بســماللّـهالرّحمـنالرّحيــم

 
މިނިސްޓަރ އޮފް ހޯމް އެފެއާޒް އޮނަރަބަލް ޙަސަން ޢަފީފް، މަތި އުތުރު ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރ، އެ ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރުގެ ނައިބު އަދި ކުމުންދޫ ކައުންސިލަރާއި، ކުމުންދޫ ކަތީބު އަދި ކުމުންދޫގެ އެންމެހާ ލޮބުވެތި ރައްޔިތުން:
 
السّـلام عليـكم
 
އަޅުގަނޑަށް ފެންނަ ފެނުމުގައި އަޅުގަނޑުމެން ސަރުކާރު ހިންގުމާ ހަވާލުވުމުގެ ކުރީގައި އަދި މިހާރުވެސް ފާހަގަކުރަމުން ގެންދިޔަ ޚާއްޞަ ނުކުތާތަކެއް ހުންނާނެ. އަޅުގަނޑުމެން ބުނަމުން ދިޔައީ، އިންސާނީ ތަޖުރިބާ ދައްކާފައިވާ ހުރި ޙަޤީޤަތްތަކެއް އެބަހުއްޓޭ، ޤައުމެއް ތަރައްޤީވެ ދިޔުމާ ގުޅިގެން. ޤައުމެއް ތަރައްޤީވެ ދިޔުމާ އަދި ޤައުމެއްގެ ރައްޔިތުންގެ ހާލަތު އެއް ހާލަތުން އަނެއް ހާލަތަށް ބަދަލުވެ މިދަނީ، ވަކި ޚާއްޞަ ކަންތައްތަކެއް ވަކި ގޮތަކަށް އަޅުގަނޑުމެންނަށް ކުރެވުނީމައޭ. އޭގެ ތެރޭގައި އަޅުގަނޑުމެން އަބަދުވެސް ފާހަގަކުރަމުން އައި އެންމެ ބޮޑު އެއް ނުކުތާއަކީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެ އުޅުމުގެ ޙައްޤާއި އަދި ޞުލްޙަވެރި ސިޔާސީ ޙަރަކާތް ހިންގުމުގެ ފުރުސަތު ރައްޔިތުންނަށް ނުލިބޭހާ ހިނދެއްގައި     އެ ރައްޔިތަކު ތަރައްޤީވެއެއް ނުދާނެޔޭ، އެޤައުމެއް ތަރައްޤީވެއެއް ނުދާނެޔޭ. އަޅުގަނޑުމެންގެ ރާއްޖެ، އަޅުގަނޑުމެންގެ އަތޮޅުތައް، އަޅުގަނޑުމެންގެ ރަށްތައް މިހާރު އަޅުގަނޑުމެން މިތިބޭ ހާލަތުން އެހެން ހާލަތަކަށް ބަދަލުވުމަށް ހިނގި މިއަހަރުގެ ކުރީގައި އަދި ތަންކޮޅެއް ފުޅާކޮށް އަޅުގަނޑު ދަންނަވަނީނަމަ މީގެ ހަތަރު ފަސް އަހަރެއް ކުރީއްސުރެ ފަށައިގެން މި މަސައްކަތް އަޅުގަނޑުމެންނަށް މިއަންނަނީ ކުރެވެމުން. އިރާދަކުރެއްވިއްޔާ ފެބްރުއަރީ 5 ވަނަ ދުވަހު މިޤާއިމުކުރެވޭ ލޯކަލް ކައުންސިލްގެ އިންތިޚާބު ވެގެންދާނީ، އަޅުގަނޑުމެންގެ މި މަސައްކަތުގެ ވަރަށް މުހިންމު އެއް ބޮޅަށް އަދި ވަރަށް މުހިންމު އެއް މުއައްސަސާ އުފެއްދޭ ވަގުތަށް.
 
