بســماللّـهالرّحمـنالرّحيــم

 
މި ޕްރޮވިންސްގެ ވެރިން. އެމް.ޑީ.ޕީ.ގެ ޗެއަރޕަރސަން. ތުޅާދޫގެ ޢިއްޒަތްތެރި މެންބަރު. ރައްޔިތުންގެ މަޖިލީހުގެ އެހެންވެސް މެންބަރުން. އަދި ވަކިން ޚާއްޞަކޮށް، އަޅުގަނޑުގެ ތުޅާދޫގެ އެންމެހާ އެކުވެރިން.
 
السّـلام عليـكم
 
އަޅުގަނޑު މިއަދު ތުޅާދުއަށް މިއައީ، އެމް.ޑީ.ޕީ. ޖަލްސާއެއް މިތާ އޮތުމާ އެކީގައި، އަޅުގަނޑުވެސް ދަތުރެއްގެ ތެރޭގައި އުޅޭތީވެ، ތިޔަބޭފުޅުންނާ ބައްދަލުކޮށްލާހިތް އޮތްލެއް ބޮޑުކަމުން. ހަމަ ޙަޤީޤަތުގައި އިތުރު އެހެން އެއްވެސް ކަމެއް އޮވެގެނެއް ނޫން. އަޅުގަނޑު ދޭނެ ތަޤްރީރެއްވެސް ނުވެސްނެތް. އެހެންވީމާ، އަޅުގަނޑު މިކަމަކަށް މާބޮޑު ތައްޔާރީތަކެއްވެއެއް ނޫންހުރީކީ. އެހެން ނަމަވެސް، އަޅުގަނޑުމެން ޢާންމުކޮށް ތަކުރާރު ކުރަމުން އަންނަ ވާހަކަތަކެއް، އަޅުގަނޑުގެ ނަޒަރުގައި މިވަގުތު އަނެއްކާވެސް ފާހަގަކޮށްލުމަކީ މުހިންމު ކަމެއް.
 
