بســماللّـهالرّحمـنالرّحيــم

 
ދައުލަތުގެ ވަޒީރުން. ސަރުކާރުގެ އިސްބޭފުޅުން. އަދި ވަކިން ޚާއްޞަކޮށް         މިމަޑުއްވަރީގެ ވެރިންނާއި، ކުރިއަށް ތިއްބެވި އެންމެހާ ބޭފުޅުންނާއި އަދި މަޑުއްވަރީގެ ލޮބުވެތި ރައްޔިތުން.
 
السّـلام عليـكم
 
އަޅުގަނޑުމެން ސަރުކާރު ހިންގުމާ ޙަވާލުވުމުގެ ކުރީގައި، އަޅުގަނޑުމެން މިރާއްޖޭގެ ވަރަށްގިނަ ރަށްރަށަށް ދިޔައިން. ވަރަށްގިނަ ގޭގެއަށް ޒިޔާރަތް ކުރިން. ވަރަށްގިނަ މީހުންނާ ބައްދަލުކުރިން. ވަރަށްގިނަ ބަޙުޘް ކުރެވުނު. ވަރަށްގިނަ، ވަރަށް ބޮޑުކޮށް ވަރަށް ފުޅާ ދާއިރާއެއްގައި، ކަންކަމުގައި އަޑު އުފުލިން. އަދި އެހިންގުނު ހުރިހާ ކަމެއް، 2004 ވަނަ އަހަރުވެސް، 2005 ވަނަ އަހަރުވެސް، 2006 ވަނަ އަހަރުވެސް، 2007 ވަނަ އަހަރުވެސް، 2008 ވަނަ އަހަރުވެސް، މިހިންގުނު ހުރިހާ ޙަރަކާތަކަށްފަހުގައި، އަޅުގަނޑުމެންނަށް ފެނުނީ، ރާއްޖޭގެ ރައްޔިތުން، މިއެދޭ ތަރައްޤީ، ރާއްޖޭގެ ރައްޔިތުން އެދޭ ބަދަލު، އެ ރައްޔިތުންނަށް ޙައްޤު ގޮތުގައި ލިބޭނީ، ވަކި ޚާއްޞަ ކަންތައްތަކެއް، ވަކިގޮތަކަށް، ވަކިއިންތަކެއްގައި ކުރެވުނީމާކަން. މިދެންނެވި ކަންކަމާއި އަދި އެކަންކަން ކުރާންވީ ވަގުތުތަކާއި ތަންތަން އަޅުގަނޑުމެން ކަނޑައެޅީ، އަޅުގަނޑުމެންގެ މެނިފެސްޓޯގައި. އަދި ސަރުކާރު ހިންގުމާ ޙަވާލުވުމަށްފަހު، މިދެންނެވި މެނިފެސްޓޯއަކީ ޤައުމީ ތަރައްޤީގެ މަޝްރޫޢު ނުވަތަ ޤައުމީ ތަރައްޤީގެ އޮނިގަނޑު. ސަރުކާރުގެ އެންމެހާ ކަންކަން ހިނގަމުން މިއަންނަނީ، މިދެންނެވި ޤައުމީ ތަރައްޤީގެ އޮނިގަނޑުގެ ތެރެއިން.
 
ސަރުކާރަށް އަބަދުވެސް ޔަޤީންކުރެވޭ އެއްޙަޤީޤަތަކީ، ރާއްޖޭގެ ވަރަށްގިނަ ތަންތަނުގެ، ވަރަށްގިނަ ރަށްރަށުގެ ހެލްތް ޕޯސްޓްތަކާއި، ހެލްތް ސެންޓަރުތަކާއި، ހޮސްޕިޓާތަކާއި އަދި މާލޭ ހޮސްޕިޓާވެސް އަޅުގަނޑުމެން ރައްޔިތުން އެދޭ މިންވަރަށް، އެތަންތަނުން ޚިދްމަތް އަދިވެސް ރަނގަޅަށް ނުލިބޭކަން. އެހެންނަމަވެސް، އެ ޙަޤީޤަތް އެހެން އޮއްވައި، ދެން އަދި އިތުރަށް އަޅުގަނޑުމެންނަށް ޔަޤީންވާ ޙަޤީޤަތަކީ، ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ވަރަށްގިނަ ބަޔަކީ، ވަރަށް ނިކަމެތި ފަޤީރު ބައެކޭ. އ.ދ. ފާހަގަކުރާ ގޮތުގައި، ރާއްޖޭގެ އާބާދީގެ ތެރެއިން ކޮންމެ ތިންމީހެއްކުރެ އެކަކީ ފަޤީރެއް ނުވަތަ އ.ދ. ފާހަގަކުރާ ބަނޑުހައިހޫނުކަމުގެ ރޮނގުން ތިރީގައި ތިބި މީހުން. ދުވާލަކަށް ދިހަ ބާރަ ރުފިޔާވެސް، އެމީހުންނަށް ނުލިބޭ ނިކަމެތިން. އެހެންވީމާ، ރާއްޖޭގެ އާބާދީގެ ތިންބައިކުޅަ އެއްބަޔަށް އަޅުގަނޑު ކުރިން މިދެންނެވި ނުރަނގަޅު ޞިއްޙީ ޚިދްމަތްތަކަށް، ކަމުނުދާ ޞިއްޙީ ޚިދްމަތްތަކަށްވެސް އަތްނުފޯރައޭ.
 