 ރައްޔިތުންނާ ގާތުން ރައްޔިތުންނަށްޓަކައި ރައްޔިތުންގެ އިޙްސާސްތަކާ އެއްގޮތްވާ ގޮތުގެމަތިން ރައްޔިތުންގެ ކަންކަން ނިންމޭ އިންތިޒާމެއް ހޯދައިގެން މެނުވީ، އަޅުގަނޑުމެންގެ ތަރައްޤީއެއް އަޅުގަނޑުމެންނަކަށެއް ނުހޯދޭނެ. ތަރައްޤީގެ ބޭނުމަކީ، އަޅުގަނޑުމެންގެ ޖީބަށް ވަންނަ ފައިސާ އިތުރުވެގެން ދިޔުން. ނިޒާމެއް ފުރިހަމަ ކުރުމުގެ ބޭނުމަކީ އެނިޒާމެއް މެދުވެރިކޮށްގެން އަޅުގަނޑުމެންގެ އުންމީދުތައް ޙަޤީޤަތަކަށް ހެދޭނޭ މަގުތައް، އަޅުގަނޑުމެން އުންމީދުތައް ޙަޤީޤަތަކަށް ހެދޭނޭ ގޮތްތައް އަޅުގަނޑުމެން ހޯދުން. މި ސަރުކާރު، ސަރުކާރު ހިންގުމާ ހަވާލުވުމުގެ ކުރީގައި އަޅުގަނޑުމެން ވަރަށްގިނަ ރަށްރަށަށް ދަތުރުކުރިން. ވަރަށްގިނަ ގޭގެއަށް ދިޔައިން. ވަރަށްގިނަ މީހުންނާ ބައްދަލުކޮށް ހެދިން. މިކުމުންދޫއަށް އަޅުގަނޑު ކިތަންމެ ފަހަރަކު އައިން. މިރަށުގައ ހުރި ގޭގެއަށް އަޅުގަނޑު ދިޔައިން. މިރަށުގެ ވަރަށްގިނަ މީހުންނާ އަޅުގަނޑު ވާހަކަ ދެއްކީމު. އަދި އަޅުގަނޑުމެން އެތައްއެތައް ދަތުރެއްކޮށް ކިތަންމެ ބަޔަކާ ދެއްކި ވާހަކަތަކުގެ ޙަޤީޤަތްތަކުގެ މައްޗަށް ބިނާކޮށް، މި ސަރުކާރު ތިޔަބޭފުޅުންގެ ވާހަކަތަކުގެ މައްޗަށް ބިނާކޮށް މި ސަރުކާރުން އަޅުގަނޑުމެންގެ ޕާޓީން ފުރަތަމަ އެކުލަވާލެވުނީ އެމް.ޑީ.ޕީ.ގެ މެނިފެސްޓޯ. އެއަށްފަހު އެމެނިފެސްޓޯގެ މައްޗަށް ބިނާކޮށް ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީގެ އޮނިގަނޑު މިހާރު މިވަނީ ޤާއިމުކުރެވިފައި. އެޤައުމެއްގެ ތަރައްޤީގެ އޮނިގަނޑާ އެއްގޮތަށް ދައުލަތުގެ ބަޖެޓް އެކުލަވާލެވި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިމިވަނީ.
 
 އަޅުގަނޑުމެންގެ ހޯދުންތަކުން އަދި އަޅުގަނޑުމެންނަށް ފާހަގަވި ކިތަންމެ ޙަޤީޤަތެއް އެބަހުރި. ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ވަރަށްގިނަ ބަޔަކު އަބަދުވެސް ބުނަމުން ދިޔައީ، ރާއްޖޭގައި ހުރި ހެލްތް ޕޯސްޓްތައްވެސް، ހެލްތް ސެންޓަރުތައްވެސް، އަދި ހޮސްޕިޓާތައްވެސް އެކަށީގެންވާ ޚިދްމަތެއް އެތަންތަނަކުން ނުލިބެޔޭ. މިދިޔަ 30 އަހަރުވެސް ރައްޔިތުން ބޭނުންވި ޚިދްމަތް އެތަންތަނުން އޮތީ ނުލިބިޔޭ. އަދި ހަމަ އަޅުގަނޑުމެން ޤަބޫލުކުރާ އަނެއް ޙަޤީޤަތަކީ، މިދިޔަ ދެއަހަރު ތެރޭގައިވެސް އަޅުގަނޑުމެން އުންމީދުކުރާ، އެދޭ ޚިދްމަތްތައް އެތަންތަނުން ނުލިބިވާކަން.
 
އެތަންތަނުން މިދެންނެވި ފުރިހަމަ ޚިދްމަތް ނުލިބިވާއިރު ދެން އަޅުގަނޑުމެންނަށް އެނގޭ އަނެއް ޙަޤީޤަތަކީ، މިރާއްޖޭގެ ރައްޔިތުންގެ ތެރެއިން ތިންބައިކުޅަ އެއްބައި ރައްޔިތުންނަކީ ނިކަމެތި ފަޤީރުންނޭ. މިރާއްޖޭގެ ރައްޔިތުންގެ ތެރެއިން އެއްލައްކަ މީހުންނަކީ އެމީހުންނަށް ދުވާލެއްގެ މައްޗަށް ވިހި ރުފިޔާ އާމްދަނީގެ ގޮތުގައި ނުލިބޭ މީހުންނޭ. އެމީހުންނަކީ އ.ދ.އިން މިބުނާ ބަނޑުހައިހޫނުކަމުގެ ރޮނގުން ތިރީގައި ތިބި ރައްޔިތުންނޭ.
 
