުފެއްދުމަށްޓަކައި އެންމެ ކުޑައިރުއްސުރެ ފަށައިގެން، ދަރިފުޅަށް ތަޢްލީމުދޭންޖެހޭނެ.  ރަނގަޅު ވަށާޖެހޭ ތަޢްލީމީ ނިޒާމެއް ޤާއިމް ކުރުމަކީ، އަޅުގަނޑުމެންގެ އަމާޒު. އަޅުގަނޑުމެންގެ ބޭނުމަކަށްވީ، މިރަށުގައިވެސް އެއްދަންފަޅިއަށް މަދްރަސާ ބަދަލުކުރަން. އަޅުގަނޑަށް އަދިވެސް އެބަ އެނގޭ، މިހާރު އެ މަދްރަސާ މިރަށުގައި އެއްދަންފަޅިއަށް މުޅިން ބަދަލުކުރެވިފައިނުވާކަން. އަދި އަޅުގަނޑުމެންނަށް ކުރެވިފައިނުވާކަން. އެހެން ނަމަވެސް، އަޅުގަނޑު މިދެކެނީ، ޕްރީސްކޫލެއް އެޅުން، މިފަހަރުގެ ބަޖެޓްގައި އިރާދަކުރައްވައިގެން ހިމެނިފައި އޮތީތީވެ، ޕްރީސްކޫލް އެޅުނީމާ، އަޅުގަނޑުމެނަށް މިތަނަށްވެސް އިތުރު ޖާގަ އުފެދިގެން އިރާދަކުރެއްވިއްޔާ، 2012 ވަނަ އަހަރު މިރަށުގައި މަދްރަސާ ފެށޭނީ އެއްދަންފަޅިއަށް އޮންނަ ސްކޫލެއްގެ ގޮތުގައި.
 
މިރަށުގެ މަދްރަސާ އެއްދަންފަޅިއަށް ނުހަދާންވީ ހަމަ އެއްވެސް ސަބަބެއް ނެތް.  މިރަށުގެ ދަރިވަރުން ހޯދާފައިވާ ކުރިއެރުން، އެހެން ރަށްތަކާ ވަރަށް ތަފާތު. 5 މާއްދާއިން އޯ ލެވެލްއިން ފާސްވާ ކުދިންގެ ޢަދަދު، މިރަށުގައި 27 ޕަސެންޓުން މައްޗަށް ހިނގައްޖެ. ރާއްޖޭގެ އެހެން ހުރިހާ ރަށްތަކާ ވަރަށް ތަފާތު. ތިޔަބޭފުޅުންނަށް ލިބިފައިވާ ހިތާމައާއި ދަތިން އަރައިގަނެވެން އޮތީ، ޒުވާން ޖީލަށް ކިޔަވައިދީގެންކަން މައިންބަފައިން ވަރަށް ރަނގަޅަށް މިރަށުގައި ދެނެގަންނަންޖެހޭނެ. ކޮންމެ މިތުރުންގެ ހިތަށް ދަތިކަން ގެންނަ ހަމަ ކޮންމެ ކަމެއް، އެންމެފަހުން ޤުދްރަތުގެ އުޞޫލުން ނިމިގޮސްފައި މިވަނީ ފަތިހަކަށޭ. ތިޔަބޭފުޅުންގެ ހިތާމަވެރި ޙަޔާތް، ތިޔަބޭފުޅުން ނިންމީ، ބަދަލުކުރެވެން އޮތީ ދަރިންނަށް ރަނގަޅު ގޮތެއް ހޯދައިދީގެނޭ. އަޅުގަނޑު ވިސްނާ ވިސްނާ އެހެން އެއްވެސް ސަބަބެއް ނުފެނުނު. ކޮޅުފުށީ މަދްރަސާއެއް 27 ޕަސެންޓަށް ނަތީޖާ ރަނގަޅު ކުރި ސަބަބެއް. ސަރުކާރުން ވެދެވެން ހުރި އެހީތައް ކިތަންމެ ކިތަންމެ ރަށަކަށް ސަރުކާރުންވީން. އަދި ކޮޅުފުށީ މަދްރަސާއަށްވެސް ވަން. އެހެން ނަމަވެސް، މިފަދަ ފުރިހަމަ ކުރިއެރުމެއް ތިޔަބޭފުޅުން ހޯއްދަވާފައިވާކަމީ، އަޅުގަނޑުމެނަށް ވަރަށްބޮޑު އުފަލެއް ލިބޭ ކަމެއް. ތިޔަބޭފުޅުންގެ ފަހަތުގައި މުޅި މި ސަރުކާރު އޮންނާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑު އަރުވަން.
 
