السّـلام عليـكم

އަޅުގަނޑު ރަސްދޫއަށް އަބަދުވެސް އަންނަހިތްވޭ. އަޅުގަނޑަށް ޔަޤީން، ރަސްދޫ ރައްޔިތުންނަކަށް މިދެންނެވި ވާހަކައެއް އޮޅިފައެއް ދުވަހަކުވެސް ނޯންނާނެ. އަޅުގަނޑު ވަރަށްކުރިއްސުރެ ފަށައިގެންވެސް ރަސްދޫ ރައްޔިތުންނާއެކު ކަންކަމުގައި މަޝްވަރާކޮށް، ވާހަކަދައްކައި ކަންކަން ކުރިޔަށް ގެންދެވެން އޮތް ގޮތްތަކަކީ ކޮބައިތޯ ފިކުރުކޮށްހަދަން. ހަމައެކަނި އެނގިވަޑައިގަންނަވާނެ، އެއީ މިއަދަކުނޫން. އަދި ހަމައެކަނި މިދިޔަ ހަތަރުފަސްއަހަރު ދުވަހުގެ ތެރެއަކުވެސްނޫން. ކިތަންމެ ދުވަހެއްވަންދެން، ރަސްދޫއާގުޅޭގޮތުން އަޅުގަނޑަށް ލިބެންހުރި މަޢްލޫމާތަކާ އަދި ރަސްދޫ ރައްޔިތުން އެއިރަކަށް ބޭނޫންވާ ކަންކަމަކީ ކޮބައިތޯ އަޅުގަނޑުމެންނަށް ދެނެގަތުމަށް ބޭނުންވާ މަޢްލޫމާތު ލިބުމަށް އަޅުގަނޑު އަބަދުވެސް އެދިއެދި ހުންނަން.

ވަރަށްކުރީގައި އަޅުގަނޑު ރަސްދޫއަށް ކުރި ދަތުރެއްގައި އެއިރު އެއީ، މީގެ ދިހަވަރަކަށް އަހަރުކުރީގައި، އަޅުގަނޑަށް ފާހަގަވި މައިގަނޑު ދެކަމެއް. އެއްކަމަކީ، މިބަނދަރުގެ ކަސް މައްސަލަ. ނުވަތަ ރަސްދޫގެ ވިލު ބޮޑުވީމާ އަދި ފާލަމެއް އަޅައިގެން ރަސްދޫއަށް ބަނދަރެއް ނުހަދައި ކަންކަން ޙައްލު ކުރެވިދާނެކަމަށް އެތައްބަޔަކު އަބަދުވެސް އަންނަނީ ދެކެމުން. ރަސްދޫ ރައްޔިތުން ފިޔަވައި އެހެން ހުރިހާ އެންމެން. އަޅުގަނޑުވެސް އެންމެ ފުރަތަމަ ބަނދަރުގެ ވާހަކަ ދެއްކުމަށް ރަސްދޫއަށް އައިދުވަހު އައީ މިދެންނެވި ވިސްނުން އަޅުގަނޑަށް ލިބިހުރެ. އެއީ ރަސްދުއަކަށް ބަނދަރެއް ބޭނުމެއް ނުވެއޭ، ރަސްދޫއަށް ބޭނުންވަނީ ރަނގަޅު ފާލަމެކޭ. އަޅުގަނޑު މިދަންނަވަނީ މީގެ ދިހަވަރަކަށް އަހަރު ކުރީގައި. މިތަނުގެ ވިލު ނުލާހިކުބޮޑޭ. އެދުވަހުވެސް ހަމަ ކުޑަކޮށްވެސް ރައްޔިތުން އެވާހަކައެއް ގަބޫލެއްނުކުރި. ޚާއްޞަކޮށް އޮޑިވެރިންނެއް އެވާހަކައެއް އެއްގޮތަކަށްވެސް ބަލައެއްނުގަތް.

ހަމަ އެއިރު ރަސްދޫގައި އަޅުގަނޑަށް ހަނދާންވާ ގޮތުގައި، އަޅުގަނޑު ވަރަށް ރަނގަޅަށް ހަނދާން އެބަހުރި، ބާރަށް ހިނގަމުންއައި މަސައްކަތަކީ އިޖްތިމާޢީ ނުވަތަ ކްލަބްގޭގެ މަސައްކަތް. އެއިރު ކްލަބުގެ އަލުން އަޅައި ކްލަބްގޭގެ ފަންގިފިލާ އެޅުމުގެ މަސައްކަތް އޭރު ހިނގަމުންދަނީ. މިދެ މަސައްކަތަކީ އަބަދުވެސް އަޅުގަނޑުގެ ހިތުގައި ރަސްދުއާ ގުޅޭގޮތުން އަޅުގަނޑަށް ވަރަށްބޮޑަށް ސާފުވެފައިއޮތް ދެކަންތައް.

