بســماللّـهالرّحمـنالرّحيــم

 
ދައުލަތުގެ ވަޒީރުން، ސަރުކާރުގެ ވެރިން، މިޕްރޮވިންސްގެ އެންމެހާ ވެރިންނާއި އަދި މިޖަލްސާއަށް ވަޑައިގެންތިއްބެވި މުލަކު އެންމެ ރައްޔިތުންނާއި އަދި ރާއްޖޭގެ އެންމެހާ ރައްޔިތުން،
               
السّـلام عليـكم
 
އަޅުގަނޑުމެން ފާހަގަކުރަމުން މިދަނީ، ޤައުމެއް ތަރައްޤީވެމިދަނީ ވަކި ޚާއްޞަ ކަންތައްތަކެއް ވަކި އިރެއްގައި ވަކި ގޮތަކަށް ކުރެވުނީމާއޭ. އަޅުގަނޑުމެންގެ ޙާލަތު އެއް ޙާލަތުން ބަދަލުވެ މިދަނީ އަޅުގަނޑުމެނަށް ވަކި ތަރުތީބަކުން ކުރާންހުރި ކަންކަން ކުރެވުނީމާއޭ. އަޅުގަނޑުމެންނަށް އަބަދުވެސް ސާފުވެފައިއޮތީ، ރަށެއްވެސް އަތޮޅެއްވެސް، އަދި މިރާއްޖެވެސް ތަރައްޤީކުރާން ވެއްޖެނަމަ އެންމެފުރަތަމަ އަޅުގަނޑުމެން ކުރާންވީކަމަކީ އެރައްޔިތަކު ދޫކޮށްލުމޭ. އެރައްޔިތަކު ހިފަހައްޓާފައި ނުބޭތިއްބުމޭ، އެރައްޔިތަކަށް މިނިވަންކަން ދިނުމޭ. ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެއުޅުމުގެ މިނިވަންކަމާއި އަދި ޞުލްޙަވެރި ސިޔާސީ ޙަރަކާތް ހިންގުމުގެ މިނިވަންކަން ރައްޔިތުންނަށް ލިބުނަނުދީ އަޅުގަނޑުމެން މިއެދޭ ތަރައްޤީ އަޅުގަނޑުމެންނަށް ނުލިބޭނެކަމީ އިންސާނީ ތަޖްރިބާ ދައްކާފައިއޮތް ވަރަށް ރަނގަނޅު ޙަޤީޤަތެއް. އަޅުގަނޑުމެންނަށް އިރާދަކުރައްވައިގެން މިހާރު ތަންފީޒު ކުރެވެމުން މިދާ ޤާނޫނުއަސާސީ ގައި މިވާ ލަމަރްކަޒީ އުސޫލުން ރަށްތަކާއި އަތޮޅުތައް ހިންގުމުގެ މަސައްކަތް މިފަށައިގަނެވެނީ.
 
 އެނގިވަޑައިގަންނަވާނެ، ޤާނޫނުއަސާސީ އިޞްލާޙުކުރެވުނު ދުވަސްވަރު ލާމަރްކަޒީގެ ބާބެއް އެ ޤާނޫނުއަސާސީއަކު ނެތް. އެހެންނަމަވެސް، އެ ޤާނޫނުއަސާސީގެ ވަރަށްފަހު ވަގުތެއްގައި އަޅުގަނޑުމެން މަސައްކަތްކޮށްގެން އެ ޤާނޫނުއަސާސީގައި އެވަނީ ލާމަރްކަޒީ އުސޫލުން އަތޮޅުތަކާއި ރަށްތައް ހިންގުމުގެ ނިޒާމެއް އިންތިޒާމެއް އެކުލަވާލެވިފައި. އެކަމަށްޓަކައި އަޅުގަނޑު އެއިރުގައި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގައި މަސައްކަތް ކުރައްވަމުން ގެންދެވި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކްޕާޓީ، އެމް.ޑީ.ޕީ.ގެ މެންބަރުންނަށް ނުހަނު ޝުކުރުވެރިވަން. ރައްޔިތުންގެ ގާތުން ރައްޔިތުންގެ އިޙްސާސްތަކާއި ރައްޔިތުންގެ އެދުންތަކާ އެއްގޮތަށް ރައްޔިތުންގެ ވެރިކަމެއް ނުހިންގޭހާ ހިނދަކު އަޅުގަނޑުމެން މިއެދޭ ތަރައްޤީއެއް އަޅުގަނޑުމެންނަކަށެއް ނުލިބޭނެ.
 
މިދެންނެވި ބާވަތުގެ ވެރިކަމެއް ހިންގުމަށްޓަކައި ބޭނުންވާ އެންމެ މުހިންމު އެއް މުއައްސަސާއަކީ، ރަށު ދަރަޖައިގެ ކައުންސިލެއް. އަދި އެކައުންސިލަކީ ރައްޔިތުންގެ ތެރެއިން ވާދަވެރި ސިޔާސީ ޕާޓީތައް އެކުލެވިގެންވާ ވާދަވެރިކަމެއްގެ ތެރޭގައި ބަހުސްކުރެވިގެން ރައްޔިތުން އިންތިޚާބުކުރާ ފުރިހަމަ ކައުންސިލަކަށްވުން ވަރަށް މުހިންމު. އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ ފެބްރުއަރީ 5 ވަނަ ދުވަހު މިދެންނެވި ކައުންސިލްގެ ބިންގާ އެޅޭނެ. އަދި އިރާދަކުރެއްވިއްޔާ އެކައުންސިލް، އެމުއައްސަސާ ގާއިމުވެގެންދާނެ. ސަރުކާރަކަށެއް އެހިސާބަކުން ހުއްޓާލެވޭކަށެއްނެތް. އަދި އަމްދުން އަޅުގަނޑު ނިސްބަތްވާ ސިޔާސީ ޕާޓީ އެމް.ޑީ.ޕީ.އަކަށް އަތްއުރާލެވޭކަށެއްނެތް. އަޅުގަނޑުމެން ފަށާ މިތިބީ މާބޮޑު މަސައްކަތެއް. އަޅުގަނޑުމެން ކުރަމުން މިދަނީ ވަރަށްދިގު ދަތުރެއް. އަޅުގަނޑުމެންގެ އަމާޒު މިހުރީ ވަރަށްދުރުގައި. އަޅުގަނޑުމެންނަށް އެއަމާޒަށް ވާސިލު ވެވޭނެ. އެމަގުގައި އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ކުރިޔަށްދާނެ. މިކައުންސިލް މިއީ ހަރުދަނާ ކައުންސިލަކަށް ހެދުމަށްޓަކައި ދިވެހިސަރުކާރުން ވެދެވެންއޮތް ހުރިހާ އެހީތެރިކަމެއް ވެދޭނެ.
 