2011 ވަނަ އަހަރު، މިއަހަރު އަޅުގަނޑު މިދަންނަވާ 4 ކްލާސްރޫމް މިތަނުގައި އަޅައިނިމޭނެ. އިރާދަކުރެއްވިއްޔާ، މިއަހަރު އެ އަޅަން ފަށައި އަދި އެކަން އަޅުގަނޑުމެނަށް ކޮށް ނިންމާލެވޭނެ. އެ ނިންމާލެވުނީމާ އަޅުގަނޑު އަދި އުންމީދު ކުރާނީ، އަޅުގަނޑުމެން ބޭނުމީ، އަޅުގަނޑުމެންގެ އަމާޒަކީ، އިމްތިޙާނުގައި ބައިވެރިވާ ކުދިންގެ ތެރެއިން 60 ޕަސެންޓް ކުދިންނަށް 5 މާއްދާއިން C ފާހަށްވުރެ މަތިން ލިބުން. އެއީ، އަޅުގަނޑުމެންގެ މެނިފެސްޓޯގެ އެއް އަމާޒަކީވެސް. އަދި އެއީ އަޅުގަނޑުމެންގެ ވަޢުދެއް. އަޅުގަނޑުމެން ވަޢުދުވަނީ، އެފަދަ ނަތީޖާއެއް ނެރުމަށް މި ސަރުކާރުން މަސައްކަތް ކުރާނަމޭ. އިރާދަކުރެއްވިއްޔާ، އަޅުގަނޑަށް ޔަޤީން، އަޅުގަނޑުމެނަށް އެންމެ އަވަހަށް އެނަތީޖާ ނެރެވޭނެ އެއްތަނަކީ ކޮޅުފުށި.
 
ސަރުކާރަށް ހިތްހަމަޖެހުން ލިބޭ، މިދިޔަ އަހަރުގެ ތެރޭގައި، ކޮޅުފުށީ ކުދިންނަށް ފޮތް، ފަންސުރު، ގަލަން ގަތުމަށްޓަކައި، މަދްރަސާއަށް ބޭނުންވާ ތަކެތި ހޯދުމަށްޓަކައި އެއްލައްކަ ތިރީސް ހަތަރުހާސް އަށްސަތޭކަ ފަސްދޮޅަސް ނުވަރުފިޔާ ޚަރަދު ކުރެވިފައި އޮތްކަމީ، އަޅުގަނޑުމެންނަށް އުފާވެސްވާ ކަމެއް. އަދި ހަމަ އެހެންމެ، ދަރިވަރުންގެ އިމްތިޙާން ފީއަށް، ތިރީސް ހަހާސް ހަތަރުސަތޭކަ ވިހި ރުފިޔާ ޚަރަދު ކުރެވިފައި އޮތްކަމީވެސް، މި ސަރުކާރަށް ހިތްހަމަޖެހުން ލިބޭ ކަމެއް. އަޅުގަނޑުމެންގެ އަމާޒަކީ، އަޅުގަނޑުމެންގެ ބޭނުމަކީ، އެއްދުވަހުން އަނެއް ދުވަހަށް އަޅުގަނޑުމެންގެ ކަންކަން ކުރިއަށްދިޔުން. އަޅުގަނޑުމެންގެ ބޭނުމަކީ، ތިޔަބޭފުޅުންނަށް ރަނގަޅު ދިރިއުޅުމެއް ހޯދޭނެ މަގެއް، އަޅުގަނޑުމެން ފޯރުކޮށްދިނުން.
 
