بســماللّـهالرّحمـنالرّحيــم

 
ދިވެހި ދައުލަތުގެ ވަޒީރުން. ސަރުކާރުގެ އިސްބޭފުޅުން. އަދި ވޭވަށުގެ އިސްވެރިންނާއި، ވޭވަށުގެ އެންމެހާ ލޮބުވެތި ރައްޔިތުން.
 
السّـلام عليـكم
 
އަޅުގަނޑުމެން އަބަދުވެސް ފާހަގަކުރާ ނުކުތާއެއް، ދިވެހިރާއްޖެއަކީ ޖަޒީރާ ޤައުމެކޭ. މިޤައުމުގައި ރައްޔިތުން ދިރިއުޅެމުން އަންނަނީ، ބައެއްފަހަރަށް ބޮޑެތި ރަށްރަށުގައި މަދުމީސްކޮޅެކޭ. ނުވަތަ ބޮޑެތި ރަށްރަށުގައި ގިނަ ބައިވަރު ބައެކޭ. އަނެއްބައިފަހަރަށް ކުދިކުދި ރަށްރަށުގައި ވަރަށްމަދު މީސްކޮޅެއް ތިބެއޭ އެހެން ނަމަވެސް، ޖަޒީރާތަކެއްގެ ސިފައިގައި، މި ދިވެހިރާއްޖެއޭ އަޅުގަނޑުމެން މިކިޔަނީ މިހުރިހާ ރަށެއް އެކުވެ، މި ހުރިހާ ރަށެއް އެކީގައި ކުރިއަށް ދެވޭނޭ ގޮތްތައް އަޅުގަނޑުމެންނަށް ހޯދުމަށްޓަކައޭ.
 
ރާއްޖޭގައި ކުޑަ ރަށެއްވިޔަސް، އަދި ބޮޑު ރަށެއްވިޔަސްވެސް، ސަރުކާރުގެ ހަމަ ސިޔާސަތަކީ އެއްސިޔާސަތެއް. އެއީ، ރައްޔިތުންގެ ތަރައްޤީ ހޯދުމަށް މަސައްކަތް ކުރުން. އަޅުގަނޑުމެން މިރަށާއި އަތޮޅާއި އަދި ޤައުމު ތަރައްޤީ ކުރުން. އަޅުގަނޑުމެންގެ ޙާލަތު، އެއްޙާލަތުން އަނެއް ޙާލަތަށް ބަދަލުކުރުމަށް އަޅުގަނޑުމެން މަސައްކަތް ކުރުން. ވޭވަށުގައިވެސް ސަރުކާރުން ހިންގާނެ މަސައްކަތަކީ މިދެންނެވީ. މިރަށުގެ ރައްޔިތުންގެ ޙާލަތު، އެއްޙާލަތުން އަނެއް ޙާލަތަށް ބަދަލުކުރުމަށް މަސައްކަތް ކުރުން. ޤައުމު ތަރައްޤީ ކުރުމުގައި އަދި ރަށެއް ތަރައްޤީ ކުރުމުގައި، ވަކި ޚާއްޞަ ކަންތައްތަކެއް، ވަކިއިރެއްގައި، ވަކިގޮތަކަށް ކުރާންޖެހޭކަމީ، އިންސާނީ ތަޖްރިބާ ދައްކާފައިވާ ޙަޤީޤަތެއް. އަޅުގަނޑުމެންނަށް އެބަ އެނގޭ، ރައްޔިތުންގެ ގާތުން ރައްޔިތުންނަށްޓަކައި ވެރިކަން އެބަ ހިންގާންޖެހޭކަން. އަޅުގަނޑުމެންނަށް އެބަ ސާފުވޭ، ރާއްޖޭގެ ވެރިކަން، ރާއްޖޭގެ ރައްޔިތުން އެދޭގޮތަށް ހިންގުމަށްޓަކައި ބޭނުންވާ ޑިމޮކްރަސީގެ ނިޒާމް އަޅުގަނޑުމެން މިދަނީ ކޮންމެ ދުވަހަކުވެސް ތަންފީޛު ކުރަމުން. އެ ނިޒާމް ޤާއިމް ކުރަމުން.
 
