بســم اللّـه الرّحمـن الرّحيــم

މިނިސްޓަރ އޮފް ހެލްތް އެންޑް ފެމިލީ ޑޮކްޓަރ އާމިނަތު ޖަމީލު. ވަޒީރުންގެ މަޖިލީހުގެ ބޭފުޅުން. ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން. އަދި މި މަދަރުސާގެ ހީވާގި ހިންގުންތެރިން. ޚާއްޞަކޮށް، މަދަރުސާގެ އެންމެހާ ދަރިވަރުން.

السّـلام عليـكم

އަޅުގަނޑުމެން އެކަކުވެސް ދުނިޔެއަށް އަންނަނީކީއެއް އަނެކަކާ ތަފާތުކޮނެއް ނޫން. އަޅުގަނޑުމެން އެންމެންވެސް މި ދުނިޔެ މިދެކެނީ ހަމަ ދާދި އެއްގޮތަކަށް. ތިޔައިން ކޮންމެ ކުއްޖަކުވެސް މިދުނިޔެ ޙަޤީޤަތުގައި ހަމަ ދެކެން ފަށައިގަތީ، އަޅުގަނޑުމެންގެ ތެރެއިން އެހެން ކޮންމެ މީހަކުވެސް މިދުނިޔެ ދެކެން ފަށައިގަތް މަގަށް. ކޮންމެ ކުއްޖެއްމެ ދުނިޔެއަށް އައިސްފައިވަނީ ހަމަ އަނެއް ކުއްޖާއާ އަދި މިރާއްޖޭގައިވެސް މިދުނިޔޭގައިވެސް އެހެން ހުރިހާ ކުދިންނާ ހަމަ އެއްއުޞޫލަކުން، އެއްހަމައަކުން، އެއްމަގަކުން، އެއްގޮތަކުން. އެއަށްފަހު، މުޖްތަމަޢުގެ ތެރޭގައި، ޤައުމުގެ ތެރޭގައި، ރާއްޖޭގެ ތެރޭގައި ނުވަތަ ޤަބީލާއެއްގެ ތެރޭގައި ދެން ހިނގާ އެކިއެކި ކަންތައްތަކުގެ ސަބަބުން އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަކީ، ބައެއް ކުދިންނަކީ އެންމެ ފޯރާ ކުދިންނެއް ނޫން. އެންމެ ކަންކުރެވޭ ކުދިންނަށްވެސް ނުވެދަނީ. އަދި އެންމެ އަޅާލެވިފައިވާ ކުދިންނަށްވެސްނުވެދަނީ. އަޅުގަނޑަކަށް ދަންނަވާކަށެއް ނޭނގެ، އެއީ ކާކުގެ ކުށަކުން ހިނގާ ކަމެއް ކަމެއް. ފަލްސަފާއާއި އަދި އެކަމުގެ ޢިލްމު އެބަހުރި ބައިވަރު. މައިންބަފައިންގެ ސަބަބުންތޯ ދަރިން ގޯޅިއަޅައިދަނީ ނުވަތަ ޖެހިގެން ހުރި ގޭ މީހާގެ ސަބަބުންތޯ ނުވަތަ ދާ މަދަރުސާގެ ސަބަބުންތޯނުވަތަ ކުރާ ވެރިކަމުގެ ނިޒާމުގެ ސަބަބުންތޯ ނުވަތަ އެނޫންވެސް އެހެން ސަބަބަކާލައިގެންތޯ.

