بســم اللّـه الرّحمـن الرّحيــم

މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ މުޞްޠަފާ ލުޠުފީ، ކޮލެޖުގެ ރެކްޓަރ އަދި ވައިސް ރެކްޓަރ، ފެކަލްޓީގެ ޑީން، ފެކަލްޓީގެ ދަރިވަރުން އަދި ވަޑައިގެން ތިއްބެވި އެންމެ ބޭފުޅުން.

السّـلام عليـكم

އަޅުގަނޑަށް ކުޑަކޮށް އޮޅިފައި މިހުރީ، ތެދުތެދަށް ދަންނަވަނީނަމަ. އެއީ، އަޅުގަނޑަށް ފުރަތަމަ ވިސްނިފައި އޮތީ ކޮލެޖުގައި ޖަރނަލިޒަމް އާ ގުޅޭގޮތުން، އަޅުގަނޑު ފިލާވަޅެއްގެ ގޮތުގައި ވާހަކައެއް ދެއްކުން. މިހާރު އެކަމު އަޅުގަނޑަށް އެބަ ހީވޭ، އެވާހަކަ އެބަ ބިނާމިވާން ޖެހެނީ ތަޤުރީރަކާ ފިލާވަޅަކާ ދޭތެރޭ މެދަށޭ. ދެން ހަމަ ޑީން ވާހަކަ ދައްކަވާ ނިންމެވީމާ އެބަ ހިތަށް އަރާ، ޖަވާބު ދިނުމާ ފިލާވަޅަކާ އަދި ތަޤުރީރަކާ، މިތިން ބައި ހިމެނޭ ބާވަތެއްގެ ގޮތަކަށޭ. ކޮންމެއަކަސް އަޅުގަނޑު ދެކިހުރީ ސިޔާސަތުގެ ބަހުރުވަޔާ ގުޅޭގޮތުން އަޅުގަނޑަށް ފެންނަ ބައެއް ނުކުތާ ފާހަގަކޮށްލަން.
ސިޔާސަތުގެ ބަހުރުވަޔޭ އަޅުގަނޑު މިދަންނަވަނީ، ބައެއް ބޭފުޅުންނަށް ފާހަގަވެފައި އޮވެދާނެ، އަޅުގަނޑު ތަންކޮޅެއް ކުރީއްސުރެ ފަށައިގެން ބުނަމުން އައި ވާހަކައެއް އެއީ، ރާއްޖޭގައި ދިމާވެފައި އޮތް އެންމެ މުހިންމު އެންމެ ބޮޑު އެއް މައްސަލައަކީ، ބަހުރުވަ ބަންދުގައި އޮތްކަމޭ. ދިވެހިބަސް ހައްޔަރު ކުރެވިފައިވީކަމޭ. ހަމައެކަނި ހައްޔަރު ކުރެވިފައި އެތިބީ ލިޔުންތެރިންނެއް ނޫނޭ. ހަމައެކަނި ނެތި ގޮސްއޮތީ، ހިފެހެއްޓިފައި އޮތީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމެއް ނޫނޭ. އެންމެ ބޮޑަށް ހިފެހެއްޓިފައި އޮތީ ސީދާ ދިވެހިބަހޭ. ބަހުރުވަ ބޭނުންކުރާ ގޮތާއި، ބަސް ބޭނުން ކުރާންވީ ތަންތަނާއި، ގޮތްގޮތާއި އަދި ބަހާގުޅޭ ގަވާއިދުތައް. ހަމަ ޢުޤޫބާތު ޤާނޫން ފަދައިން ހިންގުމަށްޓަކައި ގަދަ އަޅާ ކުރެވޭ މަސައްކަތުގެ ސަބަބުން ބަސް ބޭނުން ކުރުމުގައި ތަފާތު ޚިޔާލުތަކާ އަދި ތަފާތު ވިސްނުންތަކާ ހުވަފެންތައް އޭގެ ގޮތުގައި