ކޮޅުފުށީ ރައްޔިތުންނަށް މިދިޔަ އަހަރުތަކުގައި ދިމާވެފައި އޮތް ދައްޗާއި، އުޅޭންޖެހުނު ހިތާމަ. އަޅުގަނޑުމެން ޖެހޭނެ، އެހިތާމައިން އަރައިގަންނަން. އަޅުގަނޑުމެނަށް މަޖްބޫރު، އެކަމުން އަޅުގަނޑުމެން  ވީއްލި، މާޒީ ދޫކޮށްލައި، މުސްތަޤްބަލަށް ބަލައިގެން، ރަނގަޅު ރަށެއް، ރަނގަޅު ކޮޅުފުށްޓެއް ބިނާކުރުމުގެ މަސައްކަތުގައި އަޅުގަނޑުމެން އުޅެން. އަޅުގަނޑަށް ޔަޤީން، މިހާރު އަޅުގަނޑުމެންގެ މިފަހަރުގެ މި ޕްލޭންތަކާއި އަދި ޚާއްޞަކޮށް، މިއަހަރުގެ ބަޖެޓް، ކޮޅުފުށީ ބަޖެޓް ތަންފީޛުވަމުން ދިޔައީމާ، ތަންފީޛު ކުރެވުނީމާ، އަޅުގަނޑުމެން މިބޭނުންވާ ބަދަލު، އަޅުގަނޑުމެންނަށް ގެނެވޭނެ. މިފަހަރު ސަރުކާރުގެ ބަޖެޓަކީ ވަރަށް ތަފާތު ބަޖެޓެއް. އޭގައި ކޮޅުފުށްޓަށް ހިމަނާފައި އޮތް މިންވަރު ވަރަށްބޮޑުވާނެ. ހަމައެކަނި ގެދޮރު ޢިމާރާތް ކުރުމަކަށެއް ނޫން. ހަމަ އޭގެއިތުރުން، ޞިއްޙަތު ރަނގަޅު ކުރުމަށްވެސް. ތަޢްލީމީ ޙާލަތު ރަނގަޅު ކުރުމަށް. އަދި ކުޅިވަރުގެ ކަންތައްތައް ރަނގަޅު ކުރުމަށްވެސް. އިޤްތިޞާދީ ތަރައްޤީ، އިޖްތިމާޢީ ކުރިއެރުމަށްވެސް. މިހުރިހާ ކަމަކަށް އިރާދަކުރައްވައިގެން، މިފަހަރުގެ ބަޖެޓްގައި ކޮޅުފުށްޓަށް ކުރިއަށްވުރެ މާ ރަނގަޅަށް ފައިސާ ހިމެނިފައި އޮންނާނެ.
 
އަޅުގަނޑުމެނަށް އެބަ އެނގޭ، ޤައުމެއް ތަރައްޤީ ކުރުމަށް އެންމެ މުހިންމުކޮށް ބޭނުންވާ އެއްކަމަކީ، ރައްޔިތުންގެ ގާތުން، ރައްޔިތުންގެ ރުހުމާއެކީގައި، ރައްޔިތުންގެ އިޙްސާސްތަކާއެކުގައި، ރައްޔިތުންގެ ކަންކަން ނިންމަމުން ގެންދެވޭނޭ އުޞޫލެއް ހޯދުން. މިހާރު މިއަންނަ ލޯކަލް އިންތިޚާބު ނުވަތަ ރަށު ކައުންސިލްގެ އިންތިޚާބަކީ، އިރާދަކުރައްވައިގެން، ޤާނޫނުއަސާސީގައި އަޅުގަނޑުމެނަށް އެބާބު އެއޮތީ ހިމެނިފައި. އެނގިވަޑައިގަންނަވާނެ، ޤާނޫނުއަސާސީ އިޞްލާޙު ކުރަމުން އައިއިރުގައި، ފުރަތަމަ އެބާބެއް ނެތް. އެހެން ނަމަވެސް، އަޅުގަނޑު ޚާއްޞަކޮށް، އެމް.ޑީ.ޕީ.ގެ ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުން، އަދި ތިޔަބޭފުޅުންގެ މެންބަރެއްގެ ގޮތުގައި އޭރުގައި އިންނެވި ޝަފީޤަށާއި އަދި ޚާއްޞަ މަޖިލީހުގެ ހުރިހާ ބޭފުޅުންނަށް މިރަށު ކައުންސިލްގެ އިންތިޚާބް، ރަށްވެރި އިންތިޚާބެއް ރާއްޖޭގައި ބާއްވައި، ރަށްވެރިކަން ތަރައްޤީ ކުރުމަށް، އެބޭފުޅުން އެދެއްވި ފުރްޞަތަށްޓަކައި ޚާއްޞަ މަޖިލީހަށާއި، ޤާނޫނުއަސާސީ އެކުލަވައިލެއްވި ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން.
 