އަޅުގަނޑަށް ފެންނަ ފެނުމުގައި، ހުރިހާ ކުދިންނަކީ އެއްގޮތަކަށް އެއްވެސް އިރެއްގައި އުޅޭނެ ބައެއް ނޫން. ހުރިހާ ކުދިންނަކީ އެއްމަގަކުން އެއް މަޤްޞަދެއްގައި އަދި އެއް އުންމީދަކަށްޓަކައި ހިނގާނެ ކުދިންނެއްވެސް ނޫން. އެއްކުއްޖަކާއި އަނެއް ކުއްޖެއް ތަފާތުވެފައި މި ހުންނަނީ ކިތަންމެ ސަބަބަކާހުރެ. އަޅުގަނޑުގެ ނަޒަރުގައި އަޅުގަނޑުމެންގެ ވާޖިބަކީ، ސަރުކާރުގެ ވާޖިބަކީ، މިދެންނެވިހެން ކޮންމެވެސް ސަބަބަކާލައިގެން ނަމަވެސް، މަގުން ކައްސާލައިގެންދާ ކުދިންނާ ސަރުކާރުގެ ފަރާތުން އަޅާލެވޭނެ އިންތިޒާމެއް، ނިޒާމެއް ކޮންމެހެންވެސް ބޭނުން.

މި ސަރުކާރުން ފަށައިގަތް އެއް މަޝްރޫޢަކީ، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން ޕްރޮގްރާމް ނުވަތަ އެންސްޕާ. އެއީ އިޖްތިމާޢީ ޢަދާލަތު ނުވަތަ އިޖްތިމާޢީ ގޮތުން ރައްކާތެރިކަން ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުން އެކުލަވާލި ޕްރޮގްރާމެއް. އޭގެ ބޭނުމަކީ، ރައްޔިތުންގެ ތެރެއިން ކޮންމެ މީހަކުވެސް އެއީ ކުޑަ ކުއްޖެއް ކަމުގައިވިޔަސް، ދޮށީ ޢުމުރުގެ މީހެއް ކަމުގައިވިޔަސް އަދި ގައި އަތްފައިގައި ބާރުހުރި ހަމަ ރަނގަޅު ޒުވާނަކު ކަމުގައިވިޔަސް، މުޖްތަމަޢުގެ ޢާންމު ހަމަތަކުން، ޢާންމު އުޞޫލުތަކުން އަދި ޢާންމު ފައިދާތަކުން މަޙްރޫމްވެ ކެއްސިގެންގޮސް، އެމީހަކަށް ނުވަތަ އެކުއްޖަކަށް އަލުން އަނބުރާ މުޖްތަމަޢަށް އައުމަށްޓަކައި ސަރުކާރުން އެހީތެރިކަމެއް ފޯރުކޮށްދިނުމަކީ، އޯގާތެރި ދައުލަތެއްގެ ވާޖިބެއް ކަމަށް މި ސަރުކާރު ދެކެން. އެ ސަބަބަށްޓަކައި މުޖްތަމަޢުގެ އެކިއެކި ދިމަދިމާލުގައި ނުވަތަ އެކިއެކި ހިސާބުގައި އެކިއެކި ގޮތްގޮތަށް ސަރުކާރުން އެބަ އަތްލާންޖެހޭ. އެހީތެރިކަން ފޯރުކޮށްދޭންޖެހޭ.

މި ސަލާމަތީ މިއަދު ސަރުކާރުން އަޅާފައި އެބަ ބާއްވަންޖެހޭ، މިދަންނަވާހެން ބައެއް ކުދިން ނުވަތަ ބައެއް ފަރާތްތަކުން ޢާންމު އުޞޫލުން ކެއްސިގެންދާކަން އެއީ، އަޅުގަނޑުމެންނަށް ޙަޤީޤަތެއްކަން އެނގޭތީ. އަޅުގަނޑަށް ފެންނަ ފެނުމުގައި، އަޅުގަނޑު ދެކޭގޮތުގައި މިހެން ވަނީ ކީއްވެގެންތޯ، ހުރިހާ ކުދިން އެއީ ބަސްއަހައިގެން ރިވެތި ގޮތުގައި ރަނގަޅަށް އުޅޭ ކުދިންނަށް ނުވަނީ ކީއްވެގެންތޯ، އެކަންކަން ބަލައި ހޯދަން އެބަޖެހޭ. ނަމަވެސް، އަޅުގަނޑުގެ އެންމެ ބުރަ މަސައްކަތަކީ، އަޅުގަނޑު ދެކޭގޮތުގައި އަޅުގަނޑުގެ ވާޖިބަކީ، ކޮންމެ ސަބަބަކާލައިގެން ނަމަވެސް އެހެން މިހިރީ ވެފައި. އެހެންވީމާ، އެހިސާބުން ދެން ސަރުކާރަށް، ދައުލަތަށް ހިންގޭން އޮތް ކަމަކީ، އަޅާލެވެން އޮތް މަގަކީ ކޮބައިތޯ ބަލައި، އެމަގެއްގައި އެކުދިންނާ އަޅާލުމަށް މަސައްކަތް ކުރުން.

