ލަޠީފް – މިއަދު ނޫސް

މި ދަތުރުފުޅުގައި، އެއްބަސްވުމެއްގައި އެއްބަސްވެވުނުވާހަކަ ދެކެވިފައި. އެއީ، ކިހާ ތަނަކުތޯ ލިބޭނީ؟ ދެވަނަ ސުވާލަކީ، މިރޭ 7 ޖަހާކަށް ހާއިރު އެބައޮތް، ޗައިނާގެ ނިއުސް އެޖެނސީއިން ހާމަ ކޮށްފައި، އެތަނުން މިއަހަރު ދަތުރުކުރަންއޮތް 54 މިލިއަން މީހުންގެ ތެރެއިން، ވަރަށް ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެއަށް ގެންނަން ޗައިނާ ސަރުކާރުން މަސައްކަތް ކުރާނެ ވާހަކަ. މިކަމާމެދު މަޝްވަރާ ކުރެވިފައިވަނީ ކިހާވަރަކަށްތޯ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު

ދެން އަޅުގަނޑަށް ޗައިނާ ސަރުކާރާ ބައްދަލުވުމުގެ ނަސީބު ލިބުނު. ދެން އަޅުގަނޑުމެންނަށް 10 މިލިޔަން ޑޮލަރުގެ، ދިހަމިލިޔަނެއްނޫން، 50 ޔޫއާން އަޅުގަނޑަށް ހީވަނީ އެއީ 9 މިލިޔަނާ ގާތްކުރާ ކޮންމެސް އަދަދެއް، ހިލޭ އެހީއެއް އެބޭފުޅުން ދެއްވި. ދެން އޭގެއިތުރަށް އަދި ވަރަށް ހެޔޮ ގޮތެއްގައި ލުއިގޮތެއްގައި ލޯނު، 200 މިލިޔަން ޑޮލަރުގެ ލޯނު އެހީއެއް ދެއްވަންވެސް ވިދާޅުވި. ދެން އަޅުގަނޑުމެންނަށް އެކަންކަން ހަމަޖެހުނީމާ، ކަރުދާސްތައް ބަދަލުވެ، އެކަންކަން ހަމަޖެހިގެން ދާއިރުގައި އިރާދަކުރެއްވިއްޔާ ދާދިއަވަހަށް އެކަން އެނގިގެންދާނެ.

ދެން އަދި އަޅުގަނޑަށް އޭގެ އިތުރުން ޓުއަރިޒަމަށް ޗައިނާއިން މިހާރު މީހުން އަންނަ އަދަދު އިތުރުވަމުން އަންނާތީއާއެކީގައި، އެކަމަށް އެތާ ސަރުކާރުން ފަހިކޮށްދެވެން އޮތް މިންވަރަކަށް ފަހިކޮށްދިނުމަށްވެސް އެދުނިން. ދެން އެބޭފުޅުން އެކަމުގައި މަސައްކަތް ކޮށްދެއްވާނެކަމަށް ވިދާޅުވި. އަދި އޭގެ އިތުރުން، މިހާރު ރާއްޖެއަށް ޗައިނާއިން ޗާޓަރު ފުލައިޓް އޮޕަރޭޓްކުރަން އެކުންފުންޏާވެސް އަޅުގަނޑު ވާހަކަދައްކާ ހެދީމު. ދެން އެބޭފުޅުންވެސް އެ އިތުރު ފުލައިޓެއް ގެނައުމަށް އިތުރަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް ވިދާޅުވި. ދެން އަދި އޭގެއިތުރުން، ދިވެހިންނަށް ވިސާ، ވިޔަފާރިވެރިންނަށް ޗައިނާއަށް ފަހިކޮށްދިނުމަށް ފަސޭހަކޮށްދިނުމަށްވެސް އަޅުގަނޑުމެން އެދުނިން. ދެން އެބޭފުޅުން އެކަންވެސް ކޮށްދެއްވާނެކަމަށް ވިދާޅުވި.

