بســم اللّـه الرّحمـن الرّحيــم

ރާއްޖޭގެ ޢިއްޒަތްތެރި ނައިބު ރައީސް. ދައުލަތުގެ ވަޒީރުން. ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން. މިޖަލްސާއަށް ވަޑައިގެން ތިއްބެވި އެންމެ ބޭފުޅުން. އަދި މި ޖަލްސާ، ދުރާއި ގާތުން ބައްލަވަމުން ގެންދަވާ އެންމެ ބޭފުޅުން.

السّـلام عليـكم

އަޅުގަނޑުމެން އަބަދުވެސް ދުށީމު، އަބަދުވެސް ބުނަމުން އައީމު. ދިވެހިރާއްޖެއަކީ ޤުދްރަތީ ވަސީލަތްތައް ގިނަ މުއްސަނދި ޤައުމެކޭ. ދިވެހިރާއްޖެއަކީ، ދިވެހިރާއްޖޭގެ ރައްޔިތުންނަށް، އެ ރާއްޖެއަށް، މި ރާއްޖެއަށް ލިބޭ ވަސީލަތްތަކުން، ލިބޭ މުއްސަނދިކަމުން ފުއްދައިގެން އުޅެވޭނެ ރާއްޖެއަކަށް ހެދިދާނެ ރާއްޖެއެކޭ. އަޅުގަނޑުމެން ދުށް އަނެއް ދިވެހިރާއްޖެއަކީ، މިދެންނެވި ރާއްޖެ. އަޅުގަނޑުމެންނަށް ލިބޭ އެއްޗަކުން ފުދިގެން، ތިމަންނާއަކީ ތިމަންނާގެ އަމިއްލަ ޙަލާލު މަސައްކަތުން ތިމަންނާގެ ދެފައިމައްޗަށް ކޮޅަށް ތެދުވެ ހުރި، އަމިއްލަ މީހެކޭ ބުނާ ދިވެހި ރައްޔިތުންތަކެއް ތިބޭ ދިވެހިރާއްޖެއެއް ހޯދުން. އަޅުގަނޑުމެން އެ ދިވެހިރާއްޖެ ހޯދުމަށްޓަކައި ވަރަށް ބޮޑަށް ސާފު. ވަރަށް ސާފުކޮށް އެނގެން އޮތް އެއް ޙަޤީޤަތަކީ، ރާއްޖޭގައި ދިރިއުޅެމުން އެބަދާކަން ނުހަނު ގިނަ ޢަދަދެއްގެ ނިކަމެތި މިސްކީނު ފަޤީރުން. އަދި އެމީހުންގެ އާމްދަނީ، އެހެން މީހުންނާ ވަރަށް ތަފާތު ބޮޑު، ވަރަށް ގިނަގުނަ ރައްޔިތުންތަކެއް ރާއްޖޭގައި އުޅެމުންދާކަން.

ރާއްޖޭގެ އާބާދީގެ ތިންބައިކުޅަ އެއްބައި މީހުންނަކީ ފަޤީރުން ކަމުގައި އ.ދ.ގެ ހިސާބުތައް ދައްކަމުންދާތާ ކިތަންމެ ދުވަހެއްވެއްޖެ. ރާއްޖޭގެ ކޮންމެ ބޮލަކަށް، އަހަރެއްގެ މައްޗަށް ހަތްހާސް، އަށްހާސް ޑޮލަރުޖެހޭ ކަމަށް، ހަމަ އޭރުގައި އ.ދ.ގެ ހިސާބުތަކުން ދައްކަމުންދޭ. މިޢަދަދަށް ޑޮލަރު ޖެހުނީމާ، މަހެއްގެ މައްޗަށް ކޮންމެ ޢާއިލާއަކަށް ނުވަތަ ކޮންމެ މީހަކަށް، ރާއްޖޭގެ ކޮންމެ ރައްޔިތަކަށް ހަތްހާސް، އަށްހާސް ރުފިޔާޖެހޭ ކަމަށް ހިސާބުތައް އެބަ ދައްކާ. އެހެން ނަމަވެސް، ފެންނާން އޮތް ޙަޤީޤަތަކީ، އެތައް ބަޔަކަށް މިފައިސާ ލިބުން އޮންނަނީ ވަރަށް ދަތިވެފައި. ޙަލާލު މަސައްކަތުން އެފައިސާ ހޯދޭނެ ގޮތްތައް އޮންނަނީ ނުފެނިފައި، ނުވެފައި. ސަރުކާރެއް އިންޓަރވިން ކޮށްގެން ނުވަތަ ސަރުކާރެއް އެދޭތެރެއަށް ވަދެ ޢަމަލީ މަސައްކަތްތަކެއް، އޯގާތެރި ކަންތައްތަކެއް ނުވަތަ އެހީތަކެއް ސީދާ ގޮތުގައި ރައްޔިތުންނަށްދީގެން މެނުވީ، އެ ރައްޔިތުން، އެރައްޔިތުންގެ އަމިއްލަ ދެފައިމައްޗަށް ތެދުވެ، ޙަލާލު މަސައްކަތް ކުރުމުގައި އުޅެގަތުމަށް ދަތިވާނެކަން އެއީ، އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް އެނގި އޮތް ޙަޤީޤަތެއް.