އެނގިވަޑައިގަންނަވާނެ، މިފަހަރުގެ ބަޖެޓް މިހާރު މިއޮތީ ފާސްވެފައި. އެބަޖެޓް ފާސްވިއިރުގައި މިފަހަރު މުލަކުގެ ބަޖެޓު ވަރަށްބޮޑުވާނެ. ކުރީފަހަރުތަކާ ވަރަށްތަފާތުވާނެ. އެބަޖެޓް އެކުލަވާލެވިފައިވާނީ ކައުންސިލްތައް މަޝްވަރާގެ އުސޫލުން ހިންގުމާއި ރަށުގެ ތަރައްޤީގެ އެންމެހާކަންކަން ރަށުދަރަޖައިގައި ކުރެވޭއިންތިޒާމެއް ހަމަޖެއްސުމަށް. އަޅުގަނޑުމެންގެ މަސައްކަތަކީ އަޅުގަނޑުމެންގެ ބޭނުމަކީ ތިޔަބޭފުޅުންގެ ތަރައްޤީ. ތިޔަބޭފުޅުންނަށް މިއަދު ލިބޭއެއްޗަކަށްވުރެ ރަނގަޅުއެއްޗެއް މާދަމާ ލިބޭނޭގޮތެއް މާދަމާ ލިބޭނޭ ނިޒާމެއް ގާއިމުކުރުން.
 
އެއްވެސް ނިޒާމަކީ ބޭނުންތެރި ނިޒާމެއްނޫން، އެނިޒާމަކުން ނަރުދަމައެއް ނުލިބެންޏާ. އެ ނިޒާމަކުން ރަނގަޅު ވަށައިޖެހޭ ތަޢުލީމެއް ނުލިބެންޏާ. އެނިޒާމަކުން ރަނގަޅު ދަތުރުފަތުރުކުރުމުގެ ފުރިހަމަ އުޞޫލުތަކެއް ނުހޯދެންޏާ އެއްވެސް ވެރިކަމުގެ ނިޒާމަކީ އަޅުގަނޑުމެން ބޭނުން ނިޒާމެއްނޫން. ފުރިހަމަ ވެރިކަމުގެ ނިޒާމެއް، ޚާއްޞަކޮށް ޑިމޮކްރެސީގެ ނިޒާމެއް އަޅުގަނޑުމެން ބޭނުންވެ މިއުޅެނީ މިރާއްޖެ ތަރައްޤީކުރުމަށްޓަކައި. އަޅުގަނޑުމެންގެ ޖީބަށް ވަންނަ އެއްޗެއް އިތުރު ކުރުމަށްޓަކައި. އަޅުގަނޑުމެންގެ ޢާންމު ޙާލަތު ރަނގަޅުކުރުމަށްޓަކައި. އަޅުގަނޑުމެންނަށް ފުރިހަމައަށް ގަބޫލުކުރެވިފައި މިއޮތީ އަޅުގަނޑުމެން މިއެދޭ ވާދަވެރި ސިޔާސީ މަސްރަޙު އެއިއްޔޭ ތަރައްޤީއަށް އެންމެ މަގުފަހިވާ މަސްރަޙަކީ. އެމަގުން އަޅުގަނޑުމެން އެންމެންވެސް ހިނގީމާ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ލިބޭނީ ކާމިޔާބޭ.
 
އަޅުގަނޑު އަބަދުވެސް ފާހަގަކުރަން، ޤައުމެއް ތަރައްޤީ ކުރުމަށް ވަކި ޚާއްޞަ ކަންތައްތަކެއް ކުރާންޖެހެއޭ. އަޅުގަނޑު ތިޔަބޭފުޅުންގެ އަރިހުގައި ދުނިޔޭގެ އެހެންޤައުމުތަކުގެ ތަޖްރިބާޔަށް ވިސްނާލަން އެދިއްޖެނަމަ، ވަރަށް ސާފުކޮށް ފެންނާނެ، ސަތާރަ ސަތޭކައިގައި އަދި އަށާރަ ސަތޭކައިގެ އަހަރުތަކުގައި މުޅި ޔޫރަޕް ތަރައްޤީވެދިޔައީ ރޭލްވޭ ދަގަނޑު އެރަށްރަށުގައި އަޅައިގެންކަން. އެދަގަނޑުތައްމަތީގައި ތަކެތި ދުއްވައިގެންކަން، އެދުއްވި ތަކެތީގައި މުދަލާ ފަސިންޖަރުން އުފުލީމާ ވިޔަފާރި ކުރިއަރާ ދިޔައީކަން. ވިޔަފާރިއާ ނުލައި އަޅުގަނޑުމެންނަކަށެއް ތަރައްޤީއެއް ނުވެވޭނެ. ވިޔަފާރިކުރިއަރައިގެން އަޅުގަނޑުމެން މިބެނުންވާ ބަދަލު އަޅުގަނޑުމެންނަށް ހޯދޭނީ. ވިޔަފާރިއަކީ މުދަލާ ފަސިންޖަރުން އެއްތަނުން އަނެއްތަނަށް ގެންދިއުން. އެއްއަތުން އަނެއްއަތަށް ފައިސާއާއި ތަކެތި ބަދަލުވުން. އަޅުގަނޑުމެން ޤާއިމުކުރުމަށް މިދަނީ މިދަންނަވާ ބާވަތުގެ ނިޒާމެއް. އަޅުގަނޑުމެންގެ އަމާޒަކީ، އަޅުގަނޑުމެންގެ ބޭނުމަކީ ތިޔަބޭފުޅުންގެ ތަރައްޤީ.
 
ރާއްޖޭގައި މިސަރުކާރު ހިންގާން ފެށުމުގެ ކުރީގައި 2005 ވަނަ އަހަރުވެސް     6 ވަނަ އަހަރުވެސް، 7 ވަނައަހަރުވެސް އަދި 2008 ވަނައަހަރުވެސް އަޅުގަނޑުމެން ރާއްޖޭގެ ވަރަށްގިނަ ރަށްރަށަށް ދިޔައިމު. ވަރަށް ގިނަ ގޭގެއަށް ޒިޔާރަތްކުރިން. ވަރަށްގިނަ މީހުންނާ ބައްދަލުވި. ވަރަށްގިނަ ތަންތަނުގައި ވާހަކަދެކެވުނު. ވަރަށްގިނަ ބަހުސް އަޅުގަނޑުމެންނަށް ކުރެވުނު. ގިނަފަހަރަށް އެއްވެވުނު. މުޒާހަރާ ކުރެވުނު. އަޅުގަނޑުމެން މަޝްވަރާކުރީމު، ވާރކްޝޮޕް ބޭއްވީމު، އެކެއް އަނެކެއް ކައިރީގައި އަހައި ހެދީމު ދެންރާއްޖެއަށްވާންވީ ކިހިނެއްހޭ؟ އަޅުގަނޑުމެން ރައްޔިތުންގެ އަޑު އެހީމު، އަޅުގަނޑުމެން އެއަށްފަހު އެކުލަވާލީ، އަޅުގަނޑުމެންގެ މެނިފެސްޓޯ. ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކްޕާޓިގެ މެނިފެސްޓޯ. އިންތިޚާބަށް މިޕާޓީގެފަރާތުން އަޅުގަނޑު ނުކުތީ މިދެންނެވި މެނިފެސްޓޯއާ އެކުގައި އަޅުގަނޑު ދެންނެވިން، އަޅުގަނޑުމެން ވަޢުދުވަމުން ގެންދިޔައިމު މީގައި މިހިރަ ކަންކަމަކީ އަޅުގަނޑުމެންގެ ސަރުކާރެއްގައި އަޅުގަނޑުމެން ކުރާނެކަންކަމޭ.
 