 އަޅުގަނޑުމެންނަށް ވިސްނުނީ ޤައުމެއް ތަރައްޤީ ކުރުމަށް، ރައްޔިތުންގެ އިޖްތިމާޢީ ރައްކާތެރިކަން ކޮންމެހެންވެސް ހޯދައިދޭންޖެހެޔޭ. މިއެއްލައްކަ މީހުންނަށް އަޅުގަނޑުމެންގެ މިހުރި ކަމުނުދާ އަދި ފުރިހަމަނުވި ނަމަވެސް ޞިއްޙީ ޚިދްމަތްތަކަށް އަތްފޯރާފަށެއް ނުވެޔޭ. އެމީހުންނަށް އެކަން ކޮށްދިނުމަށްޓަކައި އަޅުގަނޑުމެން ސިޔާސަތުތަކެއް އެބަ ތަންފީޒު ކުރަން ޖެހެޔޭ. ރައްޔިތުން ބޭސްސިޓީއަށް ސަލާން ޖަހާ ޖެހުން އަޅުގަނޑުމެން އެބަ ހުއްޓާލަން ޖެހެޔޭ. މަދަނައިގެ ވިއުގަ އުފެދިގެން އައީ، މިދެންނެވި ވިސްނުމުގެ ތެރެއިން. ސަރުކާރުގެ އަމާޒަކަށްވީ، މިދެންނެވި ބޭސްފަރުވާއަށް ދަތި މީހުންނަށް ބޭސް ފަރުވާގެ ހަމަތަކެއް، ބޭސް ފަރުވާ ލިބޭނެ ގޮތްތަކެއް ހަމަޖައްސައިދިނުން. އަޅުގަނޑު އުފާވާ ކަމަކީ މިރަށުގެ ރައްޔިތުންގެ ތެރެއިން 220 މީހުން މަދަނައިގައި މިހާރު ރަޖިސްޓަރީވެފައިވާކަން. އެ 220 މީހުންނަށް، އެއިން ކޮންމެ މީހަކަށް އެއްލައްކަ ރުފިޔާއާ ހަމައަށް ހިލޭ ބޭސްފަރުވާ އިރާދަކުރެއްވިއްޔާ މިހާރު މިއޮތީ ލިބޭގޮތް ހަމަޖެހިފައި. އެހެންވީމާ، މިރަށުގެ ރައްޔިތުންނަށް މުޅި ޖުމްލަ ބާވީސް މިލިއަން ރުފިޔާ މިއަހަރުގެ ބަޖެޓުގައިވެސް ބޭސްފަރުވާއަށްޓަކައި އެއްކައިރި ކުރެވިފައި އޮންނާނެ.
 
އަޅުގަނޑު މާލޭގެ ބައެއް ވިޔަފާރިވެރިންގެ ގާތުގައި އަހާ އެބަ އުޅެން، މިހާރު ބޭސްސިޓީއަށް ސަލާން ޖެހުމުގައި، ކުރީގައި މީހުން އައިސް އުޅޭ މިންވަރަށް އައިސް އުޅޭތޯ އޮޅުން ފިލުވުމަށް. މާލޭ ވިޔަފާރިވެރިން ބުނަނީ އެކަން މިހާރު ހިނގާލެއް މަދޭ. އަޅުގަނޑު ދަންނަވާނީ ކުމުންދޫ ވިޔަފާރިވެރިންވެސް މިކަން ބައްލަވައިފިއްޔާ ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނޭ، މިހާރު ބޭސްސިޓީއަށް ސަލާން ޖަހަން އަންނަ މީހުން އަދަދު ކުރިއަށްވުރެ އެތަން ތަނަކުން އޮންނާނީ މަދުވެފައޭ. އަޅުގަނޑުމެންގެ އަމާޒަކީ، އިޖްތިމާޢީ ރައްކާތެރިކަން ރާއްޖޭގެ ރައްޔިތުންނަށް ފޯރުކޮށްދިނުން. އަޅުގަނޑުމެންގެ ބޭނުމަކީ ވީހާވެސް ގިނަ ރައްޔިތުންނަކާ އަޅުގަނޑުމެންނަށް އަޅާލެވޭނޭ ގޮތްތަކެއް، އިންތިޒާމުތަކެއް ހަމަޖެއްސުން.
 
އިޖްތިމާޢީ ރައްކާތެރިކަމާ ގުޅޭގޮތުން އަޅުގަނޑުމެން ދެން އިތުރަށް ބުނަމުން ދިޔަ ވާހަކައަކީ، ރާއްޖޭގައި ދޮށީ ޢުމުރުގެ މީހުން، އުމުރުން 65 އަހަރުން މަތީގެ އެތައް ބައެއް މިއުޅެނީ ވަރަށް ބިކަހާލުގައޭ. އެމީހުންނާ އަޅާލާނެ ބައެއް މަދުވެ، އެމީހުންގެ ދަރިންނަށްވެސް އެމީހުންނާ އަޅާނުލެވޭ ފަހަރު ފަހަރު މިއަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނޭ. އަޅުގަނޑުމެން ދާ ރަށްރަށުގެ ހޮޅުއަށިތަކާއި އަދި މާލޭގައިވެސް ގޯތިގެދޮރު ވަށައިގެން އެންމެފަހުން އައިސް ބޮޑުކޮޓަރީގައި އިންނަ ކޮޅުފިލާ ގޮނޑިއަކަށް އަޅުގަނޑުމެންނަށް ފެނިފައި މިހުންނަނީ ގިނަފަހަރަށް މާމަ ނުވަތަ ކާފަ އައިސް ހުއްޓި ހުންނަތަން. އަޅުގަނޑުމެންނަށް އެނގޭ އަޅުގަނޑުމެންގެ ރާއްޖެ ބަދަލު ކުރަންވެއްޖެނަމަ އިޖްތިމާޢީ ރައްކާތެރިކަމެއް ގިނަ ރައްޔިތުންނަށް ހޯދައިދެވިގެން ނޫނިއްޔާ އަޅުގަނޑުމެންނަކަށް އެކަން އެގޮތަކަށެއް ނުވާނެޔޭ. ކުރީ ސަރުކާރުވެސް އަދި އަޅުގަނޑުމެން އެންމެންވެސް ދިރުވަންޖެހޭ އެއްކަމަކީ މިރަށުގެ 71 މީހުންނަށް، 65 އަހަރުން މަތީގެ 71 މީހުންނަށް ކޮންމެ މަހަކު ދެހާސް ރުފިޔާ ދެވެމުންދާކަން. އަޅުގަނޑުމެންނަށް ލިބޭ އުފަލެއް އެއީ މިރަށަށް ކޮންމެ މަހަކު އެއްލައްކަ ސާޅީސް ދެހާސް ރުފިޔާ މިދެންނެވި ޕެންޝަންގެ ގޮތުގައި ޚަރަދު ކުރެވެމުން އަންނަކަން. އަޅުގަނޑުމެންގެ ބޭނުމަކީމ ރާއްޖޭގެ ވީހާވެސް ގިނަ ބަޔަކަށް މިރައްކާތެރިކަން ހޯދައިދިނުން. އެކަނިވެރި މައިންނަށާއި، ޔަތީމު ކުދިންނަށާއި، ނުކުޅެދޭ މީހުންނަށްވެސް މިރައްކާތެރިކަން ހޯދައިދިނުމޭ.
 
