بســماللّـهالرّحمـنالرّحيــم

 
ދައުލަތުގެ ވަޒީރުން، ސަރުކާރުގެ އިސްވެރިން، ރަތްމަންދޫގެ އިސްވެރިން، އަދި މިއަތޮޅުގެ އިސްވެރިންނާއި، އަދި ވަކިން ޚާއްޞަކޮށް، މިރަށުގެ ލޮބުވެތި ރައްޔިތުން.
 
السّـلام عليـكم
 
އަޅުގަނޑުމެންގެ ސަރުކާރުގެ އަބަދުވެސް އަމާޒަކީ، މި ރާއްޖޭގެ ތަރައްޤީއަށް މަގުފަހިވާނޭ ކަންކަމާއި، ގޮތްގޮތާއި، ހަމަތައް ދެނެގަނެ، އެމަގުން ސަރުކާރުގެ ސިޔާސަތު ތަންފީޛުކޮށް، ތަރައްޤީއަށް މަގުފަހިވާނެ ގޮތްތަކެއް ހޯދުން. އަޅުގަނޑުމެންގެ ބޭނުމަކީ، ރާއްޖޭގެ ރައްޔިތުންގެ ޖީބަށް ހަމަ ތިޔަބޭފުޅުންގެވެސް، ރަތްމަންދޫ ރައްޔިތުންގެވެސް ޖީބަށް ވަންނަ ފައިސާގެ ޢަދަދު، ދިވެހި ރުފިޔާގެ ޢަދަދު، އެއްދުވަހުން އަނެއް ދުވަހަށް އިތުރުވެގެންދާނޭ ގޮތްތަކެއް ހޯދުން. އަޅުގަނޑުމެންގެ ބޭނުމަކީ، ރާއްޖޭގެ ރައްޔިތުންނަށް ވީހާވެސް ބޮޑު ތަނަވަސްކަމެއް ހޯދައިދިނުން.
 
ޤައުމެއް ތަރައްޤީ ކުރުމަށްޓަކައި، ޤައުމެއް ތަރައްޤީވެދިޔުމަށްޓަކައި އަޅުގަނޑުމެންނަށް އެބަ އެނގޭ، ވަކި ޚާއްޞަ ކަންތައްތަކެއް، ވަކިގޮތަކަށް އެބަކުރާންޖެހޭކަން. އޭގެތެރޭގައި، ރައްޔިތުންގެ އިޖްތިމާޢީ ރައްކާތެރިކަމަކީ ވަރަށް މުހިންމު އެއްކަންތައް. ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ކޮންމެ ތިންމީހެއްގެ ތެރެއިން އެކަކީ، ވަރަށްބޮޑު، ވަރަށް ނިކަމެތި ފަޤީރެއް. ރާއްޖޭގެ ރައްޔިތުންގެ ތެރެއިން އެއްލައްކަ މީހުންނަކީ، އ.ދ. އެބުނާ ބަނޑުހައިހޫނުކަމުގެ ރޮނގުން ދަށުގައި ތިބި މީހުން. އެމީހުންނަށް ދުވާލެއްގެ މައްޗަށް ދިހަ ބާރަ ރުފިޔާވެސް ނުލިބޭ.
 