2007 ވަނަ އަހަރު ރަސްދޫގައި ހާބަރ ޕްރޮގްރާމުގެ ދަށުން ބަނދަރެއް ހެދުމަށް އެއިރުގެ ސަރުކާރުން ފަށައިގަނެވި، ރަސްދޫ ރައްޔިތުންނާ މާބޮޑު މަޝްވަރާތަކެއް ނުކުރެވި ބަނދަރެއް ހެދުމުގެ މަސައްކަތް ފަށައިގަތުމަށް އެއިރުގައި އުޅެވުނު. އެ ބަނދަރުގެ އަގެއްގެގޮތުގައި އެއިރުގައި ބަޖެޓު ކުރެވިފައި އެއޮތީ، 16 މިލިޔަން ރުފިޔާ. ބެލިއިރުގައި އެ 16 މިލިޔަން ރުފިޔާއަށް ރަސްދޫއަކު ބަނދަރެއް، ރަސްދޫ ރައްޔިތުން އެދޭބާވަތުގެ ބަނދަރެއް ހެދޭކަށެއްނެތް. ދެން އެހެންނަމަވެސް، ސަރުކާރުން އެއިރުގައި މަސައްކަތް ކުރަމުން ގެންދިޔައީ ބަނދަރެއް ހަދަން. ހަމަ އެ ލިބިފައިއޮތް ބަޖެޓުގެ މިންވަރަށް. ތަޤްދީރު ދިމާކުރިގޮތުން ކަންތައް ވެގެންއައީ އަޅުގަނޑުމެން އެކެއްވެސް މިއަދު މީގެ ދެ އަހަރު ކުރީގައި ހީކޮށްފައި އޮންނާނެ ގޮތަކަށެއް ނޫން. ޒަމާންތަކެއް ވަންދެން ރާއްޖޭގެ ވެރިކަންކުރަމުންއައި ގޮތަށާއި، އުސޫލަށާއި ހަމަތަކަށް ބޮޑެތި ބަދަލުތަކެއް ރާއްޖެގެ ރައްޔިތުން ގެނެއްސި. އެ ބަދަލުގެނައުމުގައި ރަށުގެ ރައްޔިތުންގެ ހިއްސާ އެއްވެސް ހާލެއްގައި ކުޑައެއްނޫން. ރަސްދޫ ރައްޔިތުންނަށް އެކަން ވަރަށް ސާފުކޮށް އަޅުގަނޑަށް ފެންނަ ފެނުމުގައި ރަސްދޫއަށްވެސް އަދި ރާއްޖޭގެ އެންމެހާ ރައްޔިތުންނަށްވެސް އެކަން އެނގޭނެ.

ރަސްދޫގެ ބަނދަރު މިނޫންގޮތަކަށް ހެދުމަށް ސަރުކާރު ބަދަލުވުމާ ގުޅިގެން މަޝްވަރާ ކޮށްދިނުމަށްއެދި އަޅުގަނޑު މިތަނަށް އައުމަށްފަހު، އަޅުގަނޑު އަސްލަމް އަރިހުގައި އެއީ، މިނިސްޓަރ އަރިހުގައި ދެންނެވިން، ރަސްދޫ ރައްޔިތުންނާ ވާހަކަދައްކައިގެން އެރައްޔިތުން އެދޭގޮތަކީ ކޮބައިތޯއޭ. އެއިރުގައިވެސް އަޅުގަނޑަށް އެނގޭ، މިހާރު ރަސްދޫގައި ދެވެންއޮތީ އެންމެ ގޯއްޗެއްކަން. ރަސްދޫގެ ބިން އެހާމެ ކުޑަ. އެހާމެ މަދު. ރަސްދޫއޮތީ ވަރަށްބޮޑަށް ބިމަށް ޖެހިފައި. އަޅުގަނޑުމެން ބަނދަރުހެދުމުގެ މަސައްކަތްކުރުމަށް ވިސްނާއިރުގައި އަޅުގަނޑަށް ފެނެނުގޮތަކީ، ބަނދަރު ހެދުމުގެ ތެރޭގައި ރަސްދޫގެ ބިމަށް ވީހާވެސް ބޮޑުބައެއް އިތުރުކުރެވޭގޮތް ވުމޭ އެންމެބޮޑު ބޭނުމަކީ. އޭގެކުރީގައި ވާހަކަދެކެވެމުންއައީ އެންމެބޮޑު ބޭނުމަކީ 1200 ފޫޓުގެ ވާޓަރެއް އޮތުމޭ. އަދި އެންމެ ފުރަތަމައިނުން ބަނދަރު ރޭވިފައިއޮތްއިރުގައި ބޭރުގެ ތޮށްޓެއްނެތް. ބޮޑު ހިލަޖައްސާ ގޮތަކަށެއް ނުވަތަ ބޭރުތޮށި އަޅާގޮތަކަށެއް ނޫން ބަނދަރު ކުރެހިފައި، ބަނދަރު ޑިޒައިންކުރެވިފައި އޮތީކީ. އަދި ރަސްދުއަށް ބިން އިތުރުވާ ގޮތަކަށްވެސްނޫން ޑިޒައިން ކުރެވިފައި އޮތީކީ. އެގޮތްގޮތަށް ޑިޒައިންކޮށްފައިއޮތީ، އޭރުގައި އެކަންކުރުމަށް ކަނޑައެޅިފައި ހުރި ފައިސާގެ އަދަދު މަދުކަމުން. އަޅުގަނޑުމެން ސަރުކާރު ހިންގުމާ ހަވާލުވެ، އަޅުގަނޑު މަސައްކަތްކުރީ އެކަމަށް ދެން އެބޭނުންވާ އިތުރު 10 މިލިއަން ރުފިޔާ އެއީ، މުޅިޖުމްލަ 26 މިލިޔަން ރުފިޔާއަށް މިޕްރޮޖެކްޓު ބޮޑުކުރުމަށް. ވަރަށްބޮޑަށް މަޢާފުކުރައްވާތި، އަޅުގަނޑު މަސައްކަތް ކުރަމުން އައީ މިދިޔަ އަހަރު އެކަން ފަށައިގަނެވޭތޯ. އެހެންނަމަވެސް، މިދިޔައަހަރު ދުނިޔެއަށް ދިމާވި އިޤްތިޞާދީ ހީނަރުކަމާއި އަދި ރާއްޖޭގެ އިޤްތިޞާދީ ހާލަތު ހުރިގޮތާއި، އަޅުގަނޑުމެންގެ ޚަރަދު ބަރަދުގެ ހިންގާފައިހުރިގޮތްތަކުގެ ސަބަބުން މިދިޔައަހަރު އެ 10 މިލިޔަން ރުފިޔާ ނަގަން އަޅުގަނޑު ކުޑަކޮށް ޖެހިލުންވި.