އަޅުގަނޑު ގާތުގައި ވަރަށްގިނަ މީހުން އަހާ، ރައީސޭ ބާވީސް މިލިއަން ރުފިޔާއަށް ކީއްވެގެންހޭ މިރަށުގައި ބަނދަރެއް ނޭޅީ. ބާވީސް މިލިއަން ރުފިޔާއަށް ކީއްވެހޭ މިރަށުގައި ވަށާފާރެއް ނުރޭނީ. ކީއްވެހޭ ބޯޅަދަނޑު އެއްވަރު ނުކުރީ. އަޅުގަނޑުމެން އަބަދުވެސް ފާހަގަކުރަމުންގެންދާ ޙަޤީޤަތެއް ކޮންމެ ކަމެއްވެސް ކުރަންޖެހޭ ތަރުތީބުތަކެއް އެބަހުރޭ. ޤައުމެއް ތަރައްޤީވެ މިދަނީ ވަކި ޚާއްޞަ ކަންތައްތަކެއް ވަކި އިރެއްގައި ވަކި ގޮތަކަށް ކުރީމައޭ. އަޅުގަނޑުމެންނަށް ޢިމާރާތްތަކެއް ހެދިދާނެ. ކޮންކްރީޓް އެޅިދާނެ. އެހެންނަމަވެސް، ރާއްޖޭގެ ރައްޔިތުން ފަޤީރު ކަމުގައި، ބިކަހާލުގައި އެ ޢިމާރާތްތަކަށް ނުވަދެވޭ ގޮތުގައި ތިބީމާ        އެ ޢިމާރާތްތައް ހުންނާނީ ހުސް ޢިމާރާތްތަކެއްގެ ގޮތުގައި. އަޅުގަނޑުމެންނަކަށް އެތަކެތި އެތަންތަން ބޭނުމެއް ނުކުރެވޭނެ. އަޅުގަނޑުމެންގެ އަމާޒަކީ، ރާއްޖޭގެ ރައްޔިތުންނަށް އިޖްތިމާޢީ ރައްކާތެރިކަން ހޯދައި ދިނުން. އިރާދަކުރެއްވިއްޔާ މިއަހަރުގެ ބަޖެޓު ތަންފީޒުވެ ނިމޭއިރުގައި އަޅުގަނޑުމެންގެ އަމާޒަށް، މާކުރިއަށް އަޅުގަނޑުމެން މިއުންމީދު ކުރި ވަރަށްވުރެ މާ ކުރީގައި    އެ އަމާޒަށް އަޅުގަނޑުމެންނަށް ވާސިލުވެވޭނެ. ރާއްޖޭގެ ވަރަށްގިނަ ރައްޔިތުންނަށް އިޖްތިމާޢީ ރައްކާތެރިކަން އަޅުގަނޑުމެންނަށް ފޯރުކޮށްދެވޭނެ.
 