މި މަރްކަޒަކީ، އާދެ! މަސައްކަތްތެރިކަމާއި ތަޢްލީމު ފޯރުކޮށްދޭ މަރްކަޒެއް. މި މަރްކަޒުގެ ބޭނުމަކީ މައިންބަފައިންގެ އަޅާލުން ކުޑަ، އެހެން ގޮތެއް ނެތް ކުދިންނާ ސަރުކާރުގެ ފަރާތުން އަޅާލުން. ސަރުކާރުން އިރާދަކުރެއްވިއްޔާ، މިމަސައްކަތް ކުރިއަށް ގެންދާނަން. މިތަނުގައި ކުދިން މަދުކަމީ އެއްވެސް ޙާލެއްގައި އަޅުގަނޑު ނުދެކެން އެއީ، އެބާވަތުގެ ނުވަތަ މިބާވަތުގެ ތަނަކަށް އެދޭ ކުދިންގެ މިންވަރު މި ރާއްޖޭގައި މަދުކަމުން ވެފައި އޮތް ކަމެއް ނޫން. އަޅުގަނޑުމެންނަށް އެކަން މާލޭ މަގުމަތިންވެސް އަދި ރާއްޖޭގެ ބައިބޯ ކޮންމެ ރަށެއްގެ މަގުމަތިންވެސް އަދި ކޮންމެ ކިތަންމެ ކުޑަ ރަށެއްގެ ގޭގޭތެރެއިންވެސް މިމަންޒަރު ވަރަށް ސާފުކޮށް ފެނޭ. އަބަދަކު މައިންބަފައިންނަކަށް ދަރިންނަކާ އެންމެ ފުރިހަމަ ގޮތުގައި އަޅައެއްނުލެވޭ. ބައެއްފަހަރަށް މައިންބަފައިންނެއް ނުވެސްތިބޭ. އަނެއްބައިފަހަރަށް މައިންބަފައިން ނެތް ތަނުގައި އަދި އަޅާލާނޭ އެހެން މީހަކުވެސް ނެތް ކުދިންވެސް ބައިވަރު.

ސަރުކާރުގެ ބޭނުމަކީ، އަޅުގަނޑުމެންގެ ބޭނުމަކީ އެކުދިން އެއީ، އަޅުގަނޑުމެންގެ ދަރިން ކަމަށް ނިންމައި، އަޅުގަނޑުމެން އެކުދިންނާ އަޅާލައިގެން ކުރިއަށްދެވޭތޯ އަޅުގަނޑުމެންނަށްވީ މިންވަރަކުން މަސައްކަތް ކުރުން. މި ސަރުކާރުން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން ޕްރޮގްރާމް ހިންގަމުން ގެންދަނީ ޖުމްލަ ގޮތުގައި މިދެންނެވި ބޭނުމަށް. އަޅުގަނޑު ތިޔައިން ކޮންމެ ކުއްޖަކަށް ޔަޤީންކަން އަރުވަން ބޭނުންވޭ، އަޅުގަނޑަށްވީ މިންވަރަކުން، މި ސަރުކާރަށްވީ މިންވަރަކުން ތިޔަކުދިންނާ އަޅާލަމުން ގެންދާނީ، އަޅުގަނޑުގެ ނަޒަރުގައި އަދި އަޅުގަނޑު އުންމީދުކުރާ ގޮތުގައި، ހަމަ ސީދާ އަޅުގަނޑުމެންގެ ދަރިންގެ ގޮތުގައި ތިޔަކުދިން ދެކިގެން. އަޅުގަނޑުމެންނަށް އެމަސައްކަތް އިޚްލާޞްތެރިކަމާއެކީގައި އަދި ވަރަށް ތަރުތީބުން، ވަރަށް ބަލައިގެން، އަމާނާތްތެރިކަމާއެކީގައި ހިންގުމަށް މަސައްކަތް ކުރާން އެބަޖެހޭ.

