بســماللّـهالرّحمـنالرّحيــم

މިނިސްޓަރ އޮފް ހޯމްއެފެއާޒް އޮނަރަބްލް ޙަސަން ޢަފީފް، އުތުރު ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރ އަދި އެ ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރުގެ ނައިބު، ނެއްލައިދޫގެ ކައުންސިލަރ، ނެއްލައިދޫ ކަތީބު، ނެއްލައިދޫ ކުޑަކަތީބު، އަދި ނެއްލައިދޫގެ އަޅުގަނޑުމެންގެ ލޮބުވެތި އެންމެހާ ރައްޔިތުން.
 
السّـلام عليـكم
 
އަޅުގަނޑުމެން އަބަދުވެސް ފާހަގަކުރަމުން އަންނަ ނުކުތާތަކެއް އެބަހުރި. އަޅުގަނޑުމެން އަޑު އުފުލަމުން އަންނަ އެއް ޙަޤީޤަތަކީ، ޤައުމެއް ތަރައްޤީވެދިޔުމަށް، ރައްޔިތެއްގެ ޙާލަތު، އެއް ޙާލަތުން އަނެއް ޙާލަތަށް ބަދަލުވުމަށް ވަކި ޚާއްޞަ ކަންތައްތަކެއް، ވަކިއިރެއްގައި، ވަކިގޮތަކަށް އަޅުގަނޑުމެން އެބަ ކުރާންޖެހެއޭ. ތަރައްޤީއާ ގުޅިފައި ހުރި ބައިވަރު ކިތަންމެ މިބާވަތުގެ ފަލްސަފާތަކެއް އެބަހުރޭ. ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެ އުޅުމުގެ މިނިވަންކަމާއި، އަދި ޞުލްޙަވެރި ސިޔާސީ ޙަރަކާތް ހުރިހާ އެންމެންނަށްމެ ހިންގިގެން ނޫނިއްޔާ، ޤައުމެއް ތަރައްޤީވެފައެއް ނެތް. ޤައުމުތައް ހަލާކުވެ، ޚަރާބުވެ، ރައްޔިތުން ނިކަމެތިވެދަނީ، ރައްޔިތުން ހިފެހެއްޓީމާ، ރައްޔިތުން އޮބެހެއްޓީމާ. ރައްޔިތުންގެ ކަންކަން، ރައްޔިތުންނަށް ނިންމުމަށް ފުރްޞަތު ނުލިބޭތީ.
 
ރައްޔިތުންގެ ފަރާތުން ރައްޔިތުންގެ ކަންކަން ނިންމުމަށް، ރައްޔިތުންނާ ގާތުން އެކަންކަން ނިންމޭނޭ އިންޒާމްތަކެއް އެއީ ތަރައްޤީއަށްޓަކައި ކޮންމެހެން ބޭނުން އިންތިޒާމެއް. އިރާދަކުރެއްވިއްޔާ، މި ފެބްރުއަރީ 5 ވަނަ ދުވަހު އުފެދޭ ލޯކަލް ކައުންސިލް އެއީ، ރައްޔިތުންގެ ފަރާތުން ރައްޔިތުންނާއެކީގައި މަސައްކަތް ކުރުމަށް އުފެއްދޭ މުއައްސަސާއެއްގެ ބިންގާއަކަށް ވެގެންދާނެ. އެ ބިންގާ އެޅުމުން، އަދި އެ މައްޗަށް އަޅުގަނޑުމެން ކުރާންހުރި ބިނާ ކިތަންމެހާވެސް ބޮޑު. އޭގެތެރޭގައި، ޚާއްޞަކޮށް، ސަރުކާރުގެ މަސްއޫލިއްޔަތު އެހާމެ ބޮޑު.
 
ސަރުކާރުން އެދެނީ، ސަރުކާރުން ބޭނުންވަނީ، ރާއްޖޭގެ ރައްޔިތުންނަށް އަދި ރާއްޖޭގެ ރަށްތަކަށް ތަރައްޤީ ހޯދައިދިނުމަށް. ރާއްޖެ ބަދަލުކުރުމަށް، އަޅުގަނޑުމެން ސަރުކާރު ހިންގުމާ ޙަވާލުވެ މިތިބީ. އަޅުގަނޑުމެންގެ އޮތީ ހަމައެކަނި އެންމެ ބޭނުމެއް. އެއީ، އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ވެފައިވާ ވަޢުދުތައް ފުއްދައިދިނުން. އަޅުގަނޑުމެން، ދިވެހި ރައްޔިތުންނަށް ޚިދްމަތް ކުރުން.
 
ތަރައްޤީއަށްޓަކައި އެންމެ ބޭނުންތެރި ކަންކަމަކީ ކޮބައިތޯ، މި ސަރުކާރުން ބަލައި ހެދިއިރު، އަދި އަޅުގަނޑުމެން ސަރުކާރު ހިންގުމާ ޙަވާލުވުމުގެ ކުރީގައިވެސް، ރާއްޖޭގައި ތަރައްޤީ ފަހިކުރުމަށް މިހާރުން މިހާރަށްވެސް ކުރާންހުރީ ކޮންކޮން ކަންތައްތަކެއްތޯ، އަޅުގަނޑުމެން ދެނެގަތީމު. އަޅުގަނޑުމެންގެ ވަޢުދުތައް ގޮތުގައި ރައްޔިތުންނަށް ވެފައިމިވާ ވަޢުދުތަކަކީ، މިދެންނެވި ކަންކަން. އަޅުގަނޑުމެން ރައްޔިތުންނަށްވެފައިވާ ވަޢުދުތައް ފުއްދުމުން، އަޅުގަނޑުމެން މިދެކެނީ، މި ރާއްޖެ ތަރައްޤީގެ މަގަށް ރީތިކޮށް، ރިވެތިކޮށް، ތާޒާކޮށް އެނބުރިގެންދާނެއޭ.
 