ދާދިއަވަހަށް، ތިބޭފުޅުންނާ އަޅުގަނޑުމެން އެންމެންނާ ކުރިމަތިލާނީ ވަރަށް މުހިންމު ދުވަހަކާ. އެއީ، ފެބްރުއަރީ 5 ދުވަހު، ރަށު ކައުންސިލްގެ އިންތިޚާބު ބޭއްވޭ ދުވަހު. އެދުވަހު އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މިއެދޭ ތަރައްޤީގެ ވަރަށްބޮޑު މިންވަރެއް ޙާޞިލް ކުރުމުގެ މުއައްސަސާއެއް ބިނާކުރެވޭނެ. އެހިސާބުން އަޅުގަނޑުމެންނަކަށެއް ދޫކޮށްލެވޭކަށެއް ނެތް. ސަރުކާރުގެ ޒިންމާއެއް، ސަރުކާރުގެ މަސްއޫލިއްޔަތެއް އެއީ، އެ ކައުންސިލްތައް މެދުވެރިކޮށް ތިޔަބޭފުޅުންގެ ތަރައްޤީގެ ކަންކަމަށް މަގުފަހިކޮށްދިނުން. ބޭނުންވީމާ، ބޭނުންވެލައްވާ ކިތަންމެ ކަމެއް. އަޅުގަނޑަށްވެސް ހަމަ އެކަންކަން ސާފު. އަދި އެކަންކަން ކުރެވޭނޭ ގޮތްތަކެއް ހޯދުމަކީ، ސަރުކާރުގެ އަމާޒު. އަޅުގަނޑުމެން ކުރަމުން ގެންދާނެ މަސައްކަތަކީ އެއީ.
 
އަޅުގަނޑަށް އެނގޭ، އަޅުގަނޑުމެން ގަބޫލުވެސް ކުރަން، ރާއްޖޭގެ ކިތަންމެ ރަށެއްގެ ހެލްތް ޕޯސްޓް، ހެލްތް ސެންޓަރ، އަތޮޅު ހޮސްޕިޓާ ނުވަތަ މާލޭގެ ހޮސްޕިޓާވެސް، ބޭސްފަރުވާ އަޅުގަނޑުމެން އެންމެ އެދެވޭ މިންވަރަކަށް އެތަންތަނަކުން ނުލިބޭ. އެހެން ނަމަވެސް، ދިވެހިރާއްޖެއާ ގުޅޭ އަނެއް ޙަޤީޤަތަކީ، މި ރާއްޖޭގެ ރައްޔިތުންގެ ތިންބައިކުޅަ އެއްބައި ރައްޔިތުންނަކީ، ނިކަމެތި ފަޤީރުންކަން. އެމީހުންނަކީ ދުވާލެއްގެ މައްޗަށް، އެމީހުންނަށް ދިހަ ބާރަ ރުފިޔާވެސް ނުލިބޭ މީހުންކަން. އެމީހުންނަކީ އ.ދ. އެބުނާ ބަނޑުހައިހޫނުކަމުގެ ރޮނގުން ތިރީގައި ތިބި ފަޤީރުން، ނިކަމެތިން.
 
ޤައުމެއް ތަރައްޤީ ކުރުމަށްޓަކައި ރައްޔިތުންގެ އިޖްތިމާޢީ ރައްކާތެރިކަމަކީ ކޮންމެހެން ބޭނުންތެރި ކަމެއް. އަޅުގަނޑުމެންގެ އެންމެ ބުރަ އަދި އެންމެ ބޮޑު މަސައްކަތެއްގެ ގޮތުގައި އަޅުގަނޑުމެން ފާހަގަކޮށްފައި އޮތް އެއްމަސައްކަތަކީ، ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ވީހާވެސް ގިނަބަޔަކަށް އިޖްތިމާޢީ ރައްކާތެރިކަން ހޯދައިދިނުން. އަޅުގަނޑުމެން އެބަސްތައް މީގެކުރީގައި ބޭނުންކުރަމުން ދިޔައިން އެހެން ގޮތަކަށް. އަޅުގަނޑުމެން ދެންނެވިން، އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ ސަރުކާރެއްގައި، ބޭސް ސިޓީއަށް ސަލާންޖެހުން އަޅުގަނޑުމެން ނައްތާލާނަމޭ. ބޭސް ސިޓީއަށް ސަލާންޖެހުން ނައްތާލުމުގެ ގޮތުން، މަދަނައިގެ ވިއުގަ އުފެދުނީ. އަޅުގަނޑު އުފާވޭ، މިރަށުގެ 79 ރައްޔިތަކު މަދަނައިގައި ރަޖިސްޓްރީވެފައި ތިބިކަމުން. އެނގިވަޑައިގަންނަވާނެ، އެއީ ގާތްގަނޑަކަށް މިރަށުގެ އާބާދީގެ ބޮޑުބައެއް. އެހެންވީމާ،        އެ ރައްޔިތުންނަށް ކޮންމެ މީހަކަށްވެސް އެއްލައްކަ ރުފިޔާގެ ބޭސްފަރުވާ ބަޖެޓްގައި ރައްކާކުރެވިފައި އޮންނާނެ. ވީމާ، އަޅުގަނޑުމެން ހިތްހަމަޖެހޭ ކަމެއް އެއީ، މި ވޭވަށަށްޓަކައި 7 މިލިއަން 9 ލައްކަ ރުފިޔާ މިފަހަރުގެ ބަޖެޓްގައި ބޭސްފަރުވާއަށް މަދަނައިގެ ވިއުގައިގެ ތެރެއިން ރައްކާ ކުރެވިފައިވާނެ.
 