ރާއްޖޭގައި ތަރައްޤީ އަޅުގަނޑުމެންނަށް ހޯދުމަށްޓަކައި ބޭނުންވާ އެންމެ މުހިންމު އެއް ވަސީލަތަކީ އިންސާނާ. އެމީހާ ތަރައްޤީވީމާ ނޫނީއްޔަކާއެއް އަޅުގަނޑުމެންނަކަށް ތަރައްޤީއެއް ނުހޯދޭނެ. އިންސާނާ ތަރައްޤީވުމަށް، އިންސާނާ ކުރިއަރައި ދިޔުމަށް އަޅުގަނޑުމެންގެ ދަރިންނާއި، އަޅުގަނޑުމެންގެ ޒުވާން ޖީލަށް ރަނގަޅު ތަޢްލީމެއް ދިނުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް. ވަށާޖެހޭ ތަޢްލީމެއްގެ ނިޒާމު ޤާއިމު ކުރުމަށްޓަކައި މިދިޔަ އަހަރު މިރަށުގައި، މިމަދަރުސާގައި ހަތަރު ކްލާސްރޫމްގެ މަސައްކަތް ކުރުމަށް ނިންމުނު. އެހެންނަމަވެސް ފަހުން އަޅުގަނޑު އެކަން މަޑުކުރީ މިއަހަރު ހަ ކްލާސްރޫމްގެ މަސައްކަތް ހިންގުމުގެ ނިޔަތުގައި. އަޅުގަނޑު ފަހުން ހިސާބު ބެލިއިރުގައި މިސްކޫލް އެއްދަންފަޅިއަށް ބަދަލުވެ، އަދި ކުރިއަށް އޮތް ދިހަ އަހަރުދުވަހަށް، ޖާގަ އެކަށީގެންވާ ވަރަށް ހެދެން އޮތީ ހަތަރު ކްލާސްރޫމަކުންނެއްނޫން، ހަކްލާސް ރޫމުން. އެހެންވީމާ، މި 2010 ވަނަ އަހަރު އަޅުގަނޑުމެން އެކަން ނުކޮށް މިއަހަރުގެ ބަޖެޓުގައި އޮންނާނީ ހިމެނިފައި. އިރާދަކުރެއްވިއްޔާ 2012 ވަނަ އަހަރު މިމަދަރުސާ ހުޅުވޭނީ އެއްދަންފަޅިއަށް ކިޔަވާދޭ ވަށާޖެހޭ ތަޢްލީމެއް ދޭ މަދަރުސާއެއްގެ ގޮތުގައި. ސަބަބެއް ނެތިއެއް ނޫން، އަޅުގަނޑު މިމަދަރުސާ އެއްދަންފަޅިއަށް ހެދުމަށް އަޅުގަނޑުމެން ވިސްނަން ފެށީ. އެހެން ސްކޫލްތަކާ އަޅާބަލާއިރު މިމަދަރުސާ، މިސްކޫލްގެ ނަތީޖާތައް އެންމެ މޮޅު ނޫން ކަމުގައިވިޔަސްވެސް، އެންމެ ބާރަށް އަރަމުން އަންނަ އެއް ސްކޫލްގެ ގޮތުގައި އަޅުގަނޑަށް މިސްކޫލް ފާހަގވޭ. ކޮންމެ އަހަރަކުވެސް ނަތީޖާ ހޯދަމުން މިއަންނަނީ ކުރީ އަހަރަށްވުރެން ހަތަރު ފަސް ޕަސެންޓް ރަނގަޅުވަމުން. އެހެންވީމާ، ރަނގަޅުވަމުން އަންނަ އޮއިވަރެއްގައި އަޅުގަނޑުމެންނަށް އެހީތެރިވެދެވެން އޮތް މިންވަރަކަށް އެހީތެރިވެދިނުމަކީ، ކަމެއް ކާމިޔާބު ކުރުމުގެ ވަރަށްބޮޑު އަސްލެއް. އިރާދަކުރެއްވިއްޔާ މިއަންނަ އަހަރު މިސްކޫލް ރަނގަޅަށް އެއްދަންފަޅިއަށް ދާސްކޫލެއްގެ ގޮތުގައި ހަމަޖެހިގެންދާނެ.
 
އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ލިބޭ އަނެއް ކަމަކީ، މިދިޔަ 2010ވަނަ އަހަރު މިރަށުގެ ދަރިވަރުންނަށް ފޮތް، ފަންސުރު، ގަލަން ފޯރުކޮށދިނުމަށްޓަކައި އެއްލައްކަ ނުވަދިހަ ހާސް ހަތްސަތޭކަ ސާޅީސްރުފިޔާ ޚަރަދުވެފައި އޮތްކަމ، ސަރުކާރުން އެޚަރަދު ކޮށްދެވުނުކަމަކީ މިސަރުކާރު ހިތްހަމަޖެހޭ ކަމެއް، އަޅުގަނޑުމެންނަށް ހިތްހަމަޖެހުން، އުފާ ލިބޭ ކަމެއް. އަދި ހަމައެހެންމެ، މިރަށުގެ ކުދިން އޯލެވެލްގެ އިމްތިހާނަށާއި އަދި އެހެންވެސް އިމްތިޙާނުތަކުގެ ފީ ދެއްކުމުގެ ގޮތުގައި ސަރުކާރަށް ތިރީސްފަސްހާސް ރުފިޔާ ޚަރަދު ކުރުމުގެ ފުރުސަތު ލިބުނު ކަމީ އަޅުގަނޑުމެން ހިތްހަމަޖެހޭ ކަމެއް. މިދިޔަ އަހަރުގެ ތެރޭގައި އަދި އޭގެކުރީގައިވެސް އަޅުގަނޑު މިރަށަށް އަންނަ ކޮންމެ ފަހަރަކުވެސް، ކޮންމެ ސްކޫލެއްގެވެސް ފާޚާނާ އަޅުގަނޑު އެބަ ބަލަން. އަޅުގަނޑު މަދަރުސާގައި އުޅުނުއިރު، މަޖީދިއްޔާގައި ފާޚާނާ ހުންނަނީ ވަރަށް ނުތާހިރުކޮށް. އަދި އަޅުގަނޑަށް އެނގޭ، ފާޚާނާ ނުތާހިރުވީމާ ކިތަންމެ ދަރިވަރުންނަކަށް އޭގެ ކިތަންމެ އުނދަގުލެއް ފޯރާކަމާއި، އަދި ކުދިން އެންމެ ފަހުން އައިސް ސްކޫލަށް ނާންނަ ސަބަބެއްގެ ގޮތުގައި ބައެއް ފަހަރަށް އެކަން ވެގެންދާކަން. ސަރުކާރުން މަސައްކަތް ކުރީ، މުޅި ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ފާޚާނާތައް ރަނގަޅު ކުރުމުގެ މަސައްކަތެއް މިދިޔަ އަހަރު ހިންގަން. އިރާދަކުރައްވައިގެން ސަރުކާރަށް މިއޮތީ މިދިޔަ އަހަރު އެކަންވެފައި. އަދި ކަން ދިމާކުރިގޮތުން މިރަށުގައި ފާޚާނާއާއެކީގައި އަދި އިތުރު ބައެއް އަޅުގަނޑަށް ހީވަނީ، އަޅުގަނޑު ހަނދާންވާ ގޮތުގައި މިހޯލަށްވެސް މިހިރީ ބައެއް މަރާމާތް ގެނެވިފައި. އަޅުގަނޑުގެ ބޭނުމަކީ ރަނގަޅު ތަޢްލީމެއް ދަރިންނަށް ދިނުން. އަޅުގަނޑުމެންގެ އަމާޒަކީ މިރާއްޖޭގައި ޢިލްމް ލިބިގެންވާ ޤާބިލު އަދި ޒުވާން ވަރުގަދަ ހިތްވަރު ހުރި ޖީލެއް އުފެއްދުން. އަޅުގަނޑުމެން މިދަނީ އެމަސައްކަތް އެގޮތަށް ކުރަމުން.
 