ސަރުކާރަށް ވަރަށް ސާފު، މިދިޔަ ދިގު 30 އަހަރުވެސް އަދި މިވޭތުވެދިޔަ ދެއަހަރުވެސް، ރާއްޖޭގެ ޞިއްޙީ ޚިދްމަތްދޭ ތަންތަން އެއީ، ހެލްތް ޕޯސްޓަކަށްވިޔަސް، ހެލްތް ސެންޓަރަކަށްވިޔަސް، ހޮސްޕިޓަލަކަށްވިޔަސް އަދި މާލޭ ހޮސްޕިޓަލަށްވިޔަސް، މިތަންތަނުގެ ޚިދްމަތް އެންމެ އެކަށީގެންނުވާކަން އަޅުގަނޑުމެން އެންމެންވެސް ގަބޫލުކުރަން. އެހެން ނަމަވެސް، އޭގެ އަނެއް ޙަޤީޤަތަކީ، މިދެންނެވި އެކަށީގެންނުވާ ޚިދްމަތްތަކަށްވެސް އަތްނުފޯރާ ރައްޔިތުން ރާއްޖޭގައި ވަރަށްގިނައޭ. އެއްލައްކަ ރައްޔިތުންނަށް އެންމެ އާދައިގެ ކަންކަމަށްވެސް، އެންމެ މުހިންމު، އެންމެ ބޭނުންތެރި އަސާސީ ކަންކަމަށްވެސް މިއޮންނަނީ އަތްނުފޯރާފައޭ. އެހެންވީމާ، ޤައުމުގެ ތަރައްޤީ ހޯދުމަށްޓަކައި ފުރަތަމަ ކުރާން އޮތް އެންމެ މުހިންމު ކަމަކީ، މިދެންނެވި ނިކަމެތިންނަށް، އިޖްތިމާޢީ ރައްކާތެރިކަން ހޯދައިދިނުން. އޭގެތެރެއިން މަދަނައިގެ ވިއުގަ ނުކުތީ. އަޅުގަނޑު އުފާވޭ، މިރަށުގެ 59 ބޭފުޅަކުވަނީ މަދަނައިގައި ރަޖިސްޓްރީވެފައި. އެހެންވީމާ، މިއިން ކޮންމެ ބޭފުޅަކަށްވެސް އެއްލައްކަ ރުފިޔާގެ ބޭސްފަރުވާ ސަރުކާރުން ފޯރުކޮށްދޭނެ. އަޅުގަނޑުމެންނަށް ލިބޭ ހިތްހަމަޖެހުމެއް އެއީ، ރަތްމަންދޫގެ މަދަނައިގައި ރަޖިސްޓްރީވެފައި ތިއްބެވި ބޭފުޅުންނަށްޓަކައި، 5 މިލިއަން      9 ލައްކަ ރުފިޔާ އެއްކައިރި ކުރެވިފައި އޮތްކަން.
 
އަޅުގަނޑުމެން އަބަދުވެސް ދުށް ޙަޤީޤަތެއް އެއީ، ރާއްޖެ ތަރައްޤީވެފައި މިއޮތީ ނުވަތަ ރާއްޖެ އަޅުގަނޑުމެންނަށް މިގޮތަށް ލިބިފައި މިއޮތީ، މީގެކުރީގެ ދުވަސްތަކުގައި،        މި ރާއްޖޭގައި އަޅުގަނޑުމެންގެ ކާބަފައިން، އަޅުގަނޑުމެންގެ މައިންބަފައިން ގިނަގުނަ މަސައްކަތްތަކެއް ކުރީތީވެ. އަޅުގަނޑު ހަމަގައިމުވެސް ނިސްބަތްވާ ޕާޓީގެ ވިސްނުމަކީ، ރާއްޖޭގެ ތަރައްޤީއަށް އެހީވެދީފައިވާ ފަރާތްތަކާއި އަދި މި ރާއްޖޭގެ، މިދައުލަތުން ޕެންޝަނެއް ބަޔަކަށްދޭއިރުގައި، އެ ޕެންޝަން އެންމެ ޙައްޤީ، ހަމައެކަނި ސަރުކާރުގެ އޮފީސްތަކުގައި މަސައްކަތް ކުރައްވަން ތިއްބެވި ބޭފުޅުންނަކަށް ނޫނޭ. ޚާއްޞަ ގޮތެއްގައި، ޢުމުރުން 65 އަހަރުން މަތީގެ ދޮށީ މީހުންނަށް. އަޅުގަނޑުމެންނަށް ލިބޭ އުފަލެއް އެއީ، މިރަށުގެ 19 ރައްޔިތަކު މި ޚިދްމަތުގައި މިހާރުވަނީ ރަޖިސްޓްރީ ކުރެވިފައި. އަދި އެހެންވީމާ، މިރަށަށް ކޮންމެ މަހަކު ތިންލައްކަ އަށްހާސް ރުފިޔާ، މިދެންނެވި އެހީތެރިކަން ފޯރުކޮށްދިނުމަށް، މިދެންނެވި އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ހޭދަކުރެވޭކަމީ، މި ސަރުކާރު ވަރަށް ހިތްހަމަޖެހޭ ކަމެއް. އަޅުގަނޑުމެންގެ ބޭނުމަކީ، އެ ރައްޔިތުންނަށް އުޅެވޭނެ ގޮތެއް އަދި ޚާއްޞަކޮށް، އެހީތެރިކަމެއް ބޭނުންވާ ރައްޔިތުންނަށް އުޅެވޭނެ ގޮތެއް ހޯދައިދިނުން.
 