ދަތުރުފަތުރުކުރުމުގެ ނިޒާމެއް ޤާއިމް ކުރުމަކީ، މި ސަރުކާރުގެ ވަރަށްބޮޑު އަމާޒެއް. ސަރުކާރުން ނިންމާފައިވަނީ، 7 އަހަރު ދުވަހުގެ ތެރޭގައި، ފުރިހަމަ ނިޒާމެއް ޤާއިމް ކުރުމަށް. ފުރަތަމަ ދެއަހަރުގެ ތެރޭގައި، އޭގެ އަސާސީ ޚިދްމަތްތައް ފަށައިގަތުމަށް. އަސާސީ ޚިދްމަތްތަކުގެ ތެރޭގައި، ދެކަމެއް އެބަ ހިމެނޭ. އެއްކަމަކީ ދަތުރުފަތުރު ކުރާނޭ ރަނގަޅު އުޅަނދުފަހަރު، އެ އުޅަނދުފަހަރު ގަޑިން ގަޑިއަށް އައިސް ދަތުރުފަތުރު ކުރެވޭނޭގޮތް ހޯދުން. އަނެއް ކަމަކީ، ލަފާފުރޭނޭ ރަނގަޅު ގޮތެއް، ބަނދަރެއް އޮތުން. އެހެންވީމާ، ބަނދަރުގެ މަސައްކަތަކީ، މި ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއްދޭ ކަމެއް. ސަރުކާރުން މިހާރުވާނީ 2011 ވަނަ އަހަރުގެ ބަޖެޓްގައި ނެއްލައިދޫ ބަނދަރު ހިމަނާފައި. އެ ބަޖެޓަށް ބޮޑެތި ބަދަލު ނައިސް، އެ ބަޖެޓް ފާސްވެއްޖެނަމަ، ނެއްލައިދޫ ބަނދަރު އިރާދަކުރެއްވިއްޔާ، 2011 ވަނަ އަހަރު ހެދޭނެ.
 
އަޅުގަނޑު ދެންމެ މިދެންނެވި ބަސްތައް، އެ އަކުރުން އަކުރަށް ރެކޯޑްވެފައި ހުންނާނެ. އެ އަޞްލު ބަސްތައް އަޅުގަނޑެއް ހަނދާނެއް ނުނެތޭނެ. އަޅުގަނޑު އުންމީދުކުރަން، ތިޔަބޭފުޅުންވެސް ހަނދާން ނުނެތޭނެ ކަމަށް. އަޅުގަނޑު މިދަންނަވާ ވާހަކައަކީ، ބަޖެޓްގައި އެއޮތީ ބަނދަރު ހިމަނާފައޭ. ތިޔަބޭފުޅުން އެ ބަޖެޓް ބެއްލެވީމާ، އެކަން ފެންނާނެ ނުވަތަ މެންބަރުންނަށް އެކަން ފެންނާނެ. މެންބަރުން ބަޖެޓަށް ވޯޓް ދެއްވާއިރުގައި، ބަޖެޓަށް ބޮޑެތި ބަދަލުތަކެއް ގެންނަވައިފިއްޔާ، ސަރުކާރަށް މަޖްބޫރުވާނެ، ބައެއް ކެޕިޓަލް ޚަރަދު މަދުކުރަން. ކުޑަކުރަން. އެބަދަލުކުރި މިންވަރަކަށް އެކަން ކުރާންޖެހޭނެ. އެހެންވީމާ، އަޅުގަނޑު ވަރަށް ބޮޑަށް އުންމީދު ކުރަން، އަޅުގަނޑުމެންނަށް، ކަންދިމާވެފައި އޮތް ގޮތުން މި ސަރުކާރަކަށް ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތެއް ނެތް. އެހެންވީމާ، ސަރުކާރު މަސައްކަތް ކުރަން ޖެހޭނީ، ރައްޔިތުންގެ މަޖިލީހުން ފާސްވާ ގޮތަށް. އެއީ، ޑިމޮކްރެޓިކްގެ އުޞޫލުތަކަކީވެސް. އަޅުގަނޑުމެންނަށް، ސަރުކާރަށް ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތެއް ލިބުނީމާ، އަޅުގަނޑެއް ނުޖެހޭނެ، ޙަޤީޤަތުގައި ބަނދަރެއް ހަދާކަށް ގޮސް، އަޅުގަނޑު ގޮސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ގާތުގައި މިބަނދަރު ހެދުމަށް ނުވަތަ މިވެނި އެވެނި ކަމެއް ކުރުމަށް ތިޔަބޭފުޅުންގެ އެއްބާރުލުން އަޅުގަނޑު ބޭނުމޭ، އެކަން ކުރެވޭނެގޮތް އަޅުގަނޑަށް ފަހިކޮށްދޭށޭ.
 
ވާދަވެރި ސިޔާސީ ޕާޓީތަކުގެ ވަރަށްގިނަފަހަރަށް އަދި ޚާއްޞަކޮށް، ޑިމޮކްރަސީއަށް އަލަށް އެނބުރޭ ޤައުމުތަކުގައި، ވާދަވެރި ޕާޓީތަކުގައި މިހުންނަ ރޫޙަކީ ސަރުކާރު ބަދަލުކޮށްލަން މަސައްކަތް ކުރުން ނުވަތަ ސަރުކާރު ހިންގުމަށް ހުރަސްއެޅުން. ދެން އެނގިވަޑައިގަންނަވާނެ، އެބޭފުޅުންގެ ލަވަތަކުގައިވެސް ހުންނާނީ، ދާދި އަވަހަށް މި ސަރުކާރު ވެއްޓިދާނެއޭ. އެއީ، އުންމީދުތައް. އެހެންނަމަވެސް، އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންނަކީވެސް ހަމަ އަތް އުރާލައިގެން ތިބި ބައެއް ނޫންކަން. އަޅުގަނޑުމެންނަކީވެސް ހަމަ ރަށަކަށް އުފަން، އުޅެ ބޮޑުވި ބައެއްކަން. އަޅުގަނޑުމެން އަތުން ވަކި އެއްޗެއް ފިރުކާލަން ހަމަ ދަތިވާނެ. އަޅުގަނޑުމެންނަށް މިމަސައްކަތްތައް ހިންގުމަށް އިރާދަކުރެއްވިއްޔާ، ފުރްޞަތުތައް ފަހިވެގެންދާނެ. އަޅުގަނޑު ދެކެނީ، އަޅުގަނޑު ޔަޤީން ކުރަނީ، މިއަތޮޅު، މިދާއިރާގެ މެންބަރުވެސް މި ވިސްނުން ގެންގުޅުއްވާނެ ކަމަށް. އަދި އަޅުގަނޑު އުންމީދު ކުރަނީ، އެބޭފުޅާ މިކަމުގައި އަޅުގަނޑުމެންނަށް އެހީތެރިވެދީގެން، ތިޔަބޭފުޅުންގެ ބަނދަރު، 2011 ވަނަ އަހަރު ހެދޭނެ ގޮތެއް ހޯދާނެ ކަމަށް. އަޅުގަނޑު އިސްތިޤްބާލުކޮށްގެން މިހުރީ، އަޅުގަނޑު މިވަގުތަށް ޔަޤީންކޮށްގެން މިހުރީ، އެކަން އަޅުގަނޑުމެންނަށްވާން އޮތް ކަމަށް. ތިޔަބޭފުޅުންނަށް މިކަން ޔަޤީންވާނެ، ބަޖެޓް ފާސްކުރާ ދުވަހު. މިހާރު ކަނޑައަޅާފައި އޮތް 3.2 ބިލިއަންގެ ބަދަލުގައި، އެބޭފުޅުން ބަޖެޓުން ފަސް ހަސަތޭކަ މިލިއަން ރުފިޔާ އުނިކުރިނަމަވެސް އުނދަގޫވާނެ. އަދި އެހާ ބައިވަރު ރުފިޔާ އިތުރުކުރިނަމަވެސް އުނދަގޫވާނެ. މިއޮތްގޮތަށް އަޅުގަނޑުމެންނަށް މިމަސައްކަތްތައް ކުރިއަށް ގެންދެވިއްޖިއްޔާ، އެއްވެސް ޝައްކެއްނެތް، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް މި ނެއްލައިދޫގެ ބަނދަރު ހެދިގެންދާނެ.
 