ޤައުމެއް ތަރައްޤީވެ މިދަނީ ވަކި ޚާއްޞަ ކަންތައްތަކެއް، ވަކިއިރެއްގައި ވަކިގޮތަކަށް ކުރެވުނީމާ ކަމަށް އިންސާނީ ތަޖްރިބާ ދައްކާފައިވާ ކަމަށް އަޅުގަނޑުމެން އަބަދުވެސް ފާހަގަކުރަން. އަޅުގަނޑުމެންނަށް އެނގޭ، ޤައުމެއްގެ ރައްޔިތަކު ދޫކޮށްލައި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެ އުޅުމުގެ ޙައްޤާއި އަދި ޞުލްޙަވެރި ސިޔާސީ ޙަރަކާތް ހިންގުމުގެ ފުރްޞަތު ރައްޔިތަކަށް ލިބުނީމާ ނޫނީ، އެ ޤައުމެއް، އެރައްޔިތަކު ތަރައްޤީވެއެއްނުދާކަން. މި ޤައުމު އަދި ތުޅާދޫ ރައްޔިތުންވެސް، ރައްޔިތުންގެ ޙާލަތު، އެއް ޙާލަތުން އަނެއް ޙާލަތަށް ބަދަލުކުރުމަށް ކޮންމެހެން ބޭނުންތެރި އެއްކަމެއް އެއީ، އަޅުގަނޑުމެންގެ ފަރާތުން، ތިޔަބޭފުޅުންގެ ފަރާތުން ވަކާލާތު ކުރާނެ ބަޔަކު ވަކިން ޚާއްޞަކޮށް ތިބެ، އެބަޔެއްގެ މަޝްވަރާއާއި ލަފައާ އެކީގައި ސަރުކާރެއް، ވެރިކަމެއް ހިންގުމުގެ ކަންތައްތައް ފުރިހަމަވެގެންދިޔުން. އިރާދަކުރެއްވިއްޔާ، 5 ފެބްރުއަރީގައި އަޅުގަނޑުމެންނަށް މިއެޅެނީ ބިންގަލެއް. އެއީ، ރައްޔިތުންގެ ރުހުމާއި، ރައްޔިތުންގެ މަޝްވަރާއާއި، ރައްޔިތުންގެ ލަފައާއެކީގައި، މި ތުޅާދޫގެ ކަންތައްވެސް ހިންގޭނޭ އިންތިޒާމެއް، އިރާދަކުރެއްވިއްޔާ ޤާއިމްވެގެން މިދަނީ، މިފަހަރުގެ ލޯކަލް ކައުންސިލްގެ އިންތިޚާބާއެކުގައި. އެ އިންތިޚާބުގައި އަޅުގަނޑުމެން މިދެކެނީ، މިދަންނަވާ ލޯކަލް ކައުންސިލްގެ ބިންގަލެއް އިރާދަކުރެއްވިއްޔާ އެޅިދާނެކަން. މި ސަރުކާރަކަށްވެސް، އަޅުގަނޑުމެންގެ ޕާޓީއަކަށްވެސް ނެތް، ހަމައެކަނި އެ ބިންގާ އެޅުނީމާ، އަތް އުރާލައިގެން ތިބެވޭކަށް. އަޅުގަނޑުމެންގެ ޒިންމާއެއް، އަޅުގަނޑުމެންގެ މަސްއޫލިއްޔަތެއް އެއީ، ލޯކަލް ކައުންސިލް މެދުވެރިކޮށް، ތިޔަބޭފުޅުންގެ ތަރައްޤީ، ތިޔަބޭފުޅުންނަށް ފަހިވާނެ ގޮތްތައް ހޯދައި، އެގޮތްތަކަށް ތިޔަބޭފުޅުންނާއި އަދި އަޅުގަނޑުމެންވެސް އަހުލުވެރިވެ، އެކަންކަން ތަންފީޛު ކުރަމުން ގެންދިއުން. ހުރިހާވެސް ބޭނުމަކީ ތަރައްޤީ. ހުރިހާވެސް ބޭނުމަކީ، ޢާންމު ޙާލަތު ރަނގަޅުވުން. ނިޒާމެއްގެ ރީތިކަމަކީ، ނިޒާމެއްގެ ރަނގަޅު ކަމަކީ، އެ ނިޒާމެއް މެދުވެރިކޮށް، ބިން ހިއްކެންޏާ. އެ ނިޒާމެއް މެދުވެރިކޮށް، ރަށް ސަލާމަތް ކުރެވެންޏާ. އެ ނިޒާމެއް މެދުވެރިކޮށް، ބޯހިޔާވަހިކަން ހޯދެންޏާ. އެ ނިޒާމެއް މެދުވެރިކޮށް، ނަރުދަމާ އެޅެންޏާ. އަދި މިނޫންވެސް އަޅުގަނޑުމެންގެ ތަރައްޤީގެ އެކިއެކި ކަންކަން ކުރެވެންޏާ.
 