އަޅުގަނޑު ބޭނުންވީ ބަލާލަން، ކިހިނެއްތޯ އަހަރުދުވަސްވަންދެން ހަމަ މަޑުކުރަން. ކިހިނެއްތޯ ރުފިޔާއަށް މިވަނީ. ރާއްޖޭގެ ބަޖެޓަށާއި، ރާއްޖޭގެ އާމްދަނީއަށާއި އަދި އެކިތަންތަނަށް ޚަރަދުކުރުމަށް އެންމެ ބުއްދިވެރިގޮތަކީ ކޮބައިތޯ، އެ ޚަރަދުތައް ކުރިޔަށް ގެންދެވޭނެ ގޮތަކީ ކޮބައިތޯ ދެނެގަންނަން. އަޅުގަނޑަށް މިއަދު ހަމަ އުފަލާއެކީގައި ދެންނެވެން އެބައޮތް، މިހާރު މިޕްރޮޖެކްޓް މިވަނީ 26 މިލިޔަން ރުފިޔާއަށް ބޮޑުވެ، 160000 އަކަފޫޓުގެ ބިން ރަށަށް ބޮޑުވާގޮތަށް ބަނދަރުގެ ކަންތައް ބަދަލުކުރެވިފައޭ. އަދި ބޭރު ތޮށްޓަކާއެކީގައި ބަނދަރު ހަދާގޮތަށް މިއޮތީ ނިންމިފައޭ. އެގޮތަށް ކޮންޓްރެކް ކުރެވިގެން އެގޮތަށް ކޮންޓްރެކްޓަރާ އެކުގައި އަލުން އަނބުރާ އެއްބަސްވެގެން އަޅުގަނޑުމެން ސަރުކާރުން މިހާރު މިބަނދަރުގެ މަސައްކަތް މިދިޔަ މެއިމަހު 1ވަނަ ދުވަހު މިފެށީ.

އަޅުގަނޑު މިތަނަށް އަންނަން ނިންމާ ހުރީ މީގެ 10އަހަރު ކުރީގައިވެސް ބަނދަރުހަދާ ދުވަހު. ދެން މެއިމަހުގެ 1ވަނަ ދުވަހު، އަޅުގަނޑު އެވާހަކަ ދައްކަމަކުންނޫން އައީކީއެއް. އަޅުގަނޑު ބަނދަރު ހަދާދުވަހު މިތަނަށް އަންނާނަމެކޭ. ދެން އަޅުގަނޑަށް ހީވަނީ ރަސްދޫ ރައްޔިތުންނަށް ވަރަށް ސާފުވާނެހެން، މިބަނދަރު ހެދޭ ދުވަހު އަޅުގަނޑު މިތަނަސް ނައިސް ފަރު ނުޖައްސާނެކަން. އެހެންވީމާ، އަޅުގަނޑަށްވެސް ހަމަ ރަސްދޫ ރައްޔިތުންނާ އެއްމިންވަރަށްލިބޭ އުފަލެއް މިއީ، މިބަނދަރު ހެދުމުގެ ޙަފްލާގައި އަޅުގަނޑަށް ބައިވެރިވެވޭކަން. އަޅުގަނޑެއް ނުދެކެން، އަޅުގަނޑަކީ އެހާބޮޑު ރަސްދޫ ނޫން މީހެއްކަމަކަށެއް. އެހެންވީމާ، އަޅުގަނޑަށް މިޙަފްލާގައި ބައިވެރިވެވޭކަމީ، އަޅުގަނޑުމެންގެ ސަރުކާރަށްވެސް ހަމ ލިބޭ ވަރަށްބޮޑު އުފަލެއް.

ބަނދަރާ އެކުގައި އަޅުގަނޑުމެން ސަރުކާރުން ކުރަން ނިންމާފައިއޮތް އަނެއްކަމަކީ، އަބަދުވެސް އެ ދަށުފަތި ނުޖެހިގެން އުޅުނު ޔޫތް ސެންޓަރު ނުވަތަ ޒުވާނުންގެ މަރްކަޒު ނުވަތަ ކްލަބްގެ ބޮޑުތަނަކަށް ހެދުން. މިކްލަބްގޭގެ މަސައްކަތަށްވެސް އަޅުގަނޑުމެން ސަރުކާރު ހިންގުމާ ހަވާލުވީއިރުގައި އޮތް ކުރެހުމެއް އޮތް. އެހެންނަމަވެސް އެމަސައްކަތް ކުރިޔަށް ގެންދެވޭނެގޮތުގެ އެއްވެސްކަހަލަ ތަފްސީލެއް ނުވަތަ ފައިސާގެ ތަނަވަސްކަމެއް، ފަހިކަމެއް ރޭވިފައެއް ނެތް. އަޅުގަނޑުމެން މަސައްކަތްކުރީ އެ ކްލަބްގެވެސް ހަދަން. އިރާދަކުރެއްވިއްޔާ އިޖްތިމާޢީ މަރްކަޒު މިހާރު އެހެރީ ނިމިފައި. އަޅުގަނޑު މި އުންމީދުކުރަނީ މިއަދު އަޅުގަނޑުމެންނަށް އެ އިޖްތިމާޢީ މަރްކަޒުވެސް ހުޅުވޭނެކަމަށް.

ރަސްދޫގައި ނަރުދަމާގެ ނިޒާމު މިހާރު މިވަނީ ޤާއިމު ކުރެވިފައި. އެހެންނަމަވެސް، އަޅުގަނޑު ދަންނަވަން އޮތް ވާހަކައަކީ، އެނިޒާމު ހިންގާނެ އިންތިޒާމެއް ޤާއިމެއް ނުކުރެވެއޭ. އެ ނިޒާމު ބަލަހައްޓާނެ ގޮތެއްވެސް އަދި ފުރިހައަށް ކަނޑައެއް ނޭޅެއޭ. މިހާރު ރަށުއޮފީހުން، އަތޮޅުއޮފީހުން އަދި ބައްލަވަމުން ގެންދެވިކަމުގައި ވިޔަސްވެސް އެއީ، ސީދާ އިންތިޒާމުވެގެން ހަރުދަނާގޮތެއްގައި ބަލަހައްޓަމުންގެންދާ ގެންދިއުމެއް ނޫނޭ.