ނެއްލައިދޫ ތަރައްޤީ ކުރުމަށް، އަދި މިއަތޮޅު ތަރައްޤީ ކުރުމަށްވެސް، މި ރާއްޖެ ތަރައްޤީ ކުރުމަށްވެސް، ވިޔަފާރި ކުރިޔަސް އެބަދާންޖެހޭ. އެއްތަނުން އަނެއް ތަނަށް މުދަލާއި ފަސިންޖަރުން ބަދަލުވެގެން ނޫނިއްޔަކާއެއް ވިޔަފާރިއެއް ތަރައްޤީއެއް ނުވާނެ. އެ ތަރައްޤީ ކުރުމަށްޓަކައި އަނެއްކާވެސް އަޅުގަނޑުމެން ހަމަ އެންމެ ބޭނުންވާ އެއްޗަކީ ބަނދަރު. އަދި ދަތުރުފަތުރު. ހަމައެއާއެކީގައި، އިތުބާރާއެކީގައި، އަދި އިތުބާރުހުރި، އިތުބާރު ހިފޭ ވަޒީފާގެ ފުރްޞަތުތައް ކޮންމެ ރަށެއްގައިވެސް، މިރަށުގައިވެސް އިތުރުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް. ސަރުކާރު އެއީ، ހަމައެކަނި ވަޒީފާދޭ ފަރާތް ކަމުގައި އަޅުގަނޑުމެންނެއް ނުދެކެން. ދެކިގެނެއް އަޅުގަނޑުމެންނަކަށް މި އެދޭ ތަރައްޤީއެއް އަޅުގަނޑުމެންނަކަށެއް ނުހޯދޭނެ. އަޅުގަނޑުމެންގެ ތެރެއިން މަސައްކަތް ނުކުންނަންޖެހޭނެ. އަޅުގަނޑުމެންނަށް އިތުރު މަސައްކަތްތައް، އިތުރު ވަޒީފާތައް ހޯދެންޖެހޭނެ. އަދި އުފެއްދެންޖެހޭނެ. މިފަހަރުގެ ބަޖެޓްގައި އަނެއްކާވެސް ހިމަނާފައި އޮންނާނެ، ތިންސަތޭކަ ފަންސާސް މިލިއަން ރުފިޔާ، ލުއި ލޯނު ދިނުމަށް. ރަށްރަށުގެ އެކިއެކި ވިޔަފާރިތައް ކުރިއެރުވުމަށް. ހަމަ އޭގެތެރޭގައި، ނެއްލައިދޫގެ ވިޔަފާރިތައްވެސް އަޅުގަނޑު ދެކެނީ، އަޅުގަނޑު އުންމީދު ކުރަނީ ކުރިއަރައިދާނެ ކަމަށް. އަދި އެބޭފުޅުންގެ ވިޔަފާރިތަކަށް ލުއިލޯނު ލިބިގެންދާނެ ކަމަށް.
 
އަޅުގަނޑުމެން ސަރުކާރު ހިންގުމާ ޙަވާލުވުމަށް އައިއިރުގައި، ވަރަށްގިނަ ގޭގެއަށް ވަނީމު. ވަރަށްގިނަ މީހުންނާ ވާހަކަ ދެއްކީމު. ވަރަށްގިނަ ރަށްރަށަށް ދިޔައީމު. ވަރަށްގިނަ ފޮތް ބެލީމު. ވަރަށްގިނަ ގޮތްގޮތަށް މި ރާއްޖޭގެ ވެރިކަން، މި ރާއްޖޭގެ އިދާރީ ކަންކަން ހިންގުމަށް އޮތް އެންމެ ފުރިހަމަ ގޮތަކީ ކޮބައިތޯ އަޅުގަނޑުމެންނަށް ބެލުނު. އަދި ޚާއްޞަކޮށް، އަޅުގަނޑަށް، އަޅުގަނޑުގެ ޙަޔާތުގައި މި ބަލަން ވަރަށްގިނަ ދުވަސްތަކެއް އަޅުގަނޑަށްވަނީ އުޅެވިފައި. އަޅުގަނޑުމެންނަށް ފާހަގަވެފައި އޮތް އެއްކަމަކީ، ރާއްޖޭގައި މިހާރު މިހުރި ޞިއްޙީ ޚިދްމަތްދޭ ތަންތަން އެއީ، އެކަށީގެންވާ ތަންތަން ކަމަކަށް ރައްޔިތުންނެއް ނުދެކޭ. އަޅުގަނޑުމެން އެކަން ގަބޫލުކުރަން. މިދިޔަ 30 އަހަރުވެސް އެތަންތަން އެކަށީގެންވާ މިންވަރަކަށް ނުގެނެވޭ. އަދި މިދިޔަ ދެއަހަރުވެސް އަޅުގަނޑުމެންނަކަށްވެސް ތިޔަބޭފުޅުން ހިތްހަމަޖެހޭ މިންވަރަކަށް އެތަންތަނެއް ނުގެނެވޭ. އަޅުގަނޑުމެން މިދަނީ އެތަންތަން ރަނގަޅު ކުރުމުގެ، ތަރައްޤީ ކުރުމުގެ މަސައްކަތްތައް ކުރަމުން.
 