މި ސަރުކާރު އެކުލަވައިލެވިފައި މިއޮތީ ހަމަ އެންމެ ބޭނުމަކަށްޓަކައި. އެއީ ރާއްޖޭގެ ރައްޔިތުންނަށް ޚިދްމަތް ކޮށްދިނުމަށްޓަކައި. ރާއްޖޭގެ ރައްޔިތުންގެ ތެރެއިން އެކިއެކި ބޭނުންތަކަށް ބޭނުންވާ ރައްޔިތުންނަށް، އެ ބޭނުންތައް ފުއްދައިދިނުމަށް މަސައްކަތް ކުރުމަށްޓަކައި. އަޅުގަނޑަށް މި މަރްކަޒުގެ މުހިންމުކަން އަބަދުވެސް ސާފު. އަޅުގަނޑު ނުދެކެން، އަޅުގަނޑަކީ އަޚްލާޤީ ގޮތުން މާ ރަނގަޅު ސިފައަކަށް ކޮންމެހެން ބޮޑުވެގެން އައި، ފުރާވަރަށް އަރައިގެން އައި، މާ މޮޅު މީހެއް ކަމަކަށް. އަޅުގަނޑެއް ނުދެކެން، އެއްވެސް މީހަކީ އަނެކަކާ މާ ތަފާތު މީހެއް ކަމަކަށް. އެހެންވީމާ، އަޅުގަނޑުގެ ނަޒަރުގައި، ތިޔައިން ކޮންމެ ކުއްޖަކަށްވެސް، އެއްވެސް ޙާލެއްގައި ފުރްޞަތެއް ނުގެއްލޭ، އަޅުގަނޑު މިއަދު މި ހުއްޓި މި ހުރި މަގާމަށް އައުމަކަށެއް. އެއްވެސް ޙާލެއްގައި ނުގެއްލޭ. އަޅުގަނޑު ވަރަށް ސާފުކޮށް މިދަންނަވަނީ، ތިޔައިން އެއްވެސް ކުއްޖަކާ އަޅުގަނޑަކާ މާބޮޑު ތަފާތެއް ނެތް. އަޅުގަނޑު މި މަރްކަޒަށް ނައީ، ކިޔަވަން ނައީ އަޅުގަނޑުގެ ނަޞީބު އެގޮތަށް ދިމާކުރީތީ. އެހެން ނަމަވެސް، ސާފުކޮށް ތިޔަބޭފުޅުން ބައްލަވައިފިއްޔާ، ތިޔަކުދިންގެ ޢުމުރުގައި، މިސާލަކަށް، އަޅުގަނޑު އުޅެމުން އައި އުޅުމާއި އަދި އަޅުގަނޑު ބައެއްފަހަރު ކަންތައް ކުރަމުންއައި ގޮތާ، ތިއިން ކުއްޖަކާ އަޅުގަނޑު ނުދެކެން މާބޮޑު ތަފާތެއް ހުންނާނެއެކޭ. އެހެން ނަމަވެސް، އަޅުގަނޑަށް މިމަގަށް އާދެވުނު ކަމަށްވަންޏާ، އާދެވިފައި ހުރީތީވެ، އަޅުގަނޑު ޔަޤީން ކުރަން، ތިޔައިން ކޮންމެ ކުއްޖަކަށްވެސް ބޭނުން ކާމިޔާބީއެއް ޙާޞިލް ކުރެވޭނެ. ބޭނުން ކަމެއް ޙަޤީޤަތުގައި ތިޔަކުދިންނަށްވާނެ. ނުވާނެ ހަމަ އެއްކަމެއްވެސް ނޯންނާނެ.