އަޅުގަނޑުމެންގެ އެންމެ ފުރަތަމަ އަމާޒަކަށްވީ، ސަރުކާރުގެ އެންމެބޮޑު މަޤްޞަދަކަށްވީ ރާއްޖޭގެ ވީހާވެސް ގިނަ ރައްޔިތުންނަށް އިޖްތިމާޢީ ރައްކާތެރިކަން ހޯދައިދިނުން.    އެ ރައްޔިތުންނަށް ކޮންމެވެސްވަރެއްގެ ޚިދްމަތެއް ދެވި، އެހީތެރިކަމެއް ފޯރުކޮށްދެވި އަދި އެރައްޔިތުންނަށް ޞިއްޙީ ފަރުވާ ލިބޭނޭގޮތް ފަހިކޮށްދިނުން. އަޅުގަނޑުމެން ފާހަގަކުރަމުން އައީ، ބޭސް ސިޓީއަށް ސަލާންޖެހުން އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ ސަރުކާރެއްގައި، އަޅުގަނޑުމެން ނައްތާލާނަމޭ. އަޅުގަނޑު މިއަދު އުފާވާ ކަމެއް އެއީ، މި މަޑުއްވަރީގެ 164 މީހުން މިހާރުވަނީ މަދަނައިގައި ރަޖިސްޓްރީ ކުރެވިފައި. އަދި މިދެންނެވި 164 މީހުންނަކީ، އެމީހުންނަށް ކޮންމެ އަހަރަކުމެ، އެއްލައްކަ ރުފިޔާގެ ބޭސްފަރުވާ، މިއަހަރުގެ ބަޖެޓްގައި ޚާއްޞަ ކުރެވިފައި ތިބި މީހުން. އެހެންވީމާ، އަޅުގަނޑުމެން އުފާވާ ކަމެއް އެއީ، މަޑުއްވަރީގެ ބޭސްފަރުވާއަށްޓަކައި، މަދަނައިގެ ވިއުގައިގެ ތެރެއިން 16 މިލިއަން 4 ލައްކަ ރުފިޔާ، މަޑުއްވަރިއަށް އެއްކައިރި ކުރެވިފައިވާކަން.
 
އަޅުގަނޑު މާލޭގައި ބައެއް ވިޔަފާރިވެރިން ގާތުގައި އަހަން، މާލޭގައި މީގެކުރީގައި، މީގެ ދެއަހަރު ކުރީގައި ނުވަތަ ތިންއަހަރު ކުރީގައި، މީހުން ބޭސް ސިޓީއަށް ސަލާންޖަހަން އައި މިންވަރަށް، މިހާރު ވިޔަފާރިވެރިން ގާތަށް ބޭސް ސިޓީއެއް ހިފައިގެން މީހުން އާދޭތޯ. މާލޭ ވިޔަފާރިވެރިން ބުނީ، ރައީސޭ މިހާރު ކުރީގައި އެކަން ހިނގާވަރަކަށް ނުހިނގައޭ. އަޅުގަނޑަށް ޔަޤީން، މި މަޑުއްވަރީގެ ވިޔަފާރިވެރިންނަށްވެސް އަދި މަޑުއްވަރި ދަންނަ އެހެން މީހުންނަށްވެސް މިކަން ސާފުވާނެ. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް މިއަންނަނީ، މަދަނައިގެ ވިއުގައިގެ ތެރެއިން ރައްޔިތުންނަށް އިޖްތިމާޢީ ރައްކާތެރިކަމެއް ހޯދައިދެވެމުން.
 
އަޅުގަނޑުމެންގެ ވަޢުދެއް އެއީ، ރާއްޖޭގެ ދޮށީ ޢުމުރުގެ މީހުނާ އަޅާލުމަކީ، މިރާއްޖޭގެ ތަރައްޤީއަށް ކޮންމެހެން ބޭނުންތެރި ކަމެކޭ. ރާއްޖޭގައި، މި ރާއްޖެ އަޅުގަނޑުމެންނަށް ލިބިފައި، ރައްދުވެފައި، ލިބިފައި މިއޮތީ، މީގެކުރީގައި މި ރާއްޖޭގައި މަސައްކަތްކުރި މީހުން، އުޅުނު ޖީލުތައް، އުޅުނު ރައްޔިތުން، އަޅުގަނޑުމެންގެ ކާބަފައިން އެކުރި މަސައްކަތްތަކެއްގެ ސަބަބުންނޭ. އެކާބަފައިން މަހަށްދިޔައީތީއޭ، ފަރަށް ދިޔައީތީއޭ، ރުކަށް އެރީތީއޭ، ވަޑާން ކުރީތީއޭ. ގެދޮރު އެޅީތީއޭ. ރިޒޯޓްފަހަރު ހެދީތީއޭ. މިހެންގޮސް ކިތަންމެ ކިތަންމެ ބައިވަރު ބާވަތެއްގެ މަސައްކަތްތަކެއް، އެމީހުން ކުރީތީއޭ، އަޅުގަނޑުމެންނަށް މި ރާއްޖެ ލިބިފައި މިއޮތީ. ދެން މިއަދު މި ރާއްޖޭގައި ޕެންޝަނެއް ޙައްޤުވަނީ ކޮންބަޔަކަށްތޯ ވިސްނާއިރުގައި، ހަމަގައިމުވެސް އަޅުގަނޑު ނިސްބަތްވާ ޕާޓީއަށް ކުޑަކޮށްވެސް ގަބޫލުކުރެވޭ ފަލްސަފާއެއް ނޫން އެއީ، އެ ޕެންޝަން ޙައްޤުވަނީ ހަމައެކަނި ސަރުކާރު މުވައްޒަފުންނަށް އެކަނި ކަމަށް ދެކެވުން.
 