އެމަސައްކަތްތައް ކުރަމުންދާއިރުގައި، އަޅުގަނޑުމެންނަށް އެނގިފައި އޮންނަ އަނެއް މުހިންމު ޙަޤީޤަތެއް އެބައޮތް. އެއީ، ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ކޮންމެ ތިންމީހަކުންކުރެ އެކަކީ ނިކަމެތި ފަޤީރެކޭ. އޭނާއަކީ ދުވާލެއްގެ މައްޗަށް ދިހަރުފިޔާވެސް ނުލިބޭ މީހެކޭ. ރާއްޖޭގައި އެއްލައްކަ މީހުން، އ.ދ. މިބުނާ ޕަވަރޓީ ލައިން ނުވަތަ ބަނޑުހައިހޫނުކަމުގެ ރޮނގުން ތިރީގައި އެބަތިއްބޭ. އަޅުގަނޑުމެންގެ އަމާޒަކަށްވީ، މިދެންނެވި ކަމުނުދާ، މިދެންނެވި ފުރިހަމަނުވާ ޞިއްޙީ ޚިދްމަތްތަކަށްވެސް ރާއްޖޭގެ އާބާދީގެ ތިންބައިކުޅަ އެއްބައި ރައްޔިތުންނަށް އަތްނުފޯރާއޮތްއިރު، މުޅި ރާއްޖޭގެ ވަރަށްގިނަ ރައްޔިތުންދަނީ ބޭސް ސިޓީއަށް ސަލާން ޖަހަމުންނޭ. ބޭސް ސިޓީއެއް ހިފައިގެން، އެއްގެއިން އަނެއް ގެއަށް، އެއްފިހާރައިން އަނެއް ފިހާރައަށް،     އެ ސިޓީއަށް ފައިސާ ހޯދުމަށް. އެ ސިޓީއަށް ބޭސް ލިބޭނޭ އެހީތެރިކަމެއް ހޯދުމަށް ރައްޔިތުން ހިނގި މިންވަރު އަޅުގަނޑުމެން ހަނދާން އެބަހުރި. އެއިން ސަލާމަތްވުމަށްޓަކައި، ޙައްލެއް ހޯދުމަށްޓަކައި ސަރުކާރުން އެކުލަވައިލީ، އިޖްތިމާޢީ ރައްކާތެރި ކަމުގެ ޕްރޮގްރާމެއް. އެ އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްގައި ހިމެނެނީ މަދަނަ. އަޅުގަނޑުމެން އުފާވާ ކަމެއް އެއީ، ނެއްލައިދޫ 183 ރައްޔިތުން މަދަނައިގައި ރަޖިސްޓްރީވެ، އެ 183 ރައްޔިތުންގެ ތެރެއިން ކޮންމެ މީހަކަށްވެސް އެއްލައްކަ ރުފިޔާގެ ބޭސްފަރުވާ، މުޅި ޖުމްލަ 18 މިލިއަން ރުފިޔާ، ބޭސްފަރުވާއަށް ނެއްލައިދޫ ރައްޔިތުންނަށް އެއްކައިރި ކުރެވިފައި ހުންނާނެ. 
 
           އަޅުގަނޑު މާލޭ ވިޔަފާރިވެރިން ގާތުގައި އަހަން، މީގެ ދެއަހަރު ކުރީގައި މިދުވަހު، ތިޔަބޭފުޅާ އަރިހަށް ބޭސް ސިޓީއެއް ހިފައިގެން އައި މިންވަރަށް މިހާރުވެސް މީހުން އެބަ އާދޭތޯ. މާލޭ ވިޔަފާރިވެރިން ބުނޭ މިހާރު ރައީސޭ ވަރަށްމަދޭ. އަޅުގަނޑަށް ޔަޤީން، ނެއްލައިދޫ ވިޔަފާރިވެރިންނަށްވެސް ހަމަ މިތަން ފެންނާނެ. ބޭސް ސިޓީއެއް ހިފައިގެން މީހަކު އެންމެފަހުން އައީ ކޮންއިރަކުތޯ، އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެންނަށް މިހާރު ހަނދާނަށް ގެނެވޭނެހެން. މީގެ ސިއްރަކީ މަދަނަ. މަދަނައިން ބޭސްފަރުވާ، ނިކަމެތިންނަށް ބޭސްފަރުވާ ދެވޭގޮތަށް އެއޮތީ. މިއަހަރުގެ ތެރޭގައި، މިއަހަރު ނިމޭއިރުގައި، ފަންސާސްހާސް ރައްޔިތުންނަށްވުރެ މީހުންނަށްވުރެ ގިނަ މީހުންނަށް މަދަނައިން ބޭސްފަރުވާކޮށްދެވޭނެ. އެއަށް މުޅި ޖުމްލަ، ދުއިސައްތަ މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވެގެންދާނެ. އެއީ، ސަރުކާރަށް ލިބޭ އުފަލެއް. ސަރުކާރުގެ ބޭނުމަކީ، އަޅުގަނޑުމެންގެ އަމާޒަކީ، ރައްޔިތުންނަށް އިޖްތިމާޢީ ރައްކާތެރިކަން ހޯދައިދިނުން. ރައްޔިތުން ނިކަމެތި ބިކަހާލުގައި ތިއްބައި، ބަނދަރެއް އެޅުމުގެ އެއްވެސް މާނައެއް ނެތް. އެ ބަނދަރު ބޭނުމެއް ނުކުރެވޭނެ. އަޅުގަނޑު ގާތުގައި ވަރަށްގިނަ ރަށްރަށުން ވަރަށްގިނަ މީހުން އަހާ، ރައީސޭ މިރަށުގައި އަށާރަ މިލިއަން ރުފިޔާ ދީފައި ބަނދަރެއް ހެދިނަމަ، މާރަނގަޅުވީހެއް ނޫންހެއްޔޭ، އެންމެންނަށް ބޭސްނުކޮށް. އެއީ، އެއްވިސްނުމެއްގެ ގޮތުގައި ރަނގަޅު ކަމެއްގެ ގޮތުގައި ދެކެވިދާނެ. އެހެން ނަމަވެސް، އަޅުގަނޑުމެންނަށް އެނގޭ، ތަރައްޤީ މިލިބެނީ ވަކިތަރުތީބަކުން، ވަކިއިރެއްގައި ވަކި ޚާއްޞަ ކަންތައްތަކެއް ކުރީމާ.
 