އަޅުގަނޑުމެންގެ ބޭނުމަކީ، ރައްޔިތުންނަށް އިޖްތިމާޢީ ރައްކާތެރިކަމެއް ހޯދައިދިނުން. އަޅުގަނޑުމެންގެ ބޭނުމަކީ، ރައްޔިތުންނަށް ބޭސްފަރުވާ ލިބޭނެ މަގުތައް ފަހިކޮށްދިނުން. އެގޮތުން މިމަސައްކަތް ސަރުކާރުން ހިންގަމުން މިދަނީ. އަދި ހަމަ އޭގެއިތުރުން، އިޖްތިމާޢީ ރައްކާތެރި ކަމަށްޓަކައި ސަރުކާރުން އަބަދުވެސް، ހަމަގައިމުވެސް އަޅުގަނޑު ނިސްބަތްވާ ޕާޓީގެ ފަލްސަފާއަކީ، އެޕާޓީ ގަބޫލުކުރަނީ، ރާއްޖޭގައި ޕެންޝަނެއް އެންމެ ޙައްޤު އެއްބަޔަކީ ދޮށީޢުމުރުގެ މީހުން ކަމަށް. އެހެންވީމާ، ސަރުކާރުން ނިންމީ، ޢުމުރުން 65 އަހަރުން މަތީގެ ކޮންމެ މީހަކަށް، ދެހާސް ރުފިޔާގެ ޕެންޝަނެއް ދިނުން. އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ލިބޭ ކަމެއް އެއީ. މިރަށުގައިވެސް ކޮންމެ މަހަކުމެ، ދެހާސް ރުފިޔާ ލިބޭ 17 މީހުން ތިބިކަމާއި، އަދި މިރަށަށް އެހެންވީމާ، ތިންލައްކަ ހަތަރުހާސް ރުފިޔާ ކޮންމެ މަހަކުވެސް ސަރުކާރުން ޚަރަދު ކުރުމުގެ ފުރުޞަތު ލިބިގެންދޭ. އެއީ އަޅުގަނޑުމެން ދެކޭގޮތުގައި، މިރަށުގެ އިޖްތިމާޢީ ރައްކާތެރި ކަމަށްވެސް އަދި މިރަށުގެ އިޤްތިޞާދަށްވެސް، މިރަށުގެ އާމްދަނީ ލިބޭ މިންވަރަށްވެސް ފަހިކަމެއް ގެނެސްދޭނެ ކަމެއް.
 
އަދި ހަމަ އޭގެއިތުރުން، އެނގިވަޑައިގަންނަވާނެ، އެކަނިވެރި މައިންނާއި، ޚާއްޞަ އެހީއަށް ބޭނުންވާ ރައްޔިތުންނާއި، އަދި ޔަތީމު ކުދިންނާ، މިހެންގޮސް، އަޅުގަނޑުމެންގެ ތެރޭގައި އެކަނި ހާލަތައިގެން ނޫޅެވޭ ކިތަންމެ ބަޔަކަށް ސަރުކާރުން މިދަނީ އެހީތެރިކަން ފޯރުކޮށްދެމުން. މިރަށުގެވެސް އެނގިވަޑައިގަންނަވާނެ، އެބާވަތުގެ މީހުންނަށް ސަރުކާރުން މިދަނީ އެހީތެރިކަން ފޯރުކޮށްދެމުން. އަޅުގަނޑުމެންގެ އަމާޒަކީ، ތިޔަބޭފުޅުންގެ އިޖްތިމާޢީ ރައްކާތެރިކަން މިހާރަށްވުރެ ރަނގަޅުކޮށްދިނުން. އަޅުގަނޑުމެންގެ ބޭނުމަކީ، ދުޅަހެޔޮ ޞިއްޙަތެއްގައި ފުރިހަމައަށް ތިބި ރައްޔިތަކު ހޯދުން.
 