މި ސަރުކާރުގެ ސިޔާސަތުތައް ރާވަމުން ގެންދިޔައީ މިދެންނެވި މައްސަލަ ޙައްލު ކުރުމަށް. އަޅުގަނޑުމެންގެ ސޯޝަލް ޕްރޮޓެކްޝަން ޕްރޮގްރާމް ނުވަތަ އަޅުގަނޑުމެންގެ އިޖްތިމާޢީ ރައްކާތެރިކަމުގެ މި މަޝްރޫޢުގެ ބޭނުމަކީ، ސަލާމަތުގެ ދަލެއް، ނިކަމެތި ރައްޔިތުންގެ ފަހަތުގައި އަޅައިދިނުން. އޭގެ ފަހަތަށް ވެއްޓުނަނުދީ، ހިފެހެއްޓޭނެ ގޮތެއް ހޯދުން. އެކަން ކުރުމަށްޓަކައި އަޅުގަނޑުމެން ފާހަގަކުރަމުން އައީ ތަފާތު މުޅި ޖުމްލަ 10 ބާވަތެއްގެ ސީދާ އެހީ ރައްޔިތުންނަށް އެބަ ފޯރުކޮށްދެވޭ. އެ އެހީތައް ފޯރުކޮށްދެވުނީމާ، އެ ރައްޔިތު މީހާއަށް އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވެ، ދެން މަސައްކަތާއިގެން ކުރިއަށް ދެވިދާނެ. ކާފައާއި މާމަ، ނުވަތަ މަންމައާއި ބައްޕަ އުޅޭނޫޅޭގޮތް ނޭނގޭއިރު، ދަރިންނަށްވެސް ޢާންމު ގޮތެއްގައި ފަސޭހައެއްނުވާނެ ރިވެތި ދިރިއުޅުމެއް އުޅެމުން ގެންދާކަށް. ބޯހިޔާވަހިކަން ހޯދުމަށްޓަކައި ލިބޭ އާމްދަނީގެ ހުރިހާ އެއްޗެއް ޚަރަދު ކުރަން ޖެހުނީމާ، ދެން ދަރިންނަށް އަޅާލެވޭ މިންވަރުވެސް ކުޑަވާނެ. ތަޢްލީމަށް ކުރާނެ ޚަރަދެއްވެސް ނޯންނާނެ. ފުރިހަމަ ޞިއްޙަތެއް ހޯދުމަށް ކުރެވޭނެ ހޭދައެއްވެސް ނޯންނާނެ.

އެހެންވީމާ، އިޖްތިމާޢީ ރައްކާތެރިކަމެއް ސަރުކާރުގެ ފަރާތުން ހޯދައިދިނުމަކީ އަޅުގަނޑުމެން ބުނެ އުޅެމު، އަޅުގަނޑުމެންނަކީ އަދި އަޅުގަނޑުމެން ދެކެނީވެސް އަޅުގަނޑުމެންނަކީ ވިޔަފާރީގެ އުޞޫލުން ކަންތައް ހިންގާ ނިޒާމަކަށް އެނބުރެން ބޭނުންވާ ސިޔާސަތެއް ގެންގުޅޭ ސަރުކާރެކޭ ނުވަތަ ކަނާތު ފިޔައިގެ ސަރުކާރެއް، ވިސްނުމެއް، ކަނާތު ފިޔައިގެ ވިޔަފާރީގެ ވިސްނުމެއް ގެންގުޅޭ ސަރުކާރެކޭ. ހަމައެހެންމެ، އެއާއެކީގައި އަޅުގަނޑުމެން ހިންގާންޖެހޭ އަނެއް ކަމަކީ، ވެލްފެއަރ ދައުލަތެއް ނުވަތަ އޯގާތެރި ދައުލަތެއް. މި އެހީތައް އަޅުގަނޑުމެން ފޯރުމިކޮށްދެނީ، އަޅުގަނޑުމެންގެ ނަޒަރުގައި، އަޅުގަނޑުމެންނަށް ފެންނަ ފެނުމުގައި، ދިވެހިރާއްޖޭގެ ތަރައްޤީއަށް މިވަގުތު ބޭނުންވެފައި އޮތް އެންމެ މުހިންމު ކަމަކީ، މިކަންކަން ކަމަށް އަޅުގަނޑުމެންނަށް ފެންނާތީ. އަޅުގަނޑުމެންނަށް ޤަބޫލުކުރެވޭތީ.

އަޅުގަނޑުމެން ސަރުކާރު ހިންގުމާ ޙަވާލުވެ، ދައުލަތަށް ލިބޭ އާމްދަނީގެ ތެރެއިން ސަލާމަތް ކުރަން ނުވަތަ އެއިން ރައްކާކުރަން، ބާކީކުރަން ހުރި ދިމަދިމާއަކީ ކޮބައިތޯ އަދި އެ ބާކީކުރެވޭ ފައިސާ ޚަރަދު ކުރަން އެންމެ ރަނގަޅު ދިމަދިމާއަކީ ކޮބައިތޯ ބެލިއިރު، ދެނެގަނެވުނުއިރު، އެނގިވަޑައިގަންނަވާނެ، ކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށާއި، ރައީސުލްޖުމްހޫރިއްޔާގެ ގަނޑުވަރަށް ޖުމްލަކޮށް ފައްސަތޭކަ މިލިޔަން ރުފިޔާ، އަހަރެއްގެ މައްޗަށް ޚަރަދުވޭ. އަޅުގަނޑުމެން ސަރުކާރު ހިންގުމާ ޙަވާލުވެ، ބެލި ބެލުމުގައި، އެކަން ކުރެވެން އޮތް އެބައޮތް، ގާތްގަނޑަކަށް ފަންސާހަކަށް މިލިޔަން ރުފިޔާއިން. ފައްސަތޭކަ މިލިޔަން ރުފިޔާގެ ބަދަލުގައި، އެ ހަތަރުސަތޭކަ ފަންސާސް މިލިއަން ރުފިޔާ، އަޅުގަނޑުމެން ޚަރަދުކުރީ، ފަސްދޮޅަސް ފަސްއަހަރުން މަތީގެ މީހުންނަށް ޕެންޝަނެއް ދިނުމަށްޓަކައި. އެހެންވީމާ، ދެނެއް މިއަންނަ އަހަރަކު ރައީސުލްޖުމްހޫރިއްޔާގެ ޚަރަދެއް ބޮޑެއް ނުކުރެވޭނެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޚަރަދެއްވެސް އަދި ރައީސުލްޖުމްހޫރިއްޔާ ދިރިއުޅޭ ގޭގެ ޚަރަދެއްވެސް އަދި ރައީސުލްޖުމްހޫރިއްޔާގެ ގެޔާ ގުޅޭގޮތުން އެ ހުރި އެހެން އެއްވެސް މުއައްސަސާއެއްގެ ޚަރަދެއް ބޮޑެއް ނުކުރެވޭނެ. އަޅުގަނޑުވެސް އެބަ ދެކެން، އަޅުގަނޑުވެސް ގަބޫލުކުރަން، އަދި އަޑުވެސް އަހަން. އަޅުގަނޑުގެ ވަރަށްގިނަ މުވައްޒަފުން އެބަބުނޭ، ރައީސޭ މިހެންނެއް މިހުރިހާ މަސައްކަތެއް ނުކުރެވޭނެއޭ. ޚަރަދު މިއަށްވުރެ ބޮޑުވާން އެބަޖެހެއޭ. އަޅުގަނޑުގެ ވާހަކައަކީ، ދެން އެހެންވީމާ އެމަސައްކަތްތައް ނުކުރާންވީ ނޫންހެއްޔޭ. ނުކޮށްފައި ހަމައެކަނި މިދިރިއުޅުމުގެ މަސައްކަތެއް ކޮށްލައިގެން، އަޅުގަނޑަށްވެސް ކައިބޮއިގެން މިގޭގައި އުޅެވިދާނެއޭ. އުޅެގެން އަޅުގަނޑުމެންނަށް މިކަން ފުއްދޭތޯ ބެލިދާނެއޭ. އަޅުގަނޑު ޔަޤީންކޮށް އަރުވަން ބޭނުންވަނީ، އަޅުގަނޑުމެން ފަސްދޮޅަސް ފަސްއަހަރުން މަތީގެ ރައްޔިތުންނަށް، ދޮށީ ޢުމުރުގެ މީހުންނަށް ހޯދައިދިނުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ޚަރަދުން އެ އުނިކުރި ޢަދަދު އަނބުރައެއް އިޢާދައެއް ނުކުރާނެއޭ. އެ ޢަދަދު އެއޮތް ގޮތުގައި އޮންނާނެއޭ.

ރާއްޖޭގެ ވަރަށްގިނަ ރައްޔިތުންނަށް އާމްދަނީ ލިބޭ އަނެއް ވަސީލަތަކީ، ސަރުކާރުގެ ވަޒީފާއެއް އަދާކުރުން. ސަރުކާރުގެ ވަޒީފާ އަދާކުރުމަށްޓަކައި ބައްތިރީސް ހާހެއްހާ މީހުންނަށް ސަރުކާރުން އަހަރެއްގެ މައްޗަށް ފަސް ބިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރޭ. އެއިން ކުޑަ ތަންފުކެއް އުނިކުރާ ކުރުން އެއީ، ރަނގަޅު ކަމެއްތޯ ނުވަތަ ގޯސް ކަމެއްތޯ ނިންމެން މިއަންނަނީ، އުނިކުރެވޭ ފައިސާ ދެން ބޭނުންކުރާ ގޮތެއްގެ މައްޗަށް ބަލައިލައިގެން. އެ ފައިސާ ބޭނުންކުރެވޭނީ ބޯހިޔާވަހިކަމަށްތޯ. އެފައިސާ ބޭނުންކުރެވެނީ ބޭސްފަރުވާއަށްތޯ. ނުވަތަ އެފައިސާ ބޭނުންކުރެވެނީ ކުލަބޮކި ދިއްލާފައި ކާނިވަލެއް ބާއްވަންތޯ. ނުވަތަ ޖުލައި ސައްބީހެއް، މިނިވަން ދުވަހެއް، ޤައުމީ ދުވަހެއް ނުހަނު ގަދަކޮށް ފާހަގަކުރަންތޯ. އަޅުގަނޑަށް ފެންނަ ފެނުމުގައި، އެފައިސާއަކީ އިޖްތިމާޢީ ރައްކާތެރިކަމަށް ބޭނުންކުރަން ހަމަ ހެޔޮ ރަނގަޅު ފައިސާތޯ.

އެހެންވީމާ، އަޅުގަނޑު އަނެއްކާވެސް ހަމަ ދަންނަވާނީ، ސަރުކާރުގެ ޚަރަދު ކުޑަކުރެވުނު މިންވަރަކުން އަޅުގަނޑުމެންނަށް އިޖްތިމާޢީ ރައްކާތެރިކަމަށް އޮތް ފައިސާގެ ޢަދަދު އިތުރުކުރެވޭނެއޭ. އެ ރައްކާތެރިކަން ރައްޔިތުންނަށް ފޯރުކޮށްދެވުނީމާ ނޫނީ އަޅުގަނޑުމެން މިއެދޭ ތަރައްޤީ، އަޅުގަނޑުމެންނަށް ހޯދަން ދަތިވާނެ. ކުރިއަށް އޮތް ތަނުގައިވެސް އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ދާނީ އިތުރު ފައިސާ ހޯދަމުން އަދި އިތުރު އިޤްތިޞާދު ކުރަމުން. މިދެމަގުންވެސް ލިބޭ ފައިސާ ޚަރަދު ކުރުމުގައި، އެންމެ ފުރަތަމަ ވިސްނާނީ، ޢުމްރާނީ ތަރައްޤީއަކަށެއް ނޫން. ނުވަތަ ކޮންކްރީޓާއި ދަގަނޑުގެ ޚަރަދަކަށެއް ނޫން. ތެދުފުޅެއް، އަޅުގަނޑުމެން މިދަނީ ވަރަށްގިނަ ބަނދަރާއި، ވަރަށްގިނަ ނަރުދަމައާއި، ވަރަށްގިނަ އެކިބާވަތްބާވަތުގެ ޢިމާރާތްތައް އަޅަމުން. އެހެން ނަމަވެސް، ޙަޤީޤީ ތަރައްޤީ އަޅުގަނޑުމެން ބޭނުމިއްޔާ އަޅަންވީކީއެއް މިދަންނަވާހާ ކޮންކްރީޓެއް ނޫން. ޚަރަދު އަޅުގަނޑުމެން ކުރަންވީ މީހުންނަށް. މީހުންނަށް ތަންދޮޅު އޮޅުންފިލުވައިދިނުން. މީހުންނަށް ތަޢްލީމު ދިނުން. މީހުންނަށް ބޭސްފަރުވާދިނުން. އެމީހުންނަށް ބޯހިޔާވަހިކަމެއް ހޯދައިދިނުން. އެމީހުން މުނިފޫހިފިލުވުމަށް. އެމީހުން އުފާކުރުމަށް. އެމީހުންނަށް މަސައްކަތެއް ހޯދައިދިނުމަށް. އަޅުގަނޑުމެން ކުރާ ޚަރަދު ކުރަނީ ހައްތަހާ ދިރުމެއް ނެތް ހަރު ހިލަ ކޮންކްރީޓަށް ކަމަށްވަންޏާ، އެއިން ޤައުމަށް ނުކުންނާނޭ ފައިދާ، މުޅި ދުނިޔެ ދަންނަ ޙަޤީޤަތެއް އެއީ. އިންސާނީ ތަޖުރިބާ ދައްކާފައި އޮތް ތެދެއް އެއީ، ޤައުމަށްވާނެ ފައިދާ ކުޑަވާނެ.

މި ސަރުކާރުގެ ވިސްނުން، ކުރީ ސަރުކާރުތަކާ ތަފާތުވާނެ. އަޅުގަނޑުމެން ކަންތައްތައް ކުރަނީވެސް ތަފާތުކޮށް. އެހެންވީމާ، ކަންކުރާގޮތް އެނގުމަށް ކުޑަހިނދުކޮޅެއް ނަގާނެ. އެހިނދުކޮޅުގެ ތެރޭގައި، އެވަގުތުކޮޅުގެ ތެރޭގައި، މިއަދު މިތަނަށް ޙާޒިރުވެވަޑައިގެން ތިއްބެވި ސަރުކާރުގެ އެންމެ މުވައްޒަފުންގެ ކިބައިން އަދި ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންގެ ކިބައިން އަޅުގަނޑު އެދެނީ، އެވަގުތުގައި ތިޔަބޭފުޅުން އަމިއްލަފުޅަށްވެސް އެނގިވަޑައިގަންނަވާށޭ، މި ސިޔާސަތު މިހިނގަނީ ކިހިނެއްކަން. ދެން ރައްޔިތުމީހާއާ މުޢާމަލާތް ކުރައްވާއިރު، މާދަމާ ތިޔަރަށުގައި ބަނދަރު އަޅައިދޭނަމޭ ވިދާޅުވުމުގެ ބަދަލުގައި، އާމްދަނީ އިތުރުވެގެން ގޮސް ބަނދަރެއް ލިބުން އެއީ މާބުއްދިވެރި ގޮތެކޭ، އެ ވިސްނުން ރައްޔިތުންނަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރުމަކީ، އަޅުގަނޑުގެ ނަޒަރުގައި މުހިންމު ކަމެއް.

އަޅުގަނޑު މިވާހަކަ މިހެން ދައްކާއިރު، އަޅުގަނޑުމެންގެ ތެރެއަށް ނަރުދަމާގެ ނިޒާމު ބޭނުންވެފައިވާ މިންވަރު އަޅުގަނޑަށް ވަރަށް ބޮޑަށް ސާފުވޭ. ސާފު ބޯފެއް، ރާއްޖޭގެ ރަށްތަކަށް ބޭނުންވެފައިވާ މިންވަރު އަޅުގަނޑަށް ވަރަށް ސާފު. މިމަސައްކަތްތަކަކީ ހަމަ މިހާރުން މިހާރަށް، އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި، 76 ރަށުގައި ކުރަން ޖެހިފައި ހުރި މަސައްކަތެއް. އެ މަސައްކަތް ކުރުމަށްވެސް ނުހަނު ގިނަ ފައިސާ އަޅުގަނޑުމެންގެ އަތުން ދިވެހި ސަރުކާރުން، ދިވެހި ދައުލަތުން ޚަރަދުވާނެ. އެފައިސާ ހޯދުމަށްޓަކައި ރާއްޖޭގެ ޓެކްސްގެ ނިޒާމަށް އެބަ ބަދަލު ގެންނަންޖެހޭ. މިރާއްޖެއަކީ މުޅި ދުނިޔޭގައި އެންމެ މަދުން ޓެކްސް ނަގާ ޤައުމު ކަމަށް ވާރލްޑް ބޭންކުގެ ހިސާބުތަކުން ދައްކާ. އަޅުގަނޑުމެންނަށް މިއަށްވުރެ ރަނގަޅު ޓެކްސްގެ ނިޒާމެއް ތަޢާރުފު ކުރެވޭނެ. އެނގިވަޑައިގަންނަވާނެ، އެކަމާ ގުޅޭ ބިލްތައް މިހާރުވާނީ މަޖިލީހުގައި. އަޅުގަނޑު މިއުންމީދު ކުރަނީ، ވީހާވެސް އަވަހަކަށް އެބިލްތައް ރައްޔިތުންގެ މަޖިލީހުން ފާސްވެ، އަޅުގަނޑުމެންނަށް އެބިލްތައް ޤާނޫނުތަކަކަށް ހެދޭނެ ކަމަށް.

އަޅުގަނޑުމެންގެ އިޖްތިމާޢީ ރައްކާތެރިކަމުގެ އޮނިގަނޑު ނުވަތަ އެ ރައްކާތެރިކަމުގެ ސޭފްޓީ ނެޓްގެ މައިގަނޑު ހިޔަނި މިހާރު އަޅުގަނޑުމެންނަށް ކޮންމެވެސް މިންވަރަކަށް ފެނިއްޖެ. މިއަދު އިބްރާހީމް ވަޙީދާއި މާރި އެކިޔާދެއްވި ކަންތައްތަކުގެ ތެރޭގައި ހިމެނޭ 10 ކަމުން މިދަންނަވާ އޮނިގަނޑު މަޑުމަޑުން ނަމަވެސް އެ އަންނަނީ އުފެދެމުން. އެއީ، ބޭސްފަރުވާއަށް މަދަނަ. ބޯހިޔާވަހިކަމާއި ހައުސިންގ ބެނިފިޓް. ދުވަސްވީ މީހުންނަށްދޭ ޕެންޝަންގެ ގޮތުގައި، 65 އަހަރު މީހުންނަށްދޭ ޕެންޝަން. ދެން އެކަނިވެރި މައިންނަށްދެވޭ ޕެންޝަން. މިހެންގޮސް މިހުރިހާ އިޖްތިމާޢީ ކަންކަމަކަށް ދެވޭ ފައިސާ ދެވުނީމާ، އޭރުން އަޅުގަނޑުމެންނަށް ރާއްޖޭގެ އެއްލައްކަ މީހުންގެ އާމްދަނީ ނުވަތަ ފުއްދުންތެރިކަން އެގެނެސްދެވުނީ، ދެން ތިބި އަނެއް އެއްލައްކަ މީހުންނާ ގާތްގަނޑަކަށް އެއްހަމައަށް. މިޚަރަދު ކުރުމަށް އަޅުގަނޑުމެން ފައިސާ މިހޯދަނީ އެންމެ ތަނަވަސް އެއްލައްކަ މީހުންގެ އަތުން. ޙަޤީޤަތުގައި އެންމެ ތަނަވަސް ވިއްސަކަށްހާސް މީހުން.

މިމަގަށް މިކަން ގޮސްގެނެއް އަދި ދެމެހެއްޓެނިވި ގޮތުގައި އަޅުގަނޑުމެންނަކަށެއް މިކަމެއް ނުކުރެވޭނެ. އެންމެ ތަނަވަސް މީހުންގެ ޢަދަދަކީ ވިހިހާހަށްވުރެ މާބޮޑުތަކުން އިތުރުވާންޖެހޭ. އެހެންވީމާ، އެކަމަށްޓަކައި ބޭނުންވާ ވިޔަފާރީގެ ފުރްޞަތުތައް، އެ ވިހިހާސް މީހުންނަށް ފަހިކޮށްދިނުމަކީވެސް ކޮންމެހެން ބޭނުންތެރި ކަމެއް. އެމީހުންނަށް ބިމުގެ މިލްކުވެރިކަން އޮންނަންޖެހޭނެ. ގަނެ ވިއްކޭން ޖެހޭނެ. ވިޔަފާރި އެއީ ފައިދާ ގޮތުގައި، ސާފު ގޮތުގައި ކުރެވޭ ކަމެއްގެ ގޮތުގައި މަގުފަހިވެފައި އޮންނަންޖެހޭނެ. ޓޫރިޒަމްގެ ވިޔަފާރިވެސް، މަސްވެރިކަންވެސް އަދި އެނޫން ވިޔަފާރިތައްވެސް ރިވެތި ގޮތުގައި ކުރެވޭނެ ގޮތަށް ވިޔަފާރިވެރިންނަށް މަގުފަހިވެފައި އޮންނަން އެބަޖެހޭ. އެ ވިޔަފާރިވެރިންގެ މަސައްކަތުން، އެމީހުންގެ ފައިސާއިން އަޅުގަނޑުމެންނަށް އިޖްތިމާޢީ ރައްކާތެރިކަން، ޢާންމު ރައްޔިތުންނަށް މިފޯރުކޮށްދެވެނީ.

އެހެންވީމާ، އަޅުގަނޑު މިދެކެނީ، އަޅުގަނޑުމެންނަށް މުޅި މަންޒަރު ފެނުމަށް އަދިވެސް ހިނދުކޮޅެއް، ދުވަސްކޮޅެއް ނަގައިދާނެ. އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަށް މަންޒަރު ކޮންމެވެސްވަރަކަށް ފެންނާނެކަންނޭނގެ. އަޅުގަނޑުގެ ނަޒަރުގައި ފެންނާނެ. އަނެއްބަޔަކަށް އިރާދަކުރެއްވިއްޔާ ފެންނަމުންދާނެ. އަޅުގަނޑަށް ހަމަގައިމުވެސް ޔަޤީން. އަޅުގަނޑަށް ފެނޭ. އަޅުގަނޑަށް އެނގޭ، އަޅުގަނޑު ދެނެއެބަހުރިން، އަޅުގަނޑު ކުރަމުން މިގެންދަނީ ކޮންކަމެއްކަން. ނޭނގޭ އެއްވެސް ކަމެއް، ކުޑަމިންވަރަކަށްވެސް އަޅުގަނޑު ނުކުރަން. ކުރަމުން މިދަނީ، މިކަން ކުރީމާ އަޅުގަނޑުމެންގެ ރާއްޖެ ބަދަލުވާނެކަމާއި، އަދި ތަރައްޤީވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑުމެންނަށް ހުރި ކަންކަން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުގެ އުންމީދަކީ، މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް އަޅުގަނޑުމެންނަށް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم.


______________________