ރަސްދޫގެ ކޮންމެ ގެއެއްގައި މިހާރު ފެންތާނގީ ހުންނާނީ ބެހެއްޓިފައި. އަދި ރަސްދޫގެ ގެތަކަށް ނުވާގޮތަށް އަޅުގަނޑަށް ހަނދާންވާގޮތުގައި 57 ހާސް ލީޓަރުގެ ފެން ރައްކާ ކުރެވޭގޮތަށްވެސް މިހާރު ހުންނާނީ ހަމަޖެހިފައި. އަޅުގަނޑު ބަލަމުން އައީ، ހުރިހާ ގެއެއްގެ ދިޔަދޮވިހުރީ ފެންތާނގީއާ ގުޅާފައިތޯ. އަޅުގަނޑު ގާތުގައި މީހުން ބުނަނީ ހުރީ ގުޅާފައޭ. ދެން އެއެއް އެކަމަކު އެނގޭނީ އަޅުގަނޑު ބަލާލީމާ. ޢާންމުގޮތެއްގައި ފެންތާނގީ ލިބުނީމާ ފެންތާނގީގެ ފައުންޑޭޝަނާއެކީގައި ފެންތާނގީ ބަހައްޓާފައި ހުންނާނެ. އެހެންނަމަވެސް، ފިޓިންގްސް ނެތިގެން، ދިޔަދޮވި ނެތިގެން ފެންތާނގީ ހުންނާނީ އާންމުކޮށް ނުގުޅި. ދެން އެހެންނަމަވެސް، ރަސްދޫއަކީ ނުގުޅާ ހުންނާނެ ބާވަތުގެ ރަށެއްނޫން. އަޅުގަނޑު ކައިރީގައި މީހުން ބުނަމުން މިއަންނަނީ ގާތްގަނޑަކަށް ނުވަދިހަ ޕަސެންޓް ފެންތާނގީ ހުރީ ގުޅިފައޭ. އަޅުގަނޑު ބަލާލަން ބޭނުން، ނުގުޅާހުރި ފެންތާނގީތަކަކި ކޮބައިތޯ، އެ ނުގުޅާހުރި ތާނގީތަކެއް ހުރިނަމަ އަވަހަށް ގުޅުމަށް އޮތް ދައްޗަކީ ކޮބައިތޯވެސް އަޅުގަނޑު އޮޅުން ފިލުވާލަން ބޭނުން. އެއީ ދިޔަދޮތްވެއް ނެތުންތޯ ނުވަތަ ދެއިންޗިހޮޅިއެއް ނެތުންތޯ، ގުދެއް ނެތުންތޯ، ގުލީއެއް ނެތުންތޯ، އިސްކުރެއް ނެތުންތޯ މިކަން އަޅުގަނޑު އޮޅުންފިލުވާލަން ބޭނުން. އެ ދިޔަދޮވިތައް ގުޅުމަކީ، ފެންތާނގީތައް ގުޅުމަކީ ވަރަށް ބޭނުންތެރި ކަމެއް. އަޅުގަނޑުމެންގެ އަމާޒަކީ، ރަސްދޫގައި ސާފު ބޯފެން ހޮޅިއަޅައިގެން މުޅިރަށަށް ދިނުން. އެއީ ދެން އަޅުގަނޑު މިހާރު ފަށައިގެން މިއުޅޭ މަޝްރޫޢަކީ ރަސްދޫއާ ގުޅޭގޮތުން. އިރާދަކުރެއްވިއްޔާ އެމަސައްކަތްވެސް ލަސްތަކެއްނުވެ، ފެށިގެންދާތަން ތިޔަބޭފުޅުންނަށް ފެނިގެންދާނެ.

އަޅުގަނޑުމެންނަށް މި ހިއްކޭ ބިމުގައި އަޅުގަނޑު ހަނދާންވަނީ މިދިޔައަހަރު އަޅުގަނޑުމެންގެ ބޯހިޔާވަހިކަމުގެ މަޝްރޫޢު އެކުލަވާލައި، އެމަޝްރޫޢާ ގުޅިގެން އެކިރަށްރަށަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި ރަސްދުގައިވެސް ގެއެޅުމަށް އަޅުގަނޑުމެން އޮންނާނެ ނިންމާފައި. ލަސްވެގެންދިޔައީ ރަސްދޫގައި ގެ އަޅާނެތަނެއްވެސް ނެތުމާއެކީގައި. އަދި އަޅުގަނޑުމެން ހަމަމިހާރުވެސް މިގެންދަނި. އަދި އެއްވެސް ރަށަކުން ގެތައް އެޅުމުގެ ޢަމަލީ މަސައްކަތެއް ފެނިފައެއް ނުހުންނާނެ. އަޅުގަނޑު ދަންނަވަމުން ގެންދިޔައިން، ކަމެއް ކުރާއިރުގައި އެކަމެއް ކުރުމަށްޓަކައި ކުރަންފަށާން މިޖެހެނީ އެހެންކަމެކޭ. އެ އަނެއްކަންތައް ކުރަމުން، ކުރަމުން، ކުރަމުން، ކުރަމުން އައިސް އަޅުގަނޑުމެން އެދުނު، ހިތުލީކަންތައް ވީމައޭ، އެކަމެއް ދެމެހެއްޓެނިވި ގޮތުގައި ކުރެވިފައި ހުންނަނީ. އެހެންވީމާ، އަޅުގަނޑުމެން ގެދޮރު އެޅުމުގެ މަސައްކަތްވެސް މިއަންނަނީ ބާރަށް ކުރަމުން. މިރަށަށް އަޅުގަނޑުމެން އުންމީދު އެބަ ކުރަން 25 ފްލެޓު އެޅޭނެގޮތެއް ހޯދަން. އަޅުގަނޑަށް އެ އެޅޭނެ ގޮތްވެސް އިރާދަކުރެއްވިއްޔާ ފެންނަމުންދަނީ. އަޅުގަނޑު ދަންނަވާނީ ލަސްތަކެއްނުވެ ތިޔަބޭފުޅުންނަށް އެތަންވެސް މިރަށުން ފެނިގެން ދާނެއޭ.