އަޅުގަނޑަށް ފެންނަ ފެނުމުގައި، އެ ކާމިޔާބު ހޯދުމަށްޓަކައި އަބަދުވެސް އެ ކާމިޔާބު ސިފަކުރާންޖެހޭނެ. ނިދާއިރުވެސް އެކާމިޔާބު ސިފަކުރާންޖެހޭ. ބޯޅައެއް ގޯލަށް ޖެހުމަށް ވިސްނާއިރުގައި، އަބަދުވެސް އެ މަންޒަރު ދެކެން އެބަޖެހޭ. މޮޅު މީހަކަށްވާން ބޭނުންވާއިރުގައި، މޮޅުވެފައި ހުންނައިރުގައި، ހުންނަގޮތް އަބަދުވެސް ތިމަންނާ އަމިއްލައަށް ސިފަކުރާން އެބަޖެހޭ. ނިދާއިރުވެސް ސިފަކުރާންޖެހޭ. ހޭލާއިރުވެސް ސިފަކުރާންޖެހޭ. މޮޅަށް ކުރަހާއިރުގައި، މޮޅަށް ކުރަހައިގެން ލިބޭނެ މޮޅުގެ ފޮނި ކުރިއަށް އެބަ ދެމިގަންނާންޖެހޭ، ލިބިގަންނާންޖެހޭ.

އަޅުގަނޑުގެ ވިސްނުމުގައި، އަޅުގަނޑަށް ފެންނަ ފެނުމުގައި، މާޔޫސްވެ ހުންނާކަށް އެއްވެސް ކުއްޖަކު ހުންނާކަށް ނުޖެހޭ. އަދި ކަންބޮޑުވާކަށްވެސް ނުޖެހޭނެ. އަބަދަކު އަޅުގަނޑުމެންނާ ދިމާވާނީކީއެއް އުފާވެރި ކަންކަމެއް ނޫން. އަޅުގަނޑުމެން އެކަކާވެސް އަބަދު ދިމާވަނީ އުފާވެރި ކަންކަމެއް ނޫން. އަޅުގަނޑުމެންގެ ޙަޔާތުގައި [ހިތާމަ] އެއީ އަބަދުވެސް އަޅުގަނޑުމެންނާ ބައްދަލުކުރާ ޙާލަތެއް. އަދި ކަންބޮޑުވުމަކީ، ހާސްވުމަކީ އަޅުގަނޑުމެން އެންމެންނަށްވެސް އަބަދުވެސް ދިމާވާ ޙާލަތެއް. އަޅުގަނޑުމެން މިޖެހެނީ އެ ޙާލަތްތަކުން އަރައިގަންނަން. އަޅުގަނޑުމެން މިޖެހެނީ އެކަމުން ނެއްޓިގަންނަން. އެކަންކަން އެހެން ކުރުމުގައި، މައިންބަފައިންގެ އެހީތެރިކަން ނުވަތަ ގާތްތިމާގެ މީހެއްގެ އެހީތެރިކަން ލިބުނީމާ ކިތަންމެ ތަނަކުން ފަސޭހަވޭ. މިދެންނެވި ހާސްކަމުން، މިދެންނެވި ހިތާމައިން، މިދެންނެވި ހުއްޓުމުން އަޅުގަނޑުމެންނަށް އަރައިގަތުމަށް ފަސޭހަވޭ، މީހެއްގެ އެހީތެރިކަން ލިބުނީމާ.