ބޭނުން ނުކުރުމަށް އަދި ބޭނުންކުރުމަށް އެޅިފައި ހުރި ހުރަހެއް. މީގެ މިސާލެއްގެ ގޮތުން އަޅުގަނޑު ފޮތެއްގައި ލިޔުނު ވާހަކައެއްގައި ބޭނުންކުރި ބަހެއް، އަޅުގަނޑަށް ބައެއް ފަހަރަށް ހީވޭ އެވާހަކަ އޭރު މަނާވެ ދިޔައީ ހަމައެކަނި އެބަހަށްޓަކައޭ. އެއީ، އެއް އަތުން ފާފަކުރުމުގެ ވާހަކަ. ދެން އަޅުގަނޑު އިތުރަކަށް އެބަހުގެ ތަފްޞީލަކަށެއް އަޅުގަނޑު ނުދާނަން. އެހެންނަމަވެސް، އެއީ ހަމަ ޚިޔާލީ ވާހަކައެއް. ހުއްޓުމަކަށް ޙަޤީޤަތުގައި އައި ބަހެއް. މުޅި ވާހަކަ އެކީގައި ނުނެރެވުނު ސަބަބެއް. މިބަސް ބަންދުވެފައި އޮތުމަށްފަހު އަޅުގަނޑުމެންނަށް ބަހުގެ ބޭނުން ކުރިޔަށްވުރެ މާ މިނިވަންކޮށް، ކުރިޔަށްވުރެ މާ ލުއިކޮށް ކުރުމުގެ ފުރުސަތު ލިބިގެން ދާތީވެ، މިހާރު ބަސް ބޭނުންކުރާގޮތާ ގުޅޭގޮތުން ބައެއް ފިކުރު އަދި ބައެއް ޚިޔާލު ފާޅުކުރުމުގެ ފުރުޞަތެއް ކަމުގައި އަޅުގަނޑު މި ފުރުޞަތު ދެކެން.

އަޅުގަނޑުމެން މިދިޔަ ތިން ހަތަރު އަހަރު ދުވަހުގެ ތެރޭގައި އަޅުގަނޑުމެން ބޭނުންކުރާ ބަސްތަކުގެ ތެރެއަށް، ވަރަށް ގިނަ އާ ބަސްތަކެއް ތަޢާރަފު ކޮށްފި. ދެން އަޅުގަނޑަށް އޭގެ ތެރޭގައި ފާހަގަވާ މީގެ ހަތަރު ފަސްއަހަރެއް ކުރީގައި ފާހަގަވާންފެށި އެންމެ ފާޅުކަންބޮޑު އެއް ބަހަކީ ސީދާ ޙަރަކާތް. އަދި ހަމައެއާއެކީގައި މިހާރު އަޅުގަނޑަށް ފާހަގަވާ އެންމެ ބޮޑު އެއް ބަހަކީ، ރައްޔިތުމީހާ. އަދި ހަޖަމުކުރުން. އެހެންގޮސް އަޅުގަނޑުމެންނަށް މިހާރުގެ ބަހުރުވައިގެ ތެރޭގައި ނުވަތަ މިހާރު އަޅުގަނޑުމެންގެ ރިޕޯޓޭޖްގެ ތެރޭގައި، ނޫސްވެރިން ލިޔުއްވާފައި ހުންނަ ލިޔުންތަކުގެ ތެރޭގައި، ޢާންމުކޮށް ބޭނުންކުރާ ބަސްތަކެއް މިހާރު ފާހަގަވާން ފަށައިފި. އަޅުގަނޑުގެ ނަޒަރުގައި އެ ބަސްތައް ފުޅާކޮށް ބޭނުންކުރަމުން ގެންދިޔަވަރަކަށް އަޅުގަނޑުމެންގެ ބަސްވެސް މުހިންމުވެ އަދި ރައްޔިތުންނަށް، އަދި ކިޔުންތެރިންނަށް އެ ލިޔެފައި ހުންނަ އެއްޗެއް ފަސޭހައިން ރަނގަޅަށް އެނގުން ފަސޭހަވެގެންދޭ.