އެހެންވީމާ، އަޅުގަނޑުމެން ސަރުކާރުން 65 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް ޕެންޝަނެއް ދިނުމަށް، ދެހާސް ރުފިޔާގެ ޕެންޝަނެއް ދިނުމަށް ކަނޑައެޅީ. އަޅުގަނޑު އުފާވާ ކަމެއް އެއީ، މިރަށުގެ 59 މީހުންނަށް މި ޕެންޝަން ލިބޭކަން. އަދި މިރަށަށް އެއީ، އެގާރަލައްކަ އަށްހާސް ރުފިޔާ، މިއަހަރު ތެރޭގައިވެސް، މި ޕެންޝަންގެ ގޮތުގައި ދެމުން އެބަދެވޭ. އަޅުގަނޑުމެންނަށް ފެންނަ ފެނުމުގައި، އެ އިޖްތިމާޢީ ރައްކާތެރިކަމަކީ މިރަށު ރައްޔިތުންނަށް ނުހަނު ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެވެން އޮތް އިޖްތިމާޢީ ރައްކާތެރިކަމެއް. އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ލިބެނީ،       އެ ރައްކާތެރިކަން އަޅުގަނޑުމެންނަށް ކިތަންމެ ކުޑަ މިންވަރަކަށް ނަމަވެސް، މިރަށުގެ ރައްޔިތުންނަށް ފޯރުކޮށްދެވިފައިވާތީ. އަޅުގަނޑުމެންނަށް ފެންނަ ފެނުމުގައި، މިރަށުގެ މީހުންނާ އަޅާލެވުނީމާ، ހަމައެކަނި އެ އަޅާލެވެނީ އެމީހުންނަކާއެއް ނޫން. މިކަން އެކޮށްދެވެނީ އެމީހުންގެ ދަރިންނަށްވެސްމެ. ކާފަ ދަރިންނަށްވެސްމެ. އަދި މި މުޖްތަމަޢަށްވެސްމެ.
 
އަޅުގަނޑުގެ އުންމީދަކީ، އަޅުގަނޑުމެންނަށް އަދި މިހާރަށްވުރެވެސް ރަނގަޅަށް މިމަޑުއްވަރީގެ ރައްޔިތުންގެ އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުން. އެނގިވަޑައިގަންނަވާނެ، މިރަށުގެ މިހާރު ޚާއްޞަ އެހީއަށް ބޭނުންވާ މިރަށު އެކަނިވެރި މައިންނާއި އަދި ޔަތީމު ކުދިންނާ، މިފަދަ ޙާލަތްތަކުގައި ތިއްބެވި ބޭފުޅުންނަށްވެސް މިއޮތީ އިޖްތިމާޢީ ރައްކާތެރިކަން ލިބެން. އަޅުގަނޑު އުފާވޭ، މިރަށު ހަތަރު ބޭފުޅުންނަށް މިދެންނެވި އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދެވިފައިވާތީވެ.
 
އަޅުގަނޑުމެން އެންމެންނަށްވެސް އެނގޭ، އަޅުގަނޑުމެން އެންމެންނަށްވެސް ޔަޤީން، ޤައުމެއް ޙަޤީޤަތުގައި ތަރައްޤީވެ މިދަނީ، އިންސާނީ ވަސީލަތްތައް ތަރައްޤީވީމާކަން. އަޅުގަނޑުމެންނަށް ރަނގަޅު ތަޢްލީމެއް ފޯރުކޮށްދެވުނީމާކަން، ލިބުނީމާކަން. މިރަށުގެ މިދިޔަ އަހަރުގެ އިމްތިޙާނުގެ ނަތީޖާ، އޭގެކުރީ އަހަރާ އަޅާބަލާއިރު، 5 މާއްދާއިން އޯ ލެވެލްއިން ކުދިން ފާސްވި ޢަދަދު މިވަނީ ދެޕަސެންޓް މައްޗަށް ގޮސްފައި. އެއީ، އަޅުގަނޑުމެންނަށް ހަމަ ވަރަށްބޮޑު އުފަލެއް ލިބޭ ކަމެއް. ސަރުކާރުން މިހާރު އިރާދަކުރައްވައިގެން ނިންމާފައި މިވަނީ، 2011 ވަނަ އަހަރު މިރަށުގައި އިތުރު ދެކްލާސްރޫމް ބިނާކޮށް އަދި އިރާދަކުރެއްވިއްޔާ، އެއަހަރު ނިމޭއިރުގައި މިރަށުގެ ސްކޫލް އެއްދަންފަޅިއަށް ބަދަލުވެގެންދާނެ.
 