އަޅުގަނޑު މިދެކެނީ، ގާތްތިމާގެ މީހަކު، މައިންބަފައިން ނުވަތަ ގާތްތިމާގެ މީހަކު އެހާ ގާތުގައި ނެތް ކުދިންނަށް ހުރި ބަޔަކީ، ތިބި ބަޔަކީ ދައުލަތް، ސަރުކާރު. އެހެންވީމާ، އެ މަސްއޫލިއްޔަތު އަދާކުރުމަށް އަޅުގަނޑުމެން މާތްﷲ ގަންދީ ހުވާކޮށް، މިދައުލަތުގެ ހުރިހާ ވެރިންވެސް މިތިބީ. އަޅުގަނޑަށް މިތަނުގައި ހުރެ އިތުބާރާ އެކުގައި އަޅުގަނޑުމެން އެވާޖިބު އަދާކުރުމަށް ތައްޔާރަށް ހުރި ކަމަށް ދެންނެވެން އޮތް އެންމެބޮޑު އެއްސަބަބަކީ، މިތަނުގައި ހަމަ ދެންމެވެސް އެ އިނާމުތައް ދެމުން ގެންދިޔައިރުގައި، އިނާމުތައް ދެއްވާފައި ހުރީ ދައުލަތުގެ އެކިއެކި ބާރުތަކުގެ ފަރާތުން. ޚާއްޞަ ގޮތެއްގައި، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން. އަދި އެހެންވެސް މިދައުލަތުގެ އެކިއެކި މުއައްސަސާތަކުގެ ވެރިންނާއި، އެ ވެރިންނާ ގުޅޭ އެކިއެކި ފަރާތްތަކުން. އަޅުގަނޑުމެން އެކަކުވެސް މިތިބީކީއެއް ތިޔަކުދިން ހަނދާން ނައްތާލާކަށެއް ނޫން. އަޅުގަނޑުމެން އަބަދުވެސް އިރާދަކުރެއްވިއްޔާ މަސައްކަތް ކުރަމުން ގެންދާނީ، ތިޔަކުދިންނަށް މިހާރަށްވުރެ އަދި މާ ފާގަތި މާދަމައެއް ހޯދައިދިނުމަށް. އަޅުގަނޑުމެންގެ ބޭނުމަކީ، އަޅުގަނޑުގެ ދުޢާއަކީ، ތިޔަކުދިންނަށް މިއަދަށްވުރެ އަދި މާ ފާގަތި، މާ އުފާވެރި މާދަމައެއް ލިބުން.