އަޅުގަނޑަށް ފެންނަ ފެނުމުގައި މިއީ، އަޅުގަނޑުމެންގެ އާ ސިޔާސީ ނިޒާމާ ގުޅޭ ބަސްތައް. އެއީ، ވާދަވެރި ސިޔާސީ ހަރަކާތް، ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމު، މެނިފެސްޓޯ، ދެން މިހެން ގޮސް މިނޫންވެސް އެތައްއެތައް އާ ސިޔާސީ ނިޒާމުގެ ބަސްތަކެއް އެބަހުރި. ބާރުތައް ވަކިކުރުން، ތަންފީޒީ ބާރު ނުވަތަ ޤާނޫނުހަދާ ބާރު ނުވަތަ އެއްބާރުގެ ތެރެއަށް އަނެއް ބާރު ވަނުން. ބާރުތައް މަސްހުނިވުން އެއީ، އަޅުގަނޑު އެ ބަސް ފުރަތަމަ ދުށްއިރު އެއީ 1989 ވަނަ އަހަރު. އަޅުގަނޑަށް އެބަ ފެނޭ އެބަހުގެ ވެރިޔާ، އެ މަޒުމޫނު ލިޔުއްވާފައި އޭރު އޮތް. ބާރުތައް މަސްހުނިވެފައިވާ ވާހަކަ. ދެން އެއަށްފަހު އަޅުގަނޑުމެންނަށް ހަމަ ފެނުނީ ވަޙީދުގެ އެބަހުން، މުޙަންމަދު ވަޙީދުގެ އެބާރުތައް މަސްހުނިވެފައި އޮތް ބަހުން އޭރުގައި އަޅުގަނޑަށް ވިސްނެން ފެށި ބަހެއް އެއީ، އެ ބާރުތައް ވަކިކުރާ ވާހަކަ. ދެން ވަރަށް ސާފުކޮށް އެ ވަކިކުރާ ބާރުތަކުގެ ޢަދަދަކީ ތިން ބާރުކަމަށްވެއްޖެ. ދެން އެ ތިން ބާރަކީ ކޮބައިކަން އެކި ގޮތްގޮތަށް ސިފަވާން ފަށައިފި. ދެން ތިންބާރު ވަކިކުރާ މައިދާނެއް. ދެން ހަމައެއާއެކީގައި އެ ތިންބާރު ސިފަވާން ފަށައިފި، ޓެޓްރަޕޮޑްގެ ތެރެއިން. އޭރުގައި ތޮށިލުމަށް ހަދާފައި މިހުރި ގާތަކުގެ ތެރެއިން. ދެން އަނެއްކާވެސް ހަމަ އޭގެ ހެއްވާ ބައިވެސް ތިން ބާރުގައި ނެތީއަކީވެސް ނޫން. އެހެންވީމާ، އެވާހަކައިގެ ތެރޭގައިވެސް ހަމަ ތިންބާރު ވަރަށް ބޮޑަށް ސާފުވާން ފަށައިފި. ދެން މި ތިންބާރު ވަކިވާން ޖެހޭނެކަމާއި، އެތިން ބާރު ވަކިކުރާ ވާހަކަ ބުނީމާ އެބަސް ބުނީމަ، ދެން އެދެކެވެނީ ކޮން ވާހަކައެއްކަން، އެއާ ގުޅިގެން ހުރިހާ ވާހަކައެއް އެއްފަހަރާ ދެކެވި، އަދި ދައްކަން ނުޖެހި އެހެންނަމަވެސް ސާފުވާން ފަށައިފި. ތިން ބާރު ވަކިކުރާށޭ ޖެހޭނީ. ތިން ބާރު ވަކިވަހަރޭ ޖެހޭނީ. ތިން ބާރު ވަކި ވަނިއްޔޭ. ތިން ބާރު ވަކިކުރަނިއްޔޭ. ދެން އަޅުގަނޑުމެންނަށް އެހެންވީމާ، މި ބާރުތަކުގެ ވާހަކަ މިގޮތަށް ސާފުވެއްޖެ. މަސްހުނިވެފައި ހުރި ބާރުތަކެއް އެއް ފަރާތެއްގެ ކިބައިގައި، ޙަޤީޤަތުގައި ރަދުންގެ ފަރާތުގައި މަރުކަޒުވެފައިހުރި، ހިފެހެއްޓިފައިހުރި ބާރުތަކެއް ތިން ފަރާތަށް ބަހާލެވުނު ވާހަކަ ފުރަތަމަ ޤާނޫނު އަސާސީންސުރެ ފެށިގެން އަޅުގަނޑުމެން އޭރު ދައްކަމުން، ރައްޔިތުން ދައްކަމުން ދައްކަމުން އައިސް މިހާރު އަޅުގަނޑުމެންނަށް މިހިސާބަށް އާދެވުނީ.