އިރާދަކުރެއްވިއްޔާ، 2011 ވަނަ އަހަރުވެސް، 2010 ވަނަ އަހަރެކޭ އެއްފަދައިން، ސްކޫލް ކުދިންގެ ފޮތް ފަންސުރާއި، ގަލަމާ، މިބާވަތުގެ ތަކެތި ގަތުމަށް ސަރުކާރުން އެދޭ ޢިނާޔަތާއި އެހީ ފޯރުކޮށްދޭނެ. އަޅުގަނޑުމެން އުފާވޭ، 2010 ވަނަ އަހަރު ފަންސާސް ތިންހާސް ނުވަސަތޭކަ ސާޅީސް ހަތްރުފިޔާ، މިރަށުގެ ދަރިވަރުންގެ ފޮތް ފަންސުރު، ގަލަމަށް ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ރައްދުކޮށްދެވިފައިވާކަމީ، މި ސަރުކާރަށް ހިތްހަމަޖެހުން ލިބޭ ކަމެއް. އަދި ހަމައެހެންމެ،  އޯ ލެވެލް އިމްތިޙާންގެ ފީއަށް ސަރުކާރުން ސަތާރަސަތޭކަ ދުއިސައްތަ ފަންސަވީސް ރުފިޔާ ދައްކާން ލިބުނުކަމީވެސް، މި ސަރުކާރަށް ހިތްހަމަޖެހުން ލިބޭ ކަމެއް. އަޅުގަނޑުމެންގެ އަމާޒަކީ، އަޅުގަނޑުމެންގެ ބޭނުމަކީ، މަޑުއްވަރީގެ ތަޢްލީމު ރަނގަޅު ކުރުން. އަދި މިހާރަށްވުރެ މާރަނގަޅު ތަޢްލީމެއް، މިރަށުގައި ދެވޭނެ އިންތިޒާމްތަކެއް ހަމަޖެއްސުން. އަޅުގަނޑު މިދެކެނީ، އެއްދަންފަޅިއަށް މަދަރުސާ ބަދަލުވެ، ވަށާ ޖެހިފައިވާ ރަނގަޅު ތަޢްލީމެއް ދަރިންނަށް ދެވެން ފެށުނީމާ، އޭގެ ހެޔޮ ނަތީޖާ ދާދި އަވަހަށް ފެނިގެންދާނެ ކަމަށް.
 
ޤައުމެއް ތަރައްޤީވެ ދިޔުމަށް އެބަ ބޭނުންވޭ، ކިތަންމެ ކިތަންމެ ކަންކަމެއް. އޭގެތެރޭގައި، އެންމެ ޚާއްޞަކޮށް، އަޅުގަނޑުމެންނަށް ފާހަގަވަނީ، ތަރައްޤީގެ އެންމެބޮޑު ވަސީލަތަކީ އިންސާނާއޭ. އެ އިންސާނާ މިނިވަންވުމޭ. އޭނާގެ މައްޗަށް ފޯރުވާފައިހުރި ބާރުތަކުން، ކަސްތޮޅުތަކުން އޭނާ ނެއްޓި، ތިމަންނާއަކީ ތިމަންނާގެ އަމިއްލަ މީހެކޭ، ކޮންމެ ރައްޔިތަކަށްވެސް ބުނެވި، ތިމަންނާގެ ޙަލާލު މަސައްކަތުންނޭ، ތިމަންނާގެ އަނބިދަރިންނަށް ކާންދީ ގެންގުޅޭނީ. ތިމަންނާއަކީ ޙައްޤުތަކެއް ލިބިފައިވާ މަޑުއްވަރީ ދިވެހި ރައްޔިތެކޭ ބުނާ ރައްޔިތަކު އުފެއްދުން. އެކަމަށްޓަކައި ކޮންމެހެން ބޭނުންތެރި އަސާސްތަކެއް އެބަހުރި. އޭގެތެރޭގައި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެ އުޅުމުގެ މިނިވަންކަމާއި، އަދި ހަމައެހެންމެ، ޞުލްޙަވެރި ސިޔާސީ ޙަރަކާތް ހިންގުމުގެ ފުރްޞަތާއި، އަދި އެހެންވެސް މަސައްކަތްތެރިންގެ ޙައްޤުތައް ރައްޔިތުންނަށް ލިބިދީފައި އޮތުމަކީ، ޤައުމެއްގެ، ރަށެއްގެ، ބައެއްގެ، އާބާދީއެއްގެ ތަރައްޤީއަށް ކޮންމެހެން ބޭނުންތެރި ކަމެއް.
 
ހަމައެއާއެކީގައި އަޅުގަނޑުމެން އަބަދުވެސް ފާހަގަކުރަމުން އައިން، ތަރައްޤީގެ އެންމެ މުހިންމު އެއް ވަސީލަތަކީ، ރައްޔިތުންނާ ގާތުން ރައްޔިތުންގެ ކަންކަން ނިންމޭނޭ އިންތިޒާމެއް ހޯދުމޭ. އެހެންވީމާ، އެނގިވަޑައިގަންނަވާނެ، ޤާނޫނުއަސާސީ އެކުލަވައިލަމުންދިޔައިރުގައި، ރަށު ކައުންސިލްގެ އިންތިޚާބާއި، އަތޮޅު ކައުންސިލްތަކުގެ އިންތިޚާބު ބޭއްވޭ ގޮތަށް، ޤާނޫނުކުރަންޖެހޭ ގޮތަށް ޤާނޫނުއަސާސީގެ ބާބެއް އަޅުގަނޑުމެންނަށް އިރާދަކުރައްވައިގެން، އެންމެފަހު ވަގުތު ނަމަވެސް،     އެ ޤާނޫނުއަސާސީގައި ހިމެނި، އެ ޤާނޫނުއަސާސީ އެއޮތީ ތަޞްދީޤު ކުރެވިފައި. އިރާދަކުރެއްވިއްޔާ، ފެބްރުއަރީ 5 ގައި މިދެންނެވި މުހިންމު މަސައްކަތުގެ ބިންގާ މުޅި ރާއްޖޭގައި އަދި            މި މަޑުއްވަރީގައިވެސް އެޅިގެންދާނެ. އަޅުގަނޑުމެންނަކަށެއް ނެތް، އެހިސާބުން އަތް އުރާލެވޭކަށް. ސަރުކާރުގެ މަސްއޫލިއްޔަތެއް، ސަރުކާރުގެ ޒިންމާއެއް އެއީ މިދެންނެވި ކައުންސިލްތައް ހަރުދަނާ ގޮތުގައި ހިންގުން. އަޅުގަނޑުމެން އެބަ އަމިއްލައަށް ސިފަކުރަން އެބަޖެހޭ، ކައުންސިލަކީ ކޮބައިކަން. ކައުންސިލް ހުންނާނީ ކޮންތާކުކަން. ކައުންސިލުން ކުރާނީ ކޮންކަމެއްކަން. ކައުންސިލްގެ މަސައްކަތްތައް ބެހިގެންދާނީ ގޮތަކީ ކޮބައިކަން. މިއުޅެނީކީއެއް މީގެކުރީގައި އޮތް ރަށްކުރިއަރުވާ ކޮމިޓީ ނުވަތަ އަތޮޅު ކުރިއަރުވާ ކޮމިޓީ ނުވަތަ އަންހެނުންގެ ރޫޙު ނުވަތަ ރަށު ޖަމްޢިއްޔާއެއް ނުވަތަ ރައްޔިތުންގެ އެކައުންޓެއް، މިބާވަތުގެ އެއްވެސް ކަމެއް ކުރާކަށެއް ނޫން. މިއުޅެނީ މާ ފުޅާ، އަދި  މާ ބޮޑު ތަރުތީބެއް އެކުލެވިފައި އޮތް، ވަކި ޚާއްޞަ ކަމެއް ކުރަން. އެކަމަށްޓަކައި އަޅުގަނޑުމެންގެ ވަކި ޚާއްޞަ ވިސްނުންތަކަކަށް އަދި ވަކިގޮތަކަށް ކަންތައްތަކެއް ކުރެވިގެން ނޫނީ، އަޅުގަނޑުމެން      މި އެދޭ ކާމިޔާބު އަޅުގަނޑުމެންނަށް ހޯދާން ދަތިވާނެ.
 