ހަމައެހެންމެ، މިއާއެކީގައި، އެކަނިވެރި މައިންނާއި، ޔަތީމު ކުދިންނާއި އަދި އެހެންވެސް ނުކުޅެދޭ، ޚާއްޞަ އެހީއަށް ބޭނުންވާ ބޭބޭފުޅުންނަށް އެހީތެރިކަން ފޯރުކޮށްދީގެން ނޫނިއްޔާ، އަޅުގަނޑުމެން މި އެދޭ ތަރައްޤީ އަޅުގަނޑުމެންނަށް ހޯދާން އުނދަގޫވާނެ. އަޅުގަނޑު ގާތު ބައެއް ބޭފުޅުން އަހާ، ކީއްވެގެންތޯއޭ 5 މިލިއަން ރުފިޔާއިން މިރަށުގައި އެހެން ކަމެއް ނުކުރީ. މިކަން މާމުހިންމީތޯއޭ. އަޅުގަނޑުގެ ޖަވާބަކީ އާދޭހޭ. އަޅުގަނޑުމެންނަށް މީގެ ޢިމާރާތް އެޅިދާނެ. އަޅުގަނޑުމެންނަށް ބޮޑެތި ބޮޑެތި ކޮންކްރީޓް ބިނާތައް ހެދިދާނެ. އެހެން ނަމަވެސް، އަޅުގަނޑުމެންގެ ރައްޔިތުންނަށް އިޖްތިމާޢީ ރައްކާތެރިކަމެއް ނުލިބި، ފަޤީރު ޙާލުގައި ދިރިއުޅޭ ކަމަށްވަނީވިއްޔާ، މިދެންނެވި ކަންކަމުގެ، މިދެންނެވި ބިނާތަކުގެ އިޤްތިޞާދީ ބޭނުމެއް އޮންނާނީ އަޅުގަނޑުމެންނަށް ނުހިފިފައި. ރައްޔިތުންގެ އިޖްތިމާޢީ ރައްކާތެރިކަމަކީ، އަޅުގަނޑަށް ފެންނަ ފެނުމުގައި، މިރާއްޖޭގެ ތަރައްޤީއަށް ވަރަށް ބޭނުންތެރި ކަމެއް. އަޅުގަނޑުމެން، އިރާދަކުރެއްވިއްޔާ އެކަން ކޮށްފައި ނޫނިއްޔާ، ދެން އެހެން ކަމަކަށް އަޅުގަނޑުމެންނަކަށް ނުދާވަރު މުހިންމު ކަމެއްގެ ގޮތުގައި އަޅުގަނޑުމެން ދެކި ތިބިކަމެއް.
 
ތަރައްޤީއަށްޓަކައި ކޮންމެހެން ބޭނުންތެރި ކަމެއް އެއީ ތަޢްލީމް. އިންސާނީ ތަރައްޤީ. އިންސާނާ ކުރިއަރައިދިޔުން. އަޅުގަނޑަށް އެނގޭ، މިރަށުގެ މަދަރުސާ ގްރޭޑް 7 އާ ހަމައަށްކަން ކިޔަވައިދެނީ. އަދި އެހެންވީމާ، އެއްދަންފަޅިއަށް ކިޔަވައިދެވޭކަން. ދެން އިތުރަށް ތަޢްލީމު ހޯދަން ކައިރި ރަށްރަށަށް މިދާންޖެހެނީ. ސަރުކާރަށް ހިތްހަމަޖެހުން ލިބޭ ކަމެއް އެއީ، މިރަށުގެ ދަރިވަރުންނަށް ފޮތް، ފަންސުރު، ގަލަން، މިހެންގޮސް ތަޢްލީމަށް ބޭނުންވާ ތަކެތި ގަތުމަށް މިދިޔަ އަހަރު ތެރޭގައި، ބާރަހާސް އަށްސަތޭކަ ސާޅީސް ފަސްރުފިޔާ ޚަރަދު ކުރެވިފައިވާކަން.
 