ފެބްރުއަރީ 5 ވަނަ ދުވަހު، މިދަންނަވާ މުއައްސަސާތައް ނުވަތަ ރަށު ކައުންސިލް ޤާއިމް ކުރެވޭނެ. ރަށު ކައުންސިލް ޤާއިމް ކުރަންވާއިރަށް، މިރަށް އަދި ޤާއިމް ކުރެވިފައި ސަރުކާރަކަށެއް ނެތް، އެއިން އަތްދޫކޮށްލެވޭކަށް. އަޅުގަނޑުމެންގެ ބޭނުމަކީ، ރަށު ކައުންސިލަކީ ތިބޭފުޅުންގެ ތަރައްޤީއަށް މަގުފަހިކޮށްދޭ ކައުންސިލެއްގެ ގޮތުގައި، އެ ކައުންސިލް ބައްޓަންކޮށްދިނުން. ސަރުކާރަށް އެހީތެރިވެދެވެން އޮތް މިންވަރަކަށް އެހީތެރިވެދިނުން. އަޅުގަނޑުމެން އުފާވޭ، މިރަށުގެ ރަށުއޮފީސް އެވަނީ ވަރަށް ރަނގަޅު ފެންވަރަކަށް ހެދިފައި. އަދި އެރަށު އޮފީހުގައި ރަށު ކައުންސިލް ހިންގުމަށް އޭރުއްސުރެ ފަށައިގެން، ކުރެހުންތަކުގައި އަޅުގަނޑުމެން ނިންމާފައިވާނެ. އެހެންވީމާ، މިރަށުގެ އޮފީސް އަދި މިރަށުގެ ރަށު ކައުންސިލް އަޅުގަނޑު މިދެކެނީ ނަމޫނާ ކައުންސިލަކަށް އިރާދަކުރެއްވިއްޔާ ވެގެންދާނެކަމަށް.
 
އަޅުގަނޑުމެންގެ ހުރިހާވެސް ބޭނުމަކީ، އަޅުގަނޑުމެންނަށް އެހެން ގޮތެއް ލިބުން. ތިޔަހުރިހާ ބޭފުޅުންނަށްވެސް ހާސްކަމުން ނެއްޓެވުން. އަޅުގަނޑު އަބަދުވެސް، ވަރަށް ކުރިއްސުރެ ފަށައިގެންވެސް ދަންނަވަން. ހާސްކަމުން އަޅުގަނޑުމެންނަށް އަރައިގަނެވޭނެ ގޮތެއް އަޅުގަނޑުމެން އެބަ ހޯދަންޖެހެއޭ. ދަރިންނަށް ކިޔަވައިނުދެވިގެން، ފޮތްލިސްޓް ނުގަނެވިގެން، ބޭސް ސިޓީއަށް ބޭސް ނުހޯދިގެން ނުވަތަ ބޯހިޔާ ކުރެވޭނެ ގޮތެއް ނެތިގެން ނުވަތަ އެނޫންވެސް އެހެނިހެން ކިތަންމެ ކިތަންމެ ދައްޗެއް ދިމާވެގެން އަޅުގަނޑުމެންގެ ތެރެއިން ވަރަށްގިނަ ބައެއްގެ ވަރަށްގިނަ ދުވަސްތައް މިދަނީ ފިކުރުގައި. ސަރުކާރުގެ އަމާޒަކީ، ތިޔަބޭފުޅުންނަށް އެ ފިކުރުން، އެ ހާސްކަމުން ސަލާމަތްވެވޭނެ ގޮތެއް ހޯދުން. އެކަމަކީ އާމްދަނީއާ ގުޅިފައި ހުރި ކަމެއް. އެކަމަކީ ވަޒީފާގެ ފުރްޞަތުތަކާ ގުޅިފައި ހުރި ކަމެއް. އެއްގޮތަކަށްވެސް ދެކެވަޑައިގަންނަވައިގެން ނުވާނެ، ވަޒީފާގެ ފުރްޞަތު ފަހިކޮށްދެވޭނީ ހަމައެކަނި ސަރުކާރަށޭ. ސަރުކާރުގެ ވަޒީފާ ނޫން ވަޒީފާއެއް ނެތް ކަމަށް ދެކެވަޑައިގަންނަވައިގެން ނުވާނެ. ހަރުދަނާ އިތުބާރުހުރި ރަނގަޅު ވަޒީފާ، ޙަޤީޤަތުގައި އުފެދޭނީ އަމިއްލަ ވިޔަފާރިވެރިންގެ ތެރެއިން. އެހެންވީމާ، މިފަހަރުގެ ބަޖެޓްގައި، ސަރުކާރުން އެކުލަވައިލާފައިވާނެ، ތިޔަބޭފުޅުންގެ ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަރައްޤީ ކުރުމަށް އޮންނަ ލުއި ލޯނު. އަޅުގަނޑު އުންމީދު ކުރަން، ކޮޅުފުށީގެ ރަނގަޅު ވިޔަފާރިވެރިން މިމަސައްކަތުގެ ތެރެއަށް އަދި މިލޯނުގެ ފުރްޞަތުތައް ހޯއްދަވައިގެން، ތިޔަބޭފުޅުންގެ ވިޔަފާރިތައް މިއަދަށްވުރެ އަދި      މާ ބާރަށް މާދަމާ ކުރިއަށް ގެންދަވާނެކަން.
 