ޤައުމެއް ތަރައްޤީވުމަށް އެންމެ ބޮޑަށް ބޭނުންވަނީ، އެ ޞިއްޙަތުގައި ހުންނަ މީހާ ދޫކޮށްލުން. އޭނާ މިނިވަންވުން. އޭނާއަށް ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެ އުޅުމުގެ މިނިވަންކަމާއި، އަދި ހަމަ ޞުލްހަވެރި ސިޔާސީ ޙަރަކާތް ހިންގުމުގެ މިނިވަންކަން އޭނާއަށްދީ، ބަޙުޘް ހިނގުން. އެކިއެކި ތަރައްޤީގެ ކަންކަމާ ގުޅޭގޮތުން ރަށުގައި ވާހަކަ ދެކެވި، މަޝްވަރާ ކުރެވޭނޭ ނިޒާމު ހަމަޖެހުން. އިރާދަކުރައްވައިގެން، ކައުންސިލާއެކީގައި އަޅުގަނޑުމެންނަށް މިކަން އަދި މާބޮޑަށް ފުރިހަމަވެގެންދާނެ.
 
މިފަހަރުގެ ބަޖެޓްގައި، ސަރުކާރުން ހިންގާން ބޭނުންވާ މައިގަނޑު ޕްރޮގްރާމްތައް ވާނީ އެކުލަވާލާފައި. އަދި މިފަހަރުގެ ބަޖެޓް ތަންފީޛު ކުރުން، ކުރީފަހަރުތަކާ ވަރަށް ތަފާތުވާނެ. ރަށު ކައުންސިލްތަކުން ހިންގާންހުރި މަސައްކަތާއި، އެމަސައްކަތް ހިންގުމަށް ބޭނުންވާ ފައިސާ މިރަށުގެ ބަޖެޓްގެ ގޮތުގައި ވާނީ ކަނޑައެޅިފައި. އަދި ކައުންސިލް ހަމަ އުފެދުމާއެކީގައި، އެބަޖެޓް ހިންގާން މިރަށަށް ލިބޭނެ. އެ ލިބޭ ޢަދަދަކީ، މީގެކުރީގައި މިއިން ރަށަކަށް ލިބުނު ޢަދަދަށްވުރެ މާގިނަ އިތުރު މިންވަރެއް. އަޅުގަނޑުމެން އުންމީދު މިކުރަނީ، އެފައިސާ ބޭނުންކޮށްގެން، ތިޔަބޭފުޅުންނަށް ތިޔަބޭފުޅުންގެ ރަށުގައި ހިންގާންހުރި މައިގަނޑު މަޝްރޫޢުތައް، މައިގަނޑު ޕްރޮގްރާމްތައް ހިންގުމުގެ މަގު ފަހިވެގެންދާނެއޭ.
 
އަޅުގަނޑު މިތަނަށް އަރައިގެން އައިއިރުގައިވެސް، ތިޔަބޭފުޅުން އެބަބުނޭ، ގްރޭޑް 7 އާ ހަމައަށް ކިޔަވޭނެ ގޮތެއް އެބަ ހޯދަންޖެހެއޭ. އަދި އެކަށީގެންވާ ރަނގަޅު ޓީޗަރުން ތިޔަބޭފުޅުން ބޭނުމޭ. އަޅުގަނޑު ހަމަ ހިތުގެ އަޑިން އެކަން ގަބޫލުކުރަން. އާދެ! އަޅުގަނޑު މިތާހުރެ، ތިޔަބޭފުޅުންނަށް މާދަމާ އެކަން ކޮށްދޭނަމޭ އަޅުގަނޑު ދަންނަވައިފިނަމަ، އެއީ އަޅުގަނޑު އެކަމުގެ ޙަޤީޤަތް އޮޅުންނުފިލުވައި، މިކަން ކުރެވެން އޮތް ގޮތެއްވެސް އަޅުގަނޑު ނުބަލައި، ހަމަ އަޅުގަނޑު ދުލުން ބުނެލި ބަހަކަށްވާނީ. އަޅުގަނޑު ދަންނަވާނީ، އަޅުގަނޑު މާލެ ގޮސް ބަލާނަމޭ. އަޅުގަނޑު މިނިސްޓްރީ އޮފް އެޑިޔުކޭޝަނާ ވާހަކަ ދައްކާނަމޭ. އަދި މިނިސްޓްރީއާ ވާހަކަ ދައްކައިގެން، އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ، އެއީ ކުރެވެން ކިރިޔާވެސް އޮތް ކަމެއް ކަމަށްވަނީވިއްޔާ، މިއަހަރު ތެރޭގައި އަޅުގަނޑުމެން އެކަން ކޮށްދޭނަމޭ. އަޅުގަނޑު ވަރަށް ހިތްހަމަޖެހުން ލިބޭ ކަމެއް އެއީ، މިރަށުގެ ދަރިވަރުންނަށް ފޮތް ފަންސުރު، ގަލަން، މިފަދަ ސާމާނު ހޯދުމަށްޓަކައި، މި 2010 ވަނަ އަހަރު ސާދަހާސް ހަތްސަތޭކަ ހަތްދިހަ އެއްރުފިޔާ ޚަރަދުކުރެވިފައި އޮތްކަމީ، މި ސަރުކާރު ހިތްހަމަޖެހޭ ކަމެއް. އަޅުގަނޑުމެނަށް އުފާ ލިބޭ ކަމެއް.
 