އަޅުގަނޑުމެންގެ އަމާޒަކީ، ވިޔަފާރި އިތުރުކުރުން. އަޅުގަނޑުމެންގެ ބޭނުމަކީ، ރަތްމަންދޫ ތަރައްޤީ. ރަތްމަންދުއަށް ތަރައްޤީ ލިބޭނީ، މިރަށުގެ ވިޔަފާރި އިތުރުވެގެން. މިރަށު ރައްޔިތުންނަކީވެސް އަދި މ. އަތޮޅުގެ ގިނަ ރައްޔިތުންނަކީވެސް ހަމަ މަސްވެރިކަމަށް ޚާއްޞަ އަހަންމިއްޔަތު ކަމެއްދޭ ބައެއް. އެނގިވަޑައިގަންނަވާނެ، މީގެ ދުވަސްކޮޅެއް ކުރީގައި، މަސްކިލޯއެއް ވިއްކެނީ، ކިލޯ ހަމަނުވާ މަހުން އެއްރުފިޔާ ފަންސަވީސް ލާރިއަށް ނުވަތަ ބޮޑުވެގެން ދެރުފިޔާބަޔަށް. ނުވަތަ އެންމެ ރަނގަޅުވެގެންވެސް ފަސްރުފިޔާއަށް. މި ސަރުކާރުގެ ސިޔާސަތަކަށްވީ މަސްވެރިކަން ހުޅުވާލުން. ވީހާވެސް ގިނަ ބަޔަކަށް މަސް ގަނެ، އަދި ރޯމަސް އެކްސްޕޯޓް ކުރެވޭނޭ ފުރްޞަތުތައް ހޯދައިދިނުން. އެކަން އެހެން ކުރީތީވެ އެނގިވަޑައިގަންނަވާނެ، މަސްވެރިންގެ އާމްދަނީ މިހާރުވާނީ ދެގުނަވެފައި. އެއީ މިހާރު މަސްކިލޯއަކަށް ލިބޭނެ މަދުވެގެން ދިހަ ރުފިޔާ. އަދި އަޅުގަނޑުމެން މިއުންމީދު ކުރަނީ، މަސްކިލޯއަކަށް އެއަށްވުރެވެސް ރަނގަޅަށް، ބައިނަލްއަޤްވާމީ މާރުކޭޓްގައި އޭގެ އަގު އެހުރި މިންވަރަށް އިރާދަކުރެއްވިއްޔާ އުފުލިގެންދާނެއޭ.
 