އަޅުގަނޑަށް ޔަޤީން، ތިޔަބޭފުޅުން މިކަންކަމުގެ މައްޗަށް ވިސްނަވާނެ ކަމަށް. މިފަހަރު އިރާދަކުރެއްވިއްޔާ، ބަޖެޓް ފާސްވިއިރު، ސަރުކާރުން މަޑުއްވަރިއަށް ބަޖެޓް އެކުލަވައިލާފައިވާ މިންވަރު، ކުރީ އަހަރުތަކަށްވުރެ މާބޮޑުތަނުން ބޮޑުވާނެ. މާ މާ ބޮޑުތަނުން ބޮޑުވާނެ. އޭގެ އެންމެބޮޑު ބޭނުމަކީ، މިދެންނެވި ކައުންސިލުން ހިންގާ މަސައްކަތްތައް ކަނޑައަޅައި، އެ ކައުންސިލުން ހިންގަންޖެހޭ ސަރުކާރުގެ ޕްރޮގްރާމްތައް ހިންގުން. އަޅުގަނޑުމެންނަށް އަބަދުވެސް ފެނިފައި މިއޮންނަނީ، މިރަށުގައި މިސާލަކަށް، ހަމަ ދެކެވިފައި މިއޮންނަނީ، އަޅުގަނޑުމެންނަށް މަދޭ މިރަށުގައި ލެބޯރެޓަރީއެއް. ތެދުފުޅެއް، މިރަށުގައި ލެބޯރެޓަރީއެއް މަދު. އެހެން ނަމަވެސް، ލެބޯރެޓަރީއެއް ހެދުމަށް ފައިސާ ޚަރަދު ކުރުން. އެކަން އެހެން އޮތްއިރު، އަދި މާ މުހިންމޭ، މިރަށުގެ ހެލްތް ސެންޓަރ މަސައްކަތް ކޮށްގެން، ކޮންމެ ދުވަހަކުވެސް، އެ ސެންޓަރުން ހިނގާ މަސައްކަތްތަކުގެ ތެރޭގައި، ރަށުގެ ބަލިވެދާނޭ ރައްޔިތުންގެ ހާލު ބަލައި، ބަލިވުމުގެ ކުރީގައި، އެރައްޔިތުންނާ އަޅާލެވޭނެ އަދި އުޞޫލެއްގެ ގޮތުން ޢާންމުކޮށް މުޅި ރަށު ރައްޔިތުންނާ އަޅާލެވޭނެ އިންތިޒާމެއް ހަމަޖެއްސުން.
 
 އެނގިވަޑައިގަންނަވާނެ، ވަރަށްގިނަ ރަށްރަށުގައި އަޅުގަނޑު ގާތުގައި ބޭފުޅުން ވިދާޅުވޭ، ތިމަންނާ އަންހެނުން ދޯނީގައި ވިހެއީއޭ. ތެދެއް، ހަމަ ރަށްރަށުގައި ގައިނަކޮލޮޖިސްޓުން ތިބެންޖެހޭނެ. ރަށްރަށުގައި ފުރިހަމައަށް ޞިއްޙީ ޚިދްމަތް ލިބެންޖެހޭނެ. އެ ޚިދްމަތް ދިނުމުގެ މަސައްކަތް ހިނގަމުންދާއިރުގައި، އަޅުގަނޑުމެން އެންމެނަށްވެސް އެނގޭ، މީހަކު ބަލިވެއިނދެ ވިހަނީ 9 މަސް ފުރުމުންކަން. އެހެންވީމާ، ދޯންޏަށް އެންމެފަހު ވަގުތުގައި ވިހާގޮތަށް އަޅުގަނޑުމެން ކަންކަން ރާވައިގެނެއް ނުވާނެ. އަޅުގަނޑުމެންގެ އަމިއްލަ ޒިންމާއެއް އޮންނަންޖެހޭނެ. އަޅުގަނޑުމެންނަށް އެކަންތައްތައް ބެލެންޖެހޭނެ. ހެލްތް ސެންޓަރަށްވެސް އެކަންކަން އޮޅުންފިލުވެންޖެހޭނެ. މިފަހަރުގެ ބަޖެޓްގައި، އިރާދަކުރެއްވިއްޔާ މިމަސައްކަތްތައް ކުރުމަށް، ހެލްތް ސެންޓަރުތަކުގައިވެސް އަދި ރަށުއޮފީސްތަކުގައިވެސް ކައުންސިލްގައި އެބަޖެޓް ހިމެނިފައި ހުންނާނެ.
 