އަޅުގަނޑުމެން ފާހަގަކުރަމުން ގެންދިޔައިން، ރާއްޖޭގެ ޞިއްޙީ ޚިދްމަތުގެ ކިތަންމެ ކަމެއް، ޚާއްޞަކޮށް، ޚިދްމަތް ފޯރުކޮށްދިނުމުގެ ކިތަންމެ ކަމެއް ހުރިގޮތް ކަމަކުނުދެއޭ. ރާއްޖޭގެ ހެލްތް ސެންޓަރުތައްވެސް، ހެލްތް ޕޯސްޓްތައްވެސް، ހޮސްޕިޓާތައްވެސް އަދި މާލޭ ހޮސްޕިޓާ، މިދިޔަ ދިގު 30 އަހަރުވެސް އަދި މިވޭތުވެދިޔަ ދެއަހަރުވެސް، ތިޔަބޭފުޅުން އަދި އަޅުގަނޑުމެންވެސް އެދޭ ފެންވަރަކަށް ގެނެވިފައެއްނުވޭ. އެ ޙަޤީޤަތް އަޅުގަނޑުމެން ގަބޫލު ކުރަމުން، އެކަމަށް އަޅުގަނޑުމެން މަސައްކަތް ކުރަމުންދިޔައިރުގައި، އަޅުގަނޑުމެންނަށް ސާފުވެފައި އޮތް އަނެއް ވަރަށް މުހިންމު ޙަޤީޤަތެއް އޮތް. މި ރާއްޖޭގެ ރައްޔިތުންގެ ތެރެއިން، ކޮންމެ ތިންމީހެއްގެ ތެރެއިން އެކަކީ ނިކަމެތި ފަޤީރެއްކަން. މި ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ރަނގަޅު އެއްލައްކަ މީހުންނަކީ، އ.ދ. އެބުނާ ބަނޑުހައިހޫނުކަމުގެ ރޮނގުން ތިރީގައި ތިބި މީހުންކަން. އެމީހުންނަށް ދުވާލަކަށް ދިހަރުފިޔާވެސް އާމްދަނީގެ ގޮތުގައި ނުލިބޭކަން. އެމީހުންނަށް އަޅުގަނޑު ދެންމެ މިދެންނެވި ގޯސް، ނުރަނގަޅު، ކަމުނުދާ ޞިއްޙީ ޚިދްމަތަށްވެސް އަތްނުފޯރާކަން. އަޅުގަނޑުމެން އެހެންވީމާ އަވަސްވެގަތީ، ސަރުކާރުގެ ވަޢުދެއްގެ ގޮތުގައި، ބޭސް ސިޓީއަށް ސަލާންޖެހުން ނައްތާލުމަށް ޕްރޮގްރާމެއް އެކުލަވައިލުމަށް. އަޅުގަނޑު އުފާވާ ކަމަކީ، މި ތުޅާދޫގެވެސް ހަސަތޭކައަށްވުރެ ގިނަ މީހުން މަދަނައިގައި ބައިވެރިވެފައިވާކަން. އަޅުގަނޑުމެން ހިތްހަމަޖެހޭކަމަކީ، އެމީހުންނަށް މި ތުޅާދޫގެ ހަސަތޭކަ މީހުންގެ ބޭސްފަރުވާއަށް، ކޮންމެ މީހަކަށް އެއްލައްކަ ރުފިޔާގެ މަގުން ބަޖެޓްގައި އެއްކައިރި ކުރެވިފައިވާކަން. އަޅުގަނޑުމެންގެ ބޭނުމަކީ، ރައްޔިތުންގެ އިޖްތިމާޢީ ރައްކާތެރިކަން ހޯދައިދިނުން. އަޅުގަނޑު އަހަން، މާލޭގެ ބައެއް ވިޔަފާރިވެރިން ގާތުގައި، މީގެ ދެއަހަރު ނުވަތަ ތިންއަހަރު ކުރީގައި، ތިޔަބޭފުޅުންނަށް ބޭސް ސިޓީއެއް ހިފައިގެން މީހުން އައިސް، ބޭސް ހޯދައިދިނުމަށް އެހީއަކަށް އެދުނު މިންވަރަށް މިއަދު އެދޭތޯ. އަޅުގަނޑު ގާތުގައި އެމީހުން ބުނަނީ ނޫނެކޭ. އަޅުގަނޑަށް ޔަޤީން، މިތުޅާދޫގެ ވިޔަފާރިވެރިންނަށްވެސް، މި މަންޒަރު މިއަދު ފެންނާނެ. ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ކިތަންމެ ބައެއް، ބޭސް ސިޓީއަށް ސަލާންޖަހަން އުޅޭ އުޅުން، އަޅުގަނޑުމެންނަށް މިއޮތީ މިއަދު އިރާދަކުރެއްވިއްޔާ، ފޮހެލުމުގެ ފެށުމަކާ ހަމައަށް އާދެވިފައި.
 