ވިޔަފާރިއަށްޓަކައި ކޮންމެހެން ބޭނުން އަދި އެހެންވެސް ޚިދްމަތްތަކަށްޓަކައި ކޮންމެހެން ބޭނުން ކިތަންމެ ކަންތައްތަކެއް އެބަހުރި. އޭގެތެރޭގައި، ޚާއްޞަ ގޮތެއްގައި ރައްޔިތަކު މިނިވަންވުން، އެ ރައްޔިތަކު ދޫކޮށްލުން، އެ ރައްޔިތަކަށް ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، ޞުލްޙަވެރި ސިޔާސީ ޙަރަކާތް ހިންގުމުގެ މިނިވަންކަމާއި، އެއްވެ އުޅުމުގެ މިނިވަންކަމާއި އަދި އެހެން މިނޫންވެސް އަސާސީ ޙައްޤުތައް ރައްޔިތުންނަށް ފޯރުކޮށްދިނުން. ތަރައްޤީއެއް ނުހޯދޭނެ، ރައްޔިތަކު ހިފެހެއްޓިފައި ތިއްބަކާއެއް. ތަރައްޤީއަކީ ރައްޔިތަކު ދޫކޮށްލީމާ، އެ ރައްޔިތަކު ގޮސް ހޯދާ އެއްޗެއް. ތަރައްޤީއަށްޓަކައި އަޅުގަނޑުމެން ކޮންމެހެން ކުރާން ޖެހިފައި ހުރި ކަންތައްތަކުގެ ތެރޭގައި، ރައްޔިތުންގެ ގާތުން، އެ ރައްޔިތުންގެ ރުހުމާއި، ރައްޔިތުންގެ އެދުމާއި، ރައްޔިތުންގެ އިޙްސާސްތަކާ އެއްގޮތަށް ވެރިކަމުގެ ކަންކަން ހިންގޭނޭ ނިޒާމެއް، އިންތިޒާމެއް އެބަ ހޯދަންޖެހޭ.
 
އަޅުގަނޑުމެންނަށް އިރާދަކުރައްވައިގެން، ޤާނޫނުއަސާސީ އިޞްލާޙު ކުރެވެމުންދިޔައިރުގައި، އެންމެފަހު ވަގުތު ނަމަވެސް، އެވަނީ ލާމަރްކަޒީ އުޞޫލުން ރާއްޖޭގެ ރަށްތައް ހިންގުމުގެ ބާބެއް ޤާނޫނުއަސާސީއަށް ލެވިފައި. ޤާނޫނުއަސާސީ އިޞްލާޙުވަމުންދިޔައިރު، ކޮމިޓީގެ މަރްޙަލާގައިވެސް މިދެންނެވި ބާބެއް ނެތް. އެހެން ނަމަވެސް، ފަހުން އަޅުގަނޑުމެންނަށް އެ ބާބު އިތުރުކުރެވިފައި މިއޮތީ. އިރާދަކުރެއްވިއްޔާ، ފެބްރުއަރީ 5 ގައި ބިންގާ އެޅިގެން، ރަށު ކައުންސިލްތައް އުފެދިގެންދާނެ. އެ އެޅެނީ މިދެންނެވި ރައްޔިތުންނާ ގާތުން ވެރިކަން ހިންގުމަށްޓަކައި، އެހެންވީމާ، ތަރައްޤީ ހޯދުމަށްޓަކައި ކޮންމެހެން ބޭނުން މުއައްސަސާއެއްގެ ބިންގާ.ސަރުކާރަކަށެއް ނެތް، މި ކައުންސިލް ހަމަ އިންތިޚާބުވީމާ، އެއިން ދެއަތް ދޫކޮށްލެވޭކަށް. ސަރުކާރުގެ މަސްއޫލިއްޔަތެއް، ޒިންމާއެއް އެއީ ކައުންސިލް ހިންގުން. އަދި ހިންގޭނެ މަގުތައް ފަހިކޮށްދީފައި، ފުރިހަމަކޮށްދީފައި ހުރުން. އެހެންވީމާ، މިފަހަރުގެ ބަޖެޓް ސަރުކާރުން އެކުލަވައިލާފައިވާނީ، ކުރީ އަހަރުތަކާ ވަރަށް ތަފާތުކޮށް. ކޮންމެ ރަށެއްގައިވެސް ހިންގާންހުރި ކަންކަން، އެބަޖެޓްގެ ތަފްޞީލުތަކުން ސާފުކޮށް އެނގޭ ގޮތަށް. އަދި އެހެންވީމާ، މިފަހަރުގެ ބަޖެޓްގެ ޢަދަދު،        މި ރަތްމަންދުއަށް އޮތް މިންވަރުވެސް، ކުރިއަށްވުރެ ކިތަންމެ ތަނަކުން ބޮޑުވާނެ.
 