އަޅުގަނޑުމެން އަބަދުވެސް މިދެކެނީ، ޤައުމެއް ތަރައްޤީވެދަނީ ހުޅުވާލެވިގެނޭ. ވިޔަފާރި ކުރިއަރުވައިގެނޭ. އަދި އެއްތަނެއްގައި ހުރި ޚިދްމަތްތަކާއި، އެއްތަނެއްގައި ހުރި މުދާ، އަނެއް ތަނަކުން ލިބޭނެގޮތް ނުވަތަ އަނެއް ތަނެއްގައި ހުންނަ މީހަކަށް ލިބޭނެ މަގު ފަހިވެގެންނޭ. އެކަމަށްޓަކައި އަޅުގަނޑުމެންގެ އެންމެ މުހިންމު އެއް ވަޢުދަކީ، ދަތުރުފަތުރުކުރުމުގެ ނިޒާމް. ސަރުކާރުން ނިންމާފައި އޮތީ، މުޅި ޖުމްލަ 7 އަހަރު ދުވަހުގެ ތެރޭގައި، އެ ނިޒާމް ފުރިހަމައަށް ޤާއިމް ކުރުން. ފުރަތަމަ ދެއަހަރު ދުވަހުގެ ތެރޭގައި، އެ ނިޒާމުގެ އަސާސީ ޚިދްމަތްތައްދޭން ފެށުން. އިރާދަކުރައްވައިގެން، މިރަށުގައި އަސާސީ ޚިދްމަތްތައް ވަރަށް ރަނގަޅަށް ދެމުން އެބަގެންދެވޭ. އަދި މިއަތޮޅުގައިވެސް އެ މަސައްކަތް ވަރަށް ރަނގަޅަށް ހިނގަމުން އެބަދޭ. އަޅުގަނޑު އުފާވާ ކަމެއް އެއީ، މިރަށުން 318 މީހުން ދަތުރަށް އެރިކަމާއި އަދި މިރަށުން 285 މީހުން މިރަށަށް ދަތުރު ނިންމާފައިވާތީ، މިދިޔަ ދެމަސްދުވަހުގެ ތެރޭގައި. އަޅުގަނޑުމެންގެ ބޭނުމަކީ، އަޅުގަނޑުމެންގެ އުންމީދަކީ، މިމަސައްކަތް އަދި މިޚިދްމަތް ވީހާވެސް ފުޅާވެގެންދިޔުން. ވީހާވެސް ގިނަގިނައިން އެކަންވާނެގޮތް ހޯދުން.
 