އެ މެނިފެސްޓޯ ފަހުން 2009 ވަނަ އަހަރު ވެގެން މިދިޔައީ، ޤައުމީ ތަރައްޤީގެ އޮނިގަނޑަށް. މިހާރު އަޅުގަނޑުމެން ބަޖެޓް ޕްރޮގްރާމުގެ ގޮތުގައި ޕްރޮގްރާމު ކޮށްގެން ބަޖެޓުގެ ގޮތުގައި އިރާދަކުރެއްވިއްޔާ ފާސްވެފައި އެވަނީ މިދެންނެވި މެނިފެސްޓޯގެ މިދެންނެވި ޤައުމީ ތަރައްޤީގެ އޮނިގަނޑުގެ 2011 ވަނައަހަރަށް ކުރާންހުރި މަސައްކަތް. އެމަސައްކަތުގައި        މި މުލަކަށާއި މިއަތޮޅަށް ކުރާންހުރި ކަންކަން ހަމަ 2010 ވަނައަހަރަށްވުރެ އަދި މާގިނަ. 2010 ވަނައަހަރުގައި ކުރެވުނު ކަންކަން، އަޅުގަނޑަށް ޔަޤީން، ޢާދިލްވެސް ފާހަގަކުރައްވައިފި. އަދި މިރަށުރައްޔިތުންނަށް ވަރަށްބޮޑަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ. 2011 ވަނައަހަރު މުލަކުގެ މިމަސައްކަތްކުރުމަށް އަޅުގަނޑުމެންނަށް ފަހި މިވީ މިއަތޮޅުގެ ދެމެންބަރުން އެކަމާ އިންކާރުކޮށްކޮށް ތިއްބަވަނިކޮށް. އިރާދަކުރައްވައިގެން، އެމް.ޑީ.ޕީ.ގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނާއި، އަދި ޑީ.އާރު.ޕީ.ގެވެސް ޢިއްޒަތްތެރި މެންބަރުން ބައިވެރިވެވަޑައިގަންނަވައިގެން، އެބޭފުޅުން މުލަކު ތަރައްޤީގެ ބަޖެޓު ފާސްކޮށްދެއްވީ. އަޅުގަނޑު ހިތާމަކުރާކަމަކީ ތިޔަބޭފުޅުންގެ ވަކީލުންނާއެކީގައި އަޅުގަނޑުމެންނަށް މިކަން ވެވެން ނެތްކަން. އަޅުގަނޑު އުންމީދުކުރަން، ތިޔަބޭފުޅުން އެކަމަށް ބަދަލެއް ގެނެސްދެއްވާނެ ކަމަށް. އަޅުގަނޑު ޔަޤީންކުރަން، ތިޔަބޭފުޅުންގެ ވަކީލުންނަކީ ތިޔަބޭފުޅުން ބޭނުންވެވަޑައިގަންނަވާނެކަން، އެބޭފުޅުންނަކީ ތިޔަބޭފުޅުންގެ ތަރައްޤީއަށް މަސައްކަތްކުރާ ބަޔަކަށްވުމަށް.
 
ދަތުރުފަތުރުކުރުމުގެ ނިޒާމު ސަރުކާރުން އެކުލަވާލުމަށްޓަކައި މަޝްރޫޢެއް އެކުލަވާލައި، އެމަޝްރޫޢުގައި ވަރަށް ސާފުބަހުން ފާހަގަކޮށްފައިވާނެ، މި ނިޒާމް މުޅިރާއްޖޭގައި ގާއިމުވެ ނިމޭނީ 7 އަހަރުންނޭ. ފުރަތަމަ ދެ އަހަރުދުވަހުގެތެރޭގައި އަޅުގަނޑުމެން ގާއިމުކުރާނީ މީގެ އަސާސީ ޚިދްމަތޭ. އަސާސީ ޚިދްމަތްތަކަށްފަހު ދެވަނަ ފިޔަވައްސަށް އަޅުގަނޑުމެންނަށް މިދެވެނީ. އެކަން އަޅުގަނޑުމެންނަށް މިކުރެވެނީ މުލަކުގައި. އަޅުގަނޑު އުފާވާ ކަމެއް އެއީ، މިރަށުގައި އަޅުގަނޑުމެންނަށް އެކަންކުރަން ލިބޭކަމީ. އަޅުގަނޑަށް ޔަޤީން، މިރަށުގެ ހުރިހާ ރައްޔިތުންނާއި އަދި ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް މިނިޒާމުގެ ބޭނުންތެރިކަމާއި، މީގެން އަޅުގަނޑުމެންނަށް ކުރިޔަށްދެވެންއޮތް މިންވަރު ވަޒަންކުރައްވާނެ. ރަނގަޅަށް ދެނެގަންނާނެ. އެކަން އަޅުގަނޑަށް ޔަޤީން، މިޕްރޮވިންސްގައި މިހިނގާދިޔަ ދެތިންމަހެއްގެތެރޭގައި 6280 މީހުން ދަތުރަށް އަރައިފި. މިރަށުން، މިމުލަކުން 414 މީހުން ދަތުރަށްއެރި. މިމުލަކަށް 502 މީހުން ފޭބި. އަޅުގަނޑުމެންނަށް އެއްތަނުން އަނެއްތަނަށް އެބަ ދަތުރުކުރެވޭ، މިނިޒާމު ފުރިހަމަވީ މިންވަރަކަށް އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ތަރައްޤީ ހޯދަން ފަސޭހަވެގެންދާނެ. އަޅުގަނޑު މިވަގުތު މިނިޒާމު މިހާފުރިހަމައަށް އަޅުގަނޑުމެންނަށް ހިންގަމުންގެންދާކަމާއި، ގެންދެވޭ ކަމާއި އަދި އަޅުގަނޑުމެންގެ މަޤްޞަދުތައް ޙާޞިލްވާ ކަމަށްޓަކައި މިނިސްޓަރއޮފް ޓްރާންސްޕޯޓަށާއި އަދި އެހެން ބޭފުޅުންވެސް އެވިދާޅުވިފަދައިން، ޚާއްޞަކޮށް، މިނިސްޓަރއޮފް ޓްރާންސްޕޯޓްގެ ސްޓޭޓް މިނިސްޓަރ އާދަމްމަނިކަށާއި އަދި އެތަނުގެ ޢަދްނާނަށް އަޅުގަނޑުމެން ނުހަނު ޝުކުރު ދަންނަވަން. މިނިޒާމު ހިންގުމުގައި އެމިނިސްޓްރީގެ ހުރިހާ ބޭފުޅުންނާއެކީގައި ނުހަނުގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައިތިއްބެވި ބޭފުޅުންނަކީ މިދެންނެވި ދެބޭފުޅުން. އަޅުގަނޑުގެ ހިތުގެ އެންމެފުންމިނުން އެބޭފުޅުންނަށް ޝުކުރު ދަންނަވަން.
 
