بســماللّـهالرّحمـنالرّحيــم
       
ޗީފް އޮފް ޑިފެންސް ފޯސް. އެހެނިހެން އޮފިސަރުން. އަދި އެމް.އެން.ޑީ.އެފް.ގެ އެންމެހާ ބޭފުޅުން.
 
السّـلام عليـكم
 
6 އަހަރު ކުރީ މިދުވަހު މިގަޑީގައި ހަމަ މިހެން، މި ރާއްޖެ މިހާތަނަށް ދުށް އެންމެބޮޑު ކާރިޘާ، އެންމެބޮޑު މުޞީބާތް އަޅުގަނޑުމެންނާ ކުރިމަތިވީ. އެދުވަހު ރާއްޖޭގެ ރައްޔިތުން ތިބީ ވަރަށްބޮޑު ބިރުވެރި ކަމެއްގައި. ދެން ވެދާނެ ގޮތެއް ހަމަ އެއްގޮތަކަށްވެސް ނޭނގި. ވީގޮތްވެސް އެއީ ކޮންގޮތެއްތޯ ހަމަ ހިތަށް ދެނެގަންނަންވެސް ނޭނގޭ ޙާލުގައި. ގެއްލިދިޔަ އެތައް ބަޔަކާއި އަދި ޚަބަރުނުވާ ކިތަންމެ ބަޔަކާއި ނެތި ގޮސްފައިވާހާ މުދަލާއި އަދި މުޅި ދިރިއުޅުމާއި ޙަޔާތް، މުޅި ރާއްޖޭގެ ގިނަ ރައްޔިތުންގެ އެދުވަހު ދިޔައީ ބަރުބާދުވެގެން.
 
ރާއްޖެއަށް ދެން ވެދާނެ ގޮތެއް ހަމަ އެހިނދު އަޅުގަނޑުމެން ތިބީ ތަޞައްވުރު ކުރާން، ސިފަކުރާން ނޭނގިފައި. އެދަނޑިވަޅު ރާއްޖޭގެ ރައްޔިތުންނަށް، ދިވެހިރާއްޖޭގެ ސިފައިން ވެދެއްވި އެހީތެރިކަމާއި، ކޮށްދެއްވި ޚިދްމަތަކީ އަޅުގަނޑަށް ޔަޤީން، ރާއްޖޭގެ ރައްޔިތުން ދުވަހަކުވެސް ހަނދާން ނުނެތޭނެ ޚިދްމަތެއް. އަޅުގަނޑު ރާއްޖޭގެ ރައްޔިތުންގެ ނަމުގައި ތިޔަ އެންމެ ބޭފުޅުންނަށް އެދުވަހު އެކޮށްދެއްވި ޚިދްމަތާއި، އެދެއްވި އެހީތެރިކަމާއި، ބެހެއްޓެވި އޯގާތެރި ކަމަށްޓަކައި ހިތުގެ އަޑިން ޝުކުރު ދަންނަވަން ބޭނުން.
 
އަޅުގަނޑުމެންގެ ރާއްޖޭގައި މިހެން ދިމާވާ އެންމެހާ ކަންކަމުގައި، ތިޔަބޭފުޅުންނާވެސް ހަމަ އެކުގައި ރާއްޖޭގެ އެންމެހާ ރައްޔިތުން ނުކުމެ، އެކު އެއްބައިވަންތަވެ ކޮށްފައިވާ މަސައްކަތްތައް ގިނަގުނަ. ރާއްޖެ އަޅުގަނޑުމެންނަށް މިއަދާ ހަމައަށް ގެނެވިފައި މިއޮތީ، މިދެންނެވި ބާވަތުގެ ކިތަންމެ ކިތަންމެ ހިނދުކޮޅެއްގައި، ދިވެހި ރައްޔިތުން، ދިވެހި ސިފައިންނާ އެކުގައި، ސާބިތުކަމާ އެކީގައި ތިބެ، މިރާއްޖެ ސަލާމަތް ކުރީތީވެ. އަޅުގަނޑުމެން އަބަދުވެސް ދެކޭނީ، ކުރިއަށް އޮތް ތަނުގައިވެސް މިބާވަތުގެ ޙާދިޘާތަކަށް ދިވެހިރާއްޖޭގެ ސިފައިން އިރާދަކުރެއްވިއްޔާ، އަބަދުވެސް ތިބޭނީ ތައްޔާރަށް. ސިފައިންނަށްވީ މިންވަރަކުން ރާއްޖޭގެ ރައްޔިތުންގެ ރައްކާތެރިކަމާއި އަދި އެރައްޔިތުންގެ ސަލާމަތްތެރިކަން އަބަދުވެސް ބަލަހައްޓައިދޭނެކަން އަޅުގަނޑަށް ޔަޤީން. ސިފައިންގެ އެންމެމަތީ ވެރިޔެއްގެ ޙައިޘިއްޔަތުން އަޅުގަނޑު މިކަން ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ޔަޤީންކޮށް އަރުވަންވެސް ބޭނުން.
 
އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.
 
والحمد للّـه. والسّـلام عليـكم
                                          
___________________________