އަޅުގަނޑުމެންނަށް ފާހަގަވެފައި އޮތީ ރައްޔިތުންގެ އިޖްތިމާޢީ ރައްކާތެރިކަމަކީ ކޮންމެހެން މުހިންމު ކަމެއްކަން. އަޅުގަނޑުމެންނަށް އެނގޭ، ރާއްޖޭގެ ދޮށީ ޢުމުރުގެ މީހުން ވަރަށް ބިކަ ހާލުގައި ނިކަމެތިކޮށް އުޅެމުން ގެންދިޔަކަން. ހަމަގައިމުވެސް އަޅުގަނޑުގެ ލޮލުން އަޅުގަނޑު ދެކެމުން ދިޔައިން. ހޮޅުއަށިތަކުގައި، ރަށްރަށުގެ ގޮނޑުދޮށުގައި އަދި ގޭގޭގެ ހަނިހަނި ކުދިކުދި ކޮޓަރިތަކުގައި. މާލޭގައި ވެއްޖެއްޔާ، ގެ ބަހަމުންބަހަމުންބަހަމުން އައިސް، އެންމެފަހުން ފެންޑާގައި ހުންނަ ކޮޅުފިލާގޮނޑިއަކަށް ކާފަ ނުވަތަ މާމަ އައިސް އެނދެއްގެ ގޮތުގައި އެހުއްޓެނީ. އަޅުގަނޑުމެން ދުށިން، އެހުރިހާ ތަނެއް. މި ރާއްޖެ އަޅުގަނޑުމެންނަށް ލިބިފައި މިއޮތީ، ދޮށީ ޢުމުރުގެ މީހުން ވަރަށްގިނަ މަސައްކަތް ކުރީތީ. އެމީހުން މަހަށް ދިޔައީތީ، ފަރަށް ދިޔައީތީ، އެމީހުން ފަންގެވިނީތީ، ރޯނުވެށީތީ. އެމީހުން ރިޒޯޓްފަހަރު އެޅީތީ. އެމީހުން، އެމީހުންގެ ދަރިން ބެލެހެއްޓީތީ. މި ރާއްޖެ ތަރައްޤީ ކުރުމުގައި، އެމީހުންގެ ޙިއްޞާ ވަރަށްބޮޑު. އެހެންވީމާ، ރާއްޖޭގައި ޕެންޝަނެއް ޙައްޤުވަނީ ކޮންބަޔަކަށްތޯ އަޅުގަނޑުމެން ވިސްނާއިރުގައި، އެއީ ހަމައެކަނި ސަރުކާރުގެ އޮފީސްތަކުގައި މަސައްކަތް ކުރައްވަން ތިއްބެވި ބޭފުޅުންނަށް ކަމަށް ހަމަގައިމުވެސް އަޅުގަނޑު ނިސްބަތްވާ ޕާޓީއަކުން އެއްގޮތަކަށްވެސް ގަބޫލެއް ނުކުރޭ. އަޅުގަނޑުމެން އެހެންވެގެން، ޢުމުރުން 65 އަހަރުން މަތީގެ ކޮންމެ މީހަކަށް، އަންހެނަކަސް، ފިރިހެނަކަސް ޕެންޝަނެއް ދެމުން މިގެންދިޔައީ. އަޅުގަނޑު ވަރަށް އުފާވާ ކަމެއް އެއީ، މިރަށުގެ 77 ރައްޔިތަކަށް، ކޮންމެ މަހަކު އެއްލައްކަ ފަންސާސް ހަތަރުހާސް ރުފިޔާ އިރާދަކުރެއްވިއްޔާ، މިހާރު ސަރުކާރުން މިގެންދަނީ ދެމުން. އިރާދަކުރެއްވިއްޔާ، އެމީހުންގެ ޙާލަތު އަދި ކުރިއަށްވުރެ މިހާރު ކިތަންމެ ތަނަކުން ރަނގަޅުވާނެ. އަދި ހަމައެޔާއެކީގައި، އެމީހުންގެ ޙާލަތާ އެކީގައި އަޅުގަނޑަށް ފެންނަނީ އެމީހުންގެ ދަރީންނަށްވެސް އާ ޖޯޝަކާ އެކީގައި، މައިންބަފައިންނަށް އިޖްތިމާޢީ ރައްކާތެރިކަމެއް އޮތީތީވެ، ނުކުމެ ތަރައްޤީގެ މަސައްކަތުގައި އުޅެވޭކަން.
 
އަޅުގަނޑުމެންގެ ބޭނުމަކީ، ވީހާވެސް ގިނަ ބަޔަކަށް ރަނގަޅު އިޖްތިމާޢީ ރައްކާތެރިކަމެއް ހޯދައިދިނުން. ނުކުޅެދޭ މީހުންނަށްވެސް، އެކަނިވެރި މައިންނަށްވެސް، އަދި ޔަތީމު ކުދިންނަށްވެސް. އަޅުގަނޑުމެންގެ ބޭނުމަކީ، އަޅާލެވޭނެ އިންތިޒާމެއް، ނިޒާމެއް ހަމަޖެއްސުން. އަޅުގަނޑުމެންގެ ރާއްޖޭގެ މިދެންނެވި އެއްލައްކަ މީހުން، ބަނޑުހައިހޫނުކަމުގެ ރޮނގުން މައްޗަށް ނުގެނެވޭއިރު، އަޅުގަނޑުމެންނަކަށް ޙަޤީޤީ ތަރައްޤީއާ ދިމާއަށް އެނބުރެން ދަތިވާނެ. މިއަހަރު، 2011 ވަނަ އަހަރު އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ ބަޖެޓް އަޅުގަނޑުމެންނަށް ހިންގިއްޖިއްޔާ، ހިންގޭނެ ފުރްޞަތު އަޅުގަނޑުމެންނަށް ލިބިއްޖިއްޔާ، އަޅުގަނޑު ދަންނަވާނީ، މިދިޔަ ދެއަހަރާ އެކުގައި، އަޅުގަނޑުމެންނަށް ދެން ހަމަ ވަރަށްގިނަ ބަޔަކަށް އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދެވޭނެއޭ.
 