 ހިތްވަރާއެކީގައި އަދި މިކަމުގައި ފައިދާއެއް އޮންނާނެކަމަށް ގަބޫލުކުރެވިގެން، ދެކެވިގެންކަމަށް އަޅުގަނޑުމެން ގަބޫލުކޮށްގެން މިތިބެނީ ވަރމިލިއަން ކުންފުނި މިކަމަށް ކުރިމަތިލީ. ސަރުކާރުން މިނިޒާމު ޓެންޑަރކުރީ. ބީލަމަށް ހުށަހެޅީ މިނިޒާމުހިންގުމަށް ޝައުޤުވެރިވާ ފަރާތްތަކުން މިނިޒާމު ހިންގުމަށް އައުމަށް އެދުމަށް. އެގޮތަށް ބީލަމަށް ކުރިމަތިލީ އެއްފަރާތަކީ، މިހާރު މިނިޒާމު ކާމިޔާބުކަމާއެކީގައި މިރަށުގައި ހިންގަމުންގެންދާ ވަރމިލިއަން ކުންފުނި. އަޅުގަނޑު އެކުންފުނީގެ ޝާހީނަށާއި އަޙްމަދު ޢަލީނަށާއި އަދި އެހެންވެސް އެކުންފުނީގެ ހުރިހާ މެންބަރުންނަށް ނުހަނު ޝުކުރު ދަންނަވަން. މިނިޒާމުގެ ތެރެއިން މިވަގުތު އެބޭފުޅުންނަށް ވާނީ ހަމަ ހުސް ގެއްލުން. މިއަދުވެސް އެބޭފުޅުންނަށް ތެލަށްވެސް ވާނީގެއްލުން. ދޯނީ ފަޅުވެރިންގެ މުސާރައަށްވެސް ވާނީ ގެއްލުން. އޮޑިއަށްވެސް ވާނީ ގެއްލުން. އެއްވެސް ފައިސާއެއް ނުލިބޭނެ. ލިބޭފައިސާކޮޅަކުން ދެކޮޅެއް ނުޖެހޭނެ. އެބޭފުޅުންނަށް ދެކޮޅުޖެއްސުމަށްޓަކައި މިނިޒާމުގައި އެންމެ މުހިންމު އެކައްޗަކީ މިހާރު މިއެޅޭ ފެރީ ޓާރމިނަލްއާ އަދި އެހެންވެސް ރަށްރަށުގައި ހެދޭ ގެސްޓްހައުސްއާއި އަދި މިނިޒާމާއެކިގައި އެކުލެވިފައި އޮންނަ ރިޒޯޓު. އަޅުގަނޑު އުންމީދުކުރަން، މިނިޒާމު ބޭނުންވެލައްވާ ހުރިހާ ބޭފުޅުންވެސް އަދި މީގެ ބޭނުންކުރައްވާ ބޭފުޅުން މިކަން ފާހަގަކުރައްވާނެކަމަށް. ނިޒާމު ކުރިޔަށް ގެންދެވޭނީ އޭގެ ވިޔަފާރީގެ ދެކޮޅުޖެހުން އެނިޒާމަށް ލިބުނީމާ. ދެކޮޅުޖެހުމަށްޓަކައި މިދަންނަވާ އިތުރު އެހެންކަންކަން އެބަ ކުރާންޖެހޭ. ސަރުކާރުން ކުރާންހުރި ކަންތައްތައްވެސް ވަރަށްގިނަ ޚާއްޞަކޮށް މިވިޔަފާރި ހިންގަމުންއަންނަ، މިނިޒާމު ހިންގަމުންއަންނަ ކުންފުޏަށް ލޯނުގެ އެހީތެރިކަން ފޯރުކޮށްދިނިމަކީ ސަރުކާރުން ކޮންމެހެންވެސް ކުރާންޖެހޭނެކަމެއް. އަދިވެސް އަޅުގަނޑުމެންނަށް ނުކުރެވިއޮތް ކަމެއް. އެކަމަކު މިކަން ނުކުރެވި ވަނިކޮށްވެސް މިހާފުރިހަމައަށް މިކަންކުރަމުން ގެންދާތީވެ، އަޅުގަނޑު މިކުންފުންޏަށް ނިހާޔަތަށް ޝުކުރުވެރިވެ، މަރުޙަބާ ދަންނަވަން.
 
އަޅުގަނޑުމެންގެ މިނިޒާމުގެތެރޭގައި ސަރުކާރުގެ އެނެމެބޮޑު އެއް ވާޖިބަކަށްވާނީ، ބަނދަރު ރަނގަޅުކުރުން. އެބޭފުޅުން ނިޒާމުގައި ހިމެނޭ އުޅަނދު އަދި އެބޭފުޅުން ނިޒާމުގައި ހިމެނޭ ޓާރމިނަލް. ސަރުކާރުގެ ވާޖިބެއް އެއީ، މިބަނދަރު ރަނގަޅުފެންވަރަކަށް ބޭއްވުން. މުކަލު ބަނދަރުގެ ބޭރު ތޮށްޓެއް އިރާދަކުރެއްވިއްޔާ 2011 ވަނަ އަހަރުގެތެރޭގައި ސަރުކާރުން އަޅާނެ. އަޅުގަނޑުމެން މިއެދޭ ތަރައްޤީ އަޅުގަނޑުމެން ހޯދުމަށްޓަކައި އަޅުގަނޑުމެން ކުރާންހުރި ޚަރަދުތައް އަޅުގަނޑުމެންދާނީ ކުރަމުން. ކުރަންހުރި ޚަރަދު އަޅުގަނޑުމެން ކުރާނީ. އެ ޚަރަދުތަކަކީ މިދަންނަވާ އެކިއެކި ގޮތްގޮތަށް އަޅުގަނޑުމެންނަށް ފާހަގަ ވެފައިހުރި ކަންކަން. އަޅުގަނޑު މިއަދު ހިނގާފައި ދަނިކޮށް މިތަނުންފެނުނުކަން ނުވަތަ އެތަނުން ފެނުނުކަމެއް އެއީއެއްނޫން އަޅުގަނޑުމެން ކުރާނެކަމަކީ. އަޅުގަނޑުމެންކުރާނީ އަޅުގަނޑުމެން ކުރުމަށް ތިޔަބޭފުޅުންނާއެކީގައި މަޝްވަރާކޮށް، އަދި އެމައްޗަށް އަޅުގަނޑުމެންގެ މެނިފެސްޓޯއެއް އެކުލަވާލައި އަދި އެއާއެއްގޮތަށް ޤައުމީ ތަރައްޤީގެ އޮނިގަނޑެއް އެކުލަވާލާފައި އެއޮތް އޮނިގަނޑާއެއްގޮތަށް. އަޅުގަނޑު އެދެނީ، ތިޔަބޭފުޅުންގެ      އެ އޮނިގަނޑާއެއްގޮތަށް މަސައްކަތްކުރައްވަމުންގެންދަވަން، ހުރިހާބޭފުޅުންވެސް އެއްއަމާޒަކަށް ހިފީމާ އެތަނަކަށް ދެވޭލެއް އަވަސްވާނެ. އަޅުގަނޑު ހައްތަހާވެސް ތިޔަބޭފުޅުންނަށް އެދޭނީ ކައުންސިލް މެދުވެރިކުރައްވައިގެން ޤައުމީ ތަރައްޤީގެ އޮނިގަނޑު ކާމިޔާބުކުރަން ހިނގާށޭ. އޭރަށް އަޅުގަނޑުމެން ބޭނުންވާ ހުރިހާ ކަމެއްވެސް އަޅުގަނޑުމެންނަށް ކުރެވެމުންދާނެއޭ.
 