ދެން އަދި މިހާރުވެސް އެނގިވަޑައިގަންނަވާނެ، ޗައިނާގައި އެބަތިބި ދިވެހި 70 ވަރަކަށް ކުދިން ހަމައެކަނި މެޑިސިންގ، ޑޮކްޓަރުކަން ކިޔަވަންވެސް. ދެން އެހެންވީމާ، އެކަންވެސް އަޅުގަނޑުމެންނަށް އެބޭފުޅުން އިތުރުކޮށްދެއްވާނެކަމަށް ވިދާޅުވި. ދެން އަޅުގަނޑަށް ހީވަނީ، ޖުމްލަކޮށް ބަލާއިރުގައި، ވަރަށް ރަނގަޅަށްހެން ކަންތައްތައް ދިޔައީ.

އަޙްމަދު ޙަމްދޫން – ހަވީރު ނޫސް

މަނިކުފާނު މިފަހަރު ސާކް ސަމިޓުގައި ބައިވެރިވެވަޑައިގެންނެވިއިރުގައި، އަންނަ އަހަރު ސަމިޓު މިއޮތީ ރާއްޖޭގައި ބާއްވާގޮތަށް. ދެން މަނިކުފާނު ވިދާޅުވެފައި އެބައޮތް، އެންމެ ބޮޑު އެއްމައްސަލައަކީ އިންޑިޔާއާއި ޕާކިސްތާނުގެ މައްސަލަ ކަމަށް. ދެން ކޮންކަހަލަ ވިސްނުންތަކެއްތޯ މަނިކުފާނު ގެންގުޅުއްވަނީ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު

ދެން އަޅުގަނޑު އިންޑިޔާ ޕްރައިމް މިނިސްޓަރ އަރިހުގަޔާ، ޕާކިސްތާނު ޕްރައިމ މިނިސްޓަރ އަރިހުގައި ދެންނެވިން، އަޅުގަނޑުމެންނަކަށް ފަސޭހައެއްނޫނޭ، ސާކާއިގެން ކުރިޔަށްދާކަށް، އިންޑިޔާ ޕާކިސްތާނުގެ މައްސަލަ އަބަދުވެސް ސާކުގައި ހުރަހަކަށްވެ، އަޅުގަނޑުމެންނަށް ތަރައްޤީގެ މަސައްކަތްތައް ކުރިޔަށް ނުގެންދެވޭތީވެ. އަޅުގަނޑު ވަރަށްބޮޑަށް، އަޅުގަނޑުމެން ވަރަށްބޮޑަށް އެދެމޭ، ދެބޭފުޅުން ވާހަކަދައްކަވައިގެން އެކަންކަން ޙައްލުކުރެވެނޭ މަގެއް ހޯއްދެވުމަށް. ދެން އަޅުގަނޑު، ދިމާވީ ނުރަސްމީ ކެއުމުގައިވެސް އަދި އޭގެފަހުންވެސް ތަކުރާރުކޮށް ދެންނެވިން. ދެން އިރާދަކުރައްވައިގެން އެދެބޭފުޅުން ބައްދަލުކުރެއްވި. އަދި އިތުރު ބައްދަލުވުންތައް ވާނެކަމަށްވެސް ވިދާޅުވި.