އަޅުގަނޑުމެންނަށް އަބަދުވެސް އެނގޭ ޙަޤީޤަތަކީ، ތަރައްޤީވެފައި ހުރި ޤައުމުތައް އަޅުގަނޑުމެން ބެލީމާ، އެއްވެސް ޤައުމެއް ނެތް، ތަރައްޤީ ކުރެވިފައެއް، ކޮންމެ ވަކިރަށަކީ ނުވަތަ އެއްފަސްކޮށް ހުންނަ ތަންތަންނަމަ ވިލެޖަކީ، ވަކި ޤައުމެއްގެ ގޮތުގައި ތަރައްޤީއެއް ނުކުރެވޭނެ. ކޮންމެ އާބާދީއެއްގެ ތެރޭގައި، ޤައުމަކަށް ބޭނުންވާ ހުރިހާ އެއްޗިއްސެއް ޤާއިމެއް ނުކުރެވޭނެ. އެހެންވީމާ، ޖެހިގެން އޮންނަ ތަނަށް ފަސޭހަކޮށް ދާންޖެހޭނެ، ދެވެންޖެހޭނެ. އެ ޖެހިގެން އޮންނަ ރަށުގެ، ޖެހިގެން އޮންނަ ސިޓީގެ، ޖެހިގެން އޮންނަ ޓައުންގެ ޚިދްމަތްތައް، އެންމެ އެކަހެރިފުށި ތަންތަނަށްވެސް ހޯދެންޖެހޭނެ. އެހޯދުމަށްޓަކައި ދަތުރުފަތުރު ކުރުމުގެ ނިޒާމް އެކުލަވައިލެވިފައި މިއޮތީ. އަދި އިރާދަކުރެއްވިއްޔާ، އެނިޒާމުގެ ތެރެއިން ބޭނުންވާ ފެރީ ޓަރމިނަލާއި، އަދި އެހެން ޚިދްމަތްތައްވެސް ދާދި އަވަހަށް މިރަށުގައިވެސް ލިބެން ފަށާނެ. އަޅުގަނޑުމެންގެ ބޭނުމަކީ، އެނިޒާމް ބޭނުންކޮށް، ރާއްޖޭގެ ރައްޔިތުންނަށް ތަރައްޤީ ހޯދައިދިނުން.
 
އަޅުގަނޑުމެން ސަރުކާރު ހިންގުމާ ޙަވާލުވުމާ ކުރީގައި ފާހަގަކުރިން ނުކުތާތަކެއް. އެއީ، އަޅުގަނޑުމެންގެ ވަޢުދުތައް. އެވަޢުދުތަކަކީ މި ސަރުކާރު އަދި އަޅުގަނޑު ނިސްބަތްވާ ޕާޓީ ވަރަށް ގިނަގިނައިން ތިޔަބޭފުޅުންނާއެކީގައި، ވަރަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްގެން، ވަރަށްގިނަ ގޭގެއަށް ގޮސް، ވަރަށްގިނަ ރަށްރަށަށް ޒިޔާރަތްކޮށް، ވަރަށްގިނަ މީހުންނާ ވާހަކަ ދައްކައި، ވަރަށްގިނަ ބަޙުޘްކޮށް، ވަރަށް އަޑު އުފުލައި އަދި ކިތަންމެ ވަރކްޝޮޕެއް ބާއްވައިގެން އަޅުގަނޑުމެން އެކުލަވައިލީ މެނިފެސްޓޯ. އޭގައި އެވަނީ، ރައްޔިތުން އެދޭ ކަންކަން. އެ ރައްޔިތުންގެ ވަޢުދުތަކުގެ ގޮތުގައި، ސަރުކާރުން ރައްޔިތުންނަށް ފުއްދައިދޭނެ ވަޢުދުތަކެއްގެ ގޮތުގައި        މި ސަރުކާރުން އެކަންކަން  އެއީ، ފުއްދައިދޭނެ ކަންކަން ކަމުގައި ވަޢުދުވީ. ސަރުކާރުގެ އަމާޒަކީ، އެވަޢުދުތައް ފުއްދައިދިނުން. ސަރުކާރުގެ ބޭނުމަކީ، އަޅުގަނޑުމެން އެންމެންގެވެސް ޢާންމު ޙާލަތު ރަނގަޅުވުން. ތިޔަބޭފުޅުންގެ މިއަދުގެ ޙާލަތު، ތިޔަބޭފުޅުންނަށް މިއަދު ލިބޭ އެއްޗަކަށްވުރެ ރަނގަޅު އެއްޗެއް މާދަމާ ލިބޭނެގޮތެއް ހޯދުން. އަޅުގަނޑުމެންގެ ބޭނުމަކީ، ހުރިހާ ބޭފުޅުންނަށްވެސް، އަނބިދަރިންނާ އެކީގައި އުޅެވުން. އަދި ވަޒީފާ އަދާކުރާނެ ފުރްޞަތު ހޯދުން.
 