އަޅުގަނޑުމެން ހިތުގެއަޑީން ގަބޫލުކުރަން، މިހާރު ރާއްޖޭގައި މިޒަމާނަށްބަލާއިރު ހެލްތް ޕޯސްޓްތައްވެސް ހެލްތް ސެންޓަރުތައްވެސް އަދި ހޮސްޕިޓާތައްވެސް އަޅުގަނޑުމެން ބޭނުންވާ ފެންވަރަކަށް އެތަންތަނަކުންނެއް ޚިދްމަތެއް ނުދެވޭ. މިދިޔަ ދިގު ތިރީސްއަހަރަކުވެސް ނުދެވޭ އަދި މިދިޔަ ފާއިތުވި ދެއަހަރަކުވެސް އަޅުގަނޑުމެން ބޭނުންވާ ފެންވަރަކަށް އެތަންތަނަކުންނެއް ޚިދްމަތެއްނުދެވޭ. އެހެންނަމަވެސް އެކަންއެހެންއޮވެ، އެކަންރަނގަޅުކުރުމަށް އަޅުގަނޑުމެން މަސައްކަތްކުރަމުންދާއިރުގައި އަޅުގަނޑުމެންނަށް އެނގޭ އެހެން މާބޮޑު ޙަޤީޤަތެއް އެބައޮތް. މިރާއްޖެގެ ރައްޔިތުންގެތެރެއިން ކޮންމެ ތިންމީހަކުކުރެން އެކަކު އެއްލައްކަ މީހުންނަކީ ނިކަމެތި ފަޤީރުންކަން، އެމީހުންނަށް ދުވާލެއްގެމައްޗަށް ދިހަ ބާރަ ރުފިޔާވެސް ނުލިބޭމީހުންކަން. އ.ދ. އެބުނާ ބަނޑުހައިހޫނުކަމުގެރޮނގުން ދަށުގައިތިބި މީހުންކަން.
 
ޤައުމެއް ތަރައްޤީއެއް ނުކުރެވޭނެ ޤައުމެއްގެ އަބާދީގެ ތިންބައިކުޅައެއްބައި މީހުންނަކީ ފަޤީރުންގެގޮތުގައި ނުވަތަ ބަނޑުހައިހޫނުކަމުގައި ތިބޭބަޔަކަށް ވެގެނެއް. އަޅުގަނޑުމެންނަށް ކިރިޔާވެސް ކަމެއްކުރާން ފެށޭނީ، ގިނަބައިވަރު ރައްޔިތުންގެ އިޖްތިމާޢީ ރައްކާތެރިކަން އަޅުގަނޑުމެންނަށް ހޯދައިދެވިގެން. މަދަނައިގެ ވިޔުގަ އުފެދިގެންއައީ މިދެންނެވި ހިސާބުން. އަޅުގަނޑު އުފާވާ ކަމަކީ މިރަށުގެ 260 މީހުން މަދަނައިގައި ރަޖިސްޓަރީވެ، ޚިދްމަތް ލިބެމުންދާކަމާއި އަދި އެއިން ކޮންމެ މީހަކަށް އެއްލައްކަ ރުފިޔާގެ ބޭސްފަރުވާ ބަޖެޓުގައި ރައްކާކުރެވިފައިވާނެ. މިރަށަށް 26 މިލިޔަން ރުފިޔާގެ ބޭސްފަރުވާ މަދަނައިގެތެރެއިން ލިބުމަށް ރައްކާކުރެވިފައިއޮތް ކަމީ އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ލިބޭކަމެއް. އަޅުގަނޑުމެން އުފާވާކަމެއް.
 
 ހަމަގައިމުވެސް އަޅުގަނޑުވެސް އަދި އަޅުގަނޑު ތަމްސީލުކުރާ ޕާޓީވެސް ހިތުގެއަޑީން ގަބޫލުކުރާ އަނެއްކަމަކީ މިރާއްޖެ އަޅުގަނޑުމެންނަށް މިގޮތަށް ލިބިފައި މިއޮތީ މިރާއްޖޭގެ އަޅުގަނޑުމެންގެ ކާބަފައިން އަދި ދޮށީއުމުރުގެ މީހުން ކުރި މަސައްކަތުންނޭ. އެމިހުން ފަރަށް ދިޔައީތީވެ، އެމީހުން މަހަށް ދިޔައީތީވެ، އެމީހުން ރުކަށް އެރީތީވެ، ވަޑާން ކުރީތީވެ، އެމީހުން ގެދޮރު އެޅީތީވެ، ރިޒޯޓުފަހަރު ހެދީތީވެ، އެމީހުން މަސައްކަތް ކުރިތީވެ. އެހެންވީމާ، މިއަދު މިރާއްޖޭގައި ޕެންޝަނެއް ޙައްޤުވަނީ ކާކަށްތޯ އަޅުގަނޑުމެން ވިސްނާއިރުގައި އެއީ، ހަމައެކަނި ސަރުކާރުގެ މުވައްޒަފުން ކަމުގައި ދުށުމަކީ ހަމަގައިމުވެސް އަޅުގަނޑު ތަމްސީލުކުރާ ޕާޓީ އެއްގޮތަކަށްވެސް ގަބޫލުކުރާ ފަލްސަފާއެއްނޫން. އަޅުގަނޑުމެން މިދުށީ ރާއްޖޭގެ 65 އަހަރުން މަތީގެ ކޮންމެ މީހަކަށް، އަންހެނަކަށްވިޔަސް ފިރިހެނަކަށްވިޔަސް މަހެއްގެމައްޗަށް 2000 ރުފިޔާގެ ޕެންޝަނަކީ ކޮންމެހެން އަޅުގަނޑުމެން މިރާއްޖޭގެ ރައްޔިތުންގެ އިޖްތިމާޢީ ރައްކާތެރިކަމަށްޓަކައި ކުރަންޖެހިފައި އޮތްކަމެކޭ. އަޅުގަނޑު އުފާވާ ކަމަކީ މިރަށުގައި 86 ރައްޔިތަކަށް މިދެންނެވި ޕެންޝަން ގަވާއިދުން ލިބެމުންދާކަން. އަދި މިރަށަށް ކޮންމެމަހަކު ސަތާރަލައްކަ ދެހާސްރުފިޔާ      އެ ޕެންޝަނަށްޓަކައި ޚަރަދުކުރެވިގެންދާކަމީ އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ލިބޭކަމެއް. ހަމައެހެންމެ، އެނގިވަޑައިގަންނަވާނެ، އެކަނިވެރި މައިންނާއި، ޔަތީމު ކުދިންނާއ، ޚާއްޞަ އެހީއަށް ބޭނުންވެފައި މީހުންނާއި އަދި އެހެންވެސް ފަޤީރު މިސްކީނުންނަށް އެހީތެރިވުމަކީ، ރައްކާތެރިކަން ހޯދައިދިނުމަކީ އަޅުގަނޑުމެންގެ ވާޖިބެއް. އަޅުގަނޑުމެން ވެފައިވާ ވަޢުދެއް. އަޅުގަނޑު އުފާވޭ، މިރަށުގެ 12 އެކަނިވެރި މައިންނާ، ޔަތީމު ކުދިންނަށް އެހީތެރިވަމުން، ސަރުކާރަށް، އެންސްޕާއަށް ގެންދެވޭކަމީ އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ލިބޭކަމެއް.
 