އަޅުގަނޑު މިއަދު މިތަނުން ވަކިވުމުގެ ކުރިން އަޅުގަނޑު ބޭނުން، މި އިޞްލާޙިއްޔާ ހިންގަމުން އަންނަ ފަރާތްތަކަށާއި، އަދި މިކަމުގައި ޚާއްޞަކޮށް ބަލަހައްޓަމުން ގެންދަވާ ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން. އަޅުގަނޑު އެހާ އުފަލާއެކީގައި އެހާ ހޫނުކޮށް، އެހާ ބާރަށް މިވަގުތު ޝުކުރު ދަންނަވާހިތެއް ނެތް. އެއީ، އަޅުގަނޑު ބޭނުން މިންވަރަށް މިތަން އަދި ނާންނާތީ. އަޅުގަނޑު މިއަދުވެސް މިތަނަށް އައީ، އަޅުގަނޑު އެދޭ މިންވަރަށް، އަޅުގަނޑުގެ ދަރިއަކު މިތަނަށް ލާފައި ހުއްޓައި، ދެން އަޅުގަނޑު މިތަނަށް ނައީމާ، އެ އަންނަ އިޙްސާސް، އެ އަންނަ ހިތްހަމަޖެހުން އަޅުގަނޑުގެ ނަޒަރުގައި މި ސަރުކާރަށް ދެވޭނީ އެ މައިންބަފައިންނަށް ނުވަތަ ތިޔަކުދިންނަށް. އެހެންވީމާ، އަޅުގަނޑު އުންމީދު ކުރާނީ، އަޅުގަނޑު ދެކޭނީ އަޅުގަނޑުމެން މިކަމަށް އިރާދަކުރެއްވިއްޔާ ފައިސާވެސް ޚަރަދު ކުރާނަން. އަޅުގަނޑެއް ނުދެކެން، މިތަނަށް ސަރުކާރުން ޚަރަދުކުރާ ފައިސާ އެއީ ބޭކާރުގޮތުގައި ކުރެވޭ ޚަރަދެއް ކަމަކަށް. ކުރަންޖެހޭ ޚަރަދު މި ސަރުކާރުން އަބަދުވެސް ކުރާނެ. އަދި މިތަނަށާއި މިބާވަތުގެ ކަންކަމަށް ކުރަންޖެހޭ ޚަރަދަކީ، އަޅުގަނޑަށް ފެންނަ ފެނުމުގައި، ވިހި، ފަންސާސް ބަނދަރު ހެދުމަށްވުރެ މުހިންމު ޚަރަދެއް. އަޅުގަނޑަށް ފެންނަ ފެނުމުގައި އެތައް ރަށެއްގެ ސަރަޙައްދެއްގެ ނަރުދަމާ އެޅުމަށްވުރެ މުހިންމު ޚަރަދެއް. ފެން ދިނުމަށްވުރެ މުހިންމު ޚަރަދެއް. ގޯލް ދަނޑި އެޅުމަށްވުރެ، އަދި ކޮންމެ ކަމެއް، ސަރުކާރުން މިކުރަމުން މިއަންނަ ބަނދަރު ހެދުމާއި އަދި ބޮޑެތިބޮޑެތި ޚަރަދުތަކުގެ ތެރޭގައި، މިތަނަށް މިބާވަތުގެ ތަނަކަށް ކުރަންޖެހޭ ޚަރަދާ ނުބައްދަލު. އަޅުގަނޑު ހިތާމަކުރާ ކަމަކީ، ވަރަށްގިނަ އިނގޭތޯ، ތިމަންނަމެންގެ ރަށުގެ ބަނދަރުގެ މައްސަލަ އޮތީ ކިހިނެއްތޯ އޮޅުފިލުވާލަން އަންނަ ބޭފުޅުން. ރަށްރަށުގެ ވެރިންވެސް، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން ނާދޭ އިނގޭތޯ އަޅުގަނޑުގެ ކައިރިއަކަށް، އިޞްލާޙިއްޔާގައި މިހާރު މިތިބީ 38 ކުދިންނޭ. އެތަނުގައި އެބަތިއްބޭ 58 މުވައްޒަފުން. އެތަނަށް ސަރުކާރުން މިހާ މިހާ ޚަރަދު އެބަ ކުރެއޭ. މިކަން މިހިނގަނީ ކިހިނެއްތޯއޭ. އެއީ، އަޅުގަނޑު ބަލަން ބޭނުންވާ މަންޒަރެއް.