ވަޒީފާދޭން އޮތް ހަމައެކަނި ފަރާތަކީ ސަރުކާރު ކަމަށް އެއްގޮތަކަށްވެސް ދެކެވަޑައިގެންނެއްނުވާނެ. އަމިއްލަ ވިޔަފާރި ފުޅާކޮށް އަދި އެވިޔަފާރިތައް ތަރައްޤީކޮށް،        އެ ވިޔަފާރިތަކުގެ ތެރެއިން އިތުބާރުހުރި ވަޒީފާ އިރާދަކުރެއްވިއްޔާ، އުފެއްދޭނެ. މިފަހަރުގެ ބަޖެޓްގައި މިރަށަށްވެސް އިންވެސްޓްމަންޓް ފަހިކުރުމަށްޓަކައި އަދި ރަށުގެ ކުދި މެދު ފަންތީގެ ވިޔަފާރިތައް ފުޅާކުރުމަށްޓަކައި ލުއި ލޯނުގެ ޚިދްމަތްތައް، އިރާދަކުރެއްވިއްޔާ މި 2011 ވަނަ އަހަރު ތެރޭގައި ފެށިގެން ކުރިއަށްދާނެ.
 
އަޅުގަނޑުމެން ވަޢުދުވަމުން އައީ، ރާއްޖޭގެ މަސްވެރިން ބާނާ މަހަށް، ހަމަ އަގު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހޯދައިދޭނަމޭ. އެނގިވަޑައިގަންނަވާނެ، މީގެކުރީގައި ކިލޯއެއް ހަމަނުވާ މަހަށް މިލިބެނީ އެއްރުފިޔާ ފަންސާސް ލާރި ނުވަތަ ދެރުފިޔާ ބައި ނުވަތަ ގިނަވެގެން ފަސްރުފިޔާ. މިއަދު މަސްވެރިން ބައްލަވާލައްވާ، ދިހަރުފިޔާއަށް ކިލޯއެއް.  އެންމެ ކުޑަވެގެން. މިކަމުގެ އެންމެބޮޑު ސިއްރަކީ، ސަރުކާރުގެ ސިޔާސަތު ބަދަލުވުން. ވާދަވެރި މާޙައުލުގެ ތެރެއަށް މަސްވެރިކަމުގެ ޞިނާޢަތްވުން. ރޯމަސް ގަތުމުގެ ވާދަވެރިކަން ވިޔަފާރިވެރިންގެ ތެރޭގައި ހިމެނުނީމާ، އޭގެ ފައިދާ، އެއްވިޔަފާރިވެރިއަށްވުރެން އަނެއް ވިޔަފާރިވެރިޔާ ގިނައިން މަސް ގަތުމުގެ ބޭނުމުގައި، އެފައިދާ ކުރަމުންދާނީ މަސްވެރިންނަށް. އެހެންވީމާ، އަޅުގަނޑުމެންގެ ބޭނުމަކީ، މަސްވެރިންގެ އާމްދަނީ އަދިވެސް އިތުރުވުން. އަދިވެސް ފުޅާވުން. އެމީހުން އަދިވެސް ތަނަވަސްވުން. އެކަން ކުރުމަށްޓަކައި އިރާދަކުރެއްވިއްޔާ، މި ސަރުކާރުގެ ސިޔާސަތުތައް މިގޮތަށް ތަންފީޛު ކުރެވެމުން ދިޔައީމާ، އަޅުގަނޑުމެންނަށް އެކަން ކާމިޔާބުވެގެންދާނެ.
 
އެނގިވަޑައިގަންނަވާނެ، ބަޖެޓް މިހާރު މިވަނީ ފާސްކުރެވިފައި. ހިތާމައަކީ އަޅުގަނޑުމެންނަށް ބަޖެޓް ފާސްކުރުމުގައި، ތިޔަބޭފުޅުންގެ ވަކީލު ބައިވެރިވެވަޑައިނުގެންނެވިކަން. އެހެން ނަމަވެސް، އިރާދަކުރައްވައިގެން، އެމް.ޑީ.ޕީ.ގެ މެންބަރުންގެ އެހީތެރިކަމާއެކީގައި، ތިޔަބޭފުޅުންގެ ތަރައްޤީގެ މަޝްރޫޢުތަކާއި، ތިޔަބޭފުޅުންގެ އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ފައިސާއާއި، އަދި އެހެންވެސް ކަންކަމަށް ބޭނުންވާ ފައިސާ އެވަނީ ބަޖެޓްގައި ހިމެނި، ބަޖެޓް ފާސްކުރެވިފައި. އެހެންވީމާ، އަޅުގަނޑު ނިހާޔަތަށް އެމް.ޑީ.ޕީ.ގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށާއި އަދި ޑީ.އާރު.ޕީ.ގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ޝުކުރު ދަންނަވަން. އެބޭފުޅުންނަކީ ވަރަށްބުރަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅުން. އެބޭފުޅުންނަކީ ވަރަށް ގިނަގުނަ ދިމަދިމާލުން އެބޭފުޅުންގެ މަޝްވަރާތައް ހޯދަމުން އަދި އުނދަގޫތަކަށް ގެންނާން އޮތް އެންމެ ރަނގަޅު ޙައްލުތަކެއް، ކަންކަމަށް ގެނެސްދެމުން ވަޑައިގަންނަވާ ބޭފުޅުން. އަޅުގަނޑު އެބޭފުޅުންނަށް ޝުކުރު ދަންނަވަން ނިހާޔަތަށް.
 