އަޅުގަނޑުގެ އުންމީދަކީ، ތިޔަބޭފުޅުން ރަށު ކައުންސިލަށް ބޭފުޅުން ނަންގަވާއިރުގައިވެސް އަޅުގަނޑުމެންނަށް މިދެންނެވި މުހިންމު ކަންކަން ކުރެވޭނެ ގޮތަކަށް، އެކައުންސިލް އެކުލަވައިލުމަކީ ވަރަށް ބޭނުންތެރި ކަމެއް. ރައްޔިތުންގެ މަޖިލީހާ އަދި ހަމަ ވަރަށްބޮޑުތަނުން ތަފާތުވާނެ. އެ މަޖިލިސް ރާއްޖޭގައި އޮންނަތާ މިހާރު ހަތްދިހަ އެތައް އަހަރެއްވެއްޖެ. އެހެންވީމާ، އެމަޖިލީހުގައި މަސައްކަތްތައް ކިތަންމެ ތާށީގައިވެސް ހިނގަމުންދާއިރުގައި، އަބަދުވެސް ސަރުކާރަށް އެތާށީގެ ތެރެއިންވެސް، މިސާލަކަށް، މިއަތޮޅު ދެމެންބަރުންވެސް، ތިބޭފުޅުންގެ ތަރައްޤީގެ މަޝްރޫޢުތައް އެކުލެވޭ ބަޖެޓަކަށް ވޯޓެއް ނުދެއްވާ. އެހެން ނަމަވެސް، އިރާދަކުރައްވައިގެން، އެމް.ޑީ.ޕީ މެންބަރުން ތިއްބެވީތީވެ، އެބޭފުޅުންގެ ތާއީދާ އެކީގައި ސަރުކާރަށްވަނީ ބަޖެޓް ފާސްކުރެވިފައި. އަދި ވަކިން ޚާއްޞަކޮށް، ޑީ.އާރު.ޕީ.ގެވެސް ދުރުވިސްނޭ ކިތަންމެ މެންބަރުންގެ އެހީތެރިކަމާއެކީގައި އަޅުގަނޑުމެންނަށް މިހާރު މިވަނީ މިބަޖެޓް ފާސްކުރެވިފައި. އެ ބަޖެޓް ފާސްކުރެވިފައިވީއިރުގައި، މިމަޑުއްވަރީގެއާއި، މ. އަތޮޅުގެ ދެ ދާއިރާގެވެސް ބައިވަރު މަސައްކަތް އެބަހުރި. ތިޔަބޭފުޅުންގެ މެންބަރުން އެއަށް ވޯޓް ނުދެއްވިނަމަވެސް، އަޅުގަނޑު ޑީ.އާރު.ޕީ.ގެ ޢިއްޒަތްތެރި މެންބަރުންނަށްވެސް އަދި އެމް.ޑީ.ޕީ.ގެ ޢިއްޒަތްތެރި މެންބަރުންނަށްވެސް ޝުކުރު ދަންނަވަން، މަޑުއްވަރީގެ ތަރައްޤީއަށްޓަކައި އެބޭފުޅުން ބަޖެޓްގައި އެކޮށްދެއްވި މަސައްކަތަށް.
 
އަޅުގަނޑުމެންނަށް އަބަދުވެސް ފާހަގަވާ ޙަޤީޤަތެއް އެއީ، ޤައުމެއް ތަރައްޤީވެ މިދަނީ، ވިޔަފާރި ތަރައްޤީވެ ގޮސްގެންކަން. އެއްތަނުން އަނެއް ތަނަށް މުދަލާއި ފަސިންޖަރުން އުފުލުނީމާ ކަމަށް. ދަތުރުފަތުރު ކުރުމުގެ ނިޒާމަކުން ރާއްޖޭގެ ރަށްތައް ގުޅާލުމަށް، މިސަރުކާރުން ވާނީ ވަޢުދުވެފައި. އެނގިވަޑައިގަންނަވާނެ، އެކަން ކުރުމަށް ސަރުކާރުން ނިންމާފައިވަނީ، 7 އަހަރު ދުވަހުގެ ތެރޭގައި. ފުރަތަމަ ދެއަހަރު ދުވަހުގެ ތެރޭގައި، އަސާސީ ޚިދްމަތް ތަޢާރުފްކޮށްދިނުން. މިއަތޮޅުގައި މިއަހަރުގެ ތެރޭގައި، އަސާސީ ޚިދްމަތް ތަޢާރުފްކޮށްދޭން މިހާރުވަނީ ފެށިފައި. އިރާދަކުރައްވައިގެން، މިރަށުގައި އެ އަސާސީ ޚިދްމަތް ވަރަށް ރަނގަޅަށް މިއަތޮޅުގައި ހިނގަމުންދާ ކަމަށް އަޅުގަނޑަށް ލަފާކުރެވޭ. މިހާތަނަށް މިރަށުގެ 253 މީހުން ދަތުރަށް އަރާފައިވީކަމީ، އެއީ އަޅުގަނޑުމެންނަށް ލިބޭ ވަރަށްބޮޑު އުފަލެއް.
 