ޤައުމެއް ތަރައްޤީވެދިޔުމަށް ކޮންމެހެން ބޭނުންވާ އެއްކަމަކީ ވިޔަފާރި، އާމްދަނީ އިތުރުވުން. އަޅުގަނޑުމެން ޖީބަށް މިއަދު ވަންނަ އަދަދު މާދަމާ އިތުރުވެ ދިޔުން. އެކަމަށްޓަކައި އިތުބާރު ކުރެވޭ، އިތުބާރު ވިޔަފާރި އަދި އިތުބާރު ވަޒީފާގެ ފުރުސަތުތަކެއް ރަށްރަށުގައި އުފެއްދުމަކީ، ކޮންމެހެން ބޭނުންތެރި ކަމެއް. އަޅުގަނޑުމެންނަށް އަބަދަކު ނުތިބެވޭނެ ހުރިހާ ވަޒީފާއެއް އެއީ، ސަރުކާރުން ދޭ ވަޒީފާއަށް ނިންމައިގެން ތބެގެނެއް، އަޅުގަނޑުމެން މިއެދޭ ތަރައްޤީ އަޅުގަނޑުމެންނަކަށެއް ނުހޯދޭނެ. އަމިއްލަ ފަރާތްތަކަށް ލުއިލޯނުދީގެން، އަމިއްލަ ފަރާތްތަކުގެ ބައިވެރިވުން ބޮޑުކޮށްގެން، ވަޒީފާގެ ފުރުސަތުތައް އިތުރު ކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް. މިއަހަރުގެ ބަޖެޓުގެ އެންމެ މުހިންމު އެއް އަމާޒަކީ، މިދެންނެވި ސަރުކާރުގެ އަމާޒަކީ ކުރިއަށް މިއޮތް ތިން އަހަރުގެ ތެރޭގައި ވިހިހާސް އިތުރު ވަޒީފާ އުފެއްދުން. އިރާދަކުރެއްވިއްޔާ އޭގެ ތެރެއިން މިރަށަށް އެކަށީގެންވާ އަދަދެއްގެ ވަޒީފާ، ހިސާބު ޖެހުމަށްފަހު އެވަޒީފާތައް އުފެއްދުމަށް ބޭނުންވާ އިންވެސްޓްމަންޓް ނުވަތަ ބޭނުންވާ ލޯނުގެ އެހީ ސަރުކާރުން ފޯރުކޮށްދިނުމަށްޓަކައި އިރާދަކުރައްވައިގެން މިއަހަރުގެ ބަޖެޓުގައި މިވަނީ ހިމެނިފައި.
 