އަބަދުވެސް އެނގޭ ޙަޤީޤަތެއް އެއީ، އެންމެ މުހިންމީ އިންސާނީ ވަސީލަތްކަން. އެންމެ މުހިންމު އެއްޗަކީ އިންސާނާކަން. އެންމެ ކަރާމާތްތެރި، އެންމެ މާތް އެއްޗަކީވެސް އިންސާނާކަން. އިންސާނާ ތަރައްޤީވެގެން ނޫނިއްޔާ، އިންސާނާއަށް ތަންދޮރުފިލައި، ހެވާއި ރަނގަޅު އޮޅުންފިލައި، ތަޢްލީމެއް ލިބިގެން ނޫނިއްޔާ، އަޅުގަނޑުމެން މި އެދޭ ތަރައްޤީ އިންސާނުންނަކަށެއް އަދި މިރަށަކަށްވެސް ލިބިގެނެއް ނުދާނެ. އަޅުގަނޑު ވަރަށް އުފާވޭ، މިރަށުގެ ނަތީޖާ، ނެއްލައިދޫގެ މަދަރުސާގެ ނަތީޖާ، އޯ ލެވެލްއިން ފާސްވި ކުދިންގެ ޢަދަދު، މިއަހަރު ވަރަށްބޮޑުތަނުން އިތުރުވެގެންދިޔަ. އެހެން ސްކޫލްތަކާ އަޅާބަލާއިރު، 8 ޕަސެންޓް އިތުރުވެގެންދިޔަ. އަޅުގަނޑު ކޮންމެ އަހަރަކު އެއްފަހަރު އަދި ކޮންމެ ޓަރމަކު އެއްފަހަރު ވަރަށް ބޮޑަށް ބަލަން، ހުރިހާ ސްކޫލެއްގެ ނަތީޖާ އޮޅުންފިލާތޯ. ޚާއްޞަކޮށް، ނެއްލައިދޫގެ ނަތީޖާ އަޅުގަނޑު ހަނދާންހުރޭ. އަޅުގަނޑު ބެލިން، އަދި އަޅުގަނޑަށް އޮޅުންފިލާ.
 
އަޅުގަނޑުމެންނަށް ލިބޭ އުފަލެއް އެއީ، މިރަށު ކުދިންނަށް، ދަރިވަރުންނަށް ފޮތް ފަންސުރު، ގަލަމާއި އަދި މަދަރުސާއަށް ބޭނުންވާ ތަކެތި ގަތުމަށް، އެއްލައްކަ ނަވާރަހާސް ހަތަރުސަތޭކަ ފަންސާސް ފަސްރުފިޔާ ޚަރަދުވެފައި އޮތްކަމީ، ސަރުކާރުން އެކުދިންނަށް        އެ ހޭދަކުރެވުނުކަމީ، މި ސަރުކާރު ވަރަށް އުފާވާ ކަމެއް. އަޅުގަނޑުމެން ހިތްހަމަޖެހޭ ކަމެއް. އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ތަނުގައިވެސް، އަޅުގަނޑުމެން ގެންދާނީ މިމަސައްކަތް ހަމަ މިގޮތަށް ކުރަމުން. އަދި ހަމައެހެންމެ، އެނގިވަޑައިގަންނަވާނެ، އޯ ލެވެލް އިމްތިޙާނާއި، ބޭރުގެ އިމްތިޙާންތަކުގައި ބައިވެރިވުމަށް ދައްކަންޖެހޭ ފީ ދެއްކުމަށްޓަކައި މިރަށަށް ބޭނުންވާ އަށާވީސްހާސް ރުފިޔާ ޚަރަދު ކުރެވިފައި އޮތް ކަމަކީވެސް އަޅުގަނޑުމެންނަށް ވަރަށް ހިތްހަމަޖެހުން ލިބޭ ކަމެއް. މިރަށު ސްކޫލް، އެއްދަންފަޅިއަށް ބަދަލުކޮށް، ވަށާޖެހިފައިވާ ތަޢްލީމެއް ދަރިވަރުންނަށް ފޯރުކޮށްދިނުން އެއީ، ސަރުކާރުގެ މައިގަނޑު އަމާޒަކީ. އެ އަމާޒަށް އަޅުގަނޑުމެން ދަތުރުކުރަމުން މިދަނީ. އިރާދަކުރެއްވިއްޔާ، މިރަށުގެ ސްކޫލްވެސް އެއީ، އެއްދަންފަޅިއަށް މަސައްކަތްކުރާ، އެއްދަންފަޅި ސްކޫލަކަށް ދާދި އަވަހަށް ވެގެންދާނެ.
 
އަޅުގަނޑުމެންގެ ހުރިހާވެސް ބޭނުމަކީ، އަޅުގަނޑުމެން އެންމެންވެސް މަސައްކަތް ކުރަމުން މިގެންދަނީ، ހަމަ އެންމެ އަމާޒަކާ ދިމާއަށް. އަޅުގަނޑުމެންގެ ރާއްޖެ މިއަށްވުރެ ތަނަވަސް، އެހެން ދިވެހިރާއްޖެއަކަށް މި ރާއްޖެ ހެދުމަށް. އެކަން ކުރުމަށްޓަކައި އަޅުގަނޑުމެން ފުރަތަމަ ހިންގާންޖެހޭ ކަންކަން އިރާދަކުރެއްވިއްޔާ، މިހާރު މި ހިންގާ ނިމެނީ. ޤާނޫނުއަސާސީ ތަންފީޛުވަމުން މިދަނީ. ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމް ޤާއިމްކުރެވިއްޖެ. އެނިޒާމުގެ ދަށުން ރިޔާސީ އިންތިޚާބެއް ބޭއްވިއްޖެ. އެނިޒާމުގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބެއް ބޭއްވިއްޖެ. އެނިޒާމުގެ ދަށުން އަޅުގަނޑުމެން މިހާރު މިދަނީ ލޯކަލް ގަވަރނަންސް ނުވަތަ ރަށްވެހިކަމުގެ އިންތިޚާބު ބާއްވަން. މި އިންތިޚާބުތައް ބާއްވައި، މިމުއައްސަސާތައް އުފައްދައި، އެ މުއައްސަސާތަކުގެ ތެރޭގައި ހިނގާ ބަޙުޘްތައް ކުރެވި، އަދި އަޅުގަނޑުމެންގެ ތެރޭގައި ދޭދޭ މީހުންނަށްވެސް، ސިޔާސީ ބަޙުޘަކީ ޒާތީ ކަމެއް ނޫންކަން ހަޖަމުކުރެވި، ދަސްވެ، މިކަންތައް އަޅުގަނޑުމެންގެ ތެރެއަށް ޢާންމުވީމާ، ދެން އަދި އަޅުގަނޑުމެންނަށް އަރައިގަންނަން، ކުރިއަށްދާން މާބޮޑުތަނުން ފަސޭހަވާނެ. އަޅުގަނޑަށް ފެންނަނީ، އެމަސައްކަތް ހިނގަމުންދާތަން. އަޅުގަނޑަށް ފެންނަނީ، މިދެންނެވި ބަދަލު އަޅުގަނޑުމެންގެ ރާއްޖެއަށް އަންނަކަން. ހުރިހާ ވާދަވެރި ސިޔާސީ ލީޑަރުންނަކީ، އަޅުގަނޑުމެންގެ ދުޝްމަނުންނެއް ނޫން. އަދި ހަމަ ގިނަފަހަރަށް އަޅުގަނޑުގެ ވަރަށް ގާތް ރައްޓެހިން. އަޅުގަނޑު އެބޭފުޅުންނާ ވާހަކަ ދައްކައި އުޅެން. އަޅުގަނޑަށް އެނގޭ އެއްޗަކީ، އަޅުގަނޑުމެންނަށް ސިޔާސީ ޙައްލު ކަންތަކުގައި ހޯދޭނެ. އަޅުގަނޑުމެންނަށް އެންމެނާ ގުޅިގެން، މިރާއްޖެ ތަރައްޤީ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ.
 