ހަމަ މިދަތުރުގެ ނިޒާމާއެކީގައި އިތުރަށް ބަނދަރުމައްޗާއި އަދި ފެރީ ޓަރމިނަލާ، މިކަންކަންވެސް ތަރައްޤީވެގެންދާނެ. ހަމައެއާއެކީގައި، މަސްމާރުކޭޓްވެސް އެއީ، ބަނދަރުމައްޗާއެކީގައި ލާމެހިފައި އޮންނަ ތަރައްޤީއެއް. މިދަތުރުފަތުރުގެ ނިޒާމުގެ ތެރެއިން ހިމެނިފައި އޮންނަ ތަރައްޤީގެ ފުރިހަމަ މަޝްރޫޢުތަކެއް، އަޅުގަނޑުމެން މިބަޖެޓްގައި މިފަހަރުގައި ތަންފީޛު ކުރުމަށް އޮންނާނީ، ވާނީ އެކުލަވައިލާފައި. އަޅުގަނޑު މިދެކެނީ، ކައުންސިލް މެދުވެރިކޮށްގެން، ރިވެތި ގޮތުގައި މިބަޖެޓް އަޅުގަނޑުމެންނަށް ހިންގިއްޖިއްޔާ، 2011 ވަނަ އަހަރުގެ ބަޖެޓް އެކަނިވެސް، މަޑުއްވަރީ ބަޖެޓް މަޑުއްވަރީގައި ރަނގަޅަށް ހިންގިއްޖިއްޔާ، މަޑުއްވަރިއަށް ބަދަލު އަންނާނެ. އިރާދަކުރެއްވިއްޔާ، މިރަށް ތަރައްޤީވާނެ. އަޅުގަނޑުމެންނަށް އެކަން އެގޮތަށް ކުރެވިއްޖިއްޔާ.
 
ބިންވެރި ކުރުމާއި ބޯހިޔާވަހިކަމަކީ، މި ސަރުކާރުގެ ވަރަށްބޮޑު އަމާޒެއް އަދި ވަޢުދެއްމެ. މަޑުއްވަރިއަށް، އަޅުގަނޑުމެން ސަރުކާރު ހިންގުމާ ޙަވާލުވިއިރުގައި ބިން މަދު. އަދި މިހާރުވެސް މަދު. އެހެން ނަމަވެސް، ސަރުކާރުން އުފާވާ ކަމެއް އެއީ، އަށްޑިހައަށްހާސް ފައްސަތޭކަ ސައްވީސް ކޮޑިމީޓަރުގެ ބިން މިރަށުން ހިކި، މިހާރު އިރާދަކުރެއްވިއްޔާ، އެބިމުން ގޯތި ދިނުމުގެ އަދި އެބިން ބޭނުންކުރުމުގެ ހުރިހާ މަސައްކަތްތަކެއް، ޕްލޭންތަކެއް ކުރެވި، އެ ބިން ބޭނުންކުރެވޭނެ ގޮތް ހަމަޖެހިގެންދާނެ. އަޅުގަނޑު ހަމަ މިކަމުގައިވެސް އެދެނީ، ކައުންސިލް އިންތިޚާބަށްފަހު، ކައުންސިލް މެދުވެރިކޮށްގެން ރައްޔިތުން، އެ ރައްޔިތުންގެ ފިކުރާއި، ރައްޔިތުންގެ ބައިވެރިވުމާ އެކީގައި، އިޙްސާންތެރިކަމާ އެކީގައި، މިރަށުގެ ބިން ބޭނުންކުރުމުގެ އެންމެހާ ކަންކަން ހިނގަމުންދިޔުން.
 
އަޅުގަނޑުމެން ސަރުކާރު ހިންގުމާ ޙަވާލުވުމުގެ ކުރީގައި، ވަމުން އައި އެއް ވަޢުދަކީ، ރާއްޖޭގެ މަސްވެރިންނަށް، އެމީހުން ބާނާ މަހަށް، ހަމަ އަގު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހޯދައިދޭނަމޭ. އެނގިވަޑައިގަންނަވާނެ، މީގެ ދުވަސްކޮޅެއް ކުރީގައިވެސް ކިލޯ ހަމަނުވާ މަހަކަށް، މިލިބެނީ އެއްރުފިޔާ ފަންސަވީސްލާރި ނުވަތަ ގިނަވެގެން ދެރުފިޔާބައި. ފަހުން ފަހުން އައިސް، އަޅުގަނޑުވެސް ގަބޫލުކުރަން، ބައެއްފަހަރަށް ފަސްރުފިޔާވެސް ލިބޭކަން. އެހެން ނަމަވެސް، މިއަދު މަޑުއްވަރީ މަސްވެރިންނަށް ވަރަށް ބޮޑަށް ސާފުވާނެ، އެބޭފުޅުންގެ އާމްދަނީ ދެގުނަވެއްޖެކަން. މިއަދުވެސް މަސްކިލޯއެއް، އެބޭފުޅުންނަށް ދިހަރުފިޔާއަށް ވިއްކޭނެކަން. އަދި އިރާދަކުރެއްވިއްޔާ، މަހުގެ އަގު ދުވަހުން ދުވަހަކަށް މިދަނީ ރަނގަޅުވަމުން. އޭގެ އެންމެބޮޑު ސިއްރަކީ، ސަރުކާރުގެ ސިޔާސަތަށް ގެނެވުނު ބަދަލު. މަސްވެރިކަން ހުޅުވާލީ. އެ ހުޅުވާލި ހުޅުވާލުމުގައި، އެކަމުގައި ވާދަވެރިކަން އުފެދި، މަސްވެރިންނަށް އޭގެ ހެޔޮ ނަތީޖާ އަޅުގަނޑުމެންނަށް މިދަނީ ފެންނަމުން. އަޅުގަނޑުމެންގެ ބޭނުމަކީ، މަޑުއްވަރީ މަސްވެރިންނާއި އަދި ރާއްޖޭގެ އެންމެހާ މަސްވެރިންނަށްވެސް މިއަދަށްވުރެ ފުރިހަމަ ރަނގަޅު އާމްދަނީއެއް ލިބުން.
 