އަޅުގަނޑު ނިންމުލުމުގެ ކުރިން އަދި ހަމަ އެއްފަހަރު އިތުރަށް ޝުކުރު ދަންނަވާލަން ބޭނުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނަށް. ހިތާމައަކީ، ތިޔަބޭފުޅުންގެ މެންބަރުން، ތިޔަބޭފުޅުންގެ ތަރައްޤީއަށް ބަޖެޓަށް ވޯޓެއް ނުދެއްވި. އެހެން ނަމަވެސް، އިރާދަކުރައްވައިގެން، ޑީ.އާރު.ޕީ.ގެ މެންބަރުންނާއި އަދި އެމް.ޑީ.ޕީ.ގެ މެންބަރުންގެ އެހީތެރިކަމާއެކީގައި، ބަޖެޓާއި އަދި ތިޔަބޭފުޅުންގެ ތަރައްޤީގެ ބަޖެޓް މިވަނީ ފާސްކުރެވިފައި. ބަޖެޓް ފާސްނުވިނަމަ، އަޅުގަނޑުމެނަކަށް ގެއެއް ނޭޅޭނެ. ބަޖެޓް ފާސްނުވިނަމަ އަޅުގަނޑުމެނަކަށް ނަރުދަމައެއް ނޭޅޭނެ. ބަނދަރެއް ނުހެދޭނެ. އަދި އެއްވެސް ކަމެއް ނުވާނެ. އެހެން ނަމަވެސް، އިރާދަކުރައްވައިގެން މިކަން އެއޮތީ މިފަހަރުވެފައި. އެހެންވީމާ، އެބަޖެޓް ފާސްކޮށްދެއްވި ކަމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެންބަރުންނަށް، އަޅުގަނޑު މިފަހަރު ކޮޅުފުށީ ރައްޔިތުންގެ ނަމުގައި ޝުކުރު ދަންނަވަން.
 
އަޅުގަނޑު ތިޔަބޭފުޅުންނަށް އިޚްލާޞްތެރިކަމާއެކީގައި ޔަޤީންކޮށް އަރުވަން ބޭނުން އެއްކަމެއް އެބައޮތް. އަޅުގަނޑެއް އެންމެ އިރުކޮޅަކުވެސް މަޑެއް ނުކުރާނަން. އަޅުގަނޑު އަބަދުވެސް މަސައްކަތް ކުރާނަން. ކޮންމެ ދުވަހަކުވެސް އަޅުގަނޑު މަދުވެގެން ދިހަ، އެގާރަ ގަޑިއިރު މަސައްކަތް ކުރާނަން. އަޅުގަނޑެއް ތިޔަބޭފުޅުންގެ ފައިސާއަކު ނުޖެހޭނަން. އަޅުގަނޑެއް ތިޔަބޭފުޅުންނަށް ދެރަވާގޮތެއް ނުހަދާނަން. އަޅުގަނޑެއް ތިޔަބޭފުޅުންނަކަށް އަނިޔާއެއް ނުކުރާނަން. ތިޔަބޭފުޅުން ބިރެއް ނުގަންނަވާނަން. އަޅުގަނޑުމެން ހަމައެކަނި ބޭނުމީ، ތިޔަބޭފުޅުންގެ ހިތްހަމަޖެހުން. އަޅުގަނޑުމެންގެ އުފަލަކަށްވާނީ، މިރާއްޖޭގެ ތަރައްޤީ އަޅުގަނޑުމެންނަށް ލިބުން. އަޅުގަނޑުމެންގެ ދަރީންނާއި، ދަރީންގެ ދަރިންނަށް އެހެން ގޮތެއްވޭތޯ ބެލުން.
 
އަޅުގަނޑުގެ ދުޢާއަކީ، މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް އަޅުގަނޑުމެންނަށް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.
 
واَلحَمْـدُ لِلّـهِ. والســّلام عليــكم.
                 _______________________