އަޅުގަނޑުމެންގެ ބޭނުމަކީ ރައްޔިތުންގެ ރައްކާތެރިކަން. އަޅުގަނޑުމެންގެ އަމާޒަކީ ތިޔަބޭފުޅުން ދުޅަހެޔޮ ޞިއްޙަތެއްގައި ބޭތިއްބުން. އެކަން ކުރުމަށްޓަކައި، ތެދުފުޅެއް، މިތަނުގައި އެބަ ބޭނުންވޭ އެންމެރަނގަޅު ހޮސްޕިޓަލެއް. އަދި އެއަށްވުރެ ބޮޑަށް މިކަންކުރުމަށްޓަކައި އަޅުގަނޑުމެންނަށް ފެންނަ ފެނުމުގައި ބޭނުންވަނީ މީހާ ބަލިނުވެ ހުރުން. ބަލިނުވެ ހުރުމަށްޓަކައި ދުޅަހެޔޮ ގޮތުގައި، ހެޔޮގޮތުގައި ދިރިއުޅެމުން ގެންދިއުން. އަޅުގަނޑުމެން އަބަދު ބަލިވާކަށް ނުޖެހޭ. ރަނގަޅުގޮތުގައި އަޅުގަނޑުމެންނަށް ދިރިއުޅެވެންޏާ އަޅުގަނޑުމެންނެއް އަބަދަކު ބަލިވެއުޅޭކަށް ނުޖެހޭ. ބަލިވުމުގެ ކުރީގައި ހެލްތްސެންޓަރަށް އެބަ ރަށުގެ ރައްޔިތަކާ ވާހަކަދެއްކެންޖެހޭ، ބައްދަލުވާންޖެހޭ. ބަލިވާންއުޅޭކަން އަޅުގަނޑުމެންނަށް އެބަ އެނގެންޖެހޭ. އެނގުނީމާ ދެން ބަލިން ރައްކާތެރި ކޮށްދިނުމަށް ކުރެވެންހުރި ކަންތައްތައް އެތައްގުނައަކުން އިތުރުވެގެންދާނެ. ފައި ބިނދުނީމާ ހަމަ ދެން ބޭނުންވަނީ އެކްސްރޭ މެޝިނެއް. އެހެންނޫނިއްޔާ ކިޑްނީ ފޭލްވީމާ ދެން ހަމަ ބޭނުންވާނީ ކިޑްނީ މެޝިނެއް. އޭގެކުރީގައި އެކަންވިޔަ ނުދިނުމަށް އެޅެންހުރި ފިޔަވަޅުތައް އެޅުމަކީ އަޅުގަނޑުމެންގެ ވަޢުދެއް، އަޅުގަނޑުމެންގެ އަމާޒެއް. އަޅުގަނޑުމެން މަސައްކަތް ކުރަމުން މިގެންދަނީ މިދެންނެވި އާދަ އަޅުގަނޑުމެންގެ ތެރޭގައި ގެނެވޭތޯ. މިފަހަރުގެ ބަޖެޓުގައި އަޅުގަނޑުމެން އެކުލަވާލާފައިވާ ޕްރޮގްރާމްތަކުގައި މިރަށުގައިވެސް މިދެންނެވި ޕްރޮގްރާމް ހިންގުމަށް އެކަށީގެންވާ ފައިސާ ހިމަނާފައިވާނެ.
 
އަޅުގަނޑު މާލޭވިޔަފާރިވެރިން ގާތުގައި އަހަން، މިހާރު މިދިޔަ އަހަރު މިދުވަހު ނުވަތަ މީގެ ތިން އަހަރުކުރީގައި މިދުވަހު ބޭސް ސިޓީހިފައިގެން ސަލާންޖަހަންއައި މީހުންގެ އަދަދަށް މިއަދުވެސް އާދޭތޯ؟ މާލޭ ވިޔަފާރިވެރިން އަޅުގަނޑު ގާތުގައިބުނޭ. މިހާރު ނާދެއޭ ރައީސް، މިހާރު މަދޭ. އަޅުގަނޑަށް ޔަޤީން، މުލަކުގައިވެސް އެކަން އޮންނާނީ އެހެންކަން. އަޅުގަނޑުމެންނަށް މިދިޔަ ދެއަހަރުގެތެރޭގައި މިރާއްޖޭގެ ރައްޔިތުންނަށް އިޖްތިމާޢީ ރައްކާތެރިކަމެއް ކޮންމެވެސް މިންވަރަކަށް ފޯރު ނުކޮށްދެވޭ ކަމަކަށް އަޅުގަނޑުގަބޫލެއް ނުކުރާނަން. އަދި އަޅުގަނޑު އެ ބަހުސްގެ ތެރެއަށްވެސް ނުދާނަން. އަޅުގަނޑުމެންގެ ބޭނުމަކީ ތިޔަބޭފުޅުންގެ ތަރައްޤީ. އަޅުގަނޑުމެންގެ ސަރުކާރު ދެމި މިއޮންނަނީ ހަމަ އެންމެ ބޭނުމަކަށްޓަކައި. އެއީ އަޅުގަނޑުމެންގެ ވަޢުދު ފުއްދުމަށް. ތިޔަބޭފުޅުންނަށް ޚިދްމަތް ކޮށްދިނުމަށް.
 
ތަޢުލީމާއި ޒުވާނުންގެ ތަރައްޤީ އެއީ، ޤައުމެއްގެ ތަރައްޤީއަށް ކޮންމެހެން ބޭނުންތެރިކަމެއް. މިދިޔައަހަރު މިތަނުގެ ޒުވާނުންގެ ތަރައްޤީއަށް އަދި ތަޢުލީމަށް ސަރުކާރުން ކޮށްދެވިފައިހުރި ކަންކަން އަދި އަޅާލެވިފައިހުރި މިންވަރުގެ ނަތީޖާ އަޅުގަނޑުމެންނަށް ފެނުނީ ވަރަށް ފޮނިކޮށް. ފަސް މާއްދާއިން އޯލެވެލުން ފާސްވާ "ސީ" ފާހަށްވުރެމަތިން ފާސްވީ ކުދިންގެ ޢަދަދު އެންމެ ބާރަށް އިތުރުވީ އެއްރަށަކީ، އަށް ޕަސެންޓުން އިތުރުވި އެއް ރަށަކީ މުލަށް. އެއީ ކީއްވެގެންތޯ! އަޅުގަނޑުމެނަށް މިދިޔައަހަރު އެއްދަންފަޅިއަށް މިތާ މަދަރުސާ ބަދަލުކުރެވުނު. އެހެންވީމާ، ދަރިވަރުންނަށް ވަށާޖެހޭ ތަޢްލީމެއް އަޅުގަނޑުމެންނަށް ދޭންފެށުނު. އެއީ، އަޅުގަނޑުމެންނަށް ލިބުނު ހިތްހަމަޖެހުމެއް. އަޅުގަނޑުމެން މުލަކަށް އެކަން ކޮށްދެވުނުކަމީ      މި ސަރުކާރު އުފާވާކަމެއް. މުލަކުގެ ދަރިވަރުންނަށް ކުދިންނަށް ފޮތް ފަންސޫރު ގަލަން ގަތުމަށްޓަކައި 2010 ވަނައަހަރު ދެލައްކަ އެގާރަހާސް ނުވަސަތޭކަ ތިރީސް ހަރުފިޔާ ހޭދަކުރެވުނުކަމީ،         މި އެމް.ޑީ.ޕީ ސަރުކާރު ނިހާޔަތަށް އުފާވާކަމެއް. އަޅުގަނޑުމެން ހިތްހަމަޖެހޭކަމެއް އެއީ، މިރަށުގެ ދަރިވަރުންނަށް އިމްތިޙާނުގެ ފީދެއްކުމަށް އެއްލައްކަ ތޭރަހާސް ދުއިސައްތަ ފަސްރުފިޔާ ޚަރަދުކުރެވިފައި ވާކަމީ އަޅުގަނޑުމެން މިދެންނެވި ނަތީޖާ މިރަށުން ނުކުތުމުގެ އެއްސަބަބު ކަމުގައި ހަމަގައިމުވެސް އަޅުގަނޑު ގަބޫލުކުރަން. އަޅުގަނޑުގެ ބޭނުމަކީ ތިޔަބޭފުޅުންގެ ދަރިވަރުންނަށް ތިޔަބޭފުޅުންގެ ދަރިންނަށް ފުރިހަމަ ރަނގަޅު ތަޢުލީމެއް ދެވޭނެގޮތެއް ހޯދުން. މިތަނުގެ ޒުވާނުންގެ އިޖްތިމާޢީ މަރްކަޒު ޤާއިމުކުރުމަށާއި އެމަރުކަޒު ހިންގުމަށް މިދިޔައަހަރު ސަރުކާރުން ތިންލައްކަ ސޯޅަހާސް ރުފިޔާ ދެވިފައި އޮތްކަމީ އަޅުގަނޑުމެން ހިތްހަމަޖެހޭކަމެއް. އަޅުގަނޑަށް ޔަޤީން، މުލަކު ޒުވަނުންނަށް އެ ޢިމާރާތް ނިންމޭނެ. އަޅުގަނޑަށް އަދިވެސްހަމަ ޔަޤީން، ސަރުކާރަށް ވީމިންވަރަކަށް އެ ޢިމާރާތް ނިންމުމަށް އަޅުގަނޑުމެންދާނީ ބާރު އަޅަމުން. އަޅުގަނޑުމެންދާނީ މަސައްކަތްކުރަމުން.
 