އަޅުގަނޑުމެން އެއްގޮތަކަށްވެސް ދެކިގެން ނުވާނެ، ރައްޔިތުންނަށް ވަޒީފާގެ ފުރްޞަތު ފޯރުކޮށްދޭން އޮތް ހަމައެކަނި ތަނަކީ ސަރުކާރު ކަމަކަށް. އެއީ ސަރުކާރަކަށް، އެއްވެސް ސަރުކާރަކަށެއް ކޮށްދެވެން އޮތް ކަމެއް ނޫން. އެހެން ނަމަވެސް، އިތުބާރުހުރި އަމިއްލަ ވަޒީފާތައް، އަމިއްލަ ވިޔަފާރިވެރިންގެ ވަޒީފާތައް ރަށްރަށުގައި އެބަ ގިނަވާންޖެހޭ. އެބަ އުފެދޭންޖެހޭ. އަޅުގަނޑުމެން ހިތްހަމަޖެހޭ ކަމެއް އެއީ، މިފަހަރުގެ ބަޖެޓްގައިވާނެ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީވެދިނުމަށްޓަކައި ލޯނު ދިނުމުގެ ޕްރޮގްރާމެއް. އަޅުގަނޑުމެން ދެކެނީ، އަޅުގަނޑު ދެކޭގޮތުގައި، މި މަޑުއްވަރީގައިވެސް ވަރަށްގިނަ ވިޔަފާރިތަކަށް އަދި ޚާއްޞަކޮށް، މަސްވެރިކަމުގައި ހިންގާ މަސައްކަތްތަކަށް، މިދެންނެވި ލުއި ލޯނުގެ ފުރްޞަތު ހުޅުވިގެންދާނެ ކަމަށް.
 
އަޅުގަނޑުމެންގެ ހަމައެކަނި ބޭނުމަކީ، ރާއްޖޭގެ ތަރައްޤީ. މި ސަރުކާރު ދެމި މިއޮންނަނީ، ހަމަ އެންމެ ސަބަބަކަށްޓަކައި. އެއީ، އަޅުގަނޑުމެން ވެފައިވާ ވަޢުދުތައް ފުއްދުމާއި، އަދި އަޅުގަނޑުމެން ރައްޔިތުންނަށް ޚިދްމަތް ދިނުމަށް. ސަރުކާރުން ވެފައިވާ ވަޢުދުތަކަކީ، ޚާއްޞަ ގޮތެއްގައި، އެކަންކަން ފުރިހަމަވީމާ، ޤައުމެއް ތަރައްޤީވެދާ ބާވަތުގެ ކަންކަން، އަޅުގަނޑުމެން ދުށީ އެއީ، ތިޔަބޭފުޅުން ކުރުމަށް އެދޭ ކަންކަމޭ. އެކަންކަން ފުރިހަމަކުރުމަށް އަޅުގަނޑުމެން އެންމެންނަށް މަސައްކަތް ކުރެވިއްޖެނަމަ، އެހެން ކަންކަންވެސް އެބަހުރި ކުރާ. ހަމަ ބައިވަރު ކަންކަން އެބަހުރި. މިރަށަށް އިޖްތިމާޢީ މަރްކަޒެއް އެބަ ބޭނުންވޭ. މިރަށުގެ ޒުވާނުންގެ ތަރައްޤީގެ ކިތަންމެ ކަމެއް އެބަ ފުރިހަމަވާންޖެހޭ. އަޅުގަނޑުމެންގެ މި ޕްރޮގްރާމްތަކުގެ ތެރޭގައި، މިހުރިހާ ކަމަކަށްވެސް ނުއޮންނާނެ، ކޮންމެވެސް މިންވަރަކަށް ޙަރަކާތެއް ހިންގެން. މަސައްކަތެއް ކުރެވެން. އަޅުގަނޑު މިދަންނަވާ ވާހަކައަކީ، ހަމައެކަނި އެމިޞްރާބަށް، ޤައުމީ ތަރައްޤީގެ އޮނިގަނޑުގައި އެވާ މިޞްރާބަށް، އަޅުގަނޑުމެންނަށް އެންމެންނަށް މަސައްކަތް ކުރެވިއްޖިއްޔާ، އެއްވެސް ބަޔަކު އިތުރު އެހެން ދިމާއަކަށް އެއްޗެތި ނުދަމައި، ކަންކަން އަނބުރަން ނޫޅެ، މިހާރު ކަނޑައެޅިފައިމިވާ ޕްރޮގްރާމްތައް، ބަޖެޓްގައި ފާސްކުރެވިފައި އެވާ މަސައްކަތްތައް ހިންގުމުގައި، އެއްވިސްނުމެއްގައި، އެއްފިކުރެއްގައި އަޅުގަނޑުމެން އެންމެންނަށް އުޅެވިއްޖިއްޔާ، އަޅުގަނޑަށް ޔަޤީން، އަޅުގަނޑުމެންގެ ރާއްޖެ ބަދަލުވެދާނެކަން. އަޅުގަނޑުމެން މި އެދޭ "އަނެއް ދިވެހިރާއްޖެ" އަޅުގަނޑުމެންނަށް ލިބޭނެކަން.
 
އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.
 
اَلحَمْـدُ لِلّـهِ. والســّلام عليــكم.
 

                __________________________