އަޅުގަނޑު މިދަންނަވާ ވާހަކައަކީ މިބަސް ސާފޭ. އަދި އެ ބަސް އަޅުގަނޑުމެން ބޭނުންކުރީމާ އެ ބޭނުންކުރެވެނީ ކޮންކަމަކާ ގުޅޭ ގޮތުން ކޮން ވާހަކައެއްކަންވެސް އެބަ އެނގެއޭ. އެއާ ޚިލާފަށް އަދިވެސް އަޅުގަނޑަށް ހީވަނީ، އަޅުގަނޑު މިދެކެނީ އިތުރު ބަސްބަސް އެބަހުއްޓޭ އަޅުގަނޑުމެންނަށް އެ ބަސް ބުނީމާ، ދެން އެބަހުގެ އެ ބަހާ އެއްކޮޅަށް ނުވަތަ އެ ބަހާ ދެކޮޅަށް ސީދާ ސާފުކޮށް އެރެވެންޖެހޭނެ. މުޅި ކޮންސެޕްޓެއް އެބަހުން ދޭހަވާންޖެހޭނެ. މެނިފެސްޓޯއެއްގައި މިސާލަކަށް އޮންނަ ބަހެއް އެއީ މަރުކަޒީ ކުރުން، ލާމަރުކަޒީކުރުން، އެއްބައެއްގެ ލާމަރުކަޒީ އުސޫލަކީ ކޮބައިތޯ، ލާމަރުކަޒީއަކީ ކޮބައިތޯ. އެހެންވީމާ، އެ ބޭނުންކުރާ ވަކި ބަހެއް ބޭނުންކުރީމާ އޭގެ ތެރެއަށް ހުރިހާ ވާހަކައެއް ވަދެ، އެ ބަހާ ގުޅޭގޮތުން ރައްޔިތުންނަށް ނަގަންޖެހޭ ކޮޅާ ނުވަތަ ގަބޫލުކުރަންޖެހޭ ވާހަކަތައް ސާފުވެގެންދާން އަޅުގަނޑުގެ ނަޒަރުގައި އެބަޖެހޭ. ހަމަ މިގޮތަށް އަޅުގަނޑުމެން މިހާރު މިސާލަކަށް މި ބޭނުންކުރާ ބަސްބަހުގެ ތެރޭގައި އަދި އެއަށް މާ ސާފު ދިވެހި ބަހެއް ނެތްނަމަވެސް ހުރި ބަސްތަކެއް އެބަހުރި. ޕްރައިވަޓައިޒޭޝަން، މިބަސް ބުނީމާ އެއާ އެއްކޮޅަށް ނުވަތަ އެއާ ދެކޮޅަށް އެރެވެންޖެހޭނެ. އެއީ ކޮން ވާހަކައެއްކަން އެ ދެކެނީ، ސަރުކާރުން ގަސްތުކުރަނީ މިވެނި ތަނެއް ޕްރައިވަޓައިޒް ކުރުމަށޭ، އެހެންބުނީމާ ދެން އިތުރަށް، ތިމަންނަ މިކަމާ އެއްކޮޅޭ ނުވަތަ ތިމަންނަ މިކަމަކާ ނުރުހެޔޭ، އެހެންބުނެވޭ ވަރަށް މުޅި އެކަމާ ގުޅޭ ހުރިހާ މަޢުލޫމާތެއް ކިޔުންތެރިންނަށް ސާފުވާންޖެހޭނެ. އެ ސާފުވެގެން އެދަނީ އެބަސް ބޭނުންކޮށްފައި އެ ބަހުގެ ކުޑަ ތަފްޞީލެއް އަބަދުވެސް ބަހާ ވިދިގެން އަންނަތާ ދުވަސްކޮޅެއްވީމާ ކިޔުންތެރިންގެ ހިތްތަކުގައި އެ ބަސް ބޮޑަށް ބިންވަޅު ނެގިގެން މިދަނީ.