އަޅުގަނޑުމެން، ސަރުކާރު ހިންގުމާ ޙަވާލުވުމުގެ ކުރީގައި، ވަރަށް ބޮޑަށް ދައްކަމުން ގެންދިޔަ އެއްވާހަކައަކީ، މިރާއްޖޭގެ މަސްވެރިންނަށް މަސް ވިއްކައިގެން ލިބޭ އަގަކީ ވަރަށް ކުޑަކުޑަ އަގެކޭ. އޭގައި އެއްރުފިޔާ ފަންސަވީސްލާރި، ކިލޯ ހަމަނުވާ މަހަށް. އެހެން ނޫނިއްޔާ، ދެރުފިޔާ ބައި. އެންމެ ރަނގަޅަށްވީމާވެސް ފަސްރުފިޔާއަށްވުރެ ބޮޑަކަށް މަސްވެރިންނަކަށް މަސް ވިއްކޭ ތަނެއް ނާދޭ. އަޅުގަނޑުމެން ބުނަމުން އައީ، މަސްވެރިކަން ހުޅުވާލާށޭ، ޢާންމު ކުރާށޭ. ހުރިހާ އެންމެންނަށްވެސް މަސް ގަނެ، އެކްސްޕޯޓް ކުރެވޭގޮތް ހަދައިފިނަމަ، އެ މަސް ގަންނަ މީހުންގެ ވާދަވެރިކަމުގެ ތެރޭގައި މަސް ގަންނަ އަގު އުފުލިގެންދާނެއޭ. މިއަދު މަސްކިލޯއެއްގެ އަގަކީ ދިހަރުފިޔާ. ތިޔަބޭފުޅުންގެ މަސްވެރިންގެ، އަޅުގަނޑުމެންގެ މަސްވެރިންގެ އާމްދަނީ މިއަދު މިވަނީ ދެގުނަވެފައި. އެހެންވީމާ، އަޅުގަނޑުމެން އުފާވާ ކަމެއް އެއީ. އަޅުގަނޑުމެންގެ އަމާޒަކީ، ބައިނަލްއަޤްވާމީ މާރުކޭޓްގައި މަސް ހުރި އަގަށް، މިރާއްޖޭގެ މަހުގެ އަގުވެސް ގެންދިޔުން.
 
އަޅުގަނޑުމެންނާ މި ކުރިމަތިލަނީ، އަޅުގަނޑުމެންގެ އެއްބައިވަންތަކަމުގެ ދުވަސް. ސުނާމީއެރި ދުވަސް. މި ސުނާމީއަކީ އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންނަށް ވަރަށްގިނަގުނަ ހިތާމަތަކެއް ފޯރުކުރި ޙާދިޘާއެއް. އަޅުގަނޑުމެން ދުވަހަކުވެސް ހިތުގައި ނެތް ކަމެއް، އަޅުގަނޑުމެން ހިއެއްނުކުރަން، އެފަދަ ބޮޑު ކާރިޘާއެއް، މުޞީބާތެއް އަޅުގަނޑުމެންނާ ކުރިމަތިވެދާނެ ކަމަކަށް. އެހެންނަމަވެސް، ޤުދްރަތީ ރޭއްވެވުން އެއީ، އަޅުގަނޑުމެންނަށް އެނގޭ އެއްޗެއް ނޫން. ޤުދްރަތީ ރޭވުން އަޅުގަނޑުމެންނާ ކުރިމަތިކުރީ ސުނާމީއާ. އެ ސުނާމީ ދުވަހު އަޅުގަނޑުމެންގެ އެތައްއެތައް އަޚުންނެއް، އަޅުގަނޑުމެންގެ އެތައްއެތައް ރަޙްމަތްތެރިންނެއް، ރައްޓެހިންނެއް، ރައްޔިތުންނެއް ގެއްލިދިޔަ. ކިތަންމެ ބައެއްގެ ގެދޮރުވަނީ ގެއްލި ގޮސްފައި. އަދި އެތައް ބައެއްގެ ދިރިއުޅުންވަނީ ވަރަށް ބޮޑަށް ބަރުބާދުވެފައި. މިދެންނެވި ފުންގަނޑުން އަރައިގަތުމަށް އަދިވެސް މިރާއްޖެ މިދަނީ މަސައްކަތް ކުރަމުން. މި ސަރުކާރުގެ އަމާޒަކަށްވީ، ފުރަތަމަ އަހަރު ތެރޭގައި ސުނާމީ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުން. އެހެން ނަމަވެސް، އަޅުގަނޑުމެންނަށް ފުރަތަމަ އަހަރު ނިމުނުއިރު އެކަމެއްނުވި. މިހާރު މިދަނީ ދެވަނަ އަހަރުގެ ތެރޭގައި ހުރިހާ ގެއެއް ޢިމާރާތް ކުރުމުގެ މަސައްކަތް ހިނގަމުން. މިގެތައް ޢިމާރާތް ކުރެވި، އެ ގޭގެއަށް ރައްޔިތުންނަށް ވަދެވުނީމާވެސް، ދެންވެސް ނުކުންނަ މައްސަލަތައް ކުޑައެއް ނޫން. އެއްބަޔަކު އެބަ ބުނޭ، ތިމަންނާމެންނަކަށް ގެއެއް ނުލިބުނޭ. އަނެއްބަޔަކު ބުނޭ، އޭނައަށް ގެއެއް ނުލިބެންވާ މީހަކަށް އެހެރީ ގެއެއް ލިބިފައޭ. ގެއެއް ލިބެންވާ މީހާއަކަށް ގެއެއް ނުލިބެއޭ. ތެދުފުޅެއް، މިފަދަ ކިތަންމެ ކިތަންމެ އުނދަގޫތަކެއް އެބަހުރި. އެއްވެސް ކަމަކީ އުނދަގުލެއް ނެތް ގޮތަށް، މައްސަލައެއް ނެތް ގޮތަށް ޙައްލު ކުރެވޭނޭ ކަމެއް ކަމަކަށް އަޅުގަނޑެއްވެސް ގަބޫލެއް ނުކުރަން. އެހެން ނަމަވެސް، އިންޞާފާއެކީގައި، ހިތް ނިޔަތް ރަނގަޅުކޮށްގެން މަސައްކަތް ކުރީމާ، އިންޞާފަށް ކަންތައްތައްދާނެ. ހިތް ނިޔަތް ރަނގަޅުކޮށްގެން، އަޅުގަނޑުމެން ކުރިއަށް އޮތް ތަނުގައިވެސް، އަޅުގަނޑުމެންގެ އެއްބައިވަންތަކަން ޤާއިމްކޮށްގެން ކުރިއަށް ދިޔުމަކީ ވަރަށް މުހިންމު ކަމެއް.
 