އަޅުގަނޑުމެންގެ އަމާޒަކީ، ރާއްޖޭގެ ރައްޔިތުންނަށް އިޖްތިމާޢީ ރައްކާތެރިކަން ހޯދައިދިނުން. އަޅުގަނޑު ގާތުގައި ބައެއް ރަށްރަށުން ބައެއް ބޭފުޅުން އައްސަވާ، ރައީސޭ ފަސްދޮޅަސް މިލިއަން ރުފިޔާ، ތުޅާދޫގެ ބޭސްފަރުވާއަށް ރައްކާކުރީ ކީއްވެހެއްޔޭ، މިރަށުގައި ބަނދަރެއް އެޅެން އޮއްވާ ނުވަތަ މިރަށުގައި އެވެނި މިވެނި ކަމެއް ކުރެވެން އޮއްވާ. އަޅުގަނޑުމެން އަބަދުވެސް ދައްކަމުން އައި ވާހަކައެއް އެއީ، ތަރައްޤީއަކީ ވަކި ޚާއްޞަ ކަންތައްތަކެއް، ވަކިގޮތަކަށް، ވަކިއިރެއްގައި ކުރީމާ ޙާޞިލުވާ ކަމެކޭ. އެ ތަރުތީބު އަޅުގަނޑުމެން ނަގާލައިގެން ނުވާނެއޭ. ބޮޑެތި ޢިމާރާތްތައް އެޅިދާނެ. ބޮޑެތި ބަނދަރުތައް ހެދިދާނެ. އެހެން ނަމަވެސް، އަޅުގަނޑުމެންގެ ރައްޔިތުން ނިކަމެތިވެ، ބިކަހާލުގައިޖެހި، އެ ޢިމާރާތްތަކަށް ނުވަދެވޭވަރު ފަޤީރުކަމުގައި ތިބީމާ، ދެން އަޅުގަނޑެއް ނުދެކެން، އެ ޢިމާރާތް އެޅުން އެއީ ބުއްދިވެރި ކަމެއްގެ ގޮތުގައެއް. އަޅުގަނޑަށް ޔަޤީން، ތިޔަބޭފުޅުންނެއް ދެކެވަޑައެއްނުގަންނަވާނެ. އަޅުގަނޑަށް ޔަޤީން، އަޅުގަނޑުމެންގެ ޕާޓީއެއް، އެފަލްސަފާއެއް ނުގެންގުޅޭނެ. އަޅުގަނޑަށް ޔަޤީން، ތިޔަބޭފުޅުންގެ ޢިއްޒަތްތެރި މެންބަރުންނެއް އެމަގަށެއް ވަކާލާތެއް ނުކުރާނެ. އެހެންވެގެން އަޅުގަނޑުމެން އެމް.ޑީ.ޕީ.ގައި މިތިބެނީ. އަޅުގަނޑުމެންގެ ބޭނުމަކީ، މިރަށަށް ޚާއްޞަކޮށް، އަޅުގަނޑުމެންނަށް އެނގޭ، ރާއްޖޭގައި އެބަހުރިކަން އާބާދީތަކެއް، ރަށްތަކެއް، އެ ރަށްތައް ތަރައްޤީކޮށް، އެ އިންޖީނުގައި ނޫނީ، މުޅި ދިވެހިރާއްޖެ ތަރައްޤީ ނުކުރެވޭނެކަން. ތުޅާދުއަކީ އޭގެ ރަށެއް. ތުޅާދުއަކީ އަޅުގަނޑުމެން އަބަދުވެސް އަންނަހިތްވާ ރަށެއް. ތުޅާދުއަކީ އަޅުގަނޑުމެން، އެރަށް ބޮޑަށް ބަދަލުކުރަން ބޭނުންވާ ރަށެއް. އަޅުގަނޑު ދައްކަންވީ ވާހަކައެއް މިއީ.
 
އަޅުގަނޑުމެންގެ ބޮޑު ވިސްނުމެއް، ބޮޑު މަންޒަރެއް އެބައޮތް. އަޅުގަނޑަށް ހަމަ އެނގުނު، ތިޔަބޭފުޅުންގެ ޝައްކުތަކެއް ހުރިކަން، އަޅުގަނޑުމެން، މި ތުޅާދޫ ހިއްކުމުގެ ވިސްނުމުގެ ގެންގުޅޭ ވާހަކަ ބުނީމާ. އަޅުގަނޑު ތިޔަބޭފުޅުންގެ ޢިއްޒަތްތެރި މެންބަރަށް ޝުކުރު ދަންނަވަން. އެބޭފުޅާ އަޅުގަނޑާ ވަރަށް ގާތުން އަބަދުވެސް މިކަމާ މަޝްވަރާ ކުރައްވާ. އަދި މިކަން ކުރުމަށް ވަރަށް ބޮޑަށް ބާރުއެޅުއްވި. އަޅުގަނޑު އެހެންވީމާ، ތިޔަބޭފުޅުންގެ ނަމުގައި، ތިޔަބޭފުޅުންގެ މެންބަރަށް، އަޅުގަނޑަކީ ތިޔަބޭފުޅުންގެ މީހެއް ކަމަށް އަޅުގަނޑު ދެކި ހުންނާތީވެ، ތިޔަބޭފުޅުންގެ ނަމުގައި، އަޅުގަނޑު ތިޔަބޭފުޅުންގެ މެންބަރަށް އަދި އަޅުގަނޑު ހަމަ މީގައި ފާދިއްޕޮޅުގެ ޢިއްޒަތްތެރި މެންބަރަށްވެސް، ދެން އަޅުގަނޑު ހަމަ އެއްގޮތަކަށްވެސް ކުރާ ކަމެއް ނޫން، ފާދިއްޕޮޅުގެ ޢިއްޒަތްތެރި މެންބަރުގެ ވާހަކަ ދެއްކުން. އެހެން ނަމަވެސް، އަޅުގަނޑަށް އަދި އަލަށް މިދެރަށުގެ ބިން މިފެނުނީ. އަޅުގަނޑުވެސް އެދުވަހު ވިސްނާން އިނިން، ހިތަށްއެރި ވަރަށް ބޮޑަށް، މިއީ ހަމަ ކުރާ ބާވަތުގެ ކަމެއްބާއޭ. އަޅުގަނޑަށް މިހާރު ޔަޤީން، މިކުރެވުނީ ރަނގަޅު ކަމެއް ކަމަށް.
 
