بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

އެނގިވަޑައިގަންނަވާނެ، ދިވެހިރާއްޖެ ކޮމަންވެލްތްގެ މެންބަރަކަށް 1980ގެ ވަރަށް ކުރީކޮޅު ވެއްޖެ. އެއަށްފަހު، 86 ވަނަ އަހަރުއްސުރެ ފެށިގެން ރާއްޖެއިން މިގެންދަނީ ކޮމަންވެލްތްގެ މިކުޅިވަރު މުބާރާތުގައި ބައިވެރިވަމުން. އަޅުގަނޑުމެންނަށް މި މުބާރާތުގައި މާބޮޑު ކާމިޔާބީއެއް އަދި މިހާތަނަށް ލިބިފައި ނެތް ކަމުގައިވިޔަސްވެސް، އަދި ކުރިއަށް އޮތް ތަނުގައިވެސް މުޅި މުބާރާތުން އަޅުގަނޑުމެންނަށް ފެވޭނެ ގޮތެއް ވަކި މާ ސާފުކޮށް އަދި މިއަދު ފެންނަން ނެތް ކަމުގައިވިޔަސް، މިފަދަ މުބާރާތްތަކުގައި ބައިވެރިވުމަކީ، އަޅުގަނޑުމެންނަށް މުހިންމު ކަމެއް. ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް މުހިންމު ކަމެއް. އަދި ޚާއްޞަކޮށް، މި ކޮމަންވެލްތް މުބާރާތަކީ ދުނިޔޭގެ ވަކި ބާވަތެއްގެ ތާރީޚެއް ޙިއްޞާކޮށްފައި އޮތް ޤައުމުތައް އެކުގައި ޝާމިލުވާ ރައްޔިތުން ވާދަކުރާ މުބާރާތެއް. އެހެންވީމާ، އެމުބާރާތުގައި އެއް ޤައުމާއި އަނެއް ޤައުމާ އޮންނަ ތިމާގެކަންވެސް، އެހެން މުބާރާތްތަކަށްވުރެ ތަންކޮޅެއް ބޮޑުވެގެންދޭ.

މިފަހަރު ދިއްލީގައި މުބާރާތް ބޭއްވެނީ. ދިއްލީގައި ތައްޔާރީތައް މުބާރާތް ރޭވުމާ ޙަވާލުވެވަޑައިގެން ހުންނެވި އިސް އޮފިޝަލުން، ބާރބެޑޯސްގައި ނުވަތަ ޓްރިނިޑާޑް އެންޑް ޓޮބާގޯގައި މިފަހަރު ކޮމަންވެލްތް ޤައުމުތަކުގެ ވެރިންގެ ބައްދަލުވުމުގައި އަޅުގަނޑަށް ކިޔައިދެއްވި. ދިއްލީވެސް އެނގިވަޑައިގަންނަވާނެ އަންނަނީ ވަރަށް ބާރު ސްޕީޑެއްގައި ދުނިޔޭގެ ބޮޑު ސިޓީއެއްގެ ގޮތުގައި ތަޢާރުފުވަމުން ނުކުންނަމުން. އެހެންވީމާ، މިއީ އަޅުގަނޑުމެންގެ އެތުލީޓުންނަށްވެސް އަދި ރާއްޖޭގެ ރައްޔިތުންނަށްވެސް މިދެންނެވި ބޮޑު ސިޓީއަށް އަމާޒު ނަޒަރު ހުއްޓުވޭނެ ވަގުތުކޮޅަކަށްވާނެ. ކުޅިވަރުގައި އަބަދުވެސް މިއޮންނަނީ ބައިވެރިވުމޭ މުހިންމީ، މޮޅުވުމެއް ނޫނޭ. އެހެންނަމަވެސް، އަޅުގަނޑުމެން ކުރާ ކަމެއް ރަނގަޅަށްކޮށް، އެއިން ރަނގަޅު ނަތީޖާ ހޯދަން މަސައްކަތް ކުރުމަކީ އަމާޒަކަށްވާން ޖެހޭނެ.

އަޅުގަނޑު ގިނަ ވާހަކަ ދައްކާކަށްނޫން. އިބްރާހީމް އިސްމާޢީލް ވިދާޅުވެއްޖެ، ވަރަށް މަޑުންނޭ ދުވަނީ. ދެން އަޅުގަނޑުވެސް މިހުރީ މާލެވަށާ ދުވުމަށް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް މިއަދު ހަމަ ވަރަށް އުފާވެރިކަމާއެކީގައި މި ޙަފްލާ، މިދުވުން ނިންމާލެވޭނެ. ވަރަށް ބޮޑަށް ޝުކުރިއްޔާ! والحمد للّـه.