އަޅުގަނޑު ދަންނަވާނީ، އަނެއްކާވެސް ހަމަ އަޅުގަނޑުމެންގެ ބޭނުމަކީ، މިރާއްޖޭގެ ތަރައްޤީއޭ އަޅުގަނޑުމެންގެ ބޭނުމަކީ މުލަކު ރައްޔިތުންގެވެސް އަދި މިއަތޮޅުގެވެސް އަދި މިރާއްޖޭގެވެސް އެންމެންނަށްވެސް ލިބެމުންއަންނަ އާމްދަނީ އެދުވަހުން އަނެއްދުވަހަށް އިތުރުވެގެންދިއުމޭ. ޔުޓިލިޓީ ކުންފުނިތައް އުފައްދާފައި ސަރުކާރުން އެވަނީ އަޅުގަނޑު މިދެންނެވިހެން، އަޅުގަނޑުމެން މިރާއްޖޭގެ ހުރިހަގެޔަކަށްވަދެ ހުރިހާރަށަކަށްގޮސް ބެލިބެލުމުގައި އަޅުގަނޑުމެންނަށް އެނގުނު އިންގީނުގެތަކާއި ޖަނަރޭޓަރުތައް ހިފައިގެން ރައްޔިތުން އެ އުޅޭ ޙާލު. އެ އެއްޗެތިތައް ހުއްޓެމުންދާ މިންވަރާއި އޭގެއިން ރައްޔިތުން އަތުން ނަގަމުންދާ ފައިސާގެ ބޮޑުމިނާ، ފީ އާ މިކަންކަން އަޅުގަނޑުމެނަށް ސާފު. މީއަކީއެއް މިހާރު ރަށްކުރިއަރުވާ ކޮމިޓީއަކަށް އެހެންނޫނިއްޔާ ޖިންސުއްލަޠީފުންގެ ރޫޙަކަށް ނުވަތަ އެހެންވެސް ޖަމްޢިއްޔާއަކަށް ހިންގޭ ބާވަތުގެ ކަމެއްނޫން. ބޮޑު ވިޔަފާރިއެއް. އެ ވިޔަފާރި ރަނގަޅަށް ކުރުމަށްޓަކައި ރަނގަޅު ޞިނާޢަތެއް އެބަ އުފައްދާންޖެހޭ. އަޅުގަނޑު މުލަކު ރައްޔިތުންނަށްވެސް އަދި އެހެން ބޭފުޅުންނަށްވެސް ދަންނަވާލަން ބޭނުންވަނީ އެހާ ބޯދާނުވާށޭ. ކުރިޔަށް ވިސްނަވާށޭ. ތަރައްޤީގެ މަގުގައި ހިނގާށޭދާން. އަޅުގަނޑުމެންނަށް އިއްޔެ ފަހަނަޅައި ދެވެން އެބައޮތޭ. އަޅުގަނޑުމެން މިބޭނުން އަނެއް ދިވެހިރާއްޖެ އަޅުގަނޑުމެންނަށް ހޯދޭނެއޭ. އަޅުގަނޑު ދެންމެ އެއައި ރަށް، ވޭވަށް ދެރުފިޔާބައި އެތަނުން ނަގަނީ އެތަނުގެ އިންޖީނުގެ ހިންގަނީ ޔުޓިލިޓީ ކުންފުނިން. އަޅުގަނޑުގެ އުންމީދަކީ މިއަތޮޅުގެވެސް މިޕްރޮވިންސްގެވެސް ހުރިހާރަށެއް ގުޅިގެން އަޅުގަނޑުމެންނަށް ޔުޓިލިޓީ ކުންފުނީގެތެރެއިން މިކަން ހިންގޭނެގޮތެއް ހޯދުން. އެއްގޮތަކަށްވެސް، އެއްގޮތަކަށްވެސް ވަކި ސިޔާސީ ވިސްނުމެއްނޫން އިންޖީނުން ނުކުންނަ ކަރަންޓުގައި ހުންނަނީ. ސުއިޗް ޖެއްސީމާ ހުރިހާ ތަނަކުންވެސް ބޮކިދިއްލޭނީ. ތެޔޮ އެޅީމާ އޭތި ހިންގާނީ. އެއަކު ސިޔާސީ ވިސްނުމެއް ނުހުންނާނެ. އޭގައި ހުންނާނީ ހަމަ ތެޔޮ. ދެން އެހިނގީމާ އަޅުގަނޑުމެންނަށް ލިބޭނީ އަލިކަން. އަޅުގަނޑު ތިޔަބޭފުޅުންގެކިބައިން ވަރަށް އިޚްލާޞްތެރިކަމާއެކީގައި އެދެން، އެހާ ބޯދާ ނުވާށޭ، މުލަކު މީހުންނަކީ އޭގެބައެއްގެގޮތުގައި އަޅުގަނޑެއް ނުދެކެމޭ. ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، އަޅުގަނޑަށްވުރެ ބޮޑަށް 1432 ގައި އިބްނިބަޠޫތާ މިރަށަށް އައިސް މިރަށާ ގުޅޭގޮތުން ލިޔެފައިހުރި ވާހަކަތައް. މީކީއެއް އެބާވަތުގެ ބައެއްނޫން. މިއީ ބޮލިމުލަށް.
 