އަޅުގަނޑުމެން، އަޅުގަނޑުމެންގެ މަޝްރޫޢުތައް ހިންގުމުގެ ތެރޭގައި ދަތުރުފަތުރުކުރުމުގެ ނިޒާމަކުން ރާއްޖޭގެ ރަށްތައް ގުޅާލުމުގެ މަސައްކަތަކީ، އަޅުގަނޑުމެން ބާރަށް ކުރަން ބޭނުން ވެފައިއޮތް ކަމެއް. އިރާދަކުރެއްވިއްޔާ އޭގެ ފުރަތަމަ މަރްޙަލާގެ، ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް މިހާރު މިހިރީ ފެށިފައި. ރަސްދުއާވެސް ދަތުރުފަތުރުކުރުމުގެ ނިޒާމުން މިއޮތީ ގުޅާލެވިފައި. އެހެންވީމާ، އެމަސައްކަތްވެސް އިތުރަށް އަދި ދެވަނަ ފިޔަވައްސަކަށް ބެހިގެން އެ ހަލުވިވެގެންދާއިރު މިހާރަށްވުރެން އަދި ކިތަންމެތަނެއް ރަނގަޅުވެގެންދާނެކަމުގެ ޔަޤީންކަން އަޅުގަނޑު ތިޔަބޭފުޅުންނަށް އަރުވަން.

ރަސްދޫގެ މަސައްކަތްތައް އަޅުގަނޑުމެން ހިންގާއިރުގައި އަޅުގަނޑަށް ހަމަ ވަރަށް ސާފު އުކުޅަހުގެ މަސައްކަތްވެސް ދާދިއަވަހަށް ފެނިގެންދާނެ. ހަމައެއާއެކީގައި މަތިވެރި ބަނދަރުގެ މަސައްކަތްވެސް ދާދިއަވަހަށް ފެށިގެންދާނެ. މިއަތޮޅުގެ ނުހެދިހުރި އަދި ޚާއްޞަކޮށް މަތިވެރި ބަނދަރު. މަތިވެރީ ބަނދަރަކީވެސް ވަރަށްބޮޑު ދަތިކަމެއް. މަތިވެރީ ރައްޔިތުންނަށް ފޯރާފައި އޮންނަ މައްސަލައެއް. އަދި އުކުޅަހަކީ މަސްވެރިކަމުގައި އަރާހުރި ރަށެއް. އުކުޅަހުގެ ބަނދަރުގެވެސް މަރާމާތް އިންތިހާޔަށް ބޭނުންވެފައިއޮތީ. އުކުޅަހުގެ ބަނދަރު މިހާރު މިއޮތީ ވަރަށް ރަނގަޅަށް. އުކުޅަހަށް އެންމެބޮޑަށް އެމީހުންނަށް ބޭނުންވެގެން އެއުޅޭ ކަންތައްތަކުގެ ތެރޭގައި ޚާއްޞަކޮށް މިސްކިތުގެ މައްސަލަ އެއީ، ފެށުނީއްސުރެ ފަށައިގެންވެސް އުކުޅަހުގައި ދުވަހެއް ދުވަހަކަށް ބޮޑުވަމުން ބޮޑުވަމުން އަންނަ މައްސަލައެއް. އަޅުގަނޑުމެން މިގެންދަނީ އުކުޅަހުގެ މިސްކިތުގެ މައްސަލައަށްވެސް ޙައްލެއް ހޯދަން.

އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ މި ތަރައްޤީގެ މަޝްރޫޢުތައް ރޭވިފައި މިއޮތްގޮތަށް ހަމަ ފުރިހަމައަށް ހިނގަމުން އެބަދެއޭ، ބައެއްފަހަރު އަޅުގަނޑުމެން ހިސާބުޖަހާފައި ހުނިގަނޑު ޖަހާފައިހުންނަ ތާރީޚުތަކުން ބައެއްކަންކަން ނައްޓާލައޭ. އަޅުގަނޑަށް ލަފާކުރެވެނީ ކުރިޔަށްއޮތް ތަނުގައިވެސް ހަމަ އެބާވަތުގެ ކަންތައް ވާނެއޭ. އެހެންނަމަވެސް، އަޅުގަނޑުމެން މި މަސައްކަތްތައް ހިނގާނެކަމާގުޅޭގޮތުން އަޅުގަނޑު ކުޑަކޮށްވެސް ޝައްކެއް ނުކުރަން. އަޅުގަނޑުމެންނެއް ރައްޔިތުންނަކަށް ދޮގުހަދާކަށް ބޭނުމެއްނޫން. އަޅުގަނޑަށްވެސް އެނގޭ، ރައްޔިތުންނަށް ކަންކަން ގަބޫލުނުވެދަނީ ދިހަ، ފަނަރަ އަހަރުވަންދެން ބަނދަރު ހަދާދޭނަމޭ، މިއަންނަ އިންތިޚާބުގައި ބަނދަރު ހެދޭނެއޭ، ދެން ވަރަށްރަނގަޅު ގޮތެއްވެދާނެއޭ، ދާދި އަވަހަށް އެކަން ފެށޭނެއޭ. ވަރަށްބޮޑު އިސްކަމެއް ދެވިފާއޭވަނީ، މިވެނިލިސްޓެއްގައި ޖެހިފާއޭވަނީ، މިބާވަތުގެ ވާހަކަ ރަސްދޫގައިވެސް ދެކެވޭތާ އަޅުގަނޑަށް އެނގިގެން މިއީ 23 ވަނަ އަހަރު. ބަނދަރުހެދުމާ ގުޅޭގޮތުން، އަޅުގަނޑަށް އެނގިގެން. ދެން އަޅުގަނޑަކަށެއް ނޭނގެ ކުރަމަތީ މީހުން މިރަށަށް ބަދަލުކުރީއްސުރެ ފަށައިގެން އަޅުގަނޑަށް ހީވަނީ އެވާހަކަތައް ދެކެވެމުން އަންނާނެހެން. އަދި ރަށުގައި މީހުން ދިރިއުޅެން ފެށުނީއްސުރެ ފަށައިގެންވެސް މިވާހަކަތައް ދެކެވެމުން އަންނާނެހެން. އަޅުގަނޑު އަޑުއަހައިގެން ބަނދަރާ ގުޅޭގޮތުން މިރަށުގައި މިވާހަކަދެވޭތާ މިއީ 23 ވަނައަހަރު.