ޑިމޮކްރަސީއެއް އަޅުގަނޑުމެން ޤާއިމުކޮށްފައި މިއޮތީ، އޭގެ ބޭނުން ކުރަންވެގެން. އޭގެ ވާދަވެރިކަމުގެ ފައިދާ ސަރުކާރު ހިންގާ ފަރާތަށްވެސް، އަދި ރައްޔިތުންނަށްވެސް ލިއްބައިދިނުމަށް. ވާދަވެރިކަމަކީ އަޅުގަނޑު ބޭނުން، މިތަނުގައި ތިބީ ތިމަންނާގެ ދާއިރާގެ ކިތައް ކުދިންތޯ އަޅުގަނޑުމެންނަށް އެނގެން. އަޅުގަނޑުމެން ޙަޤީޤީ ތަރައްޤީ ހޯދާން ބޭނުންނަމަ، އަޅުގަނޑުމެން ޚަރަދު ކުރާންވީ މިތަންތަނަށް. އަޅުގަނޑުމެން ޚަރަދު ކުރާންވީކީ ކޮންކްރީޓަކަށެއް ނޫން. އަޅުގަނޑު އަބަދުވެސް ތަކުރާރުކޮށް ދައްކާ ވާހަކައެއް. މިއީ، އަޅުގަނޑުމެން ރާއްޖޭގެ ތަރައްޤީ އަޞްލު ޙަޤީޤަތުގައި އަޅުގަނޑުމެންނަށް ޙާޞިލުކުރެވޭ އެއްތަނަކީ. އަޅުގަނޑުމެންގެ މުޖްތަމަޢު ހަލާކުވެ ފަސާދަވެ ދަނީ، މިތަނަށް ނާންނަ ކޮންމެ ކުއްޖެއްގެ ސަބަބުން. މިތަނުގައި ނެތް ކޮންމެ ކުއްޖެއްގެ ސަބަބުން. އަޅުގަނޑުމެން މަސައްކަތް ކުރާންވީ މިތަނަށް ނުވަތަ މިބާވަތުގެ ތަންތަނަށް އެކުދިން ގެނެސް، އަޅުގަނޑުމެންގެ ޙަޤީޤީ ތަރައްޤީ، އެ ދެމެހެއްޓެނިވި ގޮތުގައި އަޅުގަނޑުމެންގެ ޤުދްރަތީ ވަސީލަތްތަކުގެ އިތުރުން އިންސާނީ ވަސީލަތް ތަރައްޤީކޮށްގެން އަޅުގަނޑުމެންގެ ރާއްޖެއާއި އަޅުގަނޑުމެންގެ ރައްޔިތުން ހޯދާ އުފާވެރިކަމުގެ ސަބަބުން.

އަޅުގަނޑަށް މިއަދު މިތަނަށް އާދެވުމުގެ ނަޞީބު ލިބުނު ކަމަށްޓަކައި އަޅުގަނޑު، اللّـه سبحـانـه وتعـالى އަށް ޝުކުރު ދަންނަވަން. އަޅުގަނޑު މާފަންނުގެ އަންހެނުން ކުރިއަރުވާ ކޮމިޓީއަށާއި އަދި އެހެންވެސް ސަރުކާރުގެ ވުޒާރާތަކުން ޚާއްޞަކޮށް، ޖެންޑަރ އެންޑް ފެމިލީގެ ފަރާތުންނާއި، އަދިވެސް އެކިއެކި މިނިސްޓްރީއާއި އަދި ޢަދާލަތު ޕާޓީގެ އަންހެނުންގެ ގޮތްޕާއި، މިކަމުގައި މާލޭ މުނިސިޕަލްޓީވެސް ބައިވެރިވެދެއްވި މިންވަރަށް. އަޅުގަނޑު އެދެނީ، އަޅުގަނޑުމެންގެ ސަރުކާރެއްގައި ޖަހާ ވެލިފުނި ޖަހަނީ މިތަނަށް ކަމަށް ނިންމަން. އަޅުގަނޑު އެދެނީ، އަޅުގަނޑުމެންގެ ސަރުކާރެއްގައި ޖޯޝާއި ފޯރީގައި ކުރާ ކަންކަން ކުރަނީ އިންސާނީ ވަސީލަތް ތަރައްޤީ ކުރުމަށް ކުރާ ކަންކަމުގެ ގޮތުގައި ދެކުމަށް.

އަޅުގަނޑު ނިންމާލަމުންވެސް ދެންނެވެން އޮތީ އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް އަދި ޚާއްޞަކޮށް ތިޔަކުދިންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑު ހަމަ ނިންމާލަމުންވެސް ދަންނަވާނީ، އުފާވެރިކަމާއެކީގައި މިރޭވެސް ނިދާށޭ. އިރާދަކުރެއްވިއްޔާ ހަމަ މިއަށްވުރެ މާ ރަނގަޅު، މާ ރީތި އުފާވެރި ދުވަހެއް އަޅުގަނޑުމެން އެންމެންނަށްވެސް އެބައޮތޭ.

والحمد للّـه. والسّـلام عليـكم