އަޅުގަނޑުމެންގެ އަމާޒު އަޅުގަނޑު މިދަންނަވަނީ. އަދި ތިޔަބޭފުޅުންގެ ބޭނުން ތިޔަބޭފުޅުން ތިޔަފާހަގަކުރައްވަނީ. ތިބޭފުޅުން ބޭނުންވެލައްވަނީ، އިޖްތިމާޢީ މަރްކަޒެއް މިތާ ހުރުން. ތިޔަބޭފުޅުން ބޭނުންވެލައްވަނީ ގްރޭޑް 7 އާ ހަމައަށް މިތާ ކިޔަވައިދިނުން. ޙަޤީޤަތުގައި އަޅުގަނޑުމެން އެންމެންވެސް ބޭނުންވަނީ އަޅުގަނޑުމެންނަށް ރަނގަޅު ގޮތެއްވުން. މިހާރަށްވުރެ ރަނގަޅު ގޮތެއް، މާދަމާ އަޅުގަނޑުމެންނަށްވާނޭ އިންތިޒާމެއް، ވާނޭ ނިޒާމެއް އަޅުގަނޑުމެން ހޯދުން. އަނެއްކާވެސް އިޖްތިމާޢީ ސައިޓަކާ ގުޅޭގޮތުން އަޅުގަނޑަށް ދެންނެވެން އޮތީ، އަޅުގަނޑު މިތާހުރެ ތިޔަބޭފުޅުންގެ އަރިހު އާއެކޭ ދެންނެވޭކަށް ނެތް. އަޅުގަނޑު ޖެހޭނީ ގޮސް އަޅުގަނޑު އެކަން ބަލައި، އެއީ އަޅުގަނޑުމެންނަށް މިއަހަރު ތެރޭގައި ކުރެވެން އޮތް ކަމެއްތޯ ނުވަތަ މިއަހަރު ކުރެވެން ނެތިއްޔާ، ދެން ކިހިނެއްތޯ އަޅުގަނޑުމެންނަށް އެކަން ކުރެވެން އޮތީ. އަޅުގަނޑުމެން ބަޖެޓްގައި ހިމަނައިގެން ކުރިއަށް ގެންދިޔުން.
 
އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވާނީ، ތިޔަބޭފުޅުންގެ ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް އެންމެ ބުއްދިވެރީ، ރަށު ކައުންސިލް މެދުވެރިކޮށްގެން، އެކަން ކުރެވޭނެ ގޮތެއް ހޯދުމޭ. ރަށު ކައުންސިލަށް ފައިސާވެސް ލިބޭނެ. ބަޖެޓްވެސް ލިބޭނެ. އެ ބަޖެޓް ޚަރަދުކުރާނެ ގޮތްވެސް ނިންމާނީ ހަމަ ތިޔަބޭފުޅުން. އެހެންވީމާ، ސަރުކާރާ ގުޅިގެން، ސަރުކާރާއެކުގައި ރަށުގެ ތަރައްޤީ ގެނައިމާ އަޅުގަނޑު ނުދެކެން، މިއަށްވުރެ ވަކި ފަހި ފާގަތި ފުރްޞަތެއް އަޅުގަނޑުމެންގެ ރާއްޖޭގެ ރައްޔިތުންނަށް ލިބިފައިވާ ކަމަކަށް.
 
އަޅުގަނޑުގެ އުންމީދަކީ، މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ތިޔަބޭފުޅުންނަށް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.
 
واَلحَمْـدُ لِلّـهِ. والســّلام عليــكم.
                 _______________________