އަޅުގަނޑު އެންމެފުރަތަމަ ސަރުކާރުގެ މުވައްޒަފަކާއެކީގައި، އޭރުގެ އެޓޮލްސް މިނިސްޓްރީގެ މުވައްޒަފަކާއެކީގައި މިރަށަށް އައިދުވަހުވެސް އަޅުގަނޑު ހަމަ ވަރަށްގާތް އަތޮޅުވެރިއެއް އޭރުގައިވެސް ހުންނަވަނީ އަދި އަޅުގަނޑު ހަމަ ވަރަށް ގާތް ކަތީބެއް އޭރުގައިވެސް ހުންނަވަނީ. އޭރުގައިވެސް ކަތީބުވެސް އަތޮޅުވެރިންވެސް ދެން މިބަނދަރުގެ ކަންތައް އޮތްގޮތަކީ އެދުވަހު އަޅުގަނޑު މީގެ 23 އަހަރު ކުރީގައި އެދުވަހު ބެލިއިރުގައި ސަރުކާރުން އެދުވަހު ވިދާޅުވީ، ހަމައެންމެ އިސްކޮން އޮތީ، ހަމައެންމެ އިސްކޮށްއޮތީ ރަސްދޫ ބަނދަރޭ. ދެން ދަތްގަނޑު ވައްޓާލަނީ ރަސްދޫ ބަނދަރަށް ކަމަށްވަނީ. ދެން ރައްޔިތުން އެފަހަރުވެސް ހަމަތިބީ އެކަން އެހެންވާނެކަމުގެ އުންމީދުގައި. ދެން ތަކުރާރުކޮށް ކޮންމެ އަހަރަކު ކޮންމެ އަހަރަކު ކޮންމެ އަހަރަކު މިކަން މިމަގަށް ހިނގަމުން އައިމާ މިހާރު އަޅުގަނޑުމެންގެ ރަސްދޫގެ ޒުވާނުން، އުމުރުން 23އަހަރު އެމީހުންވާނީ. އެމީހުންނަކަށް ދޮގުނޫން ވާހަކައެއް އަޑުއިވިފައެއްނެތް. އެހެންވީމާ، އަޅުގަނޑަށްވެސް އެނގޭ އަދި އަޅުގަނޑުއައިސް އެއްޗެއް ބުނީމާ، ކަތީބަށް ބަލައިގަނެ، އެއީ ތެދެއްކަމަށްދެކި، ރައްޔިތުންނަށް ހުށަހަޅަން އުނދަގޫވާނެ. އެހެންވީމާ، އަޅުގަނޑެއް އެއްވެސް ހާލެއްގައި އެދުވަހު ކަތީބު އެކަން ގަބޫލު ނުކުރެއްވީމާ ކަތީބާ ގުޅޭގޮތުން އަޅުގަނޑުމެން ދައްކާނެ ހަމަ އެއްވެސް ވާހަކައެއް ނެތް. ކަތީބު ހަމަ އެ ހެއްދެވީ ރަނގަޅަށް. އަޅުގަނޑުމެން މިބަނދަރު އަޅުގަނޑުމެން ހަދަންވެގެންނޭ މިއުޅެނީ، މިބަނދަރަށް ވާފައިސާ އަޅުގަނޑުމެން ހޯދައިފީމޭ، އެހެން އަޅުގަނޑު ބުންޏެއްކަމަކު އެގޮތަށް ކަތީބު ކައިރީގައި ރާއްޖޭގެ ވެރިން ބުނާތާ އެއީ 23 ވަނަ އަހަރު. އަޅުގަނޑަށް އެނގިގެން އެހެންވީމާ، ކަތީށް އެވާހަކަތައް ގަބޫލުކުރަން އުނދަގޫވެފައިއޮތީ.

އަޅުގަނޑުމެން ކަމެއްކުރަން ނިންމަނީ، އަދި ކަމެއްކުރާނެކަމަށް އަޅުގަނޑުމެން ބުނަނީ އެކަމަކާގުޅޭގޮތުން ޖަހަންހުރި ހުރިހާ ހިސާބެއް ޖަހާފައި. އެކަމަކާގުޅޭގޮތުން ހޯދަން ހުރި ހުރިހާ ހޯދުމެއް ހޯދާފައި. ރާވަން ހުރި ހުރިހާ ރޭވުމެއް ރާވާފައި. އަޅުގަނޑު މިދަންނަވާހެން، މިވަރަށް މިކަންކޮށްފައިވެސް އަޅުގަނޑުމެން މިކަން، މިހެންބުނީމާ އަދިހަމަ އެބަ ކައްސާލައިގެންދޭ، މަސައްކަތް ތިންހަތަރުމަހުން. އަޅުގަނޑުމެން ބޭނުންވާ އަމާޒަށްނުގޮސް ލަސްވެގެންދޭ. އަދި ޚަރަދުވެސް ބަދަލުވެގެންދާނެ. މިބަނދަރު އަޅުގަނޑުމެން މިއަދު ހަދަން ފަށާއިރުގައި ހަމަ ކުރިއަށްއޮތް ތަނުގައިވެސް އަދި ހަމަ ލަސްތަކެއް ވެގެންދާނެ. އެއްވެސް ޙާލެއްގައި އަޅުގަނޑު ކޮންޓްރެކްޓަރާ ގުޅޭގޮތުން ޝައްކެއް އުފައްދަނީކީއެއް ނޫން. އަދި ކޮންޓްރެކްޓުވެސް އޮތީ ރަނގަޅަށް. އެހެންނަމަވެސް، އަޅުގަނޑަށް ވެސް ހަމަ އެނގިފައި އޮންނަނީ ޕެކިން އާއި، އަޑީތެލާއި، އެ އިންޖީނާ، އެ އެއްޗާ ގުޅޭ ހުރިހާ އެއްޗިއްސާ، ތެލާ މިހުންނަނީ. އެހެންވީމާ، އެތައްއެތައް ބާވަތެއްގެ ކަމެއް ކުރިމަތިވެގެން މިމަސައްކަތަށް ކޮންމެވެސް ހިސާބެއްގައި ކޮންމެވެސް ލޮޅުމެއް ނާންނާނެކަމަށް އަދިވެސް އަޅުގަނޑުމެން ދެކޭކަށް ނުވާނެކަން. އެހެންވީމާ، އެކަން ހަޖަމުކޮށްލައްވާތި. އިރާދަކުރެއްވިއްޔާ މިހާރު މިހިރީ ހުރިހާކަމެއް ނިމިފައި. ހުރިހާ ފައިސާއެއް ބަދަލުވެފައި. ހުރިހާ ކޮންޓްރެކްޓެއްގައި ސޮއި އެޅިފައި. މިވަގުތު އަޅުގަނޑުމެން މިތިބީ ވަރަށް އުފަލުން. މިވަގުތު އަޅުގަނޑުމެން މިތިބީ ހަމަ ކޮންޓްރެކްޓަރާ އެކީގައި މިމަސައްކަތް ކުރާގޮތަށް. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް މިއަރުވަނީ، އިރާދަކުރެއްވިއްޔާ ކޮންމެގޮތެއްވީނަމަވެސް، ކޮންމެފަދަ ހުރަހެއް އެޅުނުނަމަވެސް، އަޅުގަނޑު މިރަށަށް އައިސްގެން ނަމަވެސް އެކަން އިރާދަކުރެއްވިއްޔާ ހައްލުކޮށްދޭނަމޭ. ތިޔަބޭފުޅުން ބޭނުންވާކަންކަން ތިޔަބޭފުޅުންނަށް އިރާދަކުރެއްވިއްޔާ ރަނގަޅުގޮތުގައި އަޅުގަނޑުމެން ފޯރުކޮށްދޭނަމޭ.