ބަޖެޓަކީ ތަރައްޤީގެ ސިޔާސަތު ކަނޑައަޅާ އެންމެ މުހިންމު އެއް ކަރުދާސް. އަޅުގަނޑުމެންނަށް މިފަހަރު އިރާދަކުރައްވައިގެން، އެމް.ޑީ.ޕީ އާއި އަދި ޑީ.އާރު.ޕީ.ގެ މެންބަރުންގެ އެހީތެރިކަމާއެކީގައި، ބަޖެޓް މިވަނީ ފާސްވެފައި. އެއީ އަޅުގަނޑުމެން ދަންނަވާލަންޖެހޭ، ތިޔަބޭފުޅުންގެ މ. އަތޮޅުގެ ދެމެންބަރުންވެސް އެބަޖެޓަށް ވޯޓް ނުދެއްވި ނަމަވެސް، ސަރުކާރުން ތިޔަބޭފުޅުންގެ ތަރައްޤީއަށް މި ރާވާފައިވާ، އިންތިޒާމްކޮށްފައިވާ ކަންކަން، ޕްރޮގްރާމްތައް ހިންގުމަށްޓަކައި އިރާދަކުރެއްވިއްޔާ، ފައިސާއާއި ބަޖެޓް މިހާރު މިއޮތީ ފާސްވެފައި. އެހެންވީމާ، 2011 ވަނަ އަހަރު އިރާދަކުރެއްވިއްޔާ، އެމަސައްކަތްތައް ހިނގައިގަނެގެންދާނެ.
 
މަސައްކަތް ހިނގަމުންދާއިރުގައި، ހަމަ އަނެއްކާވެސް އަޅުގަނޑުމެންގެ އަމާޒަކަށްވާންޖެހޭ، އަބަދުވެސް ތަރައްޤީ ގެނައުން. އެކަމަށްޓަކައި ވިޔަފާރި ބޭނުންވާނެ. ވިޔަފާރިއަކީ އެއްތަނުން އަނެއް ތަނަށް މުދަލާއި ފަސިންޖަރުން ބަދަލުކުރުން. އެއްއަތުން އަނެއް އަތަށް ތަކެތި ބަދަލުކުރުން. އެހެންވީމާ، ރަށްރަށް ގުޅުވާލުމާއި، އަދި ދަތުރުފަތުރުކުރުމުގެ ނިޒާމަކުން ރާއްޖޭގެ ރަށްތައް ގުޅާލުމަކީ ސަރުކާރުގެ ވަރަށްބޮޑު އަމާޒެއް. ސަރުކާރުން ނިންމާފައި އޮތީ، 7 އަހަރު ދުވަހުގެ ތެރޭގައި، މިދެންނެވި ޕްރޮގްރާމް، ދަތުރުފަތުރުކުރުމުގެ ނިޒާމް، މުޅި ރާއްޖޭގައި ޤާއިމް ކުރަން. އޭގެތެރެއިން ފުރަތަމަ ދެމަސްދުވަހު، މީގެ އަސާސީ ޚިދްމަތްތައް ދޭން ފެށުން. އެނގިވަޑައިގަންނަވާނެ، ފުރަތަމަ ދެއަހަރު ދުވަހުގެ ތެރޭގައި، އަސާސީ ޚިދްމަތްތައް ދޭން ފެށުނު. މިއަތޮޅުން އެންމެ ރަނގަޅަށް މި ނިޒާމްގެ ބޭނުން ހިފާ އެއްރަށަކީ މިއީ. އަޅުގަނޑު އުފާވޭ، މިރަށުގެ   528 މީހުން، މި ނިޒާމުގެ ބޭނުން މިހާރު ހިފައިފި. އެއީ، 528 ފަސިންޖަރުން ރަށުން ފުރި. 560 ދަތުރުވެރިން މިރަށަށް ލެފި. އެހެންވީމާ، އަޅުގަނޑު މިދެކެނީ، އިރާދަކުރެއްވިއްޔާ، މިނިޒާމުގެ ފުރިހަމަ ބޭނުން އަދިވެސް މިއަށްވުރެ މިރަށުގައި ރަނގަޅު ކުރަމުން ގެންދެވޭނެއޭ. އަދި މިރަށުގެ ފެރީ ޓަރމިނަލްވެސް ޤާއިމްކުރެވި، މިމަސައްކަތްތައް އަދި ބޮޑަށް ހަރުދަނާވެގެންދާނެއޭ.
 