އަޅުގަނޑު މިއަދު ވަރަށް އިޚްލާޞްތެރިކަމާއެކީގައި މިދިޔަ ދުވަސްތަކުގައި އަޅުގަނޑުމެންނަށް ވަރަށް ނުހަނު، މިރާއްޖެއަށް އަޅުގަނޑަށް ފެންނަފެނުމުގައި އެހާބޮޑު ޚިދްމަތެއް ކޮށްފައިވާ ދެވަނަބައެއް ނުވާބަޔަކީ އިއްޔެނޫން އިހައްދުވަހު ކައުންސިލަރުކަމުން އަޅުގަނޑުމެން ވަކިކުރި ބޭފުޅުން. ދިވެހިރާއްޖެ ދުވަހަކުވެސް ނުދެކޭފަދަ ބަދަލެއް މިރާއްޖެއަށް އައި ހިނދުކޮޅެއްގައި އަދި މުޅިރާއްޖެ މުޒާހަރާއަށް ނުކުމެތިބެ، ގިނަ ރަށްރަށުގެ އޮފީހާއި އަތޮޅު އޮފީސްތައް ބަންދު ކޮށްފައިއޮއްވާ ހަމައަލަށް ސަރުކާރުގެ އެއްވެސް ތަޖްރިބާއެއްނެތި ނުކުތް ޒުވާނުންކޮޅެއް މިރާއްޖެ އަޅުގަނޑުމެން އެންމެންގެ އަތަށް ހެޔޮވަރަށް މިހިރީ ތިރިވެފައި. މިރާއްޖެ އަޅުގަނޑުމެން މިއެދޭ ތަރައްޤީ ހޯދައިދިނުމަށް އެބޭފުޅުން އެވަނީ އޮމާންކޮށްފައި، އަމާންކޮށްފައި އަޅުގަނޑުމެން މިއެދޭ ކައުންސިލްގެ އިންތިޚާބަށް މިރާއްޖެ ފޮނުވާލަދިން ބަޔަކީ ކައުންސިލަރުން. އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ރާއްޖޭގެ ހުރިހާ ކައުންސިލަރުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން. އިތުރުބައެއްނޫން އަޅުގަނޑަށްވެސް އެނގޭ ވަޒީރުންވެސް އެބަތިއްބެވި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންވެސް އެބަތިއްބެވި. ސަރުކާރުގެ އެހެން އެހެންވެސް ބައިވަރު ބޭފުޅުން އެބަތިއްބެވި. އެހެންނަމަވެސް މިފަދަ މަސައްކަތެއް ކުރި ބައެއް އަޅުގަނޑަށް ހަމަ ވަރަށްމަދުންނޫނީ ނުފެނޭ. ބިރުވެރިކަމާއި، ނޭނގުމާއި، ސިހުމާއި، އަދި އެހެންނަމަވެސް ހަމަ ޔަޤީންކަމާ ހިތްހަމަޖެހުމުގައި އިތުބާރާއެކީގައި އަޅުގަނޑާއެކީގައި އެބޭފުޅުން ރާއްޖެ ތަރައްޤީކުރުމަށް، ރާއްޖެ ކުރިޔަށް ގެންދިއުމަށް ރާއްޖޭގައި އަޅުގަނޑުމެން ޤާއިމުކުރާންމިއުޅޭ ޑިމޮކްރަސީގެ ފުރިހަމަ ނިޒާމުގެ ބިންވަޅު ނަގައިދިނުމަށް އެބޭފުޅުން ކޮށްދެއްވާފައިވާ އެހެރީ ނުހަނު ބޮޑެތި މަސައްކަތްތަކެއް. އަޅުގަނޑުމެން އެންމެން އެބޭފުޅުންނަށް އަބަދުގެ އަބަދަށް ދަރަނިވެރިވާނެ.
 
މުލަކުގެ ރައްޔިތުންނަކީ މަސްވެރިން. ރާއްޖޭގެ ގިނަ ބައިވަރު މީހުންނަކީވެސް މަސްވެރިން. ސާޅީސް ހަތަރުހާސް ރާއްޖޭގެ ދިވެހިރައްޔިތުންނަކީ މަސްވެރިން. މަހަށްދާ މީހުން. އަޅުގަނޑުމެން ވަޢުދު ވީން، ރާއްޖޭގެ މަސްވެރިންގެ މަހަށް ލިބޭއަގު އެއީ، ބައިނަލްއަޤްވާމީ ހަމައަގަށް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ހަދާދޭނަމޭ. އެމް.ޑީ.ޕީ.ގެ ސަރުކާރެއްގައި މަސްކިލޯއަކަށް ލިބެނީ ކިލޯއެއް ހަމަނުވާ މަހަށް އެއްރުފިޔާ ހަތަރުއަނާއެއް ނޫނޭ. ބައިނަލްއަޤްވާމީ މާރުކޭޓުގައި ލިބޭއަގޭ. އެނގިވަޑައިގަންނަވާނެ، ދާދިފަހަކާޖެހެންދެންވެސް ގިނަވެގެންވެސް ތިބޭފުލުންނަށް މަސްކިލޯއަކަށް ލިބިފައިއޮންނާނީ ފަސްރުފިޔާ. މިއަދު ލިބިވަޑައިގަންނަވާނެ ދިހަރުފިޔާ. ތިބޭފުޅުންގެ އާމްދަނީ، މަސްވެރިންގެ އާމްދަނީ ތިވަނީ ދެގުނަވެފައި. އެއި ކީއްވެތޯ! ސިޔާސަތަށް ގެނައި ބަދަލު. އަޅުގަނޑުމެންނަށް އަބަދުވެސް އެނގޭ، ވާދަވެރި ވިޔަފާރީގެ ތެރޭގައި އެއްވިޔަފާރިވެރިއެއް އަނެއް ވިޔަފާރިވެރިއަކަށްވުރެ ގިނައިން އިތުރަށް ފައިދާއާއި ނަފާ ހޯދުމުގައި އެވާދަވެރިކަމުން ފައިދާ ލިބޭނީ ޙަޤީޤަތުގައި މަސްވެރިންނަށްކަން. އިންސާނީ ތަޖްރިބާ، ދުނިޔެ ދައްކާފައިއޮތް ޙަޤީޤަތެއް. އަޅުގަނޑުމެން އަލުންއަނބުރާ އެކަމަކާ ވިސްނާކަށް ނުޖެހޭނެ. އަޅުގަނޑުމެންގެ ސިޔާސަތަކަށްވީ ރޯމަހުގެ މަސައްކަތް ދޫކޮށްލުން. ހުރިހާ އެންމެންނަށްވެސް މަސް އެކްސްޕޯޓް ކުރެވޭ ގޮތް ހެދުން. ވީހާވެސް ގިނަ ބައެއް މަހުގެތެރެއަށް ގެނައުން. އަޅުގަނޑަށް ފެންނަ ފެނުމުގައި ރާއްޖޭގެ ކަޅުބިލަމަހުގެ އަގު އަދި މިއަށްވުރެވެސް، ދިހަރުފިޔާއަށްވުރެ އެތައްތަނެއް، އެތައްގުނައެއް މައްޗަށް އަރައިގެންދާނެ. އަޅުގަނޑުމެންގެ އުންމީދަކީ ހަމަ ތިޔަބޭފުޅުންގެ ތަރައްޤީ. އަޅުގަނޑުމެން ބޭނުންވަނީ މިރާއްޖެއަށް ފަހިގޮތް.
 
އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާ އަކީ އަޅުގަނޑުމެނަށް ދެދުނިޔޭގެ ބާއްޖަވެރިކަންލިބުން،
 
واَلحَمْـدُ لِلّـهِ. والســّلام عليــكم.
                 _______________________