 ސަރުކާރުގެ އަމާޒަކީ، މިރަށުގައި ޓުއަރިޒަމްގެ ފުރުސަތުތައް ހުޅުވާލުން. އަޅުގަނޑުމެންނަށް މިރަށް އެގޮތަށް ފާހަގަވެގެން އަޅުގަނޑުމެންގެ ޤައުމީ ތަރައްޤީގެ މަޝްރޫޢުގައި، ޤައުމީ ތަރައްޤީގެ ޕްލޭންގައި މިވަނީ ހިމެނިފައި. އަޅުގަނޑަށް މަޢްލޫމާތު ލިބިފައިވާ ގޮތުގައި، އަޅުގަނޑަށް ޔަޤީން މިދިޔަ އަހަރުގެ ތެރޭގައި ޓުއަރިޒަމް މިނިސްޓަރު ހަމަ އަލަށް ވަޑައިގެންނެވި ގޮތަށް މިރަށަށް ވަޑައިގެންނެވި. އަދި ސަރުކާރުން މިހާރު މިގެންދަނީ އެކަމާގުޅޭ ޕްލޭންތައް ކުރަމުން. އެކަމާގުޅޭ ކަންތައްތައް ކުރިއަށް ގެންދިޔުމަށް. އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި މިކަމުގެ ޢަމަލީ މަސައްކަތް ފެށި، ތިޔަބޭފުޅުންނަށް އަޅުގަނޑު މިއުންމީދު ކުރަނީ އެންމެ ލަސްވެގެން މިއަންނަ އަހަރު ޖަނަވަރީގައި މިރަށަށް ޓުއަރިޒަމްގެ ވިޔަފާރި ފުޅާ ގޮތެއްގައި ހުޅުވާލެވޭނެކަން އަޅުގަނޑުމެންނަށް މިއަންނަނީ ފެންނަމުން.
 
ހަމަ އޭގެ އިތުރުން، އަޅުގަނޑުމެން ދައްކަމުން އައި އަނެއް މުހިންމު ވާހަކައަކީ، ރާއްޖޭގެ މަސްވެރިން ބާނާ މަހުގެ އަގު މިހާރު އޭރުގައި ހުރި މިންވަރަށްވުރެ އެތައް ތަނަކުން ބޮޑުކުރެވެން ހުރި ކިތަންމެ ސިޔާސަތެއް އެބައޮތޭ. މީގެ ކުރީގައި 2008ވަނަ އަހަރުގެ ކުރީގައި އެނގިވަޑައިގަންނަވާނެ، މަސް ކިލޯއެއް ކިލޯއެއް ހަމަނުވާ މަހަކުން މިގަންނަނީ އެއްރުފިޔާ ފަންސަވީސް ލާރިއަށް. އެހެންނޫނިއްޔާ ދެރުފިޔާ ބަޔަށް. ދެން އެންމެ ބޮޑުވެގެންވެސް ފަސްރުފިޔާއަށް. އަޅުގަނޑުމެންގެ ސިޔާސަތަކަށްވީ ރާއްޖޭގެ މަސްވެރިކަމުގެ ސިޔާސަތު ހުޅުވާލުން. އޭގެތެރެއަށް ވާދަވެރިކަން ގެނައުން. އެ ވާދަވެރިކަމުގެ ތެރޭގައި އެނގިވަޑައިގަންނަވާނެ، މިހާރު މަސްކިލޯއެއްގެ އަގަކީ އެންމެ ކުޑަވެގެން ދިހަރުފިޔާ. މަސްވެރިންގެ އާމްދަނީ އެއޮތީ މިދިޔަ ދެއަހަރުގެ ތެރޭގައި ދެގުނައަށް ބޮޑުވެފައި. އަޅުގަނޑުމެން އުންމީދު މިކުރަނީ ބޮޑުވާ އާމްދަނީގެ ތެރެއިން އަޅުގަނޑުމެންނަށް މިރަށްރަށުގެ ވިޔަފާރިއާއި އަދި މިރަށްރަށުގެ ތަރައްޤީ ފަހިވެގެންދާނެ ކަމަށް.
 
ސަރުކާރުން ހިލޭ އެހީގެ ގޮތުގަޔާއި އަދި އިޖްތިމާޢީ ރައްކާތެރިކަމުގެ ގޮތުގައި މިރަށަށް ފޯރުކޮށްދޭ ފައިސާގެވެސް އިތުރު ބޭނުމަކީ، އެފައިސާ ބޭނުންކޮށްގެން މިރަށުގެ ތަރައްޤީ، އަދި މިރަށުގެ ވިޔަފާރި އެތަންތަނެއް ކުރިއަށްވުރެ ފުޅާވެގެންދާނެ ކަމަށް. ސަރުކާރުގެ ވަރަށްބޮޑު އަމާޒެއް އެއީ، ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ. ދިގުމުއްދަތުގައި ފައިސާ ދައްކާ ޚަލާސްކުރާ އުޞޫލުން ގެދޮރު އަޅާދިނުން. އަޅުގަނޑުމެންނަށް ނިސްބަތްކޮށް އެ ވަޢުދު ނުވަތަ އެ އަމާޒުގައި އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރާނަން. އިރާދަކުރެއްވިއްޔާ 2011 ވަނަ އަހަރުގެ ތެރޭގައި އަޅުގަނޑުމެންނަށް އަދި އިތުރު ކިތަންމެ ތަނެއްގައި ޢިމާރާތް ކުރަން ފެށޭނެ. މިހާރު ކުޅުދުއްފުށީގައި، ރ. އަތޮޅުގައި އަދި އެހެންވެސް ފަސް ރަށެއްގައި އަދި އޭގެ އިތުރުން މާލޭގައި ވަރަށްގިނަ އަދަދަކަށް ފްލެޓެ ޢިމާރާތް ކުރަން ފެށިއްޖެ. އަޅުގަނޑުމެންގެ އުންމީދަކީ، މިރަށުގައިވެސް އަޅުގަނޑުމެން އަމާޒުކޮށްފައި އޮތް މިންވަރަށް ގެއަޅައި އަދި ދިގުމުއްދަތުގައި ފައިސާ ދައްކާ ޚަލާސްކުރާ އުޞޫލުން މިރަށު ރައްޔިތުންނަށް އެ ގެތައް ލިބޭނޭގޮތެއް ހަމަޖައްސައި ދިނުން. އެއީ، އަޅުގަނޑުމެން ހިންގާނެ ކަމެއް. އަޅުގަނޑުމެން ވެފައިވާ ވަޢުދުތައް ވެފައި އެހުރީ އަޅުގަނޑުމެން ބެލި ބެލުމުގައި ޤައުމެއް ތަރައްޤީ ކުރުމަށް ކުރަންޖެހޭ ކަންކަން އެއީ، އަޅުގަނޑުމެންގެ ވަޢުދުގެ ގޮތުގައި އަޅުގަނޑުމެން ނިންމީ. އަޅުގަނޑުމެންގެ ހުރިހާވެސް ބޭނުމަކީ މި ސަރުކާރު ދެމި އޮންނަނީ ހަމަ އެންމެ ބޭނުމަކަށްޓަކައި. އެއީ، އަޅުގަނޑުމެންގެ ވަޢުދު ފުއްދުމަށް. ތިޔަބޭފުޅުންނަށް އަޅުގަނޑުމެން ޚިދްމަތް ކޮށްދިނުމަށް.
 