އެނގިވަޑައިގަންނަވާނެ، މިހާރު މާލޭގައި ޚާއްޞަކޮށް، ދީނީ އެއްބައިވަންތަކަން ގެއްލިދާ ކިތަންމެފަހަރެއް އެބައާދޭ. މީގައި ބައެއް ބޭފުޅުންނަށް އިސްލާމްދީން ފެންނަގޮތާއި، އަނެއްބައި ބޭފުޅުންނަށް އިސްލާމްދީން ފެންނަގޮތާ ތަފާތުވަނީ. އެއްބަޔަކު އުޅެނީ އެބަޔަކަށް ފެންނަ ގޮތަށް އަނެއްބަޔަކު ލެންބުމަށް. އަނެއްބަޔަކު މިއުޅެނީ، އެހެން ލަންބަން އުޅޭތީވެ، އެކަމާ ހިތްހަމަނުޖެހިގެން. އަޅުގަނޑު ދަންނަވަން އޮތް ވާހަކައަކީ، އަޅުގަނޑަކީ ދީނީ ޢިލްމުވެރިއެއް ނޫން. އަދި އަޅުގަނޑަކީ އިސްލާމީ ޙުކުމް ޤާނޫނީގޮތުން އަޅުގަނޑަށް އެފަދަ ޒިންމާއެއް އޮތް ކަމުގައި މީގެކުރީގައި ދެކެވިފައި އޮތް ނަމަވެސް، އަޅުގަނޑުމެން ވިސްނައިގެން މިތިބީ، އަޅުގަނޑުމެންގެ ދީނީ ކަންކަން، ދީނީ ޢިލްމުވެރިންނާ ޙަވާލުކުރަން. މި ސަރުކާރުން ހިންގި އެންމެބޮޑު އެއްމަސައްކަތަކީ މިދެންނެވީ. ދީނީ ބަޙުޘް އަދި ދީނީ ޢިލްމުވެރިން، ދީނީ ފަތުވާ އަދި ވަޢުޡު ބުނުން އެއީކީއެއް މި ސަރުކާރުގައި މަނާކަމެއް ނޫން. ވަޢުޡު ބުނީމާ، ޗިލީ ސޯސް ހާކައި ތުނބުޅިއެއް ނުބާލާނެ. ހައްޔަރެއް ނުކުރާނެ. ދީނީ ނަޞޭޙަތް ދިނީމަކާއެއް، އެކަމަކާއެއް އިންކާރެއް ނުކުރާނެ. އެހެން ނަމަވެސް، އަޅުގަނޑު ވަރަށް ބޮޑަށް އެދެން، އަޅުގަނޑު ހަމަ އާދޭހާ އެކީގައި އެންމެ ބޭފުޅުންގެ ކިބައިން އެދެން، ދީނީ ނަޞޭޙަތް ދެއްވާއިރުގައިވެސް، ދީނީ ޙުކުމް ނެރުއްވާއިރުގައިވެސް، އޭގެތެރެއަށް ސިޔާސީ ކަންކަން ނުވައްދަވާށޭ. ހަމައެކަނި ދީނީ ނަޞޭޙަތް ދެއްވާށޭ. ދީނީ ނަޞޭޙަތުގެ ނަމުގައި ސިޔާސީ ފައިދާއެއް ނެންގެވުމަށް މަސައްކަތް ކުރީމާ، ވަރަށްދެރަ ކަމެއް ދިމާވަނީ. ޒުވާން ޖީލަށް އަދި ކިތަންމެ ބަޔަކަށް އެ ޝައިޚުން ދެން ދައްކާ ވާހަކަ ގަބޫލު ނުކުރެވެނީ. އެއާއެކީގައި ދީނީ ޙުކުމްތައް، އެ ޝައިޚުން ދައްކާ ގޮތަށް ޤަބޫލުކުރަން އެތައް ބަޔަކަށް ދަތިވެގެންދަނީ. ކަނޑައެޅިގެން ސިޔާސީ ކަމެއް، ދީނީ ކަމެއްގެ ގޮތުގައި ދެއްކީމާ، ދެން ދީނީ ޙުކުމް ނެރޭއިރުގައި، އަޅުގަނޑުމެންގެ ތެރެއިން ކިތަންމެ ބަޔަކަށް، އެބޭފުޅުން ދައްކާ ވާހަކަތައް މިއޮންނަނީ ގަބޫލު ނުކުރެވިފައި.
 
އަޅުގަނޑު އުންމީދު ކުރަން، ތިޔަބޭފުޅުން މިކަންކަމާ ވިސްނަވާނެ ކަމަށް. އަޅުގަނޑު ޔަޤީންކުރަން، ތިޔަބޭފުޅުން ހެޔޮގޮތުގައި، ހެޔޮ މަގުގައި މުޅި ރާއްޖޭގެ ތަރައްޤީއާއި، މުޅި އަޅުގަނޑުމެންގެ ޤައުމުގެ ކުރިއެރުމަށް މަސައްކަތް ކުރާނެ ކަމަށް.
 
އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.
 
اَلحَمْـدُ لِلّـهِ. والســّلام عليــكم.

_______________________