ރަތްމަންދުއަކީ ރާއްޖޭގައި ދިވެހި ބޭހާއި، ރުއްގަލު ބޭހަށް މަޝްހޫރު، މިހާރު އެންމެ ރަނގަޅަށް އެމަސައްކަތް ހިންގަމުން އަންނަ އެއްރަށް. އަޅުގަނޑު އުންމީދު ކުރަން، ސަރުކާރުގެ ޞިއްޙަތުގެ ސިޔާސަތު ތަންފީޛު ކުރުމަށް، އެހުރި ޕްރޮގްރާމްގެ ތެރެއިން މިރަށުގެ ކައުންސިލަރ މިދެންނެވި ޢިލްމު، އަދި މިދެންނެވި ހުނަރު މިރަށުގައި އިތުރަށް އާލާކޮށް، އަދި ރާއްޖޭގެ އެކިއެކި ކަންކޮޅުތަކަށް މިރަށު ރައްޔިތުންގެ ޚިދްމަތް ލިބޭނޭ މަގު، ލިބޭނޭގޮތް ހަމަޖެހިގެންދާނެ ކަމަށް. ފެރީ ޓަރމިނަލާ އެކީގައި އިރާދަކުރެއްވިއްޔާ، ގެސްޓްހައުސްއެއްވެސް އުފެދިގެންދާނެ. އަދި ދަތުރުފަތުރު ކުރުމުގެ ނިޒާމުގެ ތެރެއިން މިރަށަށް، މާލެއިންވިޔަސް، ރާއްޖޭގެ ކޮންމެ ރަށަކުންވިޔަސް، ފަސޭހައިން މީހުންނަށް އާދެވޭނެ. މުޅި ދަތުރުފަތުރު ކުރުމުގެ ނިޒާމް ޤާއިމް ކުރެވުނީމާ، އުލިގަމުން ފުރައިގެންވެސް ރަތްމަންދުއަށް އާދެވޭނެ. އެއްފެރީއިން އަނެއް ފެރީން، ބަދަލުކުރާ ތަންތަނުން ބަދަލުކުރަމުން، ކޮންމެ ރައްޔިތަކަށްވެސް އެއްތަނުން އަނެއް ތަނަށް ފަސޭހަކަމާއެކީގައި ދެވޭނެ. އެހެންވީމާ، މިރަށުގެ ޚިދްމަތް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އިރާދަކުރެއްވިއްޔާ، އޭރުން ފޯރުކޮށްދެވޭނެ.
 
އަޅުގަނޑުމެން އަބަދުވެސް ދެކެންޖެހޭނީ، ވަޒީފާގެ ފުރްޞަތުތަކަކީ، ހަމައެކަނި ސަރުކާރުން ރައްޔިތުންނަށް ހޯދައިދެވޭނެ، ސަރުކާރުގެ ވަޒީފާއެއް މެދުވެރިކޮށް ހޯދައިދެވޭނެ ފުރްޞަތުތަކެއް ނޫންކަން. ހުރިހާ ރައްޔިތުންނަކަށް ސަރުކާރުގެ ވަޒީފާއެއް ނުލިބޭނެ. އެހެންވީމާ، އަމިއްލަ ވިޔަފާރިތައް ކުރިއަރުވައި، އިތުބާރު ހުރި ވަޒީފާގެ ފުރްޞަތުތައް ޤާއިމް ކުރުމަކީ، ފަހިކުރުމަކީ ވަރަށް ބޭނުންތެރި ކަމެއް. ސަރުކާރުގެ މިއަހަރުގެ ބަޖެޓްގެ އެންމެބޮޑު އެއްއަމާޒަކީ، ވީހާވެސް ގިނަ ވަޒީފާއެއް އުފެއްދުން. ސަރުކާރުން ކަނޑައަޅާފައި މިވަނީ، ކުރިއަށް މިއޮތް ތިން އަހަރު ތެރޭގައި، އިތުރު ވިހިހާސް ވަޒީފާ އުފައްދަން. އަޅުގަނޑުމެންނަށް މިމަސައްކަތުގައި ދެމިތިބެވޭނެ.
 