އަޅުގަނޑުމެންގެ އަމާޒަކީ، ހިއްކި ބިމެއް ހެދުމެއް ނޫން. އަޅުގަނޑުމެންގެ އަމާޒަކީ، ތަރައްޤީވެފައި އޮތް ތުޅާދޫއެއް ހެދުން. އެކަން އަޅުގަނޑުމެން ކުރާން މިއުޅެނީ. އިރާދަކުރެއްވިއްޔާ، ދާދި އަވަހަށް އަޅުގަނޑުމެން ރިވެޓްމަންޓް މިބިން ވަށާ އަޅާނެ. އެއަށްފަހު، އަޅުގަނޑުމެން މާލަސްތަކެއްނުވެ، މި ބިން ތަރައްޤީ ކުރަން ފަށާނެ.
 
އަޅުގަނޑުގެ މިއަދުގެ، މިރޭގެ ކުޑަކުޑަ އިތުރު އުފަލެއް އެބައޮތް. މިހާރުވަނީ ތުޅާދޫގައި އިރާދަކުރެއްވިއްޔާ، 100 ގެ އެޅުމުގެ ފައިސާ ހަމަޖެހިފައި. އަޅުގަނޑުމެން، ކުރިއަށް އޮތް ދެތިން ހަތަރު ހަފްތާގެ ތެރޭގައި، އެމަސައްކަތަށް ބީލަން ހުޅުވާލާނަން.
 
ޤައުމެއް ތަރައްޤީއެއް ނުވާނެ، ހަމަ އަޅުގަނޑު މިދަންނަވާހެން، ގަދަ މަސައްކަތް، އެޤައުމެއްގެ ރައްޔިތުން ނުކުރާހާ ހިނދަކު. އަޅުގަނޑުމެންނަށް މަޖްބޫރުވެފައި އޮތް ކަމަކީ، ތަރައްޤީގެ މަގު ހޯދާން އަޅުގަނޑުމެން އެދެނީނަމަ، އަޅުގަނޑުމެންނަށް ޖެހޭނީ، އަޅުގަނޑުމެންގެ ޖީބަށް ވަންނަ ޢަދަދު އިތުރުކުރަން. އަޅުގަނޑުމެންގެ އާމްދަނީ އިތުރުވެގެންދާނޭ މަގުތައް އަޅުގަނޑުމެން ހޯދަން. އާމްދަނީ އިތުރުވާނީ، ވިޔަފާރި އިތުރުވެގެން. ވިޔަފާރި އިތުރުވާނީ، މުދަލާއި ފަސިންޖަރުން، އެއްތަނުން އަނެއް ތަނަށް ބަދަލުވެގެން. އެކަން ކުރެވޭނީ، ލާމެހިފައި އޮތް ދަތުރުފަތުރު ކުރުމުގެ ނިޒާމެއް ޤާއިމް ކުރެވިގެން. އެހެންވީމާ، މި ސަރުކާރުގެ އަނެއް ވަޢުދަކަށް އަޅުގަނޑުމެން ބުނީ، އަޅުގަނޑުމެން ތިޔަބޭފުޅުން ރަށު ބަންދުން ވީއްލައިދޭނަމޭ. ސަރުކާރުގެ ޕްރޮގްރާމަކީ، 7 އަހަރު ދުވަހުގެ ތެރޭގައި، ފުރިހަމަ ދަތުރުފަތުރު ކުރުމުގެ ނިޒާމެއް ޤާއިމް ކުރުން. ދެއަހަރު ދުވަހުގެ ތެރޭގައި، އަސާސީ ޚިދްމަތްތަކެއް ފެށުން. އިރާދަކުރެއްވިއްޔާ، 2011 ވަނަ އަހަރު، މި ޚިދްމަތް އަދި އިތުރަށް ފުޅާކޮށް، އަޅުގަނޑުމެން މިގެންނާން މިއުޅޭ، އަޅުގަނޑުމެން    މި އުންމީދުކުރާ ދަތުރުފަތުރު ކުރުމުގެ ނިޒާމް، ތިޔަބޭފުޅުންނަށް ދާދި އަވަހަށް ފެނިގެންދާނެ.
 