އަޅުގަނޑު އުފާވޭ، މަދަރުސާ ހުރީ އެއްދަންފަޅިއަށް ބަދަލުވެފައި. އަޅުގަނޑު އުފާވޭ، ހެލްތްސެންޓަރުގައި ހަތަރުޑޮކްޓަރުން އެބަތިބި. 14 ނަރުހުން އެބަތިބި. މަދަރުސާގައި 27 ޓީޗަރުން އެބަތިބި. އެކަމަކު މިއަހަރުވެސް ތިންކުދިން ޓޮޕް ދިހައެއްގައި ހިމެނުނީމަކާ ނިމުނީކީއެއްނޫން. އެއީ ބޭނުންވެސް ނެތް ކަމެއް. މަދަރުސާގައި، އޯލެވެލްގައި ބައިވެރިވި ކުދިންތަކުގެ ތެރެއިން 23 ޕަސެންޓް ސަތޭކައަކުން 3 ކުދިންނަށް ސަތޭކައަކުން 30 ކުދިންނަށް މި5 މާއްދާއިން ފާސްވެވެނީ. އެއިކީއެއްނޫން އަޅުގަނޑުމެން ބޭނުންގޮތަކީ. މިތަނުގައި 27 ޓީޗަރުން ތިބެފައި، 180 ކުދިން ތިބޭއިރުގައި ފަހާ ދުވެގެންވެސް އެއަށްވުރެން ރަނގަޅު ނަތީޖާއެއް ހޯދެންޖެހޭނެ. އަޅުގަނޑު އެއްގޮތަކަށްވެސް ގަބޫލެއް ނުކުރަން. އެއްގޮތަކަށްވެސް މި އިމްތިހާނުގައި އިށީންނަ ކޮންމެ ސަތޭކަ ކުއްޖަކުން ތެރެއިން 30 ކުދިން 5 މާއްދާއިން ފާސްވީމާ، ކީއްކުރާ ޓިޗަރުންނެއްތޯ! "ޔޫ" ފާހެއް ލިބޭނެ، ޓީޗަރެއްނެތަސް. މަދަރުސާ ނެތަސް ޔޫފާހެއް ލިބޭނެ. ނުލާހިކު ފަސޭހަކަމެއް. އިމްތިހާނުގައި ބައިވެރިވާން އެކަނި ޖެހޭނީ. އޭރުން ސަރުކާރުންވެސް ދައްކަންޖެހޭނީ ހަމައެކަނި އިމްތިހާނުގެ ފީ. އެއީ މަދަރުސާ ނެތަސްވެސް "ޔޫ" ފާސް ލިބޭނެ. އަދި މަދަރުސާ ނެތަސްވެސް ތިންކުދިން ގޭގައި ބައިތިއްބައިގެން މުޅިދުނިޔޭގެ އެންމެމަތީ ނަތިޖާވެސް ނެރެވޭނެ. ރަށުގެ ތަޢްލީމީ ފެންވަރު ދައްކައިދޭ އެއްޗެއްނޫން އެއީކީއެއް، ކަމެއްނޫން އެއީ، ދެތިންކުއްޖެއް މޮޅު ނަތީޖާ ހޯދައިގެންތިބުން. އަޅުގަނޑުމެން ބޭނުންވަނީ ހުރިހާކުދިންވެސް ރަނގަޅު ނަތީޖާ ހޯދުން.