މި ސަރުކާރަކުންނެއްވެސް އަދި އަޅުގަނޑުމެން އެދޭ މިންވަރަކަށް އެދޭ ހުރިހާ ކަމެއް ފުރިހަމަވަމަކުންނެއް ނުދޭ. އަޅުގަނޑުމެން އެދޭ މިންވަރާއި އަޅުގަނޑުމެންނަށް ލިބޭ މިންވަރުގެ ތަފާތު ފަރަގު އެބައޮވޭ. އަޅުގަނޑުމެންގެ އަމާޒަކީ، އެތަފާތު ހަނިކުރުން. އެތަފާތު ކުޑަކުރުން. ހަމައެހެންމެ އަޅުގަނޑުމެންގެ އަމާޒަކީ، މިރާއްޖޭގެ ޒުވާން ޖީލަށް ތަރައްޤީއަކީ ކޮބައިތޯ މިވިސްނާ ވިސްނުމުގައި އެޖީލުވެސް އިތުރަށް ބައިވެރިވެގެން ތަރައްޤީއާ ގުޅޭގޮތުން ވިސްނުން. ރަށަށް ބޭނުންވަނީ ކޮން ކަމެއްތޯ؟ ރަށަށް ބޭނުންވަނީ ރަށުގެ ތަރައްޤީ. ރަށަށް ބޭނުންވަނީ ވިޔަފާރީގެ ފުރުސަތު. ރަށަށް ބޭނުންވަނީ އާމްދަނީ. ރަށަށް ބޭނުންވަނީ ފައިސާ. އަޅުގަނޑުމެން މަސައްކަތް ކުރަމުން މިގެންދަނީ އިރާދަކުރެއްވިއްޔާ އެމަގަށް ބަދަލު ކުރުމަށްޓަކައި އަޅުގަނޑު ކުމުންދޫ ހުރިހާ ރައްޔިތުންނަށް ޔަޤީންކޮށް އަރުވަން، އަޅުގަނޑު މިރަށަށް އައުމާއި، އަޅުގަނޑު މިރަށަށް އަޅާލުމާ، އެއީކީއެއް އަޅުގަނޑު ކުރުން ހުއްޓާލާނެ ކަމެއް ނޫން. އަޅުގަނޑު މިކަންކުރަން ފެށީކީ ކުމުންދޫ މީހަކު ބުނެގެނެއްވެސް ނޫން އަދި އެހެން މީހަކު ބުނެގެނެއްވެސް ނޫން. އަދި އެހެންވީމާ، އަޅުގަނޑުމެންނެއް، އަޅުގަނޑެއް ހަމަގައިމުވެސް މިކަން ކުރުން ހުއްޓައެއް ނުލާނަން. އަޅުގަނޑު ގަޔާވާ ރަށެއްމިއީ. އަޅުގަނޑު ހިތްހަމަޖެހޭ ރަށެއްމިއީ. އަޅުގަނޑު އަންނަ ހިތްވާ ރަށެއްމިއީ. އަޅުގަނޑަށް ފުރުސަތު ލިބުނު ވަރަކުން އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުން ކައިރިއަށް އަޅުގަނޑު އަންނާނަން. އަޅުގަނޑު ވަރަށް ކުރީއްސުރެ ފަށައިގެން ދަންނަ ރަށެއްމިއީ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިއެދޭ ބަދަލު މިރަށަށް އަޅުގަނޑުމެން ގެނެސްދޭނަން.
 
އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.
 
           اَلحَمْـدُ لِلّـهِ. والســّلام عليــكم.
_______________________