ދެން އަޅުގަނޑު އުންމީދު ކުރަނީ، ރަތްމަންދޫ ރައްޔިތުންނާއެކީގައި، ސަރުކާރުން މިމަސައްކަތް ކުރާން ނުކުމެވޭނެ ކަމަށް. ރާއްޖޭގެ ސިޔާސީ މަސްރަޙު މިއޮތީ ވަރަށްބޮޑަށް ބައިވެފައި. އެބައިބައިގެ ތެރެއިންވެސް ރަށުގެ ތަރައްޤީއާއި އަދި އަތޮޅާއި ޤައުމުގެ ތަރައްޤީގެ މަސައްކަތްތައް އަޅުގަނޑުމެންނަށް ފަހިކަމާއެކީގައި، ތާޒާކަމާއެކީގައި ހިންގެންޖެހޭނެ. ޚިޔާލު ތަފާތު ވާންވެސްޖެހޭނެ. ބަޙުޘްވެސް އުފެދޭން ޖެހޭނެ. އަޅުގަނޑުމެންގެ އެންމެބޮޑު އެއްބޭނުމަކީ، އެ ބަޙުޘް އުފެއްދުން. ކައުންސިލްގެ ތެރޭގައިވެސް، އެ ބަޙުޘް އުފެދިގެންދާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން. އަދި އެކައުންސިލަކީ ސަރުކާރާއެކީގައި މަސައްކަތް ކުރެވޭނެ ކައުންސިލަކަށް ހައްދަވައިދެއްވާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން.
 
މިފަހަރު މ. އަތޮޅުގެ ޢިއްޒަތްތެރި ދެމެންބަރުން، ތިޔަބޭފުޅުންގެ ތަރައްޤީއަށް އޮތް ބަޖެޓް، މުޅި ފައިސާއަށް ވޯޓް ނުދެއްވިނަމަވެސް، އެމް.ޑީ.ޕީ.ގެ މެންބަރުންނާއެކުގައި މިބަޖެޓް ފާސްކުރެވި، އަދި ޑީ.އާރު.ޕީ.ގެވެސް މެންބަރުންނާއެކީގައި ބަޖެޓް ފާސްކުރެވިގެންދިޔަ ކަމުގައި ވިޔަސްވެސް، އެހެންވީމާ، ތިޔަބޭފުޅުންގެ ތަރައްޤީގެ މަޝްރޫޢުތައް ހިނގާނެ ކަމުގައި ވިޔަސްވެސް، ރަށު ކައުންސިލެއްގައި، ދެން އެމަސައްކަތް ނުހިނގައިފިއްޔާ، އެކަން ކޮށްދެވޭނެ އިތުރު ބައެއް މަދުވާނެ. ސީދާ ކައުންސިލުގެ ދަރަޖައިގައި އެކަން ހިނގަންޖެހޭނީ. އެހެން ޕާޓީއަކުން އައިސް، ހަމަގައިމުވެސް އަޅުގަނޑުމެންނަކަށް، އަޅުގަނޑު ނިސްބަތްވާ ޕާޓީއަކުން އައިސް އެކަން ކޮށްދޭން ދަތިވާނެ.
 
އަޅުގަނޑުގެ އުންމީދަކީ، އަޅުގަނޑުގެ ދުޢާއަކީ، ތިޔަބޭފުޅުން މިކަންކަމާ ވިސްނެވުން. އަޅުގަނޑުމެންގެ ބޭނުމަކީ، ތިޔަބޭފުޅުންނަށް މިއަދަށްވުރެ އަދި މާ ފާގަތި ދުވަހެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.
 
اَلحَمْـدُ لِلّـهِ. والســّلام عليــكم.
                 ______________________