އަޅުގަނޑުމެން ސަރުކާރު ހިންގުމާ ޙަވާލުވުމުގެ ކުރީގައި ވަކާލާތު ކުރިން، ރާއްޖޭގެ މަސްވެރިންނަށް، މަހުގެ އަގަށް ލިބޭ މިންވަރު މާކުޑައޭ. ރާއްޖެ ތަރައްޤީވާނީ، ރާއްޖޭގެ ގިނަ ބައިވަރު މަސްވެރިންނަށް ލިބޭ އާމްދަނީ، މިއަދަށްވުރެ މާބޮޑަށް ފުޅާކުރެވިގެން. އޭރު އެނގިވަޑައިގަންނަވާނެ، ކިލޯ ހަމަނުވާ މަހަކަށް މިދެވެނީ، އެއްރުފިޔާ ފަންސަވީސްލާރި ނުވަތަ ދެރުފިޔާބައި. އެންމެ ރަނގަޅަށް ލިބުނަސް، ފަސްރުފިޔާއަށްވުރެ ބޮޑުކޮށް ލިބޭ ވާހަކަ، އެއްވެސް ބޭފުޅެއް ވިދާޅުވެއްޖެއްޔާ، އެއީ ޙަޤީޤަތެއް ނޫން. އެހެން ނަމަވެސް، މަސްވެރިކަން ހުޅުވާލައި، މަސްވެރިކަން ޢާންމުކޮށް، އެންމެ ފަރާތްތަކަށް މަސް ގަތުމުގެ ހުއްދަ، އެ ސިޔާސަތު އަޅުގަނޑުމެން ތަންފީޛު ކުރާން ފެށުމުން، ތުޅާދޫ މަސްވެރިންނަށް ރަނގަޅަށް އެނގޭނެ، މިއަދު މަސްކިލޯއެއްގެ އަގަކީ ދިހަރުފިޔާކަން. ތުޅާދޫ މަސްވެރިންގެ އާމްދަނީ ދެގުނަވެއްޖެ. ފަސްރުފިޔާއަށް ހުރި މަސް ކިލޯއެއް މިއަދު ތިޔަބޭފުޅުން ތިޔަ ވިއްކަވަނީ ދިހަރުފިޔާއަށް. މި ސިޔާސަތު ރަނގަޅަށް ތަންފީޛުވީމާ، އަޅުގަނޑު އުންމީދު ކުރަނީ، އަޅުގަނޑުމެންނަށް ބައިނަލްއަޤްވާމީ މަސްމާރުކޭޓްތަކުގައި، ސީދާ ކަޅުބިލަމަހުގެ އަގު ހުންނަ މިންވަރަށް، ތުޅާދޫގެ މަސްވެރިންނަށް، އެ އަގު ފޯރުކޮށްދެވޭނެއޭ. އަޅުގަނޑުމެން އުންމީދު މިކުރަނީ، ތޭރަ، ސާދަ ރުފިޔާއަށް ރޯމަހުގެ އަގު ގެންދިޔުމަކީ، އަޅުގަނޑުމެންނަށް ކޮށްދެވޭން އޮތް ކަމެކޭ.
 
އަޅުގަނޑުމެންގެ އަމާޒަކީ، ތިޔަބޭފުޅުންގެ އާމްދަނީ އިތުރުކުރުން. އަޅުގަނޑުމެންގެ ބޭނުމަކީ، ތިޔަބޭފުޅުންނަށް ތަރައްޤީ ގެނެސްދިނުން. އަޅުގަނޑުމެންގެ ސަރުކާރު، މި ސަރުކާރު ދެމިއޮންނަނީ ހަމަ އެންމެ ބޭނުމަކަށްޓަކައި. އެއީ، އަޅުގަނޑުމެންގެ ވަޢުދު ފުއްދުމަށް ތިޔަބޭފުޅުންނަށް ޚިދްމަތް ކުރުމަށް.
 
އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް އަދި މިއަދަށްވުރެ މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.
 
والحمد للّـه. والسّـلام عليـكم.      _______________________