އަޅުގަނޑުމެންގެ އަމާޒަކީ، އިމްތިޙާނުގައި ބައިވެރިވާ ކުދިންގެ ތެރެއިން އަޅުގަނޑުމެންގެ ފުރަތަމަ ތިންއަހަރުގެ ތެރޭގައި 60 ޕަސެންޓް ކުދިން 5 މާއްދާއިން ފާސްވާން. އަޅުގަނޑުމެންގެ މިވެރިކަމުގެ 5 އަހަރު މިދައުރު ނިމޭއިރުގައި 60 ޕަސެންޓްކުދިން ޖެހޭނެ ފަސް މާއްދާއިން ފާސްވާން. އެއީ އަޅުގަނޑުމެން ދާންބޭނުންވާ ލަނޑުދަނޑިއަކީ. އަޅުގަނޑަށް އެނގޭ، ރަސްދުއަށް އައިމާ. އަޅުގަނޑަށް އެނގޭ އެ ލަނޑުދަނޑި ރަސްދޫ ރައްޔިތުންނަށް، ރަސްދޫ ދަރިވަރުންނަށް ޙާޞިލް ކުރެވޭނެކަން. އަދި އަޅުގަނޑަށް އެނގޭ، ޑޮކްޓަރ ލުޠުފީއާއި އެޑިޔުކޭޝަންގެ ޓީމު އެތިބީ އެމަސައްކަތް ކޮށްދޭގޮތަށް. އެހެންވީމާ، މަދަރުސާގެ ކަންތައް އަޅުގަނޑު ހިތްހަމައެއް ނުޖެހޭ މިއަށްވުރެ މާބޮޑުތަނުން އެބަ ރަނގަޅުކުރަންޖެހޭ. އެއްވެސް ޙާލެއްގައި އަޅުގަނޑެއް ގަބޫލެއް ނުކުރާނަށް އެއީ، މަދަރުސާއަށް ފައިސާ މަދުވެގެން އެކަނިކަމަކަށް އެހެން އެވަނީ. މިހާރުވެސް އެބަތިބި 180 ދަރިވަރުން ތިބިއިރުގައި 27 ޓީޗަރުން. 27 ޓީޗަރުން ތިބިއިރުގައި އެނގިލައްވާތޯ 40 މުވައްޒަފުން އެބަތިބި. މަދަރުސާތައް ވަރަށްގިނައިން މި ހިންގެނީ ކިޔަވައިދޭ ތަންތަނެއްގެ ގޮތުގައެއްނޫން. ވަޒީފާގެ ފުރްޞަތުތައް ރަށުގައި ގިނަކުރާ ތަންތަނުގެ ގޮތުގައި. މިހާރު ވަޒީފާގެ ފުރްޞަތު ރަނގަޅުކުރުމަށްޓަކައި ދަރިވަރުން ހަލާކުކޮށްލައިގެން ނުވާނެ. އަޅުގަނޑަށް މާ ރަނގަޅު ސަރުކާރުން ސިޓީއުރައަކަށްލާފައި މުވައްޒަފުންނަށް މުސާރަފޮނުވާގޮތަށް ހަމަޖައްސަންވެސް ގޭގައި ތިއްބަވައިގެން. މި މަދަރުސާގެ ކަންތައްތައް ރަނގަޅަށް ބެލެހެއްޓެންޖެހޭނެ. އަޅުގަނޑަކަށެއް ނުވިސްނޭ 40 މުވައްޒަފުންތިބެ، 180 ދަރިވަރުން ތިބޭތަނެއްގައި މިބާވަތުގެ ނަތީޖާ ނުކުންނަންވީ އެއްވެސް ސަބަބެއް. މިހާރު އެ ނުކުންނަ ނަތީޖާ ނުކުންނާނެ.

އެހެންވީމާ، އަޅުގަނޑު ވަރަށްބޮޑަށް އުންމީދުކުރަން، އަޅުގަނޑުމެން އަމާޒުކުރަންވީ މަދަރުސާގެ ނަތީޖާ ރަނގަޅުކުރަން. މިހާރަށްވުރެ މާބޮޑަށް ރަސްދޫގެ މަދަރުސާގެ ނަތީޖާ ރަނގަޅުކޮށްގެން ނޫނިއްޔާ އަޅުގަނޑުމެން މިއެދޭ ތަރައްޤީއެއް ރަސްދުއަކުން ނުނެރެވޭނެ. އަޅުގަނޑުމެން އެބަ ބޭނުންވޭ، ރަސްދޫގެ ދަރިވަރުންނަށް މަތީތަޢްލީމުދޭން. ރަސްދޫ ވަށައިގެން މިހިރަ ޞިނާޢީ މަސައްކަތްތަކުގައި ރަސްދޫގެ ދަރިވަރުން ނުކުމެ އޭގެ އިސް ސަފުގައި މަސައްކަތް ކުރެވޭނީ، ރަނގަޅަށް ތަނެއްދޮރެއް އެނގިގެން. ރަނގަޅު ތަޢްލީމެއް ލިބިގެން. މިހާރު ރަނގަޅު، ގްރޭޑް10 ނިންމާފައިތިބި ވަރަށްގިނަކުދިން ރަސްދޫގައި އެބަތިބި. ހަމަ ވަރަށްބައިވަރު ކުދިން އެބަތިބި. އޭގެތެރެއިން ވަރަށް ގިނަކުދިންނަކީ ވަރަށް ކުޅަދާނަ ކުދިން. އެކަމަކު އަޅުގަނޑުމެން މިބޭނުންވާ އަމާޒަށް އަޅުގަނޑުމެން އެބަ ދާންޖެހޭ.

އެހެންވީމާ އަޅުގަނޑު އުންމީދުކުރަން، އަޅުގަނޑުމެންނަށް މި މިހާރު މިފެށޭ މަޝްރޫޢުތަކާ އެކީގައި މަދަރުސާގެ ކަންތައްވެސް މިއަށްވުރެ ރަނގަޅަށް ކުރިޔަށް ގެންދެވޭނެ ކަމަށް. އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވޭ، އަޅުގަނޑު މިވަގުތު ހަމަ ތިޔަބޭފުޅުންނަށް ނިހާޔަތަށް ޝުކުރުދަންނަވަން. ކެތްތެރިކަމާއެކީގައި މިދިޔަ 2000 އަހަރު މަޑުކުރެއްވީތީ. ބަނދަރެއް ހެދެން. އަޅުގަނޑަށް އެނގިފައިއޮތް ގޮތުގައި ރަސްދޫގައި މީހުން ދިރިއުޅޭތާ 2000 އަހަރުވެއްޖެ. ރަސްދުލެއް މިއީ. މިރަށަކީ. ރާއްޖޭގައި އޮންނާނީ ރަސްގެތީމާ ރަސްދުއާ މިރަސްކަންކުރާ ރަށްރަށުގެ ގޮތުގައި ނަންދެވިފައި އޮންނަ ދެރަށް. އެހެންވީމާ، މިތަނުގައި މީހުން އާބާދުވެގެން ދިރިއުޅޭތާ 2000 އަހަރުވެއްޖެ. އެހެންވީމާ، އަޅުގަނޑު ވަރަށްބޮޑަށް ރަސްދޫ ރައްޔިތުންނަށް ޝުކުރު ދަންނަވަން. ކެތްތެރިކަމާއެކީގައި މިދިޔަ 2000 އަހަރު މަޑުކުރެއްވީތީ. ވަރަށްބޮޑަށް ޝުކުރިއްޔާ!
____________________________________