އަޅުގަނޑު އެންމެބޮޑަށް ސާކު މެދުވެރިކޮށް ހިންގުމަށް އަޅުގަނޑުމެން މަސައްކަތް ކުރަންވީ ކަމެއްކަމަށް އަޅުގަނޑުމެންނަށް ބުއްދިވެރިގޮތަކީ، ކަމެއްކަމަށް އަޅުގަނޑުމެންނަށް މިފެންނަނީ، ވިޔަފާރި ކުރިއެރުވޭތޯ މަސައްކަތްކުރުން. ޚާއްޞަކޮށް، އިންޑިޔާއާ ޕާކިސްތާނާ ދޭތެރޭގައިވެސް އަދި ރާއްޖެއާއި އެހެން ސާކްގެ ޤައުމުތަކާ ދެމެދުގައިވެސް ހިނގާ ވިޔަފާރި މިހާރަށްވުރެ ބޮޑަށް ފުޅާކުރެވޭތޯ މަސައްކަތްކުރުން. އަދި މިހާރު އެބައޮތް ސާކުގެ މިފަހަރު ވަކިން ޚާއްޞަކޮށް، ޑެކްލެރޭޝަންގައި ފާހަކަކޮށްފައި އޮންނާނެ، ދަތުރުފަތުރުގެ ކަންތައް. އެއީ، އަޅުގަނޑުމެން މިމަސައްކަތް މިކުރަނީ ކަނޑުމަގުން ސާކުގެ އިންޑިޔާ ކަނޑުގެ ތެރެއަށް މި އައްސޭރި މި ހުރި ޤައުމުތައް، ކަނޑުމަގުން ރަނގަޅު ދަތުރުފަތުރު ކުރުމުގެ ނިޒާމެއް ގާއިމު ކުރުމުގެ މަސައްކަތް. ކަނެކްޓިވިޓީ ޕްރޮގްރާމް އެއީ. ދެން އެހެންވީމާ، އިރާދަކުރެއްވިއްޔާ އެކަންވެސް އަޅުގަނޑުމެންނަށް ބަރަށް ހިންގާ، މިއަންނަ ސާކްސަމިޓް އަޅުގަނޑުމެންނަށް އަންނަންވާއިރަށް އެކަންކަން ތަންކޮޅެއް ހަރުދަނާ ހިސާބަކަށް ގެންދެވޭތޯ އަޅުގަނޑުމެން ވަރަށްބޮޑަށް މަސައްކަތްކުރާނަން. ދެން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ރާއްޖޭގެ ސެކްރެޓެރީ ޖެނެރަލެއްވެސް ހުންނަވައިގެން މަސައްކަތްތައް ހިންގާއިރުގައި މިހާރަށްވުރެބާރަށް މަސައްކަތް ހިންގޭނެގޮތެއް އަޅުގަނޑުމެން އެބަ ހޯދަންޖެހޭ.

ދެން ސާކަކީ ހަމައެކަނި އަޅުގަނޑުމެން މި ދުނިޔޭގެ އެއް ބިލިއަން ރައްޔިތުން ތަމްސީލުކުރާ ޖަމާޢަތެއް ދެން. ހަމައެކަނި ވާހަކަދައްކާލާ ތަނެއްގެ ގޮތުގައިނުވެ، ސާކަކީ ހަރުދަނާ ކަންތައްތަކެއް ނިންމާ އަދި ނަތީޖާތަކެއްނެރޭ ޖަމާޢަތަކަށް ހެދުމަކީ އަޅުގަނޑަށް ޔަޤީން، ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް ވަރަށްބޮޑަށް އެދޭނެ ކަމެއްކަން.

މިޞްބާޙު ޢައްބާސް- ދި ޓީވީ:

މަނިކުފާނު ރާއްޖެއިން ބޭރުގައި ހުންނަވަނިކޮށް، ރައްޔިތުންގެ މަޖިލީހުން ލާމަރުކަޒީބިލް ފާސްކުރައްވާފައި މިއޮތީ. ދެން މިހާރުއެހެރަ އިޞްލާޙުތަކާއެއްކޮށް، މަނިކުފާނު ދެކެވަޑައިގަންނަވާގޮތަކީ ކޮބައިތޯ؟
ރައިސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު

ލާމަރްކަޒީ ބިލް އަދި ފާސްވެފައި އޮތްގޮތް މަޖިލީހަކުންނެއް ސަރުކާރަކަށް އަދިއެއް ނުފޮނުއްވާ. ފޮނުއްވެވީމާ އަޅުގަނޑު އެފާސްވެފައި އޮތްގޮތް އަޅުގަނޑު އެ ކިޔާލާނަން. ސީދާ ރަނގަޅު ގޮތުގައި އަތޮޅުތަކަށް ބާރު ފޯރުކޮށްދިނުން ލާމަރުކަޒީ ކުރުމުގެ ބޭނުމަކީ. އަތޮޅުތަކުގެ ރައްޔިތުންނަށް އެރައްޔިތުންގެ ކަންތައްތައް އެމީހުންނަށް އަމިއްލައަށް ނިންމޭނެގޮތްތަކެއް އެމީހުން ހޯދުން. އަދި އެގޮތްތަކެއް ފަހިވެފައިއޮތުން. އެހެންވީމާ، އެކަންކަން އެހެން ފަހިވާނެ ޤާނޫނެއް އައުމަކީ ލާމަރްކަޒީގެ އެންމެބޮޑު ބޭނުން. އެހެންވީމާ، އަޅުގަނޑު ބަލާލާނަން، ކިހިނެއްތޯ ބިލްއޮތީ. ބަލާލުމަށްފަހު، އަޅުގަނޑުމެންނަށް ވަކިގޮތެއް ވިސްނޭނީ.

އަޙްމަދު ޙަމްދޫން- ހަވީރު ނޫސް

މިކޮޅުގައި އަޅުގަނޑު މެންނަށް އެންމެބޮޑަށް ސިޔާސީ ދާއިރާއިން ފެނިގެންދިޔައީ، ނައިބު ރައީސް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދެވިތަން. ޚާއްޞަކޮށް، ސަރުކާރުގެ ބައެއް ސިޔާސަތަށް އެމަނިކުފާނު ހިތްޕުޅު ހަމަޖެހިވަޑައިނުގަންނަވާ ކަމަށް ވިދާޅުވަމުން ގެންދެވި. އަދި އެނިކުފާނު ބޭއްވެވި ޖަލްސާގައިވެސް އެހެން ވިދާޅުވި. އެއާއެއްކޮށް މަނިކުފަނުގެ ޕާޓީގައި އެބޭފުޅުން ވިދާޅުވެފައި އެބައޮތް، ކެބިނެޓުވެސް ބަދަލުކުރައްވަން. ރިފޯމްކުރައްވަން، ގޮވާލައްވާފައި އެބައޮތް. ނައިބް ރައީސްވެސް ވަޑައިގަންނަވަން ވިދާޅުވެފައި އެބައޮތް. އެހެންވީމާ، ރާއްޖޭގެ ސިޔާސި މަސްރަޙުގައި ޤަބޫލުފުޅު ކުރައްވަންތޯ މިއުޅޭ ހިތްޕުޅު ހަމަޖެހިވަޑައިނުގަތުމަކީ ކޮބައިތޯ؟ ރައީސާ ނައިބްރައީސާ ދެބޭފުޅުންގެ.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު

އަޅުގަނޑު ނުދެކެން، ރާއްޖޭގެ ސިޔާސީ މަސްރަޙުގައި އަޅުގަނޑުމެންނަށް ދަތިވާ ބާވަތުގެ އެއްވެސްކަމެއް އޮތްކަމަކަށް. އަޅުގަނޑުމެންނަށް މިހާރު އަދި ޚާއްޞަކޮށް މިއޮތީ ތަރައްޤީގެ މަޝްރޫޢުތައް ވަރަށް ބާރަށް ކުރިޔަށް ގެންދެވެން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހަމަ މަސައްކަތްކުރަމުން މިގެންދާ ކަންތައްތައް އެއީ ރަށްރަށުގެ ނަރުދަމާ ހެދުމާއި، ރަށްރަށުގެ ފެނުގެ ކަންތައް ޙައްލުކުރުމާއި، ރަށްރަށުގެ މަގުހެދުމާއި، ރަށްރަށުގެ ބަނދަރު ހެދުމާއި، ބޯހިޔާވަހިކަން ފޯރުކޮށްދިނުމއި، ދަތުރުފަތުރުކުރުމުގެ ނިޒާމު ގާއިމުކުރުމާއި، އަޅުގަނޑުމެން ހަމަ ފެށުނީއްސުރެ ފަށައިގެންވެސް މަސައްކަތް ކުރައްވަމުން މިއައިކަންތައްތައް، އަޅުގަނޑުމެން ރައްޔިތުންނަށް ވަޢުދުވެފައިވާ ގޮތަށް އިރާދަކުރެއްވިއްޔާ، ރީތިކޮށް އަޅުގަނޑުމެން އެކަންކަން ކޮށްދޭނަން.