އަޅުގަނޑު ނުދަންނަވަން ތިން ބާރު ވަކިކުރުމުގެ ފެންވަރަށް ބަހެއް އަޅުގަނޑުމެންގެ ހިތްތަކުގައި ބިންވަޅު ނަގައިލެވިދާނެކަމަކަށް، ކުރިޔަށް މިއޮތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި. އެހެންނަމަވެސް، ބޭނުންކުރާ ބައެއް ބަސްބަސް އެ ބަސް ބޭނުންކުރުމަށްފަހުގައި އެބަހާ ގުޅޭގޮތުން ދެތިން ޖުމުލައެއް އަބަދުވެސް ބޭނުންކުރީމާ ދެން ފަސޭހަވެގެންދޭ އެބަސް އަޅުގަނޑުމެންނަށް ގެންގުޅެން ނުވަތަ އެބަހުން ދިމާވާ އެކިއެކި ހުރިހާ ޙާލަތުތައް ދެނެގަތުން. ހަމަ ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕް، ސަރުކާރާ ޢާންމު ވިޔަފާރިއާ ގުޅިގެން ހިންގާ މަސައްކަތް ހިންގުން. ސަރުކާރު، ސިވިލް ސަރވިސް، މިބާވަތުގެ ބަސްބަހޭ ބުނީމާ، ދެން މިސާލަކަށް ސިވިލް ސަރވިސް އޭ ބުނީމާ އަޅުގަނޑުމެންނަށް ހަމަ ވަރަށް ރީތިކޮށް ސިފަ ކޮށްލެވިދާނެ ނުވަތަ އެކީ އެކައްޗަކަށް ގެނެވިދާނެ ސިވިލް ސަރވިސް އެބަސް ބުނީމާ އެއީ، މިހާރުގެ ސަރުކާރާ އެއްކޮޅު ބަހެއް ނޫނޭ. އަޅުގަނޑު މިދަންނަވަނީ އެއްވެސް ޙާލެއްގައި އެބަހަށް އެހެން ހައްދަވާށެކޭ ނޫން. ނުހައްދަވާންވީ ގޮތް އަޅުގަނޑު މިދަންނަވަނީ. އެކަމަކު އަޅުގަނޑު މިސާލަކަށް އޮޕޮޒިޝަންގައި ހުރެގެން އެބަސް ބޭނުންކުރާ ކަމަށް ވަންޏާ، އަޅުގަނޑު އެބަސް ބޭނުންކުރަމުންދާނީ ހަމަ ސިވިލް ސަރވިސް އޭ ބުނާ ތަނުން އެއީ، މި ސަރުކާރާ އިދިކޮޅު ބަޔެކޭ. އެ ރަމްޒު އަންނަ ގޮތަށް އަޅުގަނޑުމެންނަށް މިހާރު އެބަސް ބޭނުން ކުރެވެމުން ކުރެވެމުން ކުރެވެމުން މިއަންނަނީ. ދެން އަޅުގަނޑުމެންނަށް އެގޮތަށް އެބަސް ހަރުލެއްވެވެމުން ދާއިރުގައި އަޅުގަނޑު ނުދަންނަވަން އެއީކިއެއް ވަކިފަރާތެއްގެ ކުށެކޭ ނުވަތަ ގޯހެކޭ. އެހެންވީމާ، އަޅުގަނޑަށް ފެންނަ ފެނުމުގައި އެގޮތަށް ހަރުލެވޭ ދިމާއަކަށް އެބަސް ދާކަމަށްވަނީވިއްޔާ އޭގެ މާނައަކީ، ސަރުކާރަށް އެބަސް ސާފުކޮށް ނުދެވެނީ ސަރުކާރު އެބަހުގައި ދެކޭ ގޮތް. މިސާލަކަށް ސަރުކާރުން އެބަސް، ސިވިލް ސަރވިސް އޭ ހަމަ ބުނާ އިރަށް މަންޒަރުވޭ.

މަޢާފުކުރައްވާތި އިނގޭތޯ، އަޅުގަނޑު ވަރަށް ސާދާކޮށް މިވާހަކަ ދައްކަނީ. އެއްވެސް ޙާލެއްގައި އަޅުގަނޑު ދެކިގެނެއް ނޫން ހުރީކީއެއް ޓީވީ އާއި ރޭޑިޔޯއާ އެކީގައި މިވާހަކަތައް ކުރިޔަށް ގެންދާކަށް. އެހެންނަމަވެސް، އެހެން ތައްޔާރުވެފައި އޮތަސްވެސް މައްސަލައެއް ނޫން. ސިވިލް ސަރވިސް އޭ ބުނީމާ އެއްފަރާތުން އެއީ، ސަރުކާރާ އިދިކޮޅު ބައެއްގެ ގޮތުގައި ރަމްޒު ކުރާއިރުގައި، ދޭހަ ކުރާއިރުގައި، އަނެއް ފަރާތުން ސިވިލް ސަރވިސް އޭ ހަމަ ބުނާއިރަށް އެއީ، ވަކި ބައެއްގެ ސިޔާސީ ޕާޓީއެކޭ. އެގޮތަށް އެބަ ހަމަ ރަމްޒުވޭ، ސިވިލް ސަރވިސް އޭ ބުނާއިރަށް. ދެގޮތަށް އެބަ ސިވިލް ސަރވިސްއޭ ބުނާއިރަށް، އެބަސް އެހެން ހަމަ ބުނާއިރަށް އެބަ ދެގޮތަށް ރަމްޒުވެގެން އެބަދޭ.

އަޅުގަނޑުގެ ނަޒަރުގައި ރަނގަޅަށް ލިޔާ ޖާރނަލިސްޓުންގެ ވާޖިބެއް އެއީ، މިބަސް، ނިއުޓްރަލް ބަސްބަސް، ނިއުޓްރަލް ގޮތުގައި ބެހެއްޓޭތޯ މަސައްކަތްކުރުން. ބަހުގެ ސީދާ މާނައިގައި އެ ބަސް ހިފެހެއްޓުން. އެ ބަސް "ކްލައުޑް" އެ ބަސް ފުށުއަރައިގެން ނުދިއުން ނުވަތަ ފުސްވެގެން ނުދިއުން. އެބަހުގެ ސާދާ ސާފު ޠާހިރު މާނަ ފެންނާނެ ގޮތަކަށް އެބަސް ބޭއްވުން. މިހާރު އަޅުގަނޑު ދެންމެ ޕްރައިވަޓައިޒޭޝަން އޭ ބުނީމަ އެއީ، އަޅުގަނޑުމެން ސަރުކާރުގެ ހަރުމުދާ ނުއަގުގައި ވިއްކާލުން. އެގޮތަށް އެބަސް ގެންދިޔުން އެއީ، ސަރުކާރުން ނުއަގުގައި ހަރުމުދާ ވިއްކާލުން. ޕަބްލިކް ޕްރައިވެޓް ޕާޓްނަޝިޕް އޭ ބުނީމާ އެއީ، ސިވިލް ސަރވިސް އޮއްވާ، އެއްކައިރި ކޮށްލާފައި ހަމަ ސީދާ އެ މަސައްކަތްތައް އެހެން ބަޔަކު ލައްވާ ކުރުވަމުން ގެންދިޔުން. ކޯޕަރަޓައިޒޭޝަން އޭ ބުނީމާ އެއީ، ޒަމާނުއްސުރެ ފަށައިގެން، ސިވިލް ސަރވިސްގައި ވަރަށް ޒަމާންވަންދެން ތިބި ބަޔަކު ވަކިކޮށް ގެޔަށް ފޮނުވާލުން. މިދެންނެވި މާނަތައް ބަސްތަކުން އެބަ ނުކުމެއޭ. "ޓެންޑަރިންގ" އޭ ބުނީމާ އޭގެ މާނައަކީ، އަޅުގަނޑުމެން ފެންނަ މީހަކަށް ބޭނުން އެއްޗެއް ދިނުން. ބީލަމުގެ މާނައަކީ ދެން އެއީ، ބައިވަރު ގަނޑުތަކެއް ލާފައި ކަމެއް އޮޅުވާލުން.

މިދަންނަވާ މާނައަށް ބަސްތައް ތިރިވަމުން އަޅުގަނޑަށް ފެންނަ ފެނުމުގައި އެބަ ދެއޭ، ޚާއްޞަކޮށް ނޫސް ފަތުރާ، ޚަބަރު ފަތުރާ މައިގަނޑު ޖަމާޢަތްތައް ހުއްޓާ، ބައިވަރު ވެބްސައިޓުތަކުން ހިންގައިދޭ ޚަބަރު މާގިނަ. އެހެންވީމާ، އެ ވެބްސައިޓްތަކުން ބަސް ބޭނުންކުރާގޮތް އެއީ، ޢާންމު ގޮތްކަމަށް މާ އަވަހަށް ވެގެންދޭ، މިހާރުގެ މައިގަނޑު ޚަބަރު ފަތުރާ ވަސީލަތްތަކަށްވުރެ. މިސާލަކަށް ޢާންމުކޮށް، ހަވީރު، މިއަދު، އާފަތިސް މިނޫސްތަކަށްވުރެ ބައެއް ވެބްސައިޓްތަކުގެ ލީޑަރޝިޕް މާގިނަ. އަދި ބައެއް ވެބްސައިޓްތައް ކިޔަން ބޭނުންކުރާ، ކިޔާ ކިޔުންތެރިންނަކީވެސް އެހެން ބާވަތެއްގެ ކިޔުންތެރިންނަށްވެދާތީވެ.

އެހެންވީމާ، އަޅުގަނޑު ހަމަ ދިގުކޮށް ވާހަކަ ދައްކާކަށެއް ނޫން. އަޅުގަނޑު ފާހަގަކޮށްގެން ހުރީ މިދެންނެވި ނުކުތާ ފާހަގަކުރަން. ބަސް ބޭނުންކުރާއިރުގައި އެ އަޅުގަނޑުމެންނަށް މިހާރުގެ މި ސިޔާސީ މާޙައުލުގައި މި ސިޔާސީ ބަހުރުވަ ބޭނުންކުރާއިރުގައި އެ ބަސް އަދި މިހާރަށްވުރެ އޭގައި ފުރަތަމަ ދޭހަވާ މާނައަށްވުރެ އިތުރު މާނަ ދޭހަވާތީވެ، އެބަހާ ގުޅޭ ދެތިން ޖުމުލައެއް އިތުރަށް ހިމަނާލުމަކީ އަޅުގަނޑުގެ ނަޒަރުގައި ބޭނުންތެރިކަމެކޭ، އޭރަށް ފަހަށްވެސް ލިޔަން ފަސޭހަވެގެންދާނެ. އެހެންނޫނިއްޔާ ވަރަށް ގިނައިން އަޅުގަނޑުމެންނަށް ދިމާވާ މައްސަލައެއް މިއީ، ލިޔުންތެރިންނަށް ލިޔަމުންދާއިރުގައި މާގިނަކޮށް އެ އެއްޗެއް ކިޔައިދޭން ޖެހުން. ސީދާ އެކަމަށް ކިޔާނަން ނެތުނީތީވެ. ދެން އެކަން ބަޔާންކުރުމުގައި ކިޔައިދެމުން ކިޔައިދެމުން ކިޔައިދެމުން ކިޔައިދެމުން ދިޔުން. މިސާލަކަށް، ޚާއްޞަކޮށް އަޅުގަނޑުމެންނަށް ފަރިތަނޫން ކެޕިޓަލިޒަމް. ދެން ކެޕިޓަލިޒަމް އޭ ބުނެފައި ދެން އެއީ ކޮންއެއްޗެއްކަން ކިޔާ ދެމުން ދެމުން ދެމުން ދެމުން ދެމުން ދެމުން އަޅުގަނޑުމެންނަށް ދާން އެބަޖެހޭ، ގޮސް އެކަމާ ގުޅޭގޮތުން ޓެކްސްޓް ފޮތުގައި ފުރަތަމަ ޞަފްޙާގައި ހުރި ހުރިހާ އެއްޗެއް ލިޔެ ނިމިދާއިރުގައިވެސް އެބަސް ކިޔައިދެމުން. އެހެންވީމާ، ބަސްތައް އަޅުގަނޑުމެންގެ ހިތްތަކުގައި ޢާންމު އުސޫލަކުން ބިންވަޅު ނެގިއްޖިއްޔާ އެބަސްތައް، ރާގޮނޑިއެކޭ ބުނީމާ އިތުރަކަށް ކިޔައިދޭކަށެއް ނުޖެހޭ. ހަމަ ވަރަށް ސާފު އެއީ، ކޮންއެއްޗެއްކަން. ކަޅުބިލަމަހެކޭ ބުނީމަވެސް ސާފު އެއީ ކޮންއެއްޗެއްކަން. އަޅުގަނޑުމެންނަށް އެނގޭ ބަސްތައް އަޅުގަނޑުމެން ބުނީމަ އެ ބަސްތަކަކީ ކޮބައިކަން އަޅުގަނޑުމެންނަށް އެނގިގެންދޭ. އެހެންވީމާ، އަޅުގަނޑު ފާހަގަކުރަން ބޭނުންވެފައި މިއޮތީ، ބޭނުންމިވީ މިހާރުގެ ސިޔާސީ ނިޒާމުގެ ތެރޭގައި ހުރި ބަސްތައް ބޭނުންކުރަމުންދާއިރުގައި އެބަސްތައް އެއީ، އިތުރަށް ތަފްޞީލުވާ ބަސްތަކަކަށްވީމާ، ދެން ފަހުން އެބަސްތައް ބޭނުންކުރާއިރުގައި އެހާ ބޮޑު ބުރައެއް އުފުލާކަށް ނުޖެހޭނެ. ދެން ނޫހުގައިވެސް އެހާ ގިނަ ވާހަކަތައް ނުލިޔެ ސީދާ ޚަބަރު، ތަންކޮޅެއް ސާދާ، ޚުލާޞާކޮށް އަޅުގަނޑުމެންނަށް ދެވޭނެ.

ޙަޤީޤަތުގައި އަޅުގަނޑު ދައްކަން ހުރި ވާހަކަ މި ހިސާބުން ނިމުނީ. ދެން އެހެންނަމަވެސް އަޅުގަނޑަށް ވަގުތު އޮތީތީވެ، އަޅުގަނޑު ފިކުރުކޮށް ހުރީ އެއްވެސް ދަރިވަރަކު އިތުރަށް ސުވާލެއް އޮތްނަމަ އަޅުގަނޑަށް ވީ މިންވަރަކުން އަޅުގަނޑު ޖަވާބު އަރުވަން. އަޅުގަނޑު މިދެއްކި ވާހަކައަކާ ގުޅޭގޮތުން. އަޅުގަނޑަށް ފެންނަ ފެނުމުގައި ކަމެއް ބޮޑަށް އެނގެން މިފަށަނީ ހަމައެކަނި އެކަކު ވާހަކަ ދެއްކީމަކާއެއް ނޫން. އެކަމާ ގުޅިގެން ދެތިން ގޮތަކަށް ސުވާލު ކުރެވިގެން ވާހަކަ ދެކެވުނީމާ. ސުވާލެއް އޮތިއްޔާ އަޅުގަނޑު ޖަވާބު އެރުވޭތޯ ބަލާނަން.