ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު

ހަމަ ޖުމްލަކޮށް، ތިޔަބޭފުޅުން ސަރުކާރާއެކުގައި ޚާއްޞަކޮށް، އަޅުގަނޑުގެ ފަރާތުން އިތުރަށް މަޢުލޫމާތެއް އޮޅުންފިލުވަން ކަމަކާގުޅޭގޮތުން އޮތްނަމަ އަޅުގަނޑަށް ވީ މިންވަރަކުން ތިޔަބޭފުޅުންނަށް އެ މަޢުލޫމާތެއް ފޯރުކޮށްދިނުމަށްޓަކައި.

ޢާންމުކޮށް ނޫސްވެރިން ހަމަ ޕްރެސް ކޮންފަރެންސެއްގެ ގޮތުގައި ބައްލަވައި، އަޅުގަނޑުމެން އޮފީހުގައި ހިންގާ ބާވަތުގެ. އެހެންވީމާ، ޒުހައިރު ކުރިޔަށް ގެންދަވާ!

ޢަބްދުއްލަތީފް: މިއަދު ނޫސް

އަޅުގަނޑު ފުރަތަމަ ކަމަކަށް ފާހަގަކޮށްލާނީ، ހަމަ ތިޔަ ފެށްޓެވި މަޝްރޫޢު. އެއީ، މިރަށުގެ ބަނދަރުގެ މަޝްރޫޢު. މިއީ، އަޅުގަނޑަށްވެސް ހަމަ މިރަށަށް ކޮންމެވެސް ވަރަކަށް އާދެވިފައި އޮތީމާ، އަޅުގަނޑުމެން ހަމަ އިށީނދެލައިގެންތިބި ސަރަހައްދު ގިރަމުންގޮސް ރުއްކޮޅާ އެއްޗެހި ފައިބައިގެން އެދިޔައީ. އެހެންނަމަވެސް، މިއަދު އިރާދަކުރެއްވިއްޔާ އެކަމަށް މަގެއް ފެނިގެން މިދިޔައީ. އެހެންވީމާ، ރާއްޖޭގައި ހަމަ މިފަދަ ހާލުގައި ހުރި ވަރަށްގިނަ ރަށްތަކެއްވެސް އެބަހުރި. އެހެންވީމާ، މަނިކުފާނު މިއަދު ވިދާޅުވެއްޖެ، ވަރަށްގިނަ ހިސާބުތަކަކާއެއްޗެހި ޖައްސަވައިގެން ވަރަށްބުރަ މަސައްކަތުންނޭ، މިއިންކަމެއް ފެށްޓެވެނީ. 23އަހަރުގެ ވަޢުދަކުން، ނޫނީ، ހުވާކުރުމަކުންނެއް މިކަމެއް ނުނިމެއޭ. އެހެންކަމަށްވާނަމަ، ދެންހުރި ރަށްތަކަށް މިކަން ޖުމްލަ ގޮތެއްގައި ވިދާޅުވާނެ ބަސްފުޅެއް އެބައޮތްތޯއޭ، އަޅުގަނޑުމެންނަށް މީގެ ޙައްލެއް ފެނިގެންދާނެ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު

އަޅުގަނޑުމެން މިއުންމީދު މިކުރަނީ މިއަހަރުގެތެރޭގައި 30 އާ 40 އާ ދެމެދު ބަނދަރު ހަދަން ފެށޭނެކަމަށް. ދެން މިރަށުގައި ހުންނައިރުގައި އަޅުގަނޑަށް ހަމަ އަބަދުވެސް ފެންނާނެ މަތިވެރީ އޮތް ހާލު. އެހެންވީމާ، އިރާދަކުރެއްވިއްޔާ ލަސްތަކެއްނުވެ މަތިވެރީ ބަނދަރާ ދިމާލަށް އަޅުގަނޑުމެން ދާނަން. ދެން އަޅުގަނޑަށް މިރަށުގައި ހުންނައިރުގައި ހަމަ އުކުޅަސްވެސް ނުފެނިއެއްނުދާނެ. އެހެންވީމާ، އުކުޅަހަށް ބޭނުންވާ މިބާވަތުގެ ތަރައްޤިގެ ކަންތައްވެސް ހިނގަމުންދާނެ. ޚާއްޞަކޮށް މަތިވެރީގެ ބަނދަރުގެ މަސައްކަތް އިރާދަކުރެއްވިއްޔާ ވަރަށްއަވަހަށް ހަމަޖެހިގެން ދާނެކަމަށް އަޅުގަނޑު އެބަ އުންމީދުކުރަން.

ދެން އެބަހުރި އިނގޭތޯ، ދިއްފުށިވެސް ހަމަ ހާލުގައި އޮތީ. ގޮއިދޫވެސް ހާލުގައިއޮތި. ކާށިދޫވެސްއޮތީ ހާލުގައި. މިހެންގޮސް ބަނދަރަށް ބޭނުންވެފައިހުރި ރަށްރަށުގެ ލިސްޓެއް އަޅުގަނޑުމެންނަށް، އަޅުގަނޑަށް މިތަނުން ކިޔާލާއިރުގައި އެބައަރާ އަދިވެސް ފަސްދޮޅަހުން މައްޗަށް. އެހެންވީމާ، އޭގެތެރެއިން ގިނަ ރަށްރަށުގެ ބަނދަރު އިރާދަކުރެއްވިއްޔާ މިއަހަރު ހަދަން ފެށޭނެ. ދެން މިރަށުގައި އަދި ހަމަ މިއާ އެކީގައި އެބައޮތް އިތުރު މަސައްކަތެއް، އަޅުގަނޑުމެންނަށް ކުރަންޖެހިފައިއޮތް. އެއީ، ގިރާ ސަރަހައްދު މިތަނުގައި ހިމާޔަތްކުރުން. ހަމަ އެއާއެކީގައި މިރަށުގައި ވަރަށްމުހިންމު ކަމެއް، އެއީ ކުނި ނައްތާލުމުގެ ގޮތެއް މިރަށުގައި ހޯދުން، ސަލާމަތްކަމާއެކީގައި. އައްޑުއަތޮޅުގައި އެބައޮތް 2 ރެޒޯޓު. އެއި އަޅުގަނޑުމެން މި ކައި ބޮއި އުޅޭގޮތަކީ. އެ ވިޔަފާރީގައި ރެޒޯޓުފަހަރަށް އުނދަގޫ އަދި ނޭދޭ ކަހަލަ ކަންކަން ނުހިނގާނެ ގޮތަކަށް ބަލައިގެން އަޅުގަނޑުމެންގެ މަޝްރޫޢުތައް ކުރިޔަށްގެންދަން ޖެހޭނީ. ޚާއްޞަކޮށް މިތަން ކޮންނަ ވަގުތުގައި ކިލަނބުވެގެން، ޖެހިގެންއޮތް ފަރު ހަލާކުވެއްޖިއްޔާ އެވެސް ވަރަށްބޮޑު ބަގީޗާއެއް، ހަމަނެތިދިޔައީ. އެހެންވީމާ، އެކަމަށްވެސް އަޅުގަނޑުމެން ވަރަށްބޮޑަށް ވިސްނަންޖެހޭނެ، ބަލަންޖެހޭނެ.

ޢަބްދުއްލަޠީފް: މިއަދު ނޫސް

އަޅުގަނޑުގެ ދެވަނަ ސުވާލު އަމާޒުކޮށްލާނީ، ރޭގައި މަނިކުފާނު ދެއްކެވި ވާހަކަފުޅާ. ހަމަ ތަރައްޤީގެ މަޝްރޫޢުވެސް އެއާގުޅުން އެބހުރި. މަނިކުފާނު ރޭގައި ވިދާޅުވެއްޖެ، މަނިކުފާނު ހީފުޅެއް ނުކުރައްވަމޭ، އިދިކޮޅު ޕާޓީތަކުން ކުރާނެ ހަމައެކަނި މަސައްކަތަކީ ސަރުކާރަށް ދަތިކުރުން ކަމަކަށް. ތަރައްޤީގެ މަޝްރޫޢުތައް ލަސްވެއްޖެކަމަށް ޤަބޫލުކުރައްވަމޭ، މިކަމުގެ ސަބަބަކީވެސް އެއޭ. އެހެންކަމަށްވާއިރު، އަދި މަނިކުފާނުގެ ނައިބަކަށް ހުންނެވި ބޭފުޅަކުވެސް އަބަދު ސަރުކާރަށް ފާޑު ވިދާޅުވަމުންދާއިރުގައި މަނިކުފާނު ރާއްވަވާފައި ތިޔަވާ ތަރައްޤީގެ މަޝްރޫޢުތައް ކުޑަކޮށް ލަސްވަމުން ނަމަވެސް ކޮންމެވެސް ހާލެއްގައި މިފަސްއަހަރުތެރޭގައި ރައްޔިތުންނާހަމައަށް ފޯރުކޮށްދެއްވޭނެކަމުގެ ކޮންކަހަލަ އުންމީދުތަކެއް ކުރައްވަންތޯ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އަޅުގަނޑަށް ހަމަ ޔަގީން. ވަރަށްބޮޑަށް އަޅުގަނޑަށް ޔަގީން. އެއީ، އަޅުގަނޑުމެން ފުރަތަމައިނުންވެސް މަޝްރޫޢެއް ރާވާއިރުގައިވެސް ނުކުމެދާނެ ހުރިހާ ދައްޗަކާ ހުރަހެއް އެބަ ވިސްނައިގަންނަންޖެހޭ. އޭގެތެރޭގައި ކޮންމެވެސް ދޭދޭ މީހެއްގެ ކައިވެނި ރޫޅިގެންވެސް ޕްރޮޖެކްޓަކަށް ގެއްލުންވެދާނެ. އަދި ހަމައެއާއެކީގައި ސިޔާސީގޮތުން އުފައްދާފައި އޮންނަ އިއްތިހާދެއް ރޫޅޭ ބޮނޑީގައިވެސް ޕްރޮޖެކްޓްތަކަށް ލޮޅުމެއް އައިސްދާނެ. އަދި ރައްޔިތުންގެ މަޖިލީހުގައި އެހެން ދެޕާޓީއެއްގެ ދެމެދުގައި އުފެދިފައި އޮންނަ އިއްތިހާދަކަށް ބަދަލުއަންނައިރުގައިވެސް އަޅުގަނޑުމެންނަށް މީގައި އަސަރުތަކެއް ކޮށްފާނެ. އަޅުގަނޑު މިހާރު އެންމެބޮޑަށް މަސައްކަތް ކުރަމުން މިގެންދަނީ މަޖިލިހުން އޮމާންކަމާއެކީގައި މަސައްކަތް ހިންގޭނެ ބާވަތުގެ އިއްތިހާދެއް ސަރުކާރު ހިންގާ ޕާޓީގެފަރާތުން ވޭތޯ. އަޅުގަނޑުގެ ޕާޓީގައި، އެމް.ޑީ.ޕީ ގައި އެދެމުން އަޅުގަނޑު މިދަނީ. ސަރުކާރަށް ހޯއްދަވާދެއްވާށޭ، ބައިވެރިންކޮޅެއް އެބައިވެރިންގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގައި ފަސޭހައިން ސަރުކާރަށް މަސައްކަތް ކުރެވޭނެ ބާވަތުގެ. އެހެންވީމާ، އަޅުގަނޑު ވަރަށް އުފާވޭ، އަޅުގަނޑުމެންގެ ޕާޓީގެ މެންބަރުން ނުހަނު ބުރަ މަސައްކަތް ކުރަމުން އެބަގެންދޭ. އިރާދަކުރެއްވިއްޔާ މިއަންނަ ދައުރު ފެށޭއިރުގައި އަޅުގަނޑުމެންނަށް ތިބެވޭނީ މަޖިލީހުން މާފަސޭއިން ކަންކަން ކުރެވޭގޮތަށް. އެހެންވީމާ، އަޅުގަނޑުމެންނަށް އެތައްތަނެއް ފަސޭހަވެގެންދާނެ.

ދެން އަޅުގަނޑު ދެންނެވިއަސް، ދަންނަވަންތޯ އިދިކޮޅު ޕާޓީތަކަކީ ވަރަށް މުހިންމު ބައެއް. އަދި ވަރަށް ބޭނުންތެރި ބައެއް. އަދި އެބޭފުޅުން ކުރައްވަމުން ގެންދަވަނީވެސް ވަރަށް މުހިންމު މަސައްކަތްތަކެއް. އަޅުގަނޑުގެ ނަޒަރުގައި އިދިކޮޅު ޕާޓީތަކުން ފާޑުކިއަމުން ދިއުމާ، އިންކާރު ކުރަމުންދިއުން އެއީ، ތަރއްޤީގެ މަސައްކަތެއް. އަޅުގަނޑުމެންނަށް ރަނގަޅަށް ކަމެއް ކުރެވޭނީ، އެ ހުރިހާކަމަކުން އަރައިގަނެގެން ދެވިގޮސް ކަމެއް ކުރެވުނީމާ. އެހެންވީމާ، ހަމަ އަޅުގަނޑުމެން އެކަނި ތިބެ އަތްގަދަކޮށްގެން އެހެންބަޔަކު ދައްކާވާހަކައެއް އަޅުގަނޑުމެން އަޑުނާހާ މަސައްކަތްތައް ކުރަމުން ގެންދިއުން އެއީކީއެއް އަޅުގަނޑުގެ ނަޒަރުގައި ބުއްދިވެރި ކަމެއްނޫން. އެހެންވީމާ، އަޅުގަނޑު ވަރަށް އުފާވޭ، އަޅުގަނޑު ވަރަށް މަރްޙަބާ ދަންނަވަން. ޚާއްޞަކޮށް، މިރަށުގެވެސް ޑީ.އާރު.ޕީ ގެ އެންމެ މެންބަރުންނަށް.

ޢަބްދުﷲ ޖަމީލް : ހަވީރު ނޫސް

މަނިކުފާނު 2008 ނޮވެމްބަރު 11 ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވީ، ތިޔަބޭފުޅުންގެ އިއްތިހާދެއް ހިމެނިގެން. އޭގެތެރޭގައި ޖުމްހޫރީ ޕާޓީއާ، ޑޮކްޓަރ ޙަސަން ސަޢީދާ، އަދިވެސް އެހެން އިތުރު ޕާޓީތަކެއް ގުޅިގެން ވެރިކަމަށް ވަޑައިގެންނެވީ. އެހެންނަމަވެސް، އަޅުގަނޑުމެންނަށް ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ފެނިގެންދިޔައީ، އިއްތިހާދުގައި ހިމެނުނު ބައެއް ބޭފުޅުން މަނިކުފާނުގެ ސަރުކާރަށް ފާޑުވިދާޅުވެ، ސަރުކާރާ އެއްކައިރިވީތަން. ދެން އެންމެފަހުން ހުންނެވި ނައިބުރައީސްވެސް ވަނީ މަނިކުފާނުގެ ސަރުކާރަށް ފާޑުވިދާޅުވެ، އަދި މަނިކުފާނުގެ ސިޔާސަތުތަކާ ދޭތެރޭގައި ހިތްހަމަނުޖެހުން ފާޅުކޮށްފައި. އެހެންނަމަވެސް، އަޅުގަނޑުމެންނަށް ފެންނަނީ މަނިކުފާނު އެކަންތައްތަކާ ހަނުހުންނަވާތަން. ކީއްވެގެންތޯ، އެކަމާމެދު މަނިކުފާނު އެއްވެސް ޖަވާބެއް ނުދެއްވާ ތިޔަ ހުންނަވަނީ؟ އެކަންތައްތަކާ ދޭތެރޭގައި ރުހިވަޑައިގަންނަވަނީތޯ؟ ނޫނީވިއްޔާ އެއްބަސްވެވަޑައިގަންނަވަނީތޯއޭ، ނައިބުރައީސް އެދައްކަވާ ވާހަކަފުޅުތަކަށް؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު

އަޅުގަނޑުމެން އިންސާނީ ޠަބީޢަތުގައި ޢާންމުކޮށް މީހަކަށް އެއްޗެއް މި ބުނެވެނީ ކަންބޮޑުވާ ކަންކަމުގައި.

މުޙަންމަދު އަފްޒަލް: ދިވެހިރާއްޖޭގެ އަޑު

ޖަމީލުގެ ސުވާލާވެސް ގުޅުވާލައިގެން. ދާދިފަހުން އެމް.ޑީ.ޕީގެ ބައެއް ބައްދަލުވުންތަކުގައި ހުޅު ހެންވޭރު ދާއިރާއަށް ނިސްބަތްވެވަޑައިގަންނަވާ މޫސަވެސް ވިދާޅުވެފައިވަނީ، ރައީސް ނަޝީދަށް ސަރުކާރު ހިންގެވޭނީ، އެމް.ޑީ.ޕީ ގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް މޫސަ އަދި އެމް.ޑީ.ޕީ ގެ ޗެއަރޕާރސަން މާރިޔާ ވިދާޅުވާ ގޮތަށޭ. އެހެންވީމާ، މިހެންވިދާޅުވެ، ބައެއްފަހަރަށް ވާހަކަފުޅުދައްކަވާފައި އެބަހުރި. އަދި ކެބިނެޓަށް ބަދަލުގެންނަވަންވެސް ތަކުރާރުކޮށް ގޮވާލާފައި އެބަހުރި. ކިހިނެއްތޯ، މިބޭފުޅުންގެ ވާހަކަތަކާގުޅިގެން މަނިކުފާނުގެ ވިސްނުންފުޅު އެބަހުރިތޯ މޫސަގެ މިވާހަކައާ ގުޅިގެން ކެބިނެޓަށް އެއްވެސް ކަހަލަ ބަދަލުތަކެއް ކައިރި މުސްތަޤްބަލެއްގައި ގެންނަވަން؟

ރައިސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު

މިހާރު އަޅުގަނޑުމެން ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމެއްގެ ތެރޭގައި މިތިބެނީ. އެފަދަ ނިޒާމެއްގައި އަޅުގަނޑަކީ ސިޔާސީ ޕާޓީއެއްގެ ރިޔާސީ ކެންޑިޑޭޓު. އަޅުގަނޑު ގާތުގައި، އަޅުގަނޑު ބައިވެރިވި ސިޔާސީ ޕާޓީން ސިޔާސަތެއް އެކުލަވާލާފައި އަދި އިއްތިހާދެއްވެސް އެކުލަވާލާފައި އަޅުގަނޑު ގާތުގައި އެޕާޓީން ބުނީ، މިއާ އެއްގޮތަށް ވެރިކަން ހިންގާށޭ. ދެން ހަމަ ޕާޓީން ނިންމަވާފައި އެޕާޓީގެ ގުނަންތަކުން ނިންމާ އުސޫލުތަކުން ނިންމަވާފައި މިހާރުދެން ކަން ގެންދާންވީ މިވެނިގޮތަކަށޭ އެގޮތް ގޯހޭ، އެގޮތަކުން ޕާޓީއަށް ފެންނަ ފެނުމުގައި ކާމިޔާބުތަކެއް ނުހޯދުނޭ، އެހެންގޮތަކަށް ކަންތައް ގެންދާށޭ، އެހެން ޕާޓީން ބުނީމާ، ޤާނޫނު ތަންދޭ އެންމެފުޅާ މިނެއްގައި އެގޮތަށް ކަންތައް ކުރުމަށް އަޅުގަނޑު ބަލާނަން. އަޅުގަނޑު ދަންނަވަންއޮތް ވާހަކައަކީ، އަދި އަޅުގަނޑު ކަންބޮޑުވާ ވަރަކަށް ހާސްވާ މިންވަރަކަށް މިރާއްޖޭގެ ސިޔާސީކަންކަން ހަމައިން ނެއްޓިގެނެއް ނުދޭ، އިނގޭތޯ.

ޢަބްދުﷲޖަމީލް: މިއަދު ނޫސް

މަނިކުފާނު ގަބޫލުފުޅު ކުރައްވަންތޯ، މިހާރު މިއޮތީ އިއްތިހާދުގެ ވެރިކަމެއް ނޫންކަމަށް؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު

މިރާއްޖޭގެ ޤާނޫނުއަސާސީ ވަރަށްސާފުކޮށް ބަޔާންކުރަނީ، މިހާރު މިރާއްޖޭގައި މިއޮތީ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް މުޙަންމަދު ނަޝީދުގެ ވެރިކަމެއް ކަމަށް.

މުޙަންމަދު ޤާސިމް: ޓީ.ވީ.އެމް

އަޅުގަނޑު ކުރަން ގަސްތުކުރި ބައެއް ސުވާލަށް ޖަވާބު ލިބިއްޖެ. އެހެންނަމަވެސް، މިފުރްޞަތުގައި އަޅުގަނޑު ސުވާލުކޮށްލާ ހިތްވޭ، ދާދި ކުޑަދުވަސްކޮޅެއްގެ ތެރޭގައި މަނިކުފާނު ބައިނަލްއަޤްވާމީ މަސްރަޙުގައި ރާއްޖެ ތަމްސީލުކުރައްވައި، ރާއްޖެއަށް ވަރަށް ރީތި ފަޚުރާ ޚާއްޞަ ވަނަތައް މިދެންނެވީ، ޗެމްޕިއަން އޮފް ދި އާރތް އެވޯޑުވެސްވަނީ ހާސިލް ކުރައްވާފައި. އެހެންނަމަވެސް، އިދިކޮޅު ބައެއްފަރާތްތަކުން ބުނަމުންދަނީ ބައިނަލްއަޤްވާމީ މަސްރަޙުގައި މަނިކުފާނު ކުރިއަރާދާ މިންވަރު ދަށްކޮށް، މަނިކުފާނުގެ އަގުވައްޓާލުމަށް މަސައްކަތްކުރާނެ ކަމަށް. ދެން މިކަމާބެހޭގޮތުން މަނިކުފާނު ކީކޭތޯ ވިދާޅުވަނީ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު

ރަނގަޅު ދެން މަސައްކަތް ކުރައްވާ! ވެއްޓުނިއްޔާ އެނގޭނެ ދޮގެއްތޯ، ނުކުންނަ ނަތީޖާއިން. އަޅުގަނޑުމެން ކުރަމުން އަންނަ މަސައްކަތްތަކަށް ހުރަސް އެޅުމަށް އެކިއެކި ދުވަސްވަރު އެކިއެކި ބޭފުޅުން އެކި ގޮތްގޮތަށް މަސައްކަތްކުރައްވާފައި އެބަހުރި. ދެން ތަޤްދީރު މިދިމާކުރަނީ އެހެންގޮތަކަށް. އަޅުގަނޑުމެންނަށް ކަންތައްތައް ވަމުންދާނީ އެއިރެއްގައި އިރާދަކުރައްވާ ގޮތަކަށް. އެހެންވީމާ، އިރާދަކުރެއްވިއްޔާ އަޅުގަނޑަށް، އަޅުގަނޑުމެންގެ ރާއްޖޭގެ ރައްޔިތުންގެ ތަރައްޤީއަށާއި، އަޅުގަނޑުމެންގެ ރާއްޖޭގެ ރައްޔިތުންގެ ކުރިއެރުމަށް މަސައްކަތް ކުރުމުގެ ފުރްޞަތު އޮންނާނެ. އެހެންވީމާ، އެމަސައްކަތް އަޅުގަނޑު ކުރަމުންގެންދާނަން.

އަބްދުއްލަޠީފް: މިއަދު ނޫސް

އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ޗެމްޕިއަން އެވޯޑުގެ ވާހަކަ ދެކެވުނީމާ. މަނިކުފާނަށް ޗެމްޕިއަން އެވޯޑު ލިބިވަޑައިގެންނެވިތާ 24 ގަޑިއިރެއްހާ އިރުގެ ތެރޭގައި ދުނިޔޭގައި އޮތް އެންމެބޮޑު އެއްބާރު އީރާނުން ވާދަކުރަމުންދިޔަ، އ.ދ. ގެ އިންސާނީ ޙައްޤުތަކާބެހޭ ގޮޑި އެމީހުން ހޯހޯ ތިމަންނަމެން ބޭނުމެއްނޫނޭ ގޮވާލައިފި. ދެން އަޅުގަނޑުމެންނަށް އެބަ ގަބޫލުކުރެވޭ، އެއީ، އެމީހުން އެގޮނޑިއަށް ވާދަކޮށްގެން، އަޅުގަނޑުމެންފަދަ މި ކުޑަކުޑަ ރާއްޖޭގެ ހަމަ ކުޑަކުޑަ ރައީސްގެ ބައިނަލް އަޤްވާމީގޮތުން ލިބިފައިއޮތް މަޤްބޫލުކަމާ ވާދަނުކުރެވޭނެކަމަށް، އެމީހުން އަމިއްލައަށް ގަބޫލު ކޮށްގެންކަން. ދެން މިކަން މަނިކުފާނު ދެކެވަޑައިގަންނަވާގޮތަކާ، ދެންމެ މަނިކުފާނު ވިދާޅުވެއްޖެ، މަޖިލިސް ދެން ފެށޭއިރުގައި އެމް.ޑީ.ޕީގެ ތަންކޮޅެއް ބާރުގަދަވާކަހަލަ ކޯލިޝަނެއް މަޖިލިސް ތެރޭގައި ހެދޭކަހަލަ ވާހަކަތަކެއް، އިޝާރަތެއް ކުރައްވައިފި. އެހެންވީމާ، އެއީ، ޕީ.އޭ. އާ ގުޅުންކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވިދާނެތޯއޭ؟

ރައިސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު

ދެން އަޅުގަނޑު މިދަނީ ވާހަކަދައްކަމުން. ރައްޔިތުން މަޖިލީހުގެ މެންބަރުންގެ ތެރެއިން، އަޅުގަނޑުމެންގެ މަޝްރޫޢުތަކުގައި އެކުގައި މަސައްކަތް ކުރައްވަން ބޭނުންވެލައްވާ މެންބަރުންކޮޅެއް ތިއްބެވިއްޔާ އެބޭފުޅުންނާ ގުޅިގެން އަޅުގަނޑުމެން މަސައްކަތް ކުރަން ތައްޔާރަށް މިތިބީ. އެމަސައްކަތް އެއީ އަޅުގަނޑުގެންދާ މަސައްކަތެއްނޫން. އެއީ ޕާޓީން ކުރާ މަސައްކަތެއް. އެހެންވީމާ، ޕާޓީން އެމަސައްކަތްކޮށް ނިމިގެން. އެއީ، އަޅުގަނޑުގާތުގައި މިވެނި ބައެކޭ. މިޔޭ އެމީހުން އެދޭ ކަންކަމަކީ މިގޮތަށޭ ސިޔާސަތުތައް މި ހުންނާންވާނީ. އެހެންވީމާ، އަޅުގަނޑުމެންގެ މައިގަނޑު ސިޔާސަތުތަކާ ރާއްޖޭގެ ޤާނޫނުތަކާ ޚިލާފު ނުވާހާ ހިނދަކު އަޅުގަނޑު މިހިރީ ހަމަ ކޮންމެބަޔަކާ އެކީގައިވެސް މަސައްކަތްކުރަން ތައްޔާރަށް.

ދެން އީރާންގެ ނަން އެސަރުކާރުން، އެޤައުމުން އަނބުރާ ގެންދެވުމުގެ އިތުރުން، އަދި އަޅުގަނޑުމެންނަށް އެއް މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއްވެސް މިއަދު އިރާން ސަރުކާރުން ދެއްވި.

މިސްބާޙު ޢައްބާސް : ދި ޓީވީ

އަޅުގަނޑު ސުވާލު ޖަމީލުގެ ސުވާލާ ގުޅުވާލާނަން. ވިދާޅުވެ ދެއްވަފާނުތޯ، ތަންކޮޅެއް ތަފްސީލުކޮށް، މަނިކުފަނު ގަބޫލުފުޅު ކުރައްވަންތޯ މިހާރު މިއޮތީ އިއްތިހާދުގެ ސަރުކާރެއްކަމަށް؟ އެއީ، އަޅުގަނޑުމެންނަށް ފެނިގެން ހިނގައްޖެ، މަނިކުފާނުގެ ސަރުކާރެއް އައިއިރު މަނިކުފާނާ އެއްކޮށް އިއްތިހާދުވެގެންތިބި ވަރަށްގިނަ ބޭފުޅުން މަނިކުފާނުގެ ސަރުކާރަށް ފާޑުވިދާޅުވެ މިހާރު ދުރަށްވަޑައިގަންނަވައި ތިބި މަންޒަރު.

ރައީސުލްޖުމްހޫރިޔާ މުޙަންމަދު ނަޝީދު

ދެން ހަމަ އޭގެ އެއްފިޔަވަޅު ފަހަތަށް ޖެހިވަޑައިގެން ބައްލަވައިލައްވައިފިއްޔާ އެބޭފުޅުން އޭރު ތިއްބެވިތަނެއްވެސް ވިސްނަވާލައްވާ. މިއަދު ތިޔަވިދާޅުވަނީ، އެބޭފުޅުން އޭގެ ކުރީދުވަހު އަޅުގަނޑުމެންނާ އެކީތިބި ބައެއް މިއަދު އަޅުގަނޑުމެންނާ އެއްކަކު ނެތޭ. އޭގެ ކުރީދުވަހުގެ ކުރީދުވަހު އެބޭފުޅުން ތިއްބެވިތަނަށް ވިސްނަވާލައްވާ. އޭރަށްއަދި ތަންކޮޅެއް ބޮޑަށް މަންޒަރު ސާފުވޭ.
ޙަސަން ޙުސައިން: ދި އެފްއެމް

މިދިޔަ އަހަރުގެ ކުރީކޮޅުގައި އަޅުގަނޑަށް ވަރަށްބޮޑަށް ފާހަގަކުރެވިގެންދިޔަ، މަނިކުފާނުވަޑައިގަންނަވާ ވަރަށް ގިނަ ރަށްރަށުގައި ފުލެޓުއެޅުއްވުމާ، ނަރުދަމާގެ ނިޒާމާ، މިނޫންވެސް ވަރަށްގިނަ ޕްރޮޖެކްޓްތައް ފަށްޓަވާނެކަމަށް. އެހެންނަމަވެސް، މިއަދާހަމައަށް އަޅުގަނޑުމެންނަކަށް ފެނިފައެއްނެތް، އެއްވެސް ތަނެއްގައި ބިންގަލެއް އެޅުނުތަނެއް. އަދި އެހެންވެސް މަސައްކަތެއް ފެށިގެން ދިޔަ، މިނޫން މަސައްކަތެއް ފިޔަވައި. އެހެންވީމާ، ގަބޫލުފުޅު ކުރައްވަންތޯ، މިއޮތް 5 އަހަރުދުވަހުގެ ތެރޭގައި މަނިކުފާނު ވެވަޑައިގެންނެވި ވަޢުދުތައް ފުރިހަމަ ކުރެވިދާނެކަމަށް. އަދި ނުކުރެވިއްޖެއްޔާ، ކުރިޔަށްއޮތް ދައުރުގައި ކުރިމަތި ލައްވާނަންތޯ؟

ރައިސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޟީދު

ތިޔަ ސުވާލު އަޅުގަނޑަށް ވިސްނިއްޖެއޭ. އަޅުގަނޑުމެން ކުރަމުން މިގެންދާ މަސައްކަތްތައް މިގެންދަނީ ކުރަމުން އިނގޭތޯ. ދެން އިތުރު ދައުރަކަށް ކުރިމަތިލުން ބިނާވެފައި އޮންނާނީ، މިހާރު އަދިވެސް ތިމަންނާގެ މަސައްކަތެއް ނުނިމެއޭ ތިމަންނާގެ މަސައްކަތެއް ނުނިމެއޭ، އެހެން 30 އަހަރާ ހަމައަށްދާން އަޅުގަނޑުވެސް ވިސްނަން ފަށައިފިއްޔާ އަޅުގަނޑަށް ފެންނަ ފެނުމުގައި އެއީ ބުއްދިވެރި ކަމެއް ނޫން.

ޙަސަން ޙުސައިން: ދި އެފްއެމް

މާނައަކީ ކުރިމަތި ނުލައްވާނެއޭތޯ؟

ރައިސުލްޖުމްހޫރިއްޔާ މުޙަންމދު ނަޝީދު

އަޅުގަނޑުގެ ތިޔަ ބާވަތުގެ އެއްވެސް ވާހަކައެއް އެކަމާގުޅޭގޮތަކުންނެއްނޫން، ތިބޭފުޅާ ސުވާލު ކުރެއްވީކީވެސް. އާދެ، އަޅުގަނޑު މިބަލަނީ ހަމަ ސުވާލަށް. އަޅުގަނޑުމެން ވެފައިހުރި ވަޢުދުތައް ފުއްދޭނެކަމުގެ ވަރަށްބޮޑު ޔަޤީންކަން އަޅުގަނޑަށް އެބައޮތް. އަދި އަޅުގަނޑުމެން ވަޢުދު ފުއްދުމަށް ކަނޑައަޅާފައިހުރި ވަގުތުތައް ފަހަނަޅައި ދިޔައްޔަކީއެއްނޫން. އެއްވެސް އިރެއްގައެއް އަޅުގަނޑުމެންނެއް ނުބުނަން، އަޅުގަނޑުމެން ސަރުކާރު ހިންގުމާ ހަވާލުވާދުވަހުނޫން އަނެއްދުވަހު މިވެނި އެވެނި ކަމެއް ކޮށް ނިންމާނަމޭ. އަޅުގަނޑުމެން ބުނީ 5 އަހަރުގެ މުއްދަތެއްގެ ތެރޭގައި ކުރަންހުރި ކަންތައްތަކެއްގެ ވާހަކަ. އަޅުގަނޑަށް ވަރަށްބޮޑު ޔަގީންކަމެއް އެބައޮތް. އެ 5 އަހަރު ދުވަހުގެތެރޭގައި އަޅުގަނޑުމެންގެ ވެފައިމިއޮތް ވަޢުދު އަޅުގަނޑުމެންނަށް ފުއްދޭނެކަމަށް. އަޅުގަނޑުމެން ވެފައިއޮތް އެންމެބޮޑު ވަޢުދަކީ، ރާއްޖޭގައި ގިނަ ޕާޓީ އެކުލެވޭ ޑިމޮކްރެޓިކް ނިޒާމެއްގެ ބިންގާ ހަރުދަނާކުރުން. އެއީ އަޅުގަނޑުމެންގެ އެންމެބޮޑު ވަޢުދަކީ. ތަރައްޤީ މިލިބެނީ އެފަދަ ނިޒާމެއް ހަލުވިކަމާއެކީގައި ހިނގަންފެށީމާ. އެހެންވީމާ، އަދި ކިތަންމެ ބައިވަރު ރުފިޔާއެއް އަޅުގަނޑުމެންގެ އަތުގައި ހުއްޓަސް، ހޯދުނަސް، އަދި ކިތަންމެ ހެޔޮއެދޭ ރައްޔިތަކު ތިއްބަސް މި ވެރިކަމުގެ ފުރިހަމަ ނިޒާމެއް މި ރާއްޖޭގައި އަށަނުގެންނެވެންޏާ، އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެންގެ އެންމެބޮޑު ވަޢުދު އެއިއްޔޭ. އެކަން އަޅުގަނޑުމެން ކުރަންޖެހެއޭ. އަޅުގަނޑު މިދެކެނީ، އެކަން ކުރުމުގެ ތެރޭގައި އެބަހިމެނެޔޭ ވެރިކަމަށް ގެންނަންޖެހޭ ހުރިހާ މަންޒަރުތަކެއް ވެރިކަމުގެ ތެރެއިން ފެނި ދިއުން. އެހެންވީމާ، އިރާދަކުރައްވައިގެން މިހާރު އަޅުގަނޑުމެންނަށް އެކަންކަން އެބަ ފެނެއޭ.

ދެން އެކަންކަމާ ގުޅިގެން ވެރިކަމުގައިތިބި ފަރާތްތަކުން ޢަމަލުކުރާ ގޮތެއްގެ ސަބަބުން ޑިމޮކްރަސީއަކަށް ޤައުމެއް ފުރޮޅިގެންދަނީހަމަ. އަޅުގަނޑު ވަރަށްބޮޑަށް ވިސްނައިގެން އަޅުގަނޑު ވަރަށްބޮޑަށް މިކަމުގައި ބަލައިގެން އަޅުގަނޑަށް އެނގޭ މިންވަރަކަށް މިކަންކުރަމުން އަޅުގަނޑު މިދަނީ. ދެން އަޅުގަނޑު ނުދެކެން، އަޅުގަނޑުމެންނަށް މިކަން ހަމައިން، ފާލުން ނައްޓާލައި ދާމަގެއްގައި ދެވޭކަމަކަށް.

މުޙަންމަދު އަފްޒަލް: ދިވެހިރާއްޖޭގެ އަޑު

އަޅުގަނޑު ސުވާލު، ހަމަ ޖަމީލުގެ ސުވާލަށް ކޮންމެވެސްވަރަކަށް ގުޅޭނެ. މަނިކުފާނު ހަމަ ވެރިކަމާ ހަވާލުވެ ވަޑައިގެން ރަށްރަށަށް ވަޑައިގެން ބައެއްކަންތައްތައް ކޮށްދެއްވާނެކަމަށް ވިދާޅުވި ބައެއް ތާރިޚުތައް ފާއިތުވެ ގޮސްފައިވާކަން އަޅުގަނޑު ފާހަގަކޮށްލަން. ދެން ކުއްލިއަކަށް އަޅުގަނޑުމެންނަށް މިފެށިގެންމިދަނި ބައެއް ރަސްމީ މަސައްކަތްތައް. ފެށިގެންދާއިރު ކުރިމަތީގައި މިއޮތީ ރަށު ކައުންސިލްތަކާ، އަތޮޅު ކައުންސިލްތަކުގެ އިންތިޚާބުތައް. އިދިކޮޅުފަރާތްތަކުން ތުހުމަތު ކުރައްވައި މިއީ، މަނިކުފާނު މިއިންތިޚާބަށް އަދި ޚާއްޞަކޮށް މަނިކުފާނު ދެންމެ ވިދާޅުވި ބައެއްރަށްރަށަކީ އަޅުގަނޑު ފާހަގަކޮށްލަން ކުރިން ނިމިގެންދިޔަ ރައްޔިތުން މަޖީލީހުގެ އިންތިޚާބުގައިވެސް އިދިކޮޅު ޑީ.އާރު.ޕީ. އަށް ގިނަ ވޯޓުތަކެއް ލިބިގެންދިޔަ ރަށްރަށް. މަނިކުފާނު ދެންމެ ފާހަގަ ކުރައްވައިފި. ކުރިޔަށް އޮތް ބަނދަރުގެ މަޝްރޫޢުތައް ފަށާ ވާހަކަ ވިދާޅުވެދެއްވި. ކިހިނެއްތޯ، އިދިކޮޅުފަރާތްތަކުން އެވިދާޅުވާގޮތަށް، ކުރިޔަށްއޮތް އިންތިޚާބަށް ކެމްޕޭނުގެ މަސައްކަތްތޯ ފެށިގެން މިދަނީ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު

ދެން ރައްޔިތުންކައިރިގައި އަހަންވީނޫންތޯ، ހުއްޓާލަންވީހޭ؟ އަޅުގަނޑުގެ ވާހަކައަކީ އަޅުގަނޑުމެން ކުރަމުން ގެންދާ މަސައްކަތްތައް އިނގޭތޯ، އަޅުގަނޑު ދެންމެ ނުދެންނެވީ، އިހަވަންދޫ ބަނދަރާ، ހޯރަފުށީ ބަނދަރާ، ހިންނަވަރު ހިއްކުމާ، ތުޅާދޫ ހިއްކުމާ، ވެލިދޫ ހިއްކުމާ، ދިއްދޫ ހިއްކުމާ، ތިމަރަފުށި ހިއްކުމާ، ދެން އަޅުގަނޑުގެ ހިތުގައި ހަނދާނެއްނެތް، އަޅުގަނޑު ދެންމެ ދެންނެވި ދިއްފުށްޓާ، ގޮއިދޫއާ، ކާށިދޫއާ، މަތިވެރިއާ، އެރަށްރަށް އަޅުގަނޑުހަމަ މިދަންނަވާލީ ކޮންމެހެން އެކަން ތިޔަބޭފުޅާވެސް އަސްލުގައި ބައްލަވާލައްވާފިއްޔާ އަޅުގަނޑަށް ހީވޭ މީގެތެރެއިން ބައެއް ރަށްރަށަކީ ރިޔާސީ އިންތިޚާބުގައި އަޅުގަނޑަށް ވޯޓު ލިބުނު އަދަދު މަދު ރަށްރަށެއް ނޫންކަމަށް. ދެން އަޅުގަނޑު މިކަމެއް މިކުރަނީކީ ވޯޓު ލިބުނު އަދަދަށް ބަލައިގެނެއްނޫން. އަޅުގަނޑު ރުޅިއަންނަ ހަމަ އެކަކުވެސް މިރަށަކުވެސް އެއްވެސް އިރެއްގައެއް ނުހުރޭ، ނުވެސްއުޅޭ. އެހެންވީމާ، އަޅުގަނޑަކަށް މިކަމަކާއެއް ވޯޓަކާ ހުރި ގުޅުމެއް އެއްގޮތަކަށްވެސް ސާފެއްނުވޭ.

އާދެ، ވަރަށްބޮޑަށް ޝުކުރިއްޔާ! އަޅުގަނޑު އުންމީދުކުރަން، ތިޔަބޭފުޅުންނަށް ގޯސް މާޙައުލެއް ތިޔަބޭފުޅުންގެ ކޮންފިޑެންސާ އެކީގައި ސުވާލުކުރަން އަޅުގަނޑުމެންނެއް ނުއުފައްދަން. މިދިޔަ ބުދަދުވަހު އަޅުގަނޑުމެން ފުރަތަމަ ޕްރެސް ކޮންފަރެންސެއް ބޭއްވޭތޯ އުޅުނިން. އެކަން އެދުވަހު ނުވީ. ދެން މިއަދު މިކަން ބާއްވަން ވެގެން ޕްރެސް އޮފީހުން އޮތީ ޓައިމްޓޭބަލް ކޮށްފައި. އެހެންނަމަވެސް، އަޅުގަނޑުމެންގެ އެގްޒެކެޓިވް ސަރވިސަސް އޮފީހުން، ޒިޔާދު އޮފީހުން ޓައިމްޓޭބަލް ކޮށްފައިއޮތީ މާކުރީގައި ރަސްދޫއަށް. އެހެންވީމާ، އަޅުގަނޑުމެންނަށް މިދެކަން އެކުއެކީގައި ދުއްވާލަންވެގެން މިތަނަށް ތިޔަބޭފުޅުންނަށް ދަންނަވާލީ. ވަރަށްބޮޑަށް